އަދުގެ ޚާއްސަ

Print

ހިތަކީ ފިކުރުކޮށް ވިސްނާ ގުނަވަނެއްކަން ޔަޤީންކޮށްދޭ އާ ޙަޤީޤަތްތައް

ޝާޢިއުކުރީ މުޙަންމަދު ޝުޖާޢު ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް


ތަރުޖަމާ: މުޙައްމަދު ޝުޖާޢު ޢަބްދުއްރަޙީމް ބ.ދަރަވަންދޫ


وَلَقَدْ ذَرَأْنَا لِجَهَنَّمَ كَثِيراً مِّنَ الْجِنِّ وَالإِنسِ لَهُمْ قُلُوبٌ لاَّ يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لاَّ يُبْصِرُونَ بِهَا وَلَهُمْ آذَانٌ لاَّ يَسْمَعُونَ بِهَا أُوْلَـئِكَ كَالأَنْعَامِ بَلْ هُمْ أَضَلُّ أُوْلَـئِكَ هُمُ الْغَافِلُونَ  ( الأعراف: 179 ) މާނައަކީ: [ޖިންނީންނާއި އިންސީންގެ ތެރެއިން ގިނަބަޔަކު ނަރަކައަށްޓަކައި ތިމަން ރަސްކަލާނގެ ހެއްދެވީމެވެ. (ޙައްޤުގޮތް) އެއިން ނުވިސްނޭ ހިތްތަކެއް އެބައިމީހުންނަށް ވެއެވެ. އަދި (ޙައްޤު މަގު) އެއިން ނުފެންނަ ލޯތަކެއް އެބައިމީހުންނަށް ވެއެވެ. (ޙައްޤު އަޑު) އެއިން ނީވޭ ކަންފަތްތަކެއް، އެބައިމީހުންނަށް ވެއެވެ. އެބައިމީހުން ގެރި، ބަކަރި، ޖަމަލު ފަދައެވެ. އަދި ކިއެއްތަ، އެތަކެއްޗަށް ވުރެންވެސް އެބައިމީހުން މަގުފުރެދުން ބޮޑެވެ. ޣާފިލުވެގެންވާ (ހޭނާރާ) މީހުންނަކީ، ހަމަ އެބައިމީހުންނެވެ.]



މިއާޔަތަކީ ހަމަ ޔަޤީނުންވެސް މަތިވެރިވެގެންވާ ހެއްކެކެވެ. މިއާމެދު ވިސްނާލުމުން ޙައިރާންވެ، ޢަޖާއިބު ކުރުވައެވެ. އަޑުއަހާ މީހެއްގެ ހިތަށް ބިރުވެރިކަން ވައްދުވާ، މާތްﷲއަށް ޙުޝޫޢަތްތެރި ކުރުވައެވެ. މިއާޔަތަކީ، އެކިޔެވުމުން ގައިން ހީބިހި ނަގައިގެންދާފަދަ އާޔަތެކެވެ. މިއާޔަތުގައި މާތްالله سبحانه وتعالى، އެކަލާނގެ އެއްކައުވަންތަ ކަމާމެދު ޝައްކުކުރާ މީހުންނާއި އެކަލާނގެއަށް އީމާންނުވާ މުލްޙިދުންނާއި އެކަލާނގެއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމަތްކުރާ މުސްތަހްޒިއުންނަށް ޢަޒާބު ދެއްވާނެކަމުގެ ވަޢީދު ބަސްފުޅު ވަޙީކުރައްވާފައި ވެއެވެ.

މިއާޔަތަކީ ހަމަކަށަވަރުންވެސް މުއުމިނުން އެއާމެދު ފުންކޮށް ވިސްނާ، ބިރުވެތިވާން ޖެހޭ އާޔަތެކެވެ. އެއްވެސް އިންސާނަކަށް އެލޮލަކުން އެއްޗެއް ނުފެންނަ ލޮލެއް ލިބޭނީ ކިހިނެއް ހެއްޔެވެ. އެކަންފަތަކުން އަޑުނީވޭ ކަންފަތެއް ލިބިފައި ހުންނާނީ ކިހިނެއް ބާވައެވެ. އަދި މިއަށްވުރެ ޢަޖާއިބުކުރުވާ ކަމަކީ ވިސްނުމާއި އެނގުމާއި ހިތާހުރި ގުޅުމަކީ ކޮބައިކަމެވެ.

އެހެންކަމުން އަޅުގަނޑުމެން އަލުން މިއާޔަތް ކިޔާލާ މިއާޔަތާމެދު ވިސްނާލަމާ ހިންގަވާށެވެ. އިންސާނާއަށް މާތްﷲ ދެއްވާފައިވާ ލޮލަކީ ތަންތަން ބެލުމަށް ބޭނުންކުރާ ވަސީލަތެކެވެ. މެދުވެރި އެކެވެ. އެކަމަކު ލޮލަކީ އެއްޗެހި ފެންނަ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ އެގުނަވަނެއް މެދުވެރިކޮށް ސިކުނޑިއަށް އެމަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތެކެވެ. ކަންފަތަކީވެސް މިފަދަ ގުނަވަނެކެވެ. ކަންފަތާއި ލޮލުން ސިކުނޑިއަށް ފޮނުވައިދޭ މަޢުލޫމާތު، ޕްރޮސެސްކޮށް އެއީ ކޮން އެއްޗެއްކަން ދެނެގަނެ، ތަރުޖާމަކޮށް، އެމަޢުލޫމާތު ރައްކާކޮށް ހަދަނީ ސިކުނޑިންނެވެ. މިކަންކަމަކީ އަޅުގަނޑުމެނަށް އެނގޭ ކަންކަމެވެ.

މާތްﷲގެ އެއްކައުވަންތަކަމާމެދު ޝައްކުކުރާ މުލްޙިދުންނަށްވެސް ފެނުމުގެ ޙިއްސު ކަމުގައިވާ ލޯ ލިބިގެންވެއެވެ. އެކަމަކު އެބައިމީހުންނަށް ޙައްޤު ތެދުމަގެއް ނުފެނެއެވެ. އެބައިމީހުން ކައުނު ނުވަތަ ޔުނިވާސް އާމެދު ދެކެނީ އެއީ ކުއްލިއަކަށް އަމިއްލައަށް އުފެދިފައިވާ އެއްޗެއް ކަމުގައެވެ. މިކައުނުގައިވާ މުޢުޖިޒާތްތަކާއި ރީތިކަން އަދި މިކައުނުގައި ލައްވާފައިވާ ހުރިހާ މަޚްލޫޤުންނާއި މިކައުނުގައިވާ ދިރުން ހުރި، އުދަނގޫ، ކަވި ގޮތަކަށް ފުރިހަމަޔަށް އިންތިޒާމް ކުރެވިފައިވާ އެންމެހައި މަސައްކަތްތަކަކީ އަމިއްލައަށް އުފެދިފައިވާ އަމިއްލައަށް ހިނގާ ކަންކަމުގައެވެ. މިކައުނުގައިވާ ގެލެކްސީތަކާއި ތަރިތަކާއި މިހުރިހާ ކައުނީ ހެކިތަކަކީ އެބައިމީހުން ދެކޭގޮތުގައި އަމިއްލައަށް ކުއްލިއަކަށް ޠަބީޢީގޮތުން އުފެދިފައިވާ ތަކެއްޗެވެ. އެމީހުނަށް ހަމަ ޙަޤީޤަތުގައިވެސް، މިކަންކަމުގެ ޙަޤީޤަތް ނުފެންނަނީއެވެ.

ހަމަ މިގޮތަށް ﷲ ވޮޑިގެންވާ ކަމާމެދު ޝައްކުކުރާ މީހުނަށް އިވުމުގެ ޙިއްސު ލިބި ކަންފަތްތަކެއް ލިބިފައިވެއެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔެވޭ އަޑު އިވިއްޖެނަމަ އެބައިމީހުން ބުނަނީ އެއީ އާދައިގެ ބަސްތަކެއް ކަމުގައެވެ. އަދި ކިއެއްތަ އެއަށްވުރެވެސް ދަށް ބަސްތަކެއް ކަމުގައެވެ. އަދި ބައެއް ފަހަރު އެއީ، ވަރަށް ކުށްގިނަ ކުށްތަކުން ފުރިފައިވާ އެއްޗެއް ކަމުގައި ބުނެއުޅެއެވެ. އަދި ބައެއް ފަހަރު ކީރިތި ޤުރްއާނަކީ މުޙައްމަދުގެފާނު ލިޔުއްވާފައިވާ އެއްޗެކޭވެސް ބުނެ އުޅެއެވެ. އެބައިމީހުން ކީރިތި ޤުރްއާން އަޑުއަހައެވެ. ނަމަވެސް ޙަޤީޤަތުގައި ޙައްޤު ބަސް އެބައިމީހުނަކަށް ނޭގެއެވެ.

އަޅުގަނޑުގެ މަޢުޟޫއަކީ ހިތެވެ. މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ މީހުނަށްވެސް ސަލާމަތުންވާ ހިތް ލިބިފައިވެއެވެ. ޑޮކްޓަރީ ޓެސްޓްތަކުން ދައްކާ ގޮތުގައި އެބައިމީހުން ހިތް ސަލާމަތުން އޮވެއެވެ. ނަމަވެސް ޙަޤީޤަތުގައި އެބައިމީހުން އުފެއްދެވި ޚާލިޤުވަންތަ ﷲގެ ބަސްފުޅުތަކެއް ނޭގެއެވެ. އެބައިމީހުންނަށް ރިޒްޤުދެއްވާ ރާޒިޤްގެ ބަސްފުޅުތަކެއް ނޭގެއެވެ. އެހެންކަމުން އޭނާގެ ނިމިދިޔުމަކީ ނަރަކައެވެ. ޖަހަންނަމައެވެ. އެއީ އޭނާގެ ސާހިބުން ކަމުގައި ހަދާ، ﷲ ފިޔަވާ އެބައިމީހުން ވާގި ހޯދި ވަލީވެރިން، ޝައިޠާނުންނާ އެކުގައެވެ. މި ދެންނެވުނު އާޔަތުގައި މިތިން ކަންތައް ވަރަށް ރަނގަޅަށް ތަރުތީބު ކުރައްވާފައިވާ ވެއެވެ. އެ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ކަންކަމަކީ:

1- لَهُمْ قُلُوبٌ لاَّ يَفْقَهُونَ بِهَا [(ޙައްޤު ގޮތް) އެއިން ނުވިސްނޭ ހިތްތަކެއް އެބައިމީހުންނަށް ވެއެވެ.] އެހެންކަމުން ހިތަކީ ވިސްނުމާއި ފަހުމުވުން ނުވަތަ އެނގުމުގެ ވަސީލަތެކެވެ.

2- وَلَهُمْ أَعْيُنٌ لاَّ يُبْصِرُونَ بِهَا [އަދި (ޙައްޤު މަގު) އެއިން ނުފެންނަ ލޯތަކެއް އެބައިމީހުންނަށް ވެއެވެ.] އެހެންކަމުން ލޮލަކީ ފެނުމުގެ ވަސީލަތެކެވެ.

3- وَلَهُمْ آذَانٌ لاَّ يَسْمَعُونَ بِهَا  [(ޙައްޤު އަޑު) އެއިން ނީވޭ ކަންފަތްތަކެއް، އެބައިމީހުނަށް ވެއެވެ.] އެހެންކަމުން ކަންފަތަކީ އަޑު އިމުވުގެ ވަސީލަތެކެވެ.


އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދޭ ސުވާލަކީ ހިތުން ވިސްނަނީ ކިހިނެއް ހެއްޔެވެ؟ އަދި ފިކުރުކޮށް ދެނެގަނެ އެއްޗެހި އެނގެނީ ކިހިނެއް ހެއްޔެވެ؟ ޑޮކްޓަރީ ޢިލްމުން އެނގޭގޮތަށް އެއީ ހަމައެކަނި ލޭޕަންޕްކުރާ ޕަންޕެއް ހެއްޔެވެ؟ މި މައުޟޫޢުގެ ދަށުން ފިކުރުކުރުމާއި ދެނެގަތުމުގައި ހިތުގެ ދައުރަކީ ކޮބައިކަމުގެ ޢިލްމީ، ޒަމާނީ ހެކިތަކަށް ބަލައިލާނަމެވެ. މިކަންކަމުން އަޅުގަނޑުމެނަށް އެނގިގެން ދަނީ ކީރިތި ޤުރްއާނުގައިވާ ޢިލްމީ މުޢުޖިޒާތްތަކާބެހޭ ޢިލްމަކީ އަބަދުވެސް ފެންނަމުންދާ ކަންތައްކަމެވެ. އަބަދުވެސް އިތުރު ހެކިތައް ފެންނަމުން ދާނެއެވެ. މާތް الله سبحانه وتعالى، فصلت ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވާފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވަނީ: سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ  މާނައީ: [ތިމަން ރަސްކަލާނގެ ޤުދުރަތްތެރިކަމުގެ ފުރިހަމަކަމުގެ ދަލީލުތައް އާފާޤުތަކުން (ކައުނީ ދަލީލު ތަކުންނާއި) އެބައިމީހުންގެ އަމިއްލަ ނަފްސުތަކުން، އެކަލާނގެ ފޮނުއްވެވި ދީނަކީ ޙައްޤު ދީންކަން އެނގިއްޖެއުމަށް ދާންދެން އެބައިމީހުންނަށް ދައްކަވާ ހުށީމެވެ. އެކަލާނގެ ހުރިހާ ކަމަކަށް ހެކިވެ ވޮޑިގެންވުމުން، ކަލޭގެފާނަށް ނުފުދުނީ ހެއްޔެވެ.]

އެހެންކަމުން އަބަދުވެސް، ކޮންމެ ދުވަހަކުވެސް މި މަތިވެރި ފޮތުގައި އައިސްފައިވާ ބަސްފުޅުތަކުގެ ތެދުކަން ސާބިތުކޮށްދޭ، އެކަން ކަށަވަރުކޮށް ޔަޤީންކޮށްދޭ، އެތައް ޙަޤީޤަތެއް ފާޅުވަމުންދާނެއެވެ.


އީމާންވުމާއި މާތްﷲ ވޮޑިގެންވާކަން ގަބޫލުނުކުރުމާއި މިދެކަންތައްވެސް ހިނގާ މަރުކަޒަކީ ހިތްކަން ސާބިތުކޮށްދޭ އާ ވާހަކައެއް

މިއަހަރުގެ އޭޕްރީލްމަހުގެ 10 ވަނަ ދުވަހު (10/04/2008) [ޑެއިލީ މެއިލް] ކިޔާ ނޫހެއްގައި ވަރަށް ޢަޖައިބުކުރަނިވި ވާހަކައެއް ލިޔެފައިވެއެވެ. އެވާހަކައަކީ އީމާންވުމާއި ކާފަރުކަމާއި، މީހާގެ ޝުޢޫރުތަކާއި ދެނެގަތުމާ މިކަންކަމުގައި ހިތުގެ ވަރަށް މުހިންމު ދައުރެއްވާކަން ވަރަށް ބޮޑަށް ޔަޤީންކޮށްދޭ ވާހަކައެކެވެ. މިވާހަކައިގައި ވާގޮތުން އަންހެން ކުއްޖަކު ފިރިހެން ކުއްޖަކާ ކައިވެނި ކުރިއެވެ. ކައިވެނި ކޮށްގެން އެތައް އަހަރެއް ވީތަނާ ފިރިހެން ކުއްޖާގެ އީމާންތެރިކަމެއް ނެތުމުގެ ސަބަބުން، އޭނާ މިޙަޔަތާއި ވަކިވެދިއުމަށް ބޭނުންވެ އަމިއްލައަށް ބޮލަށް ފިސްތޯލަ ޖަހައިގެން މަރުވެއްޖެއެވެ. ނަމަވެސް އޭނާގެ ހިތް މަސައްކަތްކުރުން ހުއްޓައެއް ނުލައެވެ. އެހެންކަމުން ޑޮކްޓަރުން އޭނާގެ ހިތް، ސަލާމަތުން ނަގާ، މުއުމިން ބަލިމީހެއްގެ ހަށިގަނޑަށް ލެއްވިއެވެ. އެ މުއުމިން މީހާއަކީ ހެޔޮކަންތައް ކުރުމަށް ވަރަށްބޮޑަށް ލޯބިކުރާ މީހެކެވެ. އޭނާއަކީ، އޭނާގެ ހިތް ފޭލްވުމުގެ ސަބަބުން އެހެން ހިތެއް ލެއްވުމަށް ބޭނުން ޖެހިފައިވާ މީހެއްކަމުން، އެހިތް އޭނާގެ ހަށިގަނޑަށް ލެއްވިއެވެ. މިކަން ކާމިޔާބު ވުމުން އޭނާ، އަމިއްލައަށް މަރުވި، އެހިތުގެ ވެރި ޒުވާނާގެ ޢާއިލާގެ މީހުނަށް ޝުކުރު އަދާކުރުމަށްފަހު މުޅިން އާ ޙަޔާތެއް އުޅެން ފެށިއެވެ.


ޢަޖާއިބު ކުރުވަނިވި ކަމަކީ، އަމިއްލައަށް މަރުވި ޒުވާނާގެ ހުވަފަތް އަންހެނުންނާއި ފަހުން އެޒުވާނާގެ ހިތުގެ ވެރިޔާއާ ބައްދަލުވި ކުއްލި ބައްދަލުވުމަކުން މިހާރު އެހިތުގެ ވެރިޔާއަށް ކުއްލިޔަކަށް އިޙްސާސް ކުރެވުނީ، މިއަންހެން ކުއްޖާއަކީ، ވަރަށްގިނަ ދުވަހުއްސުރެ އޭނާ ދަންނަ ކުއްޖެއް ކަމުގައެވެ. އަދި މިވަރަކުން ނިމުނީކީ ނޫނެވެ. އޭނާ އެއަންހެން ކުއްޖާއާމެދު ކުރެވޭ އިޙްސާސްތައް ވަންހަނާއެއް ނުކުރެވުނެވެ. އަދި އޭނާ އެ އަންހެން ކުއްޖާ ދެކެ ލޯބިވާކަން އޭނާއަށް އެންގިއެވެ. އަދި އެއަންހެން ކުއްޖާއާ ނުލާ ނޫޅެވޭނޭ ކަމަށްވެސް ބުންޏެވެ. އޭނާގެ ބަލި މުޅީން ފަސޭހަވެ ހިތުގެ ޙަރަކާތްތައް ފެށުނީ މި ހިސާބުންނެވެ. ހިތް އޭގެ ވަޒީފާ އަދާކުރަން ފެށިއެވެ. މިމީހާ، އޭނާގެ ހިތުގެ ޙަޤީގީ ވެރިޔާގެ އަންހެނުންނާ މެދު އިޙްސާސް ކުރެވުނު އިޙްސާސްތައް ޔަޤީންކޮށްދެނީ، އެހިތުގައި ކުރީގެ ޝުޢޫރުތަކާއި އިޙްސާސްތައް ރައްކާކުރެވިފައި ހުރިކަމެވެ. އަދި އެއަންހެން މީހާގެ ހަނދާންތައް ފޮރުވިފައި ހުރިކަމެވެ. ނަމަވެސް މިކަމަކީ އެއްވެސް މީހަކު ވިސްނާ، އެއާމެދު ހޭލުންތެރި ވެފައިވާ ކަމެއްނޫނެވެ.


މި ފިރިހެންމީހާ، އާ ޒަވާޖީ ޙަޔާތެއް ދިރިއުޅެމުން ގެންދިޔައީ ކުރިންވެސް އުޅުނުގޮތަށް މުއުމިނެއްގެ ގޮތުގައެވެ. ނަމަވެސް މަޑުމަޑުން ކާފަރުކަމުގެ ސިފަތައް، އީމާންކަން ކުޑަކަމުގެ ސިފަތައް ފާޅުވާން ފެށިއެވެ. ކުޅަދާނަވީ ވަރަކުން މިސިފަތައް ފޮރުވޭތޯ އޭނާ ވަރަށްބޮޑަށް މަސައްކަތް ކުރެއެވެ. މިކަމުގެ ސަބަބުން އޭނާގެ ހިތް އޭނާއަށް ޢަޒާބު ދައްކަން ފެށިއެވެ. އަދި ދިރިއުޅުން ތަޙައްމަލްކުރަން އުނދަގޫވެ، ދިރިއުޅުމަކީ އުނދަގޫކަމެއް ކަމުގައި ދެކި، އޭނާގެ ހިތުގެ ޙަޤީޤީ ވެރިޔާ ނުވަތަ އެހިތުގެ ކުރީގެ ވެރި ޒުވާނާ، މަރުވިގޮތަށް އަމިއްލައަށް ބޮލަށް ފިސްތޯލަ ޖެހުމުން، ވަގުތުން އޭނާ މަރުވިއެވެ.


އޭނާގެ ގާތް މީހުން ޙައިރާންކުރުވި ކަމަކީ މިއީއެވެ. ރަނގަޅު ކަންތައްކުރުމަށް ލޯބިކުރާ މުއުމިނަކު މިފަދަކަމެއް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރިން އޭނާއަކީ އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ. އަދި މީސްމީހުނަށް އެހީވާ، ހުރިހާ އެންމެންވެސް ލޯބިވާ މީހެކެވެ. މިފަދަ މީހަކު މާޔޫސްވެ، ދިރިއުޅުން މަތިން ފޫހިވެ، އީމާންކަން ކުޑަވެގެންގޮސް އަމިއްލައަށް މަރުވުން ފިޔަވާ އެހެންމަގެއް އޭނާއަށް ނެތްކަމަށް ދެކޭނީ ކިހިނެއް ހެއްޔެވެ؟ މިކަމުގެ ސިއްރު ވަރަށްވެސް ފަސޭހައެވެ. އެއީ ފިކުރުކުރުމާއި ދެނެގަތުމުގެ މަރުކަޒަކީ ހިތްކަމެވެ. ސިކުނޑި ނޫންކަމެވެ. ހިތަކީ ހަމައެކަނި މަސްގަނޑެއްނަމަ މި ފިރިހެން މީހާއަށް ހިނގާދިޔަ މިކަންތައްތައް ނުހިނގީސްކަން ކަށަވަރެވެ. އޭނާ ލޯބިވީ ހަމަ އެއަންހެނާ ދެކެއެވެ. އަދި އޭނާ އަމިއްލައަށް މަރުވެގެން ދިޔައީވެސް ހަމަ އެގޮތަށެވެ.


ހިތަކީ ހަށިގަނޑުގެ ހުރިހާ ބަޔަކަށާއި ލެޔަށްވެސް އަސަރުކުރުވާ އެއްޗެކެވެ.


މި މައުޟޫޢު ލިޔުއްވަމުން ޢަބްދުއްދާއިމް އަލްކުހައިލް ލިޔުއްވާފައިވަނީ ޝައިޚަކު އޭނާގެ ރައްޓެއްސަކަށް ދިމާވި ކަމެއްގެ ވާހަކަ ކިޔާދެއްވިއެވެ. އެ ރަޙްމަތްތެރިޔާ އޭރު ކިޔަވަމުން ދިޔައީ އިސްލާމީ ޝަރީޢަތެވެ. އޭނާއަކީ ނަމާދަށް ވަރަށް ފަރުވާ ބަހައްޓަވާ ބޭކަލެކެވެ. އޭނާގެ އީމާންކަމާމެދު ޝައްކުނުކުރެވޭ، މުއުމިނެކެވެ. މާތްﷲގެ މިންވަރުފުޅުގެ މަތިން އޭނާގެ ލެޔަށް ބައްޔެއް ޖެހިއްޖެއެވެ. އެހެންކަމުން ހުޅަނގުގެ ޤައުމަކަށް ކޮންމެހެން ދާން ޖެހިއްޖެއެވެ. އަދި އެތަނުގައި އޭނާގެ ލޭ މުޅިން ބަދަލުކުރަން ޖެހިއްޖެއެވެ. އޭނާގެ ހަށިގަނޑަށް ލޭއެޅުމަށްޓަކައި ލޭނެގީ އީމާންކަންނެތް މުލްޙިދެއްގެ ގައިންނެވެ. މި ލޭ އޭނާގެ ހަށިގަނޑަށް އަޅައިގެން ފަސޭހަވީތާ ދުވަސްކޮޅެއް ވީތަނާ، އޭނާ [ބިޔަރު] ބޯހިތްވެ އެކަން ކުރަން ފަށައިފިއެވެ. އޭގެ ފަހުން ފާހިޝް ޢަމަލުތައްވެސް ކުރަން ފެށިއެވެ. އަދި ނަމާދުކުރުން ހުއްޓާލިއެވެ. އޭނާގެ ރަޙްމަތްތެރި ޝައިޚް އެގޮތަށް އެކަންކުރަނީ ކީއްވެތޯއާއި ﷲއަށް ބިރުވެތި ނުވަންތޯ ސުވާލުކުރުމުން އޭނާ، ހަމައެކަނި ބުނީ [ﷲ ވޮޑިގެންވާކަން ކަލޭ އަދިވެސް ޤަބޫލުކުރަން ހެއްޔެވެ؟] މިހެންނެވެ. މާތް ﷲ سبحانه وتعالى މިފަދަ ހުރިހާ އުނި ސިފަތަކަކުން ހުސްދުރުވެ ވޮޑިގެންވެއެވެ.

އީމާންތެރިކަން ކުޑަ މީހެއްގެ ލެއިން މުއުމިން އަޅަކަށް ކުރި އަސަރު މިވާހަކައިން އެނގިގެންދެއެވެ. އީމާންކަމުން ކާފަރުކަމަށް އޭނާ ބަދަލުވެގެން ދިޔަ ދިޔުމަކީ ޢަޖާއިބު ކުރުވަނިވި ކަމެކެވެ. އޭނާގެ ހަށިގަނޑަށް އެޅި އީމާންކަމެއްނެތް މީހާގެ ލޭގެ ސަބަބުން، އެލޭގެ ވެރިމީހާ ލޯބިކުރި ކަންތައްތަކަށް ލޯބިކުރަން ފެށިއެވެ. މިކަމުން ދޭހަކޮށްދެނީ ހިތުން ޕަންޕުކޮށް އިންސާނާގެ މުޅި ހަށިގަނޑަށް ފޮނުވާލާ ލެޔާއެކު ވަރަށްގިނަ މަޢުލޫމާތުތައް އިންސާނާގެ މުޅި ހަށިގަނޑަށް ފޮނުވާލާކަމެވެ. އެހެންކަމުން ލެޔަކީ ހިތުން ސިކުނޑިއަށާއި ހަށިގަނޑުގެ އެހެނިހެން ބައިތަކަށް މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތެކެވެ. ފުއްޕާމެއަށާއި މޭގަނޑަށާއި މަސްތަކަށާއި އަދި ހަށިގަނޑުގެ އެހެނިހެން ބައިތަކަށްވެސް މަޢުލޫމާތު ފޯރުކޮށްދޭ މުހިންމު ވަސީލަތެކެވެ.



ހިތުގައި ސިކުނޑިއެއް ވެއެވެ.


ދިރާސާކުރައްވާ ބައެއް ބޭފުޅުން މިހާރު ދައްކަވާ އެއް ވާހަކަފުޅަކީ [ހިތުގައި ސިކުނޑިއެއް]ވާ ވާހަކައެވެ. އެބޭފުޅުން ޔަޤީންކޮށްދެއްވާ ގޮތުގައި ހިތަށް ވަކި ޚާއްޞަ ނާރުތަކުގެ ނިޒާމެއް ނުވަތަ އިޙްސާސްވުމުގެ ނިޒާމެއް ލިބިފައިވެއެވެ. މިނިޒާމަކީ ވަރަށް އުނދަގޫ މަސައްކަތްތަކެއް ކުރާގޮތަށް އުފައްދަވާފައިވާ ނިޒާމެކެވެ. މިނިޒާމަށް ނަންދެއްވަނީ The brain in the heart ނުވަތަ [ހިތުގައި ސިކުޑިއެއް] މިގޮތަށެވެ. ހިތުން ލޭ ޕަންޕުކޮށްލާ ކޮންމެ ބުރަކު، ހަށިގަނޑުގެ ހުރިހާ ބައިތަކަށް ވަރަށްގިނަ މަޢުލޫމާތާއި މެސެޖްތައް ފޮނުވާލައެވެ. ވަރަށް އުނދަގޫ ކަވިގޮތަކަށް މަސައްކަތްކުރާ އިލެކްޓްރިކް ސިސްޓަމެއް ހިތުގައި ވެއެވެ. އަދި ހިތަށް ޚާއްޞަ ބާރެއް ލިބިފައިވެއެވެ. ސިކުނޑިން އަސަރުކުރާ ސަރަޙައްދަށްވުރެ ސަތޭކަގުނަ ބޮޑު ސަރަޙައްދަކަށް ހިތުން އަސަރު ފޯރުވައެވެ.



މިފޮޓޯއިން ފެންނަނީ ހިތުގެ ތެރޭގައިވާ ނާރުސެލްތަކެވެ. މި ސެލްތަކަކީ ވަރަށް އުދަގޫ ކަވި ގޮތަކަށް މަސައްކަތްކުރާ، އެ ސެލްތައް މަސައްކަތް ކުރާގޮތް ޢިލްމުވެރިންނަށް އަދިވެސް ހޯދިފައި ނުވާ ސެލްތަކެކެވެ. ނަމަވެސް މި ސެލްތަކަކީ މަޢުލޫމާތު ރައްކާކޮށް އެ މަޢުލޫމާތު ލޭގެ ސެލްތަކަށް އުފުލާ، ހަށިގަޑުގެ ހުރިހާ ބައިތަކަށް އެ  މަޢުލޫމާތު ފެތުރުމުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭ ބައެވެ. އެހެންކަމުން މި ސެލްތަކަކީ ކޮމްޕިއުޓަރުގެ މެމޮރީ ފަދައިން އެއާއި ނުލާ ހިތުގެ މަސައްކަތް ނުކުރެވޭނެ ސެލްތަކެކެވެ.


މިފޮޓޯއިން ފެންނަނީ ހިތުގެ އިލެކްޓްރޯ މެގްނެޓިކް އަސަރު ފޯރުވާ ސަރަޙައްދެވެ. މީގެ އަސަރު ފޯރުވަނީ ހަމައެކަނި ހަށިގަޑުގެ ސެލްތަކަށް އެކަންޏެއް ނޫނެވެ. ވަށައިގެންވާ ވަރަށް ބޮޑު ސަރަޙައްދަކަށް އޭގެ އަސަރު ފޯރުވައެވެ.

 

ރަނގަޅުނޫން ފާޑުކިޔުންތަކެއް

ކީރިތި ޤުރްއާނުގައިވާ މުޢުޖިޒާތްތަކާމެދު ޝައްކު އުފެއްދުމަށް މަސައްކަތްކުރާ މީހުން، މީހުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް އެބައިމީހުނަށް ވެވުނު އެންމެ ބޮޑަކަށް މަސައްކަތް ކުރަމުން ގެންދެއެވެ. އެބައިމީހުން ބުނަމުން ގެންދަނީ ޢީސާއީ ދީނުގެ މުޤައްދަސް ފޮތުގައި ހިތުގެ މަސައްކަތްތަކާބެހޭ ވާހަކަ ދައްކާފައިވެއެވެ. އަދި އެއީ ވިސްނާ، ދެނެގަންނަ އެއްޗެއް ކަމުގައި ބަޔާންވެފައި ވެއެވެ. އަދި ހަމަ މިގޮތަށް ޅެންވެރިން އެބައިމީހުންގެ ހިތުގެ ޝުޢޫރުތަކާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އެހެންވީމާ، މިއީވެސް މުޢުޖިޒާތް ހެއްޔެވެ؟ މީގެ ޖަވާބަކީ آدم عليه السلام އާއި ހިސާބުން ފެށިގެން عيسى عليه السلام އާ ހަމައަށް ފޮނުއްވުނު ނަބީ ބޭކަލުންވެސް ބައެއް ޙަޤީޤަތްތައް އިންސާނުންނަށް ގެނެސްދެއްވިއެވެ. މީގެ ތެރެއިން ހުރިހާ ޙަޤީޤަތްތަކަކީ އެބޭކަލުންގެ ދުވަސްވަރަށްފަހު ނެތި، ހަނދާންނެތިގެންދާ ކަންތައްތަކެއް ނޫނެވެ. ނަމަވެސް އޭގެ އަސަރުތައް މީސްތަކުންގެ ބަސްތަކުން ފާޅުވޭވެ ހުއްޓެވެ. އެހެންކަމުން ހާމަވަމުންދާ ޢިލްމީ ޙަޤީޤަތެއް އިންޖީލާއި އެއްގޮތްވެއްޖެނަމަ ނުވަތަ ބުއްދާގެ ބަސްތަކުގެ ތެރެއިން ބަހަކާއި އެއްގޮތް ވެއްޖެނަމަ ނުވަތަ ފިރުޢައުނު ދުވަސްވަރު ބިންވަޅު ނެގިފައިވާ ލިޔުމަކާ އެއްގޮތްވެއްޖެނަމަ، މީގެ މާނައަކީ އެ ވާހަކައަކީ އިސްވެދިޔަ ނަބިއްޔުންގެ ބަސްފުޅުތަކުން ހަނދާންނެތި ނުގޮސްހުރި ވާހަކަތަކުން ވާހަކައެއް ކަމެވެ. ނަމަވެސް މުޢުޖިޒާތަކީ، ކީރިތި ޤުރްއާނުގެ ކޮންމެ އާޔަތެއްވެސް، ޢިލްމީ ޙަޤީޤަތްތަކާއި މުޅިން އެއްގޮތްވެ، އޭގެ ތެދުކަން ޔަޤީންވެ، ކަށަވަރުވަމުން ދިޔުމެވެ.

މިއާ ޚިލާފަށް މިހާރު އަޅުގަނޑުމެނަށް ފެންނަން އޮތް (ބަދަލުކޮށްފައިވާ) އިންޖީލަށް ރަނގަޅަށް ވިސްނާލުމުން، އަޅުގަނޑުމެނަށް ފެނިގެންދަނީ އެފޮތުގައި ކުށް ހުންނަ މިންވަރު %95 އަށްވުރެ ބޮޑުކަމެވެ. އަދި އެފޮތުން ވަރަށްމަދު ތެދު ޢިލްމީ ޙަޤީޤަތެއް ފެނިދާނެއެވެ. މިފަދަ ކޮންމެ ޙަޤީޤަތަކީވެސް ކީރިތި ޤުރްއާނާއި އެއްގޮތް ކަންކަމެވެ. އިންސާނުންގެ ސިކުނޑިތަކަށް އަލިކޮށްދޭ މިފަދަ ކޮންމެ ޢިލްމީ ޙަޤީޤަތެއް ކީރިތި ޤުރްއާނުގައި ތެދުކޮށްދީފައިވުމާއި، އަދި ނުރަނގަޅު މަޢުލޫމާތު އިސްލާޙު ކޮށްދިނުމަކީ، ކީރިތި ޤުރްއާނުގެ މަތިވެރިކަން ހާމަވެގެންދާ ކަންކަމެވެ. މިކަންކަމަކީ އެއްވެސް އިންސާނަކަށް ގެނެސް ނުގަނެވޭނޭ ކަންކަމެވެ. އެހެނީ މިލާދީން ހަތްވަނަ ޤަރުނު ފަދަ ޚުރާފާތްތަކާއި ދޮގާއި ފުލޯކު ވާހަކަތަކުން ފުރިފައިވާ އެފަދަ ޒަމާނެއްގައި ދިރިއުޅުއްވި ބޭކަލަކަށް ޢިލްމީގޮތުން ސަތޭކައިން ސޭތަކަ ތެދުފޮތެއް އުފެއްދުމަކީ ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އަދިކިއެއްތަ އެކަމަކީ އެފަދަ ޒަމާނެއްގައި އެފަދަ ވާހަކައެއް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށްވެސް ނުވާނެއެވެ. އެފަދަ ޒަމާނެއްގައި ވާހަކަދައްކާ މީހަކު ޢަރަބިންގެ ފުލޯކު ވާހަކަތަކާއި، އެބައިމީހުންގެ ބޭރުފުށުގެ މަންޒަރުތަކާއި އަދި އެބައިމީހުން ހިތްވަރު އާކޮށްދޭ ކަންތައްތަކުގެ ވާހަކަ ދެއްކުމުން ފުދޭނެއެވެ. ނަމަވެސް އަހަރެމެންގެ ނަބިއްޔާ محمد صلى الله عليه وسلم އެކަލޭގެފާނުގެ އަމިއްލަ އެންމެ ބަސްފުޅެއްވެސް ކީރިތި ޤުރްއާނުގައި ގެންނަވާފައެއް ނުވެއެވެ. އަދި ކިއެއްތަ އެއީ ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އެކަލޭގެފާނާ ޙަވާލުކުރެއްވުނު ރިސާލަތު ފޯރުކޮށްދެއްވި އަމާނާތްތެރި ރަސޫލެކެވެ. އީމާންކަންކުޑަ މީހުނާއި ދީނާމެދުވެސް ޝައްކު އުފައްދަން މަސައްކަތްކުރާ މީހުން ކިތަންމެ ވަރަކަށް މަސައްކަތްކުރި ކަމުގައި ވީނަމަވެސް މިކަންކަމަށް އަޅުގަނޑުމެން އެންމެން ހެކިވަމެވެ.

ހިތަކީ ސިކުނޑީގެ މަރުކަޒުކަމަށް ޑޮކްޓަރުން އަދިވެސް އެއްބަސްވެ ވަޑައި ނުގަންނަވައެވެ. އެކަމަކު ދިރާސާތަކާއި ރިސާޗުތަކުގެ ނަތީޖާ ބެލުމަށްފަހު ކަމަކަށްފަހު ކަމެއް، އެބައިމީހުންނަށް ދަނީ ޤަބޫލު ކުރެވެމުންނެވެ. ޢިލްމުވެރިން ޢިލްމީ ޙަޤީޤަތެއް ހޯދާ އެކަން ޔަޤީންކުރެވޭ ކޮންމެ ފަހަރަކު އަޅުގަނޑުމެނަށް ފެނިގެންދަނީ، ކީރިތި ޤުރްއާނުގެ މަތިވެރިކަން ހާމަވެ، އެފޮތުގައި އެކަން ރަނގަޅަށް ބަޔާންވެފައި ވާކަމެވެ. ކީރިތި ޤުރްއާނާމެދު ޝައްކު އުފައްދަން މަސައްކަތްކުރާ މީހުނާ، ޖަދަލުކުރުމަށް ކީރިތި ޤުރްއާނުން ދައްކާ މުޢުޖިޒާތަކީ މިއީއެވެ. ކީރިތި ޤުރްއާން ފަދަ ސަތޭކައިން ސަތޭކަ ތެދު ފޮތެއް ގެނެސް ދިނުމަށް އެބައިމީހުނަށް ކުޅަދާނަ ނުވާނެކަން ކަށަވަރެވެ. އަދި ހަމައެގޮތަށް ކީރިތި ޤުރްއާނުން އެންމެ ކުށެއްވެސް ދެއްކުމަށް ކުޅަދާނަ ނުވާނެކަމަށް ބުނެ، އެކަމަށް ގޮންޖެހި ދާނެއެވެ. މިފަދަ މީހުންގެ ބަސްތަކަކީ އެއްވެސް ޢިލްމީ ހެއްކެއްނެތި ކިޔާ ފާޑުކިޔުން ތަކެކެވެ. ބަލިކަށި، އެއްވެސް ޙަޤީޤަތެއްނެތް ފާޑުކިޔުން ތަކެކެވެ.

މާތްﷲ سبحانه وتعالى ޙައްޤު މަގުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތު ކޮށްދެއްވާށި! މުއުމިނުންގެ މައްޗަށް ގަދަވެ ގަނެވޭފަދަ އެއްވެސް މަގެއް މިފަދަ މީހުނަށް ނުދެއްކަވާށި! އެކަލާނގެ އައްނިސާ ސޫރަތުގެ 141 ވަނަ އާޔަތުގައި މާތްﷲ سبحانه وتعالى ވަޙީކުރައްވާފައި ވަނީ [وَلَن يَجْعَلَ اللّهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلاً ] މާނައަކީ: [އަދި މުއުމިނުންގެ މައްޗަށް ކާފިރުންނަކަށް އެއްވެސް މަގެއް ﷲ ނުލައްވަވާނެތެވެ.] އަޅުގަނޑުމެނަށް ތެދުމަގު ދެއްކެވުން އެދި الله سبحانه وتعالى އަށް ދުޢާކުރަމުން އެކަލާނގެއަށް ޙަމްދާއި ޝުކުރުކުރަމުން ނިންމާލަމެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ