އަދުގެ ޚާއްސަ

Print

ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (23)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ސިޔަރަތު

 

އިބްރާހީމް ރަޝީދު މޫސާ

(22 ވަނަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

442. ހިޖްރައިން ނުވަ ވަނަ އަހަރުގެ ރަޖަބުމަހުގައި ތަބޫކު ހަނގުރާމަ ހިނގިއެވެ. މިއީ ރަސޫލާ ﷺ ކުރެއްވި އެންމެ ފަހު ހަނގުރާމައެވެ. ތަބޫކަކީ މަދީނާއާ 700 ކީލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. 

443. މި ހަނގުރާމަ ހިނގީ ދުނިޔޭގެ އޭރުގެ އެންމެ ބޮޑު ބާރު ކަމުގައިވާ ރޯމަން ދައުލަތާ ދެކޮޅަށެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ އަޞްޙާބުންނަށް މި ހަނގުރާމައަށް ތައްޔާރުވެ ވަޑައިގަތުމަށް ގޮވައިލެއްވިއެވެ. 

444. ތަބޫކު ހަނގުރާމައިގެ ވަގުތަކީ ވަރަށް ބުރަ ވަރަށް ތަދުމަޑުކަން ބޮޑު ވަގުތެކެވެ. އެ ދުވަސްވަރަކީ ހޫނު މޫސުމުގެ އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެ ތަނަކީ މަދީނާއާ ވަރަށް ދުރު ހިސާބެކެވެ. މިހެންވެ މި ހަނގުރާމައަށް [غزوة العُسْرَة]ގެ ނަންދެވުނެވެ. 

445. ތަބޫކު ހަނގުރާމައަށް ދިޔުމުގައި ރަސޫލާ ﷺ މީސްތަކުންނަށް އިޚްތިޔާރެއް ނުދެއްވައެވެ. އެހެނެއްކަމަކު އެ ކަން ހައްދަވައިފައި ވަނީ ވާޖިބަކަށެވެ. ބަލިމަޑުކަންފަދަ ޢުޒުރެއް ނެތް ކޮންމެ މީހެއްގެ މައްޗަށް ވާޖިބު ކަމެއް ކަމުގައި ހެއްދެވިއެވެ. 

446. އެއަށްފަހު ރަސޫލާ ﷺ ޞަޙާބީންނަށް މި ހަގުރާމައަށް ދާ ލަޝްކަރަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ހޭދަކުރުމަށް ގޮވައިލެއްވިއެވެ. އެހިނދު ޞަޙާބީން މި ކަމުގައި ވާދަކުރެއްވުމަށް އިސްކަން ދެއްވިއެވެ. 

447. އަބޫބަކްރުގެފާނު އެކަލޭގެފާނުގެ ހުރިހާ މުދާތަކެއް ހިއްޕަވައިގެން ވަޑައިގެން ރަސޫލާގެ އަތްޕުޅަށް އެރުއްވިއެވެ. އަދި ޢުމަރުގެފާނު އެކަލޭގެފާނުގެ މުދާތަކުގެ ދެބައި ކުޅަ އެއްބަޔާއިގެން ރަސޫލާގެ އަރިހަށް  ވަޑައިގަތެވެ. 

448. ޢުޘްމާނުގެފާނު މީހަކު ހީވެސް ނުކުރާހާ ބޮޑެތި އެހީތަކުން އެ ލަޝްކަރަށް ހޭދަކުރެއްވިއެވެ. ޢުޘްމާނުގެފާނުގެ މި މަތިވެރި ހޭދަކުރެއްވުމާއި އެކަލޭގެފާނުގެ ދީލަތިފުޅުކަން ރަސޫލާއަށް ފެނިވަޑައިގަތުމުން އެކަމާ ވަރަށް އުފާފުޅު ކުރައްވައި ވިދާޅުވިއެވެ. [ما ضَرَّ عثمانُ ما عمل بعدَ اليومِ] – ([މިއަދަށް ފަހު ޢުޘްމާނުގެފާނު ކުރައްވާ ކަމަކުން އެކަލޭގެފާނަށް ގެއްލުމެއް ނެތެވެ.]) (صحيح الترمذي ٣٧٠١)  

449. ޢަބްދުއްރަޙްމާން ބިން ޢައުފު، އަށް ހާސް ދިރްހަމާއިގެން ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. މިމޭރުމުން ހުރިހާ ޞަޙާބީންވެސް މި ލަޝްކަރަށް ހޭދަކުރެއްވިއެވެ. 

450. މުނާފިޤުންނަށް މި މަންޒަރު ފެނުމުން ޞަޙާބީންނަށް މަލާމާތްކޮށް ފުރައްސާރަކުރަން ފެށިއެވެ. މުއްސަނދި ޞަޙާބީއަކު އެއްޗެއް ދެއްވައިފިނަމަ އެއީ [ކަންދެއްކުމެކޭ] ބުންޏެވެ.

451. ތަނަވަސްކަން ކުޑަ ޞަޙާބީއަކު ޞާޢެއްގެ މިންވަރުން ހޭދަކުރައްވައިފިނަމަ [މާތް ﷲ ޞާޢެއްގެ  މިންވަރަށް ބޭންވެވޮޑިގެން ނުވެއޭ] ބުނެތެވެ.

452. މި ކަމާ ބެހޭގޮތުން މާތް ﷲ ބަސްވަޙީ ކުރެއްވިއެވެ. [الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لَا يَجِدُونَ إِلَّا جُهْدَهُمْ فَيَسْخَرُونَ مِنْهُمْ ۙ سَخِرَ اللَّـهُ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ]  - ([އެއުރެންނީ، مؤمن ންގެ ތެރެއިން تطوّع ގެ ގޮތުން صدقات ދޭ މީހުންގެ صدقات އާމެދު، ކުޑައިމީސްބަސް ބުނާ މީހުންނެވެ. އަދި އެއުރެންނީ (އެބަހީ: مؤمن ންނީ) އެއުރެންނަށް ކިރިޔާ ފުދޭމިންވަރު ނޫނީ ނުލިބޭ މީހުންނެވެ. ފަހެ، އެއުރެންނަށް އެއުރެން (އެބަހީ: منافق ން) މަލާމާތް ކުރެތެވެ. اللَّه އެއުރެންނަށް މަލާމާތް ރައްދުކުރެއްވިއެވެ. އަދި އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.]) (التوبة : 79).

453. ޢުޒުރަކާނުލައި ފަސްޖެހިވަޑައިގެންނެވި ޞަޙާބީންތަކެއް ތިއްބެވިއެވެ. އެއީ ތެދުވެރި ޞަޙާބީންތަކެކެވެ. ޢުޒުރަކާ ނުލައި މި ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގަންނަވާ ޞަޙާބީންގެ ތެރޭގައި:- 

  • ހ- ކަޢުބު ބިން މާލިކު
  • ށ- ހިލާލު ބިން އުމައްޔަތު
  • ނ- މުރާރަތު ބިނުއްރަބީޢު  ވިއެވެ. 

454. ރަސޫލާ ﷺ ތަބޫކު ހަނގުރާމައަށް ނުކުމެވަޑައިގަތީ 30 ހާސް  ހަނގުރާމަވެރީންނާއިގެންނެވެ. މިއީ ރަސޫލާގެ އެންމެ ބޮޑު ލަޝްކަރެވެ. 

455. ރަސޫލާ އެކަލޭގެފާނުގެ އަހްލުން ބެލެހެއްޓެވުމަށް ޓަކައި ޢަލީގެފާނު މަދީނާގައި ބެހެއްޓެވިއެވެ. އެހިނދު ޢަލީގެފާނު ދެންނެވިއެވެ. [އަޅުގަނޑު އަންހެނުންތަކާއި ކުޑަކުދިންތަކާއެކު ބަހައްޓަވަނީ ތޯއެވެ؟] 

456. އެހިދު ރަސޫލާ ﷺ ޢަލީގެފާނާ މުޚާޠަބު ކުރައްވައި ޙަދީސްކުރެއްވިއެވެ. [أما تَرضى أن تكونَ منِّي بمنزلةِ هارونَ من موسى إلا أنه لا نبوَّةَ بَعدي ]- ([މޫސާގެފާނުގެ އަރިހުގައި ހާރޫނުގެފާނު ހުންނެވި މަޤާމުގައި ކަލޭގެފާނު ތިމަންކަލޭގެފާނުގެ އަރިހުގައި ހުންނެވުމަށް ރުހިވަޑައި ނުގަންވާނަންތޯއެވެ؟ އެހެނެއްކަމަކު ތިމަންކަލޭގެފާނަށްފަހު ނަބީކަމެއް ނެތެވެ.]) 

457. ނަބިއްޔާ ﷺ އެކަލޭގެފާނު މި ބޮޑު ލަޝްކަރައިގެން ޘަނިއްޔަތުއް ވަދާޢު ކިޔާ ހިސާބަށް ވަޑައިގެން ފައިބައިވަޑައިގަތެވެ. މިތާނގައި އެކަލޭގެފާނު ތަފާތު ފައުޖުތަކަށް ދިދަ ބަނދެދެއްވިއެވެ. މި ލަޝްކަރުގައި މުނާފިޤުންގެ ވަރަށް ގިނަ ބަޔަކު ތިއްބެވެ.

458. ތަބޫކަށް ވަޑައިގެންނެވި މަގުމަތީގައި ޘަމޫދު ބާގައިގެ މީހުން ދިރިއުޅުނު އަވަށްތަކުގެ ތެރެއިން [އަލްޙިޖްރު ތެރެއިން] ދަތުރު ކުރެއްވިއެވެ. އެމީހުންގެ ގެތަކަށް ނުވަނުމަށް ރަސޫލާ އެންގެވިއެވެ. ރަސޫލާ  މި އަވަށްތަކުގެ ކައިރިން ދަތުރުފުޅު ކުރެއްވިއިރު ވަރަށް ބާރަށް ސަވާރީކޮޅު ދުއްވެވިއެވެ.   

459. ރަސޫލާ މި އަވަށްތަކުގެ ތެރެއަކަށް ވަދެވަޑައެއް ނުގަންނަވައެވެ. މަޑުކުރެއްވީ އެ ތަނާ ކައިރި ހިސާބެއްގައެވެ. 

460. ޙިޖްރުގައި ހުރި ވަޅަކުން ބައެއް މީހުން ފެން ބުއެވެ. އެ ފެން ހުރީ ކިސަޑާ އެކުވެފައެވެ. ރަސޫލާއަށް މި ކަން އެނގިވަޑައިގަތުމުން އެ އަވަށްތަކަށް ނުވަނުމަށް އަމުރުކުރެއްވިއެވެ. އެމީހުންނަށް މާތް ﷲ ދެއްވި ޢަޒާބަކުން ތިޔަބައިމީހުންނަށް ގިލަންވެރިކަމެއް ޖެހިދާނެތީ ބިރުފުޅުގަންނަ ކަމަށް ވިދާޅުވިއެވެ. 

461. އެ ތަނުން ފެން ނުބުއިމަށް ވެސް އަމުރު ކުރެއްވިއެވެ. އެމީހުން އެތަނުން ފެން ނަގައި ހަންހަމަށް އެޅިކަން  އެނގިވަޑައިގަތުމުން އެ ފެންތައް އުކައިލުމަށް އެންގެވިއެވެ. 

462. އެއަށްފަހު ރަސޫލާ  މީސްތަކުންނަށް ނަސޭހަތް ދެއްވުމުގެ ގޮތުން ޚުޠުބާއެއް ދެއްވިއެވެ. 

463. ރަސޫލާ ތަބޫކަށް ވަޑައިގެން މަގުމަތީގައި ނަމާދު ޖަމްޢު ކުރެއްވިއެވެ. މެންދުރާއި ޢަޞްރު ޖަމާކުރައްވައިގެންނާއި މަޣްރިބާއި ޢިޝާ ޖަމްޢުކުރައްވައިގެންނެވެ.

464. މި ދަތުރުފުޅުގެ މަތީގައި ހޫނުގަދަވެގެން ފެނަށް ޖެހުނެވެ. މީސްތަކުން އެކަމުގެ ޝަކްވާ ކުރުމުން ވާރޭ ވެއްސަވާ ދެއްވުމަށް އެދިވަޑައިގެން ރަސޫލާ ދުޢާ ކުރެއްވިއެވެ. އެހިނދު ވިލާތައް ނަގައި ވާރޭ ވެހުނެވެ. މީސްތަކުން އެ ފެން ބޮއި އެ ފެން ހަންހަމަށް އަޅައި ރައްކައުކުރިއެވެ. 

465. ތަބޫކަށް ވަޑައިގެންނެވި މަގުމަތީގައި ރޭގަނޑު ނިދައިލުމަށް ޓަކައި ލަޝްކަރީން މަޑު ކުރިއެވެ. ފަތިސްވުމުގެ ތަންކޮޅެއް ކުރިން  ރަސޫލާ ﷺ ޤަޟާޙާޖަތް ކުރެއްވުމަށް ޓަކައި މުޣީރަތު ބުނު ޝުޢުބާއާއެކު ތަންކޮޅެއް ދުރަށް ޖެހިވަޑައިގަތެވެ. 

466. މި ކަމާހެދި ރަސޫލާ ﷺ ފަތިސް ނަމާދަށް ވަޑައިގަތުން ލަސްވިއެވެ. އެހިނދު މީސްތަކުން ޢަބްދުއްރަޙްމާން ބިން ޢައުފު އިމާމަކަށް ހަދައި ފަތިސްނަމާދު ކުރަން ފެށިއެވެ. ރަސޫލާއަށް ވަޑައިގެންނެވުނީ ދެވަނަ ރަކްޢަތަށެވެ. އެކަލޭގެފާނު ޞަޙާބީންނާއެކު އެއް ރަކްޢަތް ކުރައްވައިފައި އަނެއް ރަކްޢަތް ވަކިން ކުރެއްވިއެވެ. 

467. ޢަބްދުއްރަޙްމާން ބްނު ޢައުފުގެފާނު ސަލާން ދެއްވުމުން ރަސޫލާ  ތެދުވެވަޑައިގެން ދެވަނަ ރަކްޢަތް ކުރެއްވުމުން ޞަޙާބީން އެ ކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [ތިޔަ ބޭކަލުން ރަނގަޅަށް ކަންތައް ކުރައްވައިފީމުއެވެ.] ނަމާދު ވަގުތު ޖެހުމުން ވަކި މީހަކަށް އިންތިޒާރުކޮށްގެން ނުވާނެކަން މި ކަމުން އެނގެއެވެ.

(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ