ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (28)
އިބްރާހީމް ރަޝީދު މޫސާ
(27 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
537.އަބޫ ސަޢީދުލް ޚުދްރީ ދެންނެވިއެވެ. [އޭ ﷲގެ ރަސޫލާއޭވެ! ކަލޭގެފާނުގެ މައްޗަށް ހުން ވަރަށް ގަދަވެގެންފި ކަމަށް ފެނެއެވެ.] އެހިނދު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [ތިމަން ނަބީބޭކަލުންގެ ޙާލުކޮޅު އޮތީ މި ގޮތަށެވެ. އެއީ ބަލާ ބޮޑުކުރައްވައި ސަވާބު ބޮޑުކޮށް ދެއްވުމަށް ޓަކައެވެ.] (ابن ماجة: ٤٠٢٤ وصححه الألباني)
538.ރަސޫލާ ﷺ މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރައްވަމުން ވަޑައިގަތެވެ. އާލާސްކަންފުޅު މާ ބޮޑުވެ ބޭރަށް ނުކުމެ ވަޑައިގެންނެވުމަށް ނުކުޅެދުންތެރިވެ ވަޑައިގަތުމުން މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރެއްވުމަށް އަބޫބަކްރުގެފާނަށް ވިދާޅުވިއެވެ.
539.ރަސޫލާ ﷺ ގެ އާލާސްކަންފުޅު ތަންކޮޅެއް ލުއިވުމުން ފަޟްލު ބިނުލް ޢައްބާސުގެފާނުގެ އެހީފުޅާއެކު މިސްކިތަށް ވަޑައިގެން މިންބަރަށް އަރައިވަޑައިގެން މީސްތަކުންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިއީ އެކަލޭގެފާނު ދެއްވި އެންމެ ފަހު ޚުޠުބާއެވެ.
540.މި ޚުޠުބާގައި އަބޫބަކްރުގެފާނުގެ މާތްކަމާއި އަންޞާރުންގެ މާތްކަމުގެ ވާހަކަ ވިދާޅުވިއެވެ. އެބޭކަލުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި އުސާމަތު ބިން ޒައިދުގެ މާތްކަމުގެ ވާހަކައާއި އެކަލޭގެފާނަށް އިސްލާމީ ލަޝްކަރުގެ އަމީރުކަން ޙައްޤުވާ ކަމަށް ވިދާޅުވިއެވެ.
541.އެކަލޭގެފާނުގެ ޤަބްރުފުޅު (ޒިޔާރަތްފުޅު) މިސްކިތަކަށް ނެހެދުމަށް ރަސުލާ ﷺ މުސްލިމުންނަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އެންމެ ނުބައި މީހުންނަކީ އެބައިމީހުންގެ ނަބީންގެ މަހާނަފުޅުތައް މިސްކިތެއް ކަމުގައި ހަދައިފައިވާ މީހުންނެވެ.]
542.ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. [لا تتَّخذوا قبري وثنًا] – ([ތިޔަބައިމީހުން ތިމަންކަލޭގެފާނު ޤަބްރުފުޅު އަޅުކަން ކުރާ ތަނަކަށް ނަހަދާށެވެ!]) (البخاري في «التاريخ الكبير» (٣/٤٧) واللفظ له، والبزار (٩٠٨٧))
543.މި ކަމުގެ ނުބައިކަން އިތުރަށް ބަޔާންކޮށް ދެއްވަމުން ޙަދީސް ކުރެއްވިއެވެ. [لا تتَّخِذُوا قبري عيدًا، لعنَ اللَّهُ قومًا اتَّخَذوا قُبورَ أنبيائِهم مساجِدَ يصلُّونَ إلَيها، وصلُّوا في بيوتِكم ولا تتَّخِذوها قُبورًا] – ([ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ޤަބްރުފުޅު ޢީދަކަށް ނަހަދާށެވެ! އެބައިމީހުންގެ ނަބީބޭކަލުންގެ ޤަބްރުފުޅުތައް ނަމާދު ކުރެވޭ މިސްކިތްތަކަކަށް ހެދި މީހުންނަށް ﷲ ލަޢުނަތް ލައްވާނެތެވެ. ތިޔަބައިމީހުން ގޭގައި ނަމާދު ކުރާށެވެ! އެ ތަންތަން ޤަބްރުސްތާނަކަށް ނަހަދާށެވެ!]) (أخرجه أبو داود (٢٠٤٢)، وأحمد (٨٨٠٤))
544.އާލާސްކަންފުޅާ އުޅުއްވި ނަމަވެސް މިސްކިތަށް ޖަމާޢަތަށް ނަމާދަށް ނުކުމެވަޑައިގެންނެވިއެވެ. އާލާސްކަންފުޅު ބޮޑުވެގެން މިސްކަތަށް ވަޑައިނުގެންނެވޭ ވަރުވުމުން އަބޫބަކްރުގެފާނަށް އިމާމުވެ ނަމާދު ކުރެއްވުމަށް އެންގެވިއެވެ.
545.ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމުގެ ތިން ދުވަސްކުރިން އެކަލޭގެފާނުގެ އަޞްޙާބުންނަށް ﷲއާމެދު ހެޔޮކޮށް ހީކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. [لا يَمُوتَنَّ أَحَدُكُمْ إلّا وَهو يُحْسِنُ باللَّهِ الظَّنَّ] - ([ތިޔަބައިމީހުންކުރެ މީހަކު ﷲއާމެދު ހެޔޮކޮށް ހީކުރާ ޙާލުގައި މެނުވީ މަރުނުވާ ހުށިކަމެވެ.]) (صحيح مسلم ٢٨٧٧) އަލްއިމާމުއްނަވަވީ ވިދާޅުވިއެވެ. މި ބަސްފުޅުގައި ރަސޫލާ ﷺ އަހުރެމެންނަށް އެ ގޮވައިލައްވަނީ ﷲގެ ރަހްމަތާމެދު މާޔޫސް ނުވުމަށެވެ.
546.ސުވަރުގެ ވަޑައިގަތުމުގެ ދެ ދުވަސްކުރިން އާލާސްކަންފުޅު ތަންކޮޅެއް ލުއިވެގެން ފައިންޕުޅު ބިންމަތީގައި ކާއްތަވަމުން ކަހަލަ ގޮތަކަށް މިސްކިތަށް ވަޑައިގަތެވެ. އޭރު އަބޫބަކްރުގެފާނު ހުންނެވީ އިމާމުވެ ނަމާދު ކުރައްވާށެވެ. އަބޫބަކުރުގެފާނަށް ރަސޫލާ ވަޑައިގަންނަވައިފިކަން އެނގިވަޑައިގަތުމުން ފަހަތަށް ޖެހިވަޑައިގަންނަވަން ގަސްތު ކުރެއްވިއެވެ. އެހިނދު ރަސޫލާ ﷺ އަބޫބަކްރުގެފާނަށް އެކަލޭގެފާނު ހުންނެވި ތާނގައި ހުންނެވުމަށް އަތްޕުޅުން އިޝާރަތް ކުރެއްވިއެވެ. އެއަށްފަހު އަބޫބަކުރުގެފާނުގެ ވާތްޕުޅު ފަރާތުގައި ރަސޫލާ ﷺ އިށީނދެވަޑައިގެންނެވިއެވެ.
547.ރަސޫލާ ﷺ ގެ މި ޢަމަލުފުޅުން ރަސޫލާއަށްފަހު އުއްމަތުގެ އިމާމުކަން އަބޫބަކްރުގެފާނަށް ދެއްވާން އެދިވަޑައިގަންނަވާކަން ހަމަވާ ކަމަށް ޢިލްމުވެރިން ވިދާޅުވިއެވެ.
(ނުނިމޭ)