އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (1)

. ހިމެނޭބަޔަކީ ސިޔަރަތު

އިބްރާހީމް ރަޝީދު މޫސާ

__________________________________________________

އިދާރީ ނޯޓެއް:

މިއީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ ހިނގާ ގަލަންކޮޅުން އެކުލަވައިލައްވައި ފަންވަތުގެ ކިޔުންތެރީންނަށް ހަދިޔާކުރެއްވި ވަރަށް އަގުހުރި ހަދިޔާއެކެވެ. މިއީ ކައު އިތުރު ރަސޫލާ (صلى الله عليه وسلم)ގެ މާތްވި ސީރަތުން ހޮއްވަވައިފައިވާ އޮއްޓަރުކޮޅެވެ. އޭގެ އަރަގެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މުޅި ސީރަތު އޭނާ މި ވަނީ ޚުލާޞާކުރައްވައި އޭގެ އަގުހުރި މުތީތަކާއި މީރުވަސް އަޅުގަނޑުމެންނަށް ހަދިޔާކުރައްވައިފައެވެ. ފަންވަތުގެ ކިޔުންތެރީންގެ ނަންފުޅުގައްޔާއި އެޑިޓަރުންނާއި މެނެޖްމެންޓްގެ ކިބައިން އަލްއުސްތާޛު އިބްރާހީމްރަޝީދު މޫސާގެ މި އަގުހުރި މަސައްކަތްޕުޅަށް ތަހުނިޔާ ދަންނަވައި މި މަތިވެރި ހަދިޔާއަށްޓަކައި ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ. 

__________________________________________________

1- ކައު ރަސޫލާ (صلى الله عليه وسلم) ގެ ބައްޕާފުޅަކީ ޢަބްދު الله ބިން ޢަބްދުލްމުއްޠަލިބުގެފާނެވެ. މަންމާފުޅަކީ  އާމިނަތު ބިންތު ވަހަބެވެ. 

2- ކައު ރަސޫލާ (صلى الله عليه وسلم) ގެ މައިކަމަނާ އެކަލޭގެފާނާއިގެން އާލާސްވެއިންނެވިތާ ދެ މަސް ފުރުނު ތަނާ ބައްޕާފުޅު ޢަބްދުﷲގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ.

3- ޢަބްދުاللهގެފާނު ތަރިކައިގެ ގޮތުގައި ދޫކުރައްވައިފައި ވަނީ 5 ޖަމަލާއި، ބަކަރިތަކަކާއި ޙަބަޝާގެ އަޅު ޖާރިޔާ ބަރަކާއެވެ. އޭނާ މަޝްހޫރުވެފައި ވަނީ  އުއްމު އައިމަނުގެ ނަންފުޅުންނެވެ.

4- މަޝްހޫރު ގޮތުގައި ކީރިތި ރަސޫލާ (صلى الله عليه وسلم) އުފަންވެ ވަޑައިގަތީ ފީލުބާގައިގެ މީހުން  ގެފުޅު ތަޅައިލާން އައި އަހަރުގެ ރަބީޢުލްއައްވަލު މަހު 12ވަނަ ދުވަހުއެވެ. 

5- އެކަލޭގެފާނަށް ހަތް ދުވަސްވީ ދުވަހު ކާފާފުޅު ޢަބްދުއްމުއްޠަލިބުގެފާނު ރަސޫލާ ޚިތާނުކުރައްވައި  މުޙައްމަދުގެ ނަމުން ނަން ދެއްވިއެވެ. 

6- މައިކަމަނާ އާމިނަތުގެފާނު ރަސޫލާ (صلى الله عليه وسلم) އަށް ކިރުފޮދު އެރުއްވީ ހަމަ އެންމެ 3 ދުވަހުއެވެ. އެއަށްފަހު އެކަލޭގެފާނަށް ކިރުފޮދު އެރުއްވީ އަބޫ ލަހަބު މިނިވަންކުރި އަޅު އަންހެނާ ޘުވައިބާ އެވެ. ރަސޫލާ ޘުވައިބާގެ އަރިހުން ކިރުފޮދު ހިއްޕެވީ އެކަމަނާގެ ދަރިކަލުން މަސްރޫޙު އާ އެކުގައެވެ. 

7- ޘުވައިބާ ކިރުފޮދު އެރުވި ބޭކަލުންގެ ތެރޭގައި ޙަމްޒަތުގެފާނާއި އަބޫ ސަލަމަތު ބިން ޢަބްދުލް އަސަދު ވެއެވެ.

8- އެއަށްފަހު ރަސޫލާ (صلى الله عليه وسلم) އަށް ކިރުފޮދު އެރުއްވީ ސަޢުދު ވަންހައިގެ ޙަލީމަތުގެފާނެވެ. އެކަލޭގެފާނު ޙަލީމަތުގެފާނު އަރިހުން ކިރުފޮދު ހިއްޕެވީ އެކަމަނާގެ ބޭފުޅުން: ޢަބްދު الله އާއި، އައްޝައިމާ އާއި،އަނީސާއާއެކުގައެވެ.

9- އެއްކިރުވުމުގެ ގޮތުން ރަސޫލާގެ އަޚުންނާއި އުޚްތުންނަކީ :-

    - ޙަމްޒަތުގެފާނު

    - އަބޫ ސަލަމަތު

    - އަބޫ ސުފްޔާން

    - މަސްރޫޙު

    - ޢަބްދުالله

    - އައްޝައިމާއު

    - އަނީސާ

10- ރަސޫލާ (صلى الله عليه وسلم) ގެ ޢުމުރުފުޅުން ހަތް އަހަރުގައި ޖިބްރީލިގެފާނު ވަޑައިގެން އެކަލޭގެފާނުގެ މޭފުޅު ފަޅުއްވައި ހިތްޕުޅުގެ ތެރެއިން ކަޅު ގަނޑު ލޭކޮޅެއް ނަންގަވައި ޒަމްޒަމުފެނުން އެކަލޭގެފާނުގެ ހިތްޕުޅު ދޮންނަވައި ސާފު ޠާހިރު ކުރެއްވިއެވެ. 

11- އެއަށްފަހު ޖިބްރީލުގެފާނު ރަސޫލާ (صلى الله عليه وسلم) ގެ ބުރިކަށިފުޅުގައި ނަބީކަމުގެ ސިއްކަ ޖެއްސެވިއެވެ. އެ ހިސާބުން ފެށިގެން ރަސޫލާ (صلى الله عليه وسلم) ގެ މައްޗަށް ޝައިޠާނާއަށް ބާރު ފޯރުވުން ނެތިގެންގޮސް އެކަލޭގެފާނަށް ހުރިހާ ނުބައި ޢަމަލުތަކަކުންނާއި ބަސްތަކަކުން ޙިމާޔަތް ލިބިވަޑައިގެންނެވިއެވެ. 

12- ނަބީކަމުގެ ސިއްކައަކީ ބުރިކަށިފުޅުގައި ހިތްޕުޅާ ސީދާ ވާގޮތަށް  ނުކުމެފައިވާ ކުޑަކުޑަ މަސްކޮޅެކެވެ. މި މަސްކޮޅުގެ ބޮޑުމިނަކީ ކޮތަރު ބިހެއްގެ ބޮޑުމިނެވެ. 

13- ޙަލީމަތުގެފާނުގެ އަރިހުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު ރަސޫލުاللهގެފާނު އެކަލޭގެފާނުގެ މައިކަމަނާ އާމިނަތުގެފާނުގެ  އަރިހަށް ގެންދެވުނެވެ. 

14- މައިކަމަނާ އާމިނަތުގެފާނު، ރަސޫލާ (صلى الله عليه وسلم) ގެ ޢުމުރުފުޅުން ހަ އަހަރުގައި މި ދުނިޔެ ދޫކުރެއްވިއެވެ.

15- އާމިނަތުގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ބެލެނިވެރިއަކަށް ވެވަޑައިގަތީ ކާފާފުޅު އަބްދުލް މުއްޠަލިބުގެފާނެވެ. ރަސޫލާގެ ޢުމްރުފުޅުން 8 އަހަރުގައި ޢަބްދުލް މުއްޠަލިބުގެފާނު އަވަހާރަވެއްޖެއެވެ. 

16- ކާފާފުޅު ޢަބްދުލް މުއްޠަލިބުގެފާނު އަވަހާރަވުމުން ރަސޫލާ ބެއްލެވުމާ ޙަވާލުވެވަޑައިގަތީ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނެވެ. އަބޫ ޠާލިބުގެފާނަކީ ރަސޫލާގެ ބަފާކަލުން ޢަބްދުاللهގެފާނާ އެއްބަނޑު އެއްބަފައި ބޭފުޅެކެވެ. އަބޫ ޠާލިބުގެފާނުގެ އަރިހުގައި އުޅުއްވިއިރު ބަކަރިހުއިހެއްޕުވުމުގެ މަސައްކަތް ކުރެއްވިއެވެ. 

17- ރަސޫލާ (صلى الله عليه وسلم) ޙަރްބުލް ފިޖާރު (ފިޖާރު ހަނގުރާމަ) ގައި ބައިވެރިވެ ވަޑައިގަތެވެ. އެއިރު އެކަލޭގެފާނުގެ ޢިމުރުފުޅަކީ 15 އަހަރެވެ. މި ހަނގުރާމަ ހިނގީ މީލާދީން 590ވަނަ އަހަރު ކިނާނަތު ޤަބީލާއާއި ޤައިސު ޤަބީލާތަކާ ދެމެދުގައެވެ. ޤުރައިޝުން މި ހަނގުރާމައިގައި ބައިވެރިވީ ކިނާނަތު ޤަބީލާއާއެކުގައެވެ. 

18- ރަސޫލާ (صلى الله عليه وسلم) ޙިލްފުލް ފުޟޫލު އެއްބައިވުން ދެކެވަޑައިގެންނެވިއެވެ. މިއީ މީލާދީން 590ވަނަ އަހަރު ޤުރައިޝުން އަނިޔާވެރިކަމާދެކޮޅަށް ތެދުވުމަށް ޢަހްދުކަށަވަރުވެ އެއްބަސްވިއެއްބަސްވުމެކެވެ. މި އެއްބަސްވުން ޤާއިމުކުރެވުނުއިރު ރަސޫލާގެ ޢުމުރުފުޅަކީ 20 އަހަރެވެ. 

19- ރަސޫލުاللهގެފާނުގެ ޢުމުރުފުޅުން 25 އަހަރުގައި ޚަދީޖަތުގެފާނުގެ ވިޔަފާރިއާއިގެން ޝާމުކަރައަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ޚަދީޖަތުގެފާނުގެ އަޅު ކުއްޖަކު ކަމުގައިވާ މައިސަރާ ރަސޫލާއަށް އެހީވުމަށް ފޮނުއްވިއެވެ. 

20- ރަސޫލާ ޚަދީޖަތުގެފާނާ ކާވެނިފުޅު ބައްލަވައިގަތީ ޢުމުރުފުޅުން 25 އަހަރުފުޅުގައެވެ. އެއިރު ޚަދީޖަތުގެފާނުގެ ޢުމުރުފުޅަކީ 40 އަހަރެވެ. ޚަދީޖަތުގެފާނުގެ ނަންފުޅަކީ  ޚަދީޖާ ބިންތު ޚުވައިލަދެވެ. ރަސޫލާއަށް އެކަމަނާގެ ކިބައިން ލިބިވަޑައިގެންނެވީ ބޭފުޅުންނަކީ :-

    - އަލްޤާސިމު

    - ޒައިނަބު

    - ރުޤިއްޔާ

    - އުއްމު ކުލްޘޫމު

    - ފާޠިމަތު

    - ޢަބްދު الله 

21- ޤުރައިޝުން ގެފުޅު ބިނާކުރީ ރަސޫލާ (صلى الله عليه وسلم) ގެ ޢުމުރުފުޅުން 35 އަހަރުގައެވެ. އަލްޙަޖަރުލް އަސްވަދު އޮންނަންވާ ތާނގައި ބާއްވައިދެއްވީ ރަސޫލާގެ މާތް ދެ އަތްޕުޅުންނެވެ.

22- މާތް الله، ކީރިތި ރަސޫލާ (صلى الله عليه وسلم) ޖާހިލިއްޔަތުގެ ހަޑި މުޑުދާރު އެންމެހައ ޢަމަލުތަކުން ރައްކައުތެރިކޮށް ދެއްވިއެވެ. އެކަލޭގެފާނު ބުދަކަށް ސަޖިދައެއް ނުޖައްސަވައެވެ. ރާއެއް ނުހިއްޕަވައެވެ. ޖާހިލީ ޒަމާނުގެ އެއްވެސް ފާޙިޝް ޢަމަލެއް ނުކުރައްވައެވެ. އިތުރުފުޅެއް ނަހައްދަވައެވެ. 

23- ރަސޫލާ  (صلى الله عليه وسلم) : 

    - ރަޙިމުގެ ގުޅުން ވާޞިލު ކުރެއްވިއެވެ.

    - އަމާނަތްތެރިކަމާއި ތެދުވެރިކަމުގައި ލާމަސީލު ބޭކަލެއްކަމަށް މަޝްހޫރުވިއެވެ.

    - މަތިވެރި ރިވެތި ޚުލުޤުތަކުގެ ވެރި ބޭކަލަކު ކަމުގައި ވިއެވެ.

24- ސާޅީސް އަހަރުފުޅު ވަމުން ދިޔައިރު ނަބީކަމުގެ އަސަރުތައް ފެނިވަޑައިގަންނަވަމުން އައެވެ. އެއީ

    - އަވަހާރަފުޅުގައި  ތެދު  ހުވަފެންފުޅުތައް ފެނިވަޑައިގަތުން

    - ގިނިކަންޏާވެ ވަޑައިގަތުމަށް ލޯބިކުރެއްވުން

    - ގަސްގަހާގެއްސާއި ހިލަގަނޑުގަނޑު އެކަލޭގެފާނަށް ސަލާން ދެންނެވުން

    - މަލާއިކަތުންގެ ނޫރު ފެނިވަޑައިގަތުން

25- ސާޅީސް އަހަރުފުޅުވުމުން ޙިރާ ފަރުބަދައިގެ ހޮހަޅަތެރޭގައި އިންނަވަނިކޮށް ވަޙީގެ މަލާއިކަތާ ވަޑައިގެން ވަޙީގެ ބަސްފުޅުތައް (ޢަލަޤު ސޫރަތުގެ ފުރަތަމަ 5 އާޔަތް) ބާވައިލެއްވުން

26- ދުވަސްކޮޅަކަށް ވަޙީ މެދުކެނޑިގެން ދިޔުމަށްފަހު އަލުން ވަޙީ ބާވައިލައްވާން ފެށުން. ޢަލަޤު ސޫރަތުގެ ފުރަތަމަ ފަސް އާޔަތަށްފަހު ދެން ބާވައިލެއްވީ އައްމުއްދައްޘިރު ސޫރަތުގެ ބައެއް އާޔަތްތަކެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟