އަދުގެ ޚާއްސަ

Print

ކުރެވޭ ނުބައި ޢަމަލުތައް ހާމަކުރުމުގެ ނުބައިކަމާއެވެ!

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ޢަޤީދާ

އިބްރާހީމް ރަޝީދު މޫސާ

ބައެއް މީހުންނަކީ ކުށްފާފަތައް ކުރުމަށްފަހު އެ ކަންކަން ހާމަކޮށް އެ ކަންކަމާމެދު ފަޚުރުވެރިވެ އެ ކަންކަން އިޝްތިހާރުކުރާ ބަޔެކެވެ. ކުރީ ޒަމާނުގައި އެ ކަންކަން ކުރަނީ ހޮޅުއަށީގައެވެ. ނުވަތަ ޖޯލިފަތީގައެވެ. މި ޒަމާނުގައި މީސްމީޑިޔާގައެވެ. ޓުވީޓަރާއި މޫނުފޮތުގައެވެ. 

މާތްﷲ ހެޔޮ ކަންތައްތައް ކުރުމަށް ގޮވައިލައްވައެވެ. ﷲގެ ދީނާއި ޝަރީޢަތުގައި ހިފެހެއްޓުމަށް ނަސޭޙަތް ދެއްވައެވެ. ކިޔަމަންތެރީންނަކީ ކާމިޔާބުގެ އަހްލުވެރީންނެވެ. އެއީ ނަޖާވެރީންނެވެ. ﷲ ޖައްލަ ވަ ޢަލާ ވަޙީ ކުރެއްވިއެވެ. [وَمَن يُطِعِ ٱللَّـهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا] - ([ اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ.]) (الأحزاب: 71)

ހަމަ މިމޭރުމުން ﷲ Y އުރެދުންތަކާ ދުރުހެލިވުމަށް އަންގަވައި ކުށްފާފަތައް ކުރާ މީހުންނަށް ހުރި ވޭންދެނިވި ޢަޒާބުގެ ޚަބަރު ދެއްވިއެވެ. ﷲގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަކީ ނާކާމިޔާބުވެރީންނެވެ. އެއީ ނަރަކައިގެ އަހްލުވެރީންނެވެ. އެ މީހުންގެ ޙާލަތު ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَمَن يَعْصِ ٱللَّـهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَـٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ] – ([އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ.]) (النساء : 14)

އުރެދުމަކަށް އަރައިގަތުމަށްފަހު ނުވަތަ ނުބައި ކަމެއް ކުރުމަށްފަހު އެ ކަން ފާޅުކޮށް އިޝްތިހާރުކުރުމަކީ އަދި މާ ނުބައި ކަމެކެވެ. އެ ކަމުން ދޭހަވަނީ އޭނާ އެ ކަމަށް ލަދުނުގަންނަ ކަމެވެ. އޭނާ އެ ކަން ފާޅު ކުރާން ބޭނުންވާ ކަމެވެ. މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. [كُلُّ أُمَّتِي مُعَافًى إِلَّا المُجَاهِرِينَ، وَإِنَّ مِنَ المُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلًا، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ، فَيَقُولَ: يَا فُلَانُ، عَمِلْتُ البَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ] - ([ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެންނަށް މާފުކުރެއްވިގެން ވެއެވެ. ފާޅުކުރާ މީހުން ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ފާޅުކުރުމުގެ ތެރޭގައި ވެއެވެ.  މީހަކު ރޭގަނޑު ނުބައި ޢަމަލެއްކޮށް ﷲ އެކަން ވަންހަނާކޮށްދެއްވުމުން ހެދުނު ތެދުވެ އޭ މިހިރަ މީހާއޭވެ! އަހުރެން ރޭގައި މިވެނިއެވެނި ކަމެއް ކުރީމެވެ. ހަމަކަށަވަރުން ﷲ ވަނީ އޭނާގެ މި ޢަމަލު ވަންހަނާކޮށް ދެއްވައިފައެވެ. އެހެނަސް އޭނާ ﷲގެ ވަންހަނާކޮށް ދެއްވުން ހާމަ ކުރީއެވެ.]) (أخرجه البخاري (٦٠٦٩) واللفظ له، ومسلم (٢٩٩٠))

(މުޖާހިރުން) ނުވަތަ ފާޅުކުރާ މީހުންނަކީ އެ މީހުން ކުރާ ނުބައި ޢަމަލުތައް ފާޅުކޮށް ހާމަކުރާ މީހުންނެވެ. ބޭނުމެއްނެތި އެ ކަންކަމުގެ ވާހަކަތައް މީހުން ގާތުގައި ކިޔައިދޭ މީހުންނެވެ. ނުވަތަ މީސްމީޑިޔާގައި ފަތުރާމީހުންނެވެ. ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ)، ފާޅުކުރާމީހުން އިސްތިސްނާ ކުރެއްވީ ކީއްވެގެން ހެއްޔެވެ؟ ﷲގެ ޢާފިޔަތާއި ރަޙްމަތާއި ޢަފޫކުރެއްވުމާއި ޙަލީމުވަންތަކަމުން އެބައިމީހުން ބޭރުކުރެއްވީ ކީއްވެގެން ހެއްޔެވެ؟ 

         1- އެއީ ﷲގެ ޙައްދުތަކަށް އެ މީހާ އިޙްތިރާމު ނުކުރާތީއެވެ. ﷲގެ ވަޢީދުތަކަށް ސަމާލުކަން ނުދޭތީއެވެ. ﷲއަށް އުރެދުންވުން  އޭނާއަށް ބޮޑު ކަމަކަށް ނުވާތީއެވެ. އެއީ ބާވަތެއްގެ ގޮންޖެހުމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّـهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ]  - [ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ.]) (المجادلة: 20)

           2- މީގެ އިތުރަށް އުރެދުންތައް ފާޅުކޮށް އެކަމުގެ ވާހަކަތައް މާ މޮޅު ކަމަކަށް ހަދައިގެން މީހުންގެ ގާތުގައި ދެއްކުމަކީ އެ ފަދަ ޢަމަލުތަކަށް އަރައިގަތުމަށް ހިތްވަރުދިނުމެކެވެ. އެފަދަ ޢަމަލުތަކަށް މީހުން ޝައުޤުވެރި ކުރުވުމެކެވެ. އެއީ މުޖްތަމަޢުގައި ފާސިދު ޢަމަލުތައް ފެތުރުމަށް ހިންގޭ ޢަމަލެކެވެ. ﷲގެ އަޅުންގެ މެދުގައި ފާޙިޝް ޢަމަލުތައް ފެތުރުމަށް ކުރާ މަސައްކަތެކެވެ. މާތް ﷲ ވަނީ އެކަން މަނާކުރައްވައިފައެވެ. އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. [إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ]  -  ([ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.]) (النور: 19). މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. [إِنَّ الْمَعْصِيَةَ إِذَا خَفِيَتْ لَمْ تَضُرَّ إِلَّا صَاحِبَهَا، وَ إِذَا أُعْلِنَتْ فَلَمْ تُغَيَّرْ ضَرَّتِ الْعَامَّةَ] - ([ހަމަށަވަރުން އުރެދުން ވަންހަނާކުރެވިއްޖެނަމަ އެކަން ކުރިމީހާއަށް މެނުވީ އެކަމުން ގެއްލުން ނުލިބޭނެތެވެ. އެހެނަސް އެކަން ފާޅުކޮށް އިޢުލާނުކޮށް އެކަން ބަދަލު ނުކުރެވިއްޖެނަމަ އޭގެ ގެއްލުން ޢާއްމު ވެދާނެތެވެ.]) (رَوَاهُ الْبَيْهَقِيُّ فِي شُعَبِ الْإِيمَانِ)

          3- ނުބައި ޢަމަލެއް ކުރުމަށްފަހު އެކަން އިޢުލާނު ކުރާ މީހާއަކީ އެ ކަން ކުރުމަށް މީސްތަކުންނަށް ގޮވައިލާ މީހެކެވެ. އޭނާގެ ގޮވައިލުމަށް އިޖާބަދީ އެ ކަން ކޮށްފިނަމަ އެކަމުގެ ކުށްފާފަ އެކަމަށް ގޮވައިލި މީހާއަށް ވެސް ތަޙައްމުލު ކުރަން ޖެހޭނެއެވެ. 

         4- ނުބައި ކަމެއް ކޮށް އެކަން އިޢުލާނު ކުރުމަކީ ލަދުވެތިކަމާ އަރާރުންވާ ކަމެކެވެ. މުއުމިނުންގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު އެއް ސިފައަކީ ލަދުވެތި ކަމެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި  ލަދުވެތިކަމަކީ އީމާންކަމުގެ ގޮފިތަކުގެތެރެއިން ގޮތްޕެކެވެ. ލަދުވެތިކަމުގެ އަހައްމިއްޔަތުކަން ބަޔާންކޮށް ދެއްވައި ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީސް ކުރެއްވިއެވެ. [إذا لَم تَسْتَحِ فافعلْ ما شئتَ]  - ([ތިބާ ލަދުނުގަންނަނަމަ ފަހެ ތިބާ އެދޭ ކަމެއް ކުރާށެވެ!]) (أخرجه البخاري (٣٤٨٣)و أبو داود ٤٧٩٧) މިއީ ބަލާޣަތްތެރި ބަސްފުޅަކުން ދެއްވައިފައިވާ އިންޒާރީ ބަސްފުޅެކެވެ.

         5- ނުބައި ޢަމަލުތަކާއި އުރެދުންތަކާއި މުންކަރާތްތަކާއި ފާޙިޝް ޢަމަލުތައް ފާޅުކޮށް ފެތުރުމަކީ ﷲގެ ކޯފާ ބާވައިލައްވައިފާނެ ކަމެކެވެ. ރަސޫލާގެ އަނބިކަނބަލެއް ކަމުގައިވާ އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙްޝު ރަސޫލާއަށް ދެންނެވިއެވެ. [އޭ ﷲގެ ރަސޫލާއޭވެ!  އަޅުގަނޑުމެންގެ ތެރޭގައި  ޞާލިޙުން ތިއްބާ އަޅުގަނޑުމެން ހަލާކުވެގެން ހިނގައިދާނެތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އާއެކެވެ! ހަނޑިމުށޑުދާރު ޢަމަލުތައް ގިނަވެއްޖެނަމައެވެ.]( مُتَّفَقٌ عَلَيْهِ)  ނަބިއްޔާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީސް ކުރެއްވިއެވެ. [مَا ظَهَرَ فِي قَوْمٍ الرِّبَا وَالزِّنَا، إِلَّا أَحَلُّوا بِأَنْفُسِهِمْ عِقَابَ اللهِ عَزَّ وَجَلَّ]  - ([ބައެއްގެ ތެރޭގައި ރިބާއާއި ޒިނޭ ފާޅުވެއްޖެނަމަ ﷲ ޢައްޒަ ވަ ޖައްލަގެ ޢިޤާބު އެބައެއްގެ މައްޗަށް އެބަޔަކު ބާވައިލެއްވުން ހުއްދަކޮށް ގެންފިއެވެ.]) ( رَوَاهُ أَحْمَدُ، وَحَسَّنَهُ ابْنُ حَجَرٍ)

ޢަމަލު ކުރާންވީ ކިހިނެއް؟

       1- ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ހުއްޓުވުމަށާއި، އެ ފަދަ ޢަމަލުތައް ހުއްޓވުމަށް ޓަކައި މުސްލިމުން އަބަދުވެސް އެއްބާރުލާން ޖެހޭނެއެވެ. އެފަދަ ޢަމަލުތަކަށް އަރައިގަންނަ މީހުންގެ އަތުގައި ހިފައި އެ ކަން މަނާކުރަން ޖެހޭނެއެވެ. އެފަދަ ކަމެއް ކުރެވުނު މީހާ އެކަން ފޮރުވަން ޖެހޭނެއެވެ. އެކަމަށް އަވަހަށް ތައުބާވާން ޖެހޭނެއެވެ. އިބްނު ޢުމަރުގެ އަރިހުން ވާރިދުވެފައިވެއެވެ. އަލްއަސްލަމިއްޔު ރަޖަމުކުރެއްވުމަށްފަހު  ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީސް ކުރެއްވިއެވެ. ([اجْتَنِبُوا هَذِهِ الْقَاذُورَةَ الَّتِي نَهَى اللهُ عَنْهَا، فَمَنْ أَلـَمَّ فَلْيَسْتَتِرْ بِسِتْرِ اللهِ، وَلْيَتُبْ إِلَى اللهِ؛ فَإِنَّهُ مَنْ يُبْدِ لَنَا صَفْحَتَهُ؛ نُقِمْ عَلَيْهِ كِتَابَ اللهِ عَزَّ وَجَلَّ]  - ([ﷲ ނަހީ ކުރައްވައިފައިވާ މި ފަދަ ހަޑިހުތުރު ޢަމަލުތަކާ ތިޔަބައިމީހުން އެއްކިބާވާށެވެ! އެފަދަ ކަމަކަށް އަރައިގަނެވުނު މީހާ ﷲގެ ވަންހަނާއިން ވަންހަނާވެ ގަންނާށެވެ! އަދި ﷲގެ ޙަޟްރަތަށް ތައުބާވާށެވެ! ފަހެ ހަމަކަށަވަރުން އޭނާގެ ޞަފްޙާ ތިމަންކަލޭގެފާނަށް ހާމަކޮށްފިނަމަ ﷲ ޢައްޒަ ވަ ޖައްލަގެ  ފޮތުގައިވާ ޙުކުން ތިމަންކަލޭގެފަނު އޭނާގެ މައްޗަށް ޤާއިމު ކުރައްވާނަމެވެ.]) (رَوَاهُ الْحَاكِمُ وَصَحَّحَهُ)

        2- ނުބައި ޢަމަލުތައް ފާޅުކޮށް ހަދާ މީހުން އެކަމުގައި ކުރިއަށް ދިޔުމަށް ދޫކޮށްލެވިގެން ނުވާނެއެވެ. އެމީހުންނަށް ނަސޭޙަތްދީ އެ ފަދަ ޢަމަލުތަކާ ދުރުހެލިވުމަށް އިންޒާރު ކުރަން ވާނެއެވެ. އެމީހުންނަށް ނަސޭޙަތްދިނުމުން އެކަން ޤަބޫލުނުކޮށްފިނަމަ ކަމާ ބެހޭ ފަރާތްތަކަށް އެމީހުންގެ މަސްއަލަތައް ހުށައަޅަންޖެހޭނެއެވެ. ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީސް ކުރެއްވިއެވެ. [إِنَّ النَّاسَ إِذَا رَأَوُا الْمُنْكَرَ بَيْنَهُمْ، فَلَمْ يُنْكِرُوهُ، يُوشِكُ أَنْ يَعُمَّهُمُ اللهُ بِعِقَابٍ] - ([މީސްތަކުންގެ ތެރޭގައި މުންކަރާތްތައް ފެތުރެމުންދާ ތަން ފެނި އެކަން މަނާނުކުރާނަމަ ﷲ އެމީހުންގެ މައްޗަށް ޢާއްމު ޢިޤާބެއް ފޮނުއްވުން ކައިރިވެދާނެތެވެ.]) (رَوَاهُ أَحْمَدُ، وَصَحَّحَهُ ابْنُ حِبَّانَ)

       3- ނުބައި ހަޑިމުޑުދާރު ޢަމަލުތައް ކޮށް، އެ ކަންތައް ފާޅުކުރާ މީހުން އެ ކަންކަމާ ދުރުހެލިކޮށް ތައުބާވުމަށް ނަސޭޙަތް ދޭންވާނެއެވެ. މާތް ﷲ ވަނީ ތައުބާގެ ދޮރު ހުޅުއްވައިދެއްވައިފައެވެ. ކިތަންމެ ކުށްފާފަތައް ގިނަވިޔަސް ﷲގެ ތައުބާއާމެދު އުއްމީދު ކަނޑައިލައިގެން ނުވާނެއެވެ. މާތްﷲ ވަޙީ ކުރެއްވިއެވެ.  [إِلَّا مَنْ تَابَ وَآَمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَحِيمًا] – ([توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަ މީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.] )) (الفرقان:70)

________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ