އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (6)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(19 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

"ހިނގާބަލަ ރިޒޯޓަކަށް ޖައްސާލަން. މިދުވަސްކޮޅު ވަރަށް ފޫހިވޭ." ޒަލާ ވާހަކަދައްކަމުން ދިޔައީ ސައުނާ އާއެވެ. އެ ކަމަށް ސައުނާ ވަރަށް އަވަހަށް އެއްބަސްވިއެވެ. 

" ކޮންބައެއް ދާނީ." ސައުނާ އެހިއެވެ. 

"އެއްކަލަ ރިޒޯޓްގެ އޯނަރާ ގުޅައިފިން. އޭނާ ބުނީ ގިނަ އަންހެން ކުދީން ގޮވައިގެން އަންނާށޭ. އޭރުންނޭ މަޖާވާނީ." ޒަލާ އެހެން ބުނުމުން ސައުނާ ދެތީން ކުދީންގެ ނަން ކިޔާލިއެވެ. 

"ތީ ރަނގަޅު ކަމެއް. ހިނގައިބަލަ އެންމެންނަށް ގުޅައިފައި ހަމަޖައްސާން. މިރޭ އަށެއް ޖަހާއިރަށް ތައްޔާރުވާން ބުނޭ. ޒީމާ އާއި ޔުމްނާ ގާތު. އަހަރެން ރަޙުމާ އާއި ނަސްވާއަށް ގުޅާނަން." ޒަލާ ފޯނު ބޭއްވިއިރު ހުރީ ހިތްހަމަ ޖެހިފައެވެ. މަޖާކުރާނެ ފުރުޞަތު ލިބޭތީއެވެ. 

މަންމައަށް ގުޅައިފައި ރައްޓެހި ކުދީންނާއެކީ ރިޒޯޓަކަށް ޖައްސާލަން ބޭނުންވާކަމަށް ބުނުމުން މަންމަގެ ހުއްދަ ލިބުނެވެ. 

"ދަރިފުޅުމެން ތީ އަދި ކުޑަކުދީން. ތަންތަނަށް ދާއިރު ބަލައިގެން އުޅޭތި." ޒަހުވާގެ ވާހަކަ އަޑުއިވުމުން ޒަލާ ހޭންފެށިއެވެ. މިހާރު އަހަރެން ވެސް ކުޑަކުއްޖެއް ނޫނޭ ހިތަށް އަރައިފައެވެ.

"މަންމާ. އަހަރެމެން ދަނީ ހުރިހާ ކުދީން އެއްކޮށް މޫދަށް އެރިލައި ހަދާލާށޭ. އެހެން ނޫނަސް އެއްވެސް ފިރިހެން ކުއްޖެއްވެސް ނުގެންދަން. އަބަދު މަސައްކަތުގައި އުޅޭތީ ސިކުނޑިއަށް އަރާމެއް ދޭންވެގެން ކޮށްލާ ދަތުރެއްމީ." ޒަލާގެ ވާހަކައަށް ޒަހުވާ އިތުބާރު ކުރިއެވެ. 

އެރެއަކީ ޒަލާގެ ޙަޔާތުގައި އައި އެންމެ އުފާވެރި ރެއަށްވިއެވެ. ގެސްޓުންނާއެކު ޑީޖޭ ޖެއްސިއެވެ. އިސްލާމް ދީނުގައި ޙަރާމް އެތައް ކަމެއްކުރަމުން ގެންދިޔައީ އުފަލާއި މަޖާކޮށްލުމުގެ ނަމުގައެވެ. ރަލުގެ ދުނިޔެއަށް ގެއްލި ދިޔައީ އަމިއްލަ އިޚްތިޔާރުގައެވެ. ޒަލާއާއެކު ދިޔަ ގްރޫޕްގެ ކުދިން މެންދަމުން އަލިވެ ދޭއްޖަހަންވީއިރަށް އެކި މީސްމީހުންނާ އެކު ގޮސް ގެއްލިއްޖެއެވެ. ޒަލާ ދިޔައީ ރިސޯޓްގެ ވެރިޔާއާއެކުއެވެ. އަނެއް ދުވަހުގެ އިރުއެރީ ވެސް މަޖާކުރުމުން ދަނިކޮށެވެ. ވެފައިހުރި ވަރުބަލި ކަމާއެކު ޒަލާއަށް އެދުވަހު އެއްކޮށް އޮވުނީ ނިދުމުގައެވެ. ދެންތިބި ކުދީންގެ ޙާލު ޒަލާއަކަށް ނޭނގެއެވެ. ޔުމްނާ ގުޅި އެރޭ ރޭގަނޑު އެވެ. ރޭގަނޑުގެ ކެއުމުގައި ޒަލާ ބައިވެރި ނުވާތީއެވެ. އެންމެފަހުން ޒަލާ އެރޭ ރޭގަނޑު އެހެން ކުދީންގެ ކައިރިއަށް ދިޔައެވެ. ދެ ދުވަސް ދިޔަގޮތް ވެސް ނޭނގުނެވެ. އެހާވެސް އުފާވެރި ކަމާއެކު އެ ދެ ދުވަސް ވޭތުވެގެން ހިނގައްޖެއެވެ. ފާހިޝް ޢަމަލު ތަކުގައި ވަގުތު ދާއިރު އެއްވެސް ވަރަކަށް މިކުރެވެނީ ކިހާވަރެއްގެ ނުބައި ކަމެއްކަން ވިސްނައިލާނެ ވަގުތެއް އެމީހުންނަކަށް ނުލިބެއެވެ.

ޒަލާއަށް ޚިޔާލީ ދުނިޔެއިން ނުކުންނަން ޖެހުނީ ތަށި، ތެލި ފަދަ ތަކެތި ދަމާ އަޑަށެވެ. އެއަޑަށް ކާގަޑި ޖެހުނީކަން އެނގުނެވެ. ކާހިތް ނުވިއަސް ތެދުވެގެން ކާއެއްޗެތި ގެނެސް ހުރި ހިސާބަށް ދިޔައެވެ. ގާވަގުތު ޖަލުގައި ތިބޭ އެތައް ބަޔަކާ ދިމާވެއެވެ. އެކަމަކު ވާހަކަ ދައްކާނެ ފުރުޞަތެއް ނުލިބެއެވެ. ފުލުހުން ތިބެނީ އަބަދުވެސް އެމީހުންނާ ދިމާއަށް ކަޅި އަޅައިގެންނެވެ. ޒަލާ ކަހަލަ ކުށްވެރީން ޖަލުގައި ތިބެނީ ވެސް ވަކީންނެވެ. އެއީ މީހުން މެރުމަކީ އެންމެ ބޮޑެތި ކުށަށް ވީމައެވެ. 

ކައި ނިމިގެން ޒަލާއަށް ޚާއްޞަ ގޮޅިއަށް ގޮސް އިށީނެވެ. މާގިނަ އިރުތަކެއްނުވެ ފުލުހަކު ބުނީ ޒަލާ އާ ބައްދަލުކުރާން ވަކީލަކު އައިސް ހުރިކަމެވެ. ޒަލާގެ ވަކީލު ޒަލާއާއި ބައްދަލު ކުރިއެވެ. ފުރަތަމަ ފަހަރަށް ކަން ހިނގައި ދިޔަ ގޮތް ޒަލާގާތު އަހަމުން ގެންދިޔައިރު ކޯޓަށްގޮސް ވާހަކަ ދައްކާނެ ގޮތަކާ މެދުވެސް ވަކީލު ޚިޔާލު ދިނެވެ. ވަކީލު ދައްކާ ވާހަކައަށް ޒަލާގެ ސަމާލުކަމެއް ނެތެވެ. ވަކީލުގެ ވާހަކައިގައި ހުރީ މީހަކު މެރި މީހާ ސަލާމަތްކުރުމުގެ އުކުޅުތަކެވެ.

"ޒަލާއަށް ސަލާމަތް ވެވޭނީ އެމީހާ މަރައިނުލާ ކަމަށް ބުނުމުން." ވަކީލުގެ ވާހަކައަށް ޒަލާ އެއްޗެކޭ ނުބުނެއެވެ. އެކަމަކު ޒަލާ ދައްކަން ހުރި ވާހަކަ ހުރީ ހިތުގައެވެ. ވަކީލަށް ލިބުނު ވަގުތު ހަމަވުމާއެކު ފުލުހަކު އައިސް ވަގުތު ހަމަވެއްޖެ ކަމަށް ބުނުމުން ވަކީލު ހިނގައްޖެއެވެ. ޒަލާއަށް ފުންނޭވާއެއް ލެވުނެވެ. 

އެކަނި ގޮޅި ތެރޭގައި އޮންނައިރު އެތައް ބައެއްގެ މަތީން ހަނދާން ވެއެވެ. އެންމެ ބޮޑަށް ޚިޔާލު ކުރެވެނީ މުސްލިމަކަށްވެހުރެ އުޅެވުނު ގޮތާމެދުއެވެ. އަނެއްކާވެސް ޒަލާއަށް އެނބުރެވުނީ ޚިޔާލީ ދުނިޔެއަށެވެ.

އެއީ ޢީދު ދުވަހަށް ހެދުމެއް ގަންނަން ބާޒާރަށް ނިކުތް ދުވަހެކެވެ. ޒަލާގެ ގްރޫޕް ކުދީންނާއެކުއެވެ. އެއް ފިހާރައިން އަނެއް ފިހާރައަށް ވަންނަމުން ދިޔައީ ކަމުދާ އެއްޗެއް ނުލިބިގެންނެވެ. މިހާރަކަށް އައިސް ފިހާރަތަކުގައި ހުންނަނީ މުޅިން ކަހަލަ ގޮތަކަށް ޖިލްބާބު ނޫނީ އަތްދިގުކޮށް ހުންނަ ހެދުމެވެ. ޒަލާ އާއި އޭނާގެ ރައްޓެހި ކުދީން ބޭނުންވަނީ އަތްކުރު ޓޮޕްކޮޅާއި ސްކާރޓް ނޫނީ ޖީންސެވެ. ފިހާރައިން ނިކުމެގެން ދުވާރުމަތީ ހުރިހާ ކުދީން ވާހަކަ ދައްކަން މަޑުކޮށްގެން ތިބި ވަގުތެކެވެ. ތިބެވުނީވެސް މަގެއްގެ ކަންމައްޗަށް ވާގޮތަށެވެ.

"ހިނގާބަލަ ޗާންދަނީމަގުގެ ފިހާރަތަކަށް. ފަހަރެއްގައި އެ ހިސާބުން ކަމުދާ ކަހަލަ ހެދުމެއް ލިބިދާނެ."  ނަސްވާގެ ބަހަށް ޔުމްނާ ތާއީދު ކުރިއެވެ. އެކަމަކު އެހެންްކުދީންގެ ޚިޔާލު ތަފާތެވެ. މާލެއިން ރަނގަޅު ހެދުމެއް ނުލިބޭނެ ކަމަށް ޒަލާ ބުނަމުން ގެންދިޔައެވެ. އެމީހުންގެ ޚިޔާލު ތަފާތުވުން ތަކުގައި މަގުމަތީ އެތައްއިރަކު މަޝްވަރާ ކުރާން ހޭދަވިއެވެ. މަގުމަތީ ހިނގައިފައި އުޅޭ އެތައް ބަޔަކަށް އެކަމުގެ އުނދަގޫ ފޯރަމުން ދިޔަނަމަވެސް އެއިން އެއްވެސް މީހަކު އަޅައެއް ނުލައެވެ. 

މަގު ހިނގަމުން ދިޔަ މުސްކުޅި ޢުމުރު ފުރައިގެ މީހަކު އެތައް އިރަކު މަގު ހުރަސް ނުކުރެވިގެން ހުންނަން ޖެހުނެވެ. 

"ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކަން ތިހެން މަގުބަންދުކޮށްގެން ތިބީމަ ކިހާ އުނދަގޫވާނެ." މުސްކުޅި މީހާ އެހެން ބުނުމާއެކު ޒަލާ އެމީހާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. 

"މަގަކީ އެންމެންގެ ތަނެއް. ބޭބެމެން ޢުމުރުގެ މީހުން މިހާރު މަގުމައްޗަށް ނުނިކުމެ ގޭގައި އޮތިއްޔާ މާރަނގަޅުވާނެ. ތިޔަ ޢުމުރުގައި ތިބެންވާނީ މިސްކިތުގައޭ" ޒަލާގެ ވާހަކައަށް ހުރިހާ ކުދީން ހޭންފަށައިފިއެވެ. 

"ކޮއްކޮމެންނަށްވެސް ބޭބެމެން މިދެކޭ ދުވަސް އަންނާނެ. އޭރުން ދެން އަންނަ ޖީލު މާކަންތައް ބޮޑުވާނެ. އެ ދުވަހުން ތިޔަ ކުދީންނަށް ވިސްނޭނެ މަގުމަތީގެ މުހިއްމުކަން." އެ ބޭބެ އެހެން ބުނުމަށްފަހު ދުވާރުމަތީން ތަން ނުލިބުމުން މަގުހުރަސްކުރާން އުޅުމުގެ ތެރޭގައި ސައިކަލަކުން ޖެހި ވެއްޓުނެވެ. ޒަލާމެންގެ ގްރޫޕް އެކަކު އަނެކަކާ އަތާ އަތްޖަހައި ހޭންފެށިއެވެ. 

"މިވަރުގެ މީހުންނޭ މަގުމައްޗަށް ނިކުމެ އެހެން މީހުންނަށް ނަޞޭޙަތް ދޭން އެއުޅެނީ. ދެން ނުހިނގި ހޮސްޕިޓަލުގައި އޮންނަނެތާ." ޒަލާ އާއި އެގްރޫޕް ކުދީން މަގުމަތީގެ އަދަބުތަކެއް ނުދަނެއެވެ. އަދި ތިމާއަށްވުރެ ޢުމުރުން ދޮށީ މީހުންނަކަށް އިޙްތިރާމް ކުރާކަށް ވެސް ނޭނގެއެވެ. އެތައް އިރަކު މަގުބަންދުކޮށްގެން ތިބުމަށްފަހު އެމީހުން ހިނގައިގަތީ ސްކޫޕަށް ދިއުމަށެވެ.

"ކޮބާ ޖަޒުލާންގެ ޚަބަރެއް ނުވޭތަ؟ ސައުނާ މަޑުމަޑުން ޒަލާގާތު އެހިއެވެ. 

"އާނ! އޭނަ ކުރިން ފޯނެއް ނުނަގާ. މިހާރު އެ ނަންބަރަށް ގުޅާއިރު އޮންނަނީ ނިއްވައިލައިފައި. އެހެންވެ މިއަދަކު ނޫޅެން ގުޅާކަށްވެސް. އެހެންނޫނަސް ކީއްކުރަން އެހާވަރަކުން ފިރިހެނުންނާ ހެދި އުޅޭކަށް. އަތަށް ފަޔަށް މީހުން އެ ބައޮތް." ޖަޒުލާން އާއި ބެހޭގޮތުން ޒަލާގެ ޚިޔާލު އޮތްގޮތް އެނގުމުން ސައުނާ އިތުރަކަށް އެ ވާހަކައެއް ނުދައްކައެވެ. 

ސްކޫޕަށް ވަން ތަނާހެން ފިރިހެން ގްރޫޕެއް ވެސް އެމީހުންނާ ބައިވެރި ވެއްޖެއެވެ. މަޖާވާހަކަ ދައްކަން ތިއްބައި ވަގުތު ދިޔަގޮތެއް ވެސް ނޭނގުނެވެ. އެ މީހުންގެ އަޑުގަދަކަމުން އެހެން މޭޒުތަކުގައި ތިބި މީހުންވެސް އިރުއިރުކޮޅާ ބަލައެވެ. ވާހަކަދެއްކުމުގައި އެއްވެސް ގޮތަކަށް އަދަބުވެރި ކަމެއްނެތެވެ. 

"ދެން ހިނގައިދަމާ! މިރޭ އޮންނަ ކައިވެނި ޕާޓީއަށް ދާން ތައްޔާރުވާން އޮތް ވަގުތެއް ދެން އޮތީ." ޒަލާ އެހެން ބުނުމުން ހުރިހާ ކުދީން ގެއަށް ދާން ނިކުމެއްޖެއެވެ. 

ޒަލާގެއަށް ދިޔުމާއެކު އެހެންޏާ ނުފެންނަ މަންޒަރެއް ފެނިއްޖެއެވެ. މަންމަ ގޭގައި އުޅޭ ދުވަހެކެވެ. ކޮޓަރިއަށް ވަދެ ފޯނު ނެގިއިރު މަންމަ ދެތިން ފަހަރު ގުޅައިފައި އޮތެވެ. 

"މަންމާ ކިހިނެއްވީ. ހާދަވަރަކަށް ގުޅާފަ އެއޮތީ." ޒަލާގެ އަޑުއިވުމުން މަންމަ ލޯ ހުޅުވައިލައިފިއެވެ. އޭރު ޒަހުވާގެ ދެލޯ ހުރީ ވަރަށް ރަތްވެފައެވެ.

"ދަރިފުޅާ. މަންމަ މިއުޅެނީ ހުންއައިސްގެން. ބައްޕައަށް އުނދަގޫ ނުކުރަންވެގެން ގުޅީ." ޒަހުވާ ކުކުރަމުން ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ. 

"މިހައްދަނީ އެޕޮއިންޓްމެންޓް. ޑޮކްޓަރަށް ނުގޮސް އޮތީމަ މާބޮޑަށް ހުންގަދަވާނީ. މަންމަ ކާރުގައި ޑޮކްޓަރަށް ދަންކަންދޭ." ޒަލާ މަންމަ އާއިއެކު ދާ ޚިޔާލެއް ނުކުރިއެވެ. ޒަހުވާ އެ ކަމާ ވަރަށް ދެރަވެއްޖެއެވެ. އެކަމަކު އެއްޗެކޭ ނުބުނެ ޑޮކްޓަރަށް ދައްކަން ޑްރައިވަރާއެކު ޒަހުވާ ދިޔައެވެ. 

"ހުންއެބަހުރި ވަރަށް މަތީގައި. ކައިގެން ރަނގަޅަށް ބޭސްބޭނުން ކުރާތި. އަދި ތިން ދުވަސްވަންދެން އަރާމު ކުރަންޖެހޭ. މާގިނަ ވަގުތު މަސައްކަތުގައި އުޅުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ފެންމަދު ވެފައި ހުރީ." ޒަހުވާ ދައްކާ ކޮންމެ ފަހަރަކު ޑރ. އާއިރާގެ ނަޞޭޙަތަކީ އަރާމުކުރުން ކަމުގައި ބުނެއެވެ. 

ގެއަށް އައިސް ޒަހުވާ އެނދުގައި އޮށޯތީ ހުންގަދަކަމުންނެވެ. އޭރު ޒަލާ އޭނާގެ ކޮޓަރީގައި ރޭގަނޑު ޕާޓީއަށް ދާން ލާނެ ހެދުމެއް ނެގުމުގައި އަވަދިނެތި އުޅެއެވެ. ހެދުންތައް ވަރަށް ހޭވި ފަހުން ރަނގަޅު ހެދުމެއް ފެނިއްޖެއެވެ.

ޒަލާއަށް މަންމަ ގެއަށް އައިކަން އެނގުނީވެސް އެތައް އިރެއްވީފަހުންނެވެ. ވިޝާކާ އަށް ގޮވާފައި މަންމަ އަށް ކާނެ އެއްޗެއް ގެންގޮސް ދިނުމަށް ޒަލާ ބުންޏެވެ. ކައިނިމުމުން މަންމަ އަށް ބޭސް ދިނުމަށް ވިޝާކާއަށް ހަނދާން ކޮށްދިނެވެ. މަންމަގެ ބަލިޙާލާއިމެދު ޒަލާ އެހާ ކންބޮޑުވާހެންނެއް ހީއެއް ނުވެއެވެ.

(ނުނިމޭ)

 

އިދާރާ

އެނގޭތަ؟

ވާހަކަ