އަދުގެ ޚާއްސަ

Print

މުންޑޫން ފެނުނު 170 އަހަރު ކުރީގެ މަހާނަގަލާ މެދު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ ތާރީޚް

ޠާހާ އަބޫބަކުރު، ލ.ގަން 

މުންޑޫގެ ދުވަސްވީ ބޭފުޅުން ވިދާޅުވާގޮތުގައި މުންޑޫ އިސްކޫލްހުރި ބިމަށް އިހުގައި ކިޔަނީ "ވަލުމިސްކިތް" ދޮށެވެ. އިހުގައި ގިނަ ޢަދަދަކަށް ބަނބުކެޔޮ ގަސް ހައްދައިފައި އޮންނަ ސަރަޙައްދެކެވެ. ބޮޑެތި މަހާނަގާތައް ހުރި ސަރަޙައްދެކެވެ. މުންޑޫ އިސްކޫލްގެ ސަރަޙައްދުންވަނީ އެކި ދުވަސްވަރުގައި އެކި ވަރުގެ ބުދާއި ބުދުގެ ބައިތައް ވެސް ފެނިފައެވެ. އެހެންކަމުން މުންޑޫގެ އެންމެ ޤަދީމީ އެއް ސަރަޙައްދަކީ އިސްކޫލް ހިމެނޭ ސަރަޙައްދެވެ.

މި ލިޔުމުގެ ވާތް ފަރާތުން ތިޔަ ފެނިވަޑައިގަންނަވާ ފޮޓޯގައިވަނީ 2020 ސެޕްޓެންބަރު 19 ވީ ހޮނިހިރު ދުވަހު ހައްދުންމަތީ މުންޑޫ އިސްކޫލު ކައިރީން މަގުމަތިން ފެނުނު މަހާނަގަލެއް ކަމުގައި މުންޑޫ ސެވެންސްޓަރ ޙަސަން ނާދިހު ވިދާޅުވިއެވެ. ވަރަށް ބޮޑަށް ފެންނަން އޮތުމުން ގާ ނަގައި ރީތިކޮށް ސާފުކުރައްވާފައި އަޅުގަނޑަށް ފޮޓޯއެއް ފޮނުއްވީއެވެ.

ގަލުގެ ފަރުމާއަށް ބަލައިލުމުން ވެސް މިއީ ފިރިހެނެއްގެ މަހާނައެއްގެ ކީލަކަން އެނގެއެވެ. ގަލުގައިވާ ލިޔުން ލިޔެފައިވަނީ 6 ފޮޅުވަތަށެވެ. އަޅުގަނޑަށް ލިބުނު ފޮޓޯތަކަށް ބަލައިގެން ދޭހަވާ ގޮތަށް މި ގަލުގައިވާ ލިޔުން އަކުރުން އަކުރަށް ތިރީގައި މިވަނީއެވެ. އަރިމަތީގައިލިޔެފައިވާ ފޮޅުވަތުގެ ނަންބަރާއި ގައުސްތެރޭގައިވާ ލިޔުންތައް ލިޔުނީ އަޅުގަނޑެވެ.

1. هجرة نّبىّ (ހިޖުރަތިއްނަބިއްޔު - ނަބިއްޔާގެ ހިޖުރައިން)

2. صلى الله عليه وسلم (ޞައްލަﷲ ޢަލައިހި ވަސައްލަމް)

3. ذالقيت مه ސައުދަ (ޛުލްޤައިތު މަހު ސައުދަ– ޛުލްޤައިދާ މަހު ސާދަ)

4. ދުވަހު ރެކީގެ ފުތް محمد (ދުވަހު ރެކީގެ ފުތް މުޙައްމަދު)

5. މދރވކމހދނ (މަރުވީކަމުހަނދާން)

6. سنة ١٢٦٤ (ސަނަތު 1264)

ތިންވަނަ ފޮޅުވަތުގައި ޛުލްޤައިތު މަހު ކަމުގައި ލިޔެފައި އެ ވަނީ ޛުލްޤައިދާމަހަށެވެ. އިހުގައި ޛުލްޤައިދާ މަހަށް "ޒުލްގާތު" މަހޭ ދިވެހީން ކިޔައިއުޅެއެވެ.

ފަސްވަނަ ފޮޅުވަތް ފެށިފައިއޮތް "މ" އަށްފަހުގައި "ދ" އެއް ލިޔެފައި އެބައޮތެވެ. ނަމަވެސް އަކުރުތައް ކަނޑައިނަގައިފައިވާ ފުންމިނަށް ވިސްނާއިރު، މި ފޮޅުވަތުގައި ހުރި އެހެން އަކުރުތަކުގެ ފުންމިނަށް ވުރެ، މި "ދ" ކަނޑައިނަގައިފައިވާ ފުންމިން ތިލަކަން ފާހަގަކުރެވެއެވެ. އެހެންކަމުން ފެންނަނީ މިއީ އަތުކުށެއް ކަމުގައެވެ. އޮވެގެން ނުވާނެ އަކުރެއް ކަމުގައެވެ. މި ފޮޅުވަތުގައި ހުރި އެހެން އަކުރުތަކަށާއި، ޢާންމުކޮށް މަހާނަގާތަކުގައި ލިޔެފައި ހުންނަ ޢިބާރާތަށް ވިސްނާއިރު، މި ފޮޅުވަތުގައި މިއޮތީ "މަރުވީކަމު ހަނދާން" ކަން ސާފުކޮށް އެނގެއެވެ. ފިލި ނުޖަހައި ލިޔެފައިވާ މި ފޮޅުވަތުގައި އޮތް "ދ" ހިމަނައިގެން މާނައެއް ހުރި ގޮތަކަށް ޖުމްލައެއް ފުރިހަމަކުރެވޭން އަންނަނީ މި ފޮޅުވަތުގައި ހަވަނައަށް އޮތް "މ" އެއީ "ވ" އެއް ކަމަށް ބެލެވިގެންނެވެ. ނަމަވެސް އެ "މ" އަކީ ހަމަ ސާފު "މ" އެއް ކަން އޮޅުމެއް ނެތި ސާފުވެއެވެ. އެހެން ކަމުން މި ފޮޅުވަތުގައި މިއޮތީ "މަރުވީ ކަމު ހަނދާން" ކަމުގައި ނިންމީއެވެ.

ހަވަނަ ފޮޅުވަތުގައި "ސަނަތު" އަޅައިފައި އޭގެ މަތީގައި ހަޤީޤަތުގައި ލިޔެފައި އެ ވަނީ އަރަބި ވިޔައަކުރުންނެވެ. 1264 ލިޔެފައި އޮތް އިރު 4 ގެ ގޮތުގައި ލިޔެފައި ވަނީ ތާނައިގެ 4 ވަނަ އަކުރުކަމުގައި ހަމަޖައްސައިފައިވާ "ރ" އެކެވެ. އިހުގައި ލިޔުނު ގޮތަށް އަރަބި ފޮންޓުން 4 ނުލިޔެވޭތީ މިހާރުގެ ގޮތަށް ލިޔެފައިވަނީއެވެ. މި ފޮޅުވަތުން އެނގެނީ ޛުލްޤައިދާމަހު 14 ދުވަހެއްގައި ނިޔައުވީ ރެކީގެ ފުތު މުޙައްމަދު ނިޔައުވީ އަހަރަކީ ހިޖުރައިން 1264 ވަނަ އަހަރުގައިކަމެވެ. މީލާދީ ގޮތުން ބަލާއިރު މިއީ 12 އޮކްޓޯބަރ 1848 ވީ ބުރާސްފަތި ދުވަހެވެ. އެހެންކަމުން މި ގަލުގައި ބަޔާންކޮށްފައިވާ ރެކީގެ ފުތް މުޙައްމަދު ނިޔައުވީ މީގެ 171 އަހަރާއި 11 މަހާއި 8 ދުވަސްކުރީންނެވެ.

ރެކި ނުވަތަ ރެއްކު:

އިހު މީހުން ބުނާގޮތުން [ރެކި] ނުވަތަ ހައްދުންމަތީ ބަހުރުވައިން ކިޔާ "ރެއްކު" ނުވަތަ "ރެއްކަ" މައިންބަފައިން ދަރިއަކަށް ކިޔަނީ ލިބޭ ދަރީން ޅަފަތުގައި މަރުވާތީ މަރުން ރެކި ދުނިޔޭގައި ތިބޭތޯއެވެ. ދިވެހިބަސްފޮތުގައި ރެކީގެ މާނަކަމުގައި އޮންނަނީ ވެސް "ދަރިން ދުނިޔޭގައި ނުތިބެގެން ދިރި ތިބޭތޯ ކިޔާ ނަމެއް." ކަމުގައެވެ. ދެން މި ގޮތަށް ރެއްކެއް ކިޔުމުން ދަރިކޮޅު އާލާވާ ގޮތް ވާކަމުގައި އިހުގައި ދިވެހީން ޤަބޫލުކުރެތެވެ. މި ގޮތް މަތީން ނަން ދެވިފައިވާ "ރެއްކެއް" ނެތް ރަށެއް މަދުވާނެއެވެ. ރެކި މިނަމަކީ ދެޖިންސަށް ވެސް ބޭނުންކުރާ ނަމެކެވެ. އަންހެނުންނަށް ކިޔާއިރު، ރެކި ބީފާނު، ރެކިމަނިކެ، ރެކިދިޔަ، ރެކިދިޔެ، ރެކިދައިތާ ފަދަ ގޮތަކަށް ހުރެއެވެ. ފިރިހެނުންނަށް ކިޔާ ނަމަ، ރެކިފުތު، ރެކިބޭ، ރެކިބިޔާ، ރެކިމަނިކު ކިޔާފައިހުރެއެވެ. ރެކިދީދީއަކީ އަންހެނުންނަށާއި ފިރިހެނުންނަށް ވެސް ކިޔައިފައި ހުންނަ ނަމެކެވެ. ތާރީޚީ ގޮތުން ބަލާނަމަ ރެކި މި ނަމަކީ ދިވެހީން އިސްލާމްވުމުގެ ކުރީއްސުރެ ކިޔަމުން އަންނަ ނަމެއްކަން އެނގެއެވެ. އެ ގޮތުން އިސްދޫ މިސްކިތަށް ކަނޑައެޅުނު އަޅުން ބަޔާންކުރަމުން އިސްދޫ ލޯމާފާނުގެ 29 ވަނަ ފޮތީގައި "ގަލުމާދެލަގެ ރެއްކާގެ މައިތަކުނާއި، އިސްދުވި ބޮއިލުކޮއްކާއި ކެކުރެއްކާއި މިދެކެނެން ދަރީނާއި..." އޮވެއެވެ. އިސްދޫ ލޯމާފާނުގައި ރެކި މިނަންދީފައިވާ މީހުންނަކީ އަޅުންކަމުގައިވިޔަސް، މިނަމަކީ ވަކި ފަންތިޔަކަށް ކިޔާފައިވާ ނަމެއް ނޫންކަމަށް ފެނެއެވެ. އެގޮތަކީ ހިލާލީ ދަރިކޮޅުން މީލާދީން 1425 އިން 1426 އާ ދެމެދު ރަސްކަންކުރެއްވި އައްސުލްޠާން އަބޫބަކުރު 1 ސިރީ ބޮވަނަ ސުންދުރަ މަހާރަދުންގެ އަނބިކަނބަލަކީ ކޮޅުމަޑުލު ކަނޑޫދޫ ރެއްކާ ކަމަނާފާނު ނުވަތަ ރެކިކަމަނާ ކަމަށް ނަސީމާ މުޙައްމަދު (ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން، 2009މ: ސ.69) ބަޔާންކުރައްވާފައިވާތީއެވެ. ހަމައެއާއެކު ދިޔަމިގިލީ ރަސްދަރިކޮޅާއި އިސްދޫ ރަސްދަރިކޮޅަށް ނިސްބަތްވާ އެކިއެކި ދީދީންނަށް ރެކިދީދީ ކިޔާފައިވުމުން ވެސް މެއެވެ. އަދި ހަމަ އެހެންމެ އިހުޒަމާނުގައި ބަންގާޅު ދަތުރުތައް ކޮށްއުޅުނު މުއްސަނދި، މޮޅެތި ބައެއް މާލިމީންގެ ތެރޭގައި ގަމު މަތިމަރަދޫ މަންދަގޭ ރެކިތައްޚާނު ފަދަ ބޭފުޅުންވެސް ހިމެނޭތީއެވެ.

މި ގަލުގައި ބަޔާންކުރާ ފަރާތުގެ އާއިލާއަކީ ކޮބައި؟

މި ގަލުގައި ބަޔާންކޮށްފައިވާ ރެކި ނުވަތަ ރެއްކަކީ ކާކުތޯ ސުވާލުއުފެދެއެވެ. މުޙައްމަދަކީ ވަރަށް ޢާންމު ނަމެއް ކަމުގައިވިޔަސް ރެކި މި ނަމަކީ އެހައި ޢާންމު ނަމެއް ނޫނެވެ. މި ދަންނަވަނީ، ރަށެއްގައި އެތައް ބަޔަކަށް މުޙައްމަދު ކިޔާފައިހުއްޓަސް ރެކި ކިޔާފައި ހުންނަނީ ވަރަށް މަދުންކަމުގައެވެ. މުންޑޫ، މައިބައިދޫ، ކަޅައިދޫ، ކަލައިދޫ އަދި ގަމުގެ އިތުރަށް ހައްދުންމަތީގެ އެހެން ރަށްރަށުގައި ވެސް "ރެއްކު" ކިޔާ މީހުންނަށް ނިސްބަތްވާ ޢާއިލާތައް އެބަހުއްޓެވެ. އެހެންކަމުން ދެން މިބަލައިލަނީ މީގެ ތެރެއިން މުންޑުއާއި މައިބައިދުއާއި ކަޅައިދުއަށް ނިސްބަތްވާ ރެއްކަކާ މި ރެއްކާ ގުޅުމެއް އެބަ އޮތްތޯއެވެ. އަދި މިހާ ތަނަށް ލިބިފައިހުރި މަޢުލޫމާތުތަކަށް ބުރަވާއިރު، ގަމާއި ކަލައިދޫގައި ތިބި ރެއްކުންނާއި ގުޅުމެއް އޮތުމުގެ ފުރުޞަތު އެއްގޮތަކަށް ވެސް ނެތްކަމަށް ފެންނާތީއެވެ. އެހެން ދިރާސާއަކުން ފެނި ވެސް ދާނެއެވެ.

މުންޑޫގެ އާބާދީގެ ބޮޑު ބައެއް މިވަނީ 2004 ގެ ސުނާމީގެ ފަހުން މި އަތޮޅު ގަމަށް ބަދަލުވެފައެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި މުސްކުޅީންގެ ހަނދާނުގައި ވެސް މުންޑޫގައި އުޅެފައިވަނީ އެންމެ ރެއްކެކެވެ. އެއީ ރެއްކަގެ ދޮންމޫސާގެ މަންމައެވެ. މުންޑޫ ބަށިމާގޭ މޫސާ ޢަލީ ނުވަތަ ރެއްކަގެ ދޮންމޫސާ ބުނުއްވާ ގޮތުގައި އޭނާގެ މަންމަ ރެއްކައަކީ "އެ ޅިޔަނަގެ ރެއްކު" އެވެ. ފޮތުނަމަކީ ޚަދީޖާއެވެ. ދޮންމޫސާބޭގެ ބައްޕައަކީ "ލޯ އައްޔަ" އެވެ. މިހާރު 78 އަހަރުވެފައިވާ ދޮންމޫސަބޭ އުފަންވީ މީލާދީގޮތުން 1942 ވަނަ އަހަރުގެ އޭޕްރީލުން 21 ގައެވެ. ދޮންމޫސާބޭ ބުނުއްވާ ގޮތުން އޭނާއާ އެއްބަނޑު އެއްބަފާ ތިބީ ރެއްކަގެ ދޮން ޢިސްމާޢީލް އާއި ރެއްކަގެ ދޮންމަރިޔަބެވެ. އެންމެ ހަގީ ދޮންމޫސާބެއެވެ. މުންޑޫގެ ފެމިލީ ހެލްތުވޯކަރުކަން ކުރެއްވި މަރިޔަމްދީދީގެ މަންމަ ޙައްވާ މަނިކެއާ ދޮންމޫސާބެ ވަކި ބަނޑެވެ. އެއް ބަފައެވެ. ލޯ އައްޔައަށް ޙައްވާމަނިކެ ލިބެނީ ތުއްތު މަނިކެގެ ބަނޑުންނެވެ. އެހެންކަމުން މިފެނުނު މަހާނަގަލުގައިވާ ތާރީޚާއި އެޅިޔަނަގެ ރެއްކު އުޅެފައިވާ ދުވަސްވަރާ އަޅައި ކިޔާއިރު ހުރި ދުރުމިނަށް ބަލާ ނަމަ، މި މަހާނަގަލުގައި ބަޔާންކުރާ ރެއްކަކީ އެޅިޔަނަގެ ރެއްކު ކަމުގައި ބެލެވޭނެ އެއްވެސް ފުރުޞަތެއް ނެތެވެ.

ދެން ބަލައިލަން ޖެހެނީ މުންޑުއާ އެންމެ ކައިރީގައި އޮތް މައިބައިދުއަށެވެ. މައިބައިދޫއަކީ މުންޑޫއާ އާއިލީ ގޮތުން ގުޅި ލައިމެހިފައިވާ ރަށެކެވެ. މައިބައިދޫ ރެއްކުބޭގެ ދަރިކޮޅަކީ މަޝްހޫރު ދަރިކޮޅެކެވެ. ރެއްކުބޭގެ ދަރިންކުރެ އުފަންވީ ތާރީޚު އެނގެނީ ރެއްކުބޭގެ ޢަލިފުޅާއި ފާޠިމާފުޅާއި ދޮންތުއްތުގެއެވެ. މީގެ ތެރެއިން އެންމެ ދުވަސްވީ ބޭފުޅަކީ މަޝްހޫރު ރެއްކުބޭގެ ޢަލިފުޅެވެ. މައިބައިދޫ ނުވަތަ މާބައިދޫ ޢަލީ ކަލޭގެފާނެވެ. ރެއްކުބޭގެ ޢަލިފުޅު އުފަންވީ ތާރީޚުކަމުގައި ބަލަނީ 1930 ވަނަ އަހަރުގެ އޮކްޓޯބަރުން 18 ކަމުގައެވެ. އެހެން ކަމުން މިފެނުނު މަހާނަގަލުގައިވާ ތާރީޚާއި ރެއްކުބޭ އުޅެފައިވާ ދުވަސްވަރާ އަޅައި ކިޔާއިރު ހުރި ދުރުމިނަށް ވިސްނައި ބަލާއިރު، މި މަހާނަގަލުގައި ބަޔާންކުރާ ރެއްކަކީ މާބައިދޫ ރެއްކުބޭ ކަމުގައި ބެލުމުގެ ފުރުޞަތެއް ވެސް ނެތެވެ.

މުންޑޫއާއި އެންމެ ކައިރިޔަށް މީހުން އުޅޭ ރަށަކަށް ދެން އޮތީ ކަޅައިދޫއެވެ. ކަޅައިދޫގެ ދަރިކޮޅުތައް ދިރާސާކުރައްވާ އަޙުމަދު ޝަބީން ވިދާޅުވަނީ ކަޅައިދޫގައި އުޅުނުކަމަށް މިހާރުގެ މުސްކުޅީންގެ ބަހުން އެނގެނީ "ރެއްކަގެ ދިޔަ" އެއް ކަމުގައެވެ. ކަޅައިދޫ ބަށިމާގޭ މަޙުމޫދު ޙުސައިނަކީ ރެއްކަގެ ދިޔަގެ މަޙުމޫދެވެ. މަޙުމޫދުބޭ އުފަންވީ 1935މ. ގައެވެ. އެހެންކަމުން މުންޑޫއާއި މާބައިދޫއަށް ނިސްބަތްވާ ރެއްކުންނާ ވެސް ގުޅުން ނެތް ފަދައިން ކަޅައިދޫ ރެއްކާ ވެސް މި މަހާނަގަލުގައި ބަޔާންކުރާ ރެއްކާ ގުޅުމެއް އޮތެކޭ ދެންނެވޭކަށް ނެތެވެ.

އިސްވެ ދެންނެވުނު ކަންކަމަށް ރިޢާޔަތްކޮށްފައި ބަލަންޖެހެނީ މި މަހާނަ ގަލުގައި ބަޔާންކުރެވިފައިވާ ރެއްކުގެ ޢާއިލާ ވަނީ ނޭނގުމެއްގެ ތެރޭގައިކަމަށެވެ.

____________________________

ޙަވާލާ ލިސްޓް:

ޙަސަން އަޙުމަދު މަނިކު، ޖީ.ޑީ ވިޖަޔަވަރުދަނާ، 1986މ، އިސްދޫ ލޯމާފާނު، ރޯޔަލް އޭޝިއަޓިކް ސޮސައިޓީ.

ނަސީމާ މުޙައްމަދު، 2009މ، ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން.

ދިވެހިބަހުގެ އެކަޑަމީ، 2020މ، ބަސްފޮތް. ރަދީފު.އެމް.ވީ

އައްޝައިޚް މުޙައްމަދު ޙަލީމް، މާރެސް، ލ.ގަން. (ބަސްދީގަތުން) Maares Haleem

އިސްހާޤް ޔޫސުފް، ކުދިލުނބޯމާގެ، ލ.ކަޅައިދޫ (ބަސްދީގަތުން)

އަޙުމަދު ޝަބީން، ލ.ކަޅައިދޫ 2020މ، (ބަސްދީގަތުން)

އަޙުމަދު ތައުފީޤް، އެވަރލާސްޓް، ލ.މުންޑޫ. (ބަސްދީގަތުން)

މޫސާ ޢަލީ، ބަށިމާގެ، ލ.މުންޑޫ. (ބަސްދީގަތުން)

ފޮޓޯ: ޙަސަން ނާދިހު، ސެވެންސްޓަރ، ލ.މުންޑޫ Nadhih Hassan

އިދާރާ

އެނގޭތަ؟

ވާހަކަ