Print

ނަމާދުގެ ވަގުތު ފަސްކުރެވޭނީ ކިހާ އިރަކަށް؟

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ފިޤުހު

އަބޫ މުޙައްމަދު

 

ތަމްހީދު:

މާތް ﷲ ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟުކުރައްވައިފައެވެ. އެ ނަމާދުތަކަކީ، ވަކި ޙިކްމަތަކަށްޓަކައި މާތް ﷲ މި އުއްމަތުގެ މައްޗަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކެކެވެ. އެ ނަމާދުތަކަކީ، މާތް ﷲ ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. ނަމާދަކީ އިސްލާމް ކަމުގެ ދެވަނަ ރުކުނެވެ. މާތް ﷲ އަކީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭނެ ހަމައެކަނި އިލާހުކަމަށާއި މުޙައްމަދުގެފާނަކީ މާތް ﷲ ފޮނުއްވި ރަސޫލާކަމަށް ހެކިވެ އިޤުރާރުވުމަށް ފަހު، އަދާކުރާންޖެހޭ ފުރަތަމަ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ދީނުގެ ތަނބު ކަމަށް ކީރިރި ރަސޫލާ ވަނީ ބަޔާންކުރައްވައިފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ނަމާދުލައްވައިފައިވަނީ ވަގުތު ކަނޑައެޅިގެންވާ ފަރުޟެއް ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا   (ހަމަ ކަށަވަރުން ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.) ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވައިފައިވަނީ ނަމާދުކުރާށެވެ! ނަމާދުކުރާނޭ ގޮތާއި ނަމާދުގެ ވަގުތުތައް އުއްމަތަށް އުނގަންނަވައިދެއްވީ ކީރިތި ރަސޫލާ (صلى الله عليه وسلم ) އެވެ.

އެހެންކަމުން ނަމާދުގެ ވަގުތުތައް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމާދުކުރާނެ ގޮތާއި ނަމާދުކުރާންވީ ވަގުތުތައް އަންގަވއިދެއްވައިފައިވަނީ ކީރިތި ރަސޫލާއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވަނީ "مالك بن الحويرث (رضي الله عنه)ގެ އަރިހުން ރިވާވެގެންވެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރެއްވި އެވެ. "صلُّوا كما رأيتموني أصلّي" (ތިމަންކަލޭގެފާނު ނަމާދުކުރައްވާތީ ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދުކުރާށެވެ!) 

ނަމާދުކުރާނޭ ގޮތާއި ނަމާދުގެ ވަގުތުތައް ކީރިތި ރަސޫލާ (صلى الله عليه وسلم ) އަށް އުނގަންނަވައިދެއްވީ ﷲ ގެ އަމުރުފުޅަށް ޖިބްރީލުގެ ފާނެވެ. ނަމާދުގެ ވަގުތުތައް އުނގަންނަވައިދެއްވުމަށް ކީރިތި ރަސޫލާ ކޮންމެ ވަގުތެއްގެ ކުރީކޮޅާއި ފަހުކޮޅުގައި ވަޑައިގެން ނަމާދުކުރާނެ ގޮތާއި ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދު ޢަމަލީ ގޮތުން ކީރިތި ރަސޫލާއަށްބަޔާންކޮށްދެއްވައިފައިވެއެވެ.

ނަމާދު ވަގުތުތައް

 ނަމާދު ވަގުތަކީ ކޮބައިކަން މި ދަންނަވާ ދެ ޙަދީޘުން އެކަނި ވެސް ރަނގަޅަށް ސާފުވެއެވެ. މި ޙަދީޘްގައި ކީރިތި ރަސޫލުﷲ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)މި ވަނީ، ނަމާދު ވަގުތުތައް ބަޔާންކޮށްދެއްވައިފައެވެ. عَنْ ‏ ‏عَبْدِ اللَّهِ بْنِ عَمْرٍو ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏وَقْتُ الظُّهْرِ إِذَا ‏ ‏زَالَتْ ‏ ‏الشَّمْسُ وَكَانَ ظِلُّ الرَّجُلِ كَطُولِهِ مَا لَمْ يَحْضُرْ الْعَصْرُ وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ وَوَقْتُ صَلَاةِ الْمَغْرِبِ مَا لَمْ يَغِبْ الشَّفَقُ وَوَقْتُ صَلَاةِ الْعِشَاءِ إِلَى نِصْفِ اللَّيْلِ الْأَوْسَطِ وَوَقْتُ صَلَاةِ الصُّبْحِ مِنْ طُلُوعِ الْفَجْرِ مَا لَمْ تَطْلُعْ الشَّمْسُ فَإِذَا طَلَعَتْ الشَّمْسُ فَأَمْسِكْ عَنْ الصَّلَاةِ فَإِنَّهَا تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ  ([ޢަބްދުﷲ ބިން ޢަމްރު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: ''މެންދުރު ނަމާދުގެ ވަގުތަކީ، އިރު އުޑު މެދުން ލެނބީއްސުރެ މީހާގެ ހިޔަނީގެ ދިގުމިން އޭނާއާ އެއްވަރު ވަންދެނެވެ. ޢަޞްރު ވަގުތު ނުޖެހޭހާ ހިނދަކު މި ވަގުތު ދެމި އޮވެއެވެ. އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ. އަދި މަޣްރިބް ނަމާދު ވަގުތަކީ، ރަތްވިލާ ނު ފިލާހާ ހިނދެވެ. އަދި ޢިޝާ ނަމާދު ވަގުތަކީ، ރޭގަނޑުގެ މެންދަން ވަންދެނެވެ. އަދި ފަތިސް ނަމާދު ވަގުތަކީ، ފަޖުރު ލީއްސުރެ އިރު ނާރާ ހާ ހިނދެވެ. ފަހެ އިރު އަރާ ހިނދު ނަމާދު ނުކުރާށެވެ. އެހެނީ އިރު އަރަނީ ޝައިޠާނާގެ ދެ ދަޅު މެދަށެވެ.]) 

މި ޙަދީޘްގައި ޝައިޠާނާގެ ދެ ދަޅު ދެމެދަށް އިރު އެރުމުގެ މާނައަކީ، އިރަށް އަޅުކަން ކުރާ މީހުން އެ ވަގުތު އިރަށް އަޅުކަން ކުރަން ތިބޭތީ، އެފަދަ ބަޔަކު އަޅުކަން ކުރާ ވަގުތާއި މުސްލިމުން އަޅުކަން ކުރާ ވަގުތުތަކާ ދިމާ ވިޔަ ނުދިނުމަށް، އެ ވަގުތުތަކުގައި ނަމާދު ކުރުން ނަހީ ކުރެއްވި ވާހަކަ ކަމަށް ތަފްސީރު ޢިލްމުވެރީން ބަޔާންކުރައްވައެވެ.

ނަމާދުގެ ވަގުތުތަކާ ބެހޭ ގޮތުން އައިސްފައިވާ އެހެން ޙަދީޘެއްގައިވެއެވެ. عَنْ ‏ ‏عَبْدِ اللَّهِ بْنِ عَمْرٍو ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏وَقْتُ الظُّهْرِ مَا لَمْ يَحْضُرْ الْعَصْرُ وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ وَوَقْتُ الْمَغْرِبِ مَا لَمْ يَسْقُطْ ‏ ‏ثَوْرُ ‏ ‏الشَّفَقِ وَوَقْتُ الْعِشَاءِ إِلَى نِصْفِ اللَّيْلِ وَوَقْتُ الْفَجْرِ مَا لَمْ تَطْلُعْ الشَّمْسُ  ([ޢަބްދުﷲ ބިން ޢަމްރު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: ''މެންދުރު ނަމާދު ވަގުތަކީ، ޢަޞްރު ވަގުތު ނުޖެހޭހާ ހިނދެވެ. އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ. އަދި މަޣްރިބް ނަމާދު ވަގުތަކީ، ފެތުރިފައިވާ ރަތްވިލާ ފޭދި ނުގެއްލޭހާ ހިނދެވެ. އަދި ޢިޝާ ނަމާދު ވަގުތަކީ، މެންދަން ވަންދެނެވެ. އަދި ފަތިސް ނަމާދު ވަގުތަކީ، އިރު ނާރާހާ ހިނދެވެ.] 

މި ދެ ޙަދީޘުން ފަސް ނަމާދުގެ ވަގުތު އެބަ އެނގެއެވެ. ވަގުތަކީ ކޮންމެވެސް އެއްޗަކަށް ނިސްބަތްކޮށް ބަލާ އެއްޗެކެވެ. ނަމާދުގެ ވަގުތު ބަލަނީ އިރުގެ ނިސްބަތުންނެވެ. ދުނިޔޭގެ ބައެއް ހިސާބުތަކަށައި އެހެން ފަލަކުތަކަށް އިރުގެ ނިސްބަތުން ވަގުތު ހޯދުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ނަމަވެސް މިފަދަ އިސްތިސްނާ ޙާލަތްތަކަށް ޒަމާނީ ފިޤުހުން ވަނީ ޙައްލު ހޯދައިދީފައެވެ. އެއީ އަޅުގަނޑުގެ މައުޟޫޢުކަމަށް އަދި މި މާއްދާގެ ތެރެއިން ބަހުސްކުރާންޖެހޭ މައްސަލައަކަށް ނުވާތީ، އެ ބަހުސް ދޫކޮށްލުމަށް ފަހު އަޅުގަނޑުގެ މަސައްކަތާއިގެން ކުރިޔަށް ދާނަމެވެ.

މި މަޒުމޫނުގައި އަޅުގަނޑު އޮޅުންފިލުވައިދެވޭތޯ މި މަސައްކަތްކުރަނީ މެންދުރު ނަމާދުގެ ވަގުތާއި މަޣުރިބު ނަމާދުގެ ވަގުތާއި ފަތިސްނަމާދުގެ ވަގުތު ކަމަށް ވާތީ އެ ވަގުތުތައް ޙަދީޘްގެ އަލީގައި ބަޔާންކޮށްލެވޭތޯ މަސައްކަތްކުރާނަމެވެ.

މެންދުރު ނަމާދު ވަގުތު:

މަތީގައި ވާ ޙަދީޘްގައި ވަނީ ''މެންދުރު ނަމާދުގެ ވަގުތަކީ، އިރު، އުޑު މެދުން ލެނބީއްސުރެ މީހާގެ ހިޔަނީގެ ދިގުމިން އެ މީހާއާ އެއްވަރު ވަންދެން'' ކަމަށެވެ. ވީމާ މި ބަސްފުޅުގައި މި ވަނީ، މެންދުރު ނަމާދު ފެއްޓޭ ވަގުތާއި ނިމޭ ވަގުތު ބަޔާން ކުރައްވާފައެވެ. ފެއްޓޭ ވަގުތަކީ އިރު މެދުން ލެނބުމެވެ.

އެހެން ގޮތަކަށް ދަންނަވާ ނަމަ، މެންދުރުނަމާދު ވަގުތު ފެށެނީ ދުވާލު ދެބައިކުރުމަށްފަހު ދެވަނަބައި ފެށުމާއި އެކުގައެވެ. ނުވަތަ އިރުގެ ދޯދީގެ ސަބަބުން ކޮންމެ އެއްޗަކަށް ވެސް ލިބިފައި ހުންނަ ހިޔަނި ދިގުވާންފެށުމުންނެވެ. އިރު އަރާވަގުތު ކޮންމެ އެއްޗަކަށްވެސް (އިރުގެ ދޯދީގެ ސަބަބުން) ލިބިފައި ހުންނަ ހިޔަނީގެ ދިގުމިނުގެ ނިމުމެއް ނު އޮންނާނެއެވެ. ނަމަވެސް އިރު މައްޗަށް އަރަމުން ދާ ވަރަކަށް އެ ހިޔަނި ކުރުވަމުންގޮސް އެ ދުވަހަކު ކުރުވާނެ އެންމެ ކުރުވުމަށްފަހު، ނުވަތަ މުޅިން ހުސްވުމަށްފަހު (ގެއްލުމަށްފަހު)، ދިގުވާން ފަށާނެއެވެ. އެއީ މެންދުރު ނަމާދު ވަގުތު ފެށޭވަގުތެވެ. އެހެން ގޮތަށް ދަންނަވާނަމަ، އިރު އެރީސްސުރެ ހިޔަނި ކުރުވަމުންގޮސް އެ ދުވަހަކު ކުރުވާނެ އެންމެ ކުރުވުމަށް ފަހު ނުވަތަ މުޅިން ހުސްވުމަށް ފަހު (ގެއްލުމަށްފަހު) ދިގުވާން ފަށާނެއެވެ. އެއީ މެންދުރު ނަމާދު ވަގުތު ފެށޭވަގުތެވެ.

މެންދުރު ނަމާދު ވަގުތު ނިމޭ ވަގުތު ހޯދޭނީ، އެ ނަމާދު ފެށޭ ވަގުތު ހޯދުމަށް ބޭނުން ކުރި، ދަނޑިބުރި ހަރުކުރެވިފައި ހުރި ތަނުން ފެށިގެން އޭގެ ހުރި އުސްމިނާއި، އެނަމާދު ފެށުނު އިރު ނުވަތަ އެންމެ ކުރު ހިޔަނީގެ ދިގުމިނަކީ ކޮބައިކަން އެނގުމުންނެވެ.

އެންމެ ކުރު ހިޔަނީގެ ކޮޅުން ފެށިގެން (ދަނޑިބުރި ހަރުކޮށްފައިހުރި ހަމަ ތަނުގެ މަތިން، ހިޔަނި ދިގުވަމުންދާ ކޮޅަށް) ދަނޑިބުރީގެ އުސްމިނަށްވާ މިންޖަހާ ފާހަގަ ކުރާށެވެ. ހިޔަނި ދިގުވަމުން ގޮސް އެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރުވުމުން މެންދުރު ނަމާދު ވަގުތު ނިމި ޢަޞްރު ނަމާދު ވަގުތު ފެށުނީއެވެ.

ދިވެހިރާއްޖޭ ގެ ހުރިހާ ރަށެއް ވެސް ހިމެނެނީ އިރު ހިނގާ އެންމެ އުތުރު ދަނޑި ކަމަށްވާ 23.44 ދަރަޖަ އުތުރާއި އިރުހިނގާ އެންމެ ދެކުނު ދަނޑި ކަމަށްވާ  23.44 ދަރަޖަ ދެކުނާއި ދެމެދުގެ ހިސާބެއްގައި ކަމަށް ވާތީވެ، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިޔަނި ކުރުވަމުން ގޮސް އަހަރުގެ ތެރޭގައި ހިޔަނި ގެއްލޭ ދެ ދުވަސް އަންނާނެއެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ދެ ދުވަސް އަންނާނީ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އެދެދުވަހު އެ ރަށަކަށް ހިޔަނި އެންމެ ކުރުވާ ވަގުތު ހިޔަންޏެއް ނުހުންނާނެއެވެ. އެއީ ސީދާ މެދުގައި އިރު ހުންނާތީއެވެ. މުޙައްމަދު ޖަމީލު (1964) ބަޔާންކުރައްވާ ގޮތުގައި "މެންދުރު ނަމާދުގެ ވަގުތަކީ އިރު މެދުން ފިލީއްސުރެ، އިރު މެދު ޖެހުނު އިރު ހުރި ހިޔަނި ނުލައި އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރުވެއްޖައުމަށް ދާނދެނެވެ."  މި ޢިބާރާތުން ވަރަށް ކުރުކޮށް ބަޔާންކުރައްވައިފައި މިވަނީ މެންދުރު ނަމާދުގެ ވަގުތު ފެށޭ ވަގުތާއި ނިމޭ ވަގުތެވެ. ފެށެނީ އިރު އަރައިގެން އައިސް އިރު މެދު ޖެހި މެދުން ކައްސައިލާ ވަގުތުން ފެށިގެންނެވެ. ނިމެނީ އިރު މެދުން ކައްސައިލާއިރު ހިޔަނި ނުލައި އެ އެއްޗެއް ކޮއްޅަށް ހުންނައިރު ހުންނަ އުސްމިން އެ އެއްޗެއްގެ ހިޔަންޏާ އެއްވަރު ވަންދެނެވެ. މިސާލަކަށް 3 ފޫޓްގެ ދަނޑިބުރިއެއް ނަމަ، އިރު މެދު ޖެހުނު އިރު ހުރި ހިޔަނި ނުހިމަނައި އެ ހިޔަނީގެ ދިގުމިން 3 ފޫޓަށް ދިގުމިން 3 ފޫޓަށް ދިގުވީމައެވެ. މިސާލަކަށް: ކޮއްޅަށް އޮލަނބަށް ޖެހި ދަނޑިބުރީގެ ދިގުމިނަކީ 4 ފޫޓު ކަމަށްވެފައި، އިރު މެދުން ކައްސައިލާ ވަގުތު ހުންނަ އެންމެ ކުރު ހިޔަނީގެ ދިގުމިނަކީ 3 އިންޗި ކަމަށް ވާނަމަ، މެންދުރު ނަމާދު ވަގުތު ނިމޭނީ ދަނޑިބުރީގެ ހިޔަނީގެ ދިގުމިނަކީ 4 ފޫޓު 3 އިންޗި ކަމަށް ވުމުންނެވެ.

އިހު ޒަމާނުގައި ރާއްޖޭގެ މިސްކިތްތަކުގައި 1970 ގެ އަހަރުތަކާ ހަމަޔަށް ބޭނުންކުރި "ހިޔަނިގާ" ހަދައި ނަމާދު ވަގުތު ބަލާން ބޭނުންކުރީ ބޭނުންކުރީ މި ދެންނެވި ފޯމިޔުލާ އެވެ.

ޢަޞްރު ނަމާދު:

ޢަޞްރު ނަމާދުގެ ވަގުތު ބަޔާންކުރުމަކީ އަޅުގަނޑުގެ މައުޟޫޢެއް ނޫނެވެ. އެހެން ނަމަވެސް އެއް ޙާލަތެއްގައި ޢަޞްރު ނަމާދު ނިމޭ ވަގުތަކީ މަޤުރިބު ނަމާދު ފެށޭ ވަގުތު ކަމަށް ވާތީ މި ދެ ނަމާދުގެ ވަގުތުގައި ވަރަށް ބޮޑު ގުޅުމެއް ހުރީމައެވެ.

ޢަޞްރު ނަމާދުގެ ވަގުތު ފެށެނީ މެންދުރު ނަމާދު ނިމޭ ވަގުތުން ފެށިގެންކަން ކުރީ ނުކުތާގައި ބަޔާންކުރެވިއްޖެއެވެ. ދެން އެނގެން ބޭނުން ވަނީ، ޢަޞްރު ނަމާދު ނިމޭ ވަގުތެވެ.

 މުޙައްމަދު ޖަމީލް (1964) ބަޔާންކުރައްވައިފައިވަނީ "އިރު މެދުޖެހުނު އިރު ހުރި ހިޔަނި ނުލައި އެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރު ވީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެނެވެ." 

ޢަޞްރު ނަމާދު ވަގުތު ނިމުމަށް ދެ ވަގުތެއް އޮވެއެވެ. އެއީ އިޚްތިޔާރީ ވަގުތަކާއި ޟަރޫރީ ވަގުތެކެވެ. އިޚްތިޔާރީ ވަގުތަކީ، އެ ނަމާދު ކުރަން ކަނޑައެޅިފައިވާ އަޞްލު ވަގުތެވެ. ޢަޞްރު ނަމާދަށް އޮންނަ އިޚްތިޔާރީ ވަގުތު އެނގެނީ މި އިސްވެ ބަޔާންކުރެވުނު ޙަދީޘް  ބަސްފުޅުގައި އޮންނަ ''އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ." މި ބަސްފުޅުންނެވެ.

ޢަޞްރު ނަމާދަށް ދެ ވަގުތެއް އޮންނަކަމަށް ޢިލްމުވެރިން ވިދާޅުވާން ޖެހުނީ، ކީއްވެތޯ ސުވާލު އުފެދިދާނެއެވެ. ޖަވާބަކީ އެއީ އައިސްފައިވާ ދެ ޙަދީޘް އޮތީމައެވެ. ވީމާ ދެ ޙަދީޘަށް ވެސް ރިޢާޔަތްކުރާންޖެހެއެވެ. ޖެހެއެވެ. އެ ގޮތުން ޢިލްމުވެރިން ވަނީ ދެ ޙަދީޘް ގެ މާނަ އަރާރުން ނުވާނެ ފަދަ ގޮތަކަށް މާނަ ނަންގަވާފައެވެ.

ޟަރޫރީ ވަގުތަކީ ޟަރޫރީ ހާލަތެއް ދިމާވެއްޖެ މީހަކަށް ކަނޑައެޅިފައިވާ ވަގުތެވެ. އެއީ އިރު އޮއްސެންދެނެވެ. މި ކަން އެނގެނީ ތިރީގައި މިވާ ޙަދީޘުންނެވެ. "مَنْ أَدْرَكَ مِنْ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ."  ("އިރު އެރުމުގެ ކުރިން ފަތިސް ނަމާދުގެ ރަކުޢަތެއް ލިބިއްޖެ މީހާއަށް ފަތިސް ނަމާދު ލިބިއްޖެއެވެ. އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކުޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.'') 

ޢަޞްރު ނަމާދަށް ޟަރޫރީ ވަގުތެއް އޮންނަކަން އެނގެނީ މި ބަސްފުޅުންނެވެ. ''އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކުޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.''

ޟަރޫރީ ވަގުތުގެ މާނައަކީ، ޟަރޫރަތެއް ނުވަތަ މުހިއްމު ކަމެއް މެދުވެރިވެފައިވާ މީހަކަށް ޢަޞްރު ނަމާދުގެ ވަގުތު ތަނަވަސް ވެފައިވުމެވެ. ބަންގީގެ އަޑު އިވުނީމާ، ޖަމާޢަތް ވާޖިބުވާ މީހުން ޖެހޭނީ މިސްކިތަށް، ޖަމާޢަތަށް ދާށެވެ. ޖަމާޢަތު ނަމާދުކުރުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮވެއެވެ. ޖަމާޢަތް ވާޖިބު ނުވާ މީހުންނަށް، އިޚުތިޔާރީ ވަގުތުގެ ކޮންމެ ވަގުތެއްގައި ވެސް ޢަޞްރު ކުރެވިދާނެއެވެ. މިސާލަކަށް ގޭގައި ހުންނަ އަންހެނެއް، ބަލިމީހެއް ނުވަތަ އެ ނޫނަސް މަޤުބޫލު ޢުޛުރެއް މެދުވެރިވެފައިވާ މީސްމީހުންނެވެ. 

ނަމަވެސް މިސާލަކަށް ކުއްލިހާލަތަށް ހުންނަ ޑޮކްޓަރަކަށް، މަގުމަތި ބަލަހައްޓާ ސިފައިންގެ މީހަކަށް، ޕައިލެޓަކަށް، އެ ވަގުތު ނުފުއްދައިފިނަމަ ނުފުއްދޭނެ ކަމެއް ލައިގެންފައިވާ މީހެއްފަދަ މީސްމީހުންނަށް ޢަޞްރު ނަމާދު ފަސް ކުރެވިދާނެއެވެ. އެއީ މަޣުރިބް ވަގުތާ ޖެހެން ދެނެވެ.

އަބަދު ވެސް ވަގުތުގެ ކުރީކޮޅުގައި ނަމާދު އަދާކުރުމަކީ މޮޅު އިތުރުވެގެންވާ ގޮތެވެ. ނަމަވެސް ދަތިކަމަކަށް ނުވާނަމަ، ޢިޝާ ނަމާދާއި އަދި ހޫނުގަދަވެގެން ބޭރަށް ދާން އުނދަގޫވެއްޖެ ނަމަ މެންދުރު ނަމާދު، ބޮޑަށް ރަނގަޅީ ލަސްކުރުމެވެ. ހަމަ އެހެންމެ، ވަގުތު ކުރީކޮޅު ޖަމާޢަތެއް ނެތި ވަގުތު ފަހުކޮޅު ޖަމާޢަތެއް ލިބޭނެކަން އެނގޭނަމަ ވެސް ރަނގަޅީ ފަސްކުރުމެވެ.  

މަޣުރިބު ނަމާދު ވަގުތު:

ޙަދީޘްގައި ވަނީ ''އަދި މަޣުރިބް ނަމާދު ވަގުތަކީ، ރަތްވިލާ ނުފިލާހާ ހިނދެވެ.'' މި ފަދައިންނެވެ. ޙަދީޘްގައި އައިސްފައި ވަނީ وَوَقْتُ الْمَغْرِبِ مَا لَمْ يَسْقُطْ ‏ ‏ثَوْرُ ‏ ‏الشَّفَقِ  މިފަދައިންނެވެ. މާނައަކީ "އަދި މަޣުރިބް ނަމާދު ވަގުތަކީ، ފެތުރިފައިވާ ރަތްވިލާ ފޭދި ނޯއްސޭހާ ހިނދެވެ."

ޢަޞްރު ވަގުތު ނިމޭ ހިސާބުން، މަޣުރިބް ވަގުތު ފެއްޓުނީއެވެ. އިރު އޮއްސި މަޣުރިބް ނަމާދު ފެއްޓުމުން ދެން މަޣުރިބް ނަމާދު ނިމުމާ ދޭތެރޭ މާ ގިނަ ވަގުތެއް ނޯވެއެވެ. މަޣުރިބް ނަމާދުގެ އެންމެ ފަހު ވަގުތަކީ، އުޑުމަތިން ރަތް ވިލާ ގެއްލެންދެނެވެ. ރަތްވިލާ އޮއްސެންދެންނެވެ. އަދި މިއީ ޢިޝާ ފެއްޓޭ ވަގުތު ވެސް މެއެވެ.

މުޙައްމަދު ޖަމީލް (1964) ބަޔާންކުރައްވައިފައިވަނީ "މަޣުރިބު ނަމާދުގެ ވަގުތަކީ އިރު އޮއްސުނީއްސުރެ، ރަތްވިލާ އޮއްސިއްޖައުމަށް ދާންދެނެވެ." މިފަދައިންނެވެ.

ޢިޝާ ނަމާދު:

ޙަދީޘްގައި ވަނީ ''އަދި ޢިޝާ ނަމާދު ވަގުތަކީ، ރޭގަނޑުގެ މެންދަން ވަން ދެނެވެ.'' މިފަދައިންނެވެ.

ޢިޝާ ނަމާދުގެ އިޚްތިޔާރީ ވަގުތަކީ، ރަތް ވިލާ ފިލުމަށްފަހު، މެންދަން ވަންދެނެވެ. ޟަރޫރީ ވަގުތަކީ ފަޖްރުއް ޞާދިޤު ފެއްޓެންދެނެވެ.

ނަމަވެސް ޢަޞްރު ނަމާދުގައި ވާ ފަދައިން ފަތިސް ނަމާދުގައި މި ދެ ވަގުތު އޮންނަ ކަމަށް ހުރިހާ ޢިލްމުވެރިންނެއް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. (ޝައިޚް ޢުޘައިމީން ވިދާޅުވެފައި ވަނީ ފަހުން މި ދެންނެވި ފަދައިންނެވެ.)

މި ބޭކަލުން ވިދާޅުވަނީ، ޢިޝާ ނަމާދުގެ ވަގުތު މެންދަން ވުމަށްފަހު ދެމި ނޯންނަ ކަމަށެވެ. މެންދަން ވުމަށް ފަހު އޮންނަނީ، ރޭ އަޅުކަން ކުރާ ވަގުތު ކަމަށެވެ. ދަލީލެއްގެ ގޮތުގައި ނަންގަވާ އެއް ދަލީލަކީ، އަލްއިސްރާ ސޫރަތުގެ 78 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ: ''އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަމާ ހަމައަށް، ކަލޭގެފާނު ނަމާދު ޤާއިމު ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި މަޣުރިބް ނަމާދާއި ޢިޝާ ނަމާދު ޤާއިމުކުރައްވާށެވެ!) އަދި ފަތިސް ނަމާދު ކުރައްވާށެވެ! ހަމަ ކަށަވަރުން ފަތިސް ނަމާދަކީ (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއްކަމުގައި ވިއެވެ.'' (ސޫރަތުލްއިސްރާ: 78)

މި އާޔަތުން ދަލީލު ނަންގަވާ ބޭކަލުން ވިދާޅުވެފައި ވަނީ ފަސް ނަމާދުގެ ތެރެއިން ހަތަރު ނަމާދު މި އާޔަތުގައި ވަނީ ފުލުފުލުގައެވެ. އެއީ މެންދުރު، ޢަޞްރު، މަޣުރިބް، ޢިޝާއެވެ. ދެން ފަތިސް ނަމާދުގެ ވާހަކަ އައިސްފައި ވަނީ ވަކި ބައެއްގެ ގޮތުގައެވެ. އަނެއް ނުކުތާއަކީ، ޣަސަޤް ގެ މާނައެވެ. ޢަސަޤް ގެ މާނައަކީ ރޭގަނޑުގެ އަނދިރިކަން އެންމެ ގަދަވާ ވަގުތެވެ. އެއީ މެންދަންވާ ވަގުތެވެ. ވީމާ ޣަސަޤާ ހަމައަށް އޮތުމުގެ މާނައަކީ، ޢިޝާ ނަމާދުގެ ފަހު ވަގުތަކީ އެއީ ކަމަށެވެ. (ވަﷲ އަޢުލަމް)

ފައިދާއެއް: ދިވެހި ބަހުގައި ''މެންދަމުން އަލިވުން'' އޭ ކިޔަނީ ރޭގަނޑު އަނދިރިވާނެ އެންމެ ގަދައަކަށް އަނދިރިވެފައި، ދެން އަނިދިރިކަން މަޑުވަމުން އަލިވަމުން ދާން ފަށާތީ ކަމަށް، އެކަށީގެންވެއެވެ.

ޢިޝާ ނަމާދުގެ ވަގުތު ޟަރޫރަތަށްޓަކައި، ދެވަނަ ފަޖުރާ ޖެހެންދެން އޮންނަ ކަމަށް ދޭހަވާފަދަ ޢިބާރާތެއް، ޙަންބަލީ މަޛްހަބުގެ އިމާމް އިބްނު ޤުދާމާ އަލްމުޣުނީގައި ވިދާޅުވެފައިވެއެވެ: ''ބޮޑަށް ރަނގަޅު ގޮތަކީ، ރޭގަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ފަސް ނުކުރުމެވެ. އަދި ދެބައިކުޅަ އެއްބަޔަށް ފަސްކުރިއަސް އެއީ ހުއްދަ ގޮތެކެވެ. ދެބައިކުޅަ އެއްބަޔަށް ވުރެ ފަސް އެއީ ޟަރޫރީ ވަގުތެވެ. އޭގެ ޙުކުމަކީ، ކުރިން ޝަރަޙަކޮށް ބަޔާން ކުރެވުނު ޢަޞްރު ނަމާދުގެ ޟަރޫރޫ ވަގުތުގެ ޙުކުމެވެ. ދެން ދެވަނަ ފަޖުރު ލައްްޖައުމަށް ދާންދެން ޢިޝާގެ ވަގުތު ދެމި އޮވެއެވެ.'' (މުޣްނީ/ ނަމާދު ވަގުތުގެ ބާބު)

ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް އައްނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވަނީ: ''ޢިޝާނަމާދަށް ހަތަރު ވަގުތެއް ވެއެވެ. އެންމެ ރަނގަޅު ވަގުތާއި އިޚުތިޔާރު ވަގުތާއި ހުއްދަ ވަގުތާއި ޢުޒުރުގެ ވަގުތެވެ. އެންމެ ރަނގަޅު ވަގުތަކީ ވަގުތު ފެއްޓޭ ވަގުތެވެ. އިޚުތިޔާރު ވަގުތަކީ ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ވަންދެނެވެ. އެހެން ބަހެއްގައި މެންދަންވަންދެނޭ ވެސް އޮވެއެވެ. ހުއްދަ ވަގުތަކީ ދެވަނަ ފަޖުރުލަންދެނެވެ. ޢުޒުރުގެ ވަގުތަކީ ދަތުރުވެރިޔާ ނުވަތަ ވާރޭގެ ސަބަބުން މަޣުރިބު ނަމާދާ ޖަމްޢުކުރާ ވަގުތެވެ.'' (އަލްމަޖްމޫޢް: ނަމާދުވަގުތުގެ ބާބު/ ޢިޝާވަގުތަކީ ރަތްވިލާފިލުން)

ޙަނަފީ ޢިލްމުވެރިއެއް ކަމުގައިވާ އަލްކާސާނީ ބަދާއިޢުއް ޞަނާއިޢު ގައި ވިދާޅުވަނީ: ''އަހަރެމެން ދެކެނީ ޢިޝާ ނަމާދުގެ އެންމެ ފަހު ވަގުތަކީ ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވުމާ ހަމައަށެވެ.''

ފައިދާއެއް: މެންދަމުގެ މާނައަކީ 12 ޖެހުމެއް ނޫނެވެ. އަދި ރޭގަނޑު ބައި ކުރުމުގައި ބަލަނީ އިރު އޮއްސޭ ވަގުތުން ފެށިގެން އިރު އަރާ ވަގުތާ ދެމެދަކަށް ނޫނެވެ. ބަލަނީ އިރު އޮއްސިގެން ދެވަނަ ފަޖުރު ލުމާ ދެމެދު އޮންނަ ވަގުތަށެވެ. މިސާލަކަށް، އިރު އޮއްސެނީ ހައެއް ޖަހާ އިރު ކަމަށް ވެފައި ދެވަނަ ފަޖުރު ލަނީ ފަހެއް ޖަހާ އިރު ކަމަށް ވަންޏާ، މެންދަމަކަށް ވާނީ ގަޑިން އެގާރަ ގަޑި ބައެވެ. ރޭގަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވާނީ ނުވަގަޑި ސާޅީހެވެ.

ފަތިސް ނަމާދު:

ޙަދީޘްގައި ވަނީ ''އަދި ފަތިސް ނަމާދު ވަގުތަކީ، ފަޖުރު ލީއްސުރެ އިރު ނާރާ ހާ ހިނދެކެވެ. ފަހެ އިރު އަރާ ހިނދު ނަމާދު ނުކުރާށެވެ.'' މި ފަދައިންނެވެ.

ވީމާ ފަތިސް ނަމާދު ވަގުތު ފެށެނީ، ދެ ވަނަ ފަޖްރު ލުމުންނެވެ. ނިމެނީ އިރު އެރުމުންނެވެ. ދެވަނަ ފަޖުރާއި ފުރަތަމަ ފަޖުރާއި ދެމެދު ގާތްގަނޑަކަށް ގަޑިއެއްހާ ވަގުތު ހުންނަ ކަމަށް ވެއެވެ. ފުރަތަމަ ފަޖުރަކީ އޭގެ އެއްވެސް އަސަރެއް އަޅުކަމަކަށް ފޯރާ އެއްޗެއް ނޫނެވެ. މާނައަކީ، ރޯދަ ހިފާ މީހުން، ފަތިސް ނަމާދު ވަގުތު ބަލާ މީހުން ބަލަން ޖެހެނީ މިއަކަށް ނޫނެވެ. ބަލަން ޖެހެނީ ދެވަނަ ފަޖުރަށެވެ. ދެވަނަ ފަޖުރުގެ ފަހުން ރޯދަ ވެރިއާ ކެއުން ޙަރާމް ވީއެވެ. ނަމާދު ވަގުތު ޖެހުނީއެވެ.

މި ދެ ފަޖުރު ދެމެދު ފަރަގުތަކެއް ހުރެއެވެ. އެއީ:-

ފުރަތަމަ ފަޖުރަކީ އުދަރެހުން ދިގަކަށް ފެންނަ އަލިކަމެކެވެ. ވީމާ މި ފަޖުރުގެ އަލިކަން ފެތުރިފައި ހުންނާނީ އިރުން ހުޅަނގަށެވެ. ނަމަވެސް ދެވަނަ ފަޖުރަކީ އުދަރެހުގެ ދެކުނުން އުތުރަށް، ހުރަސްކޮށް ފެންނަ އައްޔެކެވެ.

- ފުރަތަމަ ފަޖުރުގެ އަލިކަން ހުންނާނީ ކުޑަ ވަގުތު ކޮޅަކަށެވެ. ނަމަވެސް ދެވަނަ ފަޖުރުގެ އަލިކަން އަންނާނީ އަލިކަން ގަދަވަމުން އިތުރުވަމުންނެވެ.

- ފުރަތަމަ ފަޖުރުގެ އަލިކަމަކީ ތިނެސްކަން ފާޑަކަށް ފެންނަަ އަލިކަމެކެވެ. ފަލަ ކޮޅު ހުންނާނީ އުދަރެހުގައެވެ. މަޝްހޫރު މުސްލިމް ފަލަކީ ޢިލްމުވެރިއާ ބައިރޫނީ މި ސިފަކޮށްފައި ވަނީ ''ހިޔަޅު ނިގޫ'' ގެ ސިފައިގައެވެ. ދެވަނަ ފަޖުރުގެ އަލިކަން އަންނާނީ މުޅި އުދަރެހުން ހުރަސްކޮށް ފެންނަ އައްޔެއްގެ ގޮތުގައެވެ.

- ފުރަތަމަ ފަޖުރުން އެ ފެންނަ އަލިކަމަކީ، އިރުގެ ދޯދިތައް ޖައްވުގައިވާ ''ހިރަފުސް'' ތަކަށް އެޅިގެން ފެންނަ އައްޔެކެވެ. އެއީ އިރު އަރާތީކީ ނޫނެވެ.

މަނާ ވަގުތު :-

ސުންނަތް ނަމާދު ކުރުން މަނާ ވަކި ވަގުތުތަކެއް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަނޑައަޅުއްވާފައިވެއެވެ. އެ ވަގުތުތަކަކީ ކުރުކޮށް ގުނާނަމަ ތިނެކެވެ. އެއީ:-

1- ފަތިސް ނަމާދަށް ފަހު، އިރު އަރާ ބާރަ ނުވަތަ ފަނަރަވަރަކަށް މިނިޓް ވަންދެން.

2- އިރު އުޑު މެދު ޖެހޭ ވަގުތު (މާނައަކީ މެންދުރު ނަމާދު ވަގުތު ޖެހުމުގެ ގާތްގަނޑަކަށް ދިހަ މިނިޓު ނުވަތަ ފަސް މިނިޓު ކުރިން ފެށިގެން އެ ނަމާދު ވަގުތު ޖެހެންދެން)

3- ޢަޞްރު ނަމާދަށް ފަހު އިރު އޮއްސެން ދެން.

 

ތަފްޞީލުކޮށް ގުނާ ނަމަ ފަހެކެވެ. އެއީ:-

1- ފަޖުރު ލީއްސުރެ އިރު އަރަން ދެން.

2- އިރު އެރީއްސުރެ ބާރަ ނުވަތަ ފަނަރަވަރަކަށް މިނިޓް ވަންދެން.

3- މެންދުރު އިރު އުޑު މެދު ޖެހޭ ވަގުތުން ފެށިގެން (އެންމެ ކުރު ހިޔަނި ހުންނަ ވަގުތު)، އިރު އުޑު މެދުން ފިލަން ދެން. (ހިިޔަނި ދިގުވާން ފަށަންދެން).

4- ޢަޞްރު ނަމާދަށް ފަހު އިރު އޮއްސެންދެން.

5- އިރު އޮއްސެން ދާން ފެށުމަށްފަހު އިރު އޮއްސި ފުރިހަމަ ވަންދެން. (އިރުގެ ބުރު އުދަރެހުނ ގެއްލެންދެން)

ނަމްބަރު އެކެއްގައި އެވާ ''ފަޖުރު ލީއްސުރެ އިރު އަރަން ދެން'' ގެ މާނައަކީ، ޙަންބަލީ މަޛްހަބުގައި ވާ ގޮތުން ނަމަ، ފަތިސް ނަމާދަށް ބަންގި ދިނުމަށް ފަހު ފަތިސް ނަމާދުގެ ސުންނަތް ނޫން އެހެން ސުންނަތެއް ކުރުން މަކްރޫހަވުމެވެ. ޝާފިޢީ މަޛްހަބުގައި ބުނަނީ، ސުންނަތް ކުރުން ނަހީ ކުރެވިފައި ވަނީ ފަތިސް ނަމާދު ކުރުމަށް ފަހުގައި ކަމަށެވެ. ވީމާ ބަންގިއާ ޤަމަތާ ދެމެދު ފަތިހުގެ އަސްލު ސުންނަތަށް ވުރެ އިތުރަށް ސުންނަތް ކުރެވިދާނެ ކަމަށެވެ. ސުންނަތް ކުރުން މަނައީ ފަތިސް ނަމާދު ކުރުމަށް ފަހުގައެވެ.

ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ، ފަޖުރުވުމަށް ފަހު ފަތިސް ނަމާދުގެ ސުންނަތް ދެ ރަކްޢަތް ނޫން ސުންނަތެއް ނުކުރުމަށެވެ. ސަބަބަކީ، ކީރިތި ރަސޫލާ ކަންތައް ކުރައްވާފައި ވަނީ މި ފަދައިން ކަމަށް ވާތީއެވެ. (ޢުޘައިމީން: އައްޝަރްޙުލް މުމްތިޢް 4/160)

ފައިދާއެއް: ނަމާދު އެގަޑިއެއްގައި ނުކުރުމަށް ބާރު އަޅުއްވައިފައިވާ ވަގުތުތަކަކީ އިރު އުދަރެހުގެ އެންމެ ތިރިންނާއި އަދި އެންމެ މަތިން ހުރަސް ކުރާ ވަގުތު ތައްކަން ފާހަގަ ކުރެވެއެވެ.

މި ވަގުތުތަކުގައި ނަމާދު ކުރުން ނަހީ ކުރާ، ވަރަށް ގިނަ ޙަދީޘް އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ޙަދީޘަކީ ބުޚާރީ އަދި މުސްލިމްގައި އަބޫ ސަޢީދުލް ޚުދްރީ ގެ އަރިއަހުން ރިވާވެފައިވާ މި ޙަދީޘެވެ. عن أَبِي سَعِيدٍ الْخُدْرِيَّ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا صَلَاةَ بَعْدَ صَلاةِ الْعَصْرِ حَتَّى تَغْرُبَ الشَّمْسُ ، وَلا صَلاةَ بَعْدَ صَلاةِ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ

މާނައަކީ: ''ޢަޞްރު ނަމާދަށް ފަހު، އިރު އޮއްސެންދެން ނަމާދު ނުކުރާށެވެ. އަދި ފަތިސްނަމާދަށް ފަހު، އިރު އަރަންދެން ނަމާދު ނުކުރާށެވެ''

އަދި މުސްލިމްގައި ވާ ޙަދީޘެއްގައި ވަނީ : عن عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ يَقُولُ : ثَلاثُ سَاعَاتٍ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا : حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ

ޢުޤްބާ ބިން ޢާމިރް އަލްޖުހަނީގެ ވިދާޅުވިއެވެ: ''ތިން ވަގުތެއްގައި، އަހަރެމެން ނަމާދު ކުރުމާއި މައްޔިތާ ވަޅުލުން، ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މަނާ ކުރެއްވިއެވެ. އެއީ އިރު އަރަން ފެއްޓުމަށް ފަހު އަރައި ފުރިހަމަވަން ދެން، އަދި އިރު އުޑު މެދު ޖެހުމަށް ފަހު ލެނބެން ދެން، އަދި އިރު އޮއްސެން ދިއުމަށްފަހު އިރު އޮއްސި ފުރިހަމަ ވަންދެނެވެ.''

މަނައީ ހުރިހާ ނަމާދެއްތަ؟

ދެން ސުވާލަކީ މި ވަގުތުތަކުގައި ކުރުން މަނައީ ހުރިހާ ނަމާދެއްތޯއެވެ. ޖަވާބަކީ، ނަމާދުކުރުން ނަހީކުރެވިފައިވާ ވަގުތުތަކުގައި ވެސް، ފަރްޟު ނަމާދު ކުރުން ހުއްދަ ކަމަށް، ޢިލްމުވެރިން އެއްބަސްވެލައްވައެވެ. އަދި މި ވަގުތުތަކުގައި، ސަބަބެއްނެތް ސުންނަތް ނަމާދު ކުރުން މަކްރޫހަ ކަމަށް ވެސް، ޢިލްމުވެރިން އެއްބަސް ވެލައްވައެވެ. ޚިލާފްވެފައި ވަނީ، ސަބަބު އޮންނަ ސުންނަތް ނަމާދުތައް ކުރުމާ މެދުގައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ މަކްރޫހަ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ ހުއްދަ ކަމަށެވެ.

ކޮންމެ އަކަސް ފަރުޟު ނަމާދު، މި ވަގުތުތަކުގައި ކުރުމަކީ ހުއްދަ ކަމެކެވެ. މީގެ ދަލީލަކީ عَنْ ‏ ‏أَنَسِ بْنِ مَالِكٍ ‏ ‏قَالَ :  قَالَ نَبِيُّ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَنْ نَسِيَ صَلَاةً أَوْ نَامَنْهَا فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا

އަނަސްބިން މާލިކް ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ''ނަމާދެއް ހަނދާންނެތިއްޖެ މީހާ، އަދި ނިދުމުގެ ސަބަބުން ނަމާދު އަޅައިފި މީހާ، އޭގެ ކައްފާރާއަކީ ހަނދާން ވުމުން (އަވަހަށް) ނަމާދު ކުރުމެވެ.'' (ބުޚާރީ އަދި މުސްލިމް)

އެހެން ރިވާޔަތެއްގައި އޮންނަނީ ''ނިދުމުގެ ސަބަބުން ނަމާދު އަޅައިފި މީހާ، އަދި ނަމާދެއް ހަނދާންނެތިއްޖެ މީހާ، ފަހެ އެ ނަމާދު ހަނދާންވާ ހިނދު (ލަސްނުކޮށް) ކުރާހުށިކަމެވެ.''

އަދި އަބޫ ހުރައިރާ ގެ އަރިއަހުން ރިވާވެފައިވާ ޙަދީޘެއްގައި ވަނީ عَنْ ‏ ‏أَبِي هُرَيْرَةَ ‏  ‏أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏مَنْ أَدْرَكَ مِنْ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ

''އިރު އެރުމުގެ ކުރިން ފަތިސް ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ފަތިސް ނަމާދު ލިބިއްޖެއެވެ. އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.'' (ރިވާ ކުރެއްވީ ބުޚާރީ އަދި މުސްލިމް)

ވީމާ ހަނދާން ނެތި ނުކުރެވި އޮންނަ ފަރްޟު ނަމާދެއް ހަނދާންވުމުން، އަދި ނަމާދު ވަގުތަށް ނު ހޭލެވި އޮއްވާ ހޭލުމުން، އެއީ ކޮންމެ ވަގުތެއް ކަމުގައި ވިޔަސް ޖެހޭނީ، ވަގުތުން އެ ނަމާދު އަދާ ކުރާށެވެ. ވަގުތު ފާއިތުވެއްޖެނަމަ ޤަޟާކުރާށެވެ. ފަރުޟު ނަމާދު ކުރިމަތީގައި މަނާ ވަގުތެއް ނު އޮވެއެވެ.

އަދި ހަމަ އެހެންމެ މިސްކިތަށް ވަދެ ކުރާ ތަޙިއްޔަތުލް މަސްޖިދް ގެ ދެ ރަކްޢަތް ވެސް ހުއްދައެވެ. އެއީ ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި އޮންނަނީ إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ  فَلاَ يَجْلِسْ حَتَّى يُصَلِّي رَكْعَتَيْنِ

"ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެނަމަ، ދެ ރަކްޢަތް ނުކޮށް ނު އިށީންނަހުށިކަމެވެ.'' (ރިވާ ކުރެއްވީ ބުޚާރީ)

ނަހީ ކުރެވިފައިވާ ވަގުތުތަކެއް ޙަދީޘްތަކެއްގައި އައިސްފައި އޮއްވާ، އެހެން ޙަދީޘްތަކެއްގައި ފަރްޟު ނަމާދު ކުރުމަށާއި، ތަޙިއްޔަތުލް މަސްޖިދް ދެ ރަކްޢަތް ކުރުމަށް އޮތުމުން، ބެލެވެނީ އެއީ ކުރިން އައިސްފައިވާ ޢާއްމު ޙުކުމަށް އައި ޚާއްޞަ އިސްތިސްނާއެއް ކަމަށެވެ. (ވަﷲ އަޢުލަމް)

________________________________

ޙަވާލާ:

އަލްޤުރުއާނުލްކަރީމްގެ ދިވެހި ތަރުޖަމާ

ޞަޙީޙް މުސްލިމް: ނަމާދު ވަގުތު ބާބު، ނަމްބަރ: 612

ތަޢުލީމުއްދިޔާނާ (1)، 

البخارى ومسلم

ޢުޘައިމީން، ފަތާވާ އަރްކާނުލް އިސްލާމް (ޞ:287)

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ