(18) މުޢުތަޒިލާއިންގެ ޝައިޚު: އަލް ޤާޟީ ޢަބްދުލްޖައްބާރުލް ހަމްޛާނީ
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ، މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
މުޢުތަލިޒާއިންގެ ޝައިޚު އަލްޤާޟީ ޢަބްދުލް ޖައްބާރު އަޙްމަދު ބިން ޚަލީލު ބިން ޢަބްދުﷲ އަލްހަމްޛާނީއަކީ ކުރީކޮޅުގައި ޝާފިޢީއެކެވެ. ނަމަވެސް ފަހުން އޭނާ މަޝްހޫރުވެފައި ވަނީ މުޢުތަޒިލުންގެ ފިކްރުގެ އިސް މުފައްކިރެއްގެ ގޮތުގައެވެ. މިހެންވެ އެކަލޭގެފާނަށް މުޢުތަޒިލުންގެ ޝައިޚުގެ ލަޤަބު އެރުވުނެވެ.
އަލްޤާޟީ އަބްދުލް ޖައްބާރު އަޞްފަހާން ދޫކުރައްވައި ބަޞްރާއަށް ވަޑައިގަތީ ހިޖްރައިން 346 ވަނަ އަހަރުގައެވެ. މުޢުތަޒިލުންގެ އޭރުގެ ޝައިޚު އަބޫ އިސްޙާޤު ބިން ޢައްޔާޝްގެ އަރިހުން ކިޔަވައިވިދާޅުވުމުގެ ސަބަބުން އޭނާ މުޢުތަޒިލާފާއަކަށް ވީއެވެ.
ހިޖްރައިން 369ވަނަ އަހަރު އޭނާ ބަޣުދާދު ދޫކުރައްވައި ރާމްހުރްމުޒަށް ވަޑައިގަތެވެ. އެއީ އެ ދުވަސްވަރު މުޢުތަޒިލުންގެ މަރުކަޒެކެވެ. "المغنى في أبواب التوحيد والعدل" ނަމަކަށް ކިޔާ ފޮތް އޭނާ އެކުލަވައިލެއްވީ މި ރަށުގައި ކިޔަވައިދެއްވުމުގެ ތެރޭގައެވެ. މިއީ މުޢުތަޒިލާ ފިކްރުގެ ވަރަށް މުހިއްމު ފޮތެކެވެ.
އަލްޤާޟީ ޢަބްދުލް ޖައްބާރަކީ ފިޤްހާއި، ޙަދީސާއި، ތަފްސީރު ޢިލްމުގައި ވެސް ވަރަށް ފުންނާބު އުސް ބޭކަލެކެވެ.
_____________________________