އަދުގެ ޚާއްސަ

Print

އޮޑިޓުގެ ނިޒާމަށް ބަލައިލުމެއް

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

 

އަޙުމަދު ސިމާހު

"އޮޑިޓް" މިއީ އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރާ ލަފްޒެކެވެ. އޮޑިޓް ނުވަތަ އޮޑިޓް ނިޒާމުގެ މާނަ އަޅުގަނޑުމެންގެ ތެރޭގައި އެކި ގޮތްގޮތަށް ބޭނުންކުރެވެއެވެ. އެއް ބަޔަކަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ މީހުން ކުރާ ކުށްތައް ހޯދައި ތަޙުޤީޤުކުރާ ނިޒާމެކެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ތަނުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން ޙައްލުކުރާ ނިޒާމެކެވެ. އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ބޭނުންވާ ލަފާ މެނޭޖްމަންޓަށް ނުވަތަ އެ ތަނެއްގެ އެންމެ އިސްވެރިޔާއަށް ދޭ ނިޒާމެކެވެ. އެއީ ހަމަ ނަމެއްގައި ޤާއިމުކޮށްފައިވާ ނިޒާމެއް ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް މަދުން ނަމަވެސް އުޅެއެވެ. މިހެންކަމުން، މި ލިޔުމުގައި އިންޓާނަލް އޮޑިޓުގެ ނިޒާމަށް ބަަލައިލާނަމެވެ. 

އޮޑިޓަކީ ކުރު ގޮތަކަށް ދަންނަވާ ނަމަ، މުއައްސަސާއެއްގެ ޢަމަލުތަކާއި ޙަރަކާތްތައް ހުރިނެތް ގޮތް މިނިވަންކަމާއެކު ބަލައި، ރަނގަޅު ކަންކަން ފާހަގަކޮށް، ރަނގަޅުކުރަން ޖެހޭ ކަންކަމުގެ ލަފަޔާއި އިރުޝާދު މެނޭޖްމަންޓަށް ޙިއްސާކުރާ، އެ މުއައްސަސާގެ ދިފާޢީ ނިޒާމުގެ ތެރޭގައި ހިމެނޭ މުހިންމު ގުނަވަނެކެވެ. އޮޑިޓުގެ ތެރޭގައި އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓް ހިމެނެއެވެ. ކޮންމެ ބާވަތެއްގެ އޮޑިޓަކަސް ނުފޫޒުތަކުން އެއްކިބާވެ މިނިވަންކަމާއެކު އޮޑިޓު ކުރެވުމަކީ އޮޑިޓުގެ އެންމެ މުހިންމު އެއް ސިފައެވެ.

އޮޑިޓުގެ ތާރީޚް

އެކައުންޓިންގ ދާއިރާގެ ތާރީޚު ޢިލްމުވެރިއެއްކަމަށްވާ ރިޗަރޑް ބްރައުން (1905) ވިދާޅުވެފައިވާ ގޮތުގައި، އިންސާނީ ޙަޟާރާތް ތަރައްޤީވަމުން އައި އައުމުގައި، މީހުންގެ މުދަލަށް ވަފާތެރިވާނެ އެހެން މީހަކު ހުރުމުގެ މުހިންމު ކަމާއި، އަދި އެފަދަ މީހެއްގެ ވަފާތެރިކަން ވަޒަންކުރެވޭނެ ޗެކުތަކެއް ޤާއިމުކުރުމުގެ މުހިންމުކަން ފާޅުކަން ބޮޑު ގޮތެއްގައި ޤަބޫލުކުރެވޭން ފެށުނެވެ. އެ ގޮތުން ޗައިނާގެ ޒާއޯ ޑައިނާސްޓީ (ޢީސާ عليه السلام ދުނިޔެއަށް ފޮނުއްވުމުގެ 1122 ކުރިން ފެށިގެން 256 އަހަރާ ދެމެދު އޮތް ޑައިނާސްޓީއެއް) އިން އެ މީހުންގެ އެކައުންޓިންގ ހިސާބުތައް ކަށަވަރު ކުރުމަށް ރެކޯޑް ސިސްޓަމެއް ޤާއިމުކުރިކަން ތާރީޚުން އެނގޭން އޮވެއެވެ. 

ތާރީޚީ ޢިމްލުވެރިން ޤަބޫލުކުރައްވާ ގޮތުގައި، ރެކޯޑު ބެލެހެއްޓުމުގެ ރަސްމީ ނިޒާމު އެންމެ ފުރަތަމަ ޤާއިމުކުރީ ގަދީމީ ނިއަރ އީސްޓުގެ ވިޔަފާރިތަކާއި، ސަރުކާރުގައެވެ. އެއީ ޓެކްސް ނެގުމާއި ޚަރަދުތަކުގެ ހިސާބު ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުންނެވެ.  

އިސްލާމީ ތާރީޚަށް ބަލާ އިރު، ޚަލީފާ ޢުމަރު ބިން ޚައްޠާބު رضي الله عنه ގެ ވެރިކަމުގައި، އެކި ޝަހަރުތަކުގައި އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓުގެ ނިޒާމެއް ޤާއިމުކުރެއްވިކަން އެނގެން އޮވެއެވެ. މި ނިޒާމު ޤާއިމުކުރެއްވުމުގެ އަސްލަކަށްވީ ކަންކަމާ ޙަވާލުވެތިބޭ ފަރާތްތަކުން އެމީހުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާތަކެއް ނެގުމުގެ ފުރުސަތު އޮތުމުންނެވެ. 

މިއަދު އަޅުގަނޑުމެން މި ދެކޭ އިންޓާނަލް އޮޑިޓުގެ ނިޒާމުގެ ފެށުން ގުޅިފައިވަނީ 1941 ވަނަ އަހަރު ވުޖޫދަށް އައި އެމެރިކާގެ އިންސްޓިޓިއުޓް އޮފް އިންޓާނަލް އޮޑިޓާސް (އައިއައިއޭ) އާއެވެ. އެއީ އިންޓާނަލް އޮޑިޓުގެ ނިޒާމު ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަގްސަދުގައި އުފެއްދި ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.

ދިވެހިރާއްޖޭގެ އޮޑިޓުގެ ނިޒާމު

ދިވެހި ތާރީޚަށް ބަލާއިރުވެސް އޮޑިޓަކީ ދިގު ތާރީޚެއް އޮތް ނިޒާމެކެވެ. ރާއްޖޭގައި އޮޑިޓުގެ މަސައްކަތް ފެށުނު ތާރީޚެއް ކަނޑައެޅިގެން އެނގެން ނެތްނަމަވެސް، 1857 ވަނަ އަހަރު ވޯރާ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ދެވުނުކަމާއި، މިގޮތުން ރާއްޖެއަށް އެތެރެކުރާ މުދަލުން ބަންޑާރައިންގެ ނަންފުޅުގައި ޑިއުޓީއެއް ނެގުނުކަމާއި، ވޯރާއިންގެ ބަނގަލާތައް ރާއްޖެއަށް އަންނަ އައުމަށް ބަންޑާރައިންގެ ނަންފުޅުގައި ކުއްޔެއް ނެގުނުކަން ތާރީޚުން އެނގެން އޮވެއެވެ. މި ފައިސާ ނެގުމުގެ ކަންކަމަކީ ހިސާބު ބެލެހެއްޓިގެން ކުރެވުނު ކަންކަމެވެ.  

ދިވެހި ސަރުކާރުގެ ފުރަތަމަ އޮޑިޓަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ 1901 ގައި އުފަންވި އަދި 1970 ގައި އަވަހާރަވި ރާއްޖޭގެ މަޝްހޫރު ހިސާބު ޢިލްމުވެރިއެއްކަމުގައިވާ ޢަބްދު الله އިސްމާޢީލް رحمه الله ނުވަތަ ތުއްތު ސާޙަބު އެވެ. އެހެންކަމުން ރަސްމީ ސިފައެއްގައި އޮޑިޓުގެ މަސައްކަތް ފެށުނީ ނަވާރަސަތޭކައިގެ ކުރީކޮޅުގައި ކަމަށް ބެލެވެއެވެ.

2008 ވަނަ އަހަރާ ޖެހެންދެން ރާއްޖޭގައި އޮޑިޓުގެ ނިޒާމު ހިނގަމުން އައީ ސަރުކާރުގެ އެކި ވުޒާރާތަކުގެ ދަށުންނާއި ސަރުކާރުގެ އޮފީހެއްގެ ގޮތުގައެވެ. އެ ގޮތުން ވަޒީރުލް މާލިއްޔާ ނުވަތަ ބަނޑޭރިގޭގެ ފަންކްޝަނެއްގެ ގޮތުގައްޔާއި ބޮޑުވަޒީރުގެ އޮފީހުގެ ފަންކްޝަނެއްގެ ގޮތުގައްޔާއި ސަރުކާރުގެ ވަކި އޮފީހެއްގެ ގޮތުގައި އޮޑިޓުގެ މަސައްކަތްކޮށްފައިވެއެވެ. ދިވެހިރާއްޖޭގައި އޮޑިޓު ޤާނޫނެއް ފުރަތަމަ ވުޖޫދަށް އައީ 2007 ވަނަ އަހަރުއެވެ. ޤާނޫނު ނަންބަރު 4/2007 (އޮޑިޓު ޤާނޫނު) ގައިވާ ގޮތުން އޮޑިޓަރ ޖެނެރަލް އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. 

މިނިވަން މުސްތަޤިއްލު ފަރާތެއްގެ ގޮތުގައި އޮޑިޓަރ ޖެނެރަލް ކަނޑައެޅިގެން ދިޔައީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ތަސްދީޤް ކުރެވުމާއެކުގައެވެ. ޤާނޫނު އަސާސީގެ 209 ވަނަ މާއްދާގައިވާ ގޮތުން ދިވެހިރާއްޖޭގައި ވަކިފަރާތަކަށް ބުރަނުވާ މުސްތަޤިއްލު އޮޑިޓަރ ޖެނެރަލެއް ހުންނަންވާނެއެވެ. ޤާނޫނު އަސާސީގައިވާގޮތުން އޮޑިޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރަންޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ މީހެކެވެ. އަދި އެމީހަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. 

ޤާނޫނު އަސާސީއަށްފަހު އޮޑިޓު ޤާނޫނަށް އިސްލާޙް ގެނައީ 30 އޮކްޓޫބަރ 2014 ވަނަ ދުވަހު ޤާނޫނު ނަންބަރު 30/2014 އިންނެވެ. އެ އިސްލާޙުގައި ވަނީ އޮޑިޓަރ ޖެނެރަލް އައްޔަންކުރުމާގުޅޭ ގިނަ މާއްދާތަކެއްގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ ހުވާ ވެސް ބަޔާންކޮށްފައެވެ. މި އިސްލާޙުގެ އެއް ބޭނުމަކަށްވީ ކުރިން ޢަމަލުކުރަމުން ދިޔަ ޤާނޫނަކީ ޤާނޫނު އަސާސީގެ ކުރިން ޢަމަލުކުރަން ފަށާފައިވާ ޤާނޫނަކަށްވެފައި، އެ ޤާނޫނުގެ ދަށުން އައްޔަންކޮށްފައިވާ އޮޑިޓަރ ޖެނެރަލް ވަކިކޮށް، ޤާނޫނު އަސާސީގެ ދަށުން އަލުން އޮޑިޓަރ ޖެނެރަލަކު އައްޔަންކުރުމެވެ.

އޮޑިޓަރ ޖެނެރަލްގެ މައިގަނޑު މަސައްކަތަކީ ދައުލަތުގެ އިދާރާތަކާއި އެކައުންޓުތަކާއި ވިޔަފާރި ތަންތަން އޮޑިޓުކުރުމާއި އެތަންތަނުގެ މާލީ ކަންކަން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުވުމާއި، އޮޑިޓްކުރުމާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމެވެ. އަދި ބޭނުންވެއްޖެ ކޮންމެ ވަގުތަކު ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކުގެ ޕާފޯމަންސް އޮޑިޓް ކުރެވޭނެއެވެ. 

އޮޑިޓްކުރުމަކީ ދައުލަތުގެ މުއައްސަސާތަކެކޭ އެއް ގޮތަށް އަމިއްލަ ވިޔަފާރި ކުންފުނިތަކުން ވެސް އިސްކަންދޭ ކަމެކެވެ. އަދި އެކަމަކީ ޤާނޫނީ ގޮތުން ލާޒިމު ވެސް ކުރާ ކަމެކެވެ. ކޮންމެ ކުންފުންޏަކުން ވެސް އެ ކުންފުންޏެއްގެ އޮޑިޓަރުކަން ކުރާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް އައްޔަންކުރަންވާނެ ކަމަށާއި، މިގޮތުން އޮޑިޓަރު ނުވަތަ އޮޑިޓަރުން އައްޔަންކޮށް ވަކިކުރާނީ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި ކަމަށް 7 ނޮވެންބަރު 1996 ގައި ވުޖޫދަށް އައި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގައި ބަޔާންކޮށްފައިވެއެވެ. އަދި އޮޑިޓްކުރުމާއި އޮޑިޓް ރިޕޯޓް ތައްޔާރުކުރަންޖެހޭ ގޮތް އެ ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ.

އެކްސްޓާނަލް އޮޑިޓް

އެކްސްޓާނަލް އޮޑިޓުގެ ދައުރަކީ ދައުލަތުގެ މުއައްސަސާތައް ހިނގަނީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިންތޯ ބެލުމާއި، މުއައްސަސާގެ ޕާފޯމަންސް ބެލުމާއި، މުއައްސަސާ ޖަވާބުދާރީވުން އިތުރުކުރުމަށްޓަކައި ކުރާން ފެންނަ ކަންތައްތަކުގެ ރަޢުޔު ސަރުކާރަށާއި ޤާނޫނުހަދާ މަޖިލީހަށް ދިނުމެވެ. މިއީ ފެންނަން ހުންނަ ހަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ސަރުކާރާށް ޔަޤީންކަން އެރުވުމަށް ނުވަތަ ރަނގަޅުކުރާން ފެންނަ ކަންކަމުގެ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި ކުރެވޭ މިނިވަން އޮޑިޓެކެވެ. މީގެ ތެރޭގައި ދައުލަތުގެ އެކައުންޓުތަކާއި މާލީ ކަންކަން ހަރުދަނާކޮށް ޖަވާބުދާރީވުން އިތުރުކުރުވުން ވެސް ހިމެނެއެވެ.

އެކްސްޓާނަލް އޮޑިޓް ކުރާނީ ޤާނޫނަކުން އެކަމަށް ބާރުދީފައި އޮންނަ ފަރާތަކުންނެވެ. އެކްސްޓާނަލް އޮޑިޓުގެ މެންޑޭޓް ކަނޑައަޅަނީ ޤާނޫނަކުންނެވެ. އަދި އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހެނީ ސަރުކާރަށާއި ޤާނޫނުން ކަނޑައަޅާފައިވާ ފަރާތްތަކަށެވެ. 

އިންޓާނަލް އޮޑިޓް 

އިންޓާނަލް އޮޑިޓްގެ މަގްސަދަކީ، މުއައްސަސާގެ މަސައްކަތްތަކާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުތަކާއި ނިޒާމުތައް ފުރިހަމައަށް ޤާއިމުކުރެވިފައި ހުރިތޯ ބެލުމާއި، ޤާއިމުކުރެވިފައިވާނަމަ އެއާ އެއްގޮތަށް ޢަމަލުކުރާ މިންވަރު ދެނެގަތުމާއި، އިސްލާޙްކުރަންޖެހޭ ބައިތައް ދެނެގަތުމާއި، ލިބިފައިހުރި ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން ނަތީޖާ ހާސިލްކުރެވޭ މިންވަރު ދެނެގަތުމާއި، އެކަންކަމުގެ އަލީގައި މުއައްސަސާގެ އިންޓާނަލް ކޮންޓްރޯލް ހަރުދަނާކޮށް ހިރާސްތައް (ރިސްކުތައް) މަދުކުރުމަށްޓަކައި ކުރަން ފެންނަ ކަންތައްތަކުގެ ރަޢުޔު މުއައްސަސާގެ އެންމެ އިސްވެރިޔާއަށް ދިނުމެވެ. 

އިންޓާނަލް އޮޑިޓަކީ މުއައްސަސާގެ އެތެރޭގައި ޤާއިމުކޮށްފައި އޮންނަ ނިޒާމެއްގެ ތެރެއިން ރޫޓިންގކޮށް ޢާންމުކޮށް ކުރާ އޮޑިޓެކެވެ. އިންޓާނަލް އޮޑިޓުގެ މެންޑޭޓް ޢާންމު ގޮތެއްގައި ކަނޑައަޅަނީ އެ މުއައްސަސާއަކުންނެވެ. އަދި އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހެނީ އެ މުއައްސަސާގެ އެންމެ އިސް ވެރިޔާއަށެވެ.

އިންޓާނަލް އޮޑިޓަކީ އެއްވެސް ޙާލެއްގައި މީހުންކުރާ ކުށްތައް ހޯދައި، މައްސަލަ ތަޙްޤީޤްކުރާ ބައެއް ނޫނެވެ. ނަމަވެސް އެއީ މުއައްސަސާގެ ކުރިއެރުމަށާއި، ނުކިއްސަރު މަގަކުން މުއައްސަސާގެ ޢަމަލެއް ހިނގިޔަ ނުދިނުމށް ބާރު އެޅުމެވެ. އަދި އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމުގެ އިތުރުން، އެ މަސައްކަތްތަކުގެ ފެންވަރު މަތިކުރުމަށް ހިތްވަރުދޭ ނިޒާމެކެވެ. ދައުލަތުގެ މުއައްސަސާތަކުގައި އިންޓާނަލް އޮޑިޓުގެ ނިޒާމު ޤާއިމުކުރުމަށް އޮޑިޓަރ ޖެނެރަލްވެސް ބާރު އަޅުއްވާފައިވެއެވެ. 

އިންޓާނަލް އޮޑިޓުގެ މުހިންމުކަން

މުއައްސަސާއެއް އުފެދިގެން އަންނަނީ ކޮންމެވެސް މަގްސަދެއް ނުވަތަ ނަތީޖާއެއް ހާސިލްކުރުމަށެވެ. އެއީ އަމިއްލަ ކުންފުންޏެއް ކަމުގައިވިޔަސް ދައުލަތުގެ މުއައްސަސާއެއް ކަމަށްވިޔަސް ކަން ހުރީ މިހެންނެވެ. ދައުލަތުގެ މުއައްސަސާއެއް ވުޖޫދުވެގެން އަންނާނީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ. ޤާނޫނީގޮތުން އެ މުއައްސަސާއެއް އުފެއްދުމަށް ބާރު ލިބިގެންދާނީ ޤާނޫނަކުން ނުވަތަ ޤާނޫނަކުން ބާރު ލިބިދީފައިވާ ފަރާތެއްގެ ޤާރާރަކުން ފަދަ ގޮތަކަށެވެ. މިއިން ކޮންމެ ގޮތަކަށް މުއައްސަސާއެއް އުފެދިގެން އައިކަމުގައިވިޔަސް، އެ މުއައްސަސާއެއްގެ މެންޑޭޓާއި ޖަވާބުދާރީ ވުމާއި، ބަޖެޓާއި، އިދާރީ ހިންގުމުގެ ނިޒާމު ފަދަ ކަންކަން ކަނޑައެޅިގެންދާނެއެވެ.

މުއައްސަސާއެއް އުފެދިގެން އައިސް މަސައްކަތްތައް ތަރުތީބުކުރެވި އެކި ޑިޕާޓްމަންޓްތައް ކަނޑައެޅި، އެތަންތަނުގެ މެންޑޭޓު ކަނޑައެޅި، ތަން ހިންގުމަށާއި، މަސައްކަތްތައްކުރުމަށް މުވައްޒަފުން ކަނޑައެޅުމުން މުއައްސަސާ އޭގެ ޒާތުގައި ހިނގަން ފަށާނެއެވެ. 

އެއަށްފަހު އުފެދޭނެ ބައެއް ސުވާލުތަކަކީ އެތަންތަން ހިންގުމަށް ބޭނުންވާނެ އުސޫލުތަކާއި އެސްއޯޕީތައް ލިޔެވި ފުރިހަމަވެއްޖެތޯއެވެ. އެތަންތަން ހިނގަމުން އަންނަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްތޯއެވެ. ނުވަތަ ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކުރެވޭތޯއެވެ. ކޮންޓްރޯލްތަކާއި ރިސްކުތައް ހުރީ ކިހާ މިންވަރަކަށްތޯއެވެ. މިހުރިހާ ސުވާލަކީވެސް މުއައްސަސާގެ އެންމެ އިސްވެރިޔާއަށް ޖަވާބު ބޭނުންފުޅުވާނެ ސުވާލުތަކެވެ. އަދި މިއީ އޭނާގެ ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ ސުވާލުތަކެއްވެސް މެއެވެ.

މުއައްސަސާގެ އިސްވެރިޔާ މިކަންކަން ޔަޤީންކުރާނީ ކިހިނެތް ހެއްޔެވެ. އެތަންތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކޮށް ކަންކަން އޮޅުންފިލުވިދާނެއެވެ. ނަމަވެސް އިންސާނީ ޠަބީޢަތުގެ ގޮތުން، އެއްވެސް މީހެއްގެ ކިބައިގައި ހުންނަ އުނި ސިފައެއް ނުވަތަ ރަނގަޅުކުރަންޖެހޭ ސިފައެއް ފާޅުކުރުމަކީ ގިނަ ފަހަރަށް ވަރަށް އުނދަގޫ ކަމަކަށްވެއެވެ. އެހެންކަމުން ތިންވަނަ ފަރާތެއް ލައްވައި އެކަން ބެލުމަކީ ހެޔޮ ނިޔަތާއެކު ނަތީޖާ ހާސިލްކުރަން އެންމެ ރަނގަޅު އެއްގޮތެވެ. ތިންވަނަ ފަރާތެއްގެ ގޮތުގައި ނުވަތަ މުއައްސަސާ ލެވެލްގައި މިނިވަން ފަރާތެއްގެ ގޮތުގައި އިންޓާނަލް އޮޑިޓް މުހިންމުވާ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ. 

އިންޓާނަލް އޮޑިޓާއި ނަޒާހަތްތެރިކަމާ ހުރި ގުޅުން

ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، މަސައްކަތުގެ މާޙައުލުގައި ނުވަތަ އޮފީސްތަކުގެ މުވައްޒަފުންގެ ތެރޭގައި ނަޒާހަތްތެރިކަން ޤާއިމުކުރެވޭނީ މަސައްކަތްތައް ރަނގަޅަށް މޮނިޓަރކުރެވިގެންނާއި، އިންޓާނަލް ކޮންޓްރޯލްތައް ހުރިނެތްގޮތް އެދެވޭ ގޮތެއްގައި ވަޒަންކުރެވިގެންނެވެ. މިކަންކަން ވަޒަން ކުރުމުގައި އިންޓާނަލް އޮޑިޓަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. 

މުއައްސަސާތަކުގައި ނަޒާހަތްތެރިކަން ޤާއިމުކުރެވޭނީ އެކުއެކީގައި އެއްހަމައަކުން ހިނގާ 2 ނިޒާމެއް އެކުލަވާލައި، އެއަށް ފުރިހަމައަށް ޢަމަލުކޮށްގެންނެވެ. މި 2 ނިޒާމު ރަނގަޅަށް މަސައްކަތްކުރާކަން މުއައްސަސާއިން ކަށަވަރުކުރަންޖެހެއެވެ. ފުރަތަމަ ނިޒާމަކީ ނަޒާހަތްތެރިކަން އިތުރުކޮށް ހިތްވަރުދޭ ނިޒާމެވެ. ދެވަނަ ނިޒާމަކީ ފާހަގަކުރެވޭ މައްސަލަތައް އިންސާފުވެރިކަމާއި، ޢަދުލުވެރިކަމާއެކު ބަލައި ފިޔަވަޅު އަޅާ ނިޒާމެވެ. 

ފުރަތަމަ ނިޒާމުގައި ހިމެނެނީ، މަސައްކަތަށާއި ނިޒާމުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމާއި، މުވައްޒަފުންނަށް ޒިންމާތަކާއި މަސްއޫލިއްޔަތު ޙަވާލުކުރުމާއި، ހިތްމަޖެހޭ، އެކުވެރި، އެކަކު އަނެކަކަށް އިޙުތިރާމުކުރާ، ޝައްކާއި ވަހުމުން އެއްކިބާވެފައިވާ ވަޒީފާގެ މާޙައުލެއް ޤާއިމުކޮށްދިނުމާއި، މުވައްޒަފުންކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި، އޮބްޖެކްޓިވް ކޮށް ޕާފޯމަންސް ބެލުމާއި، މަސައްކަތްތަކުގައި އެއްހަމައަކުން މުވައްޒަފުން ބައިވެރިކުރުވުމާއި، ފަންނީ މުވައްޒަފުން ބިނާކޮށް އެ ފަންނު ކުރިއެރުވުމުގައި އެ މުވައްޒަފުންގެ އެހީހޯދުމާއި، އެކަން ފާހަގަކޮށް ހިތްވަރުދިނުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، ދުޅަހެޔޮ ޢަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގުފަހިކޮށްދިނުންފަދަ ކަންކަމެވެ.

ދެވަނަ ނިޒާމުގައި ހިމެނެނީ މައްސަލަ ދިމާވާން ހުޅުވިފައި ހުންނަ ދޮރުތައް ދެނެގަތުމާއި، މައްސަލަ ހުރިކަމަށް ފާހަގަވާ މުވައްޒަފުން ހަމަމަގަށް އެޅުވުމާއި، ގާތުން މޮނިޓަރކޮށް، ރަނގަޅު މުވައްޒަފުންގެ ގޮތުގައި އަލުން އަނބުރާ މަސައްކަތަށް ނެރެވޭނެ ގޮތް ހެދުމާއި، މައްސަލަތައް ތަޙްޤީޤްކޮށް އެކަށީގެންވާ ފިޔަވަޅު އެޅުންފަދަ ކަންކަމެވެ.

މި ދެ ނިޒާމުވެސް ހިނގަންވާނީ ކަޅާއި ހުދުން ލިޔެވިފައިވާ، ދެފުށްފެންނަ، ނުފޫޒުތަކުން މިނިވަންވެފައިވާ، މުވައްޒަފުންގެ އިތުބާރު ލިބޭނެ ފަދަ ނިޒާމުތަކެއްގެ ގޮތުގައެވެ.   

ކުރުގޮތަކަށް ދަންނަވާނަމަ، އިންޓާނަލް އޮޑިޓުގެ ދައުރަކީ މިނިޒާމުތައް ޤާއިމުވެފައިވޭތޯ ބެލުމާއި، ނިޒާމުތައް ޤާއިމުވެފައިވާނަމަ، އެ ނިޒާމުތަކުން އެކަށީގެންވާ ނަތީޖާ ހާސިލްވާ މިންވަރު ބެލުމާއި، ނިޒާމު ހަރުދަނާކުރަން ކުރަން ފެންނަ ކަންކަން ދެނެގަނެ އެކަންކަމުގެ މަޢުލޫމާތު މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުމެވެ. 

ދައުލަތުގެ އިންޓާނަލް އޮޑިޓުގެ ނިޒާމު

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 16 ވަނަ ބާބުގައި، ދައުލަތުގެ އިންޓާނަލް އޮޑިޓުގެ ނިޒާމުގެ ވާހަކަ ބަޔާންކޮށްފައިވެއެވެ. މި ނިޒާމުގެ ބޭނުމަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ ޕަބްލިކް ބޭންކު އެކައުންޓާއި، ޕަބްލިކް ފަންޑުތަކާއި، ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް މިނިސްޓަރ އޮފް ފިނޭންސް ޤާއިމުކުރާ ނިޒާމެކެވެ. މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާ ދައުލަތުގެ އިންޓާނަލް އޮޑިޓްކުރުމުގެ އުސޫލާ އެއްގޮތަށް ދައުލަތުގެ އޮފީސްތަކުގައި އިންޓާނަލް އޮޑިޓް ޤާއިމު ކުރެވިދާނެއެވެ. ދައުލަތުގެ އޮފީސްތަކުގައި ޤާއިމުކުރާ އިންޓާނަލް އޮޑިޓް ނިޒާމުގެ ތެރެއިން ރިޕޯޓްކުރާނީ އެ އޮފީހެއްގެ އެންމެ އިސް ވެރިޔާއަށް ނުވަތަ ފިނޭންސް މިނިސްޓަރުގެ މަޝްވަރާގެ މަތިން އެ އޮފީހެއްގައި އެކުލަވާލެވޭ އިންޓާނަލް އޮޑިޓް ސަބް ކޮމިޓީއަށެވެ. ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން އޮޑިޓް ރިޕޯޓުތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވަންވާނެ ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. 

ދައުލަތުގެ އޮފީސްތަކުގައި ޤާއިމުކުރެވޭ އިންޓާނަލް އޮޑިޓްގެ ނިޒާމުގެ މަސައްކަތްތައް ކުރާނީ އިދާރީގޮތުން މިނިވަން މާޙައުލެއްގައި ކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓްރީގައި ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީ (ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީ) ޤާއިމުކުރަންޖެހެއެވެ. މި ކޮމިޓީ ޤާއިމުކުރަންޖެހެނީ ފިނޭންސް މިނިސްޓަރެވެ. 

ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ ދަށުން ދައުލަތުގެ އޮފީސްތަކުގައ ޤާއިމުކުރަންޖެހޭ އިންޓާނަލް އޮޑިޓް ސަބް ކޮމިޓީ އެކުލަވާލާނެ ގޮތާއި، ހިންގާނެ ގޮތުގެ އުސޫލު 18 ޖޫން 2019 ގައި ވަނީ ޢާންމުކޮށްފައެވެ. މި އުސޫލުގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކުގައި މަދުވެގެން 3 އަދި ގިނަވެގެން 5 މެންބަރުން އެކުލެވޭގޮތަށް އިންޓާނަލް އޮޑިޓް ސަބްކޮމިޓީއެއް އެކުލަވާލަންޖެހެއެވެ. މި ކޮމިޓީ އެކުލަވާލަންޖެހެނީ ފިނޭންސް މިނިސްޓަރުގެ މަޝްވަރާގެ މަތިން އެ އޮފީހެއްގެ އެންމެ އިސްވެރިޔާއެވެ. 

އަހަރީ އިންޓާނަލް އޮޑިޓް ޕްލޭން ހެދުމާއި، އޮޑިޓް ރިޕޯޓް ތަކުގައި ބަޔާންކުރާ ކަންކަން ތަންފީޒްކުރަމުންދާކަން ކަށަވަރު ކުރުމާއި،  އޮފީހުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ލަފާ ދިނުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އިންޓާނަލް އޮޑިޓްގެ ނިޒާމު ބައްޓަންކުރުމަށް އެހީތެރިވުމާއި، މިނިވަންކަމާއެކު އިންޓާނަލް އޮޑިޓްކުރެވޭނެ މާޙައުލެއް ޤާއިމުކުރުންފަދަ ކަންކަމަކީ އޮފީސްތަކުގައި ޤާއިމުކުރެވޭ އިންޓާނަލް އޮޑިޓް ސަބްކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ދައުލަތުގެ އިންޓާނަލް އޮޑިޓުގެ ޙަރަކާތްތައް ހިންގުމުގެ އުސޫލުތަކާއި، ސްޓޭންޑަރޑްސް އަދި ރިޕޯޓު ކުރުމުގެ މިންގަނޑުތައް ކަނޑައަޅާނީ، އޮޑިޓަރ ޖެނެރަލްގެ ލަފަޔާއެކު ފިނޭންސް މިނިސްޓަރު ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީއިން ވަނީ 18 ޖުލައި 2019 ގައި އޮޑިޓަރުންގެ ކޮމްޕީޓެންސީ ފްރޭމްވޯކެއްވެސް ޤާއިމުކޮށްފައެވެ. އެގޮތުން އެކި ލެވެލްތަކުގެ އޮޑިޓަރުންނާއި އޮޑިޓް މެނޭޖަރުންގެ ކޮލިފިކޭޝަނާއި، ހުނަރުތަކާއި ފެންވަރު ބަޔާންކޮށްފައިވެއެވެ. މިއީ ދައުލަތުގެ އޮފީސްތަކުގައި އިންޓާނަލް އޮޑިޓަރުން ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ މިންގަނޑެކެވެ.

___________________________

އިދާރާ

އެނގޭތަ؟

ވާހަކަ