ނޮޅިވަރަންފަރުން ފުރި ދަތުރުގެ ހިތާމަވެރި ނިމުން
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
1- ލައުޙުގައި ލިޔެވުނު ކަމެއް އެގޮތަށް ހިނގައި ނިމިފައި ނުވޭތޯ
ފައުޅުގައި ވެސް ސިއްރުގައި ވެސް އެފަދައިން ކަންކަން ނުވޭތޯ
2- ނޮޅިވަރަންފަރު ޢާއިލާއެއް ދަތުރަކުން ނިމި ދިޔަ ގޮތުން އަދު
މޮޅިވެގެން ކަނދުރާ ނުއެލި ހުރެވޭ ވަރަށްވުރެ ހިތި ނުވޭތޯ
3- ކޮޅިގަނޑެއް ފުރަނަކަތުގައި އައިސް ލާންޗު ބަންޑުން ކޮށްލުމާއެކު
މޮޅިކަމުގެ ސާލެއް ދިވެހި ދީބުގެ އުޑަށް ވެރިއެއް ނުވޭތޯ
4- ދިހަ މިނެއްޓުން ގޮސްލެވޭ ހަނިމާދުއަށް ދާން ލާންޗު ފުރިޔަސް
"ދިހަރެއާ" ހަމަޔަށް އެލާންޗަށް ދާން ހުރަސް އެޅިގެން ނުވޭތޯ
5- ފުއްޓަރެއް ހެން ރާޅުތައް ބިޔަ ހޮޅިލަމުން ދިޔަ ވަގުތު ކޮޅުގައި
ތުއްތު "އީރާ" ބިޔަ ކަނޑަށް މަންމަގެ އުނގުން ގޮސްފައި ނުވޭތޯ
6- ބިރުތަކާ ހިތް ދަތިކަމުގެ ކުޑަ ހިނދުކޮޅެއް ފާއިތުވެ ލައިފައި
އިރުތަކެއް ގިނަ ނުވެ ޝަހީދުންނަށް އެ ފަސް ނަފްސެއް ނުވޭތޯ
7- ދުނިޔެވީ މި ޙަޔާތުގައި އެކުގައިވި ފަދައިން ޢާއިލާޔަށް
އުނިކަމެއް ނެތް ސުވަރުގޭގައި ދިރިއުޅުން ލިބިގެން ނުވޭތޯ
8- އެންމެ "ބޮޑުޓީޗަރު" ގެ ނަންފުޅު ލިބިވަޑައިގެން ހުންނަވާފައި
އެންމެނާ އަބަދަށް ޙުސައިން ވަކިވުން ހިތާމަ އަކަށް ނުވޭތޯ
9- އެފަދައިން އޭނާގެ އަނބި މަރްޔަމް މަނިކެ، ދަރިފުޅު ޤުރައިޝާ
އެފަދައިން ރަށު ޓީޗަރަކު އަނބި ޢާއިޝަތު ވަތްކެއް ނުވޭތޯ
10- އައްސަލާމުގެ ސުވަރުގޭގައި ދާއިމީ ނިޢުމަތް ލިބުން އެދި
ފަށްފަށުން އެއުރެންގެ މައްޗަށް ގިނަ ދުޢާ ކުރުމެއް ނުވޭތޯ
11- ހިޖްރައިން އެއްހާސް ހަތަރުސައްތައިގެ ސާޅީސް ނިމުނުދުހުގައި
ހިޖްރަކޮށްފައި ގޮސް ޝަހީދުން ރައްބު ޙަޟްރަތުގައި ނުވޭތޯ
12- ދާއިމީ ވަކިވުމުގެ ހިތްދަތިކަން އަދަބު އިޙުސާސް ކުރައްވާ
ޢާއިލާއަށް ހެޔޮގޮތާ ކެތްތެރިކަމަށް އެދުމެއް ނުވޭތޯ
13- ރާއްޖެ ފަދަ ކުދިކުދި ޖަޒީރާ ރަށްރަށުގެ އަހުލުން ދަތުރުގައި
ޚާއްޞަ "ލައިފުޖެކެޓް" އަޅަން އޮތް ޢިބްރަތެއް ކަމުގައި ނުވޭތޯ
___________________________