އަދުގެ ޚާއްސަ

Print

ޔޫރަޕް މީހުން ކުރިއެރިއިރު މުސްލިމުން ފަހަތަށް ވެއްޓުނީ ކީއްވެގެން؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

އިބްރާހީމު ރަޝީދު މޫސާ

އަލްމަރްޙޫމު ޑރ. މުޙައްމަދު ޢިމާރާ ސިފަކުރައްވާ ގޮތުގައި ، އައްޝައިޚުލް އުސްތާޒު ޢަބްދުﷲ އައްނަދީމު މީލާދީން  ނަވާރަވަނަ ސައްތައިގެ ނުވަވަނަ ދަހަރުގައި ޝާއިޢު ކުރެއްވި ފޮތް [بـم تقد الأوروبيون وتأخرنا، والخلق واحد] – ([ޔޫރަޕް މީހުން ކުރިއަރާދިޔައިރު އަހުރެމެން ވެއްޓި ފަހަތަށް ދިޔައީ ކީއްވެ؟ - ޚަލްޤުންނަކީ އެއްބަޔެއް])(1) އަކީ  ޙަޟާރަތުގެ ފަލްސަފާއަށާއި ތާރީޚަށް ހޭލައްވައިލި ނައްޞެކެވެ. މި ފޮތުގައި އައްޝައިޚު ނަދީމު ހޭލުމަށާއި  ކުރިއެރުމަށް ބޭނުންވާ ޝަރްޠުތަކާމެދު ބަޙުސްކުރައްވައިފައި ވެއެވެ.  މި ފޮތުގެ ފަސް ދޮޅަހަކަށް އަހަރު ކުރިން އަލްއަމީރު ޝަކީބު އަރްސަލާން [لماذا تأخر المسلمون وتقدم غيرهم] – ([މުސްލިމުން ފަތަށް ވެއްޓި އެހެން މީހުން ކުރިއަރައިގެން ދިޔައީ ކީއްވެ؟])(2) ނަމުގައި ފޮތެއް ވަނީ ލިޔުއްވައިފައެވެ.

މި ދެ ޢާލިމުންގެ ލިޔުއްވުންތައް ވެސް ވަނީ ހަނދާނުގެ ދާއިރަށް ބޭރަށްލައި ހަވާސާކޮށްލެވިއެވެ. މިޞްރުގެ ސިޔާސީ މުފައްކިރެއް ކަމުގައިވާ [އަޙްމަދު ޢުރާބީ] ގެ އިންޤިލާބަށް މީސްތަކުންގެ ހިތްތަކުގައި ޝައުޤުވެރިކަމާއި ތާއީދާއި ހިތްވަރު އުފެދުނީ އައްޝައިޚު ޢަބްދުﷲ ނަދީމުގެ ޚުޠުބާތަކުންނެވެ. ޢަބްދު ﷲ ނަދީމަކީ އިންޤިލާބީ ފިކްރުގެ އަދީބެކެވެ. އިނގިރޭސި އިސްތިޢުމާރާ ދެކޮޅަށް މިޞްރުގެ ރައްޔިތުންގެ ހިތްތައް ކައްކުވައިލި ބަލާޣަތްތެރި ވާހަކަދެއްކުންތެރިއެކެވެ. އަޑުއަހާމީހުން ފޫހިކަމެއްނެތި އޭނާގެ ޚުޠުބާތައް  އެހުމަށް ލެންބުވި އަދަބީ އަދި ޢިލްމީ ޤާބިލުކަންހުރި ޚަޠީބެކެވެ.  އޭނާއަކީ އޭނާގެ ޚުޠުބާތަކުގައި ބަސްތައް ތަކްރާރު ނުކުރައްވައި އަދި ޚިޔާލުތައް ފަށްފަށް ނުކުރައްވާ ޖުމްލަތައް ގެއްތެވި މޮޅު ބަސްވާރެކެވެ. 

ޢަބްދުﷲ ނަދީމުގެ [އަލްއުސްތާޛު] މަޖައްލާގައި އެ ފޮތުގެ ބައިތައް ސިލްސިލާކޮށް ނެރުއްވަންފެށްޓެވީ 1892ވަނަ އަހަރުގައެވެ. އެއީ އިނގިރޭސިން މިޞްރަށް އެރިތާ ދިހަ އަހަރު ފަހުންނެވެ. ޢުރާބީގެ އިންޤިލާބު ނާކާމިޔާބުވުމާ ވިދިގެން، މިނިވަންކަމާއި ޙުއްރިއްޔަތުގެ ހުވަފެން ބިލާހަކަށް ވުމުންނެވެ. އެއީ މިޞްރަށް ދެވުނު  ފަރަންސޭސީންގެ ޙަމަލާއަށް ނުވަ ދިހަވަރަކަށް އަހަރު ފާއިތުވެ ދިޔަ ފަހުންނެވެ. މުސްލިމުންނާ ޔޫރަޕަ ދެމެދުގައި އޮތް ޙަޟާރަތީ ވަޅުގަނޑުގެ ފުންކަމާމެދު މުސްލިމުން ހޭވަރިވީ މި ޙަމަލާގެ ސަބަބުންނެވެ. ނަޕޯލިޔަން ލަޝްކަރައިގެން މިޞްރަށް އެރުއްވީ ޔޫރަޕްގެ ސައެންސީ ކުރިއެރުންތައް ދައްކުވާދޭ މެޝިންތަކާއި އާލަތްތަކާއެކުގައެވެ. އެއީ ތަރައްޤީވެފައިވާ ވަރުގަދަ ދައުލަތެއް ބިނާކުރުމަށް މިޞްރުގެ އޭރުގެ ވެރިޔާ މުޙައްމަދު ޢަލީ ބާޝާ ރޭއްވެވި މަޝްރޫޢު ނާކާމިޔާބުވިތާ ބައި ސައްތަ އަހަރު ފަހުންނެވެ. އެއީ  ބީރަށްޓެހި ކުރުވުމުގެ ދޮރު ތަންމިނަށް ހުޅުވައިލި ޢުޘްމާނީ ދައުލަތުގެ [ގުލްޚާނާ](3) ބަޔާން އިޢުލާނު ކުރެވުނުތާ ފަންސާހަކަށް އަހަރު ފަހެވެ. އެހެންކަމުން މި ފޮތަކީ ސިންދަފާތު މިންތަކެއްގެ ތަޖްރިބާތައް ވަޒަންކޮށް މިނެކިރާފައިވާ ފޮތެކެވެ. މި ފޮތަށް ޑރ. ޢިމާރާ އިތުރު ކުރެއްވި (120 ޞަފްޙާ ގެ)  އިސްބަސް ނަދީމުގެ ނައްޞަށްވުރެ ފުޅަލެވެ.

ނަދީމުގެ ޙަޔާތްޕުޅާއި ފިކްރަކީ ވަޠަނީ އިސްތިޤްލާލަށްޓަކައި ކުރައްވައިފައިވާ ހަނގުރާމައެކެވެ. އިސްލާމީ އުއްމަތުގެ ސަޤާފަތު ރައްކައުތެރިކުރެއްވުމަށް  ޓަކައި ބަހާއި ފިކްރު ބޭނުންކުރައްވައިފައިވަނީ އާލަތެއްގެ ގޮތުގައެވެ. ތޫނު ހަތިޔާރެއްގެ ގޮތުގައެވެ. އިސްލާމީ ޙަޟާރަތް ފަހަތަށް ސޮއްސައިލި ސަބަބުތައް ހޯއްދެވުމަށް ޓަކައި އޭނާ ތޮށިގަނޑު ފޫއަޅުވައިލައްވައިފައި ފުނަށް ފައިބައިވަޑައިގެންފައިވެއެވެ. އޭގެ މޫތަކާ ހަމައަށް ވާޞިލުވެވަޑައިގެންނެވިއެވެ. ޚާރިޖީ އަދި ދާޚީލީ ބަހާތައް ހޯއްދެވިއެވެ. އެ ވަޅުގަނޑުން އެރުމަށް ބޭނުންވާ " ބޭސް ސިޓީ " އޭނާ ލިޔުއްވައި ދެއްވިއެވެ. އޭނާގެ ފިކްރަކީ އޭނާގެ ދީނުގެ ތަރަހައިގެ މަތީގައި ހެދިބޮޑުވެފައިވާ ގަހެކެވެ. އެ ގަހުގެ މޭވާއަކީ އޭނާގެ ދީނުގެ އުޞޫލުތަކުން އޭނާއަށް ކާން ދީފައިވާ ރަހަ މީރު މޭވާއެކެވެ. 

އިސްލާމީ ޤައުމުތަކުގެ މީހުން ހޭލުއްވުމުގައި ހުޅަނގަށް ދައުރެއް ލިބިފައިވާކަން ނަދީމު ޤަބޫލު ކުރައްވައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ހުޅަނގުން ވަނީ  މުސްލިމުންގެ  ބަލިފައިތަކަކީ ކޮބައިކަން ބުނެދީފައެވެ. އެމީހުންގެ ބައުގަނޑުތައް ކިޔައިދީފައެވެ. އެއީ އަރާމު ގަދަ ނިންޖެއްގައި ނިދާފައިތިބި ގެއެއްގެ މީހުންނަށް ވަގަކު އެ ގެއަށް ވަދެ ވައްކަންކުރަން އެބަ ރާވާކަން ކިޔާދިނުންފަދަ ކަމެކެވެ. އެ ގެއަށް އޭނާއަށް ވަދެވެން ހުރި ބައުގަނޑުތައް ކިޔާދިނުންފަދަ ކަމެކެވެ. ވީމާ ހުޅަނގުން މި ވަނީ މުސްލިމުންނަށް  ހޭލުމަށް ގޮވައިލައިފައެވެ. އެކަމުގެ ސަބަބުން ހުޅަނގާ އެއްފަދަވުމުގެ ރޫޙު އެމީހުންގެ ގައިގައި އުފެދުނެވެ. ހުޅަނގުން މުސްލިމުންގެ ދީނީ ކަންތައްތަކާއި ދުނިޔަވީ ކަންތައްތައް ހުތުރުކޮށް ހާމަކުރިއެވެ. އެއަށްފަހު ހުޅަނގުން މުސްލިމުންނަށް އެމީހުންގެ ދީން ދޫކޮށްލުމަށް ގޮވައިލިއެވެ. މުސްލިމުންނަށް  މި ކަން ވަރަށް ބޮޑު ކަމަކަށް ވިއެވެ. މުސްލިމުންގެ  ހިއްމަތްތެރިން ކިބައިގައި ތަބާވުމުގެ ފިކްރާ ދުރުގައި ތިބެ  އެއްގޮތްވުމުގެ ރޫޙު އުފެދުނީ މިކަމާ ހެދިއެވެ.  

ނަދީމު ފާހަގަ ކުރެއްވި ގޮތުގައި ޔޫރަޕް ކުރިއެރީ  އަޞްލު 4 ސަބަބަކާ ހެދިއެވެ. އެއީ :-

   1- ދައުލަތުގެ ބަސް އެއް ބަހަކަށް ހެދުން. އެހެނީ ދައުލަތުގެ ބަހަކީ އެ ދައުލަތުގެ  ސަޤާފަތެވެ. 

  2- ވެރިކަމުގެ ބާރު އެއްބާރަކަށް ހެދުން.  ވެރިކަމުގެ ބާރު ފޮތިފޮތިވުމަކީ ޤައުމުގެ އަމިއްލަވަންތަކަން ނިކަމެތިވެގެންދާނެ ކަމެކެވެ.އަދި މިއީ ކުރިއެރުން ހުއްޓުވުމަށް މަގުތައް ކޮށާދޭ ބަހާއެކެވެ.

   3- ދީނީ ޢަޤީދާ އެކަތިގަނޑަކަށް ހެދުން. ޔޫރަޕްގައި " ކޮންމެ ދައުލަތަކަށް އެއް ދީން " މި ޝިޢާރު އުފުލިއެވެ. މި ކަމަށް  ޓަކައި މެދުތެރޭ ޔޫރަޕްގައި ހިނގި ހަނގުރާމަތަކުގައި ޔޫރަޕްގެ އާބަދީގެ 40  % ވަނީ ފަނާވެ ގޮސްފައެވެ. 

   4- ޤައުމީ އަރާރުންތައް ހިންދައިލައި އިސްލާމީ ޤައުމުތައް އިސްތިޢުމާރު ކުރުމަށާއި އެ ޤައުމުތަކުގެ މުއްސަނދިކަން ފޭރިގަތުމަށް ނުކުތުން 

މި ބަހާތަކުގެ އިތުރަށް ޔޫރަޕްގެ ކުރިއެރުމުގެ މޫތައް އަނޑިއަށް ބޭލުވުމުގައްޔާއި ޔޫރަޕްގެ އިސްތިޢުމާރު ދެމެހެއްޓުމުގައި އެހީވެދިން 6 ބަހާއެއް ވެއެވެ. އެއީ

1-ފިކްރާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުން. މިއީ އުއްމަތް ތަރްބިޔަތު ކުރުމަށާއި ރަށްވެހިކުރުމަށް ޓަކައި ދެވުނު މިނިވަންކަމެކެވެ.

2-ވާދަވެރި ކުންފުނިތަކެއްގައި ރައުސްމާލުތައް ޖަމާކުރުމާއި ބޭރުގެ ވާދަވެރިކަމުން އިޤްތިޞާދު ޙިމާޔަތް ކުރުން

3-ރަށްވެހިކަމާއި ތަހްޒީބުގެ ޢިލްމުތަކުގައި ، އައު އީޖާދުތަކަށާއި ، އުފެއްދުންތަކަށާއި ހޯދުންތަކަށް ހިތްވަރު ދިނުން

4-ތަޢުލީމު ދިނުން ޢާއްމުކުރުމާއި ، އެއްގޮތް ކުރުމާއި، ވަޠަނީ ކުރުމާއި ، މަޖްބޫރު ކުރުން

5-ޚުދްމުޚްތާރުކަމާއި އަނިޔާވެރިކަން މަނާކުރުމާއި ޝޫރާގެ މަތީގައި ވެރިކަމުގެ މުއައްސަސާތައް ޤާއިމުކުރުން

6-ފިކްރާއި ވިސްނުމާއި ޢިލްމާއި ސަޤާފަތުގެ އަހްލުވެރީންނަށް އަހައްމިއްޔަތުކަން ދިނުމާއި ސައެންސީ ހޯދުންތަކަށް މަގުފަހިކޮށްދޭ ދަތުރުފަތުރުތަކަށް ހިތްވަރުދިނުން. 

ނަދީމުގެ ނަޒަރުގައި ތަރައްޤީއާއި ހޭލުންތެރިކަން

އައްޝައިޚު ޢަބްދު ﷲ އައްނަދީމު ވިދާޅުވެފައިވާ ގޮތުގައި ހޭލުންތެރިކަމާއި ތަރައްޤީއަކީ ޝާމިލު ޙަރަކާތެކެވެ.އެ ހެދި ބޮޑުވެ ފޯދެން ޖެހޭނީ ހަށިގަނޑެއް ފަދައިން ފުނިޖެހިގެން މަތިމައްޗަށެވެ. ޔޫރަޕް މީހުން ކޮޕީ ކުރާއިރު މުސްލިމުން އެތައްއެތައް އަސާސުތަކެއް ރައްކައުތެރިކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން  ޖެހޭނެއެވެ. އޭގެތެރޭގައި ދީން ރައްކައުތެރިކުރުމާއި، މުއްސަނދިކަން ރައްކައުތެރިކުރުމާއި ، ވަޠަނިއްޔަތު ރައްކައުތެރިކުރުމާއި، ބަސް ރައްކައުތެރިކުރުން މުހިއްމުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. [ނަތީޖާއަށް  ވިސްނައިނުލައި އޭނާގެ އާދަކާދަތަކުން ބޭރުވުމަކީ އޭނާގެ ޒާތު ހަނގުރާމައަކާ ނުލައި އަނެކާގެ އާދަކާދައާ  ޙަވާލުކުކުރުމެވެ.] އަނެކާ ކޮޕީކޮށް ތިމާގެ ޙަޟާރީ ޝަޚްޝިއްޔަތާ އެކަހެރިވުމަކީ ހަނގުރާމައެއް ނުކޮށް ތިމާގެ ޒާތު އަނެކާއަށް އަމާންދީ ބޯލެނބުމެވެ.މިހެންވެ ކާކުވަންތަކަން ބިނާކުރުމުގައި ދީނަކީ ނާރެހެވެ.  ދީނާ އޭނާއާ ދެމެދުގައި އޮންނަ ގުޅުން ކެނޑިގެން ހިނގެއްޖެނަމަ އޭނާގެ ނަފްސު އޮންނާނީ އަނެކާގެ ފިކްރުގެ އަޅުވެތިކަމުގައެވެ. އޭރުން އޭނާ އޭނާގެ މައިންބަފައިންނާއި ދަރީންނާ ދެކޮޅަށް ހަނގުރާމަ ކުރާނެތެވެ. އެމީހުން އެ ގޮތްމަތީގައި ތިބިގޮތް އޭނާއަށް ހުތުރުވެ އަނެކާގެ ގޮތް އޭނާއަށް ރީތިވެގެންދާނެތީއެވެ. އައްޝައިޚު ނަދީމު ވިދާޅުވާ ގޮތުގައި  ފަޚްރާއި ޢިއްޒަތުގެ އަޞްލަކީ އިސްލާމްދީނެވެ. އެއީ މަދަނިއްޔަތާއި ރަށްވެހިކަމުގެ ބިންގަލެވެ. 

ކުރިއެރުމުގައި ބަސް މުހިއްމު ދައުރެއް އަދާކުރާކަން ބަޔާން ކުރައްވަމުން އައްޝައިޚު ނަދީމު ވިދާޅުވިއެވެ. [ޢަރަބިބަހާ ގުޅުން ކެނޑުމަކީ ޤުރްއާނާ ގުޅުން ކެނޑުމެވެ. ފަހެ އެއީ ދީނުގެ ދުލެވެ. ވަޠަނުގެ ތަރްޖަމާނެވެ. ކާކުކަން އަންގާދޭ ތިމާގެ އެޑްރެހެވެ.]  އޭނާ ވިދާޅުވާ ގޮތުގައި ޢަރަބިބަސް ފަހަތަށް ޖެހި ހަނގުރާމައިގެ މައިދާނުގައި ވެއްޓުނީ ދެ ސަބަބަކާ ހެދިއެވެ. އެއީ:-

   1- ލޯން ބަސްތައް ގިނަވުމާއި ރަސްމީ ދާއިރާތަކުގައި މި ބަސްތައް ބޭނުންކުރުން ގިނަވުން

   2- ޤައުމީ ބަހުން ބޭރުބަހަކަށް ތަޢުލީމު ދިނުން ނަޤްލުކުރުން. އެ ކަމުގެ ސަބަބުން ދަރިވަރު އެ ކުއްޖާގެ ޤައުމީވަންތަކަމުންނާއި ދީނުން އެއްކޮށް ބޭރަށް ނަޤްލު ކުރެވުނެވެ.  

 މުސްތަޝްރިޤުންގެ ރައުޔާ ޚިލާފަށް އައްޝައިޚު ނަދީމު މި ފޮތުގައި އިސްލާމްދީން ދިފާޢުކުރައްވައި ވަރަށް ދިގުކޮށް ވާހަކަފުޅުދައްކަވައިފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ހޭލުންތެރިކަމުގެ ފަނާރަކީ ކީރިތި ޤުރްއާނެވެ. ޤުރްއާން ޙިމާޔަތްކުރުމަކީ ހޭލުންތެރިކަން ދިފާޢުކުރުމެވެ. އޭނާ ވިދާޅުވި ގޮތުގައި މުސްލިމުން ފަހަތަށް ސޮއްސައިލައި ވެއްޓުނީ އިސްލާމްދީނުގެ ސަބަބަކުންނޫނެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ޤައުމުތައް ވެއްޓުނީ ތިމާވެށީގެ ސަބަބަކުންނެއް ވެސް ނޫނެވެ. ޔޫރަޕް ކުރިއެރީ އެތާނގެ ވެށި ފިނިވެގެންނެއް ނޫނެވެ. ހޫނާ ފިންޏަކީ ކުރިއެރުމަށް ހުރަސްއަޅާ ކަމެއް ނޫނެވެ.

އިސްލާމީ ޤައުމުތައް މާޔޫސްކުރުމަށް ޓަކައި ހުޅަނގުން އުފުލި އެއް ފޮތިގަނޑަކީ [މުސްލިމުންނަކީ ތަހުޒީބަށް ފަހި ބައެއް ނޫނެވެ.] އޭނާ ވިދާޅުވިގޮތުގައި ހުޅަނގުން އިސްލާމީ ޤައުމުތަކަށް އަތްގަނދަކުރީ އިޞްލާޙު ކުރުމުގެ ނަމުގައެވެ. ބިނާކުރުމުގެ ނަމުގައެވެ. ރަށްވެހިކަން ގެނެސްދިނުމުގެ ދަޅައިގެ ތެރޭގައެވެ. އެހެނަސް ޙަޤީޤަތަކީ މިއެއް ނޫނެވެ. 

_____________________________

ފުޓް ނޯޓާއި ޙަވާލާ:

1-    كتاب ” بم تقدم الأوروبيون وتأخرنا، والخلق واحد “ تأليف الشيخ عبد الله النديم، تحقيق ودراسة الدكتور محمد عمارة، وصدر عن “دار البشير للثقافة والعلوم” بالقاهرة، في (208) صفحة، في طبعته الأولى عام 2016

2-   ފޮތް ޝާއިޢު ކުރެވުނީ  1930 ގައެވެ. މި ފޮތް އައްޝައިޚު މުޙައްމަދު ރަޝީދު ރިޟާ  "އަލް މަނާރު" މަޖައްލާގައި ބައިބަޔަށް ނެރުއްވައިފައި ވެއެވެ.

3-     ގުލްޚާނާ  އަކީ ޢުޘްމާނީ ދައުލަތުގެ ޚަލީފާގެ މާބުސްތާނު ގަނޑުވަރުގެ ނަމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ