Print

(20) ބަޞްރާގެ ފަޤީހު: އަލްޤާޟީ އަބޫ ޚާޒިމު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އިސްލާމީ ތާރީޚް

 

އިބްރާހީމް ރަޝީދު މޫސާ

އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ  ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި  ޙައްދުފަހަނަޅާއިދާމީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރަން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި  އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.

  

އަލް ޤާޟީ އަބޫ ޚާޒިމަކީ ޢަބްދުލްޙަމީދު ބިން ޢަބްދުލްޢަޒީޒުއް ސުކޫނިލްކިންދިލް ބަޞްރީއެވެ. އޭނާއަކީ ފަރާއިޟު ޢިލްމާއި ޙިސާބުގެ ޢާލިމެކެވެ. ޤާޟީކަމުގެ ދާއިރާ ތަރައްޤީ ކުރެއްވި ޤާޟީއެކެވެ. މަޙްޟަރު ލިޔުމަށާއި ދަފުތަރުތަކާއި ރެކޯޑުތައް ބެލެހެއްޓެވުމަށް ވަރަށް ޚާޢްޞަ ސަމާލުކަމެއް ދެއްވިއެވެ. 

އެކަލޭގެފާނު ދަރިވަރުވެ ވަޑައިގަތީ ޢީސާ ބިން އަބާނާއި މުޙައްމަދު ބުނުލް ޙަސަނުފަދަ މަޝްހޫރު ޢިލްމުވެރީންގެ އަރިހުންނެވެ. އަލްއިމާމުއް ޛަހަބީ ވިދާޅުވެފައިވާ ގޮތުގައި ޤާޟީ ޢަބްދުލް ޙަމީދަކީ ދީންވެރި، ވަރަޢުވެރި، އިތުބާރުހުރި، ވިސްނުންފުޅު ވަރަށް ތޫނު ބޭކަލެކެވެ. 

އަލްޤާޟީ އަބޫ ޚާޒިމު މައްސަލައެއްގައި ޚަޞްމަކަށް އަދަބު ދެއްވުމުން އޭނާ މަރުވިއެވެ. އެހިނދު އެކަލޭގެފާނު ޚަލީފާ އަލްމުޢުތަޟިދަށް ލިޔުއްވައި ވިދާޅުވިއެވެ. މި މީހާގެ މަރުގެ ދިޔަ ދޭންޖެހޭނީ ބައިތުލްމާލުންނެވެ. އަމީރުލް މުއުމިނީން އެދިވަޑައިގަންނަވާނަމަ އެ ފައިސާ އޭނާގެ ވާރިސުންނަށް ދެއްވާހުށީމެވެ. ޚަލީފާ ދިހަ ހާސް ދީނާރު ފޮނުއްވުމުން އެ ފައިސާ އޭނާގެ ވާރިސުންނަށް ދެއްވިއެވެ.  

އަލްފިހްރިސްތު ގައި އަބޫ އިސްޙާޤުއް ނަދީމު ވިދާޅުވެފައިވާ ގޮތުގައި ޤާޟީ އަޞޫ ޚާޒިމު ލިޔުއްވި ފޮތްތަކުގެ ތެރޭގައި "المحاضر والسجلات" އާއި "أدب القاضي" އާއި  "الفرائض " އާ ބެހޭ ފޮތްތައް ވެއެވެ.

އަބޫ ޚާޒިމު ޤާޟީކަމަށް އިސްކުރެވުނީ ހިޖްރައިން 264 ވަނަ އަހަރުއެވެ. އަލްޤާޟީ އަބޫ ޚާޒިމު އަވަހާރަވީ 292 ވަނައަހަރުއެވެ.

ޚަލީފާ މުޢުތަޟިދަކީ ޤާޟީ އަބޫ ޚާޒިމަށް ވަރަށް ޤަދަރު ކުރެއްވި ބޭކަލެކެވެ. އޭނާ އަވަހާރަވުމުން ޚަލީފާ ކީރިތިފުޅު ކުރެއްވިއެވެ.

___________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ