މަޢާފު (11)
އަސްމާ އަބޫބަކުރު، ހއ.ދިއްދޫ
(9 އެޕްރީލު 2020 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
"މިހާރަކަށް އައިސް ނުދަންނަ ނަންބަރުތަކަކުން އެބަގުޅާ. އަހަރެން ހިތަށްއަރާ ކިހިނެއްބާއޭ މީސްމީހުން ނަންބަރު ހޯދަނީ." މުނާ ފޯނުގެ ސްކުރީން ނީމާއަށް ދައްކާލަމުން ބުންޏެވެ. އަދި އެހާމެ އަވަހަށް ފޯނު ޔުނިފޯމްގެ ޖީބަށްލިއެވެ.
"ތިވެދާނެ މީހަކު މުނާގެ ނަންބަރު ބަޔަކަށް ދިނީކަމަށް. މީހަކާ ދެބަސްވިންތަ އެއްވެސް ދުވަހަކު؟" ނީމާ އެހެން ބުނުމުން މުނާގެ ޚިޔާލަށް އައީ ސާހިލް ކިޔާ މީހަކު ތަންކޮޅެއް ކުރިން ގުޅި ހަނދާން ތަކެވެ.
"ސާހިލް ކިޔާ މީހަކު ގުޅި. ވަރަށް ދަންނަ މީހެއްގެ ގޮތަށް ގުޅަގުޅައިފައި އުޅުނު. ސާހިލް ހީކުރީ އަހަރެން އޭނަޔާ ގަޔާވެގެން ވާހަކަ ދެއްކިކަމަށް. އަހަރެން ސާހިލްގެ ޙަޤީޤަތް ހޯދުމަށް ދެތިން ދުވަހު ރައްޓެއްސެކޭ ބުނީމަ ވާހަކަ ދެއްކިން. އެނގޭތަ. އޭނާ ހެދީ ހުސްދޮގު. ނާހިޒު އުޅުނު ރިސޯޓްގައި އުޅުނު މީހެއް ސާހިލްއަކީ. ތިހެން ބުނީމަ އެބަހީވޭ ނާހިޒު އަހަރެންގެ ނަންބަރު މީހުންނަށް ދީގެން އުޅޭހެން." މުނާ ވާހަކަ ދައްކަން ހުއްޓާ ބަލިމީހެއްގެ އެހީތެރިއަކު ގޮވައިލުމުން ވާހަކަ ހުއްޓައިލުމަށްފަހު ދާން ޖެހިއްޖެއެވެ.
***
އެކަނިވެރިކަން މުޅިމީހާ ވަށައިލިއެވެ. ކުރީން އުފަލުގައި ދުނިޔޭގައި އުދުހެމުން ދިޔަ ނާހިޒު މިއަދު އެކަނިވެރި ވެއްޖެއެވެ. ނާހިޒަށް އިޙްސާސް ކުރެވެމުންދިޔައީ ދުނިޔެ ދޫކުރީ މަންމަ އެކަންޏެއް ނޫން ކަމަށެވެ. މުޅި ޢާއިލާ ވެސް ދުނިޔެ ދޫކޮށްފި ކަމެވެ. ގޭގެ ހަތަރުފާރުގެ އެތެރޭގައި އެކަނިމާއެކަނި ވިސްނުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. ބަނޑުހައި ހޫނުކަމުގައި އެތައް ގަޑިއިރެއް ވޭތުކުރެވިއްޖެއެވެ. ކަންނެތްކަމާއެކު އެނދުގައި އޮއްވައި ފޯން ރިންގުވާން ފަށައިފިއެވެ. އެތައްފަހަރަކު ރިންގްވީފަހުން ނާހިޒުގެ ފޯނު ނެގުމަށްފަހު ޖަވާބު ދިނެވެ.
"ހަލޯ." ރިސޯޓުން އައި ކޯލަކަށް ވިޔަސް ޖަވާބުދެވުނީ ވަރުދެރަވެފައިވާ އަޑަކުންނެވެ.
"ނާހިޒުގެ މަސައްކަތަށް ފަރުވާކުޑަވުމުގެ ޝަކުވާ ވަރަށް ގިނަ ފަހަރު ލިބިފައިވޭ. މި ދުވަސްކޮޅު ގެސްޓުން އައުން މަދުވުމާއެކީ އަންގައިލަންދެން ރަށުގައި މަޑުކޮށްލާ!" ރިސޯޓުން ވާހަކަ ދެއްކި ނާހިޒުގެ ސްޕަވައިޒަރު އެންގިއެވެ. އެއީ އެރިސޯޓުން މީހުން ވަކިކުރީމޭ ސީދާ ނުބުނަންވެގެން އަންގާ އެންގުމެވެ. އޭގެ މާނަ ނާހިޒަށް ވިސްނުނެވެ. އެއްވެސް ތާކު ލައްވައިނުލާ މީހެއްގެ ގޮތުގައެވެ.
"އަހަރެން ހަލާކުވެގެން މި ދިޔައީ އަމިއްލައަށް. މައިން ބަފައިންގެ ހެޔޮ ތަރުބިއްޔަތު ހަނދާން ނައްތައިލެވުނީ. ހެޔޮލަފާ އަތްނބެެއް ގެންގުޅެން ނޭނގުނުތާ، ރަނގަޅު ބައްޕައަކަށް ނުވެވުނު." ދެރަވެ އޮވެގެން ނާހިޒުއަށް ވިސްނެނީ އަމިއްލަ ނަފްސާ މެދުއެވެ.
"މިއަދު އެއްކަލަ ރަނގަޅު ރަޙްމަތްތެރީން ނޭނގެ ވީ ތަނެއް. އެއިން އެއްވެސް މީހެއްގެ ޚަބަރެއް ނުވޭ. އަހަރެންގެ އަތުގައި ފައިސާ ނެތީމާ އަނގައިން ބުނާނެ މީހަކު ވެސް ނުވާނެ." ޚިޔާލީ ދުނިޔޭގައި އެކަނި އޮވެ އެތައް ފަހަރަކު ޙަޔާތާމެދު ވިސްނަމުން ދިޔައެވެ. އެތައް ބަޔަކު ޚިޔާލީ ވާފަށަށް އަރަމުން ދިޔައެވެ. އެންމެފަހުން ޚިޔާލަށް އައީ މުނާގެ ހަނދާންތަކެވެ.
ކުރިން ގުޅާ ނަންބަރު ނޫން އެހެން ނަންބަރަކުން މުނާގެ ފޯނަށް ގުޅަން ފެށިއެވެ. އެތައްފަހަރަކު ގުޅިފަހުން ފޯން ނަގައިފިއެވެ.
"މުނާ. ޙާލު ކިހިނެއްތަ؟" ނާހިޒުގެ އަޑު ޖެހުމާއެކު މުނާ ދިޔައީ ފިނިވެގެންނެވެ. ހިތާ ދެކޮޅަށް މުނާ ފޯން ކަނޑައިލިއެވެ. ދުވަސްތަކަކަށްފަހު މުނާގެ ހިތުގެ ރަސްގެފާނުގެ އަޑުޖެހުމުން ކުރިންއައިސް ހުރި ރުޅި ފިލާ ހިނގައްޖެއެވެ. ކިތަންމެ ފަހަރަކު ނާހިޒާ ވާހަކަ ނުދެއްކުމަށް ހިތާހިތުން ނިންމި ނިންމުން ބަދަލުވީ އެތައް ފަހަރަކު ނާހިޒު ކުރި މެސެޖު ތަކުންނެވެ. އެންމެފަހުން ނާހިޒުގެ ކޯލަށް ޖަވާބު ދިނުމަށް މުނާ ނިންމައިފިއެވެ.
"މުނާ. ޙާލު ކިހިނެއްތަ؟"
"ﷲ އިރާދަ ކުރެއްވީތީ ޙާލު ރަނގަޅު." މިފަހަރު މުނާގެ ޖަވާބު ލިބުނު ގޮތުން ވާހަކަ ދެއްކުމަށް ނާހިޒަށް ހިތްވަރު ލިބުނެވެ.
"މުނާ. އަހަރެންގެ މަންމަ ނިޔާވެއްޖެ. އަންހެނުން ވަރިވެގެން ހިނގައްޖެ. ބައްޕަވެސް މި ގެދޫކޮށް ހިނގައްޖެ. އަހަރެންގެ ދިރިއުޅުމަށް ކުއްލިއަކަށް ތޫފާނެއް އައިކަހަލަ. އެކަނި އޮވެއޮވެ ބޯހާސްވެއްޖެ." ނާހިޒު ފައްޗަކަށް އަމުނަމުން ގެންދިޔަ ވާހަކަތަކަކީ މުނާއަށް އަޑުއަހަން ފަސޭހަ ވާހަކަ ތަކަކަށް ނުވިއެވެ. ކިތަންމެ ވަރަކަށް ހިލައަށް ހިތް ހަދައިގެން ހުރިކަމުގައިވިއަސް މުނާއަށް ނާހިޒުދެކެ ވެވުނު ލޯބި އަދިވެސް އޮތީ އޭގެ މަޤާމުގައެވެ. އެހިތް އެހެން ފަރާތަކަށް ލެނބިގެން ނުދިޔައެވެ.
"މި ވަގުތު ތިޔަ ހުރިހާ ކަންކަމާ ވިސްނާނެ ކަމެއްނެތް. އަހަރެންގެ އެހީތެރިކަން ނާހިޒުއަށް އެންމެ ބޭނުންވި ވަގުތު އަހަރެން ނާހިޒު ދޫކޮށެއް ނުލާނަން. އެކަމަކު އަހަރެންގެ ޝަރުތު ތަކެއް އެބައޮތް." މުނާގެ އިޚްލާޞްތެރިކަމަށް ނާހިޒު ހުރީ ޝުކުރުން ފުރިފައެވެ.
"އަވަހަށް ބުނޭ. އަހަރެން އެއްބަސްވާނަން." ނާހިޒަށް ލިބިފައިވާ ހިތްވަރާއެކު އަޑުވެސް ތަންކޮޅެއް ބާރުވެއްޖެއެވެ.
"ނާހިޒަށް އެހީއެއް ވެވޭނީ އަހަރެންގެ ރަށަށް އައުމުން. އަދި ނާހިޒުގެ ވިޔާނުދާއުޅުން އަބަދަށްޓަކައި ދޫކޮށްލުމަށްފަހު، އަހަރެން ބުނާ ގޮތަކަށް އުޅެވޭނެ ކަމުގައިވާނަމަ އަހަރެންގެ ރަށަށް އާދޭ." ނާހިޒު ލޮލުން ކަރުނަ އަތުވެއްޖެއެވެ. އުފަލާއި ހިތާމަ އެކަރުނައިގައި ވެއެވެ. މުނާއާ މެދު ކަންކަން ކުރެވުނީ ވަރަށް ބޭއިންސާފުންކަން ނާހިޒުގެ ހިތަށް އަރަމުން ދިޔައެވެ.
"މިއަދު އަހަރެން އަތުގައި ތިރަށާ ހަމައަށް ދާން އެންމެ ފައިސާ ފޮއްޗެއްވެސް ނެތް." ނާހިޒަށް ދެރަވެގެން ގޮސް ވާހަކަދެއްކުނީ ރޮމުންނެވެ.
"ނާހިޒުގެ އެކައުންޓް ނަންބަރު ފޮނުވާ. އަހަރެން ފައިސާ ޖަމާކޮށްދިނުމުން ވީހާ ވެސް އަވަހަށް މިކޮޅަށް އާދޭ." މުނާގެ ވާހަކަ އިވުމުން ނާހިޒުގެ ލޮލުން ކަރުނަ ހުސްވާ ގޮތެއްނުވިއެވެ. ޙާލުގައި ޖެހުނު ވަގުތު އެންމެ ހީނުކުރާ މީހާގެ ހަމްދަރުދީ ލިބުމުން ހިތަށް ކެތްނުވީއެވެ. މުނާއަށް ކުރެވުނު މަލާމާތާމެދު މިއަދު ނާހިޒު ދެރަވެއެވެ. މަޢާފަށް އެދެން ބޭނުމެވެ. އެހެންމީހަކުނަމަ އެފަދަގޮތަކަށް މިޒަމާނުގައި ކަންތަކެއް ނުކުރާނެއެވެ.
އެމީހަކު މިނެދިން ނާޅިން މިނާ ޒަމާނެއްގައި މުނާ ކަހަލަ މާތް އިންސާނުން ވެސް އުޅޭތީ މިއަދު ނާހިޒު އުފާކުރުން ޙައްޤެވެ. ރައްޓެހިންނާއެކު ކުރިން މުނާއަށް ހާދަ މަލާމާތެއް ކުރެވުނެވެ. މުނާގެ ފޮޓޯ އެކުވެރިންނަށް ދައްކާ ހެދީ މަލާމާތުގެ ގޮތުންނެވެ. އޭރު މުނާގެ ރަނގަޅުކަން ނާހިޒަށް ނުވިސްނުނީއެވެ.
***
މުނާގެ ރަށަށް އާދެވުމާއެކު ނާހިޒަށް ހީވީ އާދުނިޔެއަކަށް ނޭވާލެވުނުހެންނެވެ. މުނާގެ ގޭގައި ނާހިޒަށް ޚާއްޞަކޮޓަރިއެއް ހުރުމުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ވޭތުވެދިޔަ ގިނަ ދުވަސްތަކުގައި ރަނގަޅަށް ނުކައި ހުރުމުން ގައިގައި ވަރެއް ނެތްކަން އިޙުސާސްކުރެވުނީ ފެންވަރައިގެން ނިކުތުމުންނެވެ.
ދޮރުގައި ޓަކި ޖަހާއަޑަށް ނާހިޒު ދޮރުހުޅުވާލި ވަގުތު މުނާ ހުއްޓައި ފެނުނެވެ. އެވަގުތު ކިތަންމެ ވާހަކައެއް ދައްކާން ބޭނުންވިޔަސް މުނާގެ ޖުމްލައިން ބަނޑުހައިކަން އަނެއްކާ ވެސް އިތުރުވިއެވެ.
"ކެއުން ހުރީ ތައްޔާރުވެފައި." މުނާގެ ގޭގައި މާގިނަ ބަޔަކު ނޫޅެއެވެ. މުނާގެ އިތުރުން މަންމަ އާއި ބައްޕައެވެ. ދެންހުރީ ސާދަ އަހަރުގެ ފިރިހެން ކޮއްކޮއެވެ. މުނާގެ ޢާއިލާ ނާހިޒު އާއިއެކު މެންދުރު ކެއުމުގައި ބައިވެރިވިއެވެ. ހިތްހެޔޮ ބައެއްގެ ތެރެއަށް އާދެވުމުން ކުރިން އުޅެވުނު ގޮތް ހިތަށް އަރައި ނާހިޒުގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވެން ފެށިއެވެ.
މީގެ ކުރިން ނާހިޒު އުޅުނީ ހިތަށްއެރި ގޮތަކަށެވެ. ޢާއިލާގެ އެންމެން ދެއްކި ވާހަކައަށް ބީރުކަންފަތެއް ދެވުނީތީ މިއަދު ދެރަވެއެވެ. މުނާ އާއި މުނާގެ ޢާއިލާ އެންމެން ހިތްހެޔޮ ކަމުން ނާހިޒު ހުންނަނީ ލަދުންނެވެ. އެންމެ ކުޑަމިނުން މުނާގެ ކޮއްކޮއަށް ހަދިޔާއެއް ގަނެދޭނެ ފަދަވެސް ނެތުމުން ދެރަވެއެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ހަވީރުގެ ސަޔަށްފަހު، ނާހިޒާއެކު މުނާ ގޮސް ރަށުގެ އަތިރިމަތީގައި ހުރި ޖޯލިފަތީގައި އިށީނެވެ. ނާހިޒުގެ ދިރިއުޅުމުގެ ވާހަކަތައް މުނާއަށް ކިޔައިދިނީ ހިތްދަތި ކަމާއެކުއެވެ. ނާހިޒަށް އުޅެވުނު ގޮތާއި، މަންމަކުރި އާދޭސް، އެ މަންމައަށް އެތައް ފަހަރަކު ހެދުނު ދޮގުގެ ވާހަކައެވެ. ލީޒާ އާއި ދިމާވި ގޮތާއި ކައިވެނި ކުރިއިރު ލީޒާއަށް ނާހިޒު މަސްތުވާތަކެތި ބޭނުންކުރާކަށް ނޭނގޭނެ ވާހަކައެވެ. ދަރިއަކު ލިބުމުން ލީޒާ ކުރި އާދޭހުގެ ވާހަކައެވެ. ނާހިޒުގެ މައިންބަފައިންގެ ބަސް ނާހައި، ނުބައި މަގު އިޚްތިޔާރު ކުރުމުން ލިބުނު ހަލާކާއި ގެއްލުމުގެ ވާހަކައެވެ. މުނާދެކެ ކުރިން ފޫހިވާ ވާހަކަ އާއި މުނާ އާއި ވާހަކަ ދެއްކީ މަޖަލަކަށްކަމަށްވެސް ނާހިޒު ކިޔައިދިނެވެ. ފުރަތަމަ ކައިވެނި ރޫޅި ދެވަނަ ކައިވެނިން ލިބުނު ހިތި ތަޖުރިބާގެ ވާހަކަ ވެސް ކިޔައިދިނެވެ. ހުރިހާ ވާހަކަތަކެއް މުނާ އެހީ ވަރަށް ކެތްތެރި ކަމާއެކުއެވެ.
"އަހަރެން މިހާރު ބޭނުންވަނީ މުނާ އެދޭ ގޮތަކަށް އުޅެން. އަދި އެއްވެސް ނުބައި ޢަމަލެއް ނުކުރާނެ ކަމަށް ވަޢުދުވަން." ނާހިޒު ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.
"ކިތަންމެ ވަރަކަށް ހުއްޓައިލާނަމޭ ބުންޏަސް ތިކަހަލަ ކަންކަމެއް ހުއްޓާކަށް ފަސޭހައެއް ނުވާނެ. މީގެކުރީން ވެސް ވީ އެހެންނު؟ފުރަތަމަ ނާހިޒު ކުރާންވީ ކަމަކީ ރިހިބިލިޓޭޝަން ސެންޓަރަށް ގޮސް ފަރުވާ ލިބިގަންނާންވީ. އޭރުން ތިޔަ ކަމުން ސަލާމަތްވެގެން މުޖުތަމައުގައި ބޭނުންތެރި މީހަކަށް ވެވޭނީ. އަދި ބުނަން. މިއަދުން ފެށިގެން ބަރާބަރަށް ނަމާދުކުރާން ވާނެ. ކޮންމެ ދުވަހަކު ވެސް ޤުރުއާނުގެ މިންވަރެއް ކިޔަވާންވާނެ. ނަމާދަކީ ދީނުގެ ތަނބު. ނަމާދު ބަރާބަރަށް ކުރާން ފެށުމުން، އަމިއްލަ ނަފްސަށް ހިތްހަމަޖެހުން ލިބޭނެ. ރިހެބަށް ދިޔުމަށްޓަކައި ފުރާންޖެހޭ ފޯމް ފުރުމުގެ ކަންކަން އަހަރެން ކުރިއަށް ގެންދާނަން." މުނާގެ ވާހަކައަށް ނާހިޒު ބޮލުން އާނއެކޭ ބުނެލިއެވެ.
(ނުނިމޭ)