އަދުގެ ޚާއްސަ

Print

މަޢާފު (5)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(2 މެއި 2020 ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

"ކާން ހަދައިގެން ހުންނަތާ ކިތަންމެ އިރެއްވެއްޖެ. ނާހިޒު ގެއަކަށް ނާދޭ. ފޯނެއް ވެސް ނުނަގާ." ލީޒާގެ ވާހަކަ އަޑުއިވުމުން ހުޖޫދު ކަންބޮޑުވެއްޖެއެވެ. ހުޖޫދު ގެއަށް އަންނައިރު ވެސް ނާހިޒު ގިނަ ފަހަރު ގޭގައި އުޅޭ ވަގުތަކާ ދިމައެއް ނުވެއެވެ. ހުޖޫދު، ރަށުގައި މީހުން އެއްވެ އުޅޭ، ވަރަށް ގިނަ ސަރަޙައްދު ބަލައިފިއެވެ. ނާހިޒެއް ނުފެނުނެވެ. އެނބުރި ގެއަށް ދިޔަ މަގުމަތީގައި ޖަޢުފަރުބެއާ ދިމާވެއްޖެއެވެ. 

"ހުޖޫދު. މިގަޑީގައި ކޮންތާކުން ތިއަންނަނީ. އެހެންޏާ ރޭގަނޑު މިގަޑީގައި މަގެއްގެ މަތިން ފެންނަ މީހެއް ނޫން ތީ."

"ނާހިޒު ގެއަށް ނާންނާތީ ވީތަނެއް ބަލާލަން ނިކުތީ." ހުޖޫދު ބުންޏެވެ. 

"ދެންމެ ނާހިޒު ގޮސް ގެއަށް ވަންނަނިކޮށް ދުށިން. ހުޖޫދު އެސޮރު އުޅޭގޮތް ރަނގަޅަށް ބަލައްޗޭ. ގޯސްމަގަކުން ހިނގާހެން ބޭބެއަށް ހާދަހީވޭ." އެހެން ބުނުމަށްފަހު ޖަޢުފަރުބޭ ހިނގައްޖެއެވެ. ދެންމެ އެއިވުނު ޖުމްލަ އާއިމެދު ހުޖޫދު ވިސްނަމުން ދިޔައެވެ. ގޯސްމަގުން ގިނަކުދީން ދިއުމުގެ ފުރުޞަތު އޮންނަނީ ޢާއިލީ މައްސަލަތަކުގެ ސަބަބުންނެވެ. އެކަމަކު އެޢާއިލާގައި އެކަހަލަ ކަމެއްނެތެވެ. ދެންހުރީ ނާހިޒުގެ އަންހެނުންނެވެ. ކިޔަމަންތެރި ޚުލްޤުހެޔޮ ޒިންމާދާރު އަންހެންކުއްޖެކެވެ. ނާހިޒު ގޯސްމަގަކުން ހިނގަންވީ ސަބަބު ކޮބައިބާވައެވެ. ވިސްނުމުގައި ހުރެ ގެއަށް އައިސް ކޮޓަރިއަށް ވަދެވުނުއިރުވެސް ހުޖޫދު ހުރީ އިސްޖެހި ދެރަވެފައެވެ. 

"މޫނުމަތިން ބާރަޖަހާފައި ހުރިހެން މީހާ ތިހިރީ ކިހިނެއްވެފަ؟ މުނާހުރި ގޮތްފެނިފައި އޭނާގެ އެކުވެރި ޒާނާ އަހަމުން ދިޔައެވެ. 

"ކަމެއްނުވޭ." މުނާ އިސްޖަހާލިއެވެ. މުނާއާއި ޒާނާ އެކުވެރިކަން ކުޑައިރުން ފެށިގެން އޮވެއެވެ. ކޮންމެ ކަމެއް ދިމާވިއަސް ދެމީހުން އެވާހަކައެއް އެކަކު އަނެކަކާ ހިއްސާކުރެއެވެ.

"ރަނގަޅަށް ބުނެބަލަ. ކިހިނެއްވީ." ޒާނާ ހުރީ ދޫކުރާ ކަހަލަ ޚިޔާލެއްގައެއް ނޫނެވެ. 

"ނާހިޒުގެ ޚަބަރެއް ނުވާތާ ދުވަސްކޮޅެއް ވެއްޖެ. ރާއްޖެއަންނަން ބުނި ދުވަސް ހިނގައްޖެ. އެފް.ބީން ވެސް ދިމާނުވޭ. ނާހިޒާ ވާހަކަ ދައްކާ ހިތްވަނީ. އަބަދު އޭނާ އޮންގަ އިނދޭތޯ ބެލެވޭ. ގިނަދުވަސްތަކެއް ވާންފެށުމުން އެކަމާ ކަންބޮޑުވަނީ." މުނާގެ ލޮލުން ކަރުނަ އަންނަން ފަށައިފިއެވެ. މޫނު އަނބުރާލުމަށް ކަރުނަ ފޮހެލީ ޒާނާއަށް އެކަރުތައް ނުދައްކަން ވެގެންނެވެ.  

"މީހަކު ދެކެ ތިހާ ވަރަށް ލޯބިވާކަށް ނުވާނެ. އަދި އަމުދުން ނުވެސް ފެންނަ މީހަކު ދެކެ މާބޮޑަށް ތިލޯބި ވެވެނީ." ޒާނާ ބޭނުންވީ މުނާއަށް ވިސްނައިދޭށެވެ. ޗެޓްކޮށްގެން ހޯދާމީހުން ކިހާވަރަކަށް ލަނޑުދީފައި ވާކަން އެންމެ ރަނގަޅަށް އެނގޭނީ މުނާއަށެވެ. މުނާ އެކަހަލަ އެތައް ނާހިޒަކާ ދިމާވެފައި ވެއެވެ. އެންމެންވެސް ހަދަނީ ދޮގެވެ. 

ފަތިސްވުމާއެކު މީހުން ރަށުތެރޭގައި ހޭލަމޭލަވާން ފަށައިފިއެވެ. މުސްކުޅި ޢުމުރު ފުރައިގެ މީހުން މިސްކިތަށް ދާތަން ފެނެއެވެ. އޭގެ ކުޑައިރު ކޮޅެއްފަހުން ބިންމައްޗަށް އަލިކަން ފެތުރުމާއެކު ސްކޫލް ކުދީން ސްކޫލަށްދާ މަންޒަރު ފެންނަން ފަށައިފިއެވެ. ލީޒާ އެތައްފަހަރަކު ފަތިސްނަމާދަށް ނާހިޒަށް ގޮވިއެވެ. ނާހިޒުގެ ހިލަމެއް ނެތެވެ. ލީޒާ ފަތިސްނަމާދު ކޮށްނިމުމާއެކު ބަދިގެއަށްވަދެ ސައިތައްޔާރުކުރިއެވެ. އެއަށްފަހު ތައްޔާރުވެގެން ސްކޫލަށްދިއުމަށް ގެއިން ނިކުމެއްޖެއެވެ. 

ލީޒާ ކުލާހަށްވަނުމާއެކު ހުރިހާ ދަރިވަރުން ކެތްތެރިކަމެއްނެތި ތިބީ މިއަދު ކިޔައިދޭނެ އާދަޔާ ޚިލާފު ޙާދިޘާ އަޑުއެހުމަށެވެ. 

"މުދައްރިސް އިއްޔެ ލިޔަންދިން ބައި ލިޔެނިމިއްޖެ. ދެން އާދަޔާޚިލާފު ޙާދިޘާ އަކީ ކޮބައިތޯ؟ އެހިސާބުން ފައްޓަވާ." ރާޝިހު ބުންޏެވެ. އެއާއެކު ހުރިހާކުދީން ހަމަހިމޭންވެއްޖެއެވެ. 

"ކީރިތި ރަސޫލާ މުޙައްމަދު ﷺ ތުއްޕުޅު ދުވަސްވަރު އެޢުމުރުގެ ކުދީންނާއެކު ކުޅުއްވަން ހުންނެވި. ޖިބުރީލް ޢަލައިހިއްސަލާމް ވަޑައިގެން އެކަލޭގެފާނުގެ މޭފުޅުއިރުއްވާ، ހިތްޕުޅު ނެންގެވުމަށްފަހު ޒަމްޒަމްފެނުން ދޮވެ ސާފުކުރެއްވި. އެޙާދިޘާ އަށްފަހު ޙަލީމަތު ސަޢުދިއްޔާ ކަންބޮޑުވެ ވަޑައިގެން ކީރިތި ރަސޫލާ މުޙައްމަދު ﷺ ޢާއިލާއާ ޙަވާލުކުރެއްވި. ކީރިތި ރަސޫލާ މުޙައްމަދު ﷺ ޢުމުރުފުޅުން ހައަހަރުފުޅުގައި އާމިނަތުގެފާނު ޝާމްކަރައަށް ނުވަތަ ޔަޘްރިބަށް ވަޑައިގެންނެވި. އެއީ ކީރިތިރަސޫލާގެ ބައްޕާފުޅު ޢަބްދުﷲގެފާނުގެ މަޤްބަރާއަށް ޒިޔާރަތްކުރެއްވުމަށާއި އެކަލޭގެފާނުގެ ޢާއިލާގެ ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް. އެދަތުރުން އެނބުރިވަޑައިގެންނެވި މަގުމަތީގައި އެކަމަނާވެސް ދުނިޔެ ދޫކުރެއްވި.  ކީރިތިރަސޫލާ އެނބުރި މައްކާއަށް ވަޑައިގެންނެވީ ޚާދިމާ އުއްމު އައިމަން އަރިހުގައި. ކީރިތި ރަސޫލާ ތުއްޕުޅު އިރުގައި ޔަތީމުވި. އޭގެފަހުން ކީރިތި ރަސޫލާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަލޭގެފާނުގެ ހުރިހާ ކަމެއް ބެލެހެއްޓެވީ ކާފާފުޅު ޢަބްދުލް މުއްޠަލިބުގެފާނު. ކީރިތި ރަސޫލާ މުޙައްމަދުﷺ ޢުމުރުފުޅުން އަށްއަހަރު ފުޅުގައި ޢަބްދުލް މުއްޠަލިބުގެފާނު އަވަހާރަވެއްޖެ. ދެން އެކަލޭގެފާނު ހުންނެވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެ ފާނުގެ އަރިހުގައި. ބޮޑުބޭބޭފުޅު ވެސް އެކަލޭގެފާނަށް ވަރަށް ކަމޭހިއްތެވި. ކީރިތިރަސޫލާ ދެރަފުޅުވާނެ އެއްވެސް ކަމެއް ކުރައްވާފައެއް ނުވޭ." ލީޒާގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ ކުއްޖަކު ސުވާލުކުރިއެވެ. 

"ކީރިތިރަސޫލާގެ މޭފުޅު އިރުއްވާ ހިތްޕުޅު ދޮންނެވީ ކީއްވެތޯ؟" 

"އެއީ ހިތްޕުޅުގައިވާ ލޭކޮޅެއްގެ ސަބަބުން ޝައިޠާނާގެ ބާރުފޯރުވާފާނެ ކަމަށް ޖިބުރީލް ޢަލައިހިއްސަލާމް ވިދާޅުވެފައިވޭ." އެހިސާބަށް ކިޔައިދެއްވުމަށްފަހު ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ ތުއްޕުޅުއިރުގެ ވާހަކަ މިހާހިސާބަށް ނިމުނީ ކަމުގައި ލީޒާ ބުންޏެވެ.

ދުވަހުގެ އިރު މެދު އުޑާހަމައަށް ފޯރިފަހުން ނާހިޒު ހިއްލާލައިފިއެވެ. ޖަހުޒާއަށް، ނާހިޒު ހޭލައިފިކަން އެނގުމާއެކު އޭނައަށް ކަމުދާ ކަޅުކޮފީތަށި ގިރައިގެން ގެންގޮސް ދިނެވެ. ޖަހުޒާ ހުރީ ނާހިޒާ ވާހަކަ ދައްކަން ބޭނުންވެފައެވެ. 

"ދަރިފުޅާ. ކިހިނެއްތަ ތިއުޅެނީ؟ ނަމާދަކަށް ސަޖިދަ ޖެހުމެއްނެތް. ގިނަވަގުތު އުޅެނީ ގެއިން ބޭރުގައި. ގޭގައި އުޅެންޏާ އަބަދު އޮންނާނީ ނިދާފައި. ކެއުމެއް ބުއިމެއް ނެތް. މީހާ ތިހިރަގެން އަނަރޫފަ ވަނީ. ކަމަކާ ވިސްނަނީތަ؟ ނޫނީ ލީޒާއާއި ދެކުދިން ދެބަސްވެގެންތަ ތިއުޅެނީ؟" މަންމަގެ ވާހަކަ އަށް ނާހިޒު ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނެ އެއްޗެއް ނޭނގިގެން އެންމެ ފަހުން ބުނެވުނީ މަންމައާ ދިމާއަށް ބުނަން ނުވާކަހަލަ ބަހެކެވެ. 

"އަހަރެން މިހުރީ މިހާރު ބޮޑުވެފައޭ. ކޮން އަނގައެއް ތަޅާކަށްތަ؟ މަ އުޅެންވީ ގޮތް އެނގޭނީ މަށަށް. ބޯފަޅައިގެންދާ ވަރަށް އަނގަގަދަކުރާނެ ކަމެއް ނެތް." ނާހިޒު ޖުމްލަތައް އަޑުއިވުމާއެކު ޖަހުޒާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ފެށިއެވެ. އަވަސް އަވަހަށް އެ ކޮޓަރިން ނިކުމެއްޖެއެވެ.

މެންދުރުފަހުގެ ވަގުތެއްގައި ޖަހުޒާ ނިކުތީ ގޯތިތެރޭގައި ހުރި ގަސްތަކަށް ފެންދޭށެވެ. އެވަގުތު ޖަހުޒާއަށް ފެނުނީ ނާހިޒު އެދިމާގައި ހުރި ޖޯލިފަތީގައި އޮށޯވެ އޮވެ ސިނގިރެޓް ބޮނިކޮށެވެ. މިފަހަކަށް އައިސް ނުފެންނަ މަންޒަރެއް ފެނުމާއެކު ޖަހުޒާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނީއެވެ. އެއަށްފަހު މަޑުމަޑުން ނާހިޒާ ދިމާއަށް ހިނގައިގަތެވެ. ޖޯލިފައްޗަށް ނާހިޒު ސޮހިފައި އޮތްގޮތް ފެނިފައި ޖަހުޒާ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. މުޅިމީހާ ތުރުތުރު އަޅަމުންދާ ޙާލު އެއީ ހަމައެކަނި ސިނގިރެޓް ނޫންކަން އެނގުނެވެ. ކައިރިއަށް ދެވުމުން ނާހިޒުގެ ލޯ ފެނުނެވެ. އަނގުރު އަލިފާން ގަނޑެއް ކަހަލަ ދެލޯފެނުމާއެކު ޖަހުޒާއަށް ރޮއެގަނެވުނެވެ. 

"ނާހިޒު. ތީތަ މަންމަ ދިން ތަރުބިއްޔަތަކީ. މާތްﷲ ޙަރާމް ކުރެއްވި ތަކެތީގެ ވަބާގައި ޖެހިގެން ތިއޮއްގެން ހަލާކުވަނީ. ތިޔަ ކަން ހުއްޓާލާ! ހަމަ މިހާރު ތިކަން ހުއްޓާލާ!" ޖަހުޒާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. ދަރިއަކު ގޯސްމަގުން ހިނގަންޏާ މަންމައަކަށް ކެތްވާނެ ހެއްޔެވެ؟

"އަހަރެން. ކައިރީ.. މިކަން.. ހުއްޓާލަން.. ބުނަން ތީ ކާކު. މިއާނުލާ މަށަކަށް.. ނޫޅެވޭނެ. ހުއްޓާލަން.. މަސައްކަތް.. ކުރިވަރަކަށް.. މިދެކެ ލޯބިވަނީ.. މިއީ މަގޭ ކާނާ.. މަގޭހަމަޖެހުން.. މަގޭދިރިއުޅުން." އަޅައިގަންނަމުން ނާހިޒު ވާހަކަ ދެއްކިއެވެ. ހަމަހޭގައި ނެތެއްކަމަކު އޭނާއަށް ދެއްކުނީ އޭނާގެ ހިތުގައި ހުރި ވާހަކަތަކެވެ. ޖަހުޒާ ރޮމުން ރޮމުން ގެއާދިމާއަށް ދިޔައެވެ. 

އެދުވަހަށްފަހު ޖަހުޒާ ކެއުމާ ވަރަށް ދުރުވެއްޖެއެވެ. އަބަދުހެން ނާހިޒުގެ ކަންކަމާ ވިސްނޭތީ ކާހިތްނުވަނީއެވެ. ލީޒާ އާއި ހުޖޫދު ވާހަކަ ދެއްކިއަސް ޖަހުޒާއަށް އަށް އިވޭކަމަކަށް ނުވެއެވެ. ލީޒާ ވިސްނަމުން ދިޔައީ މަންމައަށް މި ފަހަކަށް އައިސް ވެގެން އުޅޭގޮތަކާ މެދުއެވެ. އެންމެ ފަހުން ހުޖޫދާ ވާހަކަ ދައްކައިގެން ޑޮކްޓަރަށް ދައްކާން ގެންދިޔައެވެ. 

"ނާހިޒު. ގޭގައި އުޅޭވަގުތު މަންމަ ރަނގަޅަށް ބަލާތި. މަންމަ ލޭމައްޗަށް ދާވާހަކަ ޑޮކްޓަރ ބުނުއްވި." ލީޒާގެ ވާހަކައަށް ނާހިޒު ސިއްސައިގެން ދިޔައެވެ. ނާހިޒު އަވަސް އަވަހަށް މަންމަގެ ކޮޓަރިއަށް ދިޔައެވެ. 

"މަންމާ." ނާހިޒުގެ އަޑުއިވުމާއެކު ޖަހުޒާ ގާތަށް ރުޅިއަތުވެއްޖެއެވެ. 

"ކީއްކުރަން ތިޔަ އައީ މި ތަނަށް. މި މަންމަގެ ވާހަކަ އަޑުނީވޭ ދަރިއަކު އަންނާނެކަމެއް ނެތް. ކިހާ ވިޔާނުދާކޮށް ތިޔަ އުޅެވެނީ. މުސްލިމުން އުޅެންވާ ގޮތަށް އުޅެބަލަ! އަހަރެން ދަސްކޮށްދިނީ ގޯސްކަންތައް ކުރަންތަ، ތިޔަ ފާޑަށް ތިޔަ އުޅެނީ؟ އަހަރެން ބޭނުމެއްނުވޭ ތިޔަކަހަލަ ވިޔާނުދާކޮށް އުޅޭ މީހެއްގެ މޫނު ދެކޭކަށް." ޖަހުޒާ ރުޅި އައިސްގެން އިނދެ އެއްޗެހި ކިޔަމުން ގެންދިޔައެވެ. ނާހިޒު އިނީ މަންމަ ކިޔާނެ އެއްޗެއް ކިޔައި ނިމެންދެނެވެ. 

"މަންމާ. އެއީ އަހަރެންވެސް އުޅެން ބޭނުންވާ ގޮތެއް ނޫނޭ. އެކަމަކު މިކަމެއް ނުހުއްޓެވުނު. ކިތަންމެ ފަހަރަކު މިކަން ހުއްޓޭތޯ މަސައްކަތް ކޮށްފިން." ނާހިޒަށް ވާހަކަ ދައްކަމުން ގޮސް ރޮވިއްޖެއެވެ. ޖަހުޒާ ވެސް ރޮނީއެވެ. 

"ކޮންދުވަހަކު ފެށި ކަމެއްތަ ތިއައީ؟" ޖަހުޒާ ރޮމުން ރޮމުން ސުވާލުކުރިއެވެ.

(ނުނިމޭ)

އިދާރާ

ވާހަކަ