އަދުގެ ޚާއްސަ

Print

(ކޮން މީހެއް؟ (18)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(05 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)

މި ފަދަ ތަފާތު ޚިޔާލުތައް ނީނާގެ ހިތުގައި ބިރުވެރިކަމާއެކު ދައުރުވާން ފަށައިފިއެވެ. އަދި އެ ކޮޓަރީގައި ދެން އެންމެ ހިނދުކޮޅަކު ވެސް މަޑުކުރުމަކަށް ނީނާގެ ޒަމީރު ތަނެއް ނުދިނެވެ. އަދި އެ ނުރައްކާތެރި ތާނގައި އެންމެ ހިނދުކޮޅަކަށް ވެސް ނުހުރެ، ދާއޫދު ނާންނަނީސް އަވަހަށް ނުކުންނާން ގަސްތުކޮށްފިއެވެ. އެވަގުތު ބޭރުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ނީނާ ފިހާރައިގައި ނެތީމާ ހޯދާންވެގެން މޫސާފުޅުބޭ އުޅެނީކަމަށް ހީކޮށް އަވަހަށް ބޮކި ނިއްވައިލުމަށްފަހު ދޮރުހުޅުވައިލިއެވެ. ނީނާއަށް ހީވީ ފައިތިލަދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ. ދޮރުގެ ދެފަރާތުގައި ދެއަތްއަޅައިގެން ފާޑަކަށް ހެވިފައި އެހެރީ ދާއޫދެވެ. ފެންނަ ފެނުމަށް ނުހަނު ރީތި، ހިތްގައިމު އިންސާނެކެވެ.

ނީނާއަށް ހަދާނެ ނަހަދާނެ ގޮތެއް ނޭނގުނެވެ. ބިރުން މުޅި މީހާ ތުރުތުރުއަޅާން ފަށައިފިއެވެ.

[ނީނާ! ކޯއްޗެއް ފެނުނީ މިތަނުން؟] ދާއޫދު ވަރަށް ހަމަޖެހިލައިގެން ހުރެ ސުވާލުކުރިއެވެ. [ފައިސާ ހުރިތަ]؟

އެ ސުވާލަށް ޖަވާބެއް ނުދީ ނުކުމެވޭތޯ ނީނާ މަސައްކަތްކުރިއެވެ. ނީނާއަށް ޙަރަކާތެއް ނުކުރެވުނެވެ. 

[ނީނާ! ދެން އެހާ އަވަހަށް ނުކުންނާން އުޅޭނެ ކަމެއް ނެތް. ތިހިރީ އަހަރެންގެ ސުވަރުގޭގައި.] ދާއޫދު ވާހަކަދައްކަމުން ގެންދިޔައެވެ. [ނަސީބެއް އަމިއްލަޔަށް މަގޭ ނަރަކައަށް ނުވަންކަން. އެތަނަށް ވަން ނަމަ، ނުއެއް ނުކުމެވުނީސް.]

ނީނާގެ އިޚުތިޔާރެއް ނެތް ކަހަލައެވެ. އަނގައަކުން ނުބުނެއެވެ. ދާއޫދުގެ މޫނާ ދިމާއަށް ކަޅިވެސް ޖަހައިނުލައި ނަޒަރު ހުއްޓައިލައިގެން އެބަހުއްޓެވެ. އެއްވެސް ބާރެއް ނެތްކަހަލައެވެ. ކުއްލިއަކަށް ނީނާ އަރިއަޅައިލައިފިއެވެ. ދާއޫދު ކުއްލިއަކަށް އޭނާ އުފުއްލައިލައިގެން ގެންގޮސް އެ ރީތި އެނދުގައި ބާއްވައިލައިފިއެވެ. އަދި  މޫނުމަތީގައި ފާޑެއްގެ ރުމާލަކުން ފޮހެލުމާއެކު، ނީނާ ހޭއަރައިގެން ހަޅޭއްލަވައިގަތެވެ.

[ދާއޫދު ދޫކުރޭ!] ޕްލީސް ދޫކުރޭ!]

[ނޫން. ނީނާ!] ދާއޫދު އިޢުތިރާޟްކުރިއެވެ. [ސުވަރުގެޔަށް ވަދެފައި ސުވަރުގޭގެ އުފާތައް ނުލިބި ނުއެއް ނުކުމެވޭނެއެއްނު.]

[ނޫން. ޕްލީޒް ޕްލީސް! އަހަރެން ދޫކުރޭ! އެހެން ނޫނީ ހަޅޭއް ލަވައިގަންނާނަން!]

[ހައްހައްހައް! މިތާގައި އޮވެ ހަޅޭއް ލެވުމަކީ ބޭކާރު ކަމެއް. މިއީ ސައުންޑް ޕްރޫފް ކޮޓަރިއެއް. ދާއޫދު ލާނެތް ފާދަކަށް ހީނގަތެވެ. [އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭން ނީނާ އިހައްދުވަހު ކޯޓުގައި ސޮއިކުރި ހަނދާނެއް ނެތްތަ؟]

[އެކަމު އެއީ ގާނޫނާ ޚިލާފުނުވާ ކޮންމެ ކަމެއް ކުރާން؟] ނީނާ ބިރު ނުގަންނަ ކަމަށް ހަދައިގެން ދާއޫދާ ބަހުސް ފެށިއެވެ. އެކަމަކު އޭރު ވެސް މޭގަނޑު ތެޅެނީ ރޯމަހެއް ތެޅޭހެންނެވެ. [ތިޔަ އުޅެނީ ގާނޫނާ ޚިލާފުކަމެއް ކުރާން.]

[އެގައި އޮތްތަ ވަކި ތަނެއްގެ ގާނޫނެއްގެ ވާހަކަ]. ދާއޫދު ނީނާއަށް ހަނދާންކޮށްދިނެވެ. [މިއީ އަހަރެންގެ ގާނޫނު. މި ތަނަށް ވަދެއްޖެ ކޮންމެ އަންހެނަކު ޖެހޭނީ އަހަރެން ބޭނުން ކޮންމެ ކަމެއް ކޮށްދޭން. އެހެން ނޫނީ މި ތަނަކުން ނުނިކުމެވޭނެ. ވަންނާންޖެހޭނީ މަގޭ ނަރަކައަށް. އެތަނަށް ވަދެއްޖެ މީހަކަށް އެނބުރިއެއް ނުނިކުމެވޭނެ.]

[އަޅޭ ދާއޫދު ޕްލީޒް ދޫކުރޭ! ދާއޫދަށް ކޮށްނުކޮށްދޭ ކަމެއް އެބަ އޮތްތަ؟] ނީނާ ސުވާލުކުރިއެވެ. [ލޯބިން، އުފަލުން، ރުހިގެން ހުރިހާ ކަމެއް ކޮށްދިނިން. ދެން ކީއްވެ ނުރުހުމުގައި މަޖުބޫރުން ކަންތައްކުރުވާން ތިޔަ އުޅެނީ؟]

[ކީއްވެތަ ކުރީން ވެސް ކޮށްދިން ކަމެއް ނުކޮށްދޭން ތިޔަ އުޅެނީ؟] ދާއޫދު ވެސް ސުވާލުކޮށްލިއެވެ. [މާގިނަ ބަހުސް ކުރާނެ ކަމެއް ނެތް ބުނާ ގޮތަށް ޢަމަލު ނުކުރާ ނަމަ.......]

[ދާއުދު ބޭނުން ކަމެއް ކޮށްދީފިއްޔާ ގެޔަށް ދާން ދޫކުރާނަންތަ؟] ދާއޫދުގެ ޖުމުލަ ފުރިހަ ނުކުރަނީސް ނީނާ ސުވާލުކުރިއެވެ.

ގަޑިއެއްހާއިރު ފަހުން ނީނާ އެ ކޮޓަރީން ނުކުންނާން ހުއްދަދިނުމަށްފަހު، ނީނާއަށް ވުރެ އަވަހަށް ނުކުމެ، ކޮޓަރީގެ ބޭރުގައި ދާއުދު ހުއްޓިއްޖެއެވެ. ނީނާ ނުކުތުމާއެކު ނީނާގެ އަތުގައި ހިފައިފައި ބުނެފިއެވެ. [އަހަރެން ބޭނުން ކަމެއް އަދި އެބަ އޮތް.] 

[ކޮންކަމެއް؟ ދެން ނޯންނާނެ އެއްވެސް ކަމެއް.] ނީނާ ބުނެލިއެވެ. [އަހަރެން ދާން ދޫކުރޭ! ހެޔޮ އެއްވެސް މުދަލެއް ނުދިނަސް.]

[ނީނާ! އަހަރެން ނީނާ ވަރަށް ބޭނުން. އައިލަވްޔޫ! އައި ވަންނާ މެރީޔޫ ސޫން.]

[ނޫން.] ނީނާ ހަޅޭއްލަވައިގަތުމާއެކު ދާއޫދުގެ ގައިގައި ޖެހިގަތުމަށްފަހު ދުވެފައި ގެއިން ބޭރަށް ނުކުމެވިއްޖެއެވެ. ނީނާ ފެނުނު ކޮންމެ މީހަކަށް އޭނާ އެ ދަނީ ނުރައްކަލެއް ނުވަތަ ބިރެއް ފެނިގެންކަން ދޭހަވާނެއެވެ. މިތަން ފެނުނީ ނީނާ ކުރީން ރައްޓެހިވެގެން އުޅުނު އަލޫފަށެވެ. އޭނާ ދިޔައީ ސައިކަލުގައި ގަންފޮނަދޫ ސިޓީއަށްދާށެވެ! އަލޫފު ނީނާއާ ގުޅުން ކެޑިފައި ވިޔަސް އަދިވެސް އަލޫފު ނީނާދެކެ ނުހަނު ލޯބިވެއެވެ. އެހެންވެ މި މަންޒަރު ފެނިގެން، ނީނާގެ ނުރުހުމުގައި ދާއޫދު އޭނާއާ ބެހުނީ ކަން ވިސްނިގެން އަށްޑިހަ ފަހަރަށް ރުޅިއަތުވެއްޖެއެވެ. ދާއޫދާ ދިމާކޮށްލާން ސައިކަލު އަނބުރައިލުމަށްފަހު އައިސް ކަންމަތީ ފިހާރައިގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށް ސައިކަލު ބެހެއްޓުމަށް ފަހު ގެޔަށް ވަންނާން ދިމާކޮށްލި ވަގުތު ދާއޫދު ނުކުންނަ ތަން ފެނިއްޖެއެވެ.

[އެ މިހިރަ ދާއޫދުބޭ! ކަލޭ ކީއްކުރީ ނީނާއަށް....... ހޭއަރުވައިލާނަން.] މިހެން ބުނެ ދުރަށް ޖެހިލައި މަގުތީން ގާބުރިއެއް ނަގައި ދާއޫދާ ދިމާއަށް ހުރައިލިއެވެ. އެ ގާބުރި އެނބުރި ގޮސް ޖެހުނީ އަލޫފުގެ ބޮލުގައެވެ. ދާއޫދުގެ ލޮލުން ދިޔައީ ތަރިބުރައިގެންނެވެ. ބޮލުގައި އަތް ކާއްތައިލިއިރު ލޭ އާދެއެވެ. ނަމަވެސް ދާއޫދާ ދިމާކޮށްނުލައި ދާކަށް އޭނާއެއް ނުވިސްނިއެވެ. ދާއޫދު ގޭ ދޮރުމަތީގައި ހުއްޓިގެން ހުއްޓެވެ. ދާއޫދާ ދިމާއަށް އަލޫފު ދުއްވައިގަންނާން މަސައްކަތްކުރިއެވެ. ނަމަވެސް ކުރިޔަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އައިކޮޅަށް އެނބުރި ދެވެއެވެ. ދެވަނަ ފަހަރު ދާއޫދާ ދިމާއަށް ދުއްވައިގަންނާން އުޅެ ވެސް އެކަމެއް ނުވި އެވެ. އަލޫފު ވަރަށް ބިރުގަނެއްޖެއެވެ. އަވަސްއަވަހަށް ސައިކަލަށް އަރައި ދުއްވައިލައިއެވެ. ދިޔަ  ބާރުމިނުގައި ދިޔަ ގޮތަށް ގޯޅިއަޅާން އުޅުމުގެ ތެރޭގައި ގޮސް ހޮޅިދަނޑިއެއްގައި ޖެހި މުޑިއަރައިފިއެވެ. މާ ދުރަށް ވިއްސައިގެން ދިޔަ ބާރު މިނުގައި އެކޮޅުކޮޅުން ގޮސް ޖެހުނުލެއް ބާރުކަމުން އަލޫފުގެ ކަރު ބިންދައިގެން ގޮސް ވަގުތުން މަރުވެއްޖެއެވެ. މި މަންޒަރު ފެނުނީ، މިއަދު ނީނާ ގެޔަށް ދިޔުން ލަސްވެގެން މީ ގޮތެއް ބަލާން އައި މޫސާފުޅުބެއަށެވެ. މޫސާފުޅުބެއާ މާވަށު އިދްރީސް ތައްޚާނާއި އޭނާގެ ފިރިހެން ދަރިފުޅު ނިޝާން ވެސް އައެވެ. އެއީ ކަންމަތީ ފިހާރައިން ތަށިމުއްޓާއި މުށި ޖަހާ ސިމެންތިއާއި ބައެއް ހާޑްވެއަރ ސާމާނު ގަންނާން އައިސް އުޅޭ، ނީނާމެންގެޔާ ރައްޓެހި ބަޔެކެވެ. އެ މީހުން ތިބެނީ ވެސް ނީނާގެ ބައްޕަގެ ރައްޓެހި ކަމުގައި އެ ގޭގައެވެ. މިއަދު ނީނާގެ ޚަބަރެއް ނުވެގެން ވިޔަފާރި ނުކުރެވިގެން މާދަމާ ރަށަށް ދާން މުންޑުގައި މަޑުކޮށްގެން ތިބީއެވެ.

ނީނާ ގެޔަށް ދިޔައިރު ހުރީ ހުންއައިސް ރަތްވެފައެވެ. ކޮޓަރިއަށް ވަދެ ފެންވަރައިލައިގެން އޮށޯވެއްޖެއެވެ. ނީނާ ވަރަށް ބޮޑަށް ހުންއައިސްފައި ހުރިކަން ނީނާގެ މަންމަމެންނަށް ފާހަގަކުރެވިގެން ސިއްޙީ މަރުކަޒަށް ގެންދާން މަސައްކަތްކުރަން ފަށައިފިއެވެ. ނީނާ އެކަމާ އިޢުތިރާޒްކުރުމުން ކުއްޖަކު ފޮނުވައިގެން ޕެނަޑޯލް ގެނެސް ކާންދީފިއެވެ. 

ނީނާއަށް ހޭލެވުނީ މެންދަމު ދޭއްޖެހިއިރު ކޮޓަރީގައި ބޮކި ދިއްލައި އަލިކޮށްލެވުނީމައެވެ. ނީނާއަށް ފެނުނީ ގަބޫލުކުރާން ދަތި މަންޒަރެކެވެ. ނީނާގެ ކުރިމަތީގައި އެހެރީ ދާއޫދެވެ.

[ނީނާ!] ދާއޫދު ނީނާއަށް ވަރަށް ލޯބިން ގޮވައިލުމަށްފަހު ނީނާގެ މޫނާ ދިމާއަށް ތިރިވެލިއެވެ. [ނީނާއާ ކާވެނި ކުރާން ބޭނުން.]

[ނޫން ދާއޫދު!] ނީނާ ހަޅޭއް ލަވައިގަތުމާއެކު ހޭނެތިއްޖެއެވެ.

ނީނާ ވަރަށް ބާރަށް ހަޅޭއް ލަވައިގަތް އަޑަށް ގޭ އެންމެން ހޭލައިގެން ނީނާގެ ކޮޓަރިއާ ދިމާއަށް އައި އިރު، ކޮޓަރި ހުރީ ދިއްލައި އަލިކޮށްފައެވެ.

[ނީނާ، ދަރިފުޅާ! ކިހިނެއް ވީ؟ ނީނާ! ހުޅުވަބަލަ! ހޭލަބަލަ!]

ކޮޓަރީން ޚަބަރެއް ނުވިއެވެ. ގޭ އެންމެންވެގެން ގޮވައިގޮވައި ވެސް ޚަބަރެއް ނުވުމުން ގޯހެއް ހިނގައިފިކަން ވިސްނިގެން ތަޅު ހަލާކުކޮށްލާން މަސައްކަތް ފަށައިފިއެވެ. އިދްރީސް ތައްޚާނުގެ ދަރިފުޅު ނިޝާނަކީ ތަޅު އެއްޗިހި ހުޅުވުމުގެ ތަޖުރިބާ ކާރެއް ކަމުން ތަޅު ހަލާކުނުކޮށް ވެސް ހުޅުވިދާނެ ކަމަށް ބުންޏެވެ.

[ތަޅަށް ވަންނަ ވަރުގެ ތަޅުދަނޑިއެއް އޮތިއްޔާ ގެނެސްބަލަ! ކޮންމެ ތަޅަކަސް ހުޅުވިދާނެ] ނިޝާން ބުނެލިއެވެ. [ތަޅު ހަލާކުކުރާނެ ކަމެއް ނެތް.]

ނިޝާންގެ އަތަށް އެ ގޭގެ ހުރިހާ ތަޅުދަނޑިތައް ގެނެސް ދިނުމުން ފަހަރަކު ތަޅުތަނޑިއެއް ވަދޭތޯ ބަލަމުން ވަންނަ ވަރުގެ ތަޅުދަނޑިއަކާ ދިމާވެއްޖެއެވެ. ތަޅުދަނޑީގެ އެކި ހިސާބަށް ވައްދަމުން ހަލުވަމުން ގޮސް ހުޅުވައިލައިފިއެވެ.

ކޮޓަރިއަށް ވަންއިރު، ނީނާ އޮތީ ނިދައިފައެވެ. ގޮވައިގޮވައި ހެޔެއް ނުލިއެވެ. އިދްރީސްތައްޚާނު ބަލައިފައި ބުނެފިއެވެ. [މި މަންޖެ މިއޮތީ ހޭނެތިފައެވެ.]

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ