(5) ޒިންކީ ދައުލަތުގެ ޝާފިޢީ ފަޤީހު: ލޯފުޅު އަނދިރި ޤާޟީ އިބްނު އަބީ ޢަޞްރޫން
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު އިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
އަބޫ ސަޢުދު ޢަބްދުﷲ ބިން މުޙައްމަދު ބިން އަބީ ޢަޞްރޫން ރައްކައުވީ ޢިރާޤުގެ މޫޞަލުގައި 492 ވަނަ އަހަރުގައެވެ. ވަރަށް ތުއްޕުޅުއިރު ކީރިތި ޤުރްއާން ހިތުދަސްކުރައްވައި ޝާފިޢީ ޢިލްމުވެރީންގެ އަރިހުން ތަޢުލީމު އުނގެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ އަގަބަހުން ފިލާވަޅު ދެއްވި ބޭކަލެކެވެ. އެކަލޭގެފާނު ޤުރްއާން އުނގެނިވަޑައިގަތީ އަބޫ ޢަބްދު ﷲ އަލްޙުސައިން ބިން މުޙައްމަދުލް ބާރިޢުގެ އަރިހުންނެވެ.
ޒިންކީ ދައުލަތުގެ މުއައްސިސް ނޫރުއްދީނުއް ޒިންކީ ސޫރިޔާގެ ޙިމްޞާއި، ޙަމާއާއި، ޙަލަބުފަދަ ބޮޑެތި ރަށްތަކުގައި މަދުރަސާތައް ބިނާކުރައްވަމުން ގެންދެވިއިރު އެ މަދުރަސާތައް ބަލަހައްޓަވާ ވެރިއަކު ކަމުގައި އަބޫ ޢަޞްރޫން ޢައްޔަން ކުރެއްވިއެވެ. މީގެއިތުރަށް ވެސް އެކަލޭގެފާނު ދައުލަތުގެ އިސް އެތައް މަޤާމުތަކެއް ފުރުއްވިއެވެ.
ޝާމުކަރައިގެ ޤާޟީ ކަމާލުއްދީނުއް ޝަހްރުޒޫރީ އަވަހާރަވުމުން ޤާޟީ ކަމަށް އިސްކުރެވުނީ އޭނާގެ އަޚުގެ ދަރިކަލުން ޔަޙްޔާ ބިން ޢަބްދުﷲ އެވެ. ނަމަވެސް ޞަލާޙުއްދީނުލް އައްޔޫބީ ދެކެވަޑައިގެންނެވި ގޮތުގައި ފަނޑިޔާރުކަންފަދަ މަތީ މަޤާމުތައް ވާރުތަ މުދަލަކަށް ވެގެން ނުވާނެއެވެ. މިހެންވެ ހިޖްރައިން 573 ވަނަ އަހަރު އިބްނު އަބީ ޢަޞްރޫން ޝާމުކަރައިގެ ފަނޑިޔާރުކަމަށް އިސްކުރެއްވިއެވެ. އިބްނު އަބީ ޢަޞްރޫނުގެ ލޯފުޅުގެ ފެނުން ގެއްލުމުން އެކަލޭގެފާނުގެ ނާއިބަކަށް އެކަލޭގެފާނުގެ ދަރިކަލުން މުޙްޔިއްދީން އިސްކުރެއްވިއެވެ. އޭނާއަށް ކުރެއްވި އިޙްތިރާމެއްގެ ބޮޑުކަމުން އޭނާ މަޤާމުން ވަތްކެއް ނުކުރައްވައެވެ.
___________________________________