އަދުގެ ޚާއްސަ

Print

ކޮން މީހެއް؟ (11)

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

(21 އޭޕުރީލް 2020 (ހޯމަ) ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

ނީނާ ޖަވާބު ހޯދާންޖެހޭ ސުވާލުތަކުގެ ލިސްޓް ހައްތާ ވެސް ދިގުވަނީއެވެ. ދާއޫދާ ބައްދަލުކޮށްފައި ދާ ކޮންމެ މީހަކާ ބެހޭ ކޮންމެވެސް ޚަބަރެއް މީޑިއާގައްޔާއި މީސްމީޑީއާގައި ފެތުރުމަކީ ވަރަށް ޢާއްމުކަމެކެވެ. އަދި ފަރަޙަގެ ބައްދަލުވުން ތަފާތުވީމާ މި ކަމާ ވިސްނޭ ގޮތް ވެސް ތަފާތެވެ. އެހެން މީހުން ދާއޫދާއެކު ބާއްވާ ބައްދަލުވުމުގައި ހޭދަވަނީ ގިނަވެގެން ފަނަރަވަރަކަށް މިނިޓެވެ. ނަމަވެސް ފަރަޙައާއި ދާއޫދުގެ ބައްދަލުވުން ގަޑިއެއްގެ އިރަށްވުރެ ގިނަ އިރު ވުމަކީ އެ ބައްދަލުވުން ޚާއްޞަވި ސަބަބެކެވެ.

މީޑިއާއިން ފަރަޙައިގެ ޚަބަރެއް އިވޭތޯ ނީނާ އިންތިޒާރުކުރަނީއެވެ. ކޮންމެވެސް ޚަބަރެއް ވާނެކަމަށް ޔަގީނާ ގާތަށް ހީވެއެވެ. ކުރީގެ ތަޖުރިބާއަށް ބަލާނަމަ އެހެން ހީކުރެވިދާނެއެވެ.

(9)

ލަންކާ ދަތުރު

އެއް ދުވަހެއްގެ ހަވީރެވެ. ނީނާ އިނީ ޝޯރޫމްގައެވެ. ފޯނުން މީޑިއާ ޗެކްކޮށްލަނީއެވެ. މާ ބޮޑު މަސައްކަތެއް ނެތީމައެވެ. ފަރަޙައާ ބެހޭ ޚަބަރެއް ފެނޭތޯއެވެ. ކުރީގެ ތަޖުރިބާތަކަށް ބަލާއިރު، ދާއޫދާ ބައްދަލުކުރާ ކޮންމެ މީހަކާ ބެހޭ ޚަބަރެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މީޑއާގައި ވިރަވެއެވެ.

ކުއްލިއަކަށް ނީނާގެ ލޮލުގައި އަޅައިގަތީ "ވަގުތު" ގައި އޮތް ޚަބަރެކެވެ. ޚަބަރެއްގެ ސުރުޚީއެވެ. "ފިލްމު އެސޯސިއޭޝަންގެ ރައީސަކަށް ފަރަހަ." ޝައުޤުވެރިކަމާއެކު ނީނާ އެ ޚަބަރުގެ ތަފުޞީލަށް ފިއްތާލިއެވެ. "ފިލްމު އެސޯސިއޭޝަންގެ ރައީސްކަން މަޝްހޫރު ފިލްމީ ތަރި ފަރަހަނާޒަށް އިންތިޚާބަކާ ނުލައި ކާމިޔާބު ވެއްޖެއެވެ. އޭނާ މި މަޤާމް ކަށަވަރުވީ ފަރަޙައާ ވާދަކުރެއްވި ފިލްމީ ތަރި ފިރުޝާނާ ޖަލީލް ކުއްލި ގޮތަކަށް އަވަހާރަވުމާއި އެހެން ކެންޑިޑޭޓަކުނ އެ މަޤާމަށް ވާދަކޮށްފައި ނުވާތީ އިންތިޚާބީ ކޮމިޓީއިން ޢާއްމުކޮށްފައިވާ ގަވާއިދުގައި ވާ ގޮތުގެ މަތީން އެ މަޤާމަށް ވާދަކުރެއްވި އަނެއް ކެންޑިޑޭޓް އިންތިޚާބަކާ ނުލައި އެ މަޤާމަށް އިންތިޚާބުވީއެވެ. ފަރަޙަނާޒަކީ ފިލްމު ޕްރޮޑަކްޝަން އާއި ސިނަމޮޓޮގްރޮފީގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ފިލްމު އެސޯސިއޭޝަންގެ އެހެން މަޤާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ވޯޓުލުން މާދަމާ މެންދުރުފަހު 2:00 ން ފެށިގެން ހަވީރު 6:00 އާ ހަމައަށް އޮލިމްޕަހުގައި އޮންނާނެއެވެ...................."

ނީނާގެ ޚިޔާލު ހުއްޓިއްޖެއެވެ. "މިއީ ކޮންފަދަ ބޮޑު އިއްތިފާޤެއްބާވައެވެ! ދާއޫދާ ބައްދަލުކޮށްފި ކޮންމެ މީހަކާ ބެހޭ ކޮންމެ ވެސް ކާމިޔާބީއެއްގެ ވާހަކަ ދެތިން ދުވަހުގެ ތެރޭގައި މީޑިއާގައި ވިރަވެއެވެ. އަދި އެ ކާމިޔާބީއާ ގުޅިފައިވަނީ ކޮންމެވެސް އެހެން މީހެއްގެ ހިތާމަވެރި ނިމުމަކާއެވެ. ކޮން ފަދަ ކަމެއް ބާވައެވެ! އެކަމަކު މިއިން އެއްވެސް ވާހަކައެއް ދާއޫދު ފިޔަވައި އެހެން މީހެއްގެ ގާތުގައި ދެއްކޭކަށް ވެސް ނެތެވެ........."

ތެދެކެވެ. އެ ގޮތަށް ނީނާ ވަނީ ވަޢުދުވެފައެވެ. ވަޢުދަކީ ދަރަންޏެކެވެ. އެކަން ނީނާއަށް ރަނގަޅަށް އެނގެއެވެ. ނީނާއަކީ ވެސް ހަރުދަނާ، ގޮތް ހުރި ތަޢުލީމީ ޒުވާނެކެވެ. ބުނާ ބަހުގެ އިތުބާރު ދެމެހެއްޓުމަކީ ހަރުދަނާ މީހުންގެ ސިފައެކެވެ. މި ވަޢުދާ ނީނާ ޚިލާފެއް ނުވާނެއެވެ.

ނީނާ ފިކުރެއްގެ ތެރެއަށް ގެނބިފައި އިންދައި ދާއޫދު އައިސް ކަންމަތީ ފިހާރައަށް ވަދެއްޖެއެވެ. ނީނާ އިޙުތިރާމުގެ ގޮތުން ކޮޅަށް ތެދުވެއްޖެއެވެ. ދާއޫދު އައިސް އިށީނީ ކައުންޓަރުގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައެވެ. އިށީންނަމުން ނީނާއަށް ވެސް އިށީންނާން އިޝާރާތްކޮށްލިއެވެ.

ނީނާ އިށީންދެފައި މި ޚަބަރު ދުށީންހޭ ބުނެ ފޯނުން ފަހަރަގެ ޚަބަރު ދައްކައިލިއެވެ.

ދާއޫދު ބަލައިލައިފައި އެއްވެސް އެއްޗެއް ނުބުނެ ހީނލިއެވެ.

"ފަރަޙައަށް ކާމިޔާބު ލިބުނީމާ ސެލެބްރޭޓެއް ނުކުރަންތަ؟" ރައްޓެއްސަކާ ވާހަކަދައްކާ ބީދައިން ނީނާ ވާހަކަދައްކާން ފަށައިފިއެވެ. "ފަރަޙައަކީ ދާއޫދުގެ ވަރަށް ސްޕެޝިއަލް މީހެއްނު؟"

"ނޫން. މަށާ އެއްވެސް ކްލޯޒް މީހެއް ނޫން." ވަރަށް އަވަސް އަވަހަށް ބުނެލިއެވެ. "އޭނާ އަކީ ކަސްޓަމަރެއް."

"ކަސްޓަމަރެކޭ؟ އެކަމަކު..........." ނީނާ ޙައިރާންވެ ސުވާލުކޮށްލިއެވެ. "އެކަމަކު ވަޓް ދިޑް ޔޫ ޑޫ ވިތު ހަރ އޮން ދި އަދަރ ޑޭ"؟

"އޭނާ ނީނާ ގާތު އެއްވެސް ވާހަކައެއް ދެއްކީތަ؟" ދާއޫދު ރައްޓެއްސަކާ ވާހަކަދައްކާ ގޮތަށް ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ކީކޭ އޭނާ ބުނީ އަނެއްކާ؟"

"އޭނާ އެއްޗެކޭ ނުބުނޭ" ނީނާ ބުންޏެވެ. "އެކަމަކު ...... ވީ އިރާ ..... އިވުނު އަޑާ..... ފަރަހައަށް ވެފައި ހުރި ގޮތް...... ފެނުނީމާ........! ނީނާއަކީ ވެސް ކުޑަކުއްޖެއް ނޫނެއްނު ދޯ؟"

"އަދި ނޭނގޭ ކުޑަކުއްޖެއް ނޫންކަމެއް." ދާއޫދު ހީނގަތެވެ. "އަނެއްކާ އެކަމާ ހިތްހަމަ ނުޖެހުނީތަ؟ ވަރަށް ސޮރީ! .... މީރު އެއްޗެއް ސަމްސަލަކަށް އަޅައިފައި އެހާ ފަސޭހައިނ ދިނީމާ ބަނޑުހައިވެގެން ހުންނަ މީހަކަށް ބޮވިދާނެ ދޯ؟.... ސޮރީ ނީނާ!"

"އިޓްސް އޯކޭ ފޮރ މީ. ޔޫއާރ ނޮޓް މައި ހަބީއެއްނު؟" ނީނާ ވެސް ހީނގަތެވެ. "އެކަމަކު ދާއޫދު......" ނީނާ ބުނާން އުޅުނު ޖުމުލަ ނިންމައިއެއްނުލިއެވެ.

"ދެން އެވާހަކައެއް ނޫނޭ. ހައުޒް ލައިފް؟ އެސްޕެޝިއަލީ ލަވް ލައިފް؟" ދާއޫދު މައުޟޫޢު ބަދަލުކޮށްލިއެވެ. "ކޮބާ އަލޫފް؟ އަދި ވެސް ރިސޯޓްގައިތަ؟'

"ޔެސް. އޭނާ އުޅެނީ އަދިވެސް ރިސޯޓްގައި." ނީނާ ކުރު ގޮތަކަށް ޖަވާބު ދިނެވެ. "މައި ލައިފް އިޒް ކަންމަތީ ފިހާރަ."

"ތިބުނީ ލައިފް އެހާ ހެޕީއެއް ނޫނޭތަ؟" ދާއޫދު ޖަވާބު ބޭނުންނުވާ ސުވާލެއް ކޮށްލިއެވެ. "އެހެންވިއްޔާ ހިނގާ ވީކެންޑްއަކަށް ދާން. ކެރޭނެތަ؟"

"ކޮންތާކަށް؟" ނީނާ ސުވާލުކޮށްލިއެވެ. "އަލޫފަށް ޝައްކުވެދާނެތީ ދާކަށް ނުކެރޭނެ. މާލެ ދިޔަ ފަހަރު ވެސް އާދެވެންދެން ހުރީ ބިރުންބިރުން."

"ސާބަސް. އެކަމާ ނުވިސްނަބަލަ! ނީނާ ވެސް ހިތްހަމަޖައްސައިލައި ސޮޕިންގ ހަދާލަން ޖެހޭނެނު ދޭތެރެދޭތެރެއިން." ދާއުދު އޮޅުންފިލުވައިދިނެވެ. " ހިންގާ މި ހަފުތާ ބަނދުގައި ލަންކާއަށް ޖައްސާލަން."

"ލަންކާއަށް؟" ނީނާ ޙައިރާންކަމާއެކު ސުވާލުކޮށްލިއެވެ. "އަދި އަލަށް ވެސް ލަންކާއަކަށް ނުދަން. ދާން ބޭނުން. އެކަމަކު.....".

"ކޮން އެކަމަކު އެއް؟" ނީނާގެ އަނގައިގައި އެއްބުރި އޮއްވައި ދާއޫދު ވާހަކައްަކާންފެށިއެވެ. "ދާން ބޭނުމިއްޔާ އާނއެކޭ ބުނޭ!

"ދާން ބޭނުން ވަރަށް ބޮޑަށް. އެކަމަކު އަލޫފާ މެދު ވެސް ވިސްނާންޖެހޭނެނު." ނީނާ ކުރީ ދަތުރުރު ވެސް ދެއްކި ބަހަނާ ދައްކާން އުޅުނެވެ. "އެނގިއްޖިއްޔާ .................؟"

"އެނގިއްޖިއްޔާ ކޮންކަމެއް ވާނީ؟" ދާއޫދު ސުވާލެއް ކޮށްލިއެވެ. "ބޮޑުވަރަކަށް ބްރޭކްވާނީނު! ކޮން ގެއްލުމެއް ނީނާއަށް އޮތީ؟ އޭނާ ނީނާއަށް ކޮން ކަމެއް ކޮށްދިނީ؟ ކޯއްޗެއް ދިނީ؟ ކޮން އުފައެއް ކޮން ލޯތްބެއް ދިނީ؟ އޭނަ ރަށަށް އަޔަސް އުޅޭނީ ކުޅިވަރާ. ނީނާއަށް ފެނި ލަނީ ވެސް މަދު ފަހަރަކު. ނޫންތަ....؟

ނީނާ ވިސްނައިލިއެވެ. އަލޫފު ނީނާގެ އުފާތަކަށް އެއް ގޮތަކަށް ވެސް ނުވިސްނައެވެ. ވިސްނަނީ ހަމައެކަނި އޭނާގެ އުފަލަށެވެ. އެކަނި ދިމާވިޔަސް އުޅެނީ އޭނާގެ މަޤުޞަދު ޙާޞިލުކޮށްލެވޭތޯއެވެ؟ ނީނާގެ ބޭނުންތަކާމެދު ނުއެއް ވިސްނައެވެ. ދުވަހަކު ހަދިޔާއެއް ވެސް ނުދެއެވެ. ނުވެސް ދެވޭނެއެވެ. ޢާއިލާ ބަލަހައްޓަމުން ކުޑަކުޑަ މުސާރައަކުން މީހަކަށް ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާއަށް ހަދިޔާ ދީފައި ހުންނާނީ ވެސް ނީނާއެވެ..........

މި ފަދަ ފިކުރުތަކެއްގައި ނީނާ އެއްޗެކޭ ނުބުނެ ހަމަހިމޭނުން އިންދައި އެ ހިމޭންކަން މެދުކަނޑައިލީ ފިހާރައަށް ވަން ކަސްޓަމަރެކެވެ.

"ސިމެންތި އެބަހުރި؟" އެ މީހަކު ސުވާލުކޮށްލިއެވެ. "ކިހާވަރެއް ލިބިދާނެ؟"

"އެބަހުރި." ނީނާއަށް އެއްޗެކޭ ނުބުނެވެނީސް މި ފަހަރު ޖަވާބު ދިނީ ވެސް ދާއޫދެވެ. "ބޭނުން ވަރަކަށް ލިބިދާނެ."

"ދުއިސައްތަ ކޮތަޅު ބޭނުންވޭ. ކިހާވަރަކަށް އަގު އުޅެނީ؟" އެ މީހަކު ސުވާލުކޮށްލިއެވެ. "ޑިސްކައުންޓެއް ލިބޭނެތަ؟"

"މިހާރު ވިއަކަނީ -/147 ރުފިޔާ އަށް ކޮތަޅެއް." ނީނާ އަގު ކިޔައިލިއެވެ. "މިއީ އަސްލު ޑިސްކައުންޓް އަގު. އަޞްލު އަގަކީ -/150ރުފިޔާ. ފަންސާހަށްވުރެ ގިނައިން ނަގާތީ މި އަގުގައި މިދިނީ."

"ޖުމުލަ ކިހާވަރެއް ވަނީ؟" އެ މީހަކު ކުޑަކޮށް ހެމުން ސުވާލުކޮށްލިއެވެ. "މިހާ ގިނައިން ނަގާތީ ހީކުރީ އަދި އިތުރު ގޮތެއް ހަދައިލަދޭނެކަމަށް. ހެހެހެހެ...."

"އެހެންތަ؟" ނީނާ އަގު ބުނުމުގެ ކުރީން އޭނާއަށް ހިނިތުންވުމެއް ދިނެވެ. " އޮނަތިރީސްހާސް ހަތަރުސަތޭކަ ޖުމުލައަކީ".

އެ މީހާ އަގުކަނޑާން ކޭޝްކާޑް ދިއްކޮށްލިއެވެ. އަދި ބިލްހަދައިލައިދީފައި ސިމެންތި ފޮނުވާންވީ އެޑްރެސް ދިނެވެ. އެ ވަގުތު ދާއޫދު ބުނެލިއެވެ.

"ނީނާ! އޭނާއަށް އަދި އިތުރު ޑީސްކައުންޓެއް ނުދެވޭނެތަ؟"

"ނޫން. އެހެންވީމާ ހަތަރު ސަތޭކަ ކަނޑައިލީ. ދައްކާންޖެހެނީ ނަވާވީސްހާސް. އެވަރު ދެން ކެނޑޭނީ." ނީނާ  ކަލްކިޔުލޭޓަރުން އަދަދުތަކަކަށް ފިއްތައިލުމަށްފަހު ބުންޏެވެ. "ވަރަށް އަވަހަށް ސިމެންތި ފޮނުވާނަން. މި އޮތީ ބިލްކޮޅު. މި ދެ ކޮޕީ ހިފައިގެން ގުދަނަށް ގޮސް އެއްކޮޕީ އެތަނަށް ދީފައި ވަޑައިގަންނަވާ!"

ގުދަނަށް ސިމެންތީގެ އޯޑަރު ފޮނުވައިލުމަށްފަހު ހަމަޖެހި ލިއެވެ. ސިމެންތި ގަންނާން ފޮނަދޫން އައި މީހާ ސައިކަލަކަށް އަރައިގެން ހިނގައްޖެއެވެ.

"ނީނާ!" ކަސްޓަމަރު ނުކުމެގްނެ ދިޔުމުން އަނެއްކާ ވެސް ދާއޫދު ނީނާއަށް ގޮވައިލިއެވެ. "ދެން ކީކޭ ބުނަނީ؟ ލަންކާއަށް ދާނަންތަ؟"

"ދެވިދާނެ." ނީނާ ވިސްނައިލައިފައި ބުނެލިއެވެ. "އެކަމަކު މަ ކުރާ ސުވާލެއްގެ ޖަވާބު ދިނީމާ."

"އެންމެ ރަނގަޅު. ނީނާ ހަދިޔާއެއް ދޭންވާނެ." ދާއޫދު އެއްބަސްވިއެވެ. އަދި ޝަރުޠެއް ވެސް ކޮށްފިއެވެ. "ކުރަންވާނީ އެންމެ ސުވާލެއް".

"އެހެންވިއްޔާ ލިބޭނީ ވެސް އެންމެ ހަދިޔާއެއް" ނީނާ ސަމާސާކޮށްލިއެވެ. "އެންމެ ރަނގަޅުތަ؟"

"ރަނގަޅު ނޫނަސް ދިން އެއްޗެއްތާ ލިބޭނީ ދޯ؟" ދާއޫދު ވެސް ސަމާސާ ފާޑަކަށް ބުނެލިއެވެ. "ކޮބާ ސުވާލަކީ؟ އެންމެ ސުވާލެއް އިނގޭ."

ދާއޫދު ހީކުރީ ކުރީ ދުވަހު ފަރަޙަނާޒްއާ އެކީ ދާއޫދު ހޭދަކުރި ވަގުތާ ހިތްހަމަ ނުޖެހިގެން އޭގެ ތަފްޞީލު ހޯދާން އުޅެނީކަމަށެވެ. އެންމެ ސުވާލެއް ކަމަށް ބުނީ ވެސް އެހެންވެއެވެ. އަދި ދޭނެ ޖަވާބު ވެސް ހިތުގައި ރާވައިލައިފިއެވެ.

"ކޮބާ، ސުވާލަކީ؟" ދާއޫދު ނީނާއަށް ސުވާލުކުރާން ފުރުޞަތު ދީފިއެވެ. "އެންމެ ސުވާލެއް ކަމަށް އެއްބަސްވެފައި އޮތީ."

"ދާއޫދާ ބައްދަލުކުރާން އެ އަންނަނީ ކީއްކުރާން އަންނަބަޔެއް؟" ނީނާގެ ސުވާލުވީ ދާއޫދު ހީކުރިކަހަލަ ސުވާލަކަށް ނޫނެވެ. "އަދި ފަރަޙައަކީ ދާއޫދުގެ................."

"އެންމެ ސުވާލެކޭ ބުނީމެއްނު!" ދާއޫދު ވަރަށް ރުޅިވެރިކަމާއެކު ބުންޏެވެ. "އިތުރު ސުވާލެއް ނުކުރެވޭނެ."

"އެންމެ ރަނގަޅު." ނީނާ އޮތީ އެންމެ ސުވާލެއްގެ ޖަވާބު ދިނަސް އޭނާއާ އެކީ ލަންކާއަށް ދާން އެއްބަސްވެފައެކެވެ. "ފުރަތަމަ ސުވާލުގެ ޖަވާބުދީ! އެކަމަކު ރުޅިނައިސްބަލަ!"

"އެއީ އަހަރެންގެ ކަސްޓަމަރުން. އެ މީހުން އަންނަނީ އަހަރެންގެ ކައިރިއަށް އެހީއަށް އެދިގެން. އަހަރެން އެ މީހުންނަށް އެހީތެރިކަން ދެނީ. ..... ނޫން. އެހީތެރިކަން ވިއްކަނީ." ދާއޫދު ވިސްނައިލަމުން ޖަވާބު ދިނެވެ. "ޖަވާބު ލިބިއްޖެއްނު."

"އެކަމަކު ކޮންކަހަލަ......"

ނީނާއަށް މިހިސާބަށް ބުނެވުނު ތަނާ ދާއޫދު ވަރަށް ރުޅިއައިސްފައި ބުންޏެވެ. "ހަމަ އެންމެ ސުވާލެކޭ ބުނީމެއްނު. އިތުރު ސުވާލެއް ނުކުރެވޭނެ."

"އެންމެ ރަނގަޅު. އެކަމަކު ހާދަ ރުޅިއެކޭ ތިޔައައީ ފަރަހަގެ ވާހަކަ ދައްކަފާނެތީ ދޯ؟" ނީނާ ބުނެލިއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ