ނަސްލީ އިމްތިޔާޒު .... އިބްލީހުގެ މިއްލަތް (2)
އިބްރާހީމް ރަޝީދު މޫސާ
(27 ޖޫން 2020 ގައި ޝާއިޢުކުރި ބައިގެ ބާކީ)
އާދޭހެވެ! އެ ވިދާޅުވަނީ ޤިޔާމަތް ދުވަހު އެއްވެސް މީހަކަށް އެމީހަކު ދުނިޔޭގައި ކުޅަ ޞާލިޙު ހެޔޮ ޢަމަލެއްގެ ސަބަބުންނޫނީ ފައިދާއެއް ނުކުރާނެތެއެވެ. އޭނާގެ ނަސަބުން އޭނާއަށް މަންފާއެއް ނެތެވެ. މާތްﷲ ރުއްސުންލެއްވި ޒައިނުލް ޢާބިދީން ޢަލިއްޔު ބިން ޙުސައިން ބިން ޢަލީ ވިދާޅުވިއެވެ.(4) ((ހަމަކަށަވަރުން މާތްﷲ ސުވަރުގެ ހެއްދެވީ އެކަލާނގެއަށް ކިޔަމަންގަންނަ އަޅުންނަށް ޓަކައެވެ. އެއީ ޙަބަޝާގެ އަޅެއްކަމުގައި ވިޔަސްމެއެވެ. އެކަލާނގެ ނަރަކަ ހެއްދެވީ އެކަލާނގެއަށް އުރެދޭ މީހުންނަށެވެ. އެއީ ޤުރައިޝުންގެ ވެރިއެއް ކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ: فَإِذَا نُفِخَ فِي الصُّورِ فَلَا أَنسَابَ بَيْنَهُمْ يَوْمَئِذٍ وَلَا يَتَسَاءَلُونَ (5) - ފަހެ، ތާޅަފިލި ފުމެލެވޭހިނދު ފަހެ، އެއުރެންގެ މެދުގައި އެދުވަހަކުން نسب ތަކެއް ނޯންނާނެތެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށްއެދި سؤال އެއްވެސް ނުކުރާނޭމެއެވެ.))
ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (( إذا كان يومُ القيامةِ أمر اللهُ مناديًا يُنادي: ألا إنِّي جعلتُ نسبًا، وجعلتم نسبًا، فجعلتُ أكرمَكم أتقاكم، فأبيتم، إلّا أن تقولوا: فلانُ ابنُ فلانٍ خيرٌ من فلانِ بنِ فلانٍ، فاليومَ أرفعُ نسبي، وأضعُ نسبَكم. أين المُتَّقون(6) - ޤިޔާމަތްދުވަހު ﷲގެ އަމުރުފުޅަށް ގޮވައިލާ މީހަކު ގޮވައިލާނެއެވެ : ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ނަސަބުފުޅެއް ލެއްވީމެވެ. އަދި ތިޔަބައިމީހުން ނަސަބެއް ހެދީމުއެވެ. ފަހެ ތިމަންރަސްކލާނގެ ތިޔަބައިމީހުންކުރެ އެންމެ މާތް މީހަކީ އެންމެ ތަޤްވާވެރިމީހާ ކަމުގައި ލެއްވީމެވެ. އެހެނަސް ތިޔަބައިމީހުން މިވެނި މީހެއްގެ ދަރި މިވެނި މީހަކަށްވުރެ މިވެނި މީހެއްގެ ދަރި މިވެނި މީހަކު މާ ރަނގަޅޭ ބުނުންނޫންގޮތެއް ޤަބޫލު ނުކުރީމުއެވެ. މިއަދު ތިމަންރަސްކަލާނގެ ނަސަބުފުޅު އުފުއްލަވައި ، ތިޔަބައިމީހުންގެ ނަސަބު ވައްޓައިލެއްވީމެވެ. ތަޤްވާވެރީން ކޮބާ ހެއްޔެވެ؟))
ތާޅަފިލި ދެވަނަ ފަހަރަށް ފުމެލެވިއްޖެނަމަ އެއްވެސް އިންސާނަކަށް އެހެން މީހެއްގެ ފުށުން ފައިދާއެއް ނުލިބޭނެތެވެ. ތިމާގެކަމަކުން ފައިދާއެއް ނުކުރާނެތެވެ. ކޮންމެ މީހަކުވެސް އަވަދިނެތިވެ އުޅޭނީ އެމީހެއްގެ އަމިއްލަ ނަފްސާހެދިއެވެ. ކޮންމެ މީހަކުވެސް އޭނާގެ އެންމެ ގާތް މީހާއާ ދުރަށް ދުވާނެތެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ(7) - (އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ. (36) އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ.)) އަލްޤުރްޠުބީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ((ޤިޔާމަތް ދުވަހު މައިމީހާ އޭނާގެ ދަރިފުޅާ ބައްދަލުވުމުން ބުނާނެއެވެ. ދަރިފުޅާއެވެ! އަހުރެންގެ އުރަމަތި ތިބާގެ ބުއިމަކަށް ނުވޭ ހެއްޔެވެ؟ އަހުރެންގެ އުނގު ތިބާގެ ދާނަކަށް ނުވޭހެއްޔެވެ؟ އަހުރެންގެ ބަނޑު ތިބާގެ ކަންވާރަކަށް ނުވޭހެއްޔެވެ؟ އޭނާ ބުނާނެއެވެ. މަންމާއެވެ! އާއެކެވެ! އެހިނދު މަންމަ ބުނާނެއެވެ. ލޯބިވާ ދަރިފުޅާއެވެ! މަންމަ މި ވަނީ ފާފަތަކުން ބުރަހެލިވެފައެވެ. އޭގެތެރެއިން އެންމެ ފާފައެއްގައި ވިޔަސް ތިބާ ހިފާބަލާށެވެ! އެހިނދު ދަރިފުޅު ބުނާނެއެވެ. މަންމާއެވެ! މަށާ ދުރަށް ދާށެވެ! މަގޭ ފާފަތަކާހެދި މަ ވެސް މި ހުރީ އަވަދިނެތިވެ ކަންބޮޑުވެފައެވެ.))(8)
އަނެއްކާ ވެސް އެނބުރި އަޞްލު މައުޟޫޢަށް ދެވޭތޯ ބަލަމާ ހިނގާށެވެ! އިބްލީހުގެ ނަސްލީ އިމްތިޔާޒާ އިންސާނުންގެ ތެރެއިން ނަސްލީ އިމްތިޔާޒު ގެންގެޅޭ މީހުންގެ ތަފާތު ވަރަށް ބޮޑެވެ. އިބްލީސް ނަސްލީ އިމްތިޔާޒު އިޖާދު ކުރީ އޭނާގެ ނަސްލާ އާދަމުގެފާނުގެ ނަސްލަށް ބަލައިގެންނެވެ. ދެ ނަސްލުގެ އަޞްލު މާއްދާގެ ތަފާތުގެ މައްޗަށް ބަލައިގެންނެވެ.އެހެނަސް އިންސާނުން މިއަދު ނަސްލީ އިމްތިޔާޒު މި ގެންގުޅެނީ ކުލައަށް ނުވަތަ ވަންހައަށް ބަލައިގެންނެވެ. މުނާސަބު ސަބަބަކާ ނުލައެވެ. . މި މާތްކަން އައި ގޮތެއް ބުނެދިނުމެއް ނެތިއެވެ.
ނަސްލީ އިމްތިޔާޒުގެ އަޞްލަކީ އިބްލީހެވެ. އޭނާ ކޮޕީކޮށްގެން އޭނާއަށް ތަބާވި އިންސާނުން ނަސްލީ އިމްތިޔާޒު ބިނާކޮށްފައިވަނީ ދީނުގެ ނުވަތަ ޤައުމުގެ ނުވަތަ ސަޤާފަތުގެ ނުވަތަ އިޖްތިމާޢީ ފަންތިއާއި ގިންތީގެ ނުވަތަ ކުލައިގެ މައްޗަށެވެ. މި ހުރިހާ ކަމެއްގެ ވެސް ޢިއްލާއަކީ ބޮޑާކަމާއި ކިބްރުވެރިކަމެވެ. މާތްﷲ އިބްލީހާ ބެހޭގޮތުން ވަހީކުރެއްވިއެވެ. (( وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ(9) - އަދި آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، كبر ވެރިވީއެވެ. އަދި كافر ންގެ ތެރެއިން އެކަލޭގެވިއެވެ.))
މާތް ﷲއަށް އެންމެ ފުރަތަމަ އުރެދުންވި މަޚްލޫޤު އިބްލީސް ކުރި ކުށުގެ ސަބަބަކީ ބޮޑާކަމެވެ. އިމާމު މާލިކުގެފާނު ވިދާޅުވިއެވެ. އެންމެ ފުރަތަމަ އުރެދުމަކީ ޙަސަދަވެރިކަމާއި ބޮޑާކަމާއި ދަހިވެތިކަމެވެ. އިބްލީސް އާދަމުގެފާނަށް ޙަސަދަވެރިއެވެ. އިބްލީސް އޭނާ އަލިފާނުން ހެއްދެވީތި ބޮޑާވިއެވެ. އިބްލީސް ﷲގެ އަމުރުފުޅަށް (އާދަމުގެފާނަށް ސަޖިދަ ކުރުމަށް) ދަހިވެތިއެވެ. އާދަމުގެފާނަށް މާތް ﷲ އެ ގަހާ ކައިރިވެވަޑައިނުގަތުމަށް އަމުރުކުރެއްވުމުން އެ ގަހާ ކައިރިވެ ވަޑައިގަތުމަށް ދަހިވެތިވެ ވަޑައިގަތެވެ.
މިއިން އެނގެނީ ނަސްލީ އިމްތިޔާޒުގެ ވެރިން އޭގައި ބައިވެރިވާ ބަހާތަކެއް ވާ ކަމެވެ. އެއީ ޙަސަދަވެރިކަމާއި، ބޮޑާކަމާއި، އަތްގަދަކުރުމާއި، ހަލާކުކުރުމާއި، އަމިއްލަ ޒާތުގެ މޮޅުކަން ފެނުމާއި، ތަފާތުކުރުމާއި ބައިބައިކުރުމެވެ. އިބްލީސް މާތް ﷲގެ ރަޙްމަތްފުޅުން ދުރަށް ލެވި ﷲގެ ލަޢުނަތް އެކަލޭގެ މައްޗަށް ތާއަބަދަށް ލެއްވިގެންވާ ކަން އެނގުމުން އޭނާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މާތް ﷲ ގަންދީ ބުންޏެވެ. އޭނާ އެކަމާ ދެރަވެ މާފަކަށް ނޭދެއެވެ. އެހެނަސް އޭނާ އޭނާގެ ނުބައި ފިކްރުތަކާއި ޚިޔާލުތައް ކުރިއަށް ގެންދާނެ ކަމަށް ދެންނެވިއެވެ. އާދަމުގެފާނުގެ ހުރިހާ ދަރިން މަގުފުރައްދާނެ ކަމަށް ވެސް ދެންނެވިއެވެ. މާތްﷲ އިބްލީހުގެ މި މަސައްކަތަށް އިޝާރަތް ކުރައްވައި ވަޙީ ކުރެއްވިއެވެ. (( وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ قَالَ أَأَسْجُدُ لِمَنْ خَلَقْتَ طِينًا ﴿٦١﴾ قَالَ أَرَأَيْتَكَ هَـٰذَا الَّذِي كَرَّمْتَ عَلَيَّ لَئِنْ أَخَّرْتَنِ إِلَىٰ يَوْمِ الْقِيَامَةِ لَأَحْتَنِكَنَّ ذُرِّيَّتَهُ إِلَّا قَلِيلًا ﴿٦٢﴾ قَالَ اذْهَبْ فَمَن تَبِعَكَ مِنْهُمْ فَإِنَّ جَهَنَّمَ جَزَاؤُكُمْ جَزَاءً مَّوْفُورًا ﴿٦٣﴾ وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُم بِصَوْتِكَ وَأَجْلِبْ عَلَيْهِم بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ وَعِدْهُمْ ۚ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا ﴿٦٤﴾ إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ ۚ وَكَفَىٰ بِرَبِّكَ وَكِيلًا(10) - آدم ގެފާނަށް ތިޔަބައިމީހުން سجدة ކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ. ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުޅައޫއެވެ. إبليس ދެންނެވިއެވެ. އިބަރަސްކަލާނގެ މަށިން ހައްދަވާފައިވާ މީހަކަށް، ތިމަން سجدة ކުރާނެތޯއެވެ؟ (61) އެކަލޭގެ ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންގެ މައްޗަށް މާތްކުރެއްވި، މި އިންސާނާއާމެދު އިބަރަސްކަލާނގެ އަންގަވައިދެއްވާނުތޯއެވެ؟ قيامة އަށް ދާނދެން، ތިމަން ލަހައްޓަވައި ދެއްވައިފިނަމަ، ހަމަކަށަވަރުން، ތިމަން އެ އިންސާނާގެ ދަރިފަސްކޮޅުގެ މަދުބަޔަކު މެނުވީ (މަގުފުރައްދައި) ނެތިކޮށްލާހުށީމެވެ. (62) އެކަލާނގެ وحى ކުރެއްވިއެވެ. ކަލޭގެ ހިނގައިދާށެވެ! ފަހެ، އެއުރެންގެ ތެރެއިން، ކަލޭގެއަށް تبع ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ފުރިހަމަވެގެންވާ ޖަޒާއެއްގެގޮތުން، ތިޔަބައިމީހުން (އެންމެން) ގެ ޖަޒާއަކީ ނަރަކައެވެ. (63) އަދި އެއުރެންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ! އަދި ކަލޭގެ ސަވާރުންތަކާއި، ފައިމަގުގައިވާ މީހުންތައް މެދުވެރިކޮށް، އެއުރެންގެމައްޗަށް ބާރުހިންގާށެވެ! އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެއުރެން ބައިވެރިކުރާށެވެ! އަދި އެއުރެންނަށް وعد ކުރާށެވެ! ހެއްލުންތެރިކަމެއްމެނުވީ، شيطانއާ އެއުރެންނަކަށް وعد އެއް ނުކުރެތެވެ. (64) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. وكيل އަކު ކަމުގައި، ކަލޭގެ ވެރިރަސްކަލާނގެ ފުދެއެވެ.)) މި އާޔަތުގައި އިބްލީސް އޭނާގެ މަސައްކަތެއްކަމުގައި ހަދައިފައި މިވަނީ (احتِنَاك – ނެތިކޮށްލުން) އެވެ. އެއީ ވެރިވެގަތުމާއި އަތްގަދަކުރުމެވެ. ނަސްލީ އިމްތިޔާޒުގެ ވެރީންގެ ވެސް އަމާޒަކީ މި އިޙްތިނާކެވެ.
(ނިމުނީ)
ފުޓް ނޯޓާފުޓްނޯޓާއި ޙަވާލާ:
1. (4) تنويرالأذهان : 3 / 43
2. (5) المؤمنون : 101
3. (6) أخرجه الطبراني في «المعجم الأوسط» (٤٥١١)، وفي «المعجم الصغير» (٦٤٢) والبيهقيفي شعب الإيمان٤/١٨٢١
4. (7) عبس : 34- 37
5. (8) القرطبي : 10 / 230.
6. (9) البقرة : 34
7. (10) الإسراء : 61- 65