އަދުގެ ޚާއްސަ

Print

މަޢާފު (ފަހުބައި)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(11 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ކައިވެނި ކުރެވުމާއެކު މުނާގެ ދެމަފިރިން އަވަސްވެގަތީ ދެރަކުޢަތުގެ ސުންނަތް ނަމާދު ކުރެވޭތޯއެވެ. ނާހިޒަށް މިހާރު ދީނުގެ ވަރަށްގިނަ މަޢުލޫމާތު އޮޅުން ފިލައިފައިވެއެވެ. އެއިގެ ބޭނުން ހެޔޮގޮތުގައި ހިފާން ނާހިޒު މަސައްކަތް ކުރަމުން ގެންދެއެވެ. 

"އަހަރެން ވަރަށް ބޮޑު ވާހަކައެއް މުނާ ގާތު ބުނާން ބޭނުން." ގޭތެރޭގެ ހަލަބޮލިކަން ހަމައަކަށް އެޅުމުން ނާހިޒު މުނާގެ އަތުގައި ހިފައިގެން އެނދުގައި އިށީނދެ ބުނެލިއެވެ.

"ބުނޭ އަވަހަށް. ވާހަކައެއް ބުނަން ހުއްދަ ހޯދާކަށް ނުޖެހޭނެ. މިހާރު ތިޔައީ އަހަރެންގެ ފިރިމީހާއެއްނު!" މުނާ ހިނިތުންވުމާއެކު ބުނެލިއެވެ.

"އަހަރެން ވަރަށް ބޭނުން މުނާ ތިލާކަހަލަ ހެދުމުގެ ބަދަލުގައި، އިސްލާމް ދީނުގައި އޮންނަ ގޮތަށް ނިވައިވާ ކަހަލަ ހެދުންލާން. އަހަރެން މަސައްކަތް ކުރުމަށްފަހު އެކަހަލަ ހެދުން ހޯދައިދޭނަން." ނާހިޒު ދެއްކި ވާހަކައަށް މުނާ އެއްބަސްވިއެވެ. 

މިސްކިތުގެ އިމާމެއްގެ ވަގުތީ ވަޒީފާ ނާހިޒަށް ލިބިއްޖެއެވެ. ނާހިޒު ބަންގި ގޮވާލެއް ރީތިކަމުގެ ވާހަކަ ރަށުގެ އެންމެން ދައްކަން ފަށައިފިއެވެ. ނަމާދު ކުރާއިރު ޤުރުއާން ކިޔެވުމުގައި މަޚްރަޖަތައް ފުރިހަމަ ކަމުގެވާހަކަ ވެސް ދައްކައެވެ. އެ ވަޒީފާ އަދާކުރަމުން ގޭގައި އިތުރު މަސައްކަތެއްގެ ގޮތުން ވަޑާންކުރާ ތަނަކަށް ދާންފަށައިފިއެވެ. ހައެއްކަ މަސްދުވަސް ވީއިރު، ދަރިފުޅަށް ޚަރަދު ދިނުމާ، މުނާ މަންމަ ދިން ފައިސާ އަނބުރާ ދެއްކޭވަރުވިއެވެ. ނާހިޒަށް ލިބޭ ފައިސާއިން އެކަނި ވެސް ދެމަފިރިން ހަމަޖެހިގެން ދިރިއުޅެމުން ގެންދެވޭ ވަރުވެފައި ބާކީ ވެސް ވެއެވެ. 

" ހިނގާބަލަ އަހަރެންގެ ފައި ޑޮކްޓަރަށް ދައްކާލަން ލަންކާއަށް ދާން." ރަށުން ބޭސްކޮށްގެން ރަނގަޅު ނުވި ފައި ދައްކާލަމުން މުނާ ބުންޏެވެ. 

" ހިނގާ އަވަހަށް ދާން. އެކަމަކު ޗުއްޓީއެއް ނުލިބޭނެ. އަދި މިވަޒީފާއަށް ވަންފަހުން އަހަރު ނުވޭ." 

" ޢާއިލީ ޒިންމާ ޗުއްޓީއެއްގައި ހިނގާ. ފަސްދުވަސް ވަރުވާނީ. ދައްކާލާފައި އަންނާނީ." މުނާ ފައިގައި ވަރަށް ބޮޑަށް ރިއްސާތީ ޑޮކްޓަރުގެ ލަފާގެމަތިން ބޭރަށް ދާން މުނާ ބޭނުމެވެ.

ލަންކާއަށް ދެވުމާއެކު ދަތުރު ވަރުބަލި ފިލުވާލުމަށް ދިޔަދުވަހު ހޮޓެލްގައި މަޑުކުރުމަށް ނާހިޒު ނިންމިއެވެ. ޑޮކްޓަރަށް ދެއްކުން އޮތީ އަނެއްދުވަހު ހެނދުނުއެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު މުނާ އާއި ނާހިޒު ހޮސްޕިަޓަލުން ނިކުންނަން ދަނިކޮށް ނާހިޒުގެ ލޮލުގައި އަޅައިގަތީ ނާހިލު ހޮސްޕިޓަލުގެ ވާރޑާއި ދިމާއަށް ދަނިކޮށެވެ. ނާހިޒު، މުނާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ދިޔައީ ނާހިލް ދިޔަ ދިމާއަށެވެ. 

" ނާހިލް. ނާހިލް." ދެފަހަރަކު ގޮވާލުމުން ކުރީގައި ހުރި ޒުވާނާ ފަސްއެނބުރި ބަލައިލިއެވެ. 

ޙައިރާންކަން އެކުލެވިފައިވާ އަޑަކުން ނާހިލަށް ބަލައިލެވުނީ ނާހިޒާ ދިމާއަށެވެ. އެގޮވައިލި މީހާ އަކީ ކާކުކަން ދެނެގަތުމުގެ ބޭނުމުގައި ބަލަހައިޓައިގެން ހުއްޓެވެ.

ތުނބުޅިލާފައި ހުރި މީހާ އަކީ ކާކުބާއެވެ؟ ކުރުތާއާއި ހަރުވާޅުގައި ބޮލުގައި ތާކިހަލެއް އަޅައިގެން އެހުރީ ދަންނަ ވައްތަރު ޖަހާ މީހާއާ ދިމާއަށް ނާހިލް ބަލަމުން ދިޔައެވެ. އަދި އޭނާ ގާތުގައި ހުރި ކަޅުހެދުންލާފައި މޫނު ބުރުގާ އެޅި އަންހެނެކެވެ. 

" ނާހިލް މީ ދޮންބެ އޭ." ނާހިޒު ވާހަކަ ދައްކަމުން ނާހިލަށް ބުނެލިއެވެ. ވާހަކަ ދެއްކި އަޑުއިވުމުން އެއީ ދޮންބެކަން ނާހިލަށް އެނގުނެވެ. ދޮންބެއަށް އައިސްހުރި ހެޔޮ ބަދަލު އެއީ ނާހިލް ހުވަފެނުގައިވެސް ދުށްކަމެއް ނޫނެވެ. އެތައް ދުވަހެއް ވޭތުވެދިޔައީ ދޮންބެގެ ޚަބަރެއް ނުވެއެވެ. ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަންވެސް ނޭނގިއެވެ. ދެބެން އެކަކު އަނެކަކު ގައިގައި އޮޅުލައި ގަނެވިއްޖެއެވެ. ދެމީހުންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވިއެވެ.

" މިތާ ކީއްކުރަނީ." ނާހިޒު ވާހަކަ ދައްކަން ފެށިއެވެ.

" ބައްޕަ ބަލިވެގެން އެޑްމިޓްކޮށްގެން މިއުޅެނީ. ދޮންބެއަށް މީގެ ދެތިންމަސްކުރިން ވަރަށް ގުޅޭތޯ ބެލިން. ދޮންބެ ދެކެ ރުޅިއައިސް ހުރެ ރަށުން ފުރައިގެން ބައްޕަ ދިޔައީ. އެކަމަކު މާގިނަ ދުވަސްތަކެއްނުވެ، ބައްޕަ އަބަދު އިންނަނީ ވިސްނުމަކަށް ގެއްލިފައި. ދަރިންދެކެ ދުވަހަކުވެސް މައިން ބަފައިންގެ ހިތުގައި ރުޅިވެރިކަމެއް ނުބޭއްވެނެ. ކިތަންމެ ލޯބިން ބައްޕަ ގެންގުޅުނަސް އެންމެން އެއްފަހަރާ ވަކިވެގެން ދިޔައިމަ ބައްޕައަކަށް ހަމަޖެހިގެނެއް ނޫޅެވުނު." 

" ހިނގާ އަވަހަށް ބައްޕަ ގާތަށް ދަމާ. ފަހުން ވާހަކަ ދައްކާނީ." ނާހިޒު އެހެން ބުނުމުން ނާހިލް ލޯފޮހެލުމަށްފަހު ނާހިޒުގޮވައިގެން ބައްޕަ ގާތަށް ހިނގައްޖެއެވެ. އެވަގުތު ބައްޕަގެ ޙާލު ފެނުމުން ނާހިޒަށް ރޮއިގަނެވުނެވެ. ބައްޕަގެ ވަރުގަދަ ހަށިގަނޑު ވަނީ ހިކި އަނަރޫފް ވެފައެވެ. 

" ބައްޕާ ލޯހުޅުވައިލަބަލަ. މިހިރީ ކާކު ބައްޕަގާތަށް އައިސް." ނާހިލް ބައްޕައަށް ގޮވައިލުމުން ހުޖޫދު ލޯހުޅުވައިލައިފިއެވެ. ބަލަހައްޓައިގެން އިރުކޮޅަކު އޮތީ ކާކުކަން ދެނެގަތުމަށެވެ. 

" ބައްޕާ." ނާހިޒުގެ އަޑު ޖެހުމާއެކު ހުޖޫދަށް ކާކުކަން އެނގިއްޖެއެވެ. 

"ދަރިފުޅާ. ތީ ހަމަ ނާހިޒުތަ؟" ބައްޕައަށް ޤަބޫލުކުރަން ދަތިވެގެން ނާހިޒަށް ބަލަމުން ގެންދިޔައެވެ. ރަށުގައި ގިނަވެގެން އުޅުނު ނާހިޒު މަތިން ހަނދާންވިއެވެ. ލާޖީންސް ދުވަހަކު އުނަގަނޑުގައި ހަރުލާފައެއް ނުހުރެއެވެ. މިއަދު ފެންނަ ނާހިޒު ހާދަ ތަފާތެވެ. ގައިގައި ހެޔޮވަރު ވަރަކަށް މަސްޖަހާފައި ހުރުމުން، އަޞްލު ސިފަ ފެންނަން ފަށައިފިއެވެ. ކުޑައިރު ނާހިޒު ހުންނަ ސިފައެވެ. 

"ބައްޕާ މީ އަހަރެންގެ އަންހެނުން މުނާ." މުނާ ދައްކާލަމުން ނާހިޒު ތަޢާރަފެއް ދިނެވެ. އެވަގުތު ނާހިލްވެސް އޭނާގެ އަންހެނުން ޖަނާ ދައްކާލަމުން  މުނާއާ، ނާހިޒަށް ތަޢާރަފް ކޮށްދިނެވެ. 

ނާހިޒު އައުމުން ހުޖޫދުގެ މޫނަށް އުފާވެރިކަން އަތުވެއްޖެއެވެ. އެހެންދުވަސް ދުވަހު ކެއުމާ ދެކޮޅު ހަދަމުންދިޔަ ހުޖޫދު މިއަދު ނާހިޒުގެ އަތުން ރަނގަޅަށް ކައިފިއެވެ. މިއިން ދުވަހަކު ނުކާވަރަށެވެ. ނާހިޒު ބައްޕަގެ ގައިގައި ފިރުމަމުން ގެންދިޔައެވެ. ދުވަހަކު ބައްޕައަށް އަޅާލައިފާ ނުވާމިންވަރަށެވެ. ބައްޕަގެ ގާތުން ނާހިޒު ހިނދުކޮޅަކަށްވެސް ދުރަށް ނުދެއެވެ. ދެދުވަސް ފާއިތުވެ ދިޔައިރު ހުޖޫދު ހީލާފައި ވާހަކަ ދައްކަން ފަށައިފިއެވެ. މަޑުމަޑުން ސިއްޙަތު ރަނގަޅުވުމުގެ ނިޝާންތައް ފެންނަން ފެށީއެވެ. ނާހިޒު ފުރަން ޖެހޭ ވާހަކަ ބުނުމުން ހުޖޫދު އަނެއްކާވެސް ނެގިމަޑުވެފައި އިންނަން ފަށައިފިއެވެ. 

"ބައްޕާ. އަހަރެން އުޅެނީ މިސްކިތެއްގެ މުދިމަކަށް. މިދުވަސްކޮޅު މަޑުކުރެވެން ނެތީމަ ދާން މިއުޅެނީ. އެހެންނަމަވެސް ބައްޕަ ރަނގަޅުވީހާ އަވަހަކަށް އަހަރެން ކައިރިއަށް ގެންދާނަން." ނާހިލްވެސް އެވާހަކައަށް އެއްބަސްވިއެވެ. ބައްޕައަށް އައި ހެޔޮ ބަދަލު ފެނުމުންނެވެ. ނާހިޒު ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެންމެފަހުން ހުޖޫދު، ނާހިޒު ދިއުމަށް އެއްބަސްވީ ހޮސްޕިޓަލުން ދޫކޮށްލުމާއެކު މުނާގެ ރަށަށް ގެންދާނެ ވާހަކަ ބުނުމުންނެވެ.

"ބައްޕަ ގޮވައިގެން އެންމެން ވާނެ އަހަރެމެން ރަށަށްދާން. ވަރަށް ހިތްފަސޭހަ ވާނެ." މުނާގެ ވާހަކައަށް ނާހިލްގެ އަންހެނުން ޖަނާ ހިނިތުންވެލިއެވެ. 

ނާހިޒާ، މުނާ ރަށަށް ދިޔަތާ ހަފްތާއެއްފަހުން ހުޖޫދު އާއި ނާހިލް އަދި ޖަނާ އެރަށަށް އަތުވެއްޖެއެވެ. މުނާ ބުނިހެން ހިތްފަސޭހަ ރަށެކެވެ. އަމާން ރަށެކެވެ. 

"ރަނގަޅު މީހަކާ ޖެހުމުން ކިތަންމެ ގޯސް މީހަކުވެސް ރަނގަޅުވާނެ ކަމުގެ ހެއްކެއް މިހާރު އަހަރެމެންނަށް މިފެންނަނީ. އެކަމަކު މަންމަ އާއި ލީޒާ އެވަރަށް ނަޞޭޙަތް ދިން އިރުވެސް އޭރު ނާހިޒަށް އެއްވެސް ބަދަލެއް އައި ތަނެއް ނުފެނުނު. މިހާބޮޑު ބަދަލެއް ނާހިޒަށް އައި ގޮތެއް ބައްޕައަށް ކިޔައިދީބަލަ." ބައްޕަގެ ވާހަކައަށް ނާހިޒު ހިނިތުންވެލިއެވެ. 

"އޭރު މަސްތުވާ ތަކެއްޗާ ދުރަކަށް ނުދެވުނު. ކިތަންމެ ފަހަރަކު ވިސްނިން އެކަމާ ދުރުވާން. އޭރު ނުވިސްނުނީ. އެތަކެއް ހިތި ތަޖުރިބާއަކަށްފަހު މުނާ އާއި ބައްދަލުވީ. ފުރަތަމަވެސް މުނާ އެދުނީ ރިހެބަށް ގޮސް ފަރުވާ ހޯދަން. ރިހެބުން ލިބުނު ފަރުވާ އަހަރެން މީހަކަށް ހަދައިދިނީ. އަދި މުނާގެ ޢާއިލާ އެހީނުވިނަމަ މިއަދު އަހަރެން ހުންނާނީ ޖަލުގައި." ނާހިޒު ކުރުގޮތަކަށް މަންމަ ނިޔާވި ދުވަހުން ފެށިގެން ކަންކަން ހިނގާދިޔަގޮތް ބައްޕައަށް ކިޔައި ދިނެވެ. އެހުރިހާ ވާހަކަތަކެއް ކިޔައިދިންއިރު ނާހިޒަށް އިނީ ރޮވިފައެވެ. 

"މަންމަ ނިޔާވީވެސް އަހަރެންގެ ސަބަބުން. ލީޒާ ވަކިވެ ދަރިފުޅު ގޮވައިގެން ދާން ޖެހުނީވެސް އަހަރެންގެ ސަބަބުން. އަހަރެން ކަހަލަ ވިޔާނުދާ މީހަކަށް ދެވަނަ އަންބެއްގެ ގޮތުގައި ލިބުނީ ނުލަފާ އަންހެނެއް. އެހެންނަމަވެސް މުނާގެ ސަބަބުން އެހުރިހާ ކަމެއް ހަނދާންނެތިއްޖެ. މިހާރު މަންމައަށް ޓަކައި އޮތީ ހެޔޮ ދުޢާކުރުން." ވާހަކަ މެދުކަނޑާލުމަށްފަހު ދެތިން ސިކުންތު ފަހުން އަނެއްކާވެސް ނާހިޒު ވާހަކަދައްކަން ފެށިއެވެ.

"މިވޭތުވެދިޔަ ދުވަސްތަކުގައި ދަރިފުޅާއި ބައްދަލުވެފައި ނެތުމުން ދަރިފުޅު ނޭނގެ އަހަރެން ފެންނައިރަށް އަނގައިން ބުނާނެ ކަމެއްވެސް. އެހެންތާވާނީ. އަހަރެންގެ ސަބަބުން އެންމެންނަށް ލިބުނު ހިތްދަތިކަން ހަނދާނުން ނުފިލާނެ. ބައްޕަ އަބަދު ކަންކަމާ ވިސްނުމާ، ކެއުމާއި ދުރުވަން ޖެހުނު ސަބަބަކީ ވެސް އަހަރެން. އަހަރެން ކުރި ކުށްތަކުގެ ސަބަބުން ހިތަށް އަރާ މަޢާފް ޙައްޤުބާއޭ." ނާހިޒުގެ ވާހަކަ ދެއްކިއިރު އެއަޑު އެހި ކޮންމެ މީހަކަށް ނާހިޒު ދެރަވެފައިވާ މިންވަރު ދޭހަވެއެވެ. އެއަޑު ވަނީ ކުރަކިވެފައެވެ. ވާހަކަ ދައްކަމުން ދޭތެރެއަކުން ލޯފޮހެލަމުން ގެންދިޔައެވެ. 

"ދަރިފުޅު ކުރި ކުށްތަކަށް ތަޢުބާ ވެއްޖައީމެންނު. ތަޢުބާ ވުމަކީ އެކުރި ކުށްތައް ދެވަނަ ފަހަރަށް ތަކުރާރު ނުވުން. ދަރިފުޅު މިހާރު އުޅެމުން ތިގެންދަނީ ވަރަށް ރަނގަޅަށް. އެހެންވީމާ، މަންމަ ހަމަ ޔަޤީނުންވެސް ދުނިޔޭގައި ހުރިނަމަ މަޢާފް ކުރާނެ. މިހާރު ކުރެވޭނީ އެމަންމަޔަށް ހެޔޮ ދުޢާ. ދެންހުރީ ލީޒާ. ލީޒާ އަކީ ތަންދޮރު ދަންނަ ކުއްޖެއް. ލީޒާ މަޢާފް ކުރާނެ. ބައްޕަ ފޯނުން ދަރިފުޅު ގުޅާލަބަލަ." ހުޖޫދުގެ ވާހަކަ އަޑުއަހާފައި ނާހިޒު ލޯފޮހެލައިފިއެވެ. 

މިގަޑީގައި ލީޒާ އުޅޭނީ ގޭގައި ކަމަށް ބައްޕަގެ ވާހަކައިން އެނގުނެވެ. ނާހިޒު އެވަގުތު ބައްޕަގެ ފޯނުން ލީޒާއަށް ގުޅައިފިއެވެ. ނާހިޒުގެ ވާހަކަ އަޑުއެހުމަށްފަހު ލީޒާ ބުނީ ނާހިޒު ބޭނުން ކޮންމެ ވަގުތަކު ދަރިފުޅާ ބައްދަލު ކުރެވޭނެ ކަމުގައެވެ. 

"ނާހިޒު އެނބުރި މުޖުތަމަޢަށް އާދެވުނީތީ ވަރަށް އުފާކޮށްފިން. އަދި ނާހިޒަށް ހެޔޮހިތުން މަޢާފުކޮށްފިން. ލީމް ވަރަށް ގިނައިން ބައްޕަގެ ވާހަކަ ދައްކާ." ދަރިފުޅުގެ ވާހަކަ އަޑުއިވުމުން ނާހިޒުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހިތުގައި އުފާވެރި ކަމުގެ ވިންދު ޖަހައިލިއެވެ. ކުއްލިއަކަށް އެދަރިފުޅު ދެކިލައި ހިތްވެއްޖެއެވެ. 

"ބައްޕާ. އަހަރެންގެ ވާހަކަ ދަރިފުޅު ވަރަށް ދައްކާކަމަށް ލީޒާ ބުނެފި. ދަރިފުޅު ދެކިލަން އެރަށަށް ވަރަށް އަވަހަށް ދާންވާނެ." ނާހިޒު އުފާވެފައި އިނދެގެން ދެއްކި ވާހަކައަށް ބައްޕަ އާނއެކޭ ބުނެފިއެވެ. 

އެދުވަހަށްފަހު ނާހިޒު ދުވާލަކު އެއްފަހަރު ދަރިފުޅަށް ގުޅައި ވާހަކަ ދައްކައެވެ. ޙަޔާތުން އުނިވެފައިވީ ބައި ފުރިހަމަ ވެއްޖެހެން ނާހިޒަށް ހީވިއެވެ. 

ނާހިޒު ދަތުރު ތައްޔާރު ކުރުމުގައި އަވަދި ނެތި އުޅެމުން ދިޔައެވެ. މުނާ އަވަސްވެގަތީ ނީމާ އާއިއެކު ބާޒާރު ކުރުމަށެވެ. ލީމަށް ބޭނުންވާ ބައެއް އެއްޗެހި ހޯދުމަށެވެ. ނާހިޒުގެ ދަރިފުޅަކީ މުނާގެ ދަރިއެއްގެ ގޮތުގައި ދެކި އެޢުމުރުގެ ކުއްޖަކަށް ބޭނުންވާނެ ވަރަށްގިނަ ސާމާނު ހޯދިއެވެ. 

ދަތުރުގައި ފުރަތަމަ މަންޒިލަކަށްވީ މާލެއެވެ. މާލޭގައި ބައްޕަގެ ގާތުގައި ދެދުވަހެއްވަރު މަޑުކޮށްލުމަށްފަހު އައްޑުއަށް ދިއުމަށް އެދަތުރު ރޭވިފައި ވެއެވެ. ފެރީން ފައިބާއިރަށް ނާހިލް ފެނުމުން ނާހިޒަށް އުފާވެރިކަން ލިބުނެވެ. ކުރީގައި އެދެމީހުންގެ ގުޅުން އޮތީ ހީނަރުވެފައެވެ. އެހެންނަމަވެސް މިއަދު އެޢާއިލާ ވަނީ ބަދަހި ގުޅުމަކުން ގުޅިފައެވެ. 

ޓެކްސީއެއްގައި ނާހިޒު ގެންދިޔައީ ނާހިލް ހިފާފައި ހުރި އެޕާޓްމެންޓަށެވެ. ހިތްގައިމު ގެއެއްގައި ނާހިލް އުޅޭ މަންޒަރު ފެނުމުން ނާހިޒަށް ލިބުނު އުފާވެރިކަން ބޮޑެވެ. ކުއްލިއަކަށް ފެނުނީ ކުޑަކުއްޖަކު ދުވެފައި އައިސް ނާހިޒުގެ ގައިގައި ބައްދައިގަތްތަނެވެ.

"ބައްޕާ." ލޯބި އަޑަކުން އެގޮވާލި ގޮތުން ނާހިޒު ޙައިރާންވިއެވެ. އެވަގުތު ލީޒާ އަންނަތަން ފެނުމުން ނާހިޒަށް އުފަލުންގޮސް ހަދާނެ ނުހަދާނެ ގޮތް ނޭނގި ހުރެ ދަރިފުޅު ގައިގައި އޮޅުލައި ގަނެވިއްޖެއެވެ. އެވަގުތު ނާހިޒުގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފެނުނެވެ. އެކުޑަ ޢާއިލާގެ އެންމެން އެއްތަންވުމުން ބަޔާންކުރަންދަތި އުފަލެއް ލިބިއްޖެއެވެ. 

"ހިނގާ ކާންދަމާ."  ޖަނާގެ އަޑަށް އެންމެން ހުވަފެނީ ދުނިޔެއިން ނުކުމެވުނު ކަހަލައެވެ. ކުރުގޮތަކަށް ލީޒާ މާލެ އަންނަން ޖެހުނު ސަބަބު ނާހިލް ކިޔައިދިނެވެ. ލީޒާއަށް ނާހިޒު ފެނުމުން އެހެން މީހެއްގެ ގޮތުގައި ސިފަވެގެން ދިޔައެވެ. ކާފަ ދަރިފުޅު ފެނުމުން ހުޖޫދު ހުރީ އުފަލުންނެވެ. އެކުޑަކުޑަ ޢާއިލާ އުފާވެރި ފާގަތި ދުވަސްތަކެއް މާތްﷲ މިންވަރު ކުރެއްވުން އެދި ލީޒާ ދުޢާކުރިއެވެ. އަދި މުނާ ކަހަލަ އަންބެއް ނާހިޒަށް ލިބުނުކަމީ މުޖުތަމަޢަށް ނާހިޒު ގެނެވުނު ސަބަބެއް ކަމުގައި ލީޒާ ބުންޏެވެ. ލީޒާއަށް ލިބުނު ކޯސް ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރަށްދާތީ ދަރިފުޅު ބައްޕައާ ޙަވާލުކުރުމުން މުނާއާ ނާހިޒު އުފާވެރިކަން އިތުރުވިއެވެ. ލީޒާ އެކުޑަ ދަރިފުޅަށް ދިންތަރުބިއްޔަތު މުނާ ފާހަގަކުރިއެވެ. އެހެންނޫންނަމަ ލީމް މިއަދު ބައްޕާއޭ ކިޔާފައި ނުގޮވާނެކަން އެންމެންނަށްވެސް އެނގެއެވެ. އެ ހުރިހާ ކަމަކަށްވުރެ އުފާވާ ކަމަކީ ނާހިޒު ކަހަލަ މުޖުތަމަޢުން ގެއްލިފައި ހުރި މީހަކު އަނބުރާ ގެނެވުނު ކަމުގެ އުފަލެވެ. މިއަދު ނާހިޒު ކުރި ހުރިހާ ކުށަކަށް އެންމެން ފަރާތުން މަޢާފް ޙައްޤެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ