ހަމަ ނޭނގުނު
ސާދުނާ ޢަބްދުލްކަރީމް
ވަން ގޮތެއް އޭނަ މަގޭ ލިސްޓު ތެރަށް ހަމަ ނޭނގުނު
ނަން ފޮޓޯޔާ އެކުގައި ފެނުމުން ވެސް ހަމަ ނޭނގުނު
ކޮށްލުމަށް 'ބުލޮކު' ހިތާ ހަފުތާޔަކު ހުރެލާފައި
ކޮށްލެވުނު އެ ސުވާލެއް ކީއްވެ ކަމެއް ހަމަ ނޭނގުނު
ކާކުތޯ އެހުނު ހިނދުން ބުނެ ދީފިޔެ ސަބުމެ އެކަށް
ތާކު ނެތް ފަދަ މިތުރެއް ކަމުވި ލެކެއް ހަމަ ނޭނގުނު
ދާއިރާ އެއް ގޮތަކަސް ނެތެ ގުޅުމެއް ދެ ގޮފި ކަމުން
ދާއިމަށް އެކުވެރި ވާން އަސްބާބެއް ހަމަ ނޭނގުނު
އެއްކަމެއް ވެސް ނެތެ ޙިއްސާވެވި، އަދި ވާކަށް ވެސް
އެއްތަނުން ބައްދަލުނުވެ މިތުރު ވުމެއް ހަމަ ނޭނގުނު
ވިސްނުމާ ފިކުރު ޚިޔާލާ ގުޅިފައި ވީ ނަމަވެސް
އިސްކުރާނޭ 'ޓޮޕިކެއް' އެކަކަށް ވެސް ހަމަ ނޭނގުނު
ލައްކަ ގިނަ ވާހަކަތައް ދައްކާން ހިތް، އެދި ގޮވިޔަސް
ހައްތަހާ ވެސް ކިޔެނީ 'ފަޅޮލޭ' ކަން ހަމަ ނޭނގުނު
މިތުރުވުން ޝަރުޠުކުރާ ނެތެ ކުޑަ ނަމަވެސް ގުޅުމެއް
މިތުރުކަމު ދެމި ތިބުމުގެ މާނަ 'މަކަށް' ހަމަ ނޭނގުނު
ނެތް ކުށެއް، ނެތް ޖަދަލެއް، ނެތްމެ ތަޢާރަޟު ވެވުމެއް
ނެތް ކަމުން ރުޅިވުމަކުން ވާނެ މޮޅެއް ހަމަ ނޭނގުނު
ސަބަބު ނެތް ގުޅުމެކެ މީ ހީވާތީ ވާ މި، ތުރާ
ދަބަރު ނެތް ސާފު ހިތަށް، ވެރިވި އިރެއް ހަމަ ނޭނގުނު
ބަސް ނުބުނެ ހަނު ތިބުމަށް ވެވުނު ޢަހުދުތައް މުގުރައި
ބަސް އިހަށްވުރެ ގިނަކޮށް ލިބުނު ދުކެއް ހަމަ ނޭނގުނު
ދޮޅު މަހެއްހައި ދުވަހަށް ދެމި ތިބެ މިތުރުން ކަމުގައި
މޮޅު ކަމެއް ނޫނެ މިއީ ހީވި، ކުށެއް ހަމަ ނޭނގުނު
ދެން ކިޔާނޭކަ 'ފަރިއްސެއް' އަމުދުން ނުމެ ނެތުމުން
'ފެން' ގުޅުން ބަދަހި ކުރާނޭކަ އިމެއް ހަމަ ނޭނގުނު
ސިއްކަ ޖެހުމަށް މިގުޅުން ހުށަހެޅި ހިނދު އާޝޯޚުވެ
ސިއްކަ ނުޖަހާން މިތުރާ ބުނި، ސަބަބެއް ހަމަ ނޭނގުނު
ކޮށްދިނޭ 'ބުލޮކު' މި ނަން އެދުނީތީ ކޮށް ތަކުރާރު
ކޮށްލުމުން އަރު ބެދުނަސް ހެވުނު ވަރެއް ހަމަ ނޭނގުނު
ފޮނުވި ހިނދު ޢީދު މުބާރަކު މިތުރުންނަށް އެފުބީން
ލޮނުގެ ރަހަ މަޑުވެ އެނަން 'މިސް'ވި ވުމެއް، ހަމަ ނޭނގުނު
________________________