އެންމެ އަގުހުރި ބަޔަކީ ދެ ފުށް ދެގޮތް މީހުންނެވެ.
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
އެއްދުވަހު އޮފީހުގެ މެނޭޖަރު އޭނަގެ މުވައްޒިފުން އިމްތިހާނުކޮށްލަން ބޭނުންވިއެވެ. ދެން ހުރިހާ މުވައްޒިފުން މަޝްވަރާކުރާ ކޮޓަރިއަށް ގެނެސް އެއްކުރިއެވެ. އަދި އެންމެންގެ ކުރިމައްޗަށް ސުވާލެއް ހުށަހެޅިއެވެ. "ދޭކާ ދޭކާ އެއްކުރީމަ ވާނީ ފަހެކެވެ! މި ޖަވާބު ރަަނގަޅު ހެއްޔެވެ؟" މެނޭޖަރު ސުވާލުކުރިއެވެ.
އެކަކު ބުންޏެވެ. ދޭކާ ދޭކާ އެއްކުރީމަވާނީ ހަމަ ފަހެކެވެ.
އަނެކަކު ބުންޏެވެ. ދޭކާ ދޭކާ އެއްކުރީމަ ވާނީ ފަހެކެވެ. އެއީ އަދި އެކެއް އިތުރުކޮށްފިނަމައެވެ.
ތިންވަނަ މުވައްޒިފު ބުންޏެވެ. ދޭކާ ދޭކާ އެއްކުރީމާ ފަހަކަށް ނުވާނެއެވެ. އެއީ ރަނގަޅު ނަތީޖާއެއްނޫނެވެ. ދޭކާ ދޭކާ އެއްކުރީމާ ވާނީ ހަތަރެެކެވެ.
ދެން އެދުވަހުގެ ބައްދަލުވުން ނިންމުނީ ކަމަށް ބުނެ، އަނެއްދުވަހު އައުމަށް މެނޭޖަރު ހުރިހާ މުވައްޒިފުން ގާތު ބުންޏެވެ.
އަނެއް ދުވަހު، އެންމެން އައިރު، ދޭކާ ދޭކަ އެއްކުރީމާ ވާނީ ހަތެރެކޭ ބުނި މުވައްޒިފެއް ނެތެވެ. އޭނާ އޮފީހުން ކަނޑައިލައި ވަކިކުރެވުނީއެވެ. ދެން، މެނޭޖަރު އެންމެނާ މުޚާތަބުކޮށް ބުންޏެވެ.
އިއްޔެ ތިމަންނާ ދޭކާ ދޭކާ އެއްކުރީމަ ވާނީ ފަހެއްތޯ ބުނުމުން ކަލޭމެންގެ ތެރެއިން އެކަކު އެއީ ރަނގަޅު ޖަވާބު ކަމުގައި ބުނީމު ނޫންހެއްޔެވެ؟ އޭނާއަށް ވެސް އޭނީ ހެދީ ދޮގުކަން އެނގޭނެއެވެ. އަދި އޭނާ ހެދީ ދޮގުކަން، އަހަންނަށާއި އަދި ކަލޭމެންނަށް ވެސް އެނގޭނޭ ކަން އޭނާއަަށް ވެސް އެނގޭނެއެވެ. ނަމަވެސް، ވައްކަމާއި ފަސާދަ އާންމު ވެފައިވާ މާހައުލެއްގައި ހިނގާނީ ޚުޝާމަަދުކުރުމާއި ދޮގުހެދުމެވެ. އެ ފަދަ މާހައުލެއްގައި އިންސާނާގެ ޒަމީރެއް ނޯންނާނެއެވެ. އެހެންވެ، ވެރިޔާ ބުނާ ކޮންމެ އެއްޗެއް، އެއީ ކަނޑައެޅިގެން ދޮގު ކަމުގައި ވިޔަސް، އެ ކަން ގަބޫލުކުރާ ވާހަކަ ބުނާކަށް ޖެހިލުމެއް ނުވާނެއެވެ. އަހަރުމެންގެ ކުންފުނީގައި ފަސާދަ އިންތިހާއަަށް ފެތުރިފައި ވުމުން، މިފަދަ ދޮގުވެރިން ކޮންމެހެން ވެސް އަހަރުމެންނަށް މުހިއްމެވެ!
ދެން، ކަލޭމެންގެ ތެރެއިން އެކަކު ބުނީ ދޭކާ ދޭކާ އެއްކުރީމައި ފަހެއް ވާނީ އަދި އިތުރު އެކެއް އެއްކުރުމުން ކަމުގައެވެ. އެއީ މަކަރު ވެރި، އެހެނަސް، ބޯ ރަނގަޅު މީހެކެވެ. އާނއެކެވެ. ބުރޯ ބޮލެއް އޭނާއަށް ލިބިގެން ވެއެވެ. ދަނޑިވަޅު ބަލައިފައި މަކަރާ ހީލަތް ހަދައި އަދި، ވައްކަންކުރުމުގެ ފުރުސަތެއް ލިބިެއްޖެ ނަމަ، އޭނާ ވައްކަން ވެސް ކުރާނެއެވެ. ނަމަވެސް، އޭނާ އަތުލައިގަންނަން އެހައި ފަސޭހައެއް ނުވާނެއެވެ. އޭނާ ކުރާ ކަމެއް ކުރާނީ، އެ ކަމުގައި އެންމެން ވެސް ޝާމިލުވާ ގޮތަށެވެ. އެ ފަދަ މީހުން ވެސް އަހަރުމެންގެ ކުންފުންޏަށް މުހިއްމެވެ!
ދެން ކަލޭމެންގެ ތެރެއިން ތިންވަނަ މީހާ ބުނީ ދޭކާ ދޭކާ އެއްކުރީމާ ވާނީ ފަހެކޭ ބުނުން ރަނގަޅު ނޫންކަމެވެ. އޭނާގެ ޖަވާބު ރަނގަޅެވެ. ނަމަވެސް، ތެދުވެރި އިޚުލާސްތެރިންނާއި ހައްގު ބަސް ބުނާ މީހުން، އަހަރުމެންގެ ފާސިދުކަން ބޮޑު ކުންފުންޏަކަށް ބޭނުމެއް ނުވެއެވެ. އެ މީހުންގެ ކިބައިގައި އަޚުލާޤީ އުސޫލެއް ހުންނާނެއެވެ. އެހެންވެ، އެ ގޮތުގައި ހިފަހައްޓަން އެ މީހުން މަސައްކަތްކުރާނެއެވެ. އަދި، ހައްގު ބަސް ބުނާން އެ މީހުން ޖެހިލުމެއް ނުވާނެއެވެ. ދީނާއި ގައުމު ވިއްކާކަށް އެ މީހުން އެއްބަހެއް ނުވާނެއެވެ. އެހެންވެ، އެ ފަދަ މީހުންނަކީ އަހަރުމެންގެ ކުންފުންޏަށް ބޭނުންވާނޭ މީހުންނެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ؟ އެ ފަދަ މީހުންނަކީ އަހަރުމެންނަށް ހުރި ބޮޑު ނުރައްކަލެކެވެ. އެހެންވެ، މިއަދު މިތާ އޭނާ ނެތެއް ނޫން ހެއްޔެވެ؟ އޭނާ އިއްޔެ ވަނީ ވަޒީފާއިން ވަކިކުރެވިފައެވެ.
ދެން، އެސިސްޓަންޓު މެނޭޖަރާ އިމްރާނާ މުޚާތަބުކޮށް، މެނޭޖަރު ބުންޏެވެ. ދޭކާ ދޭކާ އެއްކުރީމަ ވާނީ ފަހެއް ނޫން ހެއްޔެވެ؟
ޖަވާބުގައި އެސިސްޓަންޓު މެނޭޖަރު އިމްރާނު ބުންޏެވެ؟ ތިޔައީ ސީދާ ޖަވާބެއް ދޭން ވަރަށް ވެސް އުނދަގޫ ސުއާލެކެވެ. އެއް ހައިސިއްޔަތަކުން ބަލާއިރު، މިވެނި ޖަވާބެއް އަތުވެދާނެއެވެ. އަނެއް ހައިސިއްޔަތަކުން ބަލާއިރު އެވެނި ޖަވާބެއް ވެސް އަތުވެދާނެއެވެ. އެހެންވީމާ ތިޔަ ސުވާލުގެ ޖަވާބު ދެވޭކަށް ނެތެވެ!
ދެން، މެނޭޖަރު އޭނާގެ އެސިސްޓަންޓާ މުޚާތަބުކޮށް ބުންޏެވެ. ކަލެއަށް ސާބަހެވެ. ދެން އެންމެންނާ މުޚާތަބުކޮށް މެނޭޖަރު ބުންޏެވެ. ހުރިހަ އެންމެންގެ ތެރެއިން ވެސް އެންމެ ރަނގަޅު މީހަކީ އެސިސްޓެންޓު މެނޭޖަރެވެ. އޭނާއަކީ ފައްކާ މުނާފިގަކަށްވީމައެވެ! އެހެންވެ، އަހަރުމެން އެސިސްޓަންޓު މެނޭޖަރު ފަދަ މުނާފިގުން ދެކެ ވަރަށް ވެސް ލޯބިކުރަމެވެ.
____________________________