އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (10)

. ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ


(8 އޭޕްރީލު 2020 ވަނަ ދުވަހު ޝާއިޢުކުރެވުނު ބަޔާ ގުޅޭ)

194. ރަސޫލާ ﷺ ގެ ދަރިކަނބަލުން ރުޤިއްޔަތުގެފާނު އަވަހާރަވީ ބަދްރު ހަނގުރާމަ ހިނގި ދުވަހުއެވެ. އެކަމަނާއަކީ ޢުޘްމާނުގެފާނުގެ އަނބިކަނބަލުންނެވެ. އެކަމަނާ އަވަހާރަވީ ޢުމުރުފުޅުން 22 އަހަރުގައެވެ. ފަސްދާނު ލެވުނީ ބަޤީޢުގައެވެ. އެކަމަނާއަށް ލިބިވަޑައިގަތް ބޭފުޅަކީ ޢަބްދު ﷲ އެވެ.  އެ ދަރިކަލުން ވަރަށް ތުއްޕުޅުއިރު ވަނީ އަވަހާރަވެފައެވެ. ބަދްރު ހަނގުރާމައިގައި ޢުޘްމާނުގެފާނު ބައިވެރިވަޑައެއް ނުގަންނަވައެވެ. އެއީ ރަސޫލާ އަންގަވައިގެން ރުޤިއްޔަތުގެފާނުގެ އަރިހުގައި ހުންނެވުމަށް ޓަކައެވެ.

195. މުސްލިމުން ފުރަތަމަ ޢީދު ފާހަގަ ކުރީ ހިޖްރައިން ދެވަނަ އަހަރުގެ ޝައްވާލު މަހުގެ ފުރަތަމަ ދުވަހުއެވެ. 

196. ހިޖްރައިން ދެ ވަނަ އަހަރު ރަސޫލާ ﷺ އެކަލޭގެފާނުގެ ދަރިކަނބަލެއް ކަމުގައިވާ ފާޠިމަތުގެފާނު، އެކަލޭގެފާނު ބަލައި ބޮޑުކުރެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނާ ކާވެނިކޮށް ދެއްވިއެވެ. އެ ދެކަނބަލުންނަށް ލިބިވަޑައިގެންނެވި ބޭފުޅުންނަކީ :- 

         ހ- ޙަސަނުގެފާނު 

         ށ- ޙުސައިނުގެފާނު

         ނ- މުޙްސިނުގެފާނު

         ރ- އުއްމު ކުލްޘޫމުގެފާނު

         ބ- ޒައިނަބުގެފާނު

197. ހިޖްރައިން ދެ ވަނަ އަހަރު ބަނީ ޤައިނުޤާޢު ހަނގުރާމަ ހިނގިއެވެ. ޤައިނުޤާޢު ވަންހައަކީ މަދީނާގެ ދެކުނު ހިސާބެއްގައި އުޅުނު ޔަހޫދީ ޤަބީލާއެކެވެ. މި މީހުންނާ ހަނގުރާމަކުރައްވާން ޖެހިވަޑައިގަތީ މުސްލިމުންނާ ޔަހޫދީންނާ ދެމެދުގައި އެއްބަސްވެފައިވާ އެއްބަސްވުމާ ޚިލާފުވުމުންނެވެ. މުސްލިމުންގެ ލަޝްކަރު އެމީހުންގެ ކިއްލާތައް 14 ދުވަސް ވަންދެން ޙިޞާރުކުރުމުން އަމާންދީ މަދީނާއިން ފޭބުމަށް އެއްބަސްވިއެވެ.  

198. ހިޖްރައިން ދެ ވަނަ އަހަރުގެ ޙައްޖުމަހުގެ ތެރޭގައި އަބޫ ސުފްޔާން މުސްލިމުންނަށް ޙަމަލާދިނުމަށް ޓަކައި 200 ވަރަކަށް ހަނގުރާމަވެރީންނާއިގެން މަދީނާގެ ރަށްބޭރަށް ގޮސް، އެރަށުގެ ބައެއް ކަދުރު ރުއްތައް ކަނޑައި އަންޞާރުންގެ ދެ ބޭކަލަކު މަރައިލުމުން، ރަސޫލާ ﷺ އަބޫ ސުފްޔާނާ ކުރިމަތިލެއްވުމަށް ދުއިސައްތަ ވަރަކަށް ޞަޙާބީންނާއިގެން ނުކުމެ ވަޑައިގަތެވެ. މި ޚަބަރު އަބޫ ސުފްޔާނަށް ލިބުމުން ގެނައިހާ އެއްޗެހި (ޚާއްޞަކޮށް ކާބޯތަކެތި) އުކައިލައިފައި ފިލައިގެން ދިޔައެވެ. 

199. ހިޖްރައިން ދެ ވަނަ އަހަރު މުސްލިމުން ފުރަތަމަ ފަހަރަށް އަޟްޙާ ޢީދު  ފާހަގަ ކުރިއެވެ. އެ ދުވަހު ރަސުލާ ﷺ  ދެ  ކަންބަޅި އުޟްޙިޔާގެ ގޮތުގައި ކަތިލުއްވިއެވެ. 

200. ހިޖްރައިން ދެ ވަނަ އަހަރުގެ ޙައްޖު މަހުގެ ތެރޭގައި ޢަބްދުﷲ ބިން މަޡްޢޫން އަވަހާރަވިއެވެ. އެކަލޭގެފާނުގެ މައްޗަށް ރަސޫލާ ﷺ ނަމާދު ކުރެއްވުމަށްފަހު ފަސްދާނުލެއްވީ ބަޤީޢުގައެވެ. މިއީ މުހާޖިރުންގެ ތެރެއިން ބަޤީޢު ޤަބްރުސްތާނުގައި އެންމެ ފުރަތަމަ ފަސްދާނުލެވުނު ޞަޙާބީއެވެ.  

201. ހިޖްރައިން ތިން ވަނަ އަހަރުގެ މުޙައްރަމު މަހުގައި ބަނީ ސުލައިމު ހަނގުރާމަ ހިނގިއެވެ. މި ޣަޒްވަތަށް [ޤަރްޤަރަތުލް ޚަދްރި] އޭ ކިޔެއެވެ. މަދީނާއަށް ޙަމަލާދިނުމަށް ޓަކައި ބަނީ ސުލައިމު ވަންހައިގެ މީހުން ނުކުތް ޚަބަރު ރަސޫލާއަށް ލިބިވަޑައިގަތުމުން މި މީހުންނާ ކުރިމަތިލެއްވުމަށް ޓަކައި 200 މީހުންނާއިގެން ރަސޫލާ ﷺ ނުކުމެވަޑައިގަތެވެ. އެ މީހުންނަށް މި ޚަބަރު ލިބުމުން ބިރުން އެމީހުން ދިޔައީއެވެ. 

202. ހިޖްރައިން ތިން ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގައި ޣަޠުފާން ވަންހައިގެ މީހުން މަދީނާއަށް ޙަމަލާދިނުމަށް ޓަކައި ނުކުތެވެ. މި ހަނގުރާމައަށް [ޣަޒްވަތު ޛީ އަމައްރު] ނުވަތަ [ޣަޒްވަތު ޣަޠުފާން] އޭ ކިޔުނެވެ. މި މީހުންނާ ކުރިމަތި ލެއްވުމަށް ޓަކައި 450 މީހުންނާއިގެން ނުކުމެ ވަޑައިގަތެވެ. މި ޚަބަރު އެމީހުންނަށް ލިބުމުން އެނބުރި ރަށަށް ދިޔައީއެވެ.  

203. ހިޖްރައިން ދެވަނަ އަހަރު ރަބީޢުލް އައްވަލުގެ ތެރޭގައި (އޮގަސްޓް/ސެޕްޓެމްބަރ 624 މ.) ކީރިތި ރަސޫލާގެ ދަރިކަނބަލުން އުއްމު ކުލްޘޫމާ ޢުޘްމާނުގެފާނު ކާވެނިފުޅު ބައްލަވައިގަތެވެ. މި ދެކަނބަލުންނަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. 

204. ހިޖްރައިން ތިން ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގައި ރަސޫލުﷲގެފާނު ޤުރައިޝުންގެ ޤާފިލާއަކަށް ހުރަސްއެޅުއްވުމަށް ޓަކައި  ޒައިދު ބިން ޙާރިޘާގެ އިސްވާރުކަމުގައި ސަރިއްޔާއެއް ފޮނުއްވިއެވެ. ޤުރައިޝުންގެ ޤާފިލާއިން ވަރަށް ގިނަ އެއްޗެހި މުސްލިމުންނަށް ޣަނީމާގެ ގޮތުގައި ލިބުނެވެ. 

205. ހިޖްރައިން ތިން ވަނަ އަހަރުގެ ޝަޢުބާން މަހުގައި ރަސޫލާ ﷺ ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞަތުގެފާނާ ކާވެނިފުޅުބައްލަވައިގަތެވެ. އެއީ އެކަމަނާގެ ފިރިކަލުން ޚުނައިސް ބިން ޙުޛާފަތުގެފާނު އަވަހާރަވުމުންނެވެ. 

206. ހިޖްރައިން ތިން ވަނަ އަހަރުގެ ރަމަޟާން މަހުގައި ކީރިތި ރަސޫލާ ﷺ ޒައިނަބު ބިންތު  ޚުޒައިމަތުލްހިލާލިއްޔާއާ ކާވެނިފުޅުބައްލަވައިގަތެވެ. އެކަމަނާ އަށެއްކަ މަސް ދުވަސް ފަހުން އަވަހާރަވެއްޖެއެވެ. ފަސްދާނުލެވުނީ ބަޤީޢު ޤަބްރުސްތާނުގައެވެ. މިއީ ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އަވަހާރަވި ދެވަނަ އަނބިކަނބަލުންނެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 30 އަހަރެވެ. 

207. ހިޖްރައިން ތިން ވަނަ އަހަރު ޝައްވާލު މަހުގެ މެދުތެރޭގައި އުޙުދު ހަނގުރާމަ ހިނގިއެވެ. މިއީ ރަސޫލާ ﷺ އަށް ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ ބުރަ ހަނގުރާމައެވެ. މި ހަނގުރާމައިގައި އެކަލޭގެފާނު ދަތްޕުޅެއް ބިންދައިގެން ދިޔައެވެ. ވަޅުގަނޑަކަށް ވެއްޓި ވަޑައިގަތުމުގެ ސަބަބުން  މޫނުފުޅު ޒަޚަމުވިއެވެ. 

208. އުޙުދު ހަނގުރާމައަކީ މުސްލިމުންނާ ކުރިމަތި ކުރެއްވި ބޮޑު އިމްތިޙާނެކެވެ. ތެދުވެރި މުއުމިނުންނާ މުނާފިޤުން ވަކިވެގެން ދިޔަ ހަނގުރާމައެކެވެ. މި ހަނގުރާމައިގައި މުސްލިމުންގެ ތެރއިން 70 ބޭކަލަކު ޝަހީދުވިއެވެ. އޭގެތެރޭގައި ސައްޔިދުއްޝުހަދާއު ޙަމްޒަތު ބިން ޢަބްދުލްމުއްޠަލިބުގެފާނު ހިމެނިވަޑައިގަތެވެ. 

209. އުޙުދު ހަނގުރާމައިގައި އަބޫދުޖާނަތުގެފާނު ރަސޫލާ ﷺ ގެ ކަނޑިކޮޅު ނަންގަވައި އެކަލޭގެފާނު ޙިމާޔަތް ކުރައްވަން ހަނގުރާމަކުރެއްވިއެވެ. މަލާއިކަތް ބޭކަލުން ހަނގުރާމައިގެ މައިދާނަށް ފައިބައިވަޑައިގަތެވެ. އެ ބޭކަލުން ޙަންޡަލަތު ބިން އަބީ ޢާމިރު ނާނޭފުޅު ފިއްލެވިއެވެ.

210. އުޙުދު ހަނގުރާމަ ނިމުނު ދުވަހުގެ އަނެއް ދުވަހުގެ ހެނދުނު  ރަސޫލާ ﷺ މުސްލިމުންގެ ތެރެއިން އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތް ބޭކަލުންނާއިގެން ޢަދުއްވުން ބިރުގެންނެވުމަށް ޓަކައި ނުކުމެވަޑައިގަތެވެ. އުޙުދުގެ ދުވަހުގައި މުސްލިމުންނަށް ކުރިމަތިވި ކަންތަކުގެ ސަބަބުން އެމީހުން  ބަލިކަށިވެގެން ނުދާކަން ދެއްކެވުމަށް ޓަކައެވެ. ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީން ޙަމްރާއުލްއަސަދު ނަމަކަށް ކިޔާ ހިސާބަށް ވަޑައިގެން މަޑު ކުރެއްވިއެވެ. އަބޫސުފްޔާނަށާއި އޭނާގެ ލަޝްކަރަށް ރަސޫލާ ﷺ އެމީހުންނަށް ޙަމަލާދެއްވުމަށް ނުކުމެވަޑައިގެން ޙަމްރާއުލްއަސަދުގައި މަޑުކުރައްވައިފިކަން އެނގުމުން  ބިރުން ފިލައިގެން މައްކާއަށް ދިޔައީއެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ