އަދުގެ ޚާއްސަ

Print

(ކޮން މީހެއް؟ (14)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(01 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

"ނޫން. މާވަށަށް ދަންޏާ މާ ގިނަ އިރުވާނެ. ދެތިންގަށިއިރުން ދެވޭނީ. ޓްރެފިކް ވެސް ވަރަށް ބާރުބޮޑުވާނެ." ދާއޫދު އޮޅުން ފިލުވައިދިނެވެ. "އެހެންވެ 'އެތެރެދީ ޓުރިސްޓް ލޮޖް' އަށް މި ރޭ ދާން މި އުޅެނީ. ކުޑަކަމެއް އޮތީމާ. ލަސްވެދާނެތީ އޮވަރނައިޓެއްގެ ވާހަކަ ބުނީ ވެސް."

"ހޫމމމމ. ވަޒީފާގެ ގޮތުން ދާންޖެހޭ ތާކަށް ދާން މަންމަ ވެސް ރުހޭނެ. މަންމަމެންނަށް އެނގޭ، ދާއޫދުގެ ވިޔަފާރީގައި ނީނާ ކޮންމެވެސް ވަރަކަށް ހިއްސާ އޮންނަކަން." ނީނާ އެއްބަސްވިއެވެ. އެހެންވީމާ، މައްސަލައެއް ނޯންނާނެ. އެކަމަކު ދެން ހަމަ ކީއްކުރަން އޯވަރނައިޓަކަށް ދަނީ؟ ގޮސްފަ އެތަން ބަލައިލައިފައި އާދެވިދާނެއެއްނު؟"

"އަޅޭ! އެ ތަނަށް ގޮސްފައި ހިޔެއް ނުވޭ ނީނާ ވެސް އަންނަ ހިތްވާނެހެނެއް." ދާއޫދު ޚިޔާލު ފާޅުކޮށްލިއެވެ. "އެހާ ސަޅިވާނެ."

"ސަޅިއަކަސް އާދެވިދާނެނު." ނީނާ ބަހުސްކޮށްލިއެވެ. އަނެއްކާ ލަންކާގެ ހަނދާން އާވެގެންތަ، ތިޔަ އުޅެނީ؟"

"ތިޔަބުނީ ރަނގަޅަށް" 

"އަދިވެސް ހިތް ނުފުރެނީތަ؟" ނީނާ ވައްބަހުން އެއްޗެކޭ ބުނެލިއެވެ. "އަޅުގަނޑު ދަތުރަށް ތައްޔާރު."

ނީނާ މަންމަ ގާތު ބުނެލުމަށްފަހު ރޭގަނޑު 8 ޖަހާލިހާއިރު ދާއޫދާ އެކީ އޭނާގެ ވިޓާރާ ވޭންގައި އިސްދޫއާ ދިމާއަށް ބުރިޖު ހަލިމަގުން ދަތުރު ފަށައިފިއެވެ. މި ދަތުރުގެ ހަގީގީ ބޭނުމެއް ނީނާއަކަށް ނޭނގެއެވެ. ހަމަ އެކަނި ވިސްނެނީ ދާއޫދުގެ ނަފުސުގެ ކަރުހިއްކުން މިނިވަން މާހައުލެއްގައި ފިލުވައިލުމަކީ މުޅި ދަތުރުގެ މަޤުޞަދު ކަމުގައެވެ. ނަމަވެސް ދާއޫދުގެ މި ދަތުރަކީ ވިޔަފާރީގެ މުހިއްމު ދަތުރެކެވެ. ދަތުރުގައި ފޫހިވާނެތީ ނީނާ ބައިވެރިކުރީއެވެ. އަދި ދާއޫދުގެ ހަތްތަރީގެ ހޮޓެލެއް ކަމުގައި "އެތެރެދޫ ޓޫރިސްޓް ލޮޖް" ނީނާއަށް ދައްކައިލުމަކީ ވެސް ދާއޫދުގެ އެންމެ ބޮޑު އެދުމެވެ. އަނެއް ބޭނުމަކީ ދާއޫދު މުންޑޫގައި ފެށީ ކަންމަތީ ފިހާރައިގެ އަހަރީ ދުވަސް ނީނާއާ އެކީ [ފުރިހަމައަށް] ފާހަގަކޮށްލުމެވެ. ދުވަސްތައް ދިޔަލެއް އަވަދިނެތިކަމުން ވިޔަފާޜި ފެށިތާ އަހަރެއްވީ ކަމެއް ނީނާ ހަނދާނެއް ވެސް ނެތެވެ.

ފަންސާހަކަށް މިނިޓަކަށް ފަހު، ޓޫރިސްޓް ލޮޖު އެހެން ގޮތަކަށް ދަންނަވާނަމަ، ދާއޫދުގެ އެންމެ ބޮޑު ހޮޓެލާ ހަމައަށް ފޯރިއިރު ނީނާ އިނީ ހައިރާންވެފައެވެ. ދާއޫދުގެ އިސްތިޤުބާލުގައި ޔުނިފޯމުއެޅި ސަލާމަތީ މީހުންނާއި އެހެނިހެން މުވައްޒިފުން ސަފުހަދައިގެން ތިއްބެވެ. ވޭން މަޑުކޮށްލުމާއެކު ސަލާމަތީ ދެ މީހަކު އައިސް ވޭޏްގެ ދެ ދޮރު ހުޅަވައިލަދިނެވެ. ދެބުރިއަށް ޢިމާރާތްކޮށްފައިވާ އެ ހޮޓެލްގެ މަތީބުރީ ޓެރަސްމައްޗަށް ދާއޫދާއެކު ނީނާއަށް ދެވުނު އިރު މި އުޅެނީ ރާއްޖޭގައި ކަމެއް ވެސް ހަނދާނެއް ނެތެވެ. ތަނުގެ ފުރިހަމަ ކަމުން ނެވެ. އެކި ދިމަ ދިމާއިން ފަތުރުވެރީން ވެސް ފެނެއެވެ. ގިނައިން ފެންނަނީ އުތުރުކަރައިގެ ފަތުރުވެރީންނާއި ޖުއްބާލީ ޢަރަބީންނެވެ. މަދުމަދުން ވިލާތު މީހުން ވެސް ފެނެއެވެ.

ސާފު އުޑު ފެންނަ ހިސާބުގައި ރީތި އިލެކްޓްރިކް އަލީން ޒީނަތްތެރިކުރެވިފައިވާ މާލަމަށް ދާއޫދާއި ނީނާ ވަނުމާއެކު އަނެއް ދެ މޭޒުގައި ތިބި އެންމެން ކޮޅަށް ތެދުވެއްޖެއެވެ. ވަރަށް ފުރިހަމަ ބުފޭއެއް އިންތިޒާމު ކުރެވިފައި އޮތަސް ނީނާ ގޮވައިގެން ދާއޫދު ދިޔައީ ތަންކޮޅެއް ދުރުގައި ހުރި ވަކި މޭޒަކަށެވެ. މޭޒުކައިރިއަށް ދެވުމާއެކު، ދެ މުވައްޒިފަކު ގޮނޑި ދުރުކޮށްލައިދީ އިށީންނާން ފަހިކޮށްދިނެވެ. އެއަށްފަހު ބުފޭ މޭޒުކައިރީން އެކި ތަށިތައް ހިފައިގެން ވޭޓަރުން އައިސް މޭޒުގައި އަތުރައިލިއެވެ.

"ސަރ، ކޯއްޗެއްތޯ ހިއްޕަވާނީ؟" ވެއިޓަރަކު ވަރަށް އަދަބުވެރިކަމާއެކު ދާއޫދާ ސުވާލުކޮށްލިއެވެ. "ހޮޓް ޑްރިންކެއްތޯ، ނުވަތަ ސޮފްޓް ޑްރިންކެއްތޯ؟"

"ހޮޓް އެއްޗެއް. ރަނގަޅު އެއްޗެއް ގެނޭ". ދާއޫދު ޖަވާބު ދިނެވެ. 

"މެޑަމް" ނީނާއާ މުޚާޠަބުކޮށް ވޭޓަރު ސުވާލުކޮށްލިއެވެ. "ހިއްޕަވާނީ ކޮން އެއްޗެއްތޯ؟"

"ފްރެޝް އޮރެންޖް"

އިރުކޮޅެއްވީތަނާ، ތަބަކެއްގައި ދެ ތައްޓެއް ބަހައްޓައިގެން އައިސް މޭޒުމަތީގައި ބަހައްޓައިފިއެވެ. އަދި ހުއްދަ ހޯދައިގެން ކުދިކުދި ގަނޑުފެން ކޮޑިތައް ދާއޫދުގެ ތައްޓަށް އަޅައިފިއެވެ. ނީނާ ބުނީ ފިނި ކުރާން ބޭނުން ނޫންކަމަށެވެ.

ދާއޫދުގެ ތަށިން ފޮނުއަރައިފައި ހުރިތަން ފެނިގެން އެއީ އާދައިގެ ބުއިމެއް ނޫންކަން ވިސްނިގެން މާނަވީ ގޮތަކަށް ނީނާ އެ ތައްޓާ ދިމާއަށް ބަލައިލިއެވެ. 

"ނީނާ ކީއްވެ ތިހާ ލުއި ބުއިމެއް ތިބޮނީ" ދާއޫދު އެހިއެވެ. "މިކަހަލަ ތައްޓެއް ގެންނަންވީތަ؟"

"ތީ ކޯއްޗެއް؟"

ނީނާގެ އެ ސުވާލަށް ސީދާ ޖަވާބު ނުދީ ދާއޫދު ފެށީ އެހެންވާހަކައެކެވެ. 

"ނީނާއަށް އެނގޭތަ މިއަދު މީ ކޮން ދުވަހެއްކަން؟"

"ނޭނގޭ" ނީނާ ބުންޏެވެ. "ބުނެބަލަ!"

"މިއަދަކީ އަހަރެމެންގެ ކަންމަތީ ފިހާރަ ރަސްމީކޮށް ހުޅުވިތާ ބަރާބަރު އެއް އަހަރު ފުރޭރޭ." ދާއޫދު އޮޅުން ފިލުވައިދިނެވެ. "ހަނދާނެއް ނެތްތަ؟"

"އޯހ. ނޭނގުނު އަހަރެއް ދިޔަ ގޮތެއްވެސް." ނީނާ ބުނެލިއެވެ.  "ތެދެކޭ، މިހާރު ހަނދާން ވެއްޖެ."

"އެހެންވެ އަހަރީ ޙަފުލާ މި ފާހަގަކުރަނީ. ކަންމަތީ ފިހާރަ އަކީ އަހަރެމެން ދެ މީހުންގެ ޙިއްސާ އޮންނަ ތަނެއް އެހެންވީމާ ދެ މީހުން އެކީގައި އަހަރީ ދުވަސް ފާހަގަކޮށްލާން ވެގެން މިތަނަށް މި އައީ."

"ހަމައެކަނި އަހަރީ ޑިނާރއަކަށް މިއަކީ މިއޮއް ދުރަށް"؟

"ނޫން. ވިޔަފާރީގެ އެހެން ބައެއް ކަންކަން ވެސް އެބަހުރި. އަހަރެން ހަފުތާއަކު އެއް ފަހަރު އަންނަން މި ތަނަށް. ބައެއް ރޭރޭ މިތާގައި ނިދައި ވެސް ހަދަން."

"ނީނާ" ދާއޫދު ކުއްލިއަކަށް ކަމެއް ހަނދާންވެގެން ނީނާއަށް ގޮވައިލިއެވެ. "މޫސާފުޅުބެ މިހާޜު ނިދައިފާނެތަ؟"

"ކިހިނެއްވީ، ކުއްލިއަކަށް މޫސާފުޅުބޭ މަތީން ތި ހަނދާންވީ؟"

"އަޅޭ ގުޅާބަލަ! ގުޅާފަ ބުނެބަލަ! މާދަމާއަކީ ފިހާރަ ބަންދު ދުވަހެކޭ. ހުރިހާ މުއައްޒިފުންނަށް ޗުއްޓީއޭ." މިއީ އަހަރުފުރުމުގެ މުނާސަބަތުގައި ދޭ ދެދުވަހޭ. އަނެއް ދުވަސްވެސް ބަންދޭ."

"މާދަން ހޯމައެއްނު؟" ނީނާ، ދާއޫދަށް ދުވަސް ހަނދާންކޮށްދިނެވެ.

"ތިކަން އެނގެޔޭ. އެކަމަކު އަހަރެމެން ރަށަށް ދާނީ މާދަން ދޫކޮށްފައި އަނެއް ދުވަހު. މާދަންރޭ ދާނީ މާވަށު އެއަރޕޯޓް ގާރޑްނ ހޮޓެލްއަށް." ދާއޫދު އޮޅުން ފިލުވައި ދިނެވެ. އަހަރެމެން ދެ މީހުންކުރެ މީހަކު ނެތި ފިހާރަ ހުޅުވާކަށް ބޭނުމެއް ނޫން."

"އަޅޭ މަ ގެނައީ އެންމެ ހެދުމެއް." 

"ދެން މޫސާފުޅުބެއަށް ގުޅައިފައި އަވަހަށް އެވާހަކަ ބުނެބަލަ!" ދާއޫދު ތަންކޮޅެއް ސީރިއަސް ގޮތަކަށް ބުނެލިއެވެ. "ކީއްކުރާ ހެދުމެއް؟ މިރޭ މިތާ މެނެޖްމަންޓާ އަހަރެން ބައްދަލުކޮށްފައި ދެން ނޯންނާނެ އިތުރުކަމެއް. ދެންދާނީ ރޫމަކަށްނު. އަދި ރޫމަކަށް ނުވެސް ދަމެއްނު. ހެދުން އަޅުވައިލާނެ އަލަމާރި ހުންނާނެ ކޮޓަރީގައި ހެދުމަށް ރުލެއް އެރިޔަކަ ނުދޭނަން."

"ސާބަސް". ވަރެއްގެ ފިރިހެނެއް ދޯ މިވެސް. "އަދިވެސް ހަމަ އަލާ ނުކެނޑެނީތަ؟"

"އަޅެ ބުނެބަލަ! ނީނާއަށް ވަރަށް މީރު އެއްޗެއް އެއް ފަހަރު ކެވުނީމާ ދެން ދުވަހަކު ވެސް އެ އެއްޗެއް ނުކާނަންތަ؟ މަށަށް ވާގޮތަކީ ވަރަށް މީރު މޭވައެއް ކެވުނީމާ ދެން ހަމަ އަބަދުވެސް ދަހިލަވަނީ."

ދާއޫދު އެ ބުނި ވާހަކައަށް ނީނާ އިތުރުއެއްޗެއް ނުބުނެ ހިނިތުންވެލީއެވެ. 

ކޮންމެއަކަސް ދާއޫދުގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން މޫސާފުޅުބެއަށް ގުޅައި މާދަމާއާއި އަނެއް ދުވަހަކީ މުވައްޒަފުންގެ ޗުއްޓީ ދެ ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ. އެކަން ހަމަޖެހުމާއެކު، ނީނާކުރެން ހުއްދަ ހޯދައިގެން ދާއޫދު އަނެއް މޭޒު ދޮށަށް ގޮސް ސީނިއާރ މެނެޖްމެންޓާ ކުރަންވީ މަޗްވަރާއެއް ކޮށްލުމަށްފަހު ހައެއްކަ މިޓްގެ ތެރޭގައި އެނބުރި އަތުވެއްޖެއެވެ.

"ހިނގާ ދާން! މިހާރު އެއޮއް ދިހަގަޑިބައިވަނީ. ނިދިއަތުވެއްޖެއްނު"

"ހަމަ ނިދިއަތުވެއްޖެތަ؟"

"އެހެންކަހަލަ ނިންޖެކޭ އަންނަނީ. ދެން ހިނގާ އަވަހަށް ދާން!

ދާއޫދާއެކު ދައޫދުގެ ޚާއްޞަ ސަރަހައްދަށް ގޮސް އޭނާގެ ޚާއްޞަ ކޮޓަރިއަށް ވަދެވުމާއެކު ނީނާ ހުރީ ހަމަ އާޝޯޚުވެފައެވެ. އެއީ ފުރިހަމަ ގަނޑުވަރެކޭ ނީނާ ހިތަށް އެރިއެވެ. ކޮޓަރި ހުޅުވައިލުމާއެކު ވަދެވުނީ ސިޓިންގ ރޫމަކަށެވެ. ސިޓިންގ ރޫމުގައި އަޅައިފައި އޮތް ދޫލައާއި ބަހައްޓައިފައި ހުރި ސޯފާސެޓާއި ކަފޭރާއާއި ސަތޭކަ އިންޗީގެ ޓީވީއާއި މިހެން ގޮސް ނީނާއަށް ލަންކާއިން ވެސް ފެނިފައި ނުވާ ފަދަ ފުރިހަމަ ޒީނަތަކުން ޒީނަތްވެފައިވާ މި ސިޓިންގ ރޫމުން ގޮސް ހުޅުވައިލި ކޮޓަރިއަކީ ވެސް އާދައިގެ ގެޔެއްގެ 4 ކޮޓަރިހައި ބޮޑު ސަރަހައްދެކެވެ. ނީނާ ފާޚާނާއަށް ވަދެލަންވެއްޖޭ ބުނެ ދާއޫދު އިޝާރާތްކޮށްލި ދޮރު ހުޅުވައިލިއިރު، ސުބްޙާނައްﷲ އެވެ! ހެޔޮވަރެއްގެ ކުޑަކުޑަ ސުވިމިންޕޫލަކާއެކު ތައްޔަރުކޮށްފައިވާ ބޮޑު މާސިންގާ ސަރަހައްދެކެވެ. 

ނީނާ ފާޚާނާއިން އައިސް ބޮޑު ކިންގް ސައިޒް އެނދުގެ އެއް ފަރާތުގައި އޮށޯވެލީ އިރަށް ދާއޫދުވެސް ގޮސް ފާހާނާއަށް ވަދެލައިފައި އައިސް އަލަމާރީގައި އަޅުވައިފައި ހުރީ ކޮން ހެދުމެއްތޯ ބަލައިލުމަށް ފަހު ވަރަށް އުފަލުން އައިސް އެނދުގެ ބެޑްކަވަރުގެ ދަށަށް ވަދެ ހަމަޖެހިލައިފިއެވެ.

(ނުނިމޭ)

އިދާރާ

ވާހަކަ