އަދުގެ ޚާއްސަ

Print

"ހަރުކަށި ފިކުރު" ހުއްޓުވައި ޢަޤީދާ ޙިމާޔަތްކުރުން: އެންމެންގެ ވާޖިބެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ދީން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާން ޣައިރު މުސްލިމުން މަސައްކަތްކުރަމުން އަންނަތާ ވީ އެންމެ ދަހަރެއް ނޫނެވެ. މި މަސައްކަތުގައި "އެވެރީން" ޚަރަދުކޮށް ޙަރަކާތްތެރިވާތާ އެތައް ދަހަރެއް ވެއްޖެއެވެ. ބައި ޤަރުނަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެއެވެ. "އެވެރީން" މި މަސައްކަތް ކުރަނީ އެކި ދުވަސްވަރު އެކި މިންވަރަށެވެ. މިހާރު މި ވަނީ އެ މަސައްކަތް މެކުހަށްޖަހައިފައެވެ. ބާޠިލަކީ ޙައްޤުކަމަށް ދަޢުވާކޮށް އަޅުވެތިކަމަކީ މިނިވަންކަންކަމަށް ދައްކައިގެންނެވެ. ހަރުކަށި ފިކުރޭ އަޅުގަނޑު މި ދަންނަވަނީ އިސްލާމް ދީނުގެ ސަމާޙަތާއި އަމާންކަމާއި ޙައްޤުތަކާ އިދިކޮޅު ފިކުރަށެވެ. އިންސާނީ ޠަބީޢާތާ ޚިލާފު މުންކަރާތްކަކީ "ޙައްޤު"ކަމަށް ބުނެ ބާޠިލާއި ޖާހިލިއްޔަތު ކުރިއަރުވާން މަސައްކަތްކުރާ އިބިލީހުގެ ފިކުރަށެވެ.

މުޅި ކާއިނާތުގެ ވެރި ރައްބަކީ ޙައްޤުވަންތަ ރަޙުމާނުވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އެ ނޫން ފަރާތަކަށް އަޅުކަން ކުރުމަކީ ބާޠިލު ކަމެކެވެ. އެކަލާނގެ އިންސާނާއަށް އަމުރުކުރައްވައިފައިވަނީ ޙައްޤަށެވެ. ބާޠިލު ކަންކަމަކީ މުންކަރާތްތަކެވެ. އެއީ ބޮޑާކަމާއި ހަރުކަށިކަމެވެ. އިބިލީހުގެ މަގެވެ. 

ޙައްޤާއި ބާޠިލު ކަނޑައެޅުއްވުމުގެ ހުރިހާ ބާރުވެރިކަމެއް މިލްކުވެވޮޑިގެންވަނީ ޙައްޤުވަންތަ މާތް ﷲއަށެވެ. އެއީ އިންސާނުންނަށް އޮތް ޙައްޤެއް ނޫނެވެ. މުންކަރާތްކަމަށް މާތް ﷲ ކަނޑައަޅުއްވައިފައިވާ ބާޠިލުކަންކަމަށް ޙައްގޭ، މިނިވަންކަމޭ ކިޔުމަށްވުރެ ބޮޑު ހަރުކަށި ފިކުރެއް މި ވުޖޫދުގައެއް ނުވެއެވެ. އެއީ ބޮޑާކަމާއި ހަރުކަށިކަމެވެ. ވީމާ، އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގައި އެތައް ސަތޭކަ އަހަރެއް ވަންދެން ދެމި ތިބި، މަޑުމައިތިރި މުސްލިމު ރައްޔިތެއް ދިރިއުޅޭ އަމާން ގައުމެއްގައި މިފަދަ ހަރުކަށި ފިކުރަކަށް ގޮވައިލުމުގެ ފުރުޞަތު ދެވިގެން ނުވާނެއެވެ. ޙައްޤުވަންތަ ﷲއަށް ފިޔަވައި އެހެން ފަރާތަކަށް އަޅުވެތި ނުވެ ތިބި މިނިވަން ބަޔެއްގެ ތެރޭގައި ހަވާނަފުސުގެ އަޅުވެތިކަމަށް ގޮވައިލެވޭ ހަރުކަށި ފިކުރަށް ފުރުޞަތު ދެވިގެންނުވާނެއެވެ. ނަމަވެސް މި ދެންނެވި ހަރުކަށި ބާޠިލު ފިކުރަށް ގޮވައިލުމުގެ ފުރުޞަތު މަޑުމަޑުން އެކަމަކު ހަމަކަށަވަރުން އަންނަނީ ފަހިވަމުން ފަހިކުރަމުންނެވެ.

އިސްލާމް ދީނާ ބީރައްޓެހި، ޣައިރު މުސްލިމުންގެ އާދަކާދަތަކާއި މުންކަރާތްތަކަށް ވާކާލާތުކުރުމަށް އަޅުގަނޑުމެން ކިޔައި އުޅެނީ ލާދީނީ ފިކުރޭއެވެ. ނަމަވެސް ލާދީނީ ފިކުރަށް "މިނިވަން ފިކުރު"ގެ ނަން ދިނީ ގަސްތުގައި ވަރަށް ބޮޑު ރޭޥުންތެރިކަމެއްގެ ދަށުންނެވެ. ގަސްތުގައެވެ. ދުރާލައި ރޭވިގެންނެވެ. އެއީ "ލާދީނީ" މި ލަފުޒުން ރައްޔިތުންނަށް އަސަރު ކުރާލެއް ބޮޑުކަމުންނެވެ. މިއީ (ލާދީނީ) ސެކިޔުލާރ ވިސްނުމުގެ ދަށުން ރޭވުންތެރިކަމާއެކު ތަޢާރަފު ކުރެވުނު ނަމެކެވެ. ނަމަވެސް ޝައިޠާނާއާއި ތިމަތިމާމެންގެ ހަވާނަފުސަށް އަޅުވެތިވެފައިވާ އަޅުވެތި ފިކުރަށް ހަމަހައިމުވެސް ހެޔޮ ވިސްނޭ މީހަކު މިނިވަން ފިކުރެކޭ ނުކިޔާނެއެވެ. އެއީ ހަމަ ލާދީނީ ބާޠިލު ފިކުރެވެ.

މިނިވަންކަމަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާ ކަމެކެވެ. މިއީ އިންސާނާގެ އަދި އެންމެހާ މަޚުލޫޤުންގެ ޠަބީޢަތުގައިވާ ސިފައެކެވެ. އެހެންކަމުން "ލާދީނީ" މި ނަން ބަދަލުކޮށް ލާދީނިއްޔަތަށް "މިނިވަން" މި ނަން ބޭނުންކޮށްގެން ރައްޔިތުންގެ ސިކުނޑިތަކާ ކުޅެލަނީއެވެ. ރައްޔިތުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އެބަޖެހެއެވެ.

ލާދީނީ ފިކުރަކީ ހަގީގަތުގައި މިނިވަން ފިކުރެއް ނޫނެވެ. ހަގީގީ މިނިވަން ފިކުރަނީ ތިމާ ހައްދަވައި ބޮޑުކުރެއްވި އެއްކައުވަންތަ ޚާލިޤު، ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތި ނުވުމުގެ ފިކުރެވެ. އިސްލާމީ ފިކުރަކީ މިއީއެވެ. މުސްލިމުންނަކީ ހަވާނަފުސުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އެއީ ހަމައެކަނި ﷲ ގެ އަޅުންނެވެ. އެހެން އެއްވެސް ފަރާތެއްގެ ނުވަތަ ބާރެއްގެ އަޅުންނެއް ނޫނެވެ. އިންސާނުން އުޅޭންވީ ގޮތުގެ ހުރިހާ އުޞޫލުތަކެއް އިސްލާމް ދީނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ބަޔާންކުރައްވައިފައެވެ. އެ އުޞޫލުގައި އެއްވެސް މަޚުލޫޤަކަށް އަޅުވެތިވުމެއް ނުވެއެވެ. އަދި ޚުދު ތިމާގެ ހަވާ ނަފުސަށް ވެސް އަޅުވެތި ވުމެއްނުވެއެވެ. ޝައިޠާނާގެ ގޮވައިލުންތަކަށް އިޖާބަދީ އެ ކަލޭގެއަށް އަޅުވެތިވުމެއް ނުވެއެވެ. މިނިވަން ފިކުރަކީ މިއީ އެވެ. ނަމަވެސް ޙަޤީޤީ އަޅުވެތިކަމުގެ ފިކުރަށް "މިނިވަން" ފިކުރޭ ކިޔަނީ ޣައިރު މުސްލިމުންނެވެ. މުސްލިމުން އެ ނަން ބޭނުންކޮށގެން ނުވާނެއެވެ. އެ ފިކުރަކީ ޝައިޠާނާއަށް އަޅުވެތިވެފައިވާ ފިކުރެވެ. ތިމާގެ ހަމާ ނަފުސަށް އަޅުވެތިވުމުގެ ފިކުރެވެ. އެއްވެސް ޙާލެއްގައި އެއީ މިނިވަން ފިކުރެއް ނޫނެވެ. އެއީ ހަރުކަށި ފިކުރެވެ.

ހުރިހާ މިނިވަންކަމަކާއި ޙައްޤުތައް ކަށަވަރުކޮށްދީފައިވަނީ އިސްލާމް ދީނުގައެވެ. އިންސާނީ ފިޠުރަތާ ޚިލާފު ކަންކަމަށާއި ތިމާގެ ހަވާ ނަފުސަށް އަޅުވެތި ނުވެ އެ ކަންކަމުން މިނިވަންވެ ތިބެ ﷲ އަށް އެކަނި އަޅުކަންކުރުމަށް ގޮވައިލަނީ އިސްލާމް ދީނެވެ. ކުޑަކުދީންނާއި މުސްކުޅީންނާއި އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދިނީ އިސްލާމްދީނެވެ. އަންހެނުންނަށް އެބައިމީހުންގެ ޙައްޤު މަޤާމު ދިނީ އިސްލާމްދީނެވެ. މުދާ މިލްކުކުރުމާއި ވާރުތަ މުދާ މިލްކުކުރުމުގެ ޙައްޤު އަންހެނުންނަށް ހޯދައިދިނީ އިސްލާމް ދީނެވެ. އަންހެނުންގެ ޢިއްފަތާއި ޢަބުރު ރައްކާތެރިކޮށްދިނީ އިސްލާމް ދީނެވެ. 

އެއްވެސް ޝައްކެއް ނެތެވެ. ލާދީނީ ފިކުރަކީ ތިމާގެ ހަމާ ނަފުސު ގޮވައިލާ، ޝައިޠާނާގެ ވަސްވާސްތަކަށް އަޅުވެތިވެފައިވާ ހަރުކަށި ފިކުރެކެވެ. އަންހެނުންގެ އަބުރު ވެއްޔާ މޮޑެލުމަށް ގޮވައިލަނީ މި ފިކުރެވެ. އިންސާނީ ބުއްދި ތަޣައްރުކުރާ ތަކެތި ހުއްދަކުރާން ގޮވައިލަނީ މި ޝައިޠާނީ ފިކުރެވެ. ވީމާ މި ފިކުރަށް "މިނިވަން" ފިކުރޭ ކިޔަން ހެޔޮ ވާނެތޯއެވެ! އިސްލާމީ އުޞޫލުތަކާ ޚިލާފު ލާދީނީ ފިކުރުތަކަކީ ﷲގެ ދީނާ ޚިލާފު ލާދީނީ ފިކުރެވެ. އެއީ އެއްވެސް ޙާލެއްގައި މިނިވަން ފިކުރެއް ނޫނެވެ. އެއީ އަޅުވެތި ފިކުރެވެ. ނަމަވެސް މި ދެންނެވި ބާޠިލު ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމަށްޓަކައި މިހާރު ވަނީ "ބާރުވެރި" އެޖެންޓުންތަކަކާ އެ މަސައްކަތް ހަވާލުވެފައެވެ. މި ދެންނެވި ފަދަ ބާޠިލު ހަރުކަށި ފިކުރު މިނިވަންކަމާއެކު ރާއްޖޭގައި ފަތުރަމުން އެބަ ގެންދެއެވެ.

ވޭތުވެ ދިޔަ 2019 ވަނަ އަހަރު މި ދެންނެވި ހަރުކަށި ފިކުރަށް ތާއީދުކޮށް އެމްޑީއެންއޭ ކިޔާ ޖަމާއަތަކުން ރިޕޯޓެއްގެ ނަމުގައި ހާސަރެއް ނެރުނެވެ. ކައު އިތުރު ރަސޫލާއަށް މަލާމާތްކޮށް އިސްލާމް ދީނަށް ތައުހީނުކޮށް، ﷲ ސުބްޙަނަހޫ ވަތަޢާލާގެ އުލޫހިއްޔަތާއި ރުބޫބިއްޔަތާމެދު ޝައްކު އުފައްދައި ނެރުނު މި ރިޕޯޓް ދިފާޢުކޮށް "މަސްއޫލު ފަރާތްތަކުން" ތަފާތު ބަޔާންތައް ނެރުނެވެ. އެ ރިޕޯޓަކީ މާކުރީން ނެރުނު ރިޕޯޓެއްކަމަށް ބުނެ ކުރީ ސަރުކާރުގެ ބޮލުގައި އެ ރިޕޯޓް އަޅުވައި އެ ރިޕޯޓް ޙިމާޔަތްކުރާން މަސައްކަތްކުރިތަން ފެނުނެވެ. ނަމަވެސް ދުނިޔޭގެ ވެބްސައިޓްތަކުގައި ޝާއިޢުކުރާ ލިޔުންތައް އަރުޝީފުކުރާ ވެބްސައިޓަކުން އަރުޝީފު ކޮށްފައިވާ ގޮތުގައި މި ރިޕޯޓް ޝާއިޢުކޮށްފައިވަނީ 2019 ވަނަ އަހަރު ފެބްރުއަރީ މަހު 3 ވަނަ ދުވަހު އެވެ. އޭގައި ކޮންމެ ތާރީޚެއް ޖަހައިފައި އޮތަސް އެ ލިޔުން އެންމެ ފުރަތަމަ ޢާންމުވީ  2019 ވަނަ އަހަރު ފެބްރުއަރީ މަހުގައިކަމީ ސާބިތު ހަގީގަތެކެވެ. މިކަން މިހެން އޮތް ނަމަވެސް އެނގޭކަމަކީ ﷲގެ ޝަރީޢަތާ ޚިލާފު "ހަރުކަށި ފިކުރު" ރާއްޖޭގައި ފަތުރާން މަސައްކަތްކުރާ ޖާހިލުންނާ ދެކޮޅަށް ބަސްބުނާން ޖެހިލުންވެފައި ތިބި ބަޔަކު ތިބިކަމެވެ.

ކޮންމެއަކަސް މި ހަރުކަށި ފިކުރުގެ ރިޕޯޓް ނެރުނު މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅުނެވެ. ނަމަވެސް ރައްޔިތުންގެ ފަރާތުން ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން "ނަމެއްގައި" އެ ޖަމުޢިއްޔާ "އުވައިލިއެވެ." ނަމަވެސް އެ މީހުންގެ ޙަރަކާތްތަކަށް ހުއްޓުމެއް "ނުގެނުވުނެވެ." އަދިވެސް އެ މީހުން ތިބީ "ބަޔެއްގެ" ޢިނާޔަތާއި ޙިމާޔަތުގައެވެ. 

މިދެންނެވި "ހަރުކަށި ފިކުރުގެ" މީހުން މިނިވަންކަމާއެކު "އެ މީހުންގެ މަސައްކަތު"ގައި ދެމި ތިއްބައި އަނެއްކާ މި ދިޔަ ޖޫންމަހުގެ ތެރޭގައި މި ފަދަ އަނެއް "ރިޕޯޓެއް" ނެރެފިއެވެ. "އުތެމަ"އިގެ ނަމުގައި މި ފަހަރު މި މީހުން "ހާސަރެއް" ނެރުނީ ކުރީގެ "ރިޕޯޓް" ދިފާޢުކުރަމުން، ބާޠިލަކީ ޙައްޤުކަމަށް ދަޢުވާކުރަމުންނެވެ. މިއީ ހަމަ އެއް ބަޔެއްގެ އެއް މަސައްކަތެކެވެ. އެއް އަމާޒަކަށް ކުރާ މަސައްކަތެކެވެ. ރާއްޖޭގެ މުސްލިމު ރައްޔިތުން ޙައްޤުގެ މަގުން ފިރުކައިލައި ބާޠިލުގެ މަގަށް ގެންދިޔުމަށް ކުރާ މަސައްކަތެވެ. ދިވެހި ރައްޔިތުންގެ ސިކުނޑިތަކަށް ބާޠިލަކީ ޙައްޤުކަމަށް ވިސްނައިދީ މި ރާއްޖޭގައި ލާދީނިއްޔަތު ފަތުރާން ކެނޑި ނޭޅި މަސައްކަތްކުރާ މީހުންގެ މަސައްކަތެވެ. އެހެނީ އެމްޑީއެން އާއި "އުތެމަ"އަށް ވެސް މާލީ އެހީތެރިކަން ދީފައިވަނީ އެއް ބަޔެކެވެ. 'ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވް' ކިޔާ ޖަމާޢަތަކުންނެވެ. މި މީހުންގެ މަސައްކަތަކީ މި ދެންނެވި ބާޠިލު "ހަރުކަށި ފިކުރު" އެއީ އާދައިގެ ކަމެއްގެ ގޮތުގައި ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނޭ ވަރަށް ޢާއްމުކުރުމެވެ.

މި ކަމުގައި "އެވެރީން" ކާމިޔާބީތަކެއް ހޯދައިފިއެވެ. ކުރީން މި މަސައްކަތް ކުރަނީ އެވެރީންނެވެ. ނަމަވެސް މިހާރު މިކަމަށް މަސައްކަތްކުރާނެ ބަޔަކު ރާއްޖެއިން ހޯދައިފިއެވެ. މިހާރު މި މަސައްކަތްކުރަނީ މުސްލިމުންގެ ނަން ލިބިގެން ތިބި ދިވެހި "އެޖެންޓުން"ތަކެއް މެދުވެރިކޮށްގެންނެވެ. މިއީ އެ މީހުން ހޯދި ކާމިޔާބީއެކެވެ. ޝައިޠާނާގެ ބާޠިލު "ހަރުކަށި ފިކުރު" ފެތުރުން ނުވަތަ އެކަމާ ބެހޭ ރިޕޯޓް ނެރުން އެއީ "ކަމާބެހޭ މީހުންނަށް" މިއަދު "ކަމަކަށް" ނުވެއެވެ. ނަމަވެސް މި ދެންނެވި ބާޠިލު އަޅުވެތި ފިކުރާ އިދިކޮޅަށް އެއްޗެކޭ ބުނެފި ނަމަ، އެ ވަނީ ވަރަށް "ނުރައްކާތެރި" ވާހަކައަކަށެވެ. މިއީ "އެވެރީން" ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ނަމަވެސް އިސްލާމީ ވެރިކަމެއް ހިނގާ އިސްލާމީ ޤައުމެއްގައި މިއީ ވެގެންވާނޭ ގޮތެއް ނޫނެވެ. ﷲގެ މަތިވެރި ޝަރީޢާތާ ޚިލާފު ހަރުކަށި ބާޠިލު ފިކުރު ހުއްޓުވައި ރައްޔިތުންގެ ޢަޤީދާ ޙިމާޔާތްކުރުމަކީ ވެރިކަމުގެ އެންމެ އިސް ވާޖިބަށް ވާންޖެހޭނެއެވެ. އެކިއެކި މުއައްސަސާތަކަށް ޢައްޔަންކުރެވޭ މެންބަރުގެ ހުވާގައި ވެސް އެންމެ އިސްކަން ދޭންޖެހޭނީ ޢަޤީދާ ޙިމާޔާތް ކުރުމުގެ ވާހަކައަށެވެ. އެ މީހުންގެ ވާޖިބުތަކުގައި ވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ އެ ކަމަށެވެ. ﷲގެ ޝަރީޢަތާ ޚިލާފު ބާޠިލު ހަރުކަށި ފިކުރުތައް ނައްތައިލުމަކީ މުޅި ވެރިކަމުގެ ހުރިހާ ބާރުވެރީންގެ އެންމެ އިސް މަސްއޫލިއްޔަތަށް ވާންޖެހޭނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ] ([އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائمކޮށް، زكاةދީ، ހެޔޮކަންތަކަށް أمرކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّهއަށެވެ.]) (سورة الحج:41) ބަޔަކަށް އިސްލާމީ ޤައުމެއްގައި ބާރުވެރިކަން ދެއްވަނީ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތާ އެކީގައިކަން މި އާޔަތުން ވަރަށް ރަނގަޅަށް ހާމަވެއެވެ. ވީމާ އިސްލާމީ ވެރިކަމެއްގެ އެންމެ އިސް ވާޖިބަކަށް ވާނީ ﷲ ޙަވާލުކުރައްވައިފައިވާ މި މަތިވަރި އަމާނާތާއި މަސްއޫލިއްޔަތު އަދާކުރުން ކަމާމެދަކު ޝައްކެއްނެތެވެ. ރައްޔިތުންނަށް ދެދުނިޔޭގެ ސިލްމާއި ސަލާމަތާއި ފަލާޙާއި ކާމިޔާބު ލިބުން އޮތީ ވެސް މި ގޮތުގައި މަސައްކަތްކުރެވިގެންކަން ކަށަވެރެވެ. 

މި ވާހަކަ އިސްވެ ދައްކާންޖެހޭނީ އަޅުގަނޑު ފަދަ ޢާއްމު ރައްޔިތެއް ނޫނެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކުގެ ދޫތައް ބަނދުވެފައިވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ޢިލްމުވެރީންގެ ގަލަންތަކުން ދެލިހިކިފައިވަނީ ކޮންފަދަ މުޞީބާތަކުން ކަމެއް ނުވިސްނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމަށް މީގެ ކުރީން ގޮވަމުން ގެންދިޔަ ނޫސްވެރީން މިއަދު ވަދެ ތިބީ ކޮންތާކު ކަމެއް ވެސް ނޭނގެއެވެ. މަސްއޫލިއްޔަތު އަދާކުރާންޖެހޭ އިސް [މީހުން] އިސްޖެހި ފިނޑިވެފައި ތިބީ ކޮން އަވާއެއްގައި ޖެހިގެންކަމެއް ނޭނގެއެވެ. އެނގޭކަމަކީ، މަސްއޫލިއްޔަތު އަދާކުރާންޖެހޭ ފަރާތްތަކުން މި ދެންނެވި ބާޠިލު ހަރުކަށި ފިކުރު ނައްތައިލާން ނުކުޅެދިފައިވާ ކަމެވެ.

މުންކަރާތް ނަހީކުރުމަކީ ހަމައެކަނި ޢިލްމުވެރީންނަށް އޮތް ކަމެއް ވެސް ނޫނެވެ. އެއީ ހަމައެކަނި ބާރުވެރި ފަރާތްތަކުގެ މަސްއޫލިއްޔެތެއް ވެސް ނޫނެވެ.  އަޅުގަނޑަށް ވެސް ޙައިސިއްޔަތެއް އަދި ވާޖިބެއް ވެސް އެބަ އޮތެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ކޮންމެ މުސްލިމެކޭ އެއް ފަދައިން އަޅުގަނޑުގެ ކޮނޑުގައި ވެސް އެޅިފައިވާތީއެވެ. މާތް ﷲ އެކަމަށް އަމުރުކުރައްވައިފައިވަނީ އަންނަނިވި ޞީޣާއިންނެވެ. [وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ]([ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.]) (سورة آل عمران:104). ވީމާ މުންކަރާތްތައް ފާޅުވާ ހިނދު އެކަން ވަކި ބަޔެއްގެ ބޮލުގައި އަޅުވައިގެން މަސްއޫލިއްޔަތުން ރެކެވޭން އެބަ އޮތްތޯއެވެ! ނެތެވެ. އެހެނީ މުންކަރާތްތައް މަނާކުރާ (އެކަމާ ދެކޮޅުހަދާ) ބަޔަކު [މީސްތަކުންގެ ތެރެއިން ވާށޭ] އަންގަވައި އެ އަމުރުކުރައްވަނީ މުޅި އުއްމަތަށް ޢާއްމުވެ ޝާމިލުވާ ގޮތެއްގައެވެ. އަދި އެ ކަމަށް މަސައްކަތްކުރާ މީހުންނަކީ ދިންނަވާނޭ މީހުންކަމަށް ވެސް އެ ވަނީ އަންގަވައިފައެވެ. ވީމާ، އެކަމާ ފަސްޖެހިގެން ތިބެވެން އެބަ އޮތްތޯއެވެ! އެކަމުން އެކަކަށް ވެސް ރެކެވެން އެބަ އޮތްތޯއެވެ! އެކަން ފަރުޟު ކިފާޔަތަކަށް ނުވޭތޯއެވެ! 

އަދި މި އުއްމަތަކީ ހެޔޮ އުއްމަތެއްކަމުގައި ވުމުގެ ސަބަބު ވެސް އެހެން އާޔަތެއްގައި ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. [كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ] ([މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمرކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް إيمانވަމުއެވެ. ފޮތުގެ أهلވެރިން إيمانވީނަމަ، އެއުރެންނަށް އެގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمانވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسقންނެވެ.]) (سورة آل عمران:110). އެހެންވީމާ މި ފަދަ މުންކަރާތްތަކަށް ލޯމަރައިލައިގެން ތިބެ، އަޅުގަނޑުމެންނަކީ މުސްލިމުންނޭ އެންމެ ހެޔޮ އުންމަތަކީ މިއީއްޔޭ ބުނެ، ދިންނަވާނޭ ބަޔަކީ އަޅުގަނޑުމެންކަމަށް ހީކުރުމަކީ ކޮން ފަދަ މޮޔަކަމެއްތޯއެވެ!

ޝައްކެއް ނެތި އެނގޭކަމަކީ ދިވެހީންގެ ޤައުމިއްޔަތުގެ އަސާސަކީ ﷲގެ މަތިވެރި ޝަރީޢާގެ މަތިވެރި އުޞޫލުތައްކަމެވެ. ދިވެހީންގެ މިނިވަންކަމުގެ އަޞްލަކީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުވެތި ނުވުމުގެ މަތިވެރި މިނިވަން ފިކުރުކަމެވެ. ﷲގެ ޙައްޤުތައް ފިޔަވައި، ޖާހިލުކަމާއި ބާޠިލާއި ހަވާނަފުސަށް އަޅުވެތިވެތި ވެފައިވާ "ހަރުކަށި" އަދި ޠަބީޢަޔާ ޚިލާފު ބާޠިލު ފިކުރަކީ ދިވެހި ޤައުމިއްޔަތަށް މިއަދު ދެވޭ އެންމެ ނުރައްކާތެރި ޙަމަލާތައް ކަމެވެ. ވީމާ މި ބާޠިލު "ހަރުކަށި ފިކުރު" ނައްތައިލާންޖެހެއެވެ. މިކަމާ ދެކޮޅަށް ކެރިގެން އަތްތައް ޙަރަކާތްތެރިވާންޖެހެއެވެ. ދޫތައް ޙަރަކާތްތެރިކުތާންޖެހެއެވެ. ގަލަންތައް ހިންގާންޖެހެއެވެ. "ޙައްޤު"ތަކުގެ ނަމުގައި ފަތުރާން މަސައްކަތްކުރާ ބާޠިލު ޝައިޠާނީ މުންކަރާތްތައް ހުއްޓުވާންޖެހެއެވެ. އެ މުޑުދާރު ބާޠިލު ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވާންޖެހެއެވެ. "ބާރުހުރި" ފަރާތްތަކުގެ "އަތުންނެވެ." (ޤާނޫނީ ބާރުންނެވެ.) ދީނީ ޢިލްމުވެރީންގެ ދޫތަކުންނެވެ. ކުޅަދާނަ ނޫސްވެރީންގެ ލިޔުންތަކުންނެވެ. އަޅުގަނޑުގެ ޤާބިލުކަން ހުރި މިންވަރުން އަޅުގަނޑު މި މަސައްކަތްކުރަނީ ﷲގެ އަމުރުފުޅަށް ބޯލަބައި އެ އަމުރުފުޅު ތަންފީޒުކުރުމަށްޓަކައެވެ. (މާތް ﷲ ހެކިވެވޮޑިގަންނަވާށިއެވެ!)

ﷲ ސުބްޙާނަހޫ ވަތަޢަލާ އަޅުގަނޑަށާއި ތިޔަ އެންމެ ތަކުންނަށް ﷲގެ މަގުގައި ސާބިތުވެ ތިބެ މުންކަރާތްތައް ނަހީކުރުމުގެ ކެރުމާއި ޢަޒުމާއި ހެޔޮ ތައުފީޤުދެއްވާށިއެވެ!

____________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ