އަދުގެ ޚާއްސަ

Print

ދެވަނަ ފުރުޞަތު (8)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އަސްމާ އަބޫބަކުރު، ހއ. ދިއްދޫ

(21 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ހެނދުނު މޭނުބައި ކުރާނެތީ ޒަލާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. މަންމަ އާއި ބައްޕައަށް ޝައްކެއް ވެދާނެތީއެވެ. ކަންތައްތައްވީ ޒަލާ ބޭނުންވާ ގޮތަށެވެ. މަންމަ އާއި ބައްޕަ ގޭގައި ތިބި ވަގުތުތަކުގައި މޭނުބައިކޮށެއް ނުހަދައެވެ. ހެނދުނު ހޭލި ގޮތަށް ޒަލާ އަނގަޔަށް ކަރަންފުލެއް ލައިގެން އުޅުނީމާ ކަމަށް ވެސް ވެދާނެއެވެ. 

"މީގެ ދެ ދުވަސް ފަހުން ބައްޕަ ވެސް އެބަދާން ޖެހޭ އިންޑިޔާއަށް. ބައްޕައާއެކު ދާން މަޑުކޮށްލާން ވީނުން." ފާހިމްގެ ވާހަކައަށް ޒަލާ ދިޔައީ ދެލޯ ބޮޑުވެގެންނެވެ. ބައްޕައާއެކު ދާންވެއްޖެ ނަމަ، ކަންކަން ފަޅައިއަރާނެތީ ޒަލާ އަވަހަށް ޖަވާބު ދިނެވެ. 

"ނޫން ބައްޕާ! މިހާރު ފުރާ ގަޑި ކައިރިވަނީ. ދެން ދަތުރު ކެންސަލް ކޮށްފިނަމަ އެހެން ކުދީން ހިތްހަމައެއް ނުޖެހޭނެ. އެހެން ނޫނަސް މިދަތުރު ރޭވީ ހުރިހާކުދީން ދާ ގޮތަށް." ޒަލާގެ ވާހަކައަށް ފާހިމް އެއްބަސް ވިއެވެ. 

އެއަރޕޯރޓަށް ގޮސް ޒަލާ ޗެކިންވެ ނިމުނުތަނާހެން ސައިމް ވެސް އަތުވެއްޖެއެވެ. އެއަރޕޯރޓް ތެރޭގައި ސައިމް އިން އިރު ޒަލާއާ ވާހަކަދެއްކީ ވައިބަރުންނެވެ. ގިނަ މީހުންނަށް ސައިމު އަކީ ކާކުކަން އެނގޭނެތީ، އެ ދެމީހުންގެ ވާހަކަ ސައިމް ގެއާ ހަމައަށް ދާކަށް ސައިމް ބޭނުމެއް ނުވެއެވެ.

ޒަލާގެ ހިތުގައި މި ވަގުތު ވަނީ ބަނޑުގައި އުފެދެމުން އަންނަ ފާފައިގެ ނިޝާން ފޮހެލާނެ ގޮތެކެވެ. އެހެން ނޫނީ ދުނިޔެއަށް ފަޟީހަތްވެދާނެއެވެ. މުސްލިމް އަންހެން ކުއްޖަކަށް ވިޔަސް އެ ހިތުގައި ދީނީ އެއްވެސް ކަމަކަށް ޝައުޤުވެރި ކަމެއް ނުވެއެވެ. އޭގެ ބަދަލުގައި އެތައް ފާފަތަކަކަށް އަރައިގަތުމަށް އަވަސްވެގަނެއެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ޖަވާހިރު ނީލަން ކިއިގެން އެ ދިޔައީ ކޮންފަދަ ގޮތަކަށް ހެއްޔެވެ! 

ޒަލާ ދެކޭ ގޮތުގައި ދިރިއުޅުމަކީ އުފަލާ މަޖަލެވެ. އެ ޢުމުރަކީ މަޖާކޮށް އުޅެން ޖެހޭ ޢުމުރެވެ. މީހަކާ އިނުމުން އުޅެން ޖެހޭނީ ފިރިމީހާ ބުނާގޮތެއް ހަދައިގެންނެވެ. ގިނަ ފަހަރު މަޖާކޮށްލާނެ ފުރުޞަތެއް ވެސް ނުލިބޭނެއެވެ. 

ސައިމު އަކީ އެންމެން ދަންނަން މަޝުހޫރު އެތައް ރިޒޯޓެއްގެ ވެރިއެކެވެ. ދެ އަނބީން މިހާރު ވެސް އެބަތިއްބެވެ. އެވަރުންވެސް ކޮންމެ ދެތިން ރެއަކުން އެއްރޭ ރިޒޯޓަށް ވެސް ޅަ އަންހެން ކުދީން ގެންދެއެވެ. މިހާރަކަށް އައިސް ސައިމް އަށް އަޑުއިވިފައި އޮތީ ޒަލާ ސެލޫންގެ މޮޅު ވާހަކައެވެ. އެތަނުގައި ތިބޭ ހިތްވަރުގަދަ ރީތި އަންހެން ކުދީންގެ ވާހަކައެވެ. އޭގެފަހުން އެސެލޫން އަށް ގޮސް ޒަލާ އަތުއަޅުވައިލީއެވެ. ޒަލާ އަކީ ސައިމުއަށް ވަރަށް ކަމުދާ އަންހެން ކުއްޖަކަށް ވިއެވެ. އަދި ޒަލާ ސެލޫންގެ މަސާޖު ކުރުންތަކުން ހަށިގަނޑަށް ލިބޭ އަރާމު އެހާ ބޮޑެވެ. 

ސްކޫލް ނިމިގެން ގެއަށް އައިސް ހައިމާ މެންދުރު ނަމާދުކޮށްގެން އިށީނީ ސްކޫލުން ހަދަން ދިފައިވާ ފިލާވަޅުތައް ހަދާށެވެ. ހައިމާ ގާތުގައި ޙާމިދާ އިށީނެވެ. ހައިމާ ފިލާވަޅުތައް ހަދާ ގޮތް ބެލުމާއި ހައިމާއަށް އެހީތެރިވުމަށެވެ. އެޢުމުރުގެ އެހެންކުދީންނާ އަޅައިބަލާއިރު ހައިމާއަކީ ސުވާލު ގިނަ ކުއްޖެކެވެ. ބައެއްފަހަރު ޙާމިދާގެ ބޮލަށް އުނދަގޫވާ ވަރަށް ސުވާލު ކުރެއެވެ. 

"މަންމާ މިއަދު އިސްލާމް މިސް ބުނުއްވީ ފެންބުއިމުގެ އަދަބުތައް ލިޔެގެން މާދަމާ ސްކޫލަށް އަންނާށޭ. ފެންބުއިމުގައި މާގިނަ ކަންތައް ތަކެއް ނުހުރޭދޯ. ބިސްމި ކިޔައިގެން ފެން ބުއިމުން އެނިމުނީ ނޫންތަ؟" ހައިމާގެ ދެއަތް، ދަތްދޮޅީގައި އަޅުވާލަމުން މަންމަ އާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ފެންބުއިމުގެ ބައިވަރު އަދަބު އެބަހުރި. މަންމަ ކިޔައިދެންތަ" ހައިމާ ބޯޖަހަލިއެވެ.

"ފެންބޯންވާނީ ކަނާއަތުން ތަށީގައި ހިފައިގެން، ފެން ބޯންވާނީ އިށީނދެ އިނދެގެން، ފެންބުއިމުގެ ކުރީން ބިސްމި ކިޔަންވާނެ، ފެން ބޯންވާނީ ތިންފަހަރުމަތީން ނޫނީ އެއަށްވުރެ ގިނަފަހަރު މެދުކަނޑަމުން، ފެންބޯއިރު ތަށީގެ ތެރެއަށް ނޭވާލައިގެން ނުވާނެ، ފެން ބޮއި ނިމިގެން ﷲއަށް ޙަމްދު ކުރާންވާނެ،" ޙާމިދާ ކޮންމެ ކަމެއް ކިޔަމުން ދިޔައިރު ހައިމާ ދިޔައީ އިނގިލިން އެކަންކަން ގުނަމުންނެވެ. 

"މަންމާ. ހާދަބައިވަރު ކަންކަން މަންމައަށް އެނގޭދޯ. މަންމަ ތިޔަ ކީ ހުރިހާ ކަމެއް ލިޔުނީމާ މިސް ވަރަށް އުފާވާނެ." ހައިމާގެ ވާހަކަ އަށް ޙާމިދާ ބޯޖަހައިލުމާއެކީ ހައިމާ ލިޔާން ފަށައިފިއެވެ. 

"ދަރިފުޅު ހޯމްވާރކް ނިންމާލާފަ ވާނެ މުބާރާތަށް ކިޔަވަން އޮންނަ ބައި ފަރިތަ ކޮށްލަން އިނގޭ." ޙާމިދާ އެހެން ބުނުމުން ހައިމާ އާއެނކޭ ބުންޏެވެ. 

"އައްޗި ކިރުތަށްޓަށް އެވެއްޓުނީ މެއްސެއް." ހައުލާ އަނގަ ހަދައިގެން ހުރެ ބުންޏެވެ. 

"ދަރިފުޅާ މެއްސެއް ސައިތަށްޓަށް ވެއްޓިއްޖެނަމަ އެމެހި ސައިތަށްޓަށް ގަންބާލުމަށްފަހު ނަގާ އެއްލާލާ." ޙާމިދާގެ ވާހަކަ އަޑިއިވުމުން ހައުލާ ކަންބޮޑުވިއެވެ. އަދި ފަކުރުގަތެވެ.

"ހައުލާ.. މެހީގެ އެއްފިޔައިގައި ބަލި ލައްވާފައިވާއިރު، އަނެއް ފިޔައިގައި އެބަލީގެ ޝިފާ ލެއްވިކަމަށް އަހަރެމެންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޙަދީޘް ކުރައްވައިފައި. އެހެންވީމަ ތިޔަ ސައިތަށި އިސްރާފް ނުކޮށް އެހެން ހަދައިބަލަ!" މަންމަގެ ވާހަކަ އަޑުއިވުމުން ހައުލާ މެހި ގަންބައިލުމަށްފަހު އެ ނަގައި އެއްލައިލައިފިއެވެ. އަދި ބޭސްތަށްޓެއް ބޯލާ އުޞޫލުން ކިރުތަށި ބޯލައިފިއެވެ.

"ޢައްސަލާމް ޢަލައިކުމް" ސަލާމުގެ އަޑަށް ޖަވާބު ދެމުން ޙާމިދާ ގޭގެ ދޮރު ހުޅުވައިލިއިރު ފެނުނީ ކުޑައިރުގެ ރަޙުމަތްތެރިޔާ ބޭރުގައި ހުއްޓައެވެ. 

" ޒަހުވާ.." ޙާމިދާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެތައް ޒަމާނަކަށްފަހު ޒަހުވާ ފެނުމުންނެވެ.

"ކިހިނެއް އެނގުނީ މިގެއަށް އަންނަން؟ އާދޭ އަވަހަށް އެތެރެއަށް! އާދެވުނު ފަހަރު އެއްޗެއް ބޯލައިގެން ދާންވާނީ." ޙާމިދާ ޒަހުވާ އިށީންނަން ތަން ދެއްކިއެވެ. އަދި ބަދިގެއަށް ވަދެ ޒަހުވާއަށް އެންމެ މީރު ތެލުލި ބަނބުކޭލާއި ކޮފީ ގެނެސްދިނެވެ. ރަށުގައި އުޅޭއިރު ހުރިހާ ރައްޓެހީން ވެސް ޒަހުވާއަށް ތެލުލި ބަނބުކެޔޮ ގެނެސް ދެއެވެ. ޒަހުވާ ފެނުމުން ހައުލާ އައިސް ސަލާމް ގޮވައިލުމަށްފަހު ޙާލު ކިހިނެއްހޭ އަހައިލިއެވެ. އަދި ހައިމާ ޤުރުއާން ކިޔަވަން އިންތަން ފެނުމުން ދެގޭގެ ކަންކަން އަޅައިކިޔާލެވުނެވެ. 

"ދެން ބުނެބަލަ. އަހަރެން ވަރަށް މަސައްކަތް ކުރީން ޒަހުވާ ހޯދަން. އެކަމަކު ކާމިޔާބެއްނުވި. އެހެންވެ ހީކުރީ ރާއްޖޭގައި ނޫޅެނީ ކަމަށް." ޙާމިދާގެ ވާހަކަ އަޑުއިވުމުން ޒަހުވާ ހިނިތުންވެލިއެވެ.

"ރާއްޖެ ދޫކޮށް އެހެންތާކަށް ދާޚިޔާލެއް ނުކުރަން. އޮފީހުގެ ވެރިއަކަށްވާތީ ގިނަވަގުތު އުޅެން ޖެހެނީ ވަރަށް ބިޒީކޮށް. ގޭގައި ވެސް އެހާ ގިނަވަގުތަކު ނޫޅެވޭ. މިދިޔަ ހަފުތާ ރަށު އާދަންބެ ފެނުނީ އޯކިޑުމަގުން ދަނިކޮށް. އާދަންބެ އާއި ވާހަކަ ދައްކާލުމުން ކުޑައިރުގެ ހަނދާންތައް އާވި. ޙާމިދާގެ ވާހަކަ އެހުމުން މިހާރު ޙާމިދާ ވެސް މި ރަށުގައި އުޅޭތާ ދެތިން އަހަރުވެއްޖޭ ބުނި. އާދަންބެ މިގެ ހުރި ތަން ކިޔައިދިނީ" 

ކުޑައިރުގެ ރަޙްމަތްތެރީން އެއްތަންވުމުން މާޒީގެ ފޮތް ހުޅުވާލިއެވެ. އެތައްވާހަކަ ތަކެއް އެކަކު އަނެކަކާ ޙިއްޞާ ކުރަމުން ދިޔައެވެ. ދެމީހުންގެ ދަރީންގެ ވާހަކަވެސް އެކަކު އަނެކަކަށް ކިޔައިދީ ހެދިއެވެ.

"މިދުވަސްކޮޅު ޒަލާވީ ރާއްޖޭން ބޭރުގައި ރައްޓެހި ކުދީންނާ އެކީ. ފާހިމްވެސް ރާއްޖޭން ބޭރަށް ފުރީ އިއްޔެ މިހާރު ގޭގައިވެސް އެކަނިވީ." ޒަހުވާ އެހެން ބުނުމުން ޙާމިދާ ޙައިރާންވިއެވެ. 

"އަންހެން ދަރީން އެކަނި ތަންތަނަށް ފޮނުވުމަކީ އެހާ ރަނގަޅު ކަމެއް ނޫން. އެހެން ނޫނަސް އެ ކުދީންގެ އެ ޢުމުރަކީ ދާންވީ ރަނގަޅު މަގުން ކައްސައިލާނެ ޢުމުރު"  ޙާމިދާގެ ވާހަކަ އަޑުއިވުމުން ޒަހުވާ ހިނިގަނޑެއް ޖަހައިލިއެވެ.

"ޙާމިދާ ތިޔަ އުޅެނީ މާބިރަކުންނޭ. މި ޒަމާނުގައި ދަރީންނަށް އަމިއްލަ ޒިންމާ ނަގަން ދަސްވާނީ ވެސް އެކަނި ކަންކަން ކުރާން ފުރުޞަތު ދިނުމުން." ޒަހުވާގެ ރާގު ހުރި ގޮތުން އޭނާގެ ދަރިފުޅަށް ކުރާ އިތުބާރު ދޭހަވެއެވެ.

"ޒަހުވާގެ ތިޔަ ވާހަކައިން ދަރިފުޅަށް ކުރާ އިތުބާރު އެނގޭ. އެކަމަކު ޒަހުވާގެ ދަރިފުޅު ޒަލާއާ އެކު އުޅޭ އެހެން ކުދީންނަށް އިތުބާރު ކުރެވޭތަ؟" ޙާމިދާގެ ވާހަކައަށް މިފަހަރު ޒަހުވާ އަށް ޖެހުނީ ވިސްނައިލާށެވެ. 

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ