އަދުގެ ޚާއްސަ

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (15)

. ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

269. ޤުރައިޝުން ރަސޫލާއަށް ހުރަސްއެޅުމުން އެކަލޭގެފާނު ވަޑައިގެންނެވި މަޤްޞަދު ހާމަކޮށްދެއްވުމަށް ޓަކައި ޤުރައިޝުންގެ ގާތަށް ޢުޘްމާނުގެފާނު ފޮނުއްވިއެވެ. ޤުރައިޝުން ޢުޘްމާނުގެފާނަށް ގެފުޅުގެ އަރިހުގައި ޠަވާފު ކުރައްވައިފައި ވަޑައިގަތުމަށް ދެންނެވިއެވެ. އެކަމަކު ރަސޫލާގެ ކުރިން ޠަވާފު ނުކުރައްވާނެ ކަމަށް ޢުޘްމާނުގެފާނު  ވިދާޅުވިއެވެ. 

270. ޢުޘްމާނުގެ އެބުރިވަޑައިގަތުން ލަސްވުމުން މުސްލިމުން ހީކުރީ ޤުރައިޝުން ޢުޘްމާނުގެފާނު ޤަތުލުކުރީކަމަށެވެ.

271. އެހިނދު ރަސޫލާ صلى الله عليه وسلم ސަހަރާގައި ހެދޭ ހިޔާ ބޮޑު ގަހެއް ކަމުގައިވާ [ސަމުރަތު] ގަހެއްގެ ދަށަށް ވަޑައިގެން މަރުވެއްޖައުމަށްދާންދެން މައްކާގެ މުޝްރިކުންނާ ހަނގުރާމަކުރުމަށް ޢަހްދުވެ ބައިޢަތު ހިފުމަށް ގޮވައިލެއްވިއެވެ. މި ބައިޢަތަށް [ބަޔިޢަތުއް ރިޟްވާން]ގެ ނަން ދެވިފައިވިއެވެ. 

272. މި ބައިޢަތު ހިފުމާ ދެކޮޅު ހެދި ހަމައެކަނި މީހަކީ އަލްޖައްދު ބިން ޤައިސް ނަމަކަށް ކިޔާ މުނާފިޤެކެވެ. 

273. ރަސޫލާ صلى الله عليه وسلم އަށް އެންމެ ފުރަތަމަ ބައިޢަތު ހިއްޕެވީ އަބޫ ސިނާނު ޢަބްދުﷲ އަލްއަސަދީ އެވެ. ކީރިތި ރަސޫލާ އެބޭކަލުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [މި ބިންމަތީގައި ތިބި އެންމެ ރަނގަޅު މީހުންނަކީ ތިޔަބައިމީހުންނެވެ.]  އަދި ވެސް ޙަދީސް ކުރެއްވިއެވެ. [لا يَدْخُلُ النّارَ، إنْ شاءَ اللَّهُ، مِن أصْحابِ الشَّجَرَةِ أحَدٌ، الَّذِينَ بايَعُوا تَحْتَها]  – ([އިރާދަކުރެއްވިއްޔާ މި ގަހުގެ ދަށުގައި ބައިޢަތު ހިފި މީހުންކުރެ ހަމަ އެކަކުވެސް  ނަރަކައަށް ނުވަންނާނެތެވެ.])

274. މި ބައިޢަތުގައި ރަސޫލާ އެކަލޭގެފާނުގެ ކަނާތްޕުޅަށް އިޝާރަތް ކުރައްވައި ވިދާޅުވިއެވެ. މިއީ ޢުޘްމާނުގެފާނުގެ އަތްޕުޅެވެ. މި ބައިޢަތަށް މާތްﷲ ރުހިވޮޑިގަންނަވައި ބަސްވަޙީ ކުރެއްވިއެވެ. [لَقَدْْ رَضِيَ اللَّـهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾ وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ اللَّـهُ عَزِيزًا حَكِيمًا ﴿١٩﴾ وَعَدَكُمُ اللَّـهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِ وَكَفَّ أَيْدِيَ النَّاسِ عَنكُمْ وَلِتَكُونَ آيَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطًا مُّسْتَقِيمًا ﴿٢٠﴾ وَأُخْرَىٰ لَمْ تَقْدِرُوا عَلَيْهَا قَدْ أَحَاطَ اللَّـهُ بِهَا ۚ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرًا ﴿٢١﴾ وَلَوْ قَاتَلَكُمُ الَّذِينَ كَفَرُوا لَوَلَّوُا الْأَدْبَارَ ثُمَّ لَا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴿٢٢﴾ سُنَّةَ اللَّـهِ الَّتِي قَدْ خَلَتْ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ اللَّـهِ تَبْدِيلًا ﴿٢٣﴾] - މާނައީ: [ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ. (18) އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمة މުދާތައްވެސްމެއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (19) ތިޔަބައިމީހުންނަށް ލިބޭނެ ގިނަ غنيمة މުދާތަކެއް، ތިޔަބައިމީހުންނަށް اللَّه وعد ކުރައްވާފައިވެެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ. އަދި ތިޔަބައިމީހުންގެ ކިބައިން މީސްތަކުންގެ އަތްތައް (އެބަހީ: އުނދަގޫތައް) ދުރުކުރެއްވިއެވެ. އަދި (مؤمن ންނަށް نصر ލިބޭނެކަމުގެ) ހެތްކެއްކަމުގައި އެކަން ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ސީދާވެގެންވާ ތެދުމަގަކަށް މަގުދެއްކެވުމަށްޓަކައެވެ. (20) އަދި އެކަމުގެ މައްޗަށް ތިޔަބައިމީހުން ކުޅަދާނަވެގެންނުވާ އެހެންކަމެއްވެއެވެ. ހަމަކަށަވަރުން، اللَّه އެކަން ދެނެވޮޑިގެންވެއެވެ. ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. (21) كافر ވިމީހުން، ތިޔަބައިމީހުންނާ ހަނގުރާމަކުރިނަމަ، އެއުރެން ފުރަގަސްދީ އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ. ދެން އެއުރެންނަކަށް އެހީތެރިޔަކުވެސް، އަދި نصر ވެރިޔަކުވެސް ނުފެންނާނެތެވެ. (22) (އެއީ) މީގެކުރިންވެސް اللَّه އެކަލާނގެ (އަޅުތަކުންނާމެދު) ކަންހިންގަވާފައިވާ ގޮތެވެ. އަދި اللَّه ކަންހިންގަވާގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. (23)]

275. ޤުރައިޝުންނަށް މި ބައިޢަތުގެ ޚަބަރު ލިބުމުން ވަރަށް ބޮޑަށް ބިރުގަނެ ރަސޫލާއާ ޞުލްޙަވުމަށް ނިންމައި  ރަސޫލާ ﷺ ގެ އަރިހަށް  ސުހައިލު ބިން ޢަމްރު ފޮނުވިއެވެ. 

276. ދެ ފަރާތުގެ ދެމެދުގައި  އެއްބަސްވެވުނު ޞުލްޙައަށް [ޙުދައިބިއްޔާގެ ޞުލްޙަ] އޭ ކިޔުނެވެ.  ޞުލްޙުލް ޙުދައިބިއްޔާގެ އެއްބަސްވުމުގައި ހިމެނޭ މުހިއްމު ނުކުތާތަކަކީ :-  

     ހ- މުސްލިމުން މި އަހަރު ޢުމްރާ އަދާނުކޮށް މަދީނާއަށް އެބުރި ދިޔުން

    ށ- މި އަންނަ އަހަރު ޢުމްރާ އަދާކުރުމަށް ޓަކައި މައްކާއަށް އައުން. މައްކާގައި ތިބެން ވާނީ ތިން ދުވަހުއެވެ. 

   ނ- ޢަރަބި  ޤަބީލާތަކުގެ ތެރެއިން ރަސޫލާއާ ގުޅެން ބޭނުން ބަޔަކަށް ރަސޫލާއާއެކު އެއްބައިވަންތަކަން ޤާއިމު ކުރެވިދާނެއެވެ. އަދި ޢަރަބީންގެ ތެރެއިން ޤުރައިޝުންނާ ގުޅެން ބޭނުންވާ ބަޔަކަށް ޤުރައިޝީންނާއެކު އެއްބާރުލުން ޤާއިމުކުރެވިދާނެއެވެ. 

    ރ- މައްކާގެ މީހުންގެ ތެރެއިން އިސްލާމްވެގެން މުޙައްމަދުގެފާނު އަރިހަށް ދިޔަ ކޮންމެ މީހަކު ޤުރައިޝުންނަށް ރައްދު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އެހެނަސް މުސްލިމުންގެ ތެރެއިން މުރްތައްދުވެގެން މައްކާއަށް ދިޔަމީހަކު ޤުރައިޝުންނަށް ރައްދުކުރާކަށް ނުޖެހޭނެއެވެ. މި މާއްދާ ވެގެން ދިޔައީ މުސްލިމުން އެންމެ ބޮޑަށް ނުރުހުން ފާޅުކުރި އެއް މާއްދާއަށެވެ. 

     ބ- ދިހަ އަހަރު ވަންދެން މުސްލިމުންނާ ޤުރައިޝުން ހަނގުރާމަ  ނުކޮށް ތިބުން. 

277. މި ޞުލްޙައިގެ އެއްބަސްވުން ޤާއިމުކޮށް ނިމުމުން ރަސޫލާ މުސްލިމުންނަށް ތަޙައްލުލުވެ ހަދްޔު ކަތިލައި ބޯ ބާލާން  އެންގެވިއެވެ. 

278. ޢުމްރާގެ މަނާސިކުތައް އަދާކުރުމަށް ޓަކައި މުސްލިމުންނަށް މައްކާއަށް ވަނުން މަނާކުރެވުމުން މުސްލިމުން މިކަމާހެދި  ވަރަށް ބޮޑަށް ރުޅި އައެވެ. އަދި ތަޙައްލުލުނުވެ ތިބޫއެވެ.

279. އެހިނދު ރަސޫލާ ﷺ އުއްމު ސަލަމާގެ އަރިހަށް ވަޑައިގެން ޞަޙާބީން އެކަލޭގެފާނުގެ އަމުރުފުޅަށް އިޖާބަ ނުދެއްވި ވާހަކަ ވިދާޅުވިއެވެ. އެހިނދު އެ ކަމަނާ ދެންނެވިއެވެ: އޭ ﷲގެ ނަބިއްޔާއޭވެ! ފޭލިގެކޮޅުން ނުކުމެވަޑައިގެން އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހަދްޔު ކަތިލުއްވައި އިސްތަށިފުޅު ތުރުކޮށްދޭމީހާ ގެންނަވައި ކަލޭގެފާނުގެ އިސްތަށިފުޅު ތުރުކުރައްވާށެވެ! 

280. އުއްމު ސަލަމާ ވިދާޅުވި ގޮތަށް ރަސޫލުﷲގެފާނު ނުކުމެ ވަޑައިގެން ޚިރާޝް ބިން އުއްމައްޔަތުގެފާނު ގެންނަވައި ރަސޫލާ ﷺ ގެ  އިސްތަށިފުޅު  ތުރުކުރެއްވި ތަން ޞަޙާބީންނަށް ފެނިވަޑައިގަތުމުން މަސްއަލަ ނިމިގެން ހިނގައްޖެކަން ކަށަވަރުވެވަޑައިގަތެވެ. 

281. އެއަށްފަހު ރަސޫލާ ﷺ އެކަލޭގެފާނުގެ ހަދްޔު ކަތިލެއްވިއެވެ. އަދި ޞަޙާބީން ވެސް އެބޭކަލުންގެ ހަދްޔު ކަތިލުއްވިއެވެ. 

282. އެއަށްފަހު ރަސޫލާ ﷺ އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެން 1400 ޞަޙާބީންނާއިގެން މަދީނާއަށް ވަޑައިގަތެވެ. މަދީނާއަށް އެނބުރިވަޑައިގަތް މަގުމަތީގައި ފަތުޙު ސޫރަތް ބާވައިލެއްވިއެވެ. މި ކަމާ ހެދި ރަސޫލާ ވަރަށް އުފާފުޅުވިއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. [ދުނިޔޭގައިވާ އެއްވެސް އެއްޗަކަށްވުރެ ބޮޑަށް ތިމަންކަލޭގެފާނު ލޯބިފުޅުވާ އާޔަތެއް މިއަދު ބާވައިލެއްވިއްޖެއެވެ.]  (رواه مسلم)

283. މި އާޔަތަކީ [إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ لِّيَغْفِرَ لَكَ اللَّـهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا ﴿٢﴾ وَيَنصُرَكَ اللَّـهُ نَصْرًا عَزِيزًا ﴿٣﴾ هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ ۗ وَلِلَّـهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّـهُ عَلِيمًا حَكِيمًا ﴿٤﴾ لِّيُدْخِلَ الْمُؤْمِنِينَ وَالْمُؤْمِنَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَيُكَفِّرَ عَنْهُمْ سَيِّئَاتِهِمْ ۚ وَكَانَ ذَٰلِكَ عِندَ اللَّـهِ فَوْزًا عَظِيمًا ﴿٥﴾ وَيُعَذِّبَ الْمُنَافِقِينَ وَالْمُنَافِقَاتِ وَالْمُشْرِكِينَ وَالْمُشْرِكَاتِ الظَّانِّينَ بِاللَّـهِ ظَنَّ السَّوْءِ ۚ عَلَيْهِمْ دَائِرَةُ السَّوْءِ ۖ وَغَضِبَ اللَّـهُ عَلَيْهِمْ وَلَعَنَهُمْ وَأَعَدَّ لَهُمْ جَهَنَّمَ ۖ وَسَاءَتْ مَصِيرًا ﴿٦﴾ وَلِلَّـهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّـهُ عَزِيزًا حَكِيمًا ﴿٧﴾ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا ﴿٨﴾ لِّتُؤْمِنُوا بِاللَّـهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا ﴿٩﴾] - މާނައަކީ : ([ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ. (1) އެއީ ކަލޭޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ. (2) އަދި ގަދަފަދަވެގެންވާ نصر އަކުން ކަލޭގެފާނަށް نصر ދެއްވުމަށްޓަކައެވެ. (3) އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (4) (އެއީ) مؤمن ފިރިހެނުންނާއި، مؤمن އަންހެނުން، އެކަލާނގެ ސުވަރުގެތަކަށް ވެއްދެވުމަށްޓަކައެވެ. އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގައި، އެއުރެން ދެމިތިބޭގޮތުގައެވެ. އަދި އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސެވުމަށްޓަކައެވެ. އަދި ބޮޑުވެގެންވާ ނަސީބު ލިބުމެއްކަމުގައި اللَّه ގެ حضرة ގައި އެކަންތައްވިއެވެ. (5) އަދި منافق ފިރިހެނުންނާއި، منافق އަންހެނުންނާއި، شريك ކުރާ ފިރިހެނުންނާއި، شريك ކުރާ އަންހެނުންނަށް عذاب ދެއްވުމަށްޓަކައެވެ. އެއުރެންނީ، اللَّه އާމެދު ނުބައި ހީތައް ކުރާމީހުންނެވެ. ނުބައިގޮތް ދިމާވުންއޮތީ އެއުރެންގެ މައްޗަށެވެ. އަދި اللَّه އެއުރެންގެ މައްޗަށް ކޯފާލެއްވިއެވެ. އަދި އެއުރެންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި ނަރަކަ ތައްޔާރުކުރެއްވިއެވެ. އެއީ ނުބައިވެގެންވާ ނިމިދިޔުމެކެވެ. (6) އުޑުތަކާއި، ބިމުގެ لشكر ތައް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި عزيز ވަންތަ، حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ. (7) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވައި، (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. (8) (އެއީ) ތިޔަބައިމީހުން اللَّه އަށާއި، އެކަލާނގެ رسول އާއަށް إيمان ވުމަށްޓަކައެވެ. އަދި އެކަލާނގެއަށް نصر ވެރިވުމަށާއި، އެކަލާނގެއަށް މާތްކޮށްހިތުމަށްޓަކައެވެ. އަދި އެކަލާނގެއަށް ހެނދުނާއި، ހަވީރު ތިޔަބައިމީހުން تسبيح ދެންނެވުމަށްޓަކައެވެ.(9) ])

284. އަލްއިމާމުއް ޠައްޙާވީ ވިދާޅުވެފައިވާ ގޮތުގައި މި ފަތަޙައަކީ ޞުލްޙުއް ޙުދައިބިއްޔާއެވެ. އެއީ މައްކާ ފަތަޙަ ކުރެއްވުމެއް ނޫނެވެ. 

285. ޞުލްޙުއް ޙުދައިބިއްޔާ  ފާޅުވެ ބަޔާންވެގެންވާ ފަތަޙައަކަށް ވީ ކީއްވެގެން ހެއްޔެވެ؟ 

286. ރަސޫލާ ﷺ ރަސޫލުކަމާއިގެން ފޮނުއްވުނު ދުވަހުން ފަށައިގެން ޞުލްޙުއް ޙުދައިބިއްޔާއާ ހަމައަށް ވޭތުވެދިޔަ 19 އަހަރުގައި ރަސޫލާގެ ލަޝްކަރުގައި ތިބީ 1400 މީހުންނެވެ. އެހެނަސް ޞުލްޙުއްޙުދައިބިއްޔާއާ މައްކާ ފަތަޙަ ކުރެއްވުމާ ދެމެދުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މުސްލިމުންގެ ލަޝްކަރު 10 ހާހަށް އިތުރުވެގެން ދިޔައެވެ. 

287. ޞުލްޙުލް ޙުދައިބިއްޔާގެ ސަބަބުން އައި ބަދަލުތަކަކީ ކޮބައި ހެއްޔެވެ؟ 

    ހ- ޞުލްޙުއް ޙުދައިބިއްޔާގެ ސަބަބުން ޤުރައިޝުން އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުއްޓުން އައެވެ. މީސްތަކުން އިސްލާމްދީނަށް ވަނުމަށް ގޮވައިލާ ގޮވައިލުންތައް ހުއްޓުވާން ކުރި މަސައްކަތްތައް ހުއްޓުމަކަށް އައެވެ.

     ށ- ޤުރައިޝުންގެ އެއްވެސް ޖެއްސުން ކުރުމެއް، ތުރާ ކުރުމެއްނެތި އިސްލާން ދީނަށް ކޮންމެ ތަނެއްގައި ގޮވައިލުމަށް މަގު ފަހިވިއެވެ.

    ނ- ޞުލްޙުލް ޙުދައިބިއްޔާއަށްފަހު ޤުރައިޝުންގެ ދުއްތުރާތަކާއި ޙަމަލާތައް ހުއްޓުމުގެ ސަބަބުން ރަސޫލާއަށް އިސްލާމްދީނަށް ގޮވައިލެއްވުމަށް ޓަކައި ވަގުތު ތަނަވަސްވެގެން ދިޔައެވެ. 

   ރ- ޚަންދަޤުގެ ދުވަހުގައި އެކަލޭގެފާނާ ދެކޮޅަށް ޖަމާޢަތްތަކާއި ޕާޓީތައް އެއްކޮށް ޖަމާކުރި ޚައިބަރުގެ ޔަހޫދީންނާ ކުރިމަތިލައްވައި އެމީހުންގެ އާރާއި ބާރު ނައްތައިލެއްވުމަށް ޓަކައި އަޅުއްވަން ބޭނުންފުޅުވި ފިޔަވަޅުތައް އެޅުއްވުމަށް ރަސޫލާ އަށް މަގު ތަނަވަސްވީ ޞުލްޙުލް ޙުދައިބިއްޔާއަށް ފަހުގައެވެ. ރަސޫލާ ޚައިބަރުގެ ޔަހޫދީން މަދީނާއިން ބޭރަށް ފޮނުވައިލައްވައި އެމީހުންގެ ނުބައި ރޭވުންތަކުން އިސްލާމީ އުއްމަތް ސަލާމަތް ކުރެއްވިއެވެ. ޞުލްޙުއް ޙުދައިބިއްޔާ ނެތްނަމަ ޤުރައިޝުން ޔަހޫދީންނަށް އެހީވާނޭކަން ކަށަވަރެވެ. އެމީހުންނަށް މުދަލާއި ހަތިޔާރުން އެހީވާނެތެވެ. 

288. ޞުލްޙުއްޙުދައިބިއްޔާގެ ސަބަބުން މަދީނާއަށް އަމާންކަން ލިބި މީސްތަކުންނަށް ހަމަޖެހުން ލިބުމުން އިސްލާމީ ދަޢުވަތު ޢަރަބި ކަރައިން ބޭރަށް ނެރުއްވުމަށް ޓަކައި ފިޔަވަޅުތައް އެޅުއްވުނެވެ. ޢަރަބީންނާއި ޢަޖަމީންގެ ރަސްރަސްކަލުންނަށް ފަތްކޮޅުތައް ފޮނުއްވައި ދީނަށް ގޮވައިލެއްވުނެވެ.

289. މާތްﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ: ރަސޫލާ ﷺ ކިސްރާއަށާއި ޤައިޞަރަށާއި ނަޖާޝީއަށާއި އެންމެހާ ޖައްބާރުންނަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ.  ( رواه مسلم)

290. رسول الله ﷺ  ނަޖާޝީގެ އަރިހަށް ފޮނުއްވީ  ޢަމްރު ބިން އުމައްޔަތެވެ. ނަޖާޝީ އިސްލާންވެ ވަޑައިގެން ރަސޫލާގެ ނަބީކަން ޤަބޫލު ކުރެއްވިއެވެ. 

291. رسول الله ﷺ ރޫމީންގެ ރަސްގެފާނު ޤައިޞަރުގެ ގާތަށް ފޮނުއްވީ ދިޙްޔަތުލްކަލްބީއެވެ. ޤައިޞަރު ރަސޫލާގެ ފަތްކޮޅު ކިޔައިފައި ބިރުގަތެވެ. ނަމަވެސް އޭނާ އިސްލާމެއްނުވެއެވެ. 

292. رسول الله ﷺ ފާރިސްކަރައިގެ ރަސްގެފާނު ކިސްރާގެ ގާތަށް ފޮނުއްވީ ޢަބްދު ﷲ ބިން ޙުޛާފަތުގެފާނެވެ. ރަސޫލާގެ ފަތްކޮޅު ކިޔައިފާ ކިސްރާ ރުޅި އައިސްގެންގޮސް  އެ ފަތްކޮޅު ވީދައި އިރާލިއެވެ. 

293. رسول الله ﷺ މިޞްރުގެ ޤިބްޠީންގެ (ނަޞާރާއިންގެ) ރަސްގެފާނުގެ އަރިހަށް ފޮނުއްވީ ޙާޠިބު ބިން އަބީ ބަލްތަޢަތުގެފާނެވެ. އޭނާ ރަސޫލާގެ ފަތްކޮޅު ކިޔައިފައި އިސްލާމެއް ނުވެއެވެ. 

__________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ