އަދުގެ ޚާއްސަ

Print

(2) ޒާހިދު ޤާޟީ: ޒައިދު ބިން ޘާބިތު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅާއިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރަން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު  އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ  ޙައްޤުތައް  ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

މާތްﷲ ރުއްސުންލެއްވި  ޒައިދު ބިން ޘާބިތަކީ ޤާޟީކަމާއި ކީރިތި ޤުރްއާން ޖަމާކުރުމުގެ މަސައްކަތް ކުރެއްވި ޞަޙާބީއެކެވެ. އެކަލޭގެފާނަކީ ވަރަޢުވެރި ޒާހިދު ޢާލިމެކެވެ.

ކީރިތި ރަސޫލާގެ އަރިހުގައި އެތައް ހަނގުރާމަތަކެއްގައި ބައިވެރިވެ ވަޑައިގަތް މުޖާހިދެކެވެ. ކީރިތި ރަސޫލާގެ ވަޙީގެ ކާތިބުކަން ކުރެއްވި ވަރަށް މޮޅު ކާތިބެކެވެ. ރަސޫލާ r ވިދާޅުވެގެން ޔަހޫދީންގެ ބަސް 15 ވަރަކަށް ދުވަހުގެ ތެރޭގައި ވަރަށް މޮޅަށް ދަސްކުރެއްވިއެވެ. އެކަލޭގެފާނަކީ ކީރިތި ރަސޫލާގެ ފަތްކޮޅުތައް ލިޔެދެއްވުމުގެ މަސައްކަތް ކުރެއްވި ލިޔުން ރީތި ބޭކަލެކެވެ. ކީރިތި ރަސޫލާގެ މަދަރުސާއިން ދަސްވެނިވެ ވަޑައިގަތުމުން ރަސޫލާ r އެކަލޭގެފާނަށް ދެއްވި ސަނަދަކީ [وأفرَضُهم زَيْدُ بنُ ثابتٍ(1)  - ފަރާއިޟު ޢިލްމަށް އެންމެ ކުޅަދާނަ މީހަކީ ޒައިދު ބިން ސާބިތެވެ.]

ޒައިދުގެފާނަކީ ޤާރީވެރީންގެ ޤާރީވެރިޔާއެވެ. އަދި އެކަލޭގެފަނަކީ މަދީނާގެ މުފްތީއެވެ.

ޒައިދު ބިން ޘާބިތަކީ، ޒައިދު ބިން ޘާބިތު ބިނުއްޟައްޙާކެވެ. ރަސޫލާ މަދީނާއަށް ހިޖްރަކުރެއްވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 11 އަހަރެވެ. އޭރު އެކަލޭގެފާނު ވަނީ ޤުރްއާނުން 17 ސޫރަތް ދަސްފުޅުކުރައްވައިފައެވެއެވެ. އެކަލޭގެފާނަށް އެންމެ ފުރަތަމަ ބައިވެރިވަޑައިގެންނެވުނު ހަނގުރާމައަކީ ޚަންދަޤު ހަނގުރާމައެވެ. އަބޫބަކްރުގެފާނުގެ އަމުރުފުޅަށް ކީރިތި ޤުރްއާން މުޞްޙަފެއްގެ ސިފައިގައި ލިޔުއްވައި ޖަމާކުރެއްވީ ޒައިދުގެފާނެވެ. އެއަށްފަހު ޢުޘްމާނުގެފާނުގެ ޚިލާފަތުގައި ކީރިތި ޤުރްއާނު ޖަމާކުރައްވާން ޢުޘްމާނުގެފާނު އެކުލަވައިލެއްވި ކޮމެޓީގެ ރައީސަކީ ޒައިދުގެފާނެވެ. 

ޒައިދުފާނަކީ ވަރަށް ޢިލްމުވެރި ތަފާތު ސަޤާފަތްތަކެއް ވެރި ޢާލިމެކެވެ. ޢިލްމާއި ޙިކްމަތުގައި ފުންނާބު އުސް ބޭކަލެކެވެ. އިބްނު ޢައްބާސުގެފާނު ފަދަ ވަރަށް ގިނަ ޞަޙާބީން ޒައިދުގެފާނުގެ އަރިހުން ފަރާއިޟު ޢިލްމު އުނގެނިވަޑައިގަތެވެ.

ޒައިދުގެފާނު ބެއްލެވި މަޝްހޫރު މަސްއަލަތަކުގެ ތެރޭގައި ޢުމަރުގެފާނާ އުބައްޔު ބިން ކަޢުބާ ދެމެދުގައި ޖެހުނު މަސްއަލައެއް ވެއެވެ. މި މަސްއަލަ ޙައްލު ކުރެއްވުމަށް ޓަކައި ޢުމަރުގެފާނާއި އުބައްޔުގެފާނު ޒައިދުގެފާނުގެ ގެކޮޅަށް ވަޑައިގަތެވެ. ޒައިދުގެފާނު އެކަލޭގެފާނުގެ ދާންކޮޅުމަތީން ފައިބާވަޑައިގެން ޢުމަރުގެފާނަށް އިށީނދެވަޑައިގަތުމަށް ދެންނެވިއެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ޚަޞްމު އެއްތަނެއްގައި ބައިތިއްބަވާށެވެ! އެ ދެބޭކަލުން ޒައިދުގެފާނުގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގަތުމުން އުބައްޔު ދަޢުވާ ހުށައެޅުއްވިއެވެ. ޢުމަރުގެފާނު މި ދަޢުވާއަށް އިންކާރުކުރެއްވިއެވެ. އެހިނދު ޒައިދުގެފާނު އުބައްޔުގެފާނަށް ވިދާޅުވިއެވެ. [އަމީރުލްމުއުމިނީނަށް ހުވާކުރައްވަން ނުޖައްސުވާށެވެ! އަހުރެން މިފަދަ ކަމަކަށް ދުވަހަކުވެސް ނޭދެމުއެވެ.] އެހެނަސް ޢުމަރުގެފާނު ހުވާކުރެއްވިއެވެ. 

___________________________

ފުޓް ނޯޓް:

([1] - أخرجه الترمذي (٣٧٩١)، والنسائي في «السنن الكبرى» (٨٢٤٢) 

ހަމަމިގަލަމުން

އިދާރާ

ވާހަކަ