"ސަމުގާ މިސްރާބުތައް"
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ރިވެތި ނަންތައް ކޮންމެ ކަމަކަށް ދިވެހި ބަހުގައި ވާނެޔޭ
ދިވެހި "ނަން" "ސަމުގާ"ގެ މިޞްރާބަށް ކިޔައިފައި ވާނެޔޭ
"އަސްތަމާނު" ފަޅިން "ގަހާ" އިން ހުޅަނގުފަޅި ހިމަނައިލުމަށް
ދަސްކުރޭ "ފަރުގަދި" ކިޔައިފައި "ނާސި" "ނާގާ" ވާނެޔޭ
ހަމަ އެއާ ޖެހިގެން ވަނީ "އައްޔޫގު" "ޤާސިލު" އާ "ސިމާގް"
ހަމަ އެހެން ގުޅިގެން "ތުރިއްޔާނު"ގެ ރިވެތި ނަން ވާނެޔޭ
ދެން "މުރިނގު" ފަސްދީ ދެކުނު ކާއްޔަށް އެހެރަ މިޞްރާބުގައި
އެންމެނަށް މަޝްހޫރު "ޖައުޒާ" "ތީރު" "ޢަޤުރަބު" ވާނެޔޭ
އޭގެ ފަހުގައި "ޤަލްބު" ފަސްދީފައި ކިޔާށެ "ޙިމާރިޔަން"
އޭގެ ފަހުގައި "ސިއްލި"އާ އަދި "ސިއްލަވާރިޔަ" ވާނެޔޭ
ފަހެ، ދެކުނު ކާލިން "ސުހައިލު"ން އަސްތަމާނު ނިމޭނެޔޭ
ފަހެ، އެހެން އީރާނު ފަޅި ހިމަނައި ލެވެން ވެސް ވާނެޔޭ
ވެއްޓިގެން ނުމެ ދާނެ ގޮތުގައި ވީ "ގަހާ"އިން ދެން ފަށަން
ފެއްޓުމުން "ފަރުގަދި" ކިޔައިފައި "ނާސި" "ނާގާ" ވާނެޔޭ
ހަމައެހެން "ޖައުޒާ" ކިޔާފައި "ތީރު" "ޢަޤްރަބް" "ގަލްބު" ވޭ
ހަމަ މި ތަރުތީބުން ކިޔޭނެ "ޙިމާރިޔަން" ދަސް ވާނެޔޭ
އެތުރިފައިވޭ "ސިއްލި" ފަދައިން "ސިއްލަވާރިޔަ" ރީތިކޮށް
ގެތުމަކުން އޮތް ބުރު "ސުހައިލު" ކިޔާ ލުމުން މުޅި ވާނެޔޭ
ދިވެހިބަސް ދިރުވަން ދަރީންނަށް މިފަދަ ނަން ދަސްކޮށް ދެމާ
ރިވެތި ނަންތައް ދަރިވަރުންނަށް ބުނެދެވެން ފަހެ، ވާނެޔޭ
_________________________