ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (29)
އިބްރާހީމް ރަޝީދު މޫސާ
(28 މެއި 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
548.ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމުގެ ކުރީ ދުވަހު (ހިޖްރައިން 12 ވަނަ އަހަރުގެ ރަބީޢުލް އައްވަލު މަހުގެ 11 ވީ އާދީއްތަ ދުވަހު) ރަސޫލާ ﷺ ގެ އާލާސްކަންފުޅު ގަދަވެ ޙާލުކޮޅު ވަރަށް ބޮޑުވިއެވެ. މި ޚަބަރު އުސާމަތުގެފާނަށް ލިބިވަޑައިގަތުމުން ލަޝްކަރާއިގެން މަދީނާއަށް އެނބުރި ވަޑައިގަތެވެ.
549.ހޯމަ ވިލޭރޭ އެކަލޭގެފާނުގެ ޙާލުކޮޅު ވަނީ ވަރަށް ބޮޑުވެފައެވެ. އަވަހާރަވުން ގާތްވެއްޖެ ކަމަށް މީސްތަކުންނަށް ކަށަވަރުވިއެވެ. ފަތިސްވުމުން ރަސޫލާ ކޮޓަރިކޮޅުގެ ފަރުދާކޮޅު ކައްސަވާލައްވައި މީސްތަކުން އަބޫބަކްރުގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރަމުންދާ ތަނަށް ބައްލަވައިލެއްވިއެވެ. މި މަންޒަރު ފެނިވަޑައިގަތުމުން ހިނިވަރުނަކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު ފަރިވެ ފޮޅި އަލިވެ އުޖާލާވެގެން ދިޔައެވެ. މީސްތަކުންނަށް ރަސޫލާ ﷺ ފެނުމުން އުފަލުން އުދުއްސައިނުގައިތީ ހަމަ ކިރިޔާއެވެ.
550.އެއަށްފަހު ރަސޫލާ ﷺ އެމީހުންނަށް ވިދާޅުވިއެވެ. [ނަބީކަމުގެ ތެރެއިން މުބައްޝިރާތު މެނުވީ ދެމިގެން ނުވެއެވެ. އެއީ މުއުމިނާއަށް ނިދީގައި ފެންނަ ހުވަފެނެވެ.] (ރިވާކުރެއްވީ މުސްލިމު)
551.މީސްތަކުންނަށް ރަސޫލާ ﷺ ހެދުނު ތެދުވެ ވަޑައިގެން އުޅުއްވާތަން ފެނުމުން އެކަމާ ވަރަށް އުފާވިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު އާލާސްކަންފުޅުން ފަސޭހަފުޅުވީ ކަމަށެވެ. އެހެންވެ މީސްތަކުން ގެއަށް އެނބުރިގޮސް މަސައްކަތަށް ދިޔައެވެ.
552.އަބޫބަކްރުގެފާނު ވެސް ހުއްދަ ހޯއްދަވައިގެން އެކަލޭގެފާނުގެ އަހްލުންނާއެކު މަދީނާގެ އުސްފަރާތުގައި އޮންނަ ސުންޙު އަވަށަށް ވަޑައިގެންނެވިއެވެ.
553. ހިޖްރައިން 12 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12ވަނަ ދުވަހުގެ ޟުޙާ ވަގުތުގައި ރަސޫލާ ﷺ ގެ އާލާސްކަންފުޅު އަނެއްކާވެސް ބޮޑުވެ ވޭނާއި ތުރާތައް އިތުރުވެއްޖެއެވެ.
554.އެހިނދު ފާޠިމަތުގެފާނު ވިދާޅުވިއެވެ. [ބައްޕާފުޅުގެ ތަދުފުޅުގެ ބޮޑުކަމާއެވެ!] އެހިނދު ރަސޫލާ ﷺ ވިދާޅުވިއެވެ. [މިއަދަށް ފަހު ދަރިފުޅުގެ ބައްޕަގެ މައްޗަށް ތަދު ބޮޑު ވުމެއް ނެތެވެ. އެއްވެސް މީހަކު ދޫކޮށް ނުލާ މީހާ ބައްޕަ ގާތަށް އަތުވެއްޖެއެވެ.]
555.ރަސޫލާ ﷺ މަރުގެ ސަކްރާތުގެ ތެރޭގައި އޮންނެވިއިރު އެކަލޭގެފާނު އޮންނެވީ ޢާއިޝަތުގެފާނުގެ މޭފުޅުމަތީގައި އިސްތަށިފުޅު ޖައްސައިލައްވައިގެންނެވެ. އެކަލޭގެފާނުގެ އަރިހުގައި ފެންތަށިކޮޅެއް ހުއްޓެވެ. އެކަލޭގެފާނުގެ އަތްޕުޅުން އެއިން ފެން ނަންގަވައިގެން މޫނުފުޅުގައި ފުއްސަވަމުން [لا إله إلا الله] ވިދާޅުވަމުން ޙަދީސް ކުރެއްވިއެވެ. " إن للموت سكرات – ހަމަކަށަވަރުން މަރަށް ސަކްރާތުތަކެއް ވެއެވެ. "
556. އެއށްފަހު ދެ އަތްޕުޅު އުފުއްލަވާލައްވައި [في الرفيق الأعلى] – ([އެންމެ މަތިވެރި އެކުވެރިޔާގެ ޙަޟްރަތުގައި])އޭ ވިދާޅުވިއެވެ. އެހިނދު އެކަލޭގެފާނުގެ ފުރާނަފުޅު ހިއްޕެވިއްޖެއެވެ.
557.ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [ރަސޫލާގެ އިސްތަށިފުޅު އޮތީ ތިމަންކަމަނާގެ މޭފުޅުމަތީގައެވެ. ތިމަންކަމަނާއަށް ރަސޫލާ ސުވަރުގެ ވަޑައިގެންކަން އިޙްސާސެއް ނުކުރެއްވުނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ތިމަންކަމަނާގެ ގައިކޮޅުގައި ޖެހުމުން ތިމަންކަމަނާ ހީފުޅު ކުރެއްވީ ރަސޫލާ ހޭފުޅު ނެތުނީކަމަށެވެ.]
558.ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އެކަލޭގެފާނުގެ ފުރާނަފުޅު ހަށިކޮޅުން ނުކުތް ވަގުތު ވަރަށް މީރު ވަހެއް ދުވިއެވެ. އެފަދަ ވަހެއް ތިމަންކަމަނާއަށް ދުވަހަކުވެސް ފެނިވަޑައިގެންފައެއް ނުވެއެވެ.]
559.ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތީ ހިޖްރައިން 12 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12ވަނަ ދުވަހުގެ ޟުޙާ ވަގުތުގައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅަކީ 63 އަހަރެވެ.
560. ރަސޫލާ މި ދުނިޔެ ދޫކުރެއްވި ޚަބަރު މަދީނާގެ އަވަށްތަކަށް ވަރަށް ބާރަށް ފެތުރިގެން ދިޔައެވެ. އެ ޚަބަރު ވެގެން ދިޔައީ ހޮނު އެޅުން ފަދަ ބިރުވެރި ޚަބަރަކަށެވެ.
561.ޞަޙާބީން އަވަސްއަވަހަށް ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅު ކައިރިއަށް ވަޑައިގެން ރަސޫލާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [އަހުރެމެންގެ މައްޗަށް ލިބިގެންވާ ހެކިވެރިއަކަށް އެކަލޭގެފާނު ވާއިރު އެކަލޭގެފާނު އަހުރެމެން ދޫކުރައްވައި ވަޑައިގަންނަވާނީ ކިހިނެއް ހެއްޔެވެ؟]
562.ޢުމަރުގެފާނު ވަޑައިގެން ރަސޫލާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [ރަސޫލާގެ ހޭފުޅުނެތުމުގެ ބޮޑުކަމާއެވެ!]
(އަދި ނުނިމޭ)