އަދުގެ ޚާއްސަ

Print

ނޭނގުން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

ތަރުޖަމާ: ކަނީރު ޢަބްދުއްރަޙީމް 

ޤުރުއާނުގެ ތަފްސީރު ކުރުމުގައި، އެންމެ ފުރަތަމަ އަދި އެންމެ ނުރައްކާތެރި މައްސަލައަކީ އިންސާނާއަށް އޭނާގެ ފެންވަރާއި އެ ކަމަށް އެކަށީގެންވާ ވަރު ނުވިސްނި ޤުރުއާނުގެ މާނަ ތަފުސީރުކުރަމުން ގެންދިޔުމެވެ. އަދި ވަކިން ޚާއްސަކޮށް މި ޒަމާނުގައި މި ކަމުގެ ސަބަބުން އިންތިހާ ދަރަޖައިގެ އޮޅުންތަކާއި ގޯސްތައް މި ދަނީ ވަމުންނެވެ. އެހެނީ ތިމާއަށް އަރަބިބަސް އެނގުމުން ނުވަތަ އަރަބިބަސް މާނަކޮށްލާން އެނގުމުން ޤުރުއާނުގެ ހުރިހާ މާނައެއް ވެސް އެ އެނގުނީކަމަށް ހީކުރާ މީހުން މި ދަނީ ގިނަވަމުންނެވެ. ހަގީގަތުގައި ދުނިޔޭގެ އެއްވެސް ޢިލްމަކީ ނުވަތަ ފަންނަކީ ހަމައެކަނި އޭގެ ބަސް ދަސްވެގެން މާނަކުރާން އެނގުނަކަސް އެނގޭ އެއްޗެއް ނޫނެވެ. ކަމެއްނޫނެވެ.

އިނގިރޭސި ނުވަތަ އެނޫން އެހެން ބަހެއް ދަސްވުމަކުން ބޭސްފަރުވާކުރާ ޑަކުޓަރަކަށް ނުވެވެއެވެ. އެކަމާބެހޭ ފޮތެއް ކިޔައިގެން ފަރުވާކުރާ ނަމުގައި އުޅެވިދާނެއެވެ. އިންޖިނޭރުކަމާބެހޭ ފޮތް ކިއައިގެން އިންޖިނޭރަކަށް ވެވޭނެތޯއެވެ! ގާނޫނާބެހޭ ފޮތްތަކެއް ކިޔައިލިއަކަސް ގާނޫނީ މީހަކަށްވެ ރަނގަޅު ވަކީލަކަށް ނުވެވެއެވެ. މި ފަދަ ގޮތްގޮތަށް ހަމައެކަނި ބަސް އެނގިގެން އެ ކަންކަން ކުރާ މީހުން ފާހަގަކުރެވި ހޮވައިލެވޭނީ ތާކުންތާކުނުޖެހޭ މޮޔައިން ކަމުގައެވެ.

ވިސްނައިލުމުން އެނގެއެވެ. އެއްވެސް ޢިލްމަކީ، ފަންނަކީ ހަމައެކަނި ބަސް އެނގިގެން އެނގޭނެ އެއްޗެއް ނުވަތަ ކަމެއް ނޫނެވެ. އެ ކަމަށް ގިނަ ދުވަސްތަކެއްގެ ބުރަމަސައްކަތާއި އެކަމުގެ މީހުންގެ އުނގަންނައިދިނުން ބޭނުންވާނެއެވެ. އެކަން އެތަކެއް ފަހަރު ކޮށް، އެ ކަމެއް ދަސްވެއްޖެތޯ އިމްތިހާނުތައް ކުރެވޭން ޖެހެއެވެ. އަދިވެސް ނުފުދެއެވެ. އެއަށްފަހު އެކަމުގެ މާހިރުން، އެދުރުންނާއި އެކު އެކަމެއްގެ އަމަލީ ތަޖުރިބާ ވެސް ހޯދާންވެއެވެ. މިހުރިހާ ދައުރުތަކެއްގެ ތެރޭން ޢިލްމާއި ތަޖުރިބާ ޙާޞިލުކޮށްގެން ކާމިޔާބީއާއެކު ނުކުމެވިއްޖެނަމަ އެމީހަކީ އެކަމަށް އެކަށީގެންވާ، އެކަމެއް ފަށައިގަނެވޭ ވަރުގެ މީހެއް ކަމުގައި ވެދެއެވެ. 

ދުނިޔޭގެ ޢިލްމުތަކާއި ފަންނުތައް އެނގުމާމެދު ކަންހުރީ މިފަދައިން ކަމުގައި ވާއިރު ޤުރުއާން މާނަކުރުން ފަދަ ޢިލްމެއް ހަމައެކަނި ޢަރަބިބަސް މާނަކޮށްލެވުމުން އެނގޭނީ ކިހިނެއް ހެއްޔެވެ؟ ތަފުސީރު ޢިލްމު އެނގެނީ ނުވަތަ ދަސްކުރެވެނީ އެތައްއެތައް މާލޫމާތެއް އުނގެނި އެއްކޮށްގެންނެވެ. ޤުރުއާނަކީ އާދައިގެ ފޮތްތަކުގައި މިހުންނަހެން އެ ވާހަކައެއް އެތަނެއްގައި އޮތް ފޮތެއް ނޫނެވެ. ދުނިޔޭގެ މިހުރިހާ ފޮތްތަކާއި ތަފާތުކޮށް ޤުރުއާނުގައި އޭގެ އަމިއްލަ ގޮތްތަކެއް ފެނެއެވެ. އޭގެ އާޔަތެއްގެ ފުރިހަމަ ދޭހަ ހޯދާނަމަ އެއާޔަތެއް ކިޔަވާ ތަފާތު ގޮތްތަކާއި އެއާޔަތުގައިވާ މައުޟޫޢާ ގުޅޭ އެހެން ހުރިހާ އާޔަތެއް ހޯދައި، އެ އާޔަތްތައް ދޭހަކުރާންޖެހެއެވެ. ހަމައެއާއެކު އެއާޔަތް ބާވައިލެއްވީ ކޮންކަމަކާ ގުޅިގެންތޯ ކިހިނެއް އަދި ކޮން ދުވަސްވަރެއްގައިތޯ ވެސް އެނގޭންޖެހެއެވެ. މި ހުރިހާ ކަމެއް ހޯދައި ބަލައި ދެނެގަނެ ދޭހަވެގެން މެނުވީ އާޔަތެއްގެ މަފުހޫމް ނުވަތަ ފުރިހަމަ ދޭހައެއް ނުކުރެވޭނެއެވެ. ޤުރުއާނުގެ ވަރަށް ގިނަ ޖުމްލަ ވާހަކަތަކުގެ ޝަރަޙަ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ކޮށްދެއްވައިފައެވެ. ވުމާއެކު އާޔަތެއް ތަފުސީރު ކުރާނަމަ އެއާޔަތާމެދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅެއް ނުވަތަ ޢަމަލުފުޅެއް އޮތްތޯ ވެސް ބަލާންޖެހެއެވެ. އޮތްކަމުގައިވާ ނަމަ، އެ ބަސްފުޅު ނުވަތަ އަމަލުފުޅުގެ ވާހަކަ އައިސްފައިއޮތީ އިތުބާރު ކުރެވިދާ ފަދަ ގޮތަކަށްތޯ ހޯދާންޖެހެއެވެ. ހަމައެހެންމެ، ޤުރުއާން ބާވައިލެއްވުނު ދުވަސްވަރު އެކަމުގައި އުޅުއްވި ޞަޙާބީންގެ މެދުގައި އެއާޔަތުގެ ދޭހަ އޮތީ ކިހިނެއްތޯވެސް ބަލާންވެއެވެ. އެފަދަ ދޭހައިގައި ތަފާތެއް އުޅޭނަމަ އެތަފާތު ކުޑަކުރާނީ ކިހިނެއްތޯ ވިސްނާންޖެހެއެވެ.             

ޢަރަބިބަހަކީ ވަރަށް ތަނަވަސް މުއްސަނދި ބަހެކެވެ. ލަފުޒެއްގައި އެތަކެއް މާނައެކުލެވުމާއި އެއްމާނައެއްގެ އެތަކެއް ލަފުޒު ހުރުމަކީ އަރަބީގެ ގޮތެވެ. ވުމާއެކު އެ ޒަމާނުގެ އަރަބިބަހުގެ އަހުލުވެރީން ބޭނުންކުރި ހުޅަތް ނުވަތަ ވަގުބަސްތަކަށް ވެސް ވިސްނައިގެން ނޫނީ ވަކި މާނައެއް ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަދި ހަމައެހެންމެ ލަފުޒުގެ މާނަ އެނގުމަކުން ނުފުދެއެވެ. އެ ގޮތަކީ އަރަބިބަހުގެ އެއްގަވައިދެއްގައި ލަފުޒުތައް އެތުރިގެންދާ ގޮތުން ވެސް އެލަފުޒުގެ މާނަ މުޅިންހެން ބަދަލުވެދެއެވެ. މި މައްސަލަ ހައްލުކުރެވޭނީ އަރަބިބަހުގެ ހުރިހައި ގަވައިދުތަކަށް ވެސް ފަރިތަވެ، އެއަށް ވިސްނައި ފިކުރު ކުރެވިގެންނެވެ.                      

ޤުރުއާނަކީ ﷲގެ ބަސްފުޅުތަކެވެ. ﷲ ތަޢާލާގެ ބަސްފުޅުތަކުގެ ފުރިހަމަކަމާއި ތަފުސީލު، އުރެދޭ މީހުންނަކަށް ނުދެއްވައެވެ. ވީމާ ޤުރުއާން ތަފުސީރުކޮށް ދޭހަކުރުމަށްޓަކައި ﷲ އަށް ކިޔަމަން ތެރިކަން އަދާކޮށް، ގުޅުން އުފައްދައި ކިޔަމަންތެރިކަމާއި ތަޤުވާވެރިކަމާއެކު ތެދުމަގު އެދޭ މީހަކަށްވާން ޖެހެއެވެ.   

މިކަންތައްތަކުން ޤުރުއާނުގެ މާނަ ދެނެގަތުމަށްޓަކައި އަރަބިބަހުގެ މާނަކޮށްލާން އެނގުމަކުން ނުފުދޭކަން ސާބިތު ވެއެވެ. އެ ކަމަށްޓަކައި ތަފްސީރު ޢިލްމު، ޙަދީޘް ޢިލްމު، އުޞޫލު ޙަދީޘް، އުޞޫލު ފިޤުހު، ފިޤުހު ޢިލްމު، ނަޙޫ ޢިލްމު، ޞަރުފު ޢިލްމު، ބަހުގެ ޢިލްމު، އަދަބުގެ ޢިލްމު އަދި ޢިލްމު ބަލާޣަތުގެ މާހިރަކަށްވުމާއި އެކު ﷲއަށް އަޅުވެތިވާ ތަޤުވާވެރި މީހަކަށްވާންޖެހެއެވެ. މިކަންތައްތައް ފުރިހަމަނުކޮށް ތަފުސީރުކުރާން އުޅުމަކީ އަމިއްލައަށް މަގުފުރެދެވެން ކުރެވޭ މަސައްކަތަކަށް ނޫނީނުވެއެވެ.  

________________________

އިދާރާ

ވާހަކަ