އަދުގެ ޚާއްސަ

Print

ސަތޭކައަށްވުރެ ގިނަ އަޑު ދިވެހިންނަށް [ލައްވާން] އެނގެއެވެ.

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު  

އަޅުގަނޑުމެންގެ ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ތަފާތު އެތައް ގޮތަކުން ބަލާއިރުވެސް މެއެވެ. ޚާއްޞަކޮށް އަޑުގެ ގޮތުން ބަލާއިރު މިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ދުނިޔޭގެ އެހެން ބަސްބަހުން އެ ބަސްބަހުގެ އަހުލުވެރީން ވާހަކަދައްކާ އަޑު އިވޭ އިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އެ މީހެއްގެ އަމިއްލަ މާދަރީ ބަސް ނޫން ބަހެއްގެ ލަފުޒުތައް ކިޔަން އުޅޭ އިރު، އެ ބަހެއްގެ އަހުލުވެރީން، ބަސް ކިޔާ އަޑުން އެ މަޚްރަޖުން ނުކިއިގެން އުޅޭ ކަމެވެ.

މިސާލަކަށް: މަޝްހޫރު ބަސްތަކުގެ ތެރެއިން އިނގިރޭސިބަހުގެ އަހުލުވެރިއަކު ޢަރަބިބަހުން ވާހަކަ ދައްކާއިރު ޢަރަބި މަޚުރަޖުން ކިޔައެއް ނުލެވޭނެ އެވެ. ޚާއްޞަކޮށް ޛ ޠ ޢ ޣ ޟ ޤ ޙ ޚ ފަދަ އަކުރެއް ހަމަ އެއް ގޮތަކަށް ވެސް ނުކިޔޭނެ އެވެ. ޢަރަބީންގެ މީހަކު އިނގިރޭސީން ވާހަކަދައްކާއިރު އިނގިރޭސި އަޑުތައް މަޚުރަޖުން ކިޔައެއް ނުލެވޭނެ އެވެ. ޢަމުދުން t d v p ފަދަ އަކުރެއްގެ މަޚުރަޖެއް ނުކިޔޭނެ އެވެ. މިސާލަކަށް ޖަޕާނު މީހުން "އަޅުގަނޑު" ލިޔާން އުޅޭއިރު "ޅ" ގެ ބަދަލުގައި "ރ" ގެ އަޑ ނުކުމެ އެވެ. ޗައިނާ މީހުންނަށް މި ފަދަ މަޚުރަޖުތަކުގެ އިތުރަށް ސުކުނާއި އުބުފިލި ކިޔާން ވެސް އުނދަގޫވެއެވެ. މިސާލަކަން: "ޝާހިދު" މި ނަން އެ މީހުން ކިޔައި އުޅޭނީ "ޝާހިދޫ" މިފަދަ ގޮތަކަށް، ފަހުގެ ފިލި ދަމައިލައިގެންނެވެ. މި ގޮތަށް މި ވާހަކަ ދިގުކޮށް ނުދެއްކިޔަސް ދިވެހިން ފިޔަވައި އަޅުގަނޑުމެންނަށް އަޑު އިވޭ ހަމަ ކޮންމެ ބަހެއްގެ އަހުލުވެރީންނަށް ވެސް މި އުނދަގުލާ ކުރިމަތިވާކަން ތިޔައިގެ ތެރެއިން ގިނަ ބޭފުޅުން ތަޖުރިބާ ކުރައްވައިފައި ވާނެއެވެ. ދިވެހީންނަކަށް މި ފަދަ އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. ހަމަ ގައިމު ވެސް ދާދި ފަހަކާ ޖެހެންދެން މި ކަން އޮތީ މި މަގަށެވެ.

ސަބަބަކީ ކޮބައިތޯ އެވެ؟ ޖަވާބަކީ [އެއީ ތިކި ޖެހިތާނަ އެވެ.] އެހެން ގޮތަކަށް ދަންނަވާ ނަމަ ދިވެހީން އެންމެ ޅަފަތުގައި ދިވެހި އަޑުތަކާއި ޢަރަބި އަޑުތަކާއި އިނގިރޭސި އަޑުތައް އެކުއެކީގައި ދަސްކުރާތީއެވެ. ނުވަތަ ދަސްވާތީއެވެ.

މި ވާހަކައިގެ ތަފުޞީލަށް ދިޔުމުގެ ކުރީން، ކުދީން ބަސް ދަސްކުރާ މަރުޙަލާތަކާ މެދު ވާހަކަދައްކައިލުން މުހިއްމު ކަމަށް ދެކެމެވެ.

ބަސްދަސްކުރުމުގެ މައިގަނޑު ތިން މަރުޙާލާ

ބަހުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިންސާނުން ބަސް ދަސްކުރުމުގެ މައިގަނޑު 3 މަރުޙާލާއެއް ވެއެވެ. އެހެންކަމުން އެ 3 މަރުޙަލާއަށް އަވަސް ކަޅިއެއް އެއްލާނަމެވެ.

ފުރަތަމަ މަރުޙަލާ: އަޑުތައް ދެނެގަތުން

ކުއްޖަކު އުފަންވުމާއެކު އެ ކުއްޖަކަށް ދުނިޔޭގެ 6500 ބަހުގެ ގާތްގަނޑަކަށް 150 އަޑު ލެއްވުމުގެ ޤާބިލުކަން ލިބެއެވެ. އެކަމަކު އެއްވެސް ބަހެއްގައި މި ހުރިހާ އަޑެއް ނުހުރެއެވެ. ބަސްބަހުގައި ބޭނުންކުރާ އަޑުތަކަށް ބަސްވާރުން "ފޮނީމް" (phonemes)އޭ ކިޔައެވެ. ދިވެހިބަހުގައި ގާތްގަނޑަކަށް 34 ފޮނީމް، ޢަރަބީގައި ގާތްގަނޑަކަށް 30 ވަރަކަށް ފޮނީމް އަދި އިނގިރޭސީގައި 44 ފޮނީމް ވާކަމަށް ބުނެވެ އެވެ. ބައެއް ބަސްބަހުގައި މިޔަށް ވުރެ އަޑުތައް ގިނަވެ މަދުވެދާނެއެވެ.

މި މަރުޙަލާގައި ކުދީން ދަސްކުރާނީ އޭނާގެ މާދަރީބަހުގެ ފޮނީމްތަކެވެ. އޭނާގެ މާޙައުލުން އިވޭ އަޑުތަކެވެ. އެ މަޚުރަޖުތަކެވެ. އެހެން އަޑުތައް އޭނާ ދަހެއް ނުކުރާނެއެވެ. އޭނާގެ މާޙައުލުން އިވޭ ބަސްތަކުގެ އަޑުތަކެވެ. މި އަޑުތައް ފާހަގަކޮށް އެ އަޑުތައް ލެއްވުމުގެ ޤާބިލުކަމަށް ބަސްވާރުން ދީފައިވާ ނަމަކީ "އަޑުތަކުގެ ހޭލުންތެރިކަމެވެ." އާދެ! Phonemic awareness  އެވެ. އަޑުތަކުގެ ހޭލުންތެރިކަމަކީ ވާހަކަދައްކައި ކިޔާން ދަސްކުރާން ވަރަށް މުހިއްމު އެއްޗެކެވެ.

ދެވަނަ މަރުޙަލާ: އަޑުތަކުން ލަފުޒު އުފައްދައި މާނަ ދެނެގަތުން

ދެވަނަ މަރުޙަލާއަކީ އެ ކުއްޖާގެ ބަހުގެ އަޑުތައް ގުޅުވައިގެން މާނައެއް އުފެއްދުމުގެ ޤާބިލުކަން ލިބިގަންނަ މަރުޙަލާއެވެ. މިސާލަކަށް މި މަރުޙަލާގައި އެ ކުދީން "މްމް" "އަހ" "ބް" "އީ" ފަދަ އަޑުތައް ލައްވަމުން ގެންދެއެވެ. އަދ "މަމް" ފަދަ  އަޑުތައް ލައްވަމުން އަޑުތަކުގައި "ފުރާނަ އަޅުވަމުން"، "މަންމަ" ކިޔަން ދަސްކުރެއެވެ.

މިއީ ބަސް ދަސްކުރުމުގެ ވަރަށް މުހިއްމު މަރުޙަލާއެކެވެ. 

ކުދީން ލައްވާ އަޑުތަކުގައި މާނައެއް އުފެއްދުމަށް ޓަކައި، އެއް ލަފުޒުގެ ނިމޭ ހިސާބާއި އަނެއް ލަފުޒު ފެށޭ ހިސާބު ފާހަގަކޮށް ދެނެގަތުމުގެ ޤާބިލުކަން ކުޑަކުދީންނަށް ލިބޭންޖެހެއެވެ. މި ކަމަށް ބަސްވާރުން ދީފައިވާ ނަމަކީ "ލަފުޒުތަކުގެ އިންސަރަހައްދު" (ނުވަތަ [ވޯޑް ބައުންޑަރީޒް]) އެވެ.

މި މަރުޙަލާގައި ކުދީން މި ދަސްކުރަނީ [މޯރފީމް] އެވެ. އެއީ ލަފުޒެއް ކަމަށް ނުވަތަ ލަފުޒެއް ނޫން ކަމަށް ވެސް ވެދާނެއެވެ.

ތިން ވަނަ މަރުޙަލާ: ޖުމުލަ ދަސްކުރުން

މިއީ ލަފުޒުތައް ގުޅުވައިގެން ޖުމްލަ ހަދާން ދަސްކުރާ މަރުޙަލާއެވެ. އޭގެ މާނައަކީ ޖުމުލައިގައި ލަފުޒުތަކުގެ ތަރުތީބުން ލަފުޒު އަތުރާން އެނގުމެވެ. އަދި ގަވާއިދުގެ ގޮތުން ރަނގަޅުވުމާއި، މާނައެއް އެކުލެވުމާ ދެމެދު ހުންނަ ތަފާތު ވެސް މި މަރުޙަލާގައި ކުދީން ދަސްކުރެއެވެ.

ގަވާއިދުގެ ގޮތުން ފުރިހަމަ ޖުމުލައާއި މާނައެއް އެކުލެވުމާ ދެމެދު ވަރަށް ބޮޑު ތަފާތެއް ވެއެވެ. ގަވާއިދުން ރަނގަޅު ޖުމުލައެއް ނަމަވެސް އެ ޖުމުލައެއްގައި މާނައެއް ނެތި ހިނގައިދާނެއެވެ. މި ކަމުގެ މިސާލެއްގެ ގޮތުން މަޝްހޫރު ބަސްވާރު ނޯމް ޗޮމްސްކީ އެކުވައިލައްވައިފައިވާ ވަރަށް މަޝްހޫރު ޖުމުލައެއް އޮވެއެވެ. އެއީ Colorless green ideas sleep furiously  މި ޖުމުލައެވެ. ފެހި އެއީ ކުލައެއް ކަމަށް ވާއިރު އަދި ޚިޔާލު އެއީ މާއްދީ އެއްޗަކަށް ނުވާ އިރު، ކުލައެއް ނެތް ފެހި ޚިޔާލަކީ އަދި އެ ޚިޔާލު ނިދުމަކީ މާނައެއް ނެތް ހާސަރެއްކަން އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އެކަމަކު އެ ޖުމުލައިގައި ގަވާއިދުގެ ގޮތުން އެއްވެސް މައްސަލައެއް ނެތެއް ނޫންތޯއެވެ!

ކުއްޖާ ބަހަށް އަހުލުވެރިވެ، ކުރިއަރައިދާ މަރުޙަލާތައް:

ކުދީންގެ ކިބައިގައި ބަހުގެ ހުނަރުތައް އަށަގަނެ، އެ ކުދީން ބަހަށް ކުރިއަރައި ދިޔުމުގައި ތަފާތުތަކެއް ހުރެއެވެ. އުފެދުމުގައި ހުންނަ ނުވަތަ ޖިސްމާނީ ނުވަތަ އެ ނޫންވެސް ސަބަބުތަކަކާ ހުރެއެވެ. ނަމަވެސް (ޢާއްމު ގޮތެއްގައި) ގިނަ ކުދީންގެ ކިބައިގައި ބަހުގެ ހުނަރުތައް އަށަގަންނަނީ އަންނަނިވި މުއްދަތުގައި އެ މަރުޙަލާތަކުގައި ކަމަށް ބަސްވާރުން ޤަބޫލުކުރެއެވެ.

އުފަންވުމާއެކު:

ކުޑަކުއްޖާ ދުނިޔެއަށް އައުމާއެކު ބަހުގެ ދަނޑިވަޅުތަކަށް ނުވަތަ 'ބަހުގެ ވިންދަށް' ކުއްޖާ އިޖާބަދެއެވެ. ބާރުލާންވާ ތަންތަނާއި (stress) އިސްޕީޑާއި ދަނޑިވަޅުތަކާއި (pace) އަޑުގެ ދާއިރާ (pitch)ގެ އުފުލުމާއި ތިރިއަށް ދިޔުން ކުއްޖާއަށް ފާހަގަކުރާން ދަސްވެއެވެ.

ޢުމުރުން ހަ މަހުގައި:

ގާތްގަނޑަކަށް ހަތަރު މަހުން ފެށިގެން ބަހުގެ އަޑުތަކާއި އެހެން (ބޭކާރު) އަޑުތައް ވަކިކޮށް ދެނެގަންނަން ކުއްޖާއަށް ދަސްވެއެވެ. މިސާލަކަށް އަތްތިލަބަޑި ޖެހީމާ ނުކުންނަ އަޑާއި އަނގައިން ބުނާ ލަފުޒަކާ ދެމެދު ހުންނަ ތަފާތު ދެނެގަނެއެވެ. ހަ މަސް ފުރޭއިރު، މާނައެއް ނެތް އަޑުއަޑު ލެއްވުމާއި އަނގައިން އެކި އަޑުނެރުން ފަދަ ފަރިތަކުރުންތައް ކުއްޖާ ފަށައެވެ. މިއީ ކުޑަކުއްޖާ ބަސް ދަސްކުރަން ފަށާކަމުގެ ނިޝާނެވެ. މި މަރުޙަލާގައި ކުއްޖާއަކީ ދުނިޔޭގެ ކޮންމެ ބަހެއް ވެސް ދަސްކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިފައިވާނެ ކުއްޖެކެވެ. (އެކަމަކު ޢުމުރުން 1 އަހަރު ވާއިރު، އެ ކުއްޖަކު ދަސްކުރަމުން ގެންދާ ބަހުގެ (މާދަރީބަހުގެ) އަޑުތައް ނޫން އެހެން އަޑުތައް ދޫކޮށްލައެވެ.)

ޢުމުރުން އަށް މަހުގައި:

މި ޢުމުރުގައި ކުދީންނަށް އެކި އަޑުތަކުގެ ގުރޫޕް ވަކިކުރާން އެނގެއެވެ. އަދި އެއް ގްރޫޕް ނިމޭ ހިސާބާއި އަނެއް ގްރޫފް ފެށޭ ހިސާބު ފާހަގަކުރާން އެނގޭނެއެވެ. މިއީ ލަފުޒުގެ އިން ސަރަޙައްދެވެ. މި ގޮތުން ލަފުޒެއްގެ ގޮތުގައި އެކި އަޑުތަކުގެ ގްރޫޕްތައް ވަކިކުރާން އެނގުނަސް އަދި އެކި ލަފުޒުތަކުގެ މާނައެއް ކުދީންނަކަށް ނޭނގޭނެއެވެ.

ޢުމުރުން އެއް އަހަރުގައި:

މި ހިސާބުން ލަފުޒުގެ އަޑުތަކާއި މާނައާ ގުޅުވުމުގެ ޤާބިލުކަމާއި ބަސްކޮށާރެއް ބިނާކުރުމުގެ ޤާބިލުކަން ކުދީންނަށް ލިބެއެވެ. އަދި އެ ކުދީންނަށް ލަފުޒުތައް ކޮޕީކޮށް ސިކުނޑީގައި ހަރުލެއްވުމުގެ ޤާބިލުކަން ވެސް އެހާ ހިސާބުން އެ ކުދީންނަށް ލިބެއެވެ. ޢުމުރުން އެއް އަހަރުވާ އިރު، އެ ކުދީންނަށް ގާތްގަނޑަކަށް 50 ވަރަކަށް ލަފުޒުގެ ބަސްކޮށާރެއް ލިބިފައިވާނެއެވެ.

ޢުމުރުން ދޮޅު އަހަރު:

މުޢާމަލާތުކުރުމަށް ޓަކައި، ބަހުން މުއާޞަލާތުކުރެވޭނީ ލަފުޒުތައް ބޭނުންކުރާ ގޮތް ދަސްވެގެންނެވެ. އެހެންކަމުން އެ ކުދީން ދަސްކުރަމުން އަންނަ ލަފުޒުތައް ބޭނުންކުރާނެ ގޮތް އެ ކުދީންނަށް އެނގޭން ޖެހެއެވެ. ބަސް ތަރައްޤީވުމުގެ މި މަރުޙަލާގައި [ނަމާއި] [ކަން] ވަކިކޮށް ދެނެގަތުމުގެ ޤާބިލިއްޔަތު ކުދީންނަށް ލިބެއެވެ. ޢާއްމު ގޮތެއްގައި ކުދީންގެ ބަސްކޮށާރުގައި އެންމެ ފުރަތަމަ ދަސްކުރާނީ ނަމެވެ. 

ޢުމުރުން ދެ އަހަރު:

މި މަރުޙަލާގައި ނަމާއި ކަން، ފާހަގަކޮށް ދެނެގަތުމުގެ އިތުރަށް ޖުމުލައިގެ އޮނިގަނޑުގެ އަސާސްތައް ކުދީންނަށް އެނގޭން ފަށައެވެ. އަދި [ބަދަލުނަން] ބޭނުންކުރާން އެނގެއެވެ. އަދި ލަފުޒުގެ ރަނގަޅު ތަރުތީބު ދެނެގަނެ، ސާދާ ކުރު ޖުމުލަ ހަދާން އެނގެއެވެ. މިސާލަކަށް: މަށަށް ހެދިކާ (މާނައަކީ މަށަށް ހެދިކާއެއް ދީބަލަ) 

ޢުމުރުން ތިން އަހަރު:

މި މަރުޙަލާގައި ކުދީން ވާހަކަދައްކާން ބޭނުންކުރާ ޖުމުލަތަކުގެ 90 އިންސައްތައަކީ ޤަވާޢިދުގެ ގޮތުން ރަނގަޅު ޖުމުލައަށް ވާނެއެވެ. ވަރަށް މަދު ކުށެއް ނޫނީ މި ޢުމުރުގެ ކުދީން ނުކިޔާނެއެވެ.

ކުދީންގެ ކިބައިގައި ބަސްތަރައްޤީވަމުން އަންނަ ގޮތާއި ތިކިޖެހިތާނައާ ހުރި ގުޅުން:

އަޅުގަނޑުމެން ލިޔެކިޔުމުގައި ބޭނުންކުރާން ޖެހޭ ނަންނަމާއި ބައެއް ލަފުޒުތަކަކީ ޢަރަބި ނަންނަމާއި ޢަރަބި ލަފުޒުތަކެވެ. އަދި އަޅުގަނޑުމެންގެ ޤައުމަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވާތީ އެންމެން ވެސް މި އަޑުތަކަށް ފަރިތަވާންޖެހެއެވެ. ދީނީ އަޅުކަންތަކުގައި ބޭނުންކުރާނެ ދުޢާތަކާއި ތަސްބީޙަތަކަކީ އަދި ކީރިތި ޤުރުއާނަކީ ޢަރައިބަހުން ހުންނަ ތަކެއްޗެވެ. ޅަފަތުގައި މި އަޑުތަކަށް ނެހޭނިއްޖެ ނަމަ، ފަހުން އެ އަޑުތައް ދިވެހީންނަށް ކިޔާން ދަހެއް ނުވާނެއެވެ. 

މަތީގައި ދެންނެވިފައިވާ ޙަޤީޤަތްތަކަށް ބަލާއިރު، ކުދީން ބަހުގެ އަޑުތައް ސިކުޑީގައި ބިންވަޅުނަގަނީ އެ ކުދީންގެ ޅަފަތުގައެވެ. މާޙައުލުން ޝުކުރިއްޔާ އާއި ޚަބަރާއި ޣާޒީ އާއި ޤާޟީފަދަ ލަފުޒުތައް ހެޔޮކޮށް ލިޔެ ކިޔައި ނަހަދާ ނަމަ، ތުއްތު ކުދީން އެ އަޑުތަކަކަށް ނެހޭނޭނެއެވެ.  ދަހެއް ނުވާނެއެވެ.

ދާދި ފަހަކާ ޖެހޭންދެން ދިވެހީން ކުޑަކުދީންނަށް އެންމެ ފުރަތަމަ ދަސްކޮށްދެނީ ވެސް ޢަރަބި އަލިފުބާގެ އަޑުތަކެވެ. އެ އަކުރުތަކެވެ. ދިވެހިބަހުގެ ހ ށ ނ ރ ބ ޅގެ އަކުރުތައް ދަސްކޮށްދެނީ ދެ ވަނަ އަށެވެ. އިނގިރޭސި އަކުރުތައް A B C D  ދަސްކޮށްދެނީ އޭގެ ފަހުންނެވެ.  މި ކަމުގެ ސަބަބުން ދިވެހީންނަކީ މި ތިންބަހުގެ އަޑުތަކަށް ފަރިތަ ބަޔަކަށް ވެއެވެ. ނަތީޖާއަކަށް ވަނީ ދިވެހީންނަކީ މި 3 ބަހުގެ އަޑުތައް (ސަތޭކައަށް ވުރެ، ގިނަ އަޑު) ހެޔޮކޮށް ކިޔާން ދަންނަ ބަޔަކަށް ވުމެވެ. ގިނަ ބަސްތަކުގެ އަޑުތައް ބޭނުންކޮށްގެން ގިނަ ބަސްތައް ދަސްކުރުމުގެ ޤާބިލުކަން ލިބުމެވެ. މިއީ ވަރަށް ބޮޑު ނިޢުމަތެކެވެ.

މި ދެންނެވި އާދަކާދަ ދިވެހީންގެ ތެރޭގައި އޮތް އިރު، އަޅުގަނޑުމެންގެ ކޮންމެ ގެއަކުން ވެސް ރޭގަނޑު ދެ ނަމާދު ދޭތެރޭގައި އިވޭނީ ކީރިތި ޤުރުއާނުގެ އަޑެވެ. ޢަރަބި އަޑުތަކެވެ. އެ އަޑުތައް އިވޭ ތުއްތު ކުއްޖާގެ ސިކުނޑީގައި އެއްކަލަ އަޑުތައް ރެކޯޑްކުރެވެމުން އަންނާނެއެވެ. ނަތީޖާއަކަށް ވަނީ ޣައިނާއި ޚާ ފަދަ ޝީނު ފަދަ އަޑުތަކަށް ދިވެހި ދޫތަކާއި ކަންފަތްތައް ފަރިތަވެފައިވުމެވެ. 

ނަމަވެސް ކީރިތި ޤުރުއާނާއި މި ދެންނެވި ރީތި އާދަޔާ އަޅުގަނޑުމެންނަށް ބީރައްޓެހިވުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންނަށް ވަރަށް ހިތާމަވެރި ގޮތަކަށް އެބަ ފެނެއެވެ. ބައެއް ޒުވާނުންނަށް ޙ އާއި ޚ އާއި ޢ އާއި ޣ އާއި ޝ އާއި ށ ފަދަ އަޑުތަކާ ބީރައްޓެހިވެއްޖެއެވެ. ނަމަވެސް ދިވެހީންނަކީ މި ދެންނެވި އަޑުތަކަށް އަބަދު ވެސް ފަރިތަ ބަޔަކަށް ވެ ތިބެ، ދުނިޔޭގެ ކޮންމެ ބަހެއް ވެސް އެ ބަހެއްގެ އަޑުތަކާ އެއް ގޮތަށް ދަސްކުރުމުގެ ޤާބިލުކަން ހުރި ބަޔަކަށް ހެދުމަށްޓަކައި ތިކިޖެހި ތާނަ ދަމަހައްޓާން އެބަ ޖެހެއެވެ. 

އިސްވެ ދެންނެވުނު ސަބަބުތަކަށް ޓަކައި، ޢަރަބި އަކުރުގެ އަޑުމަޚްރަޖައިގައި ޢަރަބި ލަފުޒުތައް ތާނައިން ލިޔުމަށްޓަކައި، ތާނަ އަކުރުގައި ތިކިޖަހައިގެން އެ އަޑުތައް ނެރޭ ގޮތަށް ލިޔެ ކިޔައި ހަދާން ސަރުކާރުން ވަރަށް ކުރީއްސުރެ ވަނީ ނިންމަވައިފައެވެ. 1950ގެ އަހަރުތަކުގެ ތެރޭގައެވެ. މި ކަން ކުރާންޖެހުނު އަސްލު ސަބަބަކީ، އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވެފައި ކީރިތި ޤުރުއާން ކިޔަވާ އިރު، އަދި ޢަރަބި ލަފުޒުލަފުޒު ކިޔާ އިރު، އެ ލަފުޒެއް ކިޔަންވީ ގޮތަށް ކިޔުމަށްޓަކައެވެ. 

މި ގޮތުން ތިކިޖެހި ތާނައިގެ އަކުރުތައް އުފެއްދިގެން އައި ގޮތް ތިރީގައި އެ ވަނީއެވެ. 

ތާނައަކުރު:

13 ޝަޢުބާން 1376ހ. މިދުވަހު ވުޒާރަތުލް މަޢާރިފުން ކުރެއްވި އިޢުލާނަކުން ތާނައަކުރު ލިޔުމުގެ ތެރޭގައި ބޭނުންކުރެވޭ ޢަރަބި އަކުރުގެ ބަދަލުގައި، ބޭނުންކުރާނޭ އަކުރުތަކެއް ކަނޑައެޅުއްވި އެވެ. ކަނޑައެޅުއްވި ގޮތް ތިރީގައި އެ ވަނީއެވެ.

ا   ب   ت   ث   ج   ح   خ   د    ذ   ر ز   س ش

އ  ބ    ތ   ޘ   ޖ   ޙ   ޚ   ދ   ޛ  ރ  ޒ  ސ   ޝ  

 

ص ض   ط    ظ    ع    غ    ف    ق   ك    ل

ޞ   ޟ   ޠ    ޡ    ޢ    ޣ    ފ    ޤ   ކ    ލ

 

م   ن   و    ه   ﻵ     ﺀ     ﻱ 

މ  ނ   ޥ    ހ   ލ     އ     ޔ

 

ވަންހަނާވެގެން ނުވާނޭ ފަދައިން، ހ. ށ. ނ. ރ.ގެ ތެރެޔަށް މި އިތުރުކުރެވުނީ، ޘ، ޙ، ޚ، ޛ، ޞ، ޟ، ޠ، ޡ، ޢ، ޣ، ޤ މި އަކުރުތަކެވެ.

މި ކަން މި ގޮތަށް ކަނޑައެޅުއްވުމާއެކު ޚާއްޞަ ސަމާލުކަމެއް ދިން ނުކުތާތައް ތިރީގައި މި ބަޔާން ކުރަނީއެވެ. 

1- ދިވެހިބަހަށް ހިމެނިފައިވާ ޢަރަބިބަސް ލިޔުމުގައި ތާނައިން ލިޔުން. މިސާލު: އަސަރު، ސާބިތު، އީމާން.

2- ކުރީގައި ދައްކައިފައި އެ ވާ އަކުރުތައް ލިޔުމުގައި ހަމަ ޢަރަބި އަކުރު ކިޔާ މަޚްރަޖުން ކިޔުން.

3- މި ގޮތުގެ މަތީން ލިޔަމުން ދާއިރު ތާނައިގެ ގަވާއިދުން ސުކުންކުރެވޭ އަކުރެއް ނޫނަސް، އެ އަކުރެއްގައި، ސުކުން ކުރެވިފައިވާ އަކުރުގައި ސުކުންކުރުން. 

4- ބޭރު ލަފުޒުތައް ތާނައިން ލިޔާ އިރު، ބޭރު ބަހުގެ އަސްލުން އައިސް ދިވެހިވެފައި ހުންނަ ލަފުޒުތައް ލިޔާނީ ދިވެހިބަހުގެ އަޑުތަކާ އެއް ގޮތަށެވެ.

މިސާލު: ގަވާއިދު، ސަގާފަތް، ގަލަން، 

5- މި ނޫން ލަފުޒުތައް ލިޔާ އިރު، ލިޔާނީ އަސްލު ބަހުގެ މަޚުރަޖުންނެވެ.

މިސާލު: އިޠުމިއުނާން، ރަމަޟާން، ޓެލެވިޜަން މޯލްޑިވްސް

އެހެންނަމަވެސް، އެލިޒަބަތު، ހެލްތު، އިޢުލާން ފަދަ ލަފުޒުތައް ތާނައިން ލިޔާއިރު ކިޔާ ގޮތް އޮޅިދާނެކަމަށް ޓަކައި، މި ފަދަ ލަފުޒުތަކުގައި (ޢ އާއި ތ ގައި) ސުކުން ނުކުރާ ގޮތަށް ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުން 24 ސެޕްޓެމްބަރ 1980 ގައި ވަނީ ހަމަޖައްސަވައިފައެވެ.

އަދި މީގެ އިތުރަށް ފަހުން 1977 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ 2 އަކުރެއް އިތުރުކުރައްވައިފައެވެ. އެއީ  television, division, treasury ފަދަ ލަފުޒުތައް ހެޔޮކޮށް ކިޔުމަށް ޓަކައި އުފެއްދެވި [ޜ]އާއި، wގެ އަޑު ކިޔުމަށް ޓަކައި އަދި ލިޔުމަށްޓަކައި އުފެއްދެވި [ޥ]އެވެ. ތާނައިގެ ވ އަކީ އިނގިރޭސި [ވ]ގެ އަޑެވެ. ޅަފަތުގައި ތިންބަހުގެ އަލިބުބާއަށް ދިވެހީން އަހުލުވެރިކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހީންނަށް ސަތޭކައަށް ވުރެ ގިނަ އަޑު (ފޮނީމް) ކިޔާން އެނގުމަކީ ކިހާ ބޮޑު ނިޢުމަތެއްތޯއެވެ!

ވީމާ، ތިކިޖެހި ތާނަ ނުވަތަ ޢަރަބި އަޑުތަކާއި އިނގިރޭސި އަޑުތައް އަޅުގަނޑުމެންގެ ޅަކުދީންގެ ސިކުންޑިތަކަށް ވައްދައިދީ ދިވެހީންނަކީ ބަސްބަހަށް ޤާބިލު ބަޔަކަށް ހަދައި، ޤުރުއާނާ ރައްޓެހި ބަޔަކަށް ވުމަށްޓަކައި ތިކިޖަހައިގެން އުފެއްދި އަޑުތައް (އެ އަކުރުތައް) ދަމަހައްޓާން އެބަ ޖެހެއެވެ. ތިކިޖެހި ތާނައޭ މި ކިޔާ އަކުރުތަކުން ޙާޞިލުވާ އެންމެ މުހިއްމު ބޭނުމަކީ މިއީއެވެ.

_____________________________________

ބައެއް މަޢުލޫމާތު:

http://giftedkids.about.com/od/gifted101/a/language_learning.htm ން

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ