އަދުގެ ޚާއްސަ

Print

ކުޑަކުދީންގެ ވާހަކަ (6): ބާބީގެ ބޮޑުބޭބެގެ ބަކަރި އައިން

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ވާހަކަ

 

ސާދުނާ ޢަބްދުލްކަރީމް

ބާބީގެ ބޮޑުބޭބެއަކީ ބަކަރި ގެންގުޅޭ މީހެކެވެ. ބުދަ ދުވަހު ހަވީރު  ބަކަރިތަކަށް ކާންދީފައި ބާބީގެ ބޮޑުބޭބެއަށް ގެއަށް ދެވުނީ ބަކަރިކޮށި ބަންދު ނުކޮށެވެ.

ބުރާސްފަތި ދުވަހު  ހެނދުނު ބާބީގެ ބޮޑުބޭބެ ބަކަރިތަކަށް ކާންދޭން ދިޔައިރު، އޭނާގެ ބާވީސް ބަކަރިން ކުރެ، އެންމެ ބަކަރިއެއް ވެސް ކޮށީގައެއް ނެތެވެ.  ބާބީގެ ބޮޑުބޭބެ  ބާރުބާރަށް ދުވެފައި ދިޔައީ އިބޫގެ ބަރަބޯ ދަނޑަށެވެ. 

ބާބީގެ ބޮޑުބޭބެއަށް  ބަރަބޯ ދަނޑަށް  ދެވުނު އިރު، އޭނާގެ  ބާވީސް ބަކަރި ތިބީ ބަރަބޯތައް ކައި ބަނޑު  ބޮޑުކޮށް ލައިގެންނެވެ. 

މި ކަމާ ދެރަވެގެން އިބޫގެ ގާތުން  މާފަށް އެދެން ވެގެން އިބޫ ކޮބައިތޯ ބެލިއިރު ފެނުނީ، ބޯ އަނބުރައި ގަނެގެން ބަރަބޯ ދަނޑަށް، އިބޫ ވެއްޓިފައި އޮތް ތަނެވެ. އެހެންވެ ބާބީގެ ބޮޑުބޭބެ އަވަހަށް ބެލީ  ބާލިދީގައި ހުރި ފެން،  އިބޫގެ ބޮލާއި މޫނުގައި ހާކައިގެން އިބޫ ހޭއެރުވޭތޯއެވެ.

އިރުކޮޅަކުން އިބޫގެ އަނބި، ޙަބީބާ ދަނޑަށް ވަދެ  ބުއްރާސް ޖަހައިގަތް އަޑަށް، ބޮޑުބޭބެގެ ބާވީސް ބަކަރި ބިރުން ބަރަބޯ ދަނޑުން ބޭރަށް ނުކުމެއްޖެއވެ. 

ޙަބީބާގެ އަޑަށް އިބޫ ވެސް  ހެއިއަރައިފިއެވެ.  ހެއިއެރުމާއެކު  އިބޫ ބާރަކަށް ގޮވައިލީ " މަގޭ ބާރަ ސައްކަ ބާހަތްތަރި ބަރަބޮލޭ" އެވެ. 

ބާބީގެ ބޮޑު ބޮޑުބޭބެ އިބޫގެ ބުރަކަށީގައާއި ބޮލުގައި ފިރުމާލާފައި ބުންޏެވެ. "ކަންބޮޑު ނުވޭ! އަހަރެން ބަދަލު ދޭނަން."  މިހެން ބުނެލުމުން  ހަބީބާ ދެބުމަ ގޮށް ޖަހާލާފައި ބޯ ހޫރާލިއެވެ.

ބާބީގެ ބޮޑުބޭބެ، ބޮޑުވާއިނގިލީގައި ދަތްއަޅައިގެން ހުރެ އެ ދަނޑުން ނުކުތީ ފަސް އެނބުރި ބަލައި ވެސް ނުލައެވެ.

________________________________

އިދާރާ

އެނގޭތަ؟

ވާހަކަ