އަދުގެ ޚާއްސަ

Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (19)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(18 މެއި 2020 ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

345.  ހިޖްރައިން 8ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހު ރަސޫލާ ޢަމްރު ބުނުލް ޢާޞަށް ވިދާޅުވިއެވެ. [إني أريد أن أبعثك على جيش فَيُسلِّمك الله ويُغْنِمُك– ([ތިމަންކަލޭގެފާނު ލަޝްކަރެއްގެ ވެރިއެއްގެ ގޮތުގައި ކަލޭގެފާނު ފޮނުއްވަން ގަސްތުކުރައްވަމެވެ. މާތް ﷲ ކަލޭގެފާނަށް ސަލާމަތްކަން ދެއްވައި ޣަނީމާ ދެއްވާނެތެވެ.]) [1] އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. [އަޅުގަނޑު އިސްލާމްދީނަށް ވަނީ މުދަލުގެ އެދުމުގައެއްނޫނެވެ. އެހެނެއްކަމަކު އަޅުގަނޑު އިސްލާމްވީ ޖިހާދުކުރުމުގެ އެދުމުގައެވެ. އޭރުން ﷲގެ ރަސޫލާއާއެކު އުޅެވޭނެތީއެވެ.] ފަހެ ރަސޫލާ ޙަދީސް ކުރެއްވިއެވެ. [يا عمرو نِعْمَ الْمَالُ الصَّالِحُ لِلْمَرْءِ الصَّالِحِ [2]– ([އޭ ޢަމްރުގެފާނޭވެ! ޞާލިޙު މީހަކަށް ލިބިފައިވާ  މުދަލުގެ ހެޔޮ ރަނގަޅުކަމާއެވެ.])

 

346.    رسولالله ޢަމްރު ބުނިލް ޢާޞް ޛާތުއް ސަލާސިލް ސަރިއްޔާގެ ވެރިއެއްގެ ގޮތުގައި ފޮނުއްވިއެވެ. މި ޙަމަލާގައި 300 ޞަޙާބީއަކު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ސަރިއްޔާގެ އަމާޒަކީ  ޤުޟާޢަތު ވަންހައިގެ މީހުން މަދީނާއަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާތީ އެ ޙަމަލާއިން މަދީނާ ސަލާމަތް ކުރެއްވުމެވެ.

347.   ޢަމްރުބުނުލް ޢާޞް މި ބައިމީހުންނަށް ވަރަށް ކުއްލި ގޮތަކަށް ޙަމަލާ ދެއްވައި އެ މީހުން ބަލިކުރެއްވިއެވެ. މި ޙަމަލާގައި މުސްލިމުންގެ ތެރެއިން އެކަކުވެސް ޝަހީދު ވެފައެއް ނުވެއެވެ. އަދި ޒަޚަމުވެފައެއް ވެސް ނުވެއެވެ. ރަސޫލާ މި ކަމާ ވަރަށް އުފާފުޅުވިއެވެ.

348.   ޣަޠުފާން ޤަބީލާގެ  މީހުން  މަދީނާއަށް ޙަމަލާ ދިނުމަށް ތައްޔާރުވަމުންދާތީ އެމީހުންނަށް ޙަމަލާ ދެއްވުމަށް ޓަކައި  ހިޖްރައިން 8ވަނަ އަހަރުގެ ޝަޢުބާންމަހު ރަސޫލާ އަބޫ ޤަތާދަތުލް ޙާރިޘު ބިން ރިބްޢީ ފޮނުއްވިއެވެ. އަބޫ ޤަތާދަތުގެފާނު ވަރަށް ކުއްލި ގޮތަކަށް އެމީހުންނަށް ޙަމަލާ ދެއްވައި އެމީހުން ބަލިކުރެއްވިއެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން މަރުވެ ބައެއް މީހުން އަޅުވެތިވިއެވެ.

349.  ހިޖްރައިން 8ވަނަ އަހަރުގެ ރަމަޟާން މަހު މައްކާ ފަތަޙަ ކުރެވުނެވެ. އެއީ މާތް ﷲ އެކަލާނގެ ދީނަށް މަތިވެރި ނަޞްރެއް ދެއްވި ދުވަހެކެވެ.

350.  މައްކާ ފަތަޙަ ކުރައްވަން ޖެހިވަޑައިގަތީ ޞުލްޙުލް ޙުދައިބިއްޔާއާ މައްކާގެ ޤުރައިޝުން ޚިލާފުވެ، މުސްލިމުންނާއެކު އެއްބާރުލުން ޤާއިމުކޮށްފައިވާ ޚުޒާޢަތު ވަންހައިގެ މީހުންނަށް ޤުރައިޝުންނާއެކު އެއްބާރުލުން ޤާއިމުކޮށްފައިވާ ބަނޫ ބަކްރު ވަންހައިގެ މީހުން ޢަދާވަތްތެރިވެ ޙަމަލާދީ ޚުޒާޢަތު ވަންހައިގެ 20 މީހަކު މަރާލުމުންނެވެ.

351.   ޚުޒާޢާތު ވަންހައިގެ ޒަޢީމު ޢަމްރު ބުނު ސާލިމު މަދީނާއަށް ވަޑައިގެން މި ޚަބަރު ރަސޫލާއަށް ދެއްވިއެވެ. މި ޚިޔާނަތުގެ ވާހަކަ ޢަމްރު ޅެމެއްގެ ސިފައިގައި އެމުނިއެވެ. ރަސޫލާ އެހިނދު ވިދާޅުވިއެވެ. [އޭ ޢަމްރު ބިން ސާލިމޭވެ! ތިބާއަށް ނަޞްރު ލިބިއްޖެއެވެ.]

352.    ޤުރައިޝުން މި ކަމާ ބިރުގަނެ ޞުލްޙަ އައުކުރުމަށް ޓަކައި އަބޫ ސުފްޔާން މަދީނާއަށް ފޮނުވިއެވެ. ނަމަވެސް އަބޫ ސުފްޔާނަށް މައްކާއަށް އެނބުރި ދާން ޖެހުނީ ނާއުއްމީދު ވެގެންނެވެ.

353.   ރަސޫލާ  މައްކާ ފަތަޙަ ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގަތެވެ. އަދި މި ޚަބަރު ޤުރައިޝުންނަށް ވަންހަނާ ކޮށްދެއްވުން އެދިވަޑައިގެން ﷲގެ ޙަޟްރަތަށް ރަސޫލާ ދުޢާ ކުރެއްވިއެވެ.

354.  ރަސޫލާ ، އެކަލޭގެފާނުގެ އަޞްޙާބުންނަށް މައްކާ ފަތަޙަ ކުރެއްވުމަށް ޓަކައި ނުކުމެވަޑައިގަތުމަށް އަމުރު ކުރެއްވިއެވެ. އަދި އިސްލާމްވެފައިވާ ހުރިހާ ޤަބީލާތަކަކަށް މަންދޫބުން ފޮނުއްވައި އެކަމަށް ތައްޔާރުވުމަށް އެންގެވިއެވެ.

355.   ރަސޫލާގެ އަރިހުގައި ދިޔުމަށް 10 ހާސް މީހުން ޖަމާވިއެވެ. މިއީ އެކަލޭގެފާނުގެ އެންމެ ބޮޑު ލަޝްކަރެވެ.  އެކަލޭގެފާނު މި ލަޝްކަރާއިގެން މަދީނާއިން ނުކުމެވަޑައިގަތީ ހިޖްރައިން 8ވަނަ އަހަރުގެ ރަމަޟާން މަހުގެ 10ވަނަ ދުވަހުއެވެ.

356.  މައްކާއަށް ދަތުރު ކުރައްވަނިކޮށް އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން އަބޫ ސުފްޔާން ބުނުލް ޙާރިޘާއި ބޮޑުދައިތާފުޅުގެ ދަރިކަލުން ޢަބްދު ﷲ ބުނު އަބީ އުމައްޔަތު ބުނުލް މުޣީރާ އިސްލާންވެވަޑައިގެން ރަސޫލާއާ ބައްދަލު ކުރެއްވިއެވެ.  

357.  ރަސޫލާ ދަތުރުފުޅު ކުރައްވަމުން ގެންދެވީ ރޯދަފުޅާ ހުންނަވައިގެންނެވެ. ރަސޫލާއާއެކު އެންމެހާ މީސްތަކުން ވެސް ރޯދަ ހިފަމުން އައެވެ. ރަސޫލާ ކަރުފުޅު ހިއްކައިގަނެގެން އިސްތަށިފުޅަށް ފެން އޮއްސެވިއެވެ.

358.  މުސްލިމުންނަށް [އަލްކަދީދު][3]އާ ހަމައަށް އާދެވުމުން ރަސޫލާ ޙަދީސްކުރެއްވިއެވެ. [ހަމަކަށަވަރުން ތިޔަބައިމީހުންނަށް ދުޝްމަނުންނާ ވަރަށް ގާތަށް އާދެވިއްޖެއެވެ. ރޯދަ ދޫކޮށްލުމުން ތިޔަބައިމީހުންނަށް އިތުރު ބާރެއް ލިބޭނެއެވެ.][4]

359.      މިހެން ވިދާޅުވެ ރަސޫލާ ރޯދަފުޅު ވީއްލެވިއެވެ. އަދި މީސްތަކުން ވެސް ރޯދަ ވީއްލިއެވެ. މިއީ ދަތުރުވެރިޔާއަށް މާތްﷲ ދެއްވައިފައިވާ ރުޚްޞާ (ލުއި ފަސޭހަ ކަމެއް) އެކެވެ.

360. ޖުޙްފާއާ ހަމައިން ރަސޫލާއާ ބޮޑުބޭބޭފުޅު ޢައްބާސުގެފާނާ ބައްދަލުވެވަޑައިގަތެވެ. ޢައްބާސުގެފާނު ނުކުމެ ވަޑައިގެންފައިވަނީ އަނބިދަރީން ގޮވައިގެން މަދީނާއަށް ހިޖްރަ ކުރެއްވުމަށް ޓަކައެވެ. ރަސޫލާ މިކަމާ ވަރަށް އުފާފުޅުވިއެވެ. ޢައްބާސުގެފާނަށް  ރަސޫލާ މައްކާ ފަތަޙަ ކުރެއްވުމަށް ދަތުރުފުޅު ކުރައްވަމުންދާކަން އެނގިވަޑައިގެންފައެއް ނުވެއެވެ.

361.  ޢައްބާސުގެފާނަކީ މަދީނާއަށް ހިޖްރަކުރެއްވި އެންމެ ފަހު މުހާޖިރެވެ. މައްކާ ފަތަޙަ ކުރެއްވުމަށް ފަހު ހިޖްރަކުރުމެއް ނެތްކަމަށް ރަސޫލާ ޙަދީސް ކުރެއްވިއެވެ. ރަސޫލާ ޙަދީސް ކުރެއްވިއެވެ. [لاهجرةبعدالفتح [5] – ([ފަތަޙައަށް ފަހު ހިޖްރައެއް ނެތެވެ.])

362. އެއަށްފަހު ރަސޫލާ ޢައްބާސުގެފާނަށް ވިދާޅުވިއެވެ [ބޮޑުބޭބޭފުޅާއެވެ! ހިތްޕުޅު ހަމަޖައްސަވާށެވެ! ތިމަންކަލޭގެފާނަކީ އެންމެ ފަހު ނަބިއްޔާ ފަދައިން ކަލޭގެފާނަކީ އެންމެ ފަހު މުހާޖިރެވެ.

363.   ރަސޫލާއަށް މައްރުއް ޡަހްރާނަށް ވަޑައިގެންނެވުމުން އެ ރޭ އެތާނގައި މަޑު ކުރެއްވިއެވެ. މުސްލިމުންގެ އާރާއި ބާރު ޤުރައިޝުންނަށް ދެއްކެވުމަށް ޓަކައި އަލިފާން ރޯކުރުމަށް މީސްތަކުންނަށް އެންގެވިއެވެ.

364.    ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަނީ މައްކާ ފަތަޙަ ކުރެއްވުމުގެ ޚަބަރު ޖާސޫސުންގެ ލޯތަކަށް ވަންހަނާކޮށް ދެއްވައިފައެވެ.  ޤުރައިޝުން ރަސޫލާއަށް ވީ ޚިޔާނަތާމެދު ރަސޫލާ އަޅުއްވާނީ ކޮން ފިޔަވަޅެއް ކަމެއް އެބައިމީހުންނަށް އެނގިފައެއް ނުވެއެވެ.

365.     ޚަބަރެއް ލިބޭތޯ ބަލަންވެގެން އަބޫ ސުފްޔާނާއި ޙަކީމު ބުނު ޙިޒާމާއި  ބުދައިލު ބުނު ވަރްޤާއު ނުކުމެގެން އުޅުނެވެ. މި އެންމެ ބޭކަލުން ވެސް އިސްލާމްވެ ވަޑައިގަތީ މައްކާ ފަތަޙަ ކުރެއްވުމަށް ފަހުގައެވެ.އެމީހުންނަށް ފެނުނީ ރޯކޮށްފައި ވާ އަލިފާންތަކެކެވެ. 10 ހާސް މީހުން ރަސޫލާގެ އަމުރުފުޅަށް ރޯކުރި އަލިފާން ވަރަށް ބިރުވެރި މަންޒަރަކަށް ވިއެވެ. މި ކަމުން އަބޫސުފްޔާނުމެންގެ ހިތަށް  ބިރުވެރިކަން ވަނެވެ.

366.  އެ ވަގުތު ޢައްބާސުގެފާނު އުޅުއްވީ ރަސޫލާގެ ޚަބަރު ޤުރައިޝުންނަށް ދެއްވާނެ ގޮތެއް ފެނިވަޑައިނުގަންނަވައިގެންނެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ޤުރައިޝުންނަށް ހަނގުރާމަނުކޮށް އަމާންދިނުމަށް ގޮވައިލައްވާށެވެ.

367.  ޢައްބާސުގެފާނަށް މައްކާގެ ވެރިޔާ އަބޫސުފްޔާނާއި ޙަކީމު ބިން ޙިޒާމާއި ބުދައިލު ބިން ވަރްޤާއު ފެނިވަޑައިގަތުމުން ރަސޫލާގެ ޚަބަރު ދެއްވިއެވެ. އަދި ރަސޫލާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ބާރު ޤުރައިޝުންނަށް ލިބިގެން ނުވާކަން ވިސްނާދެއްވިއެވެ. އަބޫ ސުފްޔާނަށް އޮތީ އަމާންދިނުންކަން ވިސްނައިދެއްވިއެވެ.

368.    އަބޫ ސުފްޔާނަށް ރަސޫލާ ގެ ލަޝްކަރުގެ ބޮޑުކަން ފެނުމުން އޭނާއަށް މި ލަޝްކަރާ  ހަނގުރާމަ ކުރުމުގެ ބާރު ލިބިގެން ނުވާކަން ޤަބޫލުކޮށް އަމާން ދިނުމަށް ނިންމިއެވެ.

369.   އެހިނދު ޢައްބާސުގެފާނު، އަބޫ ސުފްޔާނު ގޮވައިގެން ރަސޫލާގެ އަރިހަށް  ވަޑައިގަތެވެ. ރަސޫލާގެ އަރިހަށް އަބޫ ސުފްޔާން ވަނުމުން އެކަލޭގެފާނު އަބޫ ސުފްޔާނަށް އިސްލާމްދީނަށް ގޮވައިލެއްވިއެވެ. އަދި އަބޫ ސުފްޔާން އިސްލާމްވިއެވެ.

370.  އެއަށްފަހު ރަސޫލާ ޙަދީސް ކުރެއްވިއެވެ. [އަބޫ ސުފްޔާނުގެ ގެއަށް ވަތް މީހަކަށް އަމާންކަން ލިބިއްޖެއެވެ. އެމީހެއްގެ ގޭގައި  ދޮރު ލައްޕައިގެން އިން މީހަކަށް އަމާންކަން  ލިބިއްޖެއެވެ.]

          (ނުނިމޭ)



 

[1] -أخرجه البخاري في الأدب المفرد (٢٩٩)

[2] - أخرجه أحمد وابن حبان

[3] - ކަދީދަކީ  ޢުސްފާނާ ޤަދީދާ ދެމެދުގައި އޮންނަ ފެންގަނޑެކެވެ.

[4]  - ޞަޙީޙު މުސްލިމު

[5] - صحيح البخاري ٢٨٢٥ و أخرجه النسائي (٤١٦٠)، وأحمد (١٧٩٩١)

އިދާރާ

އެނގޭތަ؟

ވާހަކަ