އަދުގެ ޚާއްސަ

Print

(ކޮން މީހެއް؟ (16)

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(03 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

މޫދުގައި މާ ގިނަ އިރަކު ހޭދަ ނުކޮށް ދެ މީހުން މޫދުންއަރައި ފެންވަރައިލައިގެން ހަވީރުވަންދެން އަރާމުކޮށްލީއެވެ.

ހަވީރު ހަތަރުގަޑި ބައިވީހައި އިރު ތެދުވެ, ނަލަހެދިގެން އެއަރޕޯޓާއި މާވަށުގެ މުހިއްމު ތަންތަން ބަލައިލާން ބުރެއްޖަހައިލިއެވެ. މި ކުރު ޒިޔާރަތުގައި މާވަށުގައި ހުންނަ މަޝްހޫރު ރެސްޓޯރަންޓެއް ކަމަށްވާ "ރެސްޓޮރަންޓް ކެކްޓަސް" އާއި އުސް ފަސްގަނޑާއި ކަނޑޫފަލާއި ވެލާ ކަހަނބު އާލާކުރާ ސަރަހައްދު ވެސް ބަލައިލިއެވެ. ރެސްޓޮރަންޓް ކެކްޓަސްގައި ނީނާއަށް އެންމެ ގަޔާވި އެއްޗަކީ އެ ރެސްޓޮރަންޓުން ނީނާއަށް ކާން ލިބުނު މަސްބަނަހެވެ.

"ވަރަށް މީރު ދޯ މި ބަނަސް" ނީނާއަށް މާ މީރު އެއްޗަކަށް ވެގެން ނީނާ ބުނެލިއެވެ."

"މީގެ ބަނަސްކޮޅެއް ގެންދާން ބޭނުންތަ؟" ދާއޫދު ސުވާލުކުރިއެވެ. "އޯޑަރުކޮށްލާންވީނު؟"

"ހުމމމމމމ! ވަރަށް ބޭނުން. ވަރަށް މީރު. އަދި ދުވަހަކު ވެސް މިހާ މީރު ހެދިކާއެއް ނީނާއެއް ނުކަން" ނީނާ ވަރަށް އަވަހަށް ޖަވާބު ދިނެވެ. "އަހާލަބަލަ! ލިބޭން ހުރިތޯ."

"އެކްސްކިޔުޒް މީ!" ދާއޫދު ވެއިޓަރަކަށް އިޝާރާތްކޮށްލިއެވެ."އައިސްބަލަ!"

"ޔެސް ސަރ!" ވެއިޓަރ ޖަވާބުދިނެވެ. "ވަޓް ކޭން އައިޑު ފޮރ ޔޫ؟"

"މިކަހަލަ ބަނަސްކޮޅެއް، ވިއްސަކަށް ބަނަސް، ޕެކްކޮށްލައިދީބަލަ!" ދާއޫދު އޯޑަރކޮށްލިއެވެ.

ވެއިޓަރ އެއްވެސް އެއްޗެއް ނުބުނެ ކައުންޓަރު ކައިރިއަށް ދިއުމަށްފަހު އެނބުރި އައިސް ބުނެލިއެވެ. "ވެރީ ސޮރީ ސާރ! މިއަދަކު ނެތް އެހާވަރަކަށް މިހާރަކު. ތިއައީ ވަރަށް ޑިމާންޑް ބޮޑު އެއްޗަކަށްވާތީ ވަރަށް އަވަހަށް ހުސްވޭ. ދެން މާދަމާ ހަވީރަށް ލިބޭނީ."

"އޯކޭ. ނެވަރ މައިންޑް" ދާއއޫދު ބުނެލިއެވެ. "އެހެން ފަހަރަކުން."

ވެއިޓަރު ދިޔުމުން ނީނާ ދާއޫދު ކައިރީ ބުނެލިއެވެ. ހިނގާ މެނޭޖަރާ ވާހަކަދައްކައިގެން ރެގިޔުލާރކޮށް އޯޑަރކުރަން. ކަންމަތީ ފިހާރައަށް ކޮންމެ ދުވަހަކު ފަންސާސް ބަނަސް ފޮނުވާ ގޮތަށް.

ސައިބޮއި ނިމިގެން މެނޭޖަރާ ވާހަކަ ދައްކައިގެން ކޮންމެ ދުވަހަކު ސަތޭކަ ބަނަސް ކަންމަތީ ފިހާރައަށް ފޮނުވާ ގޮތަށް ހަމަޖައްސައިފިއެވެ. ފަންސާސް ބަނަސް މަދުވާނެ ކަމަށް ނީނާއަށް ފެނުނީއެވެ.

އެރޭ ނީނާއާއި ދާއޫދު ހޭދަކުރީ އެއްވެސް ތާކަށް ނުގޮސް ކޮޓަރީގައި އަރާމުކޮށްލާށެވެ. ހެނދުނުހެނދުނާ ހޭލައިގެން މުންޑޫއަށް ދާން އެ މީހުން ޚިލާލުކުރީ ދާއޫދުގެ ވިޓާރާ ވޭންގައެވެ. މާވަށުން މުންޑޫއަށް ދާން ގާތްގަނޑަކަށް ދެގަޑިއެއްހާ އިރު ހޭދަވިޔަސް އެ ދުވަހު ތަންކޮޅެއް ވައިބާރުވީމާ ކަނޑުމަގުން ދަތުރުކުރާން ޚިޔާލު ނުކުރީއެވެ.

(12)

ދިރާސާތަކާބެހޭ ސިއްރު ކޮޓަރި

މާވަށުން ބަހުގައި ފެށި ދަތުރުގެ ތެރޭގައި ދާއޫދު ވަރަށް މުހިއްމު މައްސަލައަކާ ނީނާއާ މަޝްވަރާކުރިއެވެ. މިހާރު ނީނާގެ ޙިއްޞާ އޮންނަނީ ވެސް ހަމަ އެކަނި 'ކަންމަތީ ފިހާރަ'އިގެ ވިޔަފާރިއާއި އެ ވިޔަފާރިއާ ގުޅުން ހުރި މުޢާމަލާތްތަކުގައެވެ. ނަމަވެސް އެ ދަތުރުގައި ވަރަށް މުހިއްމު ކަމެއް ދާއޫދު، ނީނާއަށް ހުށަހެޅިއެވެ.

"ހޭ ބިޔުޓީ! ވަރަށް މުހިއްމު ވާހަކައެއް އެބަ އޮތް ދައްކައިލާން ވެފައި." ދާއޫދު ވަރަށް ސީރިއަސްކަމާއެކު ނީނާއަށް ބުންޏެވެ." އަސްލު މިގަޑީގައި ދެން ވާހަކަދެއްކުން ނޫން އެހެން ކަމެއް ނޯންނާނެތީ ހަމަ ދަތުރުމަތީގައި މި ވާހަކަ ދައްކައިލާން މަޑުކޮށްލީ."

"އަނެއްކާ ކޮން ވާހަކައެއް؟" ނީނާ ވެސް ހަމަ އެހައި ސީރިއަސް ކަމާއެކު އޮޅުންފިލުވާން ބޭނުންވިއެވެ. "އަދި ވެސް ނުދެއްކޭ ވާހަކަ އެބަހުރިތަ؟"

"ބައިވަރު ވާހަކަ ހުންނާނެދޯ ނުދެއްކޭ". ދާއޫދު ޖަވާބުދިނެވެ. "އިންސާނެއްގެ ޚިޔާލަށް އަންނަ ޖުމުލަތަކަކީ ދުވަހަކު ވެސް ހުސްވުމެއް ނެތް އެއްޗެއް. އެއް ބަސްކޮށާރެއް ބޭނުންކޮށްގެން އަބަދު ވެސް އާ ޖުމުލަތައް އުފަންވާނޭ ވާހަކަ ބަސްވާރުން ބުނެފައި ހުރޭނު!"

"ދެން ބުނެބަލަ! މާ ފަލްސަފީ ވާހަކަ ނުދައްކައި." ދާއޫދު ދައްކާން އެ އުޅެނީ ކޮން ވާހަކައެއްތޯ އޮޅުން ފިލުވާން ނީނާ ވަރަށް ބޮޑަށް ބޭނުންވިއެވެ.

"ނީނާއަށް މިހާރު ވަރަށް ބޮޑަށް އިތުބާރު ކުރެވިއްޖެ. އަދި ނީނާ މަސައްކަތް ކޮށްދެނީ ދާއޫދު ވަރަށް ހިތްހަމަޖެހޭ ގޮތަށް." ދާއޫދު ވާހަކަ ފެށިއެވެ."ވަކި ކަމެއް ނޫން. ހުރިހާ ކަމެއްގައި ވެސް."

"ތޭންކިޔޫ!" ނީނާ ހިނތުންވެލިއެވެ. "އެއީތަ ބުނާން ތިއުޅޭ ވާހަކައަކީ؟" 

"ނޫން އަޑުއަހާ! މި ސަބަބަށްޓަކައި އަހަރެންގެ ހުރިހާ މުދަލެއްގެ ފަންސާސް އިންސައްތަ ހިއްސާ ނީނާއަށް ދޭން ނިންމައިފިން." ދާއޫދު ބުނި އެއްޗަކުން ނީނާ އިނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. "އަދި މިއަދު ރަށަށް ދާ މަގުމަތީގައި މިކަމުގެ އެގްރީމެންޓްގައި ސޮއިކުރެވޭނެ."

ނީނާވީ އުފަލާއި ލިބުނު ޙައިރާންކަމެއްގެ ސަބަބުން އިނީ ބަސްހުއްޓިފައެވެ. މި ދަތުރަކީ ދާއޫދުގެ އަގުބޮޑު ރައުސްމާލުގެ ބައެއް ތަންތަން ނީނާއަށް ދައްކައިލާން ކުރި ދަތުރެއްކަން ވެސް ނީނާއަށް ވިސްނިއްޖެއެވެ. އަދި އޭނާއަކީ ވަރަށް ބޮޑު މުއްސަންޖެއް ކަމުގެ އިޙުސާސްވެސް ކުރެވެން ފަށައިފިއެވެ. ނީނާ ފިކުރުތަކެއްގެ ތެރެއަށް ގެއްލިފައި ބަސްހުއްޓިފައި އިންދައި އެ ހިމޭންކަން ކަނޑުވައިލީ ވެސް ދާއޫދެވެ.

"އެކަމަކު ޝަރުޠަކާއެކު." ދާއުދު އަނެއްކާ ވެސް ނީނާގެ ހިތް ތަޅުވައިލަނީކީ ނޫންބާވައެވެ. "އެ ވާހަކަ ވެސް އެގްރީމެންޓްގައި ލިޔެފައިވާނެ."

"ކޮބާ ޝަރުޠަކީ" ނީނާ ސާފުކުރާން ބޭނުންވިއެވެ. "އަނެއްކާ ކޮންފަދަ ޝަރުޠެއްބާ! ހިޔެއް ނުވޭ އިތުރަށް ފުރިހަމަކުރާން ޖެހޭ ޝަރުޠެއް ދެން އޮންނާނެހެނެއް."

"ހަމަ އެންމެ ޝަރުޠެއް؟" ދާއޫދުގެ ވާހަކަ ކުރިޔަށް ގެންދާ ވަރަކަށް ނީނާގެ ހިތް ތެޅެއެވެ. "އެއީ ޤާނޫނުގައި މަނާ ނޫން ކޮންމެ ކަމަކަށް ދާއޫދު އެދުނަސް އެކަމާ ދެކޮޅު ނަހަދައި ނީނާއަށް ކުޅަދާނވީ ކޮންމެ ކަމެއް ކޮށްދިނުން. އެއްބަސްތަ؟"

ނީނާ އެއްވެސް އެއްޗެއް ނުބުނެ ވިސްނާން އިރުކޮޅަކު އިނުމަށް ފަހު ދާއޫދާ ސުވާލުކޮށްލިއެވެ. "ދާއޫދު ބުނި އެއްވެސް ކަމެއް ކޮށްނުދީ އެބަ އޮތްތަ؟" ނީނާ ލާނެއް ފާޑަކަށް ހިނިތުންވެލިއެވެ. "އަދި ގާނޫނު ހުއްދަތޯ ނޫންތޯއެއް ވެސް ނުބަލަމެއްނު."

"ސޭ ޔެސް އޯރ ނޯ" ދާއޫދުގެ ހަރުކަށި އަމުރު އައެވެ. "ގަމުގައި ހުންނަ ހައިކޯޓްގެ ހައްދުންމަތީ ގޮފީގައި މިއަދު ހެނދުނު 8:30 އަށް، އެގްރީމެންޓް ގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ އިންތިޒާމުވެފައި."

"ސިމްޕްލީ ޔެސް". ނީނާ ޖަވާބު ދިނެވެ. "ދެން ވަކި އިތުރު ކަމަކު އެދެން އޮންނާނެ ހެނެއް ހިޔެއް ނުވޭ."

ކޮންމެއަކަސް ހަމަޖެހިފައިވާ ގޮތުގެ މަތީން އެގްރީމެންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާޓުގައި ސޮއިކުރުމުގެ ކަންތައް ނިންމުމަށްފަހު ސީދާ ދިޔައީ މުންޑޫއަށެވެ. އެގްރީމެންޓްގެ ރަސްމިއްޔާތުގައި ސޮއިކުރުމާއެކު، ދާއޫދުގެ މޫނުމަތީން މާ ބޮޑަށް އުފާވެރިކަން ފާޅުވާ ސަބަބެއް ނީނާއަކަށް ނުވިސްނެއެވެ. ނީނާގެ ކިބައިން ދާއޫދަށް އިތުރަށް ލިބޭނެ ޚިދުމަތެއް، ލިބޭނެ އެއްޗެއް އޮންނާނެ ކަމަކަށް ނީނާ ގަބޫލެއް ނުކުރެއެވެ. ނީނާ މަސައްކަތްކުރަނީ ނުހަނު އިޚުލާޞްތެރިކަމާއެކު، ކަމަށް ކަމޭ ހީކޮށްގެންނެވެ. ހުރިހާ ކަމެއް ކުރަނީ ވެސް ނުހަނު އޯގާތެރިކަމާއި ކުޅަދާނަ ކަމާ އެކުގައެވެ. އަދި ނީނާ ކުރާ އެއްވެސް ކަމަކާ މިހާތަނަށް ދާއޫދު ހިތްހަމަނުޖެހިފައެއް ވެސް ނެތެވެ. އެހެންވީމާ ދާއޫދު އެ ކަނޑައެޅި ޝަރުޠަކީ ނީނާގެ ނަޒަރުގައި ބޭކާރު ޝަރުޠެކެވެ. އެ ޝަރުގެ ސަބަބުން ދާއޫދަށް ލިބޭނެ އިތުރު އެއްޗެއް، އިތުރު ފައިދާއެއް، އަދި ނީނާއަށް ލިބޭނެ އެއްވެސް ގެއްލުމެއް ފައިދާއެއް އޮވެދާނެ ކަމަކަށް ނީނާ ގަބޫލެއް ނުކުރެއެވެ. 

ޖެހިގެން އައި ދުވަހު ހެނދުނު 9 ޖެހިއިރު ނީނާ އިނީ ކަންމަތީ ފިހާރައިގެ ޝޯރ ރޫމްގައެވެ. ނީނާއަށް ކުއްލިއަކަށް ފެނުނީ މާ ހެނދުނަކާ ދާއޫދު ރީތިވެގެން އޭނާގެ ޚާއްޞަ ވިޓާރާ ވޭންގައި އިސްދޫއާ ވީ ކޮޅަ ދަތުރުކުރިތަކެވެ. ދާއޫދު އެ ދިޔަ ގޮތުން ދާއޫދު އަވަހަށް ނާންނާނެކަން ނީނާއަށް ވިސްނުނެވެ. އެހެންވެ ނީނާގެ ހިތުގައި އޮތް ސުވާލެއްގެ ޖަވާބު ހޯދުމުގެ ޝައުޤުގައި ދިރާސާތަކާބެހޭ ސިއްރު ކޮޓަރި ކައިރިއަށް ގޮސް، އެ ތަން ހުޅުވޭތޯ ތަޅުދަނޑިއެއް ޖަހައިގެން އަނބުރައިލިއެވެ. މުޅި ތަޅުދަނޑިފަތި ހުސްވި އިރު ވެސް އެ ތަޅަށް ހެޔޮވަރުގެ ތަޅުދަނޑިއަކާ ދިމައެއް ނުވިއެވެ. އެންމެ ފަހުން މާޔޫސްވެގެން ހުރެ ކޮޓަރީގެ ތަޅުގެ އަތްގަނޑުގައި ހިފައި އަނބުރައިލައިފިއެވެ. ހުޅުވިއްޖެއެވެ. ކޮޓަރި ހުރީ ދާއޫދު ހަނދާންނެތިގެން ތަޅު ނުލެވިއެވެ. ނީނާ ގާތަށް ހިނިވެސް އައެވެ. އަދި މި ކުރެވުނު ބޭކާރު މަސައްކަތެއްގެ ސަބަބުން އަމިއްލަ ނަފުސުދެކެ ރުޅިވެސް އާދެވުނެވެ.

މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. ދޮރުގެ ކައިރީގައި ހުރި ސުވިޗަށް ފިތައިލިއެވެ. ވަރަށް ފަނޑުއަލިކަމެއް ހުރި މޫންލައިޓް ބޮތްތެކެއް ދިއްލިއްޖެއެވެ.

 (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ