އަދުގެ ޚާއްސަ

Print

މަޢާފު (7)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

އެދުވަހަށްފަހު ޖަހުޒާ ކެއުމާ ވަރަށް ދުރުވެއްޖެއެވެ. އަބަދުހެން ނާހިޒުގެ ކަންކަމާ ވިސްނޭތީ ކާހިތްނުވަނީއެވެ. ލީޒާއާއި ހުޖޫދު ވާހަކަ ދެއްކިއަސް ޖަހުޒާއަށް އަށް އިވޭކަމަކަށް ނުވެއެވެ. ލީޒާ ވިސްނަމުން ދިޔައީ މަންމައަށް މި ފަހަކަށް އައިސް ވެގެން އުޅޭގޮތަކާ މެދުއެވެ. އެންމެ ފަހުން ހުޖޫދާ ވާހަކަ ދައްކައިގެން ޑޮކްޓަރަށް ދައްކާން ގެންދިޔައެވެ. 

"ނާހިޒު. ގޭގައި އުޅޭ ވަގުތު މަންމަ ރަނގަޅަށް ބަލާތި! މަންމަ ލޭމައްޗަށް ދާވާހަކަ ޑޮކްޓަރ ބުނުއްވި." ލީޒާގެ ވާހަކައަށް ނާހިޒު ސިއްސައިގެން ދިޔައެވެ. ނާހިޒު އަވަސްއަވަހަށް މަންމަގެ ކޮޓަރިއަށް ދިޔައެވެ. 

"މަންމާ!" ނާހިޒުގެ އަޑުއިވުމާއެކު ޖަހުޒާ ގާތަށް ރުޅިއަތުވެއްޖެއެވެ. 

"ކީއްކުރަން ތިޔަ އައީ މި ތަނަށް. މި މަންމަގެ ވާހަކަ އަޑުނީވޭ ދަރިއަކު އަންނާނެކަމެއް ނެތް. ކިހާ ވިޔާނުދާކޮށް ތިޔަ އުޅެވެނީ. މުސްލިމުން އުޅެންވާ ގޮތަށް އުޅެބަލަ! އަހަރެން ދަސްކޮށްދިނީ ގޯސްކަންތައް ކުރަންތަ؟ ތިޔަ ފާޑަށް ތިޔަ އުޅެނީ. އަހަރެން ބޭނުމެއްނުވޭ ތިޔަ ކަހަލަ ވިޔާނުދާކޮށް އުޅޭ މީހެއްގެ މޫނު ދެކޭކަށް." ޖަހުޒާ ރުޅި އައިސްގެން އިނދެ އެއްޗެހި ކިޔަމުން ގެންދިޔައެވެ. ނާހިޒު އިނީ މަންމަ ކިޔާނެ އެއްޗެއް ކިޔައި ނިމެންދެނެވެ. 

"މަންމާ. އެއީ އަހަރެން ވެސް އުޅެން ބޭނުންވާ ގޮތެއް ނޫނޭ. އެ ކަމަކު މިކަމެއް ނުހުއްޓުނު. ކިތަންމެ ފަހަރަކު މިކަން ހުއްޓޭތޯ މަސައްކަތް ކޮށްފިން." ނާހިޒަށް ވާހަކަ ދައްކަމުން ގޮސް ރޮވިއްޖެއެވެ. ޖަހުޒާ ވެސް ރޮނީއެވެ. 

"ކޮން ދުވަހަކު ފެށި ކަމެއްތަ ތިޔަ އައީ؟" ޖަހުޒާ ރޮމުންރޮމުން ސުވާލުކުރިއެވެ. 

"މާލޭގައި ކިޔަވަން އުޅެނިކޮށް ރައްޓެހި ކުއްޖަކު ރަހަ ދެއްކީ. އޭގެ ފަހުން ކްލާސް ކުދީން ގްރޫޕް ހަދައިގެން ބޭނުންކުރާން ފެށީ. އެންމެފަހުން އެއަށް ދެވިހިފީ." ޖަހުޒާގެ ފައިމަތީ ބޯއަޅައިގެން އޮވެ ރޮމުން ނާހިޒު ވާހަކަ ދައްކަމުން ގެންދިޔައެވެ. 

"އެކަމަކު މަންމައަށްޓަކައި މިހާރު ބޭނުންވަނީ މި ކަމާ ދުރަށްދާން. މި ކުޅިވަރު ހުއްޓައިލާން މަންމައަށް ވަޢުދުވަން." ނާހިޒު ދެއްކި ވާހަކަ އަޑުއަހާން ލީޒާ އެ ކޮޓަރީގެ ދޮރުކައިރީގައި ހުއްޓެވެ. ލީޒާއަށް ރޮވިއްޖެއެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ ލީޒާގެ ކޮޓަރިއަށް ހިނގައްޖެއެވެ. 

"ނާހިޒަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައި ހުރި މީހެއްކަން ކުރިން ނޭނގުނީ ކީއްވެ؟ މި ހުރިހާ ދުވަހު އަހަރެން މި ހުރީ ލޯމެރިފައި. މިއަދުން ފެށިގެން އަހަރެން ލޯހުޅުވާނަން. ނާހިޒު މި ކަމުން ދުރުވާން ޖެހޭނީ. އެހެން ނޫނީ އަހަރެން އޭނަޔާއެކުގައެއް ނޫޅޭނަން." ރޮމުން ރޮމުން ލީޒާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

ނާހިޒު ކޮޓަރިއަށް ވަން އިރު ލީޒާ ރޯން އޮތުމުން ހުރިހާ ކަމެއް ލީޒާއަށް އެނގުނީކަން ނާހިޒަށް ވިސްނުނެވެ. ލީޒާ ހަމަޖައްސާނެ ގޮތަކާ މެދު ނާހިޒު ވިސްނަމުން ދިޔައެވެ.  

"ލީޒާ. އަހަރެން.." ލީޒާގެ ކޮޑުގައި އަތްޖައްސައިލަމުން ނާހިޒުއަށް ބުނެވުނީ އެ ވަރަށެވެ. ލީޒާ ރުޅިއައިސްގެން އެއަތް ފޮޅުވައިލިއެވެ. އަދި އެހާމެ އަވަހަށް ތެދުވެ ނާހިޒާ ކުރިމަތިލިއެވެ. 

"މަންމަ އެހާބޮޑު ވޭނެއް އުފުލަމުން އެ ދިޔައީ ތިކަހަލަ ދަރިއަކު ލިބުނީތީ. އަހަންނަށް އޮލުވައިލައިފައި އަދި މައިންބަފައިންނަށް ވެސް އޮޅުވައިލީ. ތީ ކިހާ ބޮޑު ފާފައެއްކަން ނޭނގެނީތަ؟ އަހަރެން ކިޔަވައިދެނީ އިސްލާމް. ކުދީންނަށް ރަނގަޅާއި ނުބައި ވަކިކޮށްދޭ މީހަކީ އަހަރެން. ނުބައި މަގު އިޚްތިޔާރު ކޮށްފި ކޮންމެ މީހަކަށް ނަރަކައިގައި ހުރި ޢަޒާބުގެ ވާހަކަ އަހަރެން ކިޔައިދޭއިރު، މިރަށުގެ ރައްޔިތުން ބުނާނެ ފިރިމީހާ އިޞްލާހް ނުކުރެވެނީ ކީއްވެހޭ؟ އަހަރެން ކިހާ ލަދެއްގަންނާނެ! މި ޢާއިލާއަށް ވެސް ކިހާބޮޑު ހުތުރެއް." ލީޒާ ނުރުހުމާއެކު ދައްކަމުން ދިޔަ ވާހަކަތައް ހުއްޓައިލާން ޖެހުނީ ލޮލުން ކަރުނަ ފައިބާ ވަރުންނެވެ. ވާހަކަ ނުދެއްކިގެންނެވެ. 

"އަހަރެން ދެން މި ކަން ހުއްޓައިލާނަން. މިއަދުން ފެށިގެން ލީޒާ ލަދުގަންނަވަރު ކަމެއް ނުކުރާނަން. ކިތަންމެ ފަހަރަކު މިކަން ހުއްޓާން އުޅެފީން. މަންމަ ގާތު ވެސް ބުނެފައި މިއައީ ދެން މިކަމެއް ނުކުރާނަމޭ." ނާހިޒު ދެރަވެދެރަވެފައި ވާހަކަ ދައްކާން ފެށުމުން ލީޒާ މަޑުމަޑުން ހަމައަކަށް އެޅިއްޖެއެވެ. 

އޭގެ ދެ ދުވަސް ފަހުން ނާހިޒު ރިސޯޓަށް ހިނގައްޖެއެވެ. ދިޔުމާއެކު ފޯން ހުޅުވައިލިއެވެ. މުނާގެ ކޯލްތަކާއި މެސެޖުތައް ފެނުނެވެ. ޑިއުޓީ ނިމުމާއެކު މުނާއަށް ގުޅައިފިއެވެ. 

"މިއަދު ރާއްޖެ މިއައީ. ފޯން ހުޅުވައިލިއިރު މެސެޖުތައް ފެނުނު އެކަމަކު އަދި ނުކިޔަން. އަވަހަށް މި ގުޅީ." މުނާ ހުރީ އުފަލުން ގޮސް ވާހަކަ ނުދެއްކިފައެވެ. ވޭތުވެ ދިޔަ ގިނަ ދުވަސްތަކުގައި ނާހިޒުގެ ޚަބަރެއް ނުވުމުން އޭނާ ވެސް ގެއްލުނީއޭ ހިތަށް އަރައިފައެވެ. 

"ނާހިޒަށް ނޭނގިދާނެ އަހަރެން ކިހާވަރަކަށް ނާހިޒުގެ މަތިން ހަނދާންކުރި ކަމެއް. ރޭގަނޑާއި ދުވާލުގެ ކޮންމެ ވަގުތަކު ނާހިޒާ މެދު ވިސްނޭ." މުނާ އަޑު އައި ގޮތުން ވަރަށް ބޮޑަށް ހިތުގައި ޖެހިފައި ހުރިކަން ނާހިޒަށް އެނގުނެވެ. 

"ކަންކަމާ އެހާ އަވަހަށް މާޔޫސް ވާކަށް ނުވާނެ. އަހަރެން އުޅެން ޖެހުނު ގޮތުން ގުޅޭ ގޮތް ނުވީ. މުނާ މަތީން އަހަރެން ހަނދާން ނައްތައިނުލާކަން މކޯލުން އެނގޭނެ." ނާހިޒުގެ ވާހަކަ އަޑުއިވުމުން މުނާއަށް ނާހިޒު އެ ދައްކަނީ ތެދުކަން ޤަބޫލު ކުރެވިއްޖެއެވެ. އަދި ނާހިޒާ މެދު ކުށްހީ ކުރެވުނީތީ އެކަމާ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ.

***

ދުވަސްތައް ފާއިތުވަމުން ގޮސް ނާހިޒުގެ ކައިވެންޏަށް ދެއަހަރު ފުރުނުއިރު އަންހެން ކުއްޖަކު ލިބިއްޖެއެވެ. ހުއްޓައިލަން އުޅުނު މަސްތުވުމުގެ ކަންތައް ހުއްޓުމަކަށް ނާދެއެވެ. ދޭތެރެއަކުން އޮފް ނަގައިގެން މާލެ ގޮސް ކޮންމެވެސް އަންހެން ކުއްޖަކާ ބައްދަލު ނުކުރާ ފަހަރެއް ނުދެއެވެ. ނާހިޒުގެ އަވައިގައި އެތައް އަންހެން ކުދީންނެއް ޖެހިފައިވެއެވެ. އެ ދެއަހަރު ތެރޭގައި މުނާގެ ނަން ވެސް ހިމެނެއެވެ. 

ކާރޫބާރޫ ބޮޑު މާލޭގެ މަޖީދީމަގެވެ. ހިނގާ މީހުން ދުވާރުމަތީގައި ހުއްޓިފައި ތިބެންޖެހެނީ ދުއްވާ އެއްޗެތި ދުއްވާލެއް ބާރުކަމުން މަގުހުރަސް ނުކުރެވިފައެވެ. ދޭތެރެއަކުން ޓްރެފިކް ލައިޓަށް މަޑުކޮށްލާން ޖެހިފައިވާ ދަނޑިވަޅެއްގައި ދުއްވާއެއްޗެތީގެ ދިގުކިޔު ފަހަތުން މީހުން އަވަސް އަރުވާލާފައި ހުރަސްކުރަމުން ގެންދެއެވެ. ނާހިޒު އަވަސްއަވަހަށް މަޖީދީމަގު ހުރަސްކޮށް ހަނިގޯޅެއް އަޅައިފިއެވެ. ފަސްވަރަކަށް މިނިޓްފަހުން ގެސްޓްހައުސްއެއްގެ ތިންވަނަ ފްލޯއަށް އަރައިފިއެވެ. އަދި ބާރަ ނަންބަރު ކޮޓަރީ ދޮރުގައި ޓަކި ޖެހުމާއެކު ދޮރުހުޅުވިއްޖެއެވެ. އެތެރޭގައި ހުރި މީހަކު ދިއްކޮށްލީ ކުޑަ ޕެކެޓެކެވެ. 

"އެއްހާސް ދުއިސައްތަ ރުފިޔާ." ޕެކެޓް ދިން ޒުވާނާގެ ހަމައެކަނި ބުނެލީ އެވަރަށެވެ. ނާހިޒު ވޮލަޓު ނެގުމަށްފަހު އެބުނި ޢަދަދެއް ދީފައި އެހާމެ ހަލުވިކޮށް ނުކުމެގެން ހިނގައްޖެއެވެ. ގްރޫޕް އެއް ތަންވީ އެ ރޭ ރޭގަނޑު ކުލީ ކޮޓަރިއަކުންނެވެ. ރޭގަނޑު ބާރަޖެހުމާއެކު އެއް ފްލޯއެއްގެ އެކި ކޮޓަރިތަކުގައި ތިބި ޒުވާނުންތައް އެއްކޮޓަރިއަކަށް ޖަމާވިއެވެ. ހަތަރު އަންހެނުންނާ ހަފިރިހެނުންގެ ކުޅިވަރު ފެށިއްޖެއެވެ. އެމީހުން މަސްތުގެ ޙާލަތުގައި ތިއްބައި ފަތިސްނަމާދުގެ ބަންގީގެ އަޑުން މުޅިމާލެ ގުގުމާލައިފިއެވެ. އޭރު ނާހިޒުގެ ގްރޫޕް  އެންމެން ތިބީ ފުން ނިދީގެ ތެރޭގައެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ނާހިޒު ފޯނުން ގަޑިބަލައިލައިފިއެވެ. އެއްފަހަރު ދެފަހަރު އަދި ތިންފަހަރުއެވެ. ގަޑިން ވީ ވަރެއް ނޭނގުނެވެ. މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލި އިރު ނިދައިފައި މިހާރު ތިބީ ދެމީހުން ކަމުގައި ވިއަސް ނާހިޒަށް ފެންނަނީ ހަ މީހުންގެ ގޮތުގައެވެ. ދެލޮލުގައި އަތްއުނގުޅައިލުމަށްފަހު ބަލައިލިއެވެ. ދެން ވެސް ފެނުނީ ހަ މީހުންނެވެ. މީހުން ވަކިވާވަރު ވީ އެ ދުވަހުގެ މެންދުރުން އަނބުރައި ދޭއް ޖެހި ފަހުންނެވެ. އޭރު ވެސް ވާހަކަދެއްކެނީ އަކުރުތައް ދަމައިގެން ކަހަލަ ގޮތަކަށެވެ. އަނގައިގައި ވަރެއް ނެތެވެ. 

ނާހިޒަށް ރަށަށް ދެވުނު އިރު ދުވަހެއްގެ އިރު އޮއްސެނީއެވެ. ކާޅުތަކާއި ކޮވެލިތައް އެ ސޮރުމެންގެ ހާއްޔަށް ވަދެއްޖެއެވެ. މުޅި ރަށް މަޑުމަޑުން އަނދިރި ސާލެއްގެ ތެރެއަށް ވަދެއްޖެއެވެ. ގެއަށް ދެވުނުއިރު ލީޒާ އުޅެނީ ދަރިފުޅަށް ކާންދޭށެވެ. ދަރިފުޅަށް އެއް އަހަރު ފުރޭ ދުވަހަށް ރަށަށް ނާހިޒު އަޔަތީ ލީޒާ އުފާވިއެވެ. 

" ދަރިފުޅާ.. ލީމް އާދޭ ބައްޕަ އުރައިލާނަން." ނާހިޒު އޭނާގެ ދަރިފުޅު އުރައިލުމާއެކު ބޮޑަހާކައި ރޯންފަށައިފިއެވެ. 

"ތަންކޮޅެއް ގިނައިން ދަރިފުޅާއެކު ވަގުތު ހޭދަކޮށްލީމާ ރަނގަޅުވެދާނެ."

ލީޒާ އެހެން ބުނުމަށްފަހު ލީމް އުރައިލުމުން ރުއިން ހުއްޓައިލައިފިއެވެ. 

"ދަރިފުޅާ.! ބައްޕަ އަށް ގޮވާލަބަލަ! އެއީ ބައްޕަ." ލީޒާ އެހެން ބުނާއިރަށް ލީމް ބަލަހައްޓައިގެން އިނެވެ. 

"ކޮބާ މަންމަ." ނާހިޒު ފަރާތްފަރާތް ހޯދަމުން އެހިއެވެ. 

"މަންމަ މި ގަޑީގައި އުޅޭނީ ނަމާދުކޮށް ޤުރުއާން ކިޔެވުމުގައި. މިހާރަކަށް އައިސް މަންމަ އަބަދު އުޅެނީ ބަލިކޮށް. މަންމަ ދެރަވާ ކަހަލަ ކަމެއް ނުކޮށްވޭތޯ ބަލާން ޑޮކްޓަރު ވަނީ އަންގައިފައި." ނާހިޒާ ދިމާއަށް ނުސީދާކޮށް ލީޒާ ބުންޏެވެ. ނާހިޒާ މެދު ހިތާމަ ކޮށްކޮށް މަންމަ ފެންނަނީ ޢުމުރަށް ވުރެ މުސްކުޅިކޮށެވެ.

*** 

" ހައި. މުނާ ކިހިނެއްތަ؟" އެފް.ބީ ހުޅުވައިލުމާއެކު މުނާ އަށް ފެނުނު މެސެޖުން ހައިރާންވިއެވެ. ނުދަންނަ މީހަކު މެސެޖުކޮށްފައި އޮތުމުންނެވެ. 

(ނުނިމޭ)

އިދާރާ

ވާހަކަ