ކޮން މީހެއް؟ (12)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
(22 އެޕުރީލް 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
"އެއީ އަހަރެންގެ ކަސްޓަމަރުން. އެ މީހުން އަންނަނީ އަހަރެންގެ ކައިރިއަށް އެހީއަށް އެދިގެން. އަހަރެން އެ މީހުންނަށް އެހީތެރިކަން ދެނީ. ..... ނޫން. އެހީތެރިކަން ވިއްކަނީ." ދާއޫދު ވިސްނައިލަމުން ޖަވާބު ދިނެވެ. "ޖަވާބު ލިބިއްޖެއްނު."
"އެކަމަކު ކޮންކަހަލަ......"
ނީނާއަށް މިހިސާބަށް ބުނެވުނު ތަނާ ދާއޫދު ވަރަށް ރުޅިއައިސްފައި ބުންޏެވެ. "ހަމަ އެންމެ ސުވާލެކޭ ބުނީމެއްނު. އިތުރު ސުވާލެއް ނުކުރެވޭނެ."
"އެންމެ ރަނގަޅު. އެކަމަކު ހާދަ ރުޅިއެކޭ ތިޔައައީ! ފަރަހަގެ ވާހަކަ ދައްކަފާނެތީ ދޯ؟"
"ފަރަހެ ވާހަކަ ބުނެދީފާނަން. ޝައްކުވަންޏާ. ފަރަހައަކީ ކުރީން އަހަރެން ދަންނަ މީހެއް ނޫން އިހައް ދުވަހުގެ ކުރިޔަކުން." ދާއުދު އިތުރަށް އޮޅުންފިލުވައިދީފިއެވެ. "ނީނާ ތިޔަ ހީކުރާ ކަންތައްވި. އެ ކަމަށް މާފަށް އެދެން."
"ނީނާ ކުރެން މާފަށް އެދެންޖެހޭތަ"؟ ނީނާ ސުވާލު އުފެއްދިއެވެ. "އަހަރެން ކަމު ނުދާތީތާ، އެހެން އެކަންވީ."
"ނޫން. ނޫން. އެހެންނެއް ނޫން. ނީނާ މަދެކެ ލައިކްވޭތަ؟" ދާއޫދު މައުޟޫޢު ބަދަލުކޮށް މާ ބޮޑަށް މައިތިރި ވެއްޖެއެވެ. "ނީނާ މާފެއް ނުކުރާނަންތަ؟"
"ނީނާ މާފުކުރާންޖެހޭ ނަމަ މާފުކޮށްފިން." ނީނާ ހިނގަނޑެއް ޖަހައިލިއެވެ. "އެކަމަކު ވަރަށް ދެރަވި."
"އަސްގައިވެސްތަ؟" ދާއޫދު ޝައުޤުވެރިކަމާއެކު ސުވާލުކޮށްލިއެވެ. "މާނައަކީ ލައިކްވެޔޭ ދޯ؟"
ނީނާ އެއްވެސް އެއްޗެކޭ ނުބުނެ ހަމަ އެކަނި ހީނލީއެވެ.
***
ފިހާރައަށް ފޮތިކޮޅަކާއި ފައިވާންކޮޅެއް ގެންނާން ލަންކާއަށް ދާ ވާހަކަ މި ފަހަރު ގޭ މީހުންނަށް ވެސް ނީނާ އެންގިއެވެ. އަދި ޑޮކްޓަރަށް ދައްކައިލާނަމޭ ވެސް ބުންޏެވެ. ދާއޫދަށް ރަށުގެ އެންމެން ކުރާ އިތުބާރާއި އިޙުތިރާމެއްގެ ސަބަބުން ނީނާގެ މައިންބަފައިން ވެސް އެ ދަތުރާ ވަރަށް ހިތްހަމަޖެހެއެވެ. އެކަމުގެ ސަބަބުން ނީނާއަށް އިތުރު ކުރިއެރުމަށް ލިބޭނެކަމަށް އުއްމީދުކުރަމުންނެވެ.
ހުކުރު ވިލޭރޭ އިރުއޮއްސި އަށެއްޖެހި އިރު ލަންކާއަށް ފުރި ގަޠަރު އެއަރގެ ފްލައިޓުން ދާއޫދާއި ނީނާ ލަންކާއަށް ފުރައިފިއެވެ. ބިޒިނަސް ކްލާހުން ޓިކެޓް ނަގައިފައިވާތީ މާ ގިނަ ދިވެހީންނަކަށް އެ ދެ މީހުންނެއް ނުފެނެއެވެ. ދަތުރަށް އެރުމާއެކު ދެ މީހުންގެ މެދުގައި ފެނުނީ ވަރަށް ގާތް ގުޅުމެކެވެ. ސަމާސާ ކުރުމާއި މަޖާ ވާހަކަދެއްކުމުގައި ވަގުތުތައް ހޭދަކުރަމުން ގެންދަނިކޮށް 9:15 ހާއިރު ބަންޑާރަނައިގެ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޯޓު ޖައްސައިފިއެވެ. ކަސްޓަމާއި އިމިގްރޭޝަނުން ނިމިގެން ހޮޓަލަށް ދެވުނުއިރު ދިހަގަޑިބައިވާން އުޅެއެވެ. އެ މީހުން ދިޔައީ ކުރީން ހޮޓަލެއް ބުކްނުކޮށްކަމަށް ވާތީ، މާ ދުރަށް ދާކަށް ގަސްތެއް ނުކުރިއެވެ. ވައްތަލައިގައި ހުންނަ އެއަރޕޯޓް ގާޑްން ހޮޓެލުގައި މިރޭ މަޑުކޮށްލުމަށް ފަހު މާދަމާ ޗެކްއައުޓްކޮށް ކޮޅުނބުގެ ބާޒާރުތަކާ ކައިރި ހިސާބަކަށް ދާން އެއްބަސްވެގެން އެ ދިމާއަށް ދިޔައީ ޓެކްސީއެއްގައެވެ.
ހޮޓަލަށް ދިޔައިރު ދިމާވީ ހީކުރި ގޮތެއް ނޫނެވެ. މުޅި ހޮޓާ އޮތީ ފުރިފައެވެ. ކެންސަލްވި ފްލައިޓެއްގެ ފާސިންޖޯރުންނަށް ނިދުން ހަމަޖައްސައިދޭންވެގެން ގިނަ ކޮޓރިތައް ހުރީ ހަތަރު ދުވަހަށް ފުލްވެފައެވެ. ރިސެޕްޝަނުން ބުނީ ސިންގަލް އެންމެ ކޮޓަރިއެއް ލިބިދާނެ ކަމަށެވެ. ހަތަރު ދުވަސް ފަހުން ސޫޓެއް ވެސް ލިބިދާނެ ކަމަށް ބުންޏެވެ.
ހަދާނެ ގޮތަކާ މެދު ދާއޫދު ލަފާއެހީ ވެސް ނީނާކުރެންނެވެ.
"ނީނާ ކިހިނެއް ހަދާނީ؟" ދާއުދު ސުވާލުކުރިއެވެ. "ހިނގާ އެހެން ހޮޓަލެއް ލިބޭތޯ ކޮލޮމްބޯއަށް ދާން."
ހާދަ ވަރުބައްޔޭ އަޅެ." ނީނާ ރަނޑު ފާޑަކަށް ބުނެލިއެވެ. "އަނެއްކާ ކޮލޮމްބޯއަށް މި ރޭ ގޮސް ތަނެއް ނުލިބިއްޖިއްޔާ އިރު އަރަންދެން ދުއްވާލައި ދުއްވާލައި ތިބޭކަންނު ޖެހޭނީ. މަށަށް ފެންނަނީ މިރޭ ތިބެން. މީހަކަށް ނޭނގޭނެއެއްނު."
ދާއޫދު ވެސް މާ ބޮޑު ދެކޮޅެއް ނެހެދިއެވެ. ނީނާ އިތުރަށް ވަރުބަލިކުރާކަށް ދާއޫދު ބޭނުމެއް ނުވިއެވެ. ކޮޓަރީގެ ތަޅުދަނޑިއާ ޙަވާލުވެގެން ކޮޓަރިއަށް ހިނގައްޖެއެވެ.
"ނީނާ އޮވޭ އެނދުގައި. އަހަރެން އޮވެދާނަން ދޫލަމަތީގައި." ދާއޫދު ހަދާނެ ގޮތް ބުނެލިއެވެ. "އެއްރެޔަކު މިތާ ނިދައިލިޔަސް އޯކޭ ވާނެނު".
"ނޫން. ދާއޫދު އޮވޭ އެނދުގައި." ނީނާ ދާއޫދުކުރެން އެދުނެވެ. "ބޮސް ބިންމަތީގައި ބާއްވައިފައި މުވައްޒިފަށް އެނދުގައި އަރައި އޮންނާކަށް ނުކެރޭނެ."
"ސާބަސް. ކޮން ބޮހަކާ މުވައްޒިފެއްތަ؟" ދާއޫދު ވަރަށް ސާދާ ގޮތަކަށް ބުނެލިއެވެ. "މިއީ ދަތުރު ނިމެންދެން އަދި އޭގެ ފަހުން ވެސް ދެ ފުރެންޑުން."
"ދެން މި ޒުވާބުގައި އިރުއަރަންދެން ތިބެންވީތަ؟" ނީނާ ހައްލެއް ހޯދާން މަސައްކަތްފެށިއެވެ. "މެދުގައި ކަންނޭލެއް ބާއްވައިގެން ދެ މީހުން ދެ ފަރާތަށް ތިބެ މިރޭ ނިދާލީމާ އޯކޭވާނެ. އާދޭ ދެ މީހުން ވެސް އެނދަށް"
މި ގޮތާ އެއްބަސްވެ ފާޚާނާއަށް ވަދެ ނީނާ ފެންވަރައިގެން ނުކުމެ ހެދުން ބަދަލުކޮށްލަން ވާއިރަށް ދާއޫދު ވެސް ކުޑަ ގޮތަކަށް މަތި ހަދައިލައިގެން ނުކުމެ ހެދުން ބަދަލުކޮށްލައިފިއެވެ.
އެނދަށް އަރައި އިރުކޮޅެއް ވީ އިރަށް ނީނާ ހަމަ ގަދަޔަށް ނިދައިފިއެވެ. ދާއޫދަކަށް ލޮލުފިޔައެއް ނުޖެހެއެވެ. ހިސާބަކަށް ބަނޑުހައިވާތީއެވެ. އެއްޗެއް ނުކައި ނުނިދޭނެއެވެ. އަދި ރީތި ތުނި ނައިޓީއެއްގައި ނީނާ ނިދައިލައިފައި އޮތް އިރު ހީވަނީ ހޫރުޕަރީއެއް ހެންނެވެ. އެހެންވެ ދެ ބަނޑުހައިކަން ދާއޫދަށް އިޙުސާސްކުރެވެން ފަށައިފިއެވެ.
"ނީނާ އެއްޗެއް ނުކައި ނިދޭތަ؟" ގަޑިއެއްހާ އިރު ފަހުން ދާއޫދު، ނީނާއަށް ގޮވައިފިއެވެ. "ހާދަ ބަނޑުހައޭ. ޑިނަރ އަކަށް އޯޑާރކުރަންތަ؟"
ކާއެއްޗެހި ގެނެސް އެކުވެރި މާޙައުލެއްގައި ކައި ނިމިގެން އެނދުގައި އޮށޯވެ ނިދުނު އިރު ފަތިސްވާން ކައިރިވެއްޖެއެވެ.
ހަމައެކަނި ބޯ ބެޑްކަވަރަކުން ނިވައިވެލައިގެން އޮތް ނީނާއަށް ހެނދުނު ދިހައެއް ޖަހާން އުޅެނިކޮށް، ހޭލެވިގެން ލޯ ހުޅުވައިލިއެވެ. ދާއޫދު އޮތީ ނީނާއާ ދިމާއަށް ބަލަހައްޓައިގެން ހޭލައެވެ.
"ހާދަ ވަރުބައްޔޭ"؟ ނީނާ ބުނެލިއެވެ. "ބަޓް ތޭންކްސް ވެރީ މަޗް. ޔޫ އާރ ގްރޭޓް."
"ޔޫ ޑިޒަރވްސް މޯރ. ތޭންކްސް." ދާއޫދު ވެސް ވަރަށް ފަރި ގޮތަކަށް ހީނލަމުން ޖަވާބު ދިނެވެ. "ތޭންކް ޔޫ ސޯ މަޗް. "އައި ނީޑް މޯރ."
ހޭލެވުނަސް ތެދުވާކަށް އެކަކު ވެސް ނޫޅުނެވެ. އެ ތިބި ގޮތަށް އަނެއްކާ ވެސް......... ނިދީއެވެ. ހޭލައިގެން ފެންވަރައިގެން ނުކުމެ މެންދުރުގެ ކެއުން ނިންމައިލުމަށް ފަހު ހޮޓަލުން ޗެކްއައުޓްކޮށްގެން ކޮޅުނބާ ދިމާއަށް ހިނގައްޖެއެވެ.
"ކޮޅުނބުގެ މެންޑަރިއާނާ ކޮލޮމްބޯ" ކިޔާ ފައިވް ސްޓާރ ހޮޓަލަކުން ދެ ކޮޓަރި ހޯދައިގެން ޗެކިން ވެއްޖެއެވެ. ހަވީރު ވަންދެން ދެ މީހުން ދެކޮޓަރީގައި އަރާމުކޮށްލުމަށްފަހު ނުކުރީ ބާޒާރުކުރާށެވެ. ދިވެހީން ގޮސް އުޅޭ މަޝްހޫރު "ހައުސް އޮފް ސޭލްއާއި ހަމީދިއްޔާ ފަދަ ހުރިހާ ފިހާރަޔަކަށް ގޮސް ބާޒާރުކޮށް ލައިފިއެވެ. މި ފަހަރު ދާއޫދު ހުންނަނީ ނީނާ ނަގާހާ އެއްޗަކަށް ކޭޝްކާޑުން ފައިސާ ކަނޑައިލަ ކަނޑައިލައެވެ. ދާއޫދަށް ގަންނަ އެއްޗެހި ވެސް ގަންނަންނީ، އިޚުތިޔާރުކޮށް ނަގަނީ ނީނާއެވެ. ނީނާއަށް އޮތީ އެ އިޚުތިޔާރު ދީފައެވެ. ކޮޓަރިއަށް ދިޔައިރު ލަގެޖް ބަރުވެދާނެ ކަމާ މެދު ޝައްކުވާ ވަރަށް ތަކެތި ގެންދިޔައެވެ.
"ދެން މާގިނަ އެއްޗެއް ނުގަނެވޭނެ. ބަރުވެދާނެ." ނީނާ ބުންޏެވެ. "އެކަމަކު މާދަމާ ޖެހޭނެނު އަތުގައި އަޅާނެ ކެވެލިކޮޅަކާ މަންމައަށް ފަށެއް ވެސް ގަންނާން."
"މާދަމާ އެކަނި ދެން އޮތީ" ދާއުދު ބުނެލިއެވެ. "މާދަން ރޭ ކަމެއް ކުރާކަށް ވަގުތެއް ނޯންނާނެ. މިރެޔާ މާދަމަޔާ ޖެހޭނެ ބާޒާރުކޮށް ނިންމަން."
"އަދި ހުރިހާ ކަމެއް ވެސް ދޯ؟" ނީނާ ލާނެތްވެލިއެވެ. "މިރޭ އަރާމުކޮށްލާންވާނެ. މާދަންރޭ ފުރަންޖެހެނީ ވަރަށް ދަންވަރު. ރަށަށް ދެވޭ އިރު ހުންނާނީ ފަތިސްވެފައި. ދޯ؟"
ކޮންމެއަކަސް އެ ރޭވެސް ހިމެނުނީ ނީނާއަށް އާ ތަޖުރިބާތަކަކާއި ޚާއްޞަ ހިތްހަމަޖެހުމެއް ލިބުނު ރެޔަކަށެވެ. ކޮޅުނބު ވީ ނީނާގެ ޙަޔާތުގައި ވަރަށް ޚާއްޞަ މަންޒިލަކަޓެވެ. ޙަޔާތަށް އާ ތަޖުރިބާތަކެއް ގެނެސްދިން ހިތްގައިމު މަންޒިލަކަށެވެ. އެރޭ ދެ މީހުން ކެއީ ވެސް ކޮޓަރިއަށް ނުގެނެސް ރެސްޓޮރަންޓަށް ގޮސްގެންނެވެ. ކައި ނިމިގެން ނީނާގެ ކޮޓަރިއަށް ގޮސް ދާއޫދު އޮށޯވެލިޔެވެ. "ރޭ ކުޑަކުޑަ އެނދެއްގައި ނިދުނު އިރު މި ރޭ މި ކިންގް ސައިޒް އެނދުގައި ދެ މީހުންނަށް މާ އަރާމުކޮށް ނިދޭނެނު."
"ދެން ކީއްކުރަން ދެ ކޮޓަރި ހިފީ؟" ނީނާ ގާތަށް ހިނިއައެވެ. "އެއް ކޮޓަރީން ފުދެންޏާ."
"އެއީ ދެ މީހުން ނިދާކަށްނު." ދާއޫދު ބުނެލިއެވެ. "ނީނާ ދާންވީނު މަގޭ ކޮޓަރިއަށް."
ކޮންމެއަކަސް އެ ރޭ ވޭތުކުރި ގޮތަކަށް ވޭތުވުމަށް ފަހު، އަނެއް ދުވަހު ރަން ބާޒާރުން ބާޒާރުކޮށްލައިގެން އެރޭ ރާއްޖެއައި ޔޫއެލް 102 ގެ ފުލައިޓުން ދަންވަރު ވާލެއަތުވެއްޖެއެވެ. އަދި ހަތްރެއްޖެހި އިރު ފުރި ކިޔޫޓޫ 112 ގެ ފްލައިޓުން ހައްދުންމައްޗަށް ހިނގައްޖެއެވެ. ހައެއް ޖެހިއިރު ދެމީހުންތިބީ އެ މީހެއްގެ ގޭގައެވެ. ދަތުރުގެ ހަނދާންތައް ނުފިލާނެ ދެއްޔަތުން ދެ މީހުންގެ ޙަޔާތުގެ ޑައިރީގައި ކުލަގަދަކޮށް ލިޔެލުމަށްފަހުގައެވެ.
(10)
ވަރުގަދަ ޒުވާބެއް
އާދީއްތަ ދުވަހު ހެނދުނު ނުވައެއްޖެހި އިރު، ނީނާ އިނީ ޝޯރޫމްގައެވެ. ހައެއްކަ ކަސްޓަމަރުންނަށް ޚިދުމަތްދީ ނިމުނުތަނާ ދާއޫދު ގުޅައިފިއެވެ.
"ހޭލައިފިންތަ؟" ދާއޫދު ސުވާލުކޮށްލިއެވެ. "ފިހާރައަށް ކުއްޖަކު ފޮނުވިންތަ؟"
"ނުނިދަމޭ. މީނީ ފިހާރައިގައި." ނީނާ ޖަވާބުދިނެވެ. "މިހާރު ވަރަށް ގިނަ ބަޔަކަށް ޚިދުމަތް ވެސް ދީފިން."
"އަޅޭ އެހެންތަ؟ ހާދަ މުރާލިކުއްޖެކޭ ދޯ؟ މަ ހަނދާންނެތުނީއްޔޭ." ދާއުދު ހައިރާންކަން ފާޅުކުރިއެވެ. "ގުދަނުން ކުއްޖަކު ގެނެސް ތިތާ ބައިންދާފައި ނީނާ ދޭ މިއަދު އަރާމުކޮށްލާން."
"ވާ ވަރަށް އަރާމު ކުރެވިއްޖެއް ނޫންތަ؟" ނީނާ ސަމާސާކޮށްލިއެވެ. "އެކަމަކު ކުޑަކޮށް ނިދައިލާން ބޭނުންވޭ. ދާނަން އިނގޭ އިރުކޮޅަކުން."
ނީނާއަށް ފިހާރައިން ނުނިކުމެވިގެން އުޅެނިކޮށް އަލޫފް އަންނަތަން ފެނިއްޖެއެވެ. ނީނާ ކުޑަކޮށް ހައިރާންވިއެވެ. ސަބަބަކީ ގަވާއިދުން އަލޫފަށް އޮފް ލިބޭނީ މިއަންނަ ބުދަދުވަހު ކަމަށް ވާތީއެވެ. އައިސް ފިހާރައަށް ވަންތަނާ ނިނާ ބުނެލިއެވެ. "ހޭ ކޮން އިރަކު އައީ؟ ކިހިނެއް ހާލު. ނުވެސް ބުނަމެއްނު."
"ހުކުރު ދުވަހުއްސުރެ މަ މިއުޅެނީ ރަށުގައި. މުންޑޫގައި." އަލޫފް ޖަވާބު ދިނެވެ. "ހާލު ރަނގަޅެއް ނޫން."
"ކިހިނެއްވީ އަނެއްކާ؟" ނީނާ ވަރަށް ސީރިއްސަކަމާއެކު ސުވާލުކޮށްލިއެވެ. "ޑަކުޓަރަށް ދައްކައިފީންތަ؟"
"ސަބަބަކީ ނީނާ."
"މަށޭ................!؟"
"އާނ!........ ނީނާއާ ދާއުދު."
"މަ މި ރަށުގައި ހުއްޓައި އިނބަންނާ ދާއޫދާ ދެމީހުންލަންކާއަށް ދިޔައު..." އަލޫފު ރަށުބަހުން ފަށައިގަތެވެ.
"އަލޫފޫ........" ނީނާ ހާސްނުވާ ގޮތް ދައްކަމުން ބުނެލިއެވެ. "ދާއޫދާއެކީ ދިޔައު ވިޔަފާރި ދަތުރަކު. އިނބަ އަންނަންކަން އެނގުނު ނަމަ ކޮންމެސް އެއްޗެކޭ ކިޔައިފައި ނުގޮހޮ ހުންނާނެން. އިނބަ ނުމެއް ބޮނަމެއްނޮ."
"ކޮންހައި ވާހަކައެއް. އިނބަ ތެއްހެރޯ ދާއޫދާ ތަތްތެޅިފައި."އަލޫފު ރަށުބަހުން ވަރަށް ބާރަށް އެތިވަރު ގޮވަމުން ދިޔައެވެ. "އިނބައިމެން ގަނޑަގަންނާން ދިޔައު. މަށް އެނގެއި އެކަން."
(ނުނިމޭ)
ނޯޓް: ކޮންމެ ދުވަހަކު ޝައުޤުވެރިކަމާއެކު "ކޮން މީހެއް" މި ވާހަކަ ވިދާޅުވަމުން ގެންދެވި ހުރިހާ ކިޔުންތެރީންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ޝާއިޢުކުރަމުން މި އައީ ހަމަ ދެލިކޮޕީ ކުރެވެމުން އައި ވަރަކަށެވެ. ކުށްފިލުވުމެއް ނެތި ހަމަ ދެލިކޮޕީއެވެ. އެހެންކަމުން މި ވާހަކައިގައި ހުރެދާނެ އުނި ކަންތައްތަކާއި ބައެއް އިމްލާ ކުށްތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.
އަޅުގަނޑު ގަސްތުކޮށްގެން ހުރީ ރޯދައިގެ ކުރީން ވާހަކަ މުޅީން ނިންމައިލާށެވެ. ނަމަވެސް އަދި ވެސް ވާހަކައިގެ ބޮޑު ބައެއް އޮތުމާއެކު ރޯދައިގެ ކުރީން ނިންމައިލެވޭ ވަރު ނުވާނެތީ ރޯދަމަސް ނިމެންދެން ވާހަކަ މެދުކަނޑައިލި ވާހަކަ މައާފާއެކު ދަންނަވަމެވެ. އިރާދަކުރެއްވިއްޔާ ހަރޯދަ ނިމުމުން ވާހަކައިގެ ނުނިމި އޮތް ބަޔާއެކު ބައްދަލުކުރާނަމެވެ. މި ދުވަސްކޮޅު ރޯދައާ ގުޅޭ ކަހަލަ ލިޔުންތަކަށް ބޮޑަށް އިސްކަން ދެވޭނެއެވެ.
ހުރިހާ ބޭފުޅުންނަށް ވެސް ބަރަކާތްތެރި ރަމަޟާން މަހަކަށް އެދެމެވެ. އަދި ކޮވިޑްގެ ނުރައްކަލުން ސަލާމަތްވެ އާދައިގެ ޙާލަތަކަށް އަވަހަށް ރުޖޫޢަވެވޭތޯ ދުޢާކުރަމެވެ. ރަމަޟާން މުބާރަކް! ރަމަޟާން ކަރީމް!
މުޞައްނިފް