އަދުގެ ޚާއްސަ

Print

1441 ޝައްވާލު މަހުގެ ފުރަތަމަ ހުޅެވި

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެނގޭތަ

ޢަބްދުﷲ ރަޝީދު، މ.ލިނެޓް

ޤުދުރަތީ ޤާނޫނުގެ އާދައިގެ މަތީން ދުނިޔޭގެ ވަށައިގެން ކޮންމެ މަހަކު ވެސް އޭގެ ފަލަކުގައި ހިނގުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލެއްވި ހަނދަކީ މައްސަރުތަކާއި އަހަރުތަކާއި ޙިސާބުތައް ދެނެގަތުމަށް ލައްވާފައިވާ އެއްޗެެއްކަން ކީރިތި ޤުރުއާނުން އެނގެއެވެ. އަދި އެ ހަނދު ހިނގުމަށް މަންޒިލުތަކެއް (ނަކަތްތަކެއް) މިންވަރު ކުރެއްވިކަންވެސް ކީރިތި ޤުރުއާނުން އެނގެއެވެ. 

އެގޮތުން މައްސަރެއްގެ ދުވަސްތަކުގެ ޢަދަދު ދެނެގަތުމަށް ޓަކައި އެކަލާނގެ ލެއްވި އެންމެ މުހިންމު ވަސީލަތަކީ، ހިލާލުތަކެވެ. (ނުވަތަ "ހުޅެވި"ތަކެވެ.) ހުޅެތްވަކީ، އިރުގެ "ޟިޔާއު" (އެ އެއްޗަކުން ނުކުމެގެން ދުރަށް ފޯރުކޮށް ފަތުރައިދޭ އަލި) ހަނދަށް އެޅުމުން ހަނދުން ފާޅުވާ ނޫރު (އިރުގެ ޟިޔާއު ހަނދަށް އެޅުމުން އުފެދޭ އަލި) ވަކި ރޭޝިއޯއަކުން ޢަދަދު ކުރެވޭ ގޮތުގައި ދުނިޔެއަށް ފެންނަ ހަނދުގެ އަލިކަމެވެ.

އެ އަލިކަން ނުވަތަ ހުޅެވި ދެވަނަ ހުޅެތްވެއްގެ ރޭޝިއޯގައި، މިރޭ މުޅި ރާއްޖެ އަށްވެސް، ވިއްސާރަ ނޫންނަމަ ދުށުމުގެ ފުރުޞަތު އެންމެ ބޮޑަށް މިރޭ ތަނަވަސް ވެފައި ވާނެއެވެ.

އެހެނީ، ރަމަޟާން މަސް ނިމޭ "އެއްއުއި" ވާ ގަޑިއަކީ، "ނޯޓިކަލް އަލްމަނެކް" ގައި ވާތުން 22 މޭ 2020 ވަނަ ދުވަހު ޖީ.އެމް.ޓީ.އިން 17:39 ކަމުގައި ބަޔާންކޮށްފައި އޮތުމުން އެ ވަގުތަކީ ވަގުތުގެ ތަފާތުން ބަލާއިރު މާލޭ ގަޑިން 22 މޭ 2020 ވަނަ ދުވަހުގެ 22:39 ކަމުގައި ވިޔަސް، މާލެ އޮންނަ ޕޮޒިޝަނުގެ ފަލަކީ ތަފާތުން އެއީ، 22 މޭ 2020 ވަނަ ދުވަހު، މާލޭގަޑިން 22:37 އެވެ. 

އެކަން ސާބިތުވާ ދަލީލަކީ، އެއްއުއިވާ ފަލަކީ ޕޮޒިޝަނަކީ، އިރާއި ހަނދު "މިތުނަ" ރާހީގެ (ނުވަތަ ޖައުޒާ /ޖެމިނީ ބުރުޖުގެ) 2 ދަރަޖަ 4 ދަގީގުގާއި ނުވަތަ މިތުނަ ރާހީގެ ތޯނު (اَلدُّبُرَانُ / (Aldebaran ނަކަތުގެ 4 ދަރަޖަ 25 ދަގީގާއި އަރައި ހަމަވާ ވަގުތުކަން އެނގޭން އޮންނަ އޮތުމެވެ.   

އެގޮތުން އެއްއުއިވި 22 މޭ 2020 ގެ 22:38:00 އިން ފެށިގެން މިއަދު (23 މޭ 2020) ގައި މާލެއަށް އިރު އޮއްސޭ ވަގުތު ކަމުގައިވާ 18:12:42 އާއި ހަމައަށް ވޭތުވި 19 ގަޑި އިރު ތެރޭގައި އިރު ހުރި މިންވަރަށް ވުރެ އިރުމައްޗަށް ހަނދަށް ދަތުރު ކުރެވިފައިވާ މިންވަރުގެ ތަފާތުގެ ބޮޑުކަމުން، އަދު އިރު އޮއްސޭ ވަގުތުން ފެށިގެން 38 މިނެޓު މަތީގައި ހަނދު ހުންނާނެއެވެ. ރީތިކޮށް މިރޭ ހަނދުގެ ހުޅެވި ފެންނާނެއެވެ. ހަނދުގެ ހުޅެވި މިރޭ އެއްވެސް އަތަކަށް އަރިވެފައި ވާތީ ފާހަގައެއް ނުކުރެވޭނެއެވެ. މިއަދުގެ މަޣްރިބު ނަމާދު ވަގުތަކީ، މާލެއަށް އިރު އޮއްސޭ ވަގުތަށް 1 މިނެޓް 18 ސިކުންތު އެއްކޮށް 18:14:00 އެވެ.

މިއަދު ހަނދު އޮއްސޭނީ 18:50:42 ގައި ސިމާގު އަސްތަމާނަށް 290.85 ވީ ސަމްގާ މިޞްރާބަށެވެ. ހަނދު ހުންނާނެ ދުރުމިނަކީ، 395,152Km އެވެ. ހަނދު ހުންނާނެ މަންޒިލަކީ، މިތުނަ ރާހީގެ މިއަހެލި ނަކަތެވެ.

_____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ