އަދުގެ ޚާއްސަ

Print

ތިމާވެށި ރޮމުން ގިސްލަމުންނޭ ދަނީ...

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 

 

އަންވަރު އިބްރާހީމް

 

 

ތިމާމެންގެ ދުނިޔޭގެ ހިތް ހުއްޓެނީ ޖަމާޢުގެ އެހީ ނުލިބިގެން މަރުވަނީ 

  ހިމާޔަތް ނުލިބިގެން ސަލާން އެ ޖަހަނީ ތިމާވެށި ރޮމުން ގިސްލަމުންނޭ ދަނީ

މަލާ އޭގެ ތާޒާކަމާ ގުދުރަތުން  ޠަލާވާގެ ރަހަތައް ލިބުނު  ނިޢުމަތުން 

  ނުލާ ނޫޅެވޭ ފެހިކަމާ  ވަކިވެގެން  ވެލާވެލި  ރޮމުން  ގިސްލަމުންނޭ ދަނީ 

މަހާ މަސް ދިރުންތައް ގެދޮރު ގެއްލިގެން އުޅޭހާލު ޝަކުވާތަކޭ އެކުރަނީ 

  އަހާ އޭގެޝަކުވާ ކޮޅުންލީހިނދުން ކަނޑޭ ބޮޑު ރޮމުން ގިސްލަމުންގެންދަނީ  

ގަލާ ވެލި ނަގައި ހުސްވެދާއިރު ފަރުން ޡަލީލާތަކުން ނެތި ފިލައި ރީތިކަން  

  ސަލާމަތުގެ އަސްބާބުތައް މަރުވެގެން  އެތަންތަން ރޮމުން ގިސްލަމުންގެންދަނީ 

ތިމާމެންގެ ފައިދާއަކަށް ގޭސްތަކާ ދުމާ ވިހަވި ކެމިކަލްތަކުގެ ބައިވަރާ 

  ތިމާވެށި ތަޣައްޔަރުވެ ގޮތްހުސްވުމުން ހިމާޔަތުގެ  އޯޒޯން ރޮމުން ގިސްލަނީ 

އެތައް ނަސްލެކޭ ހުސްވެ ނެތިގެންދަނީ އެތައްދިރުމެކޭ ދުނިޔެއިން ނެތިދަނީ 

  ގޮތެއް ދެން ނެތީމާ އެހެން ދުނިޔެއިން އެތައް ދިރުމަކުން ކަރުނަޔޭ ނީރެނީ  

ވަޔާ މޫސުމާ ފިތި ދެކޮޅުވެރިވަނީ އޮޔާ ރާޅުތައް ބިޔަ ކަނޑާ ނުރުހެނީ 

  ހިޔާލިބުނު ގަސްތައް ފަތާ ވަކިވަނީ ސިޔާސަތުގެ ގުދުރަތު ރޮމުން ގިސްލަނީ 

ދިމާވާ މިހުރިހާ ކަމެއް ކުރިފަޅާ  ޒަމާނުގެ ބޮލަށް ފޫޅުކެނޑުމުން ލަދުން  

  އަމާޒުވި ހުތުރުނަން އެކީ ބޮޅުއަޅާ  ޒަމާން  ހިތުގަޖެހި ގިސްލަމުންނޭ ރޮނީ 

ކޮބައިހޭ ތިމާމެންގެ ވެށި  ލޯބިވާ, ކޮބައިހޭ ދިރުންތައް މިތާ  ލެއްވިހާ 

  ކޮބައިހޭ ހިމާޔަތް އެއަށް މިލްކުވާ  "ކޮބައި"އަށް ދެވެން  އޮތް ޖަވާބޭ ރޮނީ 

_____________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ