(16) ފަނޑިޔާރުގެ މިނިވަން ކުރުމަށް އެންމެ ފުރަތަމަ ގޮވައިލެއްވި: އަލް ޤާޟީ އަލްމާވަރްދީ
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
އަލްޤާޟީ އަބުލްޙަސަނު ޢަލީ ބިން މުޙައްމަދު ބިން ޙަބީބުލްބަޞްރީ އަލްމާވަރްދީއަކީ ޢައްބާސީ ދައުލަތުގެ އެންމެ ބޮޑު ފަނޑިޔާރެވެ. ފަނޑިޔާރުގެއާއި ޝަރްޢީ ނިޒާމު މިނިވަން މުސްތަޤިއްލު ނިޒާމަކަށް ހެދުމަށް އެންމެ ފުރަތަމަ ގޮވައިލެއްވީ ބޭކަލަކީ އަލްމާވަރްދީއެވެ. އެކަލޭގެފާނު ޤާޟީކަން ކުރެއްވި ދުވަސްވަރަކީ ޢައްބާސީ ދައުލަތުގެ އެންމެ ބަލިކަށި ދުވަސްވަރެވެ.
ރިޝްވަތުގެ ތެރެއިން ޤާޟީން ޢައްޔަންކުރުން އެކަލޭގެފާނު މަނާކުރެއްވިއެވެ. ޤާޟީން ހަދިޔާ ބަލައިގަތުން މަނާކުރެއްވިއެވެ. ޤާޟީގެ ކިބައިގައި ހުންނަން ޖެހޭ ޝަރްޠުތަކާއި ޤާޟީ ޢައްޔަންކުރެވޭއިރު ބަލާން ޖެހޭ މިންގަނޑުތަކެއް އެކަލޭގެފާނު އެކަށައެޅުއްވިއެވެ. ދީވާނުލް ޤަޟާ (ފަނޑިޔާރުގެ) ނަމުގައި އޭނާ ޝަރްޢީ ދާއިރާގެ ކަންތައް ބަލަހައްޓާނެ ޚާއްޞަ އޮފީހެއް ޤާއިމު ކުރެއްވިއެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުގޭގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގާނީ މި އޮފީހުންނެވެ. އޭނާ ހަމަޖެއްސެވި އުޞޫލުތައް ބުނާ ގޮތުގައި ފަނޑިޔާރުން އިސްކޮށް ވަކި ކުރުމުގެ ބާރު އޮންނާނީ އުއްތަމަ ފަނޑިޔާރުމަނިކުފާނަށެވެ. ރަސްގެފާނަށް މި ބާރު ލިބިގެންނެއް ނުވެއެވެ. އެކަލޭގެފާނު ޤާޟީންނަކީ ފިރިހެނުން ކަމުގައިވާން ޖެހޭނެކަމަށް ވިދާޅުވެ އެ ކަމަށް ދަލީލުތައް ދެއްކެވިއެވެ. މި ދަލީލުތަކަށް މި ތާނގައި އަޅުގަނޑު ބަލައެއް ނުލާނަމެވެ. މި ޙާލަތާ އެކަމާ ގުޅުން އޮތްކަމަށް ނުދެކޭތީއެވެ.
އަލްމާވަރްދީ ރައްކައުވީ ހިޖްރައިން 364ވަނަ އަހަރުގައެވެ. އެކަލޭގެފާނު ޝަރްޢީ އަދި ފިޤްހީ ދާއިރާއިން އެތައްއެތައް ޢާލިމުންނެއްގެ އަރިހުން ކިޔަވައިވިދާޅުވިއެވެ. އެ ބޭކަލުންގެ ތެރޭގައި މުޙައްދިސުންނާއި، މުޤްރީންނާއި، ޤާޟީން ހިމެނިވަޑައިގަތެވެ. ބަޞްރާގެ ޤާޟީ އަބޫ ޙާމިދު އަޙްމަދު ބިން އަބީ ޠާހިރުލް އިސްފިރާޔީނީއަކީ ފާހަގަކޮށްލަން ޖެހޭ އުސްތާޒެކެވެ.
އަލްމާވަރްދީގެ ޒަމާނަކީ ޢައްބާސީ ދައުލަތުގައި އެންމެ ދިގު މުއްދަތަކަށް ޚަލީފާކަން ކުރެއްވި އަލްޤާދިރު ބިﷲއާއި އެ ޚަލީފާގެ ދަރިކަލުން އަލްޤާއިމު ބި އަމްރިﷲ ގެ ޚިލާފަތުގެ ދުވަސްވަރެވެ. އެ ދުވަސްވަރު ޢައްބާސީ ދައުލަތުގެ ބާރު ނިކަމެތިވެފައިވާ މިންވަރުން ބަޣުދާދުގެ މިސްކިތްތަކުގައި ފާޠިމީ ޚަލީފާއިންނަށް ހެޔޮ ދުޢާކޮށްދެވުނެވެ.
އަލްމާވަރްދީއަކީ ޢައްބާސީ ދައުލަތުގެ ބޮޑުންގެ އަރިހުގައި ވަރަށް އަރިސް ބޭކަލެކެވެ. ބަނީ ބުވަހީންނާއި ސަލާޖިޤުންގެ ގާތަށް ޢައްބާސީންގެ ސަފީރެއްގެ ގޮތުގައި އަލްމާވަރްދީ ފޮނުވުނެވެ.
އެކަލޭގެފާނަށް އަލްމާވަރްދީ ކިޔުނީ އެކަލޭގެފާނުގެ ޢާއިލާއަކީ ފިނިފެން ވިއްކުމުގެ މަސައްކަތް ކުރި ބަޔަކަށް ވާތީ އެކަލޭގެފާނު ވެސް އެ މަސައްކަތް ކުރައްވައިފައިވާތީއެވެ. އަލްމާވަރްދީއަކީ ޝާފީޢީ މަޒްހަބުގެ އިމާމެކެވެ. އެކަލޭގެފާނު ވަރަށް ގިނަ ފޮތްތައް ލިޔުއްވިއެވެ. އޭގެތެރޭގައި:
(1)أدب الدنيا و الدين
(2) الحاوي الكبير
(3)الأحكام السلطانية ހިމެނެއެވެ.
އަލްމާވަރްދީއަށް ((އަޤްޟާ އަލްޤާޟީ)) ގެ ލަޤަބު އެރުވުނީ 429ވަނަ އަހަރުއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ޤާޟީކަމަކީ ޝަރަފެއްނޫނެވެ. އެހެނަސް އެއީ ބޮޑު އަމާނަތެކެވެ. އަލްމާވަރްދީ ނިޔާއެއް އިއްވެވުމުގެ ކުރިން ޤުރްއާން ކިޔަވައިވިދާޅުވާނެއެވެ. އަދި ރަސޫލާގެ ޙަދީސްފުޅުތައް ވިދާޅުވާނެއެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެ ވަޑައިނުގެންނެވުމަށް ވަރަށް އިސްކަން ދެއްވިއެވެ. ޢަދްލު އިންސާފުގެ މަސްއަލަތަކުގައި އެކަލޭގެފާނު ރަސްގެފާނަކަށް ވަޒީރަކަށް ވެރިއަކަށް ތިމާގެ މީހަކަށް ރަށްޓެއްސަކަށް ނުބައްލަވަތެވެ.
ޖަލާލުއްދީން ބިން ބުވައިހިއަށް (ރަސްރަސްކަލުންގެ ރަސްގެފާނު))ގެ ލަޤަބު އެރުއްވުމަށް ޢައްބާސީ ޚަލީފާ ނިންމަވައި މި ކަމުގައި ޢިލްމުވެރީންގެ ރައުޔު ހޯއްދެވިއެވެ. މި މަސައްލައިގައި ޢިލްމުވެރީންގެ ޚިޔާލުފުޅު ތަފާތުވިއެވެ. ބައެއް ބޭކަލުން އެ ލަޤަބު ދެއްވުމުގައި މަސްއަލައެއް ނެތްކަމަށް ވިދާޅުވިއެވެ. އަނެއްބައި ބޭކަލުން އެ ލަޤަބު ހުއްދަ ނުވާނެ ކަމަށް ވިދާޅުވިއެވެ. ޢާއްމުން ބުރަވީ މި ރައުޔަށެވެ. އަލްމާވަރްދީއަކީ ޖަލާލުއްދީން ބިން ބުވައިހިގެ ވަރަށް ގާތް ބޭކަލެކެވެ. މިހެންވެ، އެންމެން ވެސް އިންތިޒާރު ކުރީ އަލްމާވަރްދީގެ ރައުޔަށެވެ. މި ތާނގައި އަލްމާވަރްދީ ހިތްވަރުފުޅުގަދަކަމާއި ޖެހިލުންފުޅު ކުޑަކަން ހާމަވެގެން ދިޔައެވެ. އަލްމާވަރްދި ވިދާޅުވިއެވެ. ރަސްރަސްކަލުންގެ ރަސްގެފާނަކީ ﷲ ތަޢާލާއެވެ. އެހެންވެ މި ލަޤަބު އެއްވެސް މީހަކަށް ނުކިޔޭނެއެވެ. އަލްމާވަރްދީގެ މި ރައުޔާމެދު ޖަލާލުއްދީނު ވެސް ވަރަށް ޙައިރާންފުޅުވިއެވެ. ޖަލާލުއްދީން ވިދާޅުވިއެވެ. ((ތިބާ މީހަކަށް ކަމެއްކޮށްދޭނެ ނަމަ އެ ކަންތައް މަށަށް ކޮށްދޭނެ ކަން މަށަށް އެނގެއެވެ. އެހެނަސް ތިބާއަކީ ދީނަށް ނޫން އެއްޗަކަށް ބަލާ މީހެއްނޫނެވެ. ތިބާގެ ތިޔަ ރައުޔުގެ ސަބަބުން ތިބާގެ މަޤާމު މަގޭ ގާތުގައި ކުރިއަށްވުރެ މާ ބޮޑުވެއްޖެއެވެ.))