އަދުގެ ޚާއްސަ

Print

އައިބައިލިފިލީގެ ހަމަތައް ދަސްކޮށްލިއްޔާ ވާނީ އަޅެ ކީއްހެއްޔެވެ؟

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ހަމަތަކާ ބެހޭ ގޮތުން އަޅުގަނޑަށް އެކި ނޫސް މަޖައްލާގައި ވަރަށް ގިނައިން ލިޔެވިއްޖެއެވެ. މި ގޮތަށް ލިޔެވިފައިވާ ލިޔުންތަކުގައި އަޅުގަނޑަށް އެންމެ ގިނައިން ލިޔެވޭ އެންމެ ޢާއްމު މައުޟޫޢަކީ އައިބައިފިއްޔެވެ. އެކަމަކު މިއީ ބަހުގެ ގަވާއިދާބެހޭ ގޮތުން ލިޔުއްވާ އަދި އެ ކަމަށް ސަމާލުކަން ދެއްވާ ބޭފުޅުންނަށް މުހިއްމު މައުޟޫޢަކަށް ނުވެވެސްދާނެއެވެ. ދިވެހިބަސް ކިޔަވައިދެއްވާ އެކި ކޯސްތަކުގައި ވެސް މިއީ ގިނަ ފަހަރަށް މާ މުހިއްމު މައުޟޫޢެއް ވެސް ނޫނެވެ. 

އާބާފިއްޔާއި އައިބައިފިލީގެ މައުޟޫޢު އަޅުގަނޑުގެ ސިކުނޑީގައި އެނބުރެނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ގިނަ ބޭފުޅުންނަށް މުހިއްމު ނުވާ އެއްޗެއް އަޅުގަނޑަށް މުހިއްމުވަނީ އަޅުގަނޑުގެ ސިކުނޑީގައި ހުރި އުނިކަމަކުން ކަމަށް ވެސް ވެދާނެއެވެ. އެހެން ވެއްޖެ ނަމަ ކުރާނެކަމެއް ނެތެވެ. ނަމަވެސް މި ކަމާ ބެހޭ ގޮތުން ހިތުގައި ފުނިޖެހިފައިވާ އުދާސްތަކަށް ލުޔެއް ލިބެނީ އެ ޚިޔާލުތައް ހާމަކޮށްލެވުނީމައެވެ. އަނގަބަހުން ކިޔައިދެވޭނީ އަޑުއަހާނެ މީހަކު ހުރެގެންތާއެވެ. މިހާރު މި އުޅެނީ ގޭބަންދުގައެވެ. ފުރަބަންދުގައެވެ. އެކަހެރިވެގެންނެވެ. އިޖުތިމާޢީ ގައިދުރުކަމުގައެވެ.

އަޅުގަނޑަށް އައިބައިފިލީގެ މުހިއްމުކަން އޮންނާނެ މިންވަރު އިސްވެ ދަންނަވައިލި ދެތިން ޖުމުލައިން ވެސް ސާފުވެވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ. އެހެންވީމާ އެއީ މުހިއްމު ފިއްޔެކޭ، އެއީ މިވެނިހެންވެގެންނޭ ދަންނަވާކަށް ނޫޅެމެވެ. އަޅުގަނޑު އެކަން ވަޒަންކޮށްލައްވަން މިއަދު ޚުދު ތިޔަބޭފުޅުންނާ މި ޙަވާލުކޮށްލަނީ ނޫހެއްގައި އޮތް ސުރުޚީއަކުން މިސާލެއް ގެންނަމުންނެވެ.

އާދޭހެވެ! 2020 ޖޫން މަހު 9 ވަނަ ދުވަހު އޮންލައިން ނޫހެއްގައި އޮތް ސުރުޚީއެކެވެ. އަޅުގަނޑު އެ ސުރުޚީ މި ލިޔެލަނީ ސުރުޚީގައި އޮތްގޮތަށް އަކުރަކަށް ފިތްޔަކަށް ވެސް ބަދަލު ގެނައުމަކާ ނުލައެވެ. ވިދާޅުވާށެވެ!

[ވާނުވާ ނުބާލާ ފޮޓޯގުރަފަރުން ކުރި ކޮމެންޓްތަކުން ޝަޔާހް ހިތްހަމަނުޖެހިފައި.]

މި ސުރުޚީއިން ގަސްތުކުރާ މާނައަށް ނުވިސްނައި އެ ސުރުޚީއިން ދޭހަވި އަދި ފެންނާން އޮތް މާނައަށް ވިސްނައިލަމާތޯއެވެ! ޝަޔާޙް އެއީ މީހަކަށް ކިޔާ ޚާއްޞަ ނަމެއްކަން ދޭހަވެއެވެ. ރާއްޖޭގެ ގިނަ ނަންތަކަށް ވިސްނާއިރު އެއީ ފިރިހެން ނަމެއްކަމަށް ލަފާކުރެވެއެވެ. ނަމަވެސް މި ޒަމާނުގައި މިހެން އަދި ނަމެއް ފެނުނަސް އަޑު އިވުނަސް އަންހެން ފިރިހެން ވަކިކުރާކަށް ވެސް ނޭނގިދާނެއެވެ. ކޮންމެއަކަސް ސަޔާހް ހިތްހަމަނުޖެހުނުކަން އެނގެއެވެ. ކީއްވެތޯއެވެ؟ ކޮމެންޓްތަކެއްގެ ސަބަބުންނެވެ. ކޮން ކޮމެންޓްތަކެއްތޯއެވެ؟ ބަޔަކު ކުރި ކޮމެންޓްތަކެކެވެ. ކޮން ބަޔެއްތޯއެވެ؟ ފޮޓޯގުރާފަރުންތަކެކެވެ. ކޮންކަހަލަ ފޮޓޯގުރާފަރުންނެއްތޯއެވެ؟ އެއީ ވާނުވާނުބަލާ ފޮޓޯގުރާފަރުންނެވެ.

އިސްވެ މި ދަންނަވައިލެވުނީ އަޅުގަނޑު މި ދެންނެވި (ނޫހުގައި އޮތް) ސުރުޚީއިން އަޅުގަނޑަށް ދޭހަވި މާނައެވެ. ލަފުޒުތަކުން އެ ގޮތަށް މާނަކުރެވޭތީއެވެ. ނަމަވެސް ހިތާމައަކީ އެ ސުރުޚީގެ ދަށުގައިވާ ޚަބަރާއި ޚަބަރުގެ ވަށައިގެންވާ ހާދިސާތަކަށް ނަޒަރު ހިންގައިލުމުން އެ ސުރުޚީއިން ލިޔުންތެރިޔާ ގަސްތުކޮށްފައި އޮތީ އެ މާނަ ނޫންކަން ދޭހަވާ ކަމެވެ. ލިޔުންތެރިޔާ ބޭނުންފުޅުވީ އެ ފޮޓޯގްރާފަރުންނަކީ ވާނުވާނުބަލާ ފޮޓޯގްރާފަރުންނޭ ވިދާޅުވާކަށް ނޫނެވެ. އެއީ ހަމަ މޮޅު ފޮޓޮގްރާފަރުންނެވެ. ނަމަވެސް އެ ބޭފުޅުން ވާނުވާނުބައްލަވައި ކޮމެންޓްކުރެއްވި ވާހަކަ ވިދާޅުވާށެވެ. ޚަބަރުގެ ސުރުޚީއިން އެކަން ނޭނގުނަސް ޚަބަރުންނާއި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކަށް ވިސްނައިލުމުން އެކަން ދޭހަވެއެވެ. އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލަކީ ޚަބަރުގައި ހާމަކުރާން ބޭނުންވި މަޢުލޫމާތާ ތަޢާރުޟްވާގޮތަކަށް ސުރުޚީ ލިޔުނީ ކީއްވެބާވައެވެ!؟ މި ދުވަސްވަރު އެންމެ ފަސޭހަ ޖަވާބަކަށްވާނީ "އޮޅުމަކުން"ނޭ ދަންނަވައިލިއްޔާއެވެ. ނަމަވެސް މި އޮޅުންބޮޅުން މިއެރީ އެންމެ ފިއްޔެއްގެ ސަބަބުންނެވެ. "ވާނުވާނުބަލާ"ގެ ލާމުގައި އައިބައިފިލީގެ ބަދަލުގައި އާބާފިލިޖެއްސެވީމައެވެ. މި ކަން ރަނގަޅު ކޮށްލައްވާން ހަމަ އެންމެ ކަމެއް ހަނދުމަފުޅުކޮށްލެއްވީމާ އެ ނިމުނީއެވެ. ނަމެއްގެ ކުރިއަށް އަންނަ ކަމެއްގެ ފަހު އަކުރުގައި އާބާފިލިޖެހީމާ އެ "ކަން" ބަދަލުވާނީ އެ ނަމަކަށް އިތުރު ސިފައެއް ގެނެސްދޭ ނަންއިތުރަކަށްކަން ހަނދުމަފުޅުބަހައްޓަވއިފި ނަމަ، މި މައްސަލައެއް ދެން ދުވަހަކު ވެސް ދިމައެއް ނުވާނެއެވެ. އެ ކަން ނިސްބަތްވާ މީހާ ކުރި ކަމެއްގެ ގޮތުގައި މާނަކުރައްވާން ބޭނުންފުޅުވާނަމަ، ކަމުގެ ފަހުއަކުރުގައި އައިބައިފިލި ޖައްސަވައިލެއްވީމާ އެ މައްސަލަ އެ ހައްލުވީއެވެ.

ބައެއް މީހުން އައިބައިފިލި ޖަހާން ގިނަ ފަހަރަށް ޖެހިލުންވަނީ އައިބައިފިތްޔަކީ ވަކި ދެފިލިކަމަށް ހިތަށް ވަންނާތީއެވެ. އަދި "ނުބަލައި" ގެ ލާމުގައި އައިބައިފިލި ޖަހައިފިނަމަ ކިޔާންޖެހޭނީ "ނު-ބަ-ލަ-އި" އޭ ހިތަށް ވަންނާތީއެވެ. ނަމަވެސް އަލިފު އިބިފިލީގެ ކުރިއަށް އައިބަފިއްޔެއް އަތުވެއްޖެ ނަމަ، ދިވެހިބަހުގެ ގަވާއިދުގައިވާ ގޮތުން އެ އުފެދެނީ، ދެފިއްޔެއް ގުޅިގެން އުފެދޭ ވަކި ފިއްޔެކެވެ. އެ ފިލި (އައިބައިފިލި) ކިޔާނީ ދެފިލީގެ ގޮތުގައި ވަކިވަކީންނެއް ނޫނެވެ. އެއް އަޑުގެ ތެރެއިން އަނެއް އަޑު ފާޅުވާ ގޮތަށެވެ. ޢާއްމު އަދަބީ ބަހުރުވައިގެ އަޞްލު އަހުލުވެރީން "ސައި" ކިޔާ ގޮތަށެވެ. "ވައި" ކިޔާ ގޮތަށެވެ.

ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އައިބައިފިއްޔަކީ (އޭގެ ގޮތުގައި) އޮންނަ ފިއްޔެއް ނޫނެވެ. ބައެއް އަތޮޅުތަކުގައި އައިބައިފިލި ކިޔާނީ ވަކި ދެފިލީގެ ގޮތުގައި، ވަކިވަކީން ދެފިލީގެ އަޑު އިއްވައިގެންނެވެ. އަޅުގަނޑަކީ ވެސް މި ގޮތަށް އައިބައިފިލި ނޯންނަ (އަބަފިއްޔާއި އިބިފިލި ވަކީން ކިޔައި އުޅޭ) އަތޮޅެއްގެ މީހެކެވެ. ރަށުބަހުން ވާހަކަދައްކާއިރު އެއީ ޝަރަފެކެވެ. އަޅުގަނޑު ވެސް ރަށުބަހުން ވާހަކަދައްކާއިރު ދައްކަނީ (ދައްކާންވާނީ ވެސް) އެ ގޮތަށެވެ. މިސާލަކަށް: ސަ-އި ބޯން މިހެންނެވެ. އަދި ބައެއް އަތޮޅުތަކުގައި އެ އައިބައިފިލި ބަދަލުވަނީ އާބާފިއްޔަކަށެވެ. މިސާލަކަށް: ސާބޯން، ފާވާން މިފަދަ ގޮތަކަށެވެ. މިއީ އެ ބަހުރުވަތަކުގެ ޚާއްޞިއްޔަތެވެ. އެ ބަސްބަހުގެ ފަޚުރެވެ. މިކަން މި ގޮތަށް ދަމަހައްޓާން ވެސް ޖެހޭނެއެވެ. ބަހުރުވަތައް އޭގެ ގޮތުގައި ދެމެހެއްޓުމަކީ ބަހުގެ ތަރައްޤީއަށްޓަކައި، ބަހުގެ ދިރާސާއަށްޓަކައި ވަރަށް މުހިއްމު ކަމެކެވެ. 

ނަމަވެސް އަޅުގަނޑުމެން ލިޔެކިޔުންތައް ބަހައްޓަނީ އަދި ލިޔެ ޝާއިޢުކުރަނީ ޢާއްމު އަދަބީ ބަހުރުވައިންނެވެ. އެއީ ކޮންމެ ބަހެއްގައި ވެސް އެންމެންގެ ލާބައާއި މަންފާއަށްޓަކައި އެކަން އޮންނަ ގޮތެވެ. އޮންނާންވާނެ ގޮތެވެ. ޢާއްމު އަދަބީ ބަހުރުވައަކީ ވަކި ރަށެއްގެ ބަހުރުވައެއް ނޫނެވެ. ވީމާ، ލިޔުންތެރީންނާއި  ނޫސްވެރީން ނުވަތަ  ފުރޭފުކުރައްވާ ހުރިހާ ބޭފުޅުން ވެސް މި ކަމަށް ސަމާލުކަން ދެއްވުމަށްވުރެ، ވަކި ބޮޑު ޚިދުމަތެއް ބަހަށް ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. 

އާދޭހެވެ! މައްސަލައަކީ ސާފު މައްސަލައެކެވެ. ޙައްލުކޮށްލާން ފަސޭހަ މައްސަލައެކެވެ. ނަމެއްގެ ކުރިއަށް އަންނަ ކަމެއްގެ ފަހު އަކުރުގައި އާބާފިލިޖެހީމާ އެ ކަން ބަދަލުވާނީ އެ ނަމަކަށް އިތުރު ސިފައެއް ގެނެސްދޭ ނަންއިތުރަކަށްކަން ހަނދުމަފުޅުގައި ބަހައްޓަވައިފި ނަމަ، މި އޮޅުމެއް ނާރާނެއެވެ. އެ ކަން ނިސްބަތްވާ މީހާ ކުރި ކަމެއްގެ ގޮތުގައި މާނަކުރައްވާން ބޭނުންފުޅުވާނަމަ، ކަމުގެ ފަހުއަކުރުގައި އައިބައިފިލި ޖައްސަވައިލައްވާށެވެ! ނުވަތަ ކަމަކުން ނަންއިތުރެއް އުފައްދަވާން ބޭނުންފުޅުވެއްޖެ ނަމަ، ނަމުގެ ކުރިޔަށް ގެންނަވާ "ކަމުގެ" ފަހުއަކުރުގައި އާބާފިލި ޖައްސަވާށެވެ! ނަމެއްގެ ކުރީގައި އޮންނަ މިފަދަ ލަފުޒެއް "ކަމެއް"ގެ ގޮތުގައި ބާއްވަވާން ބޭނުންފުޅު ނަމަ، އެއްވެސް ޙާލެއްގައި އެ ލަފުޒުގެ ފަހު އަކުރުގައި އާބާފިލި ނުޖައްސަވާށެވެ! އޭރުން އެ މައްސަލަ އެ ހައްލުވީއެވެ. 

____________________________

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ