އަދުގެ ޚާއްސަ

Print

'ބާރަ ދުވަހުގެ ވާހަކަ' – ކީރިތި ރަސޫލާ (ﷺ) ގެ ސިޔަރަތުގެ ބައެއް މުހިއްމު މަގުފާހަގަތަކުގެ މައްޗަށް އަވަސް ކަޅިއެއް

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސިޔަރަތު

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

މިއަދަކީ އިހުގައި ދިވެހިން ކިޔާ އުޅުނު ގޮތުން ބާރަ ދުވަހެވެ. ރަބީއުއްލައައްވަލު މަހުގެ ބާރަވަނަ ދުވަހެވެ. އާދެ، ވަރަށް ގިނަ ބަޔަކު ދެކޭ ގޮތުގައި، ކީރިތި ރަސޫލާގެ (ﷺ) އުފަން ދުވަހެވެ. މި ދުވަސްވަރު ބާރަ ދުވަސް އައުމުން، އެންމެ ފުރަތަ ދެކެވޭ ވާހަކަތަކުގެ ތެރޭގައި މި ދުވަސް ފާހަގަކުރުމުގެ ޝަރުއީ ހުކުމް ބަޔާންކުރުން ހިމެނެއެވެ. އެއްބަޔަކު ދެކެނީ އެއީ ބިދުއަތެއްގެ ގޮތުގައެވެ. ދީނުގައި އަލަށް އުފައްދައިގެން އުޅޭ ކަމެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާ (ﷺ) އާއި އަދި ސަލަފުއްޞާލިޙުންގެ ދުވަސްވަރު، އާދެ، މުސްލިމުންގެ އިހުގެ ފުރަތަ ދެތިން ޖީލުގެ ފަރާތުން މި މުނާސަބާ އެއްގޮތަކަށް ވެސް ފާހަގަކޮށްފައި ނުވާކަމެވެ. އަނެއް ބަޔަކު، މި ކަން ފާހަގަކުރުމުގައި މައްސަލައެއް އޮތް ކަމަކަށް ނުދެކެއެވެ. މިއީ ދީނީ ކަމެއް، އެބަހީ، އަޅުކަމެއްގެ ގޮތުން، މާތްކަލާނގެއާއި ކުއްތަންވުމަށްޓަކައި، ކުރެވޭ ކަމެއް ނޫންކަމެވެ. ނަމަވެސް، ސަގާފީ، އެބަހީ، އާދަކާދައާ ގުޅުވައިގެން ކުރެވޭ ކަމެއްގެ ގޮތުގައި ދެކެއެވެ. ކޮންމެ އަކަސް، މި ލިޔުމުގެ ބޭނުމަކީ މި ބަހުސްގެ ތެރެއަށް ވަދެ، ޝަރުއީ ގޮތުން، މި ކަމުގެ ރަނގަޅު ނުރަނގަޅު ގޮތް ކަނޑައެޅުމެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަކީ އެހެން ދުވަސްތައް ފަދައިން، މިއަދުވެސް، ކީރިތި ރަސޫލާ (ﷺ) މަތިން ހަނދާންކޮށްލުމެވެ. އަދި، މި ގޮތުން ކޮންމެވެސް އެއްޗެއް ބުނެލުމެވެ.

ކީރިތި ރަސޫލާ (ﷺ)ގެ މަތީން ހަނދާންކޮށްލާން ގަސްދުކުރާއިރު، ލިޔެލާނެ ދެ ކަމެއް ހިތަށް އަރައެވެ. އެންމެ ފުރަތަމަ އެ ކަލޭގެފާނުގެ ސިޔަރަތެވެ. އެ ސިޔަރަތުގެ މުހިއްމު މަގުފާހަގަތަކެވެ. ދެން، އެކަމުން، މިއަދު، އަޅުގަނޑުމެންނަށް އޮތް ފިލާވަޅަކީ ކޮބައިކަމެވެ. މިއިން ކޮންމެ މައުޟޫއަކީ ވެސް، އެ ކަމާ ބެހޭ ގޮތުން ކުޑަވެސް ތަފްސީލެއް ލިޔާ ނަމަ، އެތައް އެތައް ހާސް ސަފުހާތަކެއް ފުރައިލެވިދާނޭ މައުޟޫއުތަކެކެވެ. ނަމަވެސް، އަޅުގަނޑުމެން ކަހަލަ، ކިޔުންތެރިކަމުގެ އާދަ ވަރަށް ވެސް ކުޑަކޮށް އޮތް ތަނެއްގައި، ދިގުކޮށް ލިޔާން ވެއްޖެ ނަމަ، ގިނަ ބަޔަކަށް، ލިޔުން ބަލައިލުން އޮންނާނީ ދަތިކަމަކަށް ވެފައެވެ. އެހެންވެ، ކުރުކޮށް ނަމަވެސް، މި ދެންނެވި ދެކަމުގެ މައްޗަށް އަލިއަޅުވައިލެވޭތޯ މަސައްކަތްކޮށްލާނަމެވެ. ކުރުކޮށޭ ދެންނެވި ކަމުގައި ވިޔަސް، ގިނަ ބަޔަކަށް މިވާނީ ދިގު ލިޔުމަކަށެވެ. އެކަމަށް މާފަށް އެދި، ލިޔަން ފަށަމެވެ.

ކީރިތި ރަސޫލާގެ (ﷺ) ސިޔަރަތަކީ އަޅުގަނޑުމެން އެހާ ބީރައްޓެހި ސިޔަރަތަކަށް ނުވާނެއެވެ. ކޮންމެ ރޯދަ މަހެއްގައި އެ މާތް ސިޔަރަތު، ދިވެހި ރޭޑިޔޯގެ ޒަރިއްޔާއިން، އަޅުގަނޑުމެންނަށް އިއްވެމުންދާތާ ފަސްދޮޅަސް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެހެން ހީވެއެވެ. އާދެ، މަރްހޫމު ސަލާހުއްދީނު ދިވެހި ބަހުން ލިޔުއްވި ކީރިތި ރަސޫލާގެ (ﷺ) ސިޔަރަތުގެ ވާހަކަތަކެވެ. އެހެންވެ، މިވާހަކަތަކަކީ މުޅިން އާ ވާހަކަތަކަކަށް ނުވާނެއެވެ. ނަމަވެސް، ވާހަކަތަކުގެ ހުށަހަޅައިލުމާއި އަމާޒު، އާންމުކޮށް އިވޭ ސިޔަރަތުގެ ވާހަކަތަކާ ތަފާތުވުން އެކަށީގެން ވެއެވެ.

ކީރިތި ރަސޫލާގެ ސިޔަރަތުގެ ވާހަކަ ދައްކާއިރު، އެ ސިޔަރަތު ދެބަޔަކަށް ބަހައިލެވިދާނެއެވެ. ފުރަތަމަ ބަޔަކީ ނަބަވީ ދައުވަތުގެ ކުރީ ދައުރެވެ. ދެވަނަ ބަޔަކީ ނަބަވީ ދައުރެވެ. ނަބަވީ މި ދައުރު ވެސް ދެ މަރުހަލާއަކަށް ބަހައިލެވިދާނެއެވެ. ނަބަވީ ދައުވަތުގެ މައްކީ މަރުހަލާއާއި ނަބަވީ ދައުވަތުގެ މަދަނީ މަރުހަލާއެވެ.

ކީރިތި ރަސޫލާގެ (ﷺ) ސިޔަރަތުގެ ނަބަވީ ދައުރުގެ ކުރިއަށް ނަޒަރު ހިންގައިލާއިރު، ލިބެން ހުރި މައުލޫމާތު ވަރަށް ވެސް ކުޑައެވެ. ފަހުގެ ނަބަވީ ދައުރާ އަޅައި ކިޔާއިރުއެވެ. އެނގެން އޮތް މިންވަރަކީ އެކަލޭގެފާނު އުފަންވެވަޑައިގަތީ 'އެތުގެ ހަނގުރާމައިގެ ހާދިސާ' ހިނގި އަހަރުއެވެ. އެކަން ހިނގީ މީލާދީ ސަނަތުން 570 ނުވަތަ 571 ވަނަ އަހަރުއެވެ. އެއަހަރު، ޔަމަނުކަރައިން ގެފުޅު ތަޅައިލައި ނެތިކޮށްލާން، އެތްތަކެއްގެ މަތީ ލަޝްކަރެއް އައެވެ. ނަމަވެސް، އެމީހުންގެ މަގުސަދު ހާސިލު ނުވެ، އެމީހުން ހަލާކުވެދިޔައީއެވެ. ކީރިތި ގުރުއާނުގައި ފީލު ސޫރަތުގައި މި ހާދިސާއަށް އިޝާރަތްކުރެވިފައިވެއެވެ. ދެން އެނގެނީ އެކަލޭގެފާނު އުފަންވެ ވަޑައިގަތީ މައްކާގައި ކަމެވެ. ގުރައިޝެއޭ ކިޔުނު ގަބީލާގެ ވަންހަތަކުގެ ތެރެއިން ހާޝިމުވަންހައިގެ ތެރެއަށެވެ. ހާޝިމު ވަންހައަކީ ގުރައިޝީ ގަބީލާގެ ބަނޑުތަކުގެ، އެބަހީ، ބައިތަކުގެ، ތެރެއިން، ބަނޑެކެވެ. ނުވަތަ ބަޔެކެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބު ކަމާއި ބައްޕާފުޅަކީ އަބްދުލް މުއްތަލިބުގެ ފުތް އަބްދުﷲ ކަމެވެ. އަދި، އެކަލޭގެފާނު އުފަންވެވަޑައިގަތުމުގެ ކުރިން، ބައްޕާފުޅު އަވަހާރަވިކަމާއި އަދި މަންމާފުޅު ވެސް އެކަލޭގެފާނުގެ އުމުރުފުޅުން ހަ އަހަރުފުޅުގައި އަވަހާރަވިކަމެވެ. އެކަލޭގެފާނު އެންމެ ތުއްޕުޅުއިރު ބެއްލެވީ އެކަލޭގެފާނުގެ ކިރުމައިކަމަނާ ކަމުގައިވާ ޘުވައިބަތުގެފާނެވެ. ދެން، އެއަށްފަހު އެކަލޭގެފާނުގެ މަންމާފުޅެވެ. އެކަލޭގެފާނުގެ މަންމާފުޅު އަވަހާރަވުމުން އެކަލޭގެފާނުގެ ކާފާފުޅެވެ. އެކަލޭގެފާނުގެ އުމުރުފުޅުން އަށް އަހަރުފުޅުގައި އެކަލޭގެފާނުގެ ކާފާފުޅު އަވަހާރަވުމުން، ބޮޑުފުޅުވަންދެން އެކަލޭފެފާނު ބެއްލެވީ ބޮޑުބޭބޭފުޅު އަބޫ ޠާލިބެވެ. 

އުމުރުފުޅުން ވަރަށް ހަގު އިރުއްސުރެން އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވަން ފެއްޓެވިއެވެ. އެންމެ ފުރަތަމަ، ބޮޑުބޭބޭފުޅަށް އެހީވެވަޑައިގެން ބަކަރި ހުއިހެއްޕެވުމުގައެވެ. ފަހުން ވިޔަފާރީގައި އެހީވެދެއްވުމުގައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން ވިހީގެ އަހަރުތަކަށް އެޅުނުއިރު، މައްކާގައި އެކަލޭގެފާނު މަޝްހޫރުވެފައިވަނީ ވިޔަފާރީގެ މައިދާނުގައި މަސައްކަތްކޮށްދެއްވާ ވަރަށް ވެސް ތެދުވެރި ބޭކަލެއްގެ ގޮތުގައެވެ. އާދެ، އަލްއަމީނުގެ ގޮތުގައެވެ. އެހެންވެ، މައްކާގެ މުއްސަނދި ބޭކަނބަލެއް ކަމުގައިވާ ޚަދީޖަތުގެފާނު އެކަމަނާފާނުގެ ވިޔަފާރީގައި އެހީވެދެއްވާން ކީރިތި ރަސޫލާގެ އަރިހުން އެދިވަޑައިގަތެވެ. އަދި، އެކަލޭގެފާނު އެކަން ގަބޫލުފުޅުކުރައްވައި އެކަން ކޮށްދެއްވިއެވެ. މި ކަމުގެ ނަތީޖާއަކަށްވީ ޚަދީޖަތުގެފާނު ކީރިތި ރަސޫލާގެ އަރިހުން ކައިވެންޏަށް އެދިވަޑައިގަތުމެވެ. ދެން، އެދެބޭފުޅުން ކައިވެނި ކުރެއްވިއެވެ. ތާރީޚީ މަސްދަރުތައް ބުނާ ގޮތުން، އެއިރު އިތުރުއެކަލޭގެފާނުގެ އުމުރުފުޅުން ފަންސަވީސް އަހަރެވެ. ޚަދީޖަތުގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރެވެ. ބައެއް އިލްމުވެރިންގެ ނަޒަރުގައި އެކަމަނާ އެއަށް ވުރެ ތަންކޮޅެއް ހަގުވެސް ވެދާނެއެވެ. އެ ކަމަނާއަށް ލިބިވަޑައިގަތް ދަރިކަލުންނާއި ދަރިކަނބަލުންގެ އަދަދުގެ މައްޗަށް ބަލައި، އަދި އާންމު ގޮތެއްގައި އަންހެނަކު ދަރިމައިވުމުގެ އުމުރަށް ވެސް ރިއާޔަތްކޮށް، އެކަމާނގެ އެއިރުގެ އުމުރުފުޅަކީ، 35ކަމުގައި ވެސް، މި ދެންނެވި އިލްމުވެރިން ލަފާކުރައްވައެވެ. ސުންނީ މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމަނާފާނު، ކީރިތި ރަސޫލާ (ﷺ)އާ ކައިވެނި ބައްލަވައިގަތުމުގެ ކުރީން ދެ ކައިވެންޏެއް ކުރައްވައި، ދަރިކަލުން ލިބިވަޑައިގަތެވެ.

ކީރިތި ރަސޫލާގެ ތުއްޕުޅުއިރާއި އަދި ޅަ ޒުވާންއިރުގެ ދުވަސްތަކަށް ބަލައިލާއިރު، އެ ދުވަސްތަކަކީ އެއްގޮތަކަށް ވެސް މުއްސަނދި ހަޔާތެއްގެ ދުވަސްވަރެކޭ ނުބުނެވޭނެއެވެ. އެ ދުވަސްވަރު ސިފަކުރުން ގާތީ ފަގީރު ދުވަސްވަރެކޭ ދެނެނވުމާއެވެ. ނަމަވެސް ޚަދީޖަތުގެފާނާއި ކައިވެނިފުޅުބައްލަވައިގެން، އެކަމަނާގެ މުދާ އިސްތިސްމާރުކުރައްވައި ވިޔަފާރިގެ މަސައްކަތްޕުޅުގައި އުޅުއްވުމުގެ ނަތީޖާއަކަށްވީ އެކަލޭގެފާނުގެ އާންމު ދިރިއުޅުއްވުން، މީހުންގެ އެހީއަށް ބޭނުން ނުވާ ފުދިވަޑައިގެންފައިވާ ދިރިއުޅުއްވުމަކަށް ބަދަލުވުމެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގެ މި ދުވަސްވަރަށާއި އަދި އެކަލޭގެފާނުގެ މި ދުވަސްވަރުގެ މައީޝަތަށް ޟުޙާ ސޫރަގުގައި އިޝާރަތްކުރެވިފައި ވެއެވެ. ފަގީރު ހާލުކޮޅެއްގައި އުފަންވެ ބޮޑުފުޅުވުމާއި އަދި ފަހުން އެ ހާލަތު ބަދަލުވެގެން ދިޔަ ގޮތުގެ މައްޗަށެވެ.

މި ދެންނެވި ގޮތަށް އެކަލޭގެފާނުގެ މައީޝީ ހާލަތު ބަދަލުވުމުން، މައްކާގެ އާންމު ހާލަތާ މެދު ވިސްނައިވަޑައިގަތުމުގެ ފުރުސަތު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. މައްކާގެ ދީނީ ހާލަތުގެ މައްޗަށެވެ. އެ މީހުންގެ ދީނީ އިއުތިގާދުތަކާއި ދީނީ ރަސްމުތައް، އެބަހީ އެ އިތުގާދުތަކާއި ގުޅިފައި އޮންނަ ދީނީ އަޅުކަމުގެ ކަންކަމުގެ މައްޗަށެވެ. މި ކަންކަމުން، އެ މީހުންގެ ފަރުދީ އަޚުލާގަށް ކުޑަކޮށް ވެސް އަސަރުނުކުރާ ކަމުގެ މައްޗަށެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ މުއްސަނދިކަމެއް ހޯދުމުގެ ރޭހުގައި އަވަދި ނެތި އުޅެ، މުޖުތަމައުގެ އެހެން ފަރުދުންނަށް އަޅައިނުލުމުގެ މައްޗަށެވެ. ކީރިތި ގުރުއާނުގެ މައްކީ މަރުހަލާގެ ކުރީ ކޮޅުގެ ސޫރަތްތަކުގައި މި ކަން ކަމަށް އިޝާރަތްކުރެވިފައި ވެއެވެ. މިސާލަކަށް، ތަކާޘުރު ސޫރަތާއި ޟުޙާ ސޫރަތުގެ އެންމެ ފަހު ތިން އާޔަތާއި، އަދި މާޢޫން ސޫރަތަށް ބައްލަވާލައްވާށެވެ! މައްކާގެ ފަރުދިއްޔަތުގެ މި ގޮތް ނިޔާކުރީ މައްކާގެ މުޖުތަމައު ގިންތިތަކަކަށް ބެހިފައި އޮތުމެވެ. ފައިސާވެރި މުދާވެރި ލިބޭ ބަޔަކާއި ފަގީރު ނިކަމެތި ބަޔަކަށެވެ. މި ދެވަނަ ބައިގެ ތެރޭގައި އެއްވެސް ހައްގެއް ނެތް، އަޅުންވެސް ހިމެނުނެވެ.

ޚަދީޖަތުގެފާނާ ކައިވެނިބައްލަވައިގަތުމަށް ފަހު، އިތުރު އެކަލޭގެފާނުގެ މައީޝީ ހާލަތު ރަނގަޅުވުމުން، މައްކާގެ މި ނަންގަތް މައްސަލަތަކުގެ މައްޗަށް ވިސްނުމުގެ ފުން ނަޒަރެއް ހިންގަވައި އެ ކަންކަމަށް ހައްލެއް ހޯއްދެވުމާ ބެހޭ ގޮތުން މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އަދި، މުޖުތަމައުއާ އެކަހެރިވެވަޑައިގެން، މައްކާގެ ރަށްބޭރުގެ ފަރުބަދައަކަށް އަރައިވަޑައިގެން އެކަނި އިންނަވައި ތައައްމުލުކޮށް، ފިކުރުކުރައްވާން ފެއްޓެވިއެވެ. ކީރިތި ޤުރުއާނުގެ އިންޝިރާހު ސޫރަތުގައި މި ފިކުރުއްވުމުގެ މަސައްކަތަށް އިޝާރަތްކުރެވިފައިވެއެވެ. އެ ސޫރަތުގައި އެކަލޭގެފާނުގެ މި ފިކުރުކުރެއްވުމަކީ އެކަލޭގެފާނުގެ ބުރިކަށިފުޅު 'ބިންދާލި'ކަމެއް ކަމުގައި ސިފަކުރެވިފައި ވެއެވެ. އާދެ، އެކަމުގެ ތެރެއަށް ވެދެވަޑައިގެން، އެކަމާއިގެން މަޝްޣޫލުވެލެއްވި ބޮޑުކަމުން އެކަލޭގެފާނަށް ކުރި އަސަރު ބަޔާންކޮށްދިނުމުގެ ގޮތުންނެވެ.

އެކަލޭގެފާނު ކަންބޮޑުވެވަޑައިގެން އެ ކަންކަމާ މެދު ފިކުރުކުރެއްވި މައްސަލަތައް – މައްކާގެ މީސްތަކުންގެ ފަރުދީ ހަޔާތް އިސްލާހުކުރުމުގެ މައްސަލައާއި އަދި މައްކީ މުޖުތަމައު އަލުން ތަންޒީމުކުރާނޭ ގޮތުގެ މައްސަލަ – މި މައްސަލަތަކުގެ ހައްލު އައީ އިލާހީ ރިސާލަތެއްގެ ސިފައިގައެވެ. އާދެ، ކީރިތި ގުރުއާނުގައެވެ. ކީރިތި ގުރުއާނުގެ ރިސާލަތުގެ ފެށުން އައީ ހިރާ ފަރުބަދައިގައި އެކަލޭގެ ފާނުގެ ތަހައްނުސުގެ އަމަލުގައި – ވިސްނައިވަޑައިގެން ފިކުރުފުޅުކުރައްވައި، ތައައްމަލު ކުރެއްވުމުގެ އަމަލުގައި – އިންނަވަނިކޮށެވެ. އެއިރު އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރުފުޅެވެ. އާދެ، އެކަލޭގެފާނުގެ ސިޔަރަތުގެ ނަބަވީ ދައުރުގެ ފުރަތަމަ މަރުހަލާ ފެށުނީއެވެ.

އެކަލޭގެފާނުގެ ނަބަވީ މަރުހަލާ ފެށުނީ 'اقرأ'، ކަލޭގެފާނު ކިޔުއްވާވިދާޅުވާށެވެ!، މި އިބާރާތުންނެވެ. އާދެ، ކިޔުމާއި ކިޔެވުމަށް ބާރުއަޅަމުންނެވެ. ނޭނގޭ ކަންކަމަށް އުނގެނުމަށް ބާރުއަޅަމުންނެވެ. އެހެން އިބާރާތަކުން ބުނާ ނަމަ، ވިސްނައި ފިކުރުކޮށް، ސިކުނޑީގެ ބޭނުންކުރުމަށް ބާރުއަޅަމުންނެވެ. މައްކީ ސޫރަތްތަކުގައި އިންސާނުންގެ ނަފްސަށާއި އަދި އޭނާގެ ވަށައިގެންވާ ބިމުގެ ތަބީއީ މަންޒަރުތަކަށާއި، އުޑުގެ ފަލަކީ މަންޒަރުތަކަށް ވެސް ވިސްނައި ފިކުރުކުރަން ގޮވައިލެވިފައިވެއެވެ. މި ކަންކަމަކީ އެއްކައުވަންތަ އިލާހެއް ވޮޑިގެންވާކަން އިންސާނާގެ ސިކުނޑި މެދުވެރިކޮށް ދެނެގަނެވޭނޭ، ކަމަކަށްވާތީއެވެ. މިސާލަކަށް ނާޒިޢާތު ސޫރަތާއި ޢަބަސަ ސޫރަތާއި ޠާރިޤު ސޫރަތަށް ބައްލަވާލައްވާށެވެ! މި ކަންކަމުގެ މައްޗަށް ނަޒަރު ހިންގުމަށް ގޮވައިލެވިފައިވާތަން ފެންނާނެއެވެ.

ނަބަވީ ދައުރުގެ މައްކީ މަރުހަލާގައި އިތުރު އެކަލޭގެފާނުގެ އަމާޒަކަށްވީ ފަރުދީ އިސްލާހެވެ. ވަކި ޚާއްސަ އަގުތަކެއްގެ މައްޗަށް ބިނާވި ފަރުދީ އިސްލާހެކެވެ. މި އަގުތަށް ޚުލާސާވެފައިވަނީ 'ތަޤުވާވެރިވުމުގެ' މަފްހޫމުގެތެރޭގައެވެ. މާތްކަލާނގެ ވޮޑިގެންވުމާއި އެކަލާނގެ އައްކައުވަންތަކަން ގަބޫލުކުރުމެވެ. އަދި، މިކަން ގަބޫލުކުރާ މީހާ، އާދެ، މުއުމިނާގެ ނަފްސުގައި، މާތްކަލާނގެ މި ތަސައްވުރު، އެއްކައުވަންތަކަމުގެ ތަސައްވުރު، އަށަގަންނަވައި، އެ ގޮތުގެ މަތީގައި ނަފްސު ހޭލައްވައި، ރަނގަޅާއި ނުރަނގަޅެއް، ހެވާއި ނުބައެއް އޮތްކަން ދެނެގަނެ، ރަނގަޅުކަންތައް ކުރުންމަތީ ދެމިހުންނަށް މަސައްކަތްކޮށް، އޭނާގެ ނަފްސު އިސްލާހުކުރުމާއެވެ.

މި ގޮތުން، އެންމެ ފުރަތަމައިން ވެސް ކުރާންޖެހޭނޭ ކަންތައްތަކާއި ކޮށްގެން ނުވާނޭ ކަންތައްތަކެއް ކަނޑައަޅައިލެވުނެވެ. މާތްރަސްކަލާނގެއަށް އީމާންވެ އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ. ދޮގު ހެދުމާއި ވައްކަންކުރުމުން، މުޅިން، ދުރުވުމެވެ. ޒިނޭފަދަ ފާޙިޝް އަމަލުތަކާ ގާތް ވެސް ނުވުމެވެ. ސިހުރު ހާހޫރައާ ދުރުވުމެވެ. އަދި، ކެރިފޯދިވީ ވަރަކުން ނިކަމެތިންނަށް އެހީވުމެވެ. ކުރު ގޮތަކަށް، ކީރިތި ޤުރުއާނުގެ އިބާރަތުން، ބުނާނަމަ 'އިސްތިގާމާގެ' މީހަކަށް، އެބަހީ، 'ސީދަލަށް'، ނުވަތަ 'ތެދަށް' ހުންނަ މީހަކަށް ވުމެވެ. އާދެ، ހެޔޮލަފާ މީހަކަށް ވުމެވެ. އަޅުގަނޑުމެން މުސްލިމުން މިއަދު ވެސް، ކޮންމެ ދުވަހަކު މަދުވެން ސަތާރަ ފަހަރު، އެކަމަށް އެދި މާތްރަސްކަލާނގެ ޙަޟުރަތުގައި ދަންނަވާ ކަންތައް، 'އަޅަމެނަށް ސީދާ މަގު ދައްކަވާފާނދޭވެ'، މި ކަން ހާސިލުވެ، މި ފަދަ ހެޔޮލަފާ މީހަކަށް ވުމެވެ.

ނަބަވީ މައްކީ ދައުރުގައި ފަރުދީ އިސްލާހުގެ މި މަސައްކަތުގައި ތޭރަވަރަކަށް އަހަރު އިތުރު އެކަލޭގެފާނު ދެމިހުންނެވިއެވެ. ނަމަވެސް މާބޮޑު ކާމިޔާބެއް ލިބިވަޑައެއް ނުގަނެއެވެ. މައްކާގެ އަހުލުވެރިންގެ މަދު ބަޔަކު ފިޔަވައި، އެކަލޭގެފާނުގެ ދައުވަތާ އިދިކޮޅު ހެދިއެވެ. އަދި، އެކަލޭގެފާނަށާއި އަދި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ދަތިއުނދަގޫތައް މެދުވެރިކުރިއެވެ. މުސްލިމުންގެ ނިކަމެތީންނަށް ޖިސްމާނީ އަނިޔާކޮށް އަދި ބައެއް މުސްލިމުން މެރި ވެސް މެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމެއްގެ ސަބަބުން، ކީރިތި ރަސޫލާގެ އަޒުމަކަށް ކުޑަވެސް ގުނޑުމެއް ނާދެއެވެ. އަދި އެކަލޭގެފާނުންނަށް ތަބާވީ މީހުންގެ އީމާންކަމަކަށް އެއްވެސް ހީނަރުކަމެއް، ބަދަލެއް ނާދެއެވެ. ބިލާލުގެފާނަށް އަނިޔާކުރެވެމުން ދިޔައިރު، 'އަހަދް، އަހަދޭ؛ (އެކަލާނގެއީ އެއްކައުވަންތަ އިލާހޭ) ވިދާޅުވަމުން ގެންދެވި މަންޒަރު ހިތަށް ގެންނަވާށެވެ.

މައްކާގެ އަހުލުވެރިން އެކަލޭގެފާނުގެ ދައުވަތު ބަލައިނުގަންނާނޭކަން އެނގިވަޑައިގަތުމުން، ދެން އިތުރު ރަސޫލާގެ (ﷺ) ދައުވަތުގެ މަސައްކަތް އެހެން ދިމާއަކަށް އަމާޒުކުރެއްވިއެވެ. އެންމެ، ފުރަތަމަ މައްކާގެ ކައިރީ އޮންނަ ކުޑަ ރަށެއްކަމުގައިވާ ތާއިފުގެ އަހުލުވެރިންނަށެވެ. އެރަށުން ވެސް އެކަލޭގެފާނުގެ ދައުވަތަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައި ނުގަތުމުން، އެނބުރި މައްކާއަށް ވަޑައިގަތެވެ. އަދި، އެއަށްފަހު، ހައްޖު މޫސުމުގައި މައްކާއަށް އަންނަ އަރަބި އެހެން ގަބީލާތަކަށް ދައުވަތު ދެއްވަން ފެއްޓެވިއެވެ. މިތާ ހަނދާންކޮށްލާން ޖެހެނީ ހައްޖަކީ އިސްލާމް ދީނުގެ ކުރީން ވެސް ކުރެވެމުން އައި އަޅުކަމެވެ.

ހައްޖުގެ ދުވަސްވަރު މައްކާއަށް ޒިޔާރަތް ކުރި ޔަޘްރިބުގެ ބަޔަކާ ބައްދަލުވެވަޑައިގެން އެ މީހުންނަށް ދައުވަތު ދެއްވިއެވެ. އަދި އެމީހުން އިސްލާން ދީން ގަބޫލުކޮށް، އެނބުރި މަދީނާއަށް ގޮސް، މަދީނާގައި އެ މީހުން އިސްލާން ދީނުގެ ދައުވަތުގެ މަސައްކަތްކުރިއެވެ. އަދި، މަދީނާގެ ބައެއް މީހުން އެ ދައުވަތު ގަބޫލުކޮށް އިސްލާންވިއެވެ. ދެން، ވިދިގެން އައި އަހަރުތަކުގައި ވެސް، ހައްޖު މޫސުމުގައި، މީގެ ތެރެއިން ބައެއް މީސްމީހުން މައްކާއަށް ދިޔައެވެ. އަދި، ޔަޘްތިބަށް ހިޖުރަކުރެއްވުމަށް، ކީރިތި ރަސޫލާއަށް ދައުވަތު އެރުވިއެވެ. ދެން، އެކަލޭގެފާނު އެ ދައުވަތު ގަބޫލުކުރައްވައި އެކަލޭގެފާނަށް ތަބާވި މީހުންނަށް ޔަޘްރިބަށް ހިޖުރަކުރެއްވުމަށް އެންގެވިއެވެ. އަދި އެއަށް ފަހު، އެކަލޭގެފާނު ވެސް ޔަޘްރިބަށް ހިޖުރަކުރެއްވިއެވެ. ދެން ޔަޘްރިބު ވެގެން ދިޔައީ ކީރިތި ރަސޫލާގެ ރަށަށެވެ. އާދެ، ޔަޘްރިބުގެ ނަން، މަދީނާގެ ނަމަށް ބަދަލުވެގެން ދިޔައީއެވެ. އަދި، މިހިސާބުން ނަބަވީ މައްކީ މަރުހަލާ ނިމި ނަބަވީ މަދަނީ މަރުހަލާ ފެށުނީއެވެ.

ނަބަވީ މަރުހަލާގެ އަމާޒަކަށްވީ އިސްލާމީ މުޖުތަމައެއް ބިނާކުރުމަށެވެ. މި ކަމުގެ އަސާސަކަށް، ބިންގަލަކަށް، ދެ އަގެއް، ކަނޑައަޅައިލެވުނެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ ދެ އަގެވެ. މަދީނާގައި ގާއިމުކުރެވުނު އިސްލާމީ ފުރަތަމަ ދައުލަތުގެ ބިނާކުރެވުނީ މި ދެ ކަމުގެ މައްޗަށެވެ. މިސާލަކަށް، ޙުޖުރާތު ސޫރަތުގެ ފަހު ބައިންނާއި މާއިދާ ސޫރަތުގެ އަށްވަނަ އާޔަތުން މި ކަން ފެނިގެންދާނެއެވެ.

މި ތަނުގައި، ކުޑަކޮށް މަޑުޖައްސައިލައި، މުހިއްމު ކަމެއް ފާހަގަކޮށްލާން ޖެހެއެވެ. ކީރިތި ރަސޫލާގެ (ﷺ) ސިޔަރަތުގެ ވާހަކަ ދައްކާއިރު ހަނދާންކޮށްލުން ވަރަށް ވެސް މުހިއްމު ވާހަކައެކެވެ. އެއީ، ޙުޖުރާތު ސޫރަތުގައި ބަޔާންކުރެވިފައިވާ ގޮތުން، ހުރިހާ އިންސާނުންނަކީ ހަމަހަމަ ބަޔެއް ކަމުގައި ކަނޑައަޅައި ގޮވައިލި ގޮވައިލުމުގެ ވާހަކައެވެ. މިއީ ކީރިތި ގުރުއާނުގެ ތައުލީމާތުތަކުގެ ތެރެއިން، އެންމެ އަސްލީ، (އޮރިޖިނަލް)، އެބަހީ މުޅިން އަލަށް، ގޮވައިލައި އިއުލާނުކުރެވުނު ކުރެވުމެކެވެ.

މި ކަމުގެ އަމަލީ ސިފަ މަދީނާގެ ގާނޫނު އަސާސީއޭ ކިޔުމު ވަސީގާއިން، ރަސްމީ ލިޔުމުން ވެސް، ފެނިގެންދެއެވެ. ހުރިހާ ގަބީލާތަކުގެ މީހުންނަކީ ވެސް، އެއީ މުސްލިމުން ކަމުގައި ވިޔަސް، ނޫނީ މުސްލިމުން ނޫންކަމުގައި ވިޔަސް، އެއްކަހަލަ ހައްގުތަކެއް ލިބިފައިވާ ބައެއްކަން އެ ލިޔުމުގައި ވެއެވެ. ދީނީ މިނިވަންކަމެވެ. ގާނޫނުތައް ހިންގުމުގެ މިނިވަންކަމެވެ. މަސައްކަތްކޮށް ހެޔޮ ދިރިއުޅުމެއް ލިބުމުގެ މިނިވަންކަމެވެ. މިއާ ވިދިގެން ވަރަށް ބޮޑު މަސްއޫލިއްޔަތެއް ވެސް ކަނޑައެޅިފައި އޮތެވެ. މަދީނާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، އެންމެން އެކުގައި، އެބަހީ މުސްލިމުންނާއި ޣައިރު މުސްލިމުން އެކުގައި، މަދީނާ ދިފާއުކުރުމުގެ މަސްއޫލިއްޔަތެވެ. އަދި މިކަމުގެ ޚަރަދުގައި ވެސް އެންމެ އެކުގައި ހަމަހަމަ ގޮތެއްގައި ހިފުމެވެ.

މީގެ އިތުރުން، ހަމަހަމަކަން އަމަލީ ސިފައެއްގައި ހިންގައިލުމުގެ ގޮތުން، ޒަކާތުގެ ތަފްސީލުތައް، މަދަނީ ދައުރުގައި ބަޔާންކުރެވި، މުޖުތަމައުން ފަގީރުކަމާއި މުހުތާދުކަން ނައްތައިލުމުގެ މަސައްކަތް ފެށުނެވެ. އަދި، ކީރިތި ރަސޫލާއަށް ފަހު ވެސް، ދެން އައި ފަނަރަވަރަކަށް އަހަރު ވަންދެން މި ކަން ތަރައްގީކުރެވުނެވެ. ޒަކާތް ނެގުމުގެ ތަކެތީގެ ދާއިރާ ފުޅާކޮށް، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ފެންޝަނުގެ ނިޒާމެއްގެ ބިންގާ ވެސް އެޅި، އަދި އުމަރުގެފާނުގެ ޚިލާފަތުގައި އެ ކަން އިތުރަށް ތަރައްގީކުރެވުނެވެ. އަދި، ބޭނުން ޖެހިއްޖެ ނަމަ، ޒަކާތުގެ ނިސާބަށް ބަދަލު ގެނައުމުގެ ޚިޔާލު ވެސް އުމަރުގެފާނު ފާޅުކުރެއްވިއެވެ. މީގެ އިތުރަށް، ހަމަހަމަކަން ނިޔާކުރި އަނެއްކަމަކީ އަދުލު އިންސާފުގެ ކަންކަން އެންމެންގެ ތެރޭގައި، އެއްވެސް މީހެއްގެ މޫނަށް ބެލުމެއް ނެތި، ހަމަހަމަ ގޮތެއްގައި، ހިންގައިލުމުވެ. މި ކަމުގެ އެންމެ ބޮޑު ހެކި އިތުރު އެކަލޭގެފާނުގެ ބަސްފުޅަކުން ފެނިގެންދެއެވެ. "ތިމަންގެ ދަރިކަނބަލުން ފާތިމަތުގެފާނުގެ ވައްކަންކުރެއްވިޔަސް، އެ ކަމަނާގެ އަތްޕުޅުވެސް ތިމަންކަލޭގެފާނު ކެނޑުއްވީމުހެވެ'، މިބަސްފުޅުންނެވެ.

މަދީނާގައި އިސްލާމީ ދައުލަތެއް ގާއިކުރެއްވުމުގެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވިއިރު، އެކަލޭގެފާނާއި ވަރުގަދަ ދެ ގޮންޖެހުމެއް ކުރިމަތިވިއެވެ. މަދީނާގެ ތެރެއިން އައި ދާޚިލީ ގޮންޖެހުމަކާއި މަދީނާގެ ބޭރުން އައި ޚާރިޖީ ގޮންޖެހުމެކެވެ. މަދީނާގެ ތެރެއިން މަދީނާގައި އުޅުނު ޔަހޫދީ ގަބީލާތައް އެ މީހުންނާ ކުރެވުނު މުއާހަދާތަކާ ޚިލާފުވެ، މުސްލިމުންނާ ދެކޮޅުވެރިވެ ގަތެވެ. މި ކަމުގެ އަސްލު ގުޅެނީ މަދީނާގައި އޮތް މަދީނާގެ ޔަހޫދީންގެ ވިޔަފާރީގެ މަގާމާއެވެ. މި މަގާމު ގެއްލި މުސްލިމުންގެ އަތް މައްޗަށް މި ކަން ފުރޮޅިގެން ހިނގައިދާނެ ކަމުގެ ބިރު ހީވުމުން، މުސްލިމުންނާ ދެކޮޅުވެރިވެގަތީއެވެ. މި ކަން ފެށުނީ ކީރިތި ރަސޫލާގެ ނިންމެވި ނިންމުމަކަށް އަމަލީ ސިފަ ގެންނަވާތަން ފެށުމުންނެވެ. ކުރިން ދެންނެވި، މަދީނާގެ ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތް އެއް ބަންދަކީ މުސްލިމުންނަކީ އިގުތިސާދީ ގޮތުން މިނިވަން ބަޔެއް ކަމުގައެވެ. އަދި އެހެންވެ، އެ މީހުންނަކީ، އެ މީހުންގެ މައީޝީކަންކަން ފުއްދުމުގައި އެހެން މީހުންގެ މައްޗަށް ބަރޯސާވާނޭ ބަޔަކަށް ނުވާނޭކަމެވެ. މި ކަމަށް އަމަލީ ސިފަ ގެންނެވުމުގެ ގޮތުން، އިޚާއުގެ މުއައްސަސާ ގާއިމުކުރެވުނެވެ. މުހާޖިރިއްޔަ ބޭކަލުންނާއި އަންސާރިއްޔަ ބޭކަލުންނަކީ އަޚުންކަމުގައި ހައްދަވައި، މުޖުތަމައުގެ ފަގީރުކަމުގެ މައްސަލައިގެ މަސްއޫލިއްޔަތު އުފުލުން އެންމެންގެ މައްޗަށް ބައްސަވައިލެއްވިއެވެ. އަދި، ސަދަގާތް ދިނުމަށް އިތުރަށް ބާރުއެޅިގެން ދިޔައެވެ. މުސްލިމުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، ޒަކާތުގެ ތަފްސީލުތައް ހަމަޖެހިދަންދެން މި ކަން ކުރިއަށް ގެންދެވުނެވެ. މި ކަން ވެސް ކީރިތި ރަސޫލާގެ ބަސްފުޅަކުން ފެނިގެން ދެއެވެ. 'ކަލޭމެންގެ އަތުގައި ކަދުރެއްގެ އެތިކޮޅެއް ބާކީ އޮތް ނަމަވެސް، އެއިން ސަދަގާތްކުރާށެވެ!'، މި ބަސްފުޅުންނެވެ.

މީގެ އިތުރަށް، މުސްލިމުންގެ އަމިއްލަ ބާޒާރެއް ވެސް، މަދީނާގައި ގާއިމުކުރެވުނެވެ. މި ކަން ވެގެން ދިޔައީ ޔަހޫދީ ގަބީލާތަކުގެ ނުރުހުން ލިބުނުކަމަކަށެވެ. އަދި، މަދީނާގެ ޔަހުދީ ގަބީލާތަކާއި މުސްލިމުންނާ ލެޑެން (ޖެހިގަންނާން) ދިމާވި މައިގަނޑު ސަބަބަށެވެ. މި ކަމަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެއްކޮޅުން، މަދީނާގެ ޔަހޫދީ ގަބީލާތަކަށް އިސްލާމް ދީނަށް ވަނުމަށް ދައުވަތު ދެވުނެވެ. އެ މީހުންގެ ފަރުދުންގެ އިގުތިސާދީ ހާލަތު، އޭރުން، އެ މީހުން ހީކުރާ ގޮތަށް ބަދަލުނުވެ، ދެމިއޮންނާނެތީއެވެ. އަނެއްކޮޅުން، މައްކާގެ މުޝްރިކުންނާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް އެ މީހުން ރާވަމުންދާ ރޭވުންތަކުން، ސަލާމަތްވުމަށް މުސްލިމުން ހޭލުންތެރިކުރުވައި އަދި، ޔަހޫދީންގެ ތާރީޚުން އިބުރަތް ލިބިގަނެ، ދީނީ އަގުތަކުގައި ހިފަހައްޓައިގެން ތިބުމަށް މުސްލިމުންނަށް އިރުޝާދު ދެވުނެވެ. މިވާހަކަތައް، ބަޤަރާ ސޫރަތުގެ ސާޅީސް ވަނަ އާޔަތުން ފެށިގެން ސަތޭކަ ސައްވީސް ވަނަ އާޔަތާ ހަމައަށް ބަޔާންކުރެވިފައިވެއެވެ.

ކޮންމެއަކަސް، މަދީނާގެ ޔަހޫދީންގެ ފަރާތުން ކުރިމަތިވީ ގޮންޖެހުމާއި އިތުރު އެކަލޭގެފާނު ކުރިމަތިލެއްވިއެވެ. އެ މީހުންނާ ކުރެވުނު މުއާހަދާއާ ޚިލާފުވެ، މައްކާގެ މުޝްރިކުންނާ ބައިވެރިވެ، މުސްލިމުން ނެތިކޮށްލާން މަދީނާގެ ޔަހޫދީން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އާޚިރުގައި، އެ މީހުން ބަލިވެ، އެމީހުންގެ ދެ ގަބީލާއަކަށް މަދީނާއިން ބޭރުވާން ޖެހުނެވެ. އަދި، އެ މީހުންގެ ތިން ވަނަ ގަބީލާއެއްގެ މީހުން، ހަނގުރާމައިގައި ބަލިވެ، އެ ދުވަސްވަރުގެ ހަނގުރާމައިގެ ގާނޫނާއި ގަވާއިދުތަކުގެ މަތިން، މަރަން ހުކުމްކޮށް މެރުނެވެ. މި ހަނގުރާމައަކީ ޚަންދަގު ހަނގުރާމައެވެ. އެމީހުން ތިބީ، މައްކާގެ މުޝްރިކުން ބޭރުން އައިސް މަދީނާއާ ހަމަލަދީ މަދީނާއަށް އަރައިގަތުމުން، މަދީނާގެ އެތެރެއިން މުސްލިމުންނާ ހަމަލާދޭށެވެ. ކޮންމެ އަކަސް މައްކާގެ މުޝްރިކުންގެ ރޭވުން ނާކާމިޔާބުވެ، އެމީހުން ބޭނުން ގޮތަކަށް ކަންތައް ނުވީއެވެ. އަދި، އެއަށް ފަހު، މައްކާގެ މުޝްރިކުންނާ ބައިވެރިވި މީހުން، ހިސާރުކުރެވި، ބަލިކުރެވި، އެމީހުންނަށް މަރުގެ އަދަބު ދެވުނީއެވެ.

ޚާރިޖީ ގޮން ޖެހުމަކަށްވީ ދެންމެ އިޝާރަތްކޮށްލި ފަދައިން، މައްކާގެ މުޝްރިކުންނެވެ. މައްކާގެ މުޝްރިކުންގެ ވެސް އެދުމަކަށްވީ މުސްލިމުން ނެތިކޮށްލުމެވެ. މި ގޮތުން މައިގަނޑު ހަތަރު ހަނގުރާމަ ކުރެވުނެވެ. އެންމެ ފުރަތަ މައިގަނޑު ހަނގުރާމައަކީ ހިޖުރައިން ދެވަނަ އަހަރު ކުރެވުނު ބަދުރު ހަނގުރާމައެވެ. މި ހަނގުރާމައިގައި، މުސްލިމުނަށް ފުރިހަމަ ކާމިޔާބީއެއް ލިބުނެވެ. އަދި، އެކަމުގެ ނަތީޖާއެއްގެ ގޮތުން، އަރަބި ކަރައިގެ ބާރަކަށް މުސްލިމުން ވިއެވެ. ދެން، ވިދިގެން އައި އަހަރު، އުހުދު ހަނގުރާމަ ކުރެވުނެވެ. އެ ހަނގުރާމައިގައި ކޮންމެ ވެސް ވަރެއްގެ ނާކާމިޔާބީއަކާ މުސްލިމުން ކުރިމަތިލާން ޖެހުނެވެ. ނަމަވެސް، މައްކާގެ މުޝްރިކުންގެ ބޭނުން – މުސްލިމުން ނެތިކޮށްލުން – މިކަން ހާސިލެއް ނުވެއެވެ. އުހުދު ހަނގުރާމައަށް ފަހު، ހިޖުރައިން ފަސްވަނަ އަހަރު، ޚަންދަގު ހަނގުރާމަ ކުރެވުނެވެ. އެ ހަނގުރާމައިގައިވެސް މައްކާގެ މުޝްރިކުންނަށް ކާމިޔާބީއެއް ނުލިބެއެވެ.

މި ހިސާބަށް އައިރު، މުސްލިމުންގެ އިގުތިސާދީ ހާލަތު ރަނގަޅުވެ، މުސްލިމުންގެ ބާރު ގަދަވެއްޖެއެވެ. މި ކަން ނިޔާކުރީ، ހިޖުރައިން ހަ ވަނަ އަހަރު، ސުލްހަވެރި ކަމުގައި، މުސްލިމުން މައްކާއަށް ޒިޔާރަތްކުރުމެވެ. އުމުރާ އަދާކުރުމުގެ ބޭނުމުގައެވެ. މައްކާއަކީ ހަރަމަށް ވެފައި، އެބަހީ އަރަބިންގެ އާދަކާދައިގެ މަތިން، ހަނގުރާމަ ކުރެވިގެންވާނޭ ތަނަކަށް ނުވެފައި، ކޮންމެ އަރަތްބަކަށް ވެސް، މައްކާއަށް ޒިޔާރަތްކުރުމުގެ ހައްގު ލިބިގެން ވެއެވެ. ނަމަވެސް، އުމުރާގެ މިދަތުރު، ނިމުނީ އުމުރާ ނުކުރެވި، މައްކާގެ މުޝްރިކުންނާއި މުސްލިމުންނާ ދެމެދު ހުދުނާއެއްގެ (ޓްރޫސްއެއްގެ)، އެބަހީ ވަގުތީ ސުލްހައްގެ، އެއްބަސްވުމެއް އެއްބަސްވެވިގެންނެވެ. އާދެ، ސުލްހަލް ހުދައިބިއްޔައިގެ ހުދުނާގެ އެއްބަސްވުމެވެ. މި އެއްބަސް ވުމުގައި މުސްލިމުންނާއި މައްކާގެ ގުރައިޝުނާ ދެމެދުގައި ހުދުނައިގެ ދިހަ އަހަރު އޮތުމަށް އެއްބަސްވެވުނެވެ. އަދި، އެ އަހަރު، އާދެ، ހިޖުރީ ހަވަނަ އަހަރު، އުމުރާ ނުކޮށް މުސްލިމުން މަދީނާއަށް އެނބުރި ގޮސް، ވިދިގެން އަންނަ އަހަރު، އާދެ، ހިޖުރީ ގޮތުން ހަތް ވަނަ އަހަރު، މުސްލިމުން ބޭނުން ނަމަ، އުމުރާއަށް އާދެވޭ ގޮތަށް ވެސް އެއްބަސްވެވުނެވެ. ކޮންމެއަކަސް، ސުލްހައިގެ އެއްބަސްވުމާ މައްކާގެ މުޝްރިކުން ޚިލާފުވިއެވެ. އެއީ މުސްލިމުންނާއެކު ހިލްފީ އިއްތިހާދެއްގައިވި ގަބީލާއަކަށް ހަމަލާދިނުމަށް އެހެން ގަބީލާއަކަށް އެހީތެރިވުމުންނެވެ. މި ޚިލާފުވުމުގެ ނަތީޖާއަކަށްވީ މައްކާ ފަތަހަކުރެއްވުމަށް ކީރިތި ރަސޫލާ ނިންމެވުމެވެ. އަދި، ހިޖުރައިން އަށް ވަނަ އަހަރު މި ކަމަށް އަމަލީ ސިފަގެނެވި، މައްކާ ފަތަހަކުރެވުނެވެ.

ނަބަވީ މަދަނީ މަރުހަލާގެ އެންމެ މުހިއްމު ހާދިސާއެއްކަމަށް ފާހަގަވަނީ މައްކާ ފަތަހަކުރެއްވުމެވެ. މި ކަމުގެ މުހިއްމުކަން ދެ ސޫރަތެއްގައި ފާހަގަކުރެވިފައިވެއެވެ. ނަޞްރު ސޫރަތާއި ފަތުޙު ސޫރަތުގައެވެ. މި ކަން މުހިއްމު ވެގެން ދިޔައީ މައްކާއަކީ އަރަބިކަރައިގެ މައި މަރުކަޒަށް ވެފައި، މައްކާގެ އަހުލުވެރިން އިސްލާންވުމުން، އަރަބިކަރައިގެ އެންމެންހެން އިސާލާމް ދީން ގަބޫލުކުރުމުންނެވެ. ނަސްރު ސޫރަތުގައި ފާހަގަކުރެވިފައިވާ ފަދައިންނެވެ. އަދި، މި ކަން ވެގެން ދިޔައީ، އަބްދުﷲ އިބްނު އައްބާސްގެފާނު ފާހަގަކުރެއްވި ގޮތުގައި، ކީރިތި ރަސޫލާގެ ރިސާލަތުގެ ނިމުމުގެ ފެށުމާއެވެ. އަދި، އިތުރު އެކަލޭގެފާނުގެ ދުނިޔަވީ ހަޔާތުގެ ނިމުން ގާތްވުމާވެސް މެއެވެ.

މައްކާ ފަތަހަވުމަށް ފަހު، އިތުރު ދެތިން ހާދިސާއެއް، އިތުރު އެކަލޭގެފާނުގެ ސިޔަރަތުން ފެނިގެންދެއެވެ. ޙުނައިނު ހަނގުރާމައާއި ތަބޫކު ހަނގުރާމައެވެ. ޙުނައިނު ހަނގުރާމަ ކުރެވުނީ މައްކާ ފަތަހަކުރެއްވުމަށް ފަހު، ހަމަ ހިޖުރައިން އަށް ވަނަ އަހަރުއެވެ. އެ އަހަރު ޝައްވާލު މަހުއެވެ. އެ ހަނގުރާމަކުރެވުނީ މައްކާގެ ވަށައިގެން އުޅުނު މުސްލިމުންނާ އަދާވަތްތެރިވި ގަބީލާތަކާއެވެ. މި ހަނގުރާމަށް، އެ ހަނގުރާމައިގެ ނަންގަނެވި، ތައުބާ ސޫރަތުގައި އިޝާރަތް ކުރެވިފައިވެއެވެ. 

ތަބޫކަކީ އަރަބިކަރައިގެ އުތުރު ހުޅަނގުގައި، އަގަބާގެ ޚަލީޖު ކައިރީ، މަދީނާއާ ގާތްގަނޑަކަށް އަށެއްކަ ސަތޭކަ ކިލޯ މީޓަރު ދުރުގައި އޮންނަ ރަށެކެވެ. އަރަބި ގަބީލާއެއްކަމަށްވާ ޤަޟާޢަތުގެ ވަޒަނެވެ. އޭރު އެ މީހުން އޮތީ ރޫމާނީންގެ ބާރުގެ ދަށުގައެވެ. އެ ހަނގުރާމައިގެ މައްސަލަ ކުރިމަތިވީ މި ހިސާބުގަނޑުން، ރޫމާނީންގެ ލަޝްކަރެއް މުސްލިމުންނާ ހަނގުރާމަކުރާން ތައްޔާރުވަމުންދާ ކަމުގެ ޚަބަރު ލިބުމުންނެވެ. ކޮންމެއަކަސް، ތިރީހަކަށް ހާހުގެ ލަޝްކަރަކައިގެން، ހިޖުރައިން ނުވަ ވަނަ އަހަރު، ކީރިތ ރަސޫލާ ތަބޫކަށް ވަޑައިގެން، އެ ހިސާބު ގަނޑުގައި ކަންތައް އޮތް ގޮތް ބެއްލެވިއެވެ. ނަމަވެސް، ރޫމީންގެ ލަޝްކަރެއް ނައުމުން، އެހިސާބުގަނޑުގެ ގަބީލާތަކާއި މުއާހަދާތައް ކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތީއެވެ. 

ދެން އޮތް މުހިއްމު ދެ ހާދިސާއަކީ ނުވަ ވަނަ އަހަރު އަރަބިކަރައިގެ އެތައް މިތަނުން، މަދީނާއަށް ވަފްދުތައް އައުމާއި ހިޖުރައިން ދިހަވަނަ އަހަރުގެ އެކަލޭގެފާނު ކުރެއްވި ހައްޖު، އާދެ، ވަދާއީ ހައްޖުގެ ހާދިސާއެވެ.

ހިޖުރައިން ނުވަ ވަނަ އަހަރު، އާދެ، އިސްލާމީ ތާރީޚުގައި ވަފްދުތަކުގެ އަހަރުގެ ނަމުން ނަންދެވިފައިވާ އަހަރު، ހިމެނިގެން ދިޔައީ ދެންމެ ބުނިފަދައިން، އަރަބިކަރައިގެ އެކި ދިމަދިމާއިން، އެކިއެކި ގަބީލާތައް މަދީނާއަށް ޒިޔާރަތްކޮށް، އިސްލާން ދީން ގަބޫލުކުރިކަން އިއުލާނުކޮށް ކީރިތި ރަސޫލާއަށް ބައިއަތުހިފި އަހަރު ކަމުގައެވެ. އަދި، އެ ގަބީލާތަކުގެ މީހުންނަށް، އިސްލާމް ދީން އުނގަންނައި ދެއްވުމުގެ ގޮތުން، އިލްމުވެރި އަސްހާބު ބޭކަލުން ފޮނުއްވިއެވެ. މި ފަދަ ބޭބޭކަލުންގެ ތެރެއިން އިސްލާމީ ތާރީޚުގައި މަޝްހޫރުވެފައިވަނީ ޔަމަނުކަރައަށް ފޮނުއްވުނު، މުޢާޛުގެފާނެވެ. މި ތަނުގައި ވެސް، އިސްލާމް ދީނުގައި އިލްމު އުގެނުމަށް ދެވިފައިވާ އަހައްމިއްޔަތުކަން ފާހަގަކުރެވެއެވެ. ދީނީ އިއުތިގާދުތަކާއި ދީނީ އަމަލުތައް ބިނާވާން ޖެހޭނީ އިލްމުވެރިކަމުގެ މައްޗަށެވެ. އުނގެނުމާއި ދެނެގަތުމުގެ މައްޗަށެވެ.

ކީރިތި ރަސޫލާގެ ސިޔަރަތުގައި އެންމެ ފަހުގެ މަގުފާހަގައަކަށް އޮތީ ހިޖުރައިން ދިހަ ވަނަ އަހަރުގައި އެކަލޭގެފާނު އަދާކުރެއްވި ހައްޖުގެ އަޅުކަމެވެ. މިއީ އެކަލޭގެފާނު ކުރެއްވި ހަމައެކަނި ހައްޖެވެ. މި ހައްޖުގައި ހިނގައި ދިޔަ މުހިއްމު ކަންތައްތަކުގެ ތެރެއިން ދެކަމެއް ފާހަގަކޮށްލަން ބޭނުމެވެ. ފުރަތަމަ ކަމަކީ ހައްޖުގެ އަޅުކަމުގެ ރަސްމެވެ. އެކަން، އިސްލާމީ ގޮތަށް، އަދާކުރާނޭ ގޮތުގެ އަމަލީ ސިފައެވެ. މި ކަން ފުރިހަމަވުމުން، އިސްލާމް ދީނުގެ އަޅުކަންތައް ފުރިހަމަވެ، އިސްލާމްދީނުގެ ތައުލީމާތުތައް ފުރިހަމަވެގެން ދިޔައީއެވެ. އަދި މި ކަން ފުރިހަމަވުމާއި ވިދިގެން، اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينا، (މިއަދު، ކަލޭމެންނަށްޓަކައި ކަލޭމެންގެ ދީން، އެބަހީ ކަލޭމެން މާތްކަލާނގެއަށް ތަބާވެ، އެކަލާގެއާއި ގުޅުން އުފައްދައި، ކުއްތަންވާނޭ ގޮތް، ތިމަން ރަސްކަލާނގެ ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި، އެ ގޮތުން ތިމަންރަސްކަލާނގެ ނިއުމަތްތައް ކަލޭމެންގެ މައްޗަށް ފުރިހަމަކުރައްވައި، ދީނެއްގެ ގޮތުގައި، ތިމަންރަސްކަލާނގެއަށް (ކަލޭމެންގެ ނަފްސު) ދީލައިލުން، ތިމަންރަސްކަލާނގެ ރުހިވޮޑިގަންފީމުއެވެ.)، މި އާޔަތް ބާވާލެއްވުނެވެ. މި އާޔަތަށް ފަހު، ޝަރީއަތާ ބެހޭ އެއްވެސް އާޔަތެއް ބާވައެއްނުލެއްވެއެވެ.

ހައްޖުގައި ހިނގި ކަންތައްތަކުގެ ތެރެއިން ދެން ފާހަގަކޮށްލާން ޖެހޭ ހާދިސާއަކީ ހައްޖުގައި އެކަލޭގެފާނުން އުއްމަތާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަތަކެވެ. އާދެ، ވަދާއީ ހައްޖުގެ ވަދާއީ ޚުތުބާއެވެ. އެ ޚުތުބާގައި، މުސްލިމުންނާ މުޚާތަބުކޮށް މުހިއްމު ކަންތައްތަކެއް ހަނދާންކޮށް ދެއްވިއެވެ. ތަގުވާވެރިކަން މަތީ ދެމި ތިބުމަށެވެ. އާދެ، ފަރުދީ އިސްލާހުވުމުގެ މަގުގައި، ހުއްޓުމެއް ނެތި މަސައްކަތްކޮށް، މާތްރަސްކަލާނގެއަށް އީމާންވާ، ހެޔޮލަފާ ބަޔެއްގެ ގޮތުގައި ދެމި ތިބުމަށެވެ. ތަޅައިފޮޅައި ލޭ ނުއޮހުރުވުމަށެވެ. ޖާހިލީ ޒަމާނުގައި އެއްބަޔަކު އަނެއްބަޔަކާ މެދު އޮތް ދެކޮޅުވެރިކަމާއި އަދާވަތްތެރިކަން އަލުން ނުނެގުމަށެވެ. ރިބާގެ މުއާމަލާތު، އެބަހީ ދަރަނީގެ ގޮތުގައި ފައިސާދީ، މި ކަމުން ނާޖާއިޒު ފައިދާތައް ނަގައި މީހުން އަޅުވެތިކުރުމުގެ، މުއާމަލާތުތައް ނުކުރުމަށެވެ. އަނބިންގެ ހައްގުތައް އަދާކޮށް އެ މީހުންނަށް ހެޔޮކޮށް ހިތުމަށެވެ. އިސްލާމް ދީން ދޫކޮށް މުރުތައްދުވެ، ޖާހިލީ ޒާމާނުގައި ކަންތައް އޮތް ފަދައިން އެއް ބަޔަކު އަނެއް ބަޔަކާ އަދާވަތްތެރިވެ ހަނގުރާމަ ނުކުރުމަށެވެ. އަދި، އެކަލޭގެފާނުގެ ރިސާލަތުގެ މަސައްކަތް ފުރިހަމަކުރައްވައި، ނިންމެވި ވާހަކަ އިއުލާނުކޮށް، "ދެން ތިމަންކަލޭގެފާނު ކަލޭމެންނާ މިހެން ބައްދުލުވެދާނެ ކަމެއް ނޭނގެއޭ ވިދާޅުވެ" އެކަލޭގެފާނަށް، މި ފަނާވަނިވި ދުނިޔޭ ދޫކުރެއްވުމުގެ ވަގުތު ޖެހިއްޖެކަމަށް ވެސް އިޝާރަތްކުރެއްވިއެވެ.

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، މަދީނާއަށް އެނބުރިވަޑައިގަތެވެ. އަދި، ދެ މަހެއްހާ ފަހުން އެ ކަލޭގެފާނު މި ދުނިޔެ ދޫކުރައްވައި ސުވަރުގެ ވަޑައިގަތެވެ. އެއީ ހިޖުރައިން އެގާރަ ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ ބާރަވަނަ ދުވަހެކެވެ. ހައްޖުވެވަޑައި ގަތުމަށް ފަހު، ގާތްގަނޑަކަށް އަށްޑިހަ ދުވަސް ފަހުންނެވެ. އެ ކަލޭގެފާނު އަވަހާރުވުމުގެ ނުވަ ވަރަކަށް ދުވަސް ކުރީން، ކީރިތި ގުރުއާނުގެ އެންމެ ފަހު އާޔަތްކަމުގައިވާ ބަޤަރާ ސޫރަތުގެ ދުއިސައްތަ އެކާހި ވަނަ ބާވައިލެއްވުނެވެ. އެ އާޔަތުގައި އަދި ވެސް އެއްފަހަރު، މާތްރަސްކަލާނގެއަށް އީމާންވެ، ހެޔޮ ގޮތުގައި ތިބުމަށް މުސްލިމުންނަށް ހަނދާންކޮށްދެވުނެވެ. واتقوا يوما ترجعون إلى الله ثم توفى كل نفس ما كسبت وهم لا يظلمون (އެ ދުވަހަކުން، ތިޔަބައި މީހުން މާތްރަސްކަލާނގެ ހަޒުރަތަށް ގެންދެވޭނޭ ދުވަހަކަށް ބިރުވެތިވާހުށިކަމެވެ. އެ ދުވަހުން، އެއްވެސް ބަޔަކަށް އަނިޔާވެރިވުމެއް ނެތި، ކޮންމެ ނަފްސަކަށް ވެސް، އެ ނަފްސެއް ލިބިގެން ކަމެއް ފުރިހަމަކޮށް ދެވޭނެއެވެ.) މި އާޔަތެވެ. އާދެ، މި ހިސާބުން ކީރިތި ރަސޫލާގެ ސިޔަރަތު ނިމުނީއެވެ.

މި އަދާއި އަދި އެހެން ދުވަސްތަކުގައި ވެސް، އެ ކަލޭގެފާނު މަތީން އަޅުގަނޑުމެން ހަނދާންކުރާ އިރު، ހިތަށް ގެންނާން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟ އެ ކަލޭގެފާނުގެ ރިސާލަތުގެ ވާހަކައެވެ. އެ ރިސާލަތު ބިނާވެފައި އޮތީ ދެ ކަމެއްގެ މައްޗަށެވެ. ހެޔޮލަފާ އަފުރާދުންތަކެއް އުފެއްދުމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މައްޗަށް ބިނާވެފައި އޮތް މުޖުތަމައުއެއް އުފެއްދުމެވެ. އަޅުގަނޑުމެންގެ މުސްލިމު މުޖުތަމައުތަކަށް ބަލައިލާ އިރު، އަދު ފެންނަނީ ކޮން ކަހަލަ މަންޒަރެއް ހެއްޔެވެ؟ ހަމަ އެކަނި، ދީނުގެ ބޭރުފުށުގެ ކަންކަމަށް އިސްކަންދީ، ދީނުގެ ދީނީ ޖައުހަރު، އެތެރެ އިސްލާހުކުރުމުގެ މަސައްކަތް، ނެތެމުންދާ ތަނެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ގެއްލި، އެކަކު އަނެކަކަށް ވުރެ، ކޮންމެ ވެސް ސިފައެއްގައި، މޮޅުކަން ދައްކައި، ޚާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަން ދެއްކަމުންދާ ތަނެވެ.

ކީރިތި ރަސޫލާގެ ސިޔަރަތަށް ނަޒަރު ހިންގައިލުމުން، މިއަދު ވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ، އަޚުލާގީ އަގުތަކެއްގެ މަތީގައި ފަރުދީ އިސްލާހުންވުން ހަގީގަތަކަށް ހަދައިލައި، ހެޔޮ މުޖުތަމައުއެއް ބިނާކުރާނޭ ގޮތުގެ އަގުހުރި މިސާލެކެވެ. އެކަލޭގެފާނަށް ހައްގު އިހުތިރާމު އަދާކޮށް، އެކަލޭގެފާނަށް ތަބާވާކަމުގެ ދައުވާ އަޅުގަނޑުމެން ކުރާ ނަމަ، މިއަދު އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށް ހަދަންވީ، އެކަލޭގެފާނު އަޅުގަނޑުމެންނަށް ދެއްކެވި އިލާހީ ހިދާޔަތުގެ މަގުގެ އަލީގައި ފަރުދީ އިސްލާހުވުން ގެންނާނީ ކިހިނެއްކަމާއި އަދި ހަމަހަމަކަމާއި އަދުލު އިންސާފުގެ މުޖުތަމާއެއް ބިނާކުރާނީ ކިހިނެއްކަމާ މެދު ވިސްނައި ފިކުރުކުރުމެވެ. އަދި، އެ ކަމަށް އަމަލީ ސިފައެއް ގެންނާނީ ކިހިނެއްކަން ބުނެދީ އެ ކަން ކުރުމުގެ މަސައްކަތް ފެށުމެވެ. މި ކަން ފެށެން އަންނަނީ އަޅުގަނޑުމެންގެ ފިކުރު ތަރައްގީ ކުރެވިގެންނެވެ. އަޅުގަނޑުމެންގެ ތެރޭގައި އާ އިލްމީ އޮއިވަރެއް އުފައްދައިލައި، އިސްލާމީ ފިކުރީ ހަރަކާތެއް ފެށިގެންނެވެ. ކީރިތި ރަސޫލާގެ އީދު މީލާދު ދުވަހު، ހަނދާން ކޮށްލާން ޖެހޭ މުހިއްމު އެއްކަމަކީ މިއެވެ.

_______________________________

އިދާރާ

ވާހަކަ