އަދުގެ ޚާއްސަ

Print

މަޢާފު (3)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު (ހއ. ދިއްދޫ)

(30 އެޕުރީލު 2020 ގައި ޝާއިޢުކުރިބައާ ގުޅޭ)

ރިސޯރޓްގައި ހުންނައިރު އާންމުކޮށް ޑަންލޮޕާއި ކޯލަވާޓަރުގެ ވަސްބަލައިލުން ފިޔަވައި އިތުރު ކަމެއް ނުކުރެވެއެވެ. 

***

އުނަގަނޑަށްދޫ ޖީންސް ލައިގެން ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރެ ނާހިޒު ފެރީއަށް އަރައިފިއެވެ. މާލެދާށެވެ. ރާވައިފައިވާ ގޮތާ އެއް ގޮތަށް ކަންކަން ކުރުމަށްޓަކައި ގުރޫޕު އެންމެން ދިޔައީ މާސްކާއި އަންގީ ފަދަ ތަކެތި ހިފައިގެންނެވެ. މާލެ ދަނީ ލިބޭ އެއް ދުވަހުގެ ޗުއްޓީއަކަށް ވިޔަސް ކޮންމެވެސް ބަހަނާއެއް ދައްކައިގެން ދެދުވަސް ނޫނީ ތިންދުވަސް އިތުރަށް ހޯދުމަކީ ނާހިޒުގެ އާދައެވެ. ލީޒާ އަށް އެންގީ މާލެ ދަނީ އެއްދުވަހަށް ކަމުގައެވެ. ހެނދުނުގެ ފެރީން ގޮސް ހަވީރު ފުރަން ޖެހޭކަމުގައެވެ. ގެސްޓުން ގިނަކަމުން ބިޒީ ދުވަސްކޮޅަކަށް ވާތީ ފޯނު ވެސް ނުކުރެވި ދާނެކަމުގައި ލީޒާ ގާތުގައި ނާހިޒު ބުނަމުން ދިޔައެވެ. 

"ހުސްވަގުތެއް ވާއިރަށް އަވަހަށް ގުޅައްޗޭ. ނާހިޒާ ވާހަކަ ނުދައްކައި އެހާ ގިނައިރަކު ނުހުރެވޭނެ." ލީޒާ ވާހަކަ ދައްކަމުން ދިޔައީ ދެރަވެފައި ހުރެއެވެ. 

"ވައިބަރ ކުރެވޭނެ. ނޫނީ އެސް.އެމް.އެސް ކުރެވޭނެ، ހުސްވަގުތެއް ނުލިބުނަސް. ބޭބީ ހާސްނުވޭ." ނާހިޒު ބޭނުންވަނީ ކުރިއަށް އޮތް ދެދުވަހު ލީޒާއާ ވާހަކަނުދައްކައި ހުރުމަށެވެ. އެހެންނޫނީ ލީޒާއަށް އޭނާގެ ގޮތް އެނގިދާނެތީއެވެ. ނަސީބު ވެސް ރަނގަޅެވެ. ލީޒާ އެ ގޮތަށް އެއްބަސްވިއެވެ. 

***

ރޭވި ރޭވުމާ އެއްގޮތަށް ނާހިޒުގެ ގްރޫޕް ދިޔައީ މަޝްހޫރު އޮފީހަކަށް ފާރަލަމުންނެވެ. އެ އޮފީހުގެ ކޮންމެ ތަނެއް އެމީހުން ހިތުދަހެވެ. ރާއްޖޭގެ މަޝްހޫރި މިލިއަނަރުގެ އޮފީސް ފަޅައިލެވިއްޖެ ނަމަ ވަރަށްގިނަ ފައިސާ އަތުވާނެކަން އެނގެއެވެ. އެ އޮފީސް ދޮރުމަތީގައި ޑިއުޓީއަށް ތިބެނީ މުސްކުޅި ދެމީހުންނެވެ. އޮފީހުގެ ކެމެރާ ހުންނާނެ ތަންތަން ކުރީން ވެސް އޮތީ ފާހަގަކުރެވި ނިމިފައެވެ. މެންދަމުން އަލިވެ އެކެއްޖެހި ފަހުން ގާޑުންނަށް ތިބި ދެމީހުން ނިދިޖެހިފައި ތިއްބައި މޫނު ނިވައިކޮށްގެން ތިބި ބަޔަކު އައިސް އެ ދެމީހުންގެ ދެއަތް ފުރަގަހަށްލައި ގޮނޑިއާއެކު ބަނދެފިއެވެ. އެ މީހުން ބަނުމާއި، އޮފީހުގެ  ކެމެރާތައް ތެޅުމާ ދިޔައީ އެކުއީގައެވެ. އޮފީހުގައި ހުރި ތިޖޫރީ ހަލާކުކޮށްލާކަށް ނާހިޒުމެންނަކަށް އުނދަގުލެއް ނޫނެވެ. މޮޅު އާލާތްތައް އުފަންވެފައިވާ ޒަމާނަކަށް ވުމުން ދިހަވަރަކަށް މިނިޓް ތެރޭގައި އެ ކަން ކޮށް ނިމިއްޖެއެވެ. ފައިސާތައް ދަބަހަށް އަޅައިގެން ނިކުމެ އެމީހުން ދާންވާ ހިސާބަކަށް ދިޔައިރު އެއްކަލަ ދެމުސްކުޅިން ތިބީ ލޮލުން ކަރުނަ ހިލިފައެވެ. ހަޅޭއްލަވާނެ ގޮތެއް ނޫނީ ފޯނުން މީހަކާ ގުޅޭނެގޮތެއް ނެތެވެ. އަނގަމަތީގައި ޓޭޕުއަޅައި، އަތް ބަނދެފައި ވަގުން ކުރިމަތީން އެ ދިޔައީ އެތައް ބައިވަރު ފައިސާތަކެއް ހިފައިގެންނެވެ.  

ޑިސެންބަރު މަހުގެ އަށާރަ ވަނަ ދުވަހެވެ. މުޅި ގޭތެރެ ހަލަބޮލި ވެއްޖެއެވެ. ލީޒާގެ މަންމަ ދެރަވެފައި ހުރި ނަމަ ވެސް ހިނިތުންވެ ހުރެ، ގޭތެރެ ޒީނަތްތެރި ކުރުމުގެ ހުރިހާ ކަމަކަށް ލަފާދެމުން ދިޔައެވެ. މުޅި ހޯލުތެރެ ޒީނަތްތެރި ކޮށްފައި އޮތް ގޮތުން ގަނޑުވަރަކާ ވަކި ތަފާތެއް ނެތެވެ. ކައިވެނިކުރާ ވަގުތު ކައިރިވުމުން ލީޒާ އުޅުނީ ތައްޔާރުވުމުގައެވެ. މަންމަ ދެރަވެ ދެރަވެފައި އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. 

"ދަރިފުޅާ. ކައިވެންޏަށްފަހު ދަރިފުޅުގެ ޒިންމާތަކާމެދު ވިސްނައްޗޭ. މިހާރު ތީ ހަމައެކަނި މީހެއްގެ އަންހެން ދަރިއެއް ނަމަވެސް ކައިވެންޏަށްފަހު ވާނެ މީހެއްގެ އަތްނބަކަށް.  ފިރިމީހާ އަށް ކިޔަމަންވުމަކީ ދަރިފުޅުގެ ވާޖިބެއްކަން ހަނދާން ކުރައްޗޭ! ކައިވެންޏަށްފަހު ފިރިމީހާގެ ބަސް ޤަބޫލުކޮށްގެން ރަނގަޅަށް އުޅެން މަސައްކަތް ކުރާތި! ދަރިފުޅު ކައިވެނި ތިޔަ ކުރަނީ ޅަޢުމުރުގައި. މަންމަމެން ކައިރިން ދުރަށް، މާދުރު ރަށަކަށް ތިޔަ ދަނީ. ދަރިފުޅަށް ހިތާމަވެރި ކަމެއް އަދި އުފާވެރިކަމެއް އަންނަ ކޮންމެ ވަގުތަކު މަންމަގެ މަތިން ހަނދާން ކުރައްޗޭ. އިސްލާމްދީނުގެ ވާޖިބުތައް ކޮންމެ ޙާލެއްގައިވެސް އަދާކުރާތި. ޚާއްޞަކޮށް ފަރުޟު ފަސްނަމާދަށް ރައްކާތެރިވާތި." މަންމަގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށުމުން އަވަސް އަވަހަށް ލީޒާގެ ބޮލުގައި ފިރުމާލާފައި އެ ކޮޓަރީން ނިކުމެއްޖެއެވެ. 

މިއަދު އެ މަންމަ ހިތްދަތިވަނީއެވެ. ދޭތެރެއަކުން ލޮލުން ކަރުނަ ހިލެއެވެ. ދަރިފުޅުގެ އުފަލަށްޓަކައި އެ މަންމަ މަޑުން ހުއްޓަސް ނާހިޒު ފެނުމުން އެ މަންމަގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. 

ނާހިޒުގެ މަންމައަށް އޭނާ ކައިވެނި ކުރަން އުޅޭކަން އެންގީ ކައިވެނިކުރާ ވަގުތު ކައިރިވުމުންނެވެ. ޖަހުޒާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ކައިވެނިކޮށްގެން މަންމަ ގާތަށް ޅީދަރިފުޅު ގޮވައިގެން ދާވާހަކަ ބުނުމަށް ފަހު ފޯނު ކަނޑާލައިފިއެވެ. 

" މަށަށް އެހުރީ ދަރިއެއް ލިބިފަ. ކޮންމެ ކަމެއްވެސް އެ އަންގަނީ އެންމެ ފަހުވަގުތު. މާ އަވަހަށް ބޮޑުމީހަކަށް ވެގެން އެ އުޅެނީ. ކީއްކުރާނީ؟" އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ޖަހުޒާ ބޯހޫރައިލިއެވެ. 

ކައިވެނި ކޮށްނިމުމާއެކު ޕާޓީ ފެށިއްޖެއެވެ. ޕާޓީއަށް އައި ގިނަ އަންހެން ކުދީންގެ ލޯތައް އަމާޒުވަމުން ދިޔައީ ނާހިޒަށެވެ. ލީޒާގެ އެކުވެރިން ދިމާކުރުމުގެ ގޮތުން ވާހަކަ ދައްކަމުން ހެމުން ދިޔައެވެ.

"ފިރިމީހާ ރަނގަޅަށް ބަލާތި. އެހެންނޫނީ ހަތަރެއް ހަމަކޮށްފާނެ." ލީޒާގެ އެކުވެރިއަކު މަޖަލަށް ބުންޏެވެ. ލީޒާ ހިނިތުންވެލިއެވެ. 

ދިގު ދަތުރަކަށްފަހު ލީޒާއަށް ނާހިޒުގެ ރަށަށް ދެވިއްޖެއެވެ. ޖަހުޒާގެ ދެމަފިރިން ނާހިޒާމެދު ހިތްހަމަ ނުޖެހުނަސް ލީޒާއަށް މަރުޙަބާކީ ހިނިތުންވުމާ އެކުއެވެ. އަންހެން ދަރިއަކު އެދެމަފިރިންނަށް ލިބުނު ކަމުގެ އިޙުސާސް ކުރެވުނެވެ. އަދި ދެ ކުދީން އަބަދުވެސް ރަނގަޅަށް އުޅޭން ޖަހުޒާ ނަޞޭޙަތް ދިނެވެ. 

ރަށަށް އައިތާ ފުރަތަމަ ދުވަސްކޮޅު ނާހިޒުގެ އުޅުން ވަރަށް ރަނގަޅެވެ. ސިނގިރެޓެއް ވެސް ބޯތަނެއް ނުފެނެއެވެ. އެ ބަދަލު އައީ ލީޒާގެ ސަބަބުންކަން ޖަހުޒާއަށް ވިސްނުނެވެ. ލީޒާއަކީ ޅަޢުމުރުގައި ވެސް ހަރުދަނާ ކުއްޖަކަށްވީތީ ޖަހުޒާ އުފާވިއެވެ.  

"ލީޒާ. ކިހާދުވަހެއްގެ ޗުއްޓީއެއް ނަގައިގެން ނާހިޒު އެ ހުރީ." ޖަހުޒާ އެހިއެވެ. 

"ސާޅީސް ފަސްދުވަސް." ފިޔާކޮށަން އިން ލީޒާ ލޯފޮހެލަމުން ބުންޏެވެ. ފިޔާކޮށުމަކީ އަބަދުވެސް ލީޒާގެ ލޮލުން ކަރުނަ އަންނަ ކަމެކެވެ.

ސްކޫލްތައް ހުޅުވުމާއެކު ލިޒާއަށް ނާހިޒުގެ ރަށުން ޓީޗަރެއްގެ ވަޒީފާ ހަމަޖެހުނެވެ. މުޅި ދުވަހުގެ ގިނަ ވަގުތު ސްކޫލްގައި ލީޒާ ހޭދަކުރާން ޖެހުމުން ގޭގައި ފޫހިވާކަމަށްބުނެ ނާހިޒު ބޭރަށް ނިކުންނަން ފަށައިފިއެވެ. ގްރޫޕް ހަދައިގެން ރަށުގެ ތުނޑިމަތީގައި މަސްތުވާ ތަކެތި ބޭނުންކުރަން ފެށިއެވެ. 

"ހުއްޓައިލާނަމޭ ކިތަންމެ ވަރަކަށް ހިތަށް އެރިއަސް މި ކަމެއް ނުހުއްޓޭނެ. މިއަށް ބޭނުންވެގެން ހުންނަތާ ކިހާ ދުވަހެއް؟ މީގެ އެތިކޮޅެއް އެތެރެ ނުވަންޏާ.. ހަށިގަނޑުގެ ..އެތެރެ ... ހީވަނީ... ކުދިކުދި.. ވެފައި ... ހުންނަހެން." އާހިލަށް ބަލަމުން ނާހިޒު އަޅައިގަންނަމުން ވާހަކަދައްކަމުން ދިޔައެވެ. އެ ގްރޫޕްގައި ދެ ފިރިހެނުންގެ އިތުރަށް ދެ އަންހެން ކުދީން ވެސް ހިމެނެއެވެ. އެމީހުން މަސްތުގެ ޙާލަތުގައި ތިބެ އެކަކު އަނެކަކުގެ އަތާ އަތްގުޅި، ނިތާ ނިތް ޖެހިއްޖެއެވެ. 

އެހެން ދުވަހެކެވެ. "ކޮބައިތަ އެއްކަލަ މުނާ. ކުރިން ދެއްކީމެއްނުން. އަޅައިގަނެގެން އުޅޭ ކުއްޖެއްގެ ވާހަކަ." އާހިލް ޖޯލިފަތީގައި އިށީންނަމުން އެހިއެވެ. 

" އޭނާ އުޅެނީ މޮޔަވެގެން. ދުވާލަކު އެތައްފަހަރަކު ގުޅަމޯ. ފޯން އޮންނަނީ ނިއްވާލާފަޔޭ އޭނާބުނެފި. އަހަރެން ބުނިން މިހުރީ ރާއްޖޭން ބޭރުގައޭ. މި މަހު ފަހުކޮޅުއޭ ރާއްޖެދާނީ. އެ ފޯނު އޮންނާނީ ރިސޯޓްގައި. އެހެންނޫނީ އަހަރެންގެ ދުވަސް ދިޔައީސް ލީޒާގެ ކުރިމަތީގައި." ނާހިޒު ހެމުން ހެމުން ވާހަކަ ދެއްކިއެވެ.

(ނުނިމޭ) 

އިދާރާ

އެނގޭތަ؟

ވާހަކަ