ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން (30)
އިބްރާހީމް ރަޝީދު މޫސާ
(29 މެއި 2020 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ. މިއީ އެންމެ ފަހުބައި)
563. އެއަށްފަހު ޢުމަރުގެފާނު ކަނޑިކޮޅު ހިއްޕަވައިގެން ނުކުމެވަޑައިގެން މީސްތަކުންނަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "ހަމަ އެކަކުވެސް ރަސޫލާ މި ދުނިޔެ ދޫކުރައްވައިފިޔޭ ނުބުނާށެވެ! އެހެން ބުނި މީހެއްގެ ބޯ ކަޑުއްވައިލައްވާހުށީމެވެ. އެކަލޭގެފާނު އެ ވަޑައިގަތީ މޫސާގެފާނު ﷲގެ ޙަޟްރަތަށް ވަޑައިގެންނެވި ގޮތަށެވެ. މާތް ﷲ ގަންދެއްވާ ވިދާޅުވަމެވެ. މޫސާގެފާނު އެނބުރިވަޑައގެންނެވި ގޮތަށް ރަސޫލާ ﷺ ވެސް އެނބުރިވަޑައިގަންނަވާނެއެވެ. " ޢުމަރުގެފާނަށް އެކަލޭގެފާނުގެ ނަފްސު ކޮންޓްރޯލެއް ނުކުރެއްވުނެވެ.
564. ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވިއިރު އަބޫބަކްރުގެފާނު ވަނީ މަދީނާގެ ރަށް ބޭރުގެ އަވަށެއްގައެވެ. އެކަލޭގެފާނު މި އަވަށަށް ވަޑައިގަތީ ރަސޫލާ ﷺ ގެ އަރިހުން ހުއްދަ ހޯއްދަވައިގެންނެވެ.
565. ޞަޙާބީއަކު މި ޚަބަރު ހިއްޕަވައިގެން އަބޫބަކްރުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި މީސްތަކުން ކަންބޮޑުވެ ހާސްވެފައިތިބި މަންޒަރު ސިފަކޮށް ދެއްވިއެވެ.
566. އަބޫބަކްރުގެފާނު އަވަސްއަވަހަށް ވަޑައިގެން މިސްކިތަށް ވަދެވަޑައިގެންނެވިއިރު މީސްތަކުން ތިބީ ރޯށެވެ. ޢުމަރުގެފާނު ހުންނެވީ ކަނޑިކޮޅު އުފުއްލަވައިގެން މީސްތަކުންނާ ވާހަކަފުޅު ދައްކަވާށެވެ. އަބޫބަކްރުގެފާނު އެއިން އެއްވެސް ކަމަކަށް ބައްލަވައި ނުލައްވާ ވަޑައިގެން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅަށް ވަދެވަޑައިގަތެވެ. ރަސޫލާ ﷺ ދާންކޮޅު މަތީގައި ގައިކޮޅުމަތީ ފޮށާކޮޅެއް އަޅައި ނިވާކޮށްފައި ބޭއްވިފައި އޮތެވެ. އަބޫބަކްރުގެފާނު މި ފޮށާކޮޅު އުފުއްލަވައި ލައްވައިފާ ރަސޫލާގެ މޫނުފުޅަށް ބައްލަވައިލައްވައި ވިދާޅުވިއެވެ. [إنا لله وإنا إليه راجعون]
567. އަބޫބަކްރުގެފާނު ކީރިތިފުޅު ކުރައްވަމުން ރަސޫލާގެ މޫނުފުޅުގައި ބޮސްދެއްވައި ވިދާޅުވިއެވެ. [ﷲގެ ރަސޫލާއޭވެ! ކަލޭގެފާނު ދިރިހުންނެވި ޙާލުކޮޅުގައިވެސް އަދި އަވަހާރަވެފައިވާ ޙާލުކޮޅުގައިވެސް މާތްވެ ޠާހިރުވެގެން ވެއެވެ.]
568. އެކަލޭގެފާނު ވިދާޅުވިއެވެ. [މާތް ﷲ ގަންދެއްވައި ވިދާޅުވަމެވެ. ކަލޭގެފާނު ދެ ފަހަރަކަށް އަވަހާރައެއް ނުވާނެއެވެ. ކަލޭގެފާނުގެ މައްޗަށް ލިޔުއްވައިފައިވާ މަރުގެ ރަހަ ދެކެވަޑައިގަންނަވައިފީމުއެވެ. ދެން ކަލޭގެފާނަށް ދުވަހަކުވެސް މަރުގެ ރަހަ ދެކިވަޑައެއް ނުގަންނަވާނެއެވެ.] މިހެން ވިދާޅުވެ ރަސޫލާ ﷺ ގެ ހަށިކޮޅު މަތީގައި އެ ފޮށާކޮޅު އަލުން އެޅުއްވިއެވެ.
569. އަބޫބަކްރުގެފާނު އެ ތަނުން ނުކުމެވަޑައިގެން މީސްތަކުންނާ ބައްދަލުކުރެއްވިއިރު މީސްތަކުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ބިރާހެއްގެ ތެރޭގައެވެ. ކަންބޮޑުވެ ހާސްކަމެއްގެ ތެރޭގައެވެ. އިންކާރު ކުރާ ބަޔަކާއި ހަދާނެ ގޮތެއް ނޭނގިފައި ތިބި ބަޔެކެވެ. ޢުމަރުގެފާނު ވަޑައިގަތީ ރަސޫލާ ﷺ މި ދުނިޔެ ދޫކުރައްވައިފިކަމަށް ބުނާ މީހުންނަށް އިންޒާރު ދެއްވަމުންނެވެ.
570. އެހިނދު އަބޫބްކްރުގެފާނު ވިދާޅުވިއެވެ. މަޑުމައިތިރިވާށެވެ! ހާސްނުވާށެވެ! އެކަމަކު ވެސް ޢުމަރުގެފާނު ހަނުހިމޭނަކުން ނުހުންނެވިއެވެ. އެހިނދު އަބޫބަކްރުގެފާނު މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. އެކަލޭގެފާނުގެ އަޑުފުޅު އިވުމުން މީސްތަކުން އެކަލޭގެފާނާ ދިމާއަށް އެނބުރިގަތެވެ.
571. އަބޫބަކްރުގެފާނު ވިދާޅުވިއެވެ. "މީސްތަކުންނޭވެ! މުޙައްމަދުގެފާނަށް އަޅުކަންކުރާ މީހާ ދަންނައެވެ. ހަމަކަށަވަރުން މުޙައްމަދުގެފާނު އަވަހާރަވެއްޖެއެވެ. އެކަމަކު ﷲއަށް އަޅުކަންކުރާ މީހާ ދަންނައެވެ. ﷲ އަކީ އަވަހާރަވުމެއްނެތި ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. " އެއަށްފަހު އެކަލޭގެފާނު ޤުރްއާނުގެ މި އާޔަތް ވިދާޅުވިއެވެ. [وَمَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ ۚ أَفَإِي۟ن مَّاتَ أَوْ قُتِلَ ٱنقَلَبْتُمْ عَلَىٰٓ أَعْقَـٰبِكُمْ ۚ وَمَن يَنقَلِبْ عَلَىٰ عَقِبَيْهِ فَلَن يَضُرَّ ٱللَّـهَ شَيْـًٔا] - ([رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. ފަހެ، އެކަލޭގެފާނު އަވަހާރަވެއްޖެނަމަ، ނުވަތަ قتل ވެއްޖެނަމަ، ތިޔަބައިމީހުން (كافر ވުމަށް) ފަހަތަށް އެނބުރި ގަންނަންވީ ހެއްޔެވެ؟ އަދި، ފަހަތަށް އެނބުރިގަންނަ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ.]) (އާލު ޢިމްރާން: 144)
572. އިބްނު ޢައްބާސުގެފާނު ވިދާޅުވިއެވެ. "އަބޫބަކްރުގެފާނު މި އާޔަތް ވިދާޅުވުމުގެ ކުރިން މީސްތަކުންނަށް މި އާޔަތް ޤުރްއާނުގައި އޮތް އާޔަތެއްކަން އެނގިފައި ނުވާ ކަހަލައެވެ."
573. އެ ހިނދު މީސްތަކުން އަޑުން އަޑުނަގައި ރޯން ފެށިއެވެ.
574. އިސްލާމީ އުއްމަތަށް މިއަށް ވުރެ ބޮޑު މުޞީބަތެއް ކުރިމަތިވެފައެއް ނުވެއެވެ.
575. އަންގާރަ ދުވަހު މީސްތަކުން ރަސޫލާ ﷺ ގެ ޚަލީފާއެއް ކަމުގައި އަބޫބަކްރުގެފާނު އިސްކޮށްފިއެވެ.
576. ރަސޫލާގެ އާލުން އެކަލޭގެފާނުގެ ކަށުކަމާކެމީގެ ކަންތައް ކުރެއްވުމަށް އަވަސްވެ ވަޑައިގަތެވެ. އެކަލޭގެފާނު ނާނޭފުޅު ފިއްލަވާނީ ކިހިނެއްކަން އެނގިވަޑައި ނުގަންނަވައިގެން ރައުޔު ތަފާތު ވިއެވެ. ރައުޔު ތަފާތުވި މަސްއަލައަކީ : އެ ކަލޭގެފާނު ނާނޭފުޅު ފިއްލަވާނީ ހެދުން ބާލައިގެންތޯ ނުވަތަ ނޫންތޯއެވެ؟ އެހިނދު އެ ހުރިހާ ބޭކަލުންނަށް އަވަހާރަފުޅުލެއްޕެވުނެވެ. އަވަހާރަފުޅު ލެއްޕެވުމުން އެ ބޭކަލުންނަށް އަޑެއް އިވިވަޑައިގަތެވެ. އެ އަޑު ބުންޏެވެ. އެކަލޭގެފާނުގެ ހެދުންކޮޅު ނުބާލުއްވައި އެ ހެދުންކޮޅާއެކު ނާނޭފުޅު ފިއްލަވާށެވެ!
577. އެބޭކަލުން ހޭފުޅުލައްވައިފައި ވިދާޅުވިއެވެ. މި ގޮތަށް ޢަމަލު ކުރަން އެންގެވުނެވެ.
578. ރަސޫލާ ﷺ ނާނޭފުޅު ފިއްލެވީ :
ހ- ޢަލީ ބިން އަބީ ޠާލިބުގެފާނު
ށ- ޢައްބާސުގެފާނާއި އެކަލޭގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ : ފަޟްލުގެފާނާއި ޤަޘަމުގެފާނު
ނ- އުސާމަތު ބިން ޒައިދުގެފާނު
ރ- ރަސޫލާ މިނިވަން ކުރެއްވި ޝުޤްރާން
579. ރަސޫލާ ﷺ ގެ ހަށިކޮޅު ފުށްފުށަށް ޖެއްސެވީ ޢައްބާސުގެފާނާއި އެކަލޭގެފާނުގެ ދެ ދަރިކަލުންނެވެ. ރަސޫލާ ﷺ ގެ ހަށިކޮޅު މައްޗަށް ފެން އޮއްސެވީ އުސާމަތުގެފާނާއި ޝުޤްރާނެވެ. ރަސޫލާ ﷺ ގެ ހަށިކޮޅުގައި އަތްޕުޅު ބީއްސަވާ ދޮންނެވީ ޢަލީގެފާނެވެ.
580. ރަސޫލާގެ ﷺ ހަށިކޮޅުން އެއްވެސް ނުބައި ވަހެއް ފެނިވަޑައިގެންފައި ނުވާކަމަށް ޢަލީގެފާނު ވިދާޅުވިއެވެ. މީރުވަހެއް މެނުވީއެވެ.
581. ރަސޫލާ ﷺ ނާނޭފުޅު ފިއްލަވައި ނިމުމުން ތިން ފޮށާކޮޅުން ކަފުން ކުރެވުނެވެ. އެއަށްފަހު ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި އެކަލޭގެފާނުގެ ދާންކޮޅު މަތީގައި ރަސޫލާ ﷺ ބޭއްވުނެވެ.
582. އެއަށްފަހު މީސްތަކުންނަށް ރަސޫލާގެ އަރިހަށް ވަދެ ނަމާދުކުރުމަށް ހުއްދަ ދެވުނެވެ. ކޮންމެ މީހަކު ވެސް ރަސުލާގެ މައްޗަށް ނަމާދު ކުރީ އެކަހެރިކޮށްނެވެ. ޖަމާޢަތް ނަހަދައެވެ. ފުރަތަމަ ފިރިހެނުންނެވެ. ދެން އަންހެނުންނެވެ. ދެން ކުޑަކުދީންނެވެ. މިއީ އެކަމަށް އިޖްމާޢުވެފައިވާ ކަމެކެވެ.
583. ނަމާދުކޮށް އަވަދިވުމުން ރަސޫލާ ﷺ ފަސްދާނުވެޑުވުމުގެ ކަންތަކާ ކުރިމަތިލިއެވެ. ރަސޫލާ ﷺ ފަސްދާނުވެޑުވުމުގެ މަސްއަލައިގައި މީސްތަކުންގެ ރައުޔު ތަފާތުވިއެވެ. އެހިނދު އަބޫބަކްރުގެފާނު ވަޑައިގެން ވިދާޅުވިއެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވި އަޑު އެއްސެވީމެވެ. [ما دُفِنَ نبيُّ قطُّ إلا في مكانِهِ الذي تُوفِّيَ فيهِ فحُفِرَ لهُ فيه] - ([ނަބީބޭކަލަކު އެބޭކަލަކު އަވަހާރަވި ތަނެއްގައި މެނުވީ ދުވަހަކުވެސް ފަސްދާނުވެޑުވިފައެއް ނުވެއެވެ. އެހިނދު އެކަލޭގެފާނު އޮންނެވި ތަނުގައި އެކަލޭގެފާނު ފަސްދާނުވެޑުވުމަށް ވަޅުކޮޅު ކޮނެވުނެވެ.]) (التمهيد ٢٤/٣٩٤ صحيح من وجوه مختلفة)
584. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި އޮންނަވަނިކޮށްނެވެ. މިހެންވެ ރަސޫލާ ﷺ ފަސްދާނުވެޑުވުނީ އެކަމަނާގެ ކޮޓަރިކޮޅުތެރޭގައެވެ.
585. ރަސޫލާ ﷺ ފަސްދާނު ވެޑުވުނީ ބުދަވިލޭރޭ ގައެވެ. އެކަލޭގެފާނުގެ ވަޅުކޮޅު ތެރޭގައި ރަތް ފޮށައެއް ފެތުރުނެވެ. އެކަލޭގެފާނުގެ ހަށިކޮޅު ބޭއްވުނީ މި ފޮށާކޮޅުގެ މަތީގައެވެ. އެކަލޭގެފާނުގެ ޤަބްރުފުޅު ވަޅުކޮޅު ތެރެއަށް ބޭލުއްވީ ޢަލީގެފާނާއި ޢައްބާސުގެފާނާއި ފަޟްލުގެފާނެވެ. ވަޅުކޮޅުތެރެއިން އެންމެފަހުން އަރައިވަޑައިގަތީ ޤަޘަމުގެފާނެވެ.
586. ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމުން އެކަލޭގެފާނުގެ ޞަޙާބީން އެކަމާމެދު ވަރަށް ފުން ހިތާމައަކުން ހިތާމަކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު ވިދާޅުވިއެވެ. [ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވި ދުވަހަށްވުރެ އަނދިރިކަން ބޮޑު ދުވަހެއް ތިމަންކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމެވެ.]
(ނިމުނީ)
ނޯޓު: [ކައު ރަސޫލާގެ ސީރަތުގެ މުތީތަކާއި ޝަޛާތަކުން] މި ސިލްސިލާގެ ދަށުން އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ކީރިތި ރަސޫލާގެ ސީރަތު ޚުލާޞާކުރައްވައި ލިޔުއްވި ސިލްސިލާ ނިމުނީއެވެ. މި އަގުހުރި ހަދިޔާ [ފަންވަތަށް] ހަދިޔާކުރެއްވީތީ ފަންވަތުގެ އަހުލުވެރީންގެ ފަރާތްޕުޅުންނާއި މެނެޖްމެންޓްގެ ފަރާތުން އުސްތާޛަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.
- އިދާރާ -