ކަޅު މުޙައްމަދު ރަސްގެފާނުގެ އަނދިރި ރަސްކަން
ޢަބްދުﷲ ސަޢީދު
އެއީ ހިލާލީ ދަރިކޮޅުގެ 15 ވަނަ ރަސްގެފާނެވެ. ދިވެހިރާއްޖޭގައި ލިޔެވިފައިވާ ތާރީޚަށް ބަލާއިރު،51 ވަނަ އާއި 54 ވަނައާއި 58 ވަނައިގައި ވެސް އޮންނަނީ މި ރަދުންގެ ނަންފުޅެވެ. ތިން ފަހަރެއްގެ މަތިން ޖުމުލަ 32 އަހަރާއި 9 މަސް ދުވަހު ރަސްކަން ކުރެއްވިއެވެ. ކަޅު މުޙައްމަދު ރަސްގެފާނުގެ ކޮލީ ނަންފުޅަކީ އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންނެވެ.
ކަޅު މުޙައްމަދު ރަސްގެފާނުގެ ބައްޕާފުޅަކީ އައްސުލްޠާން ޢުމަރު (2ވަނަ) އެވެ. މަންމާފުޅަކީ ސިއްތި ރަނިކިލެގެއެވެ.
ކަޅު މުޙައްމަދު ރަސްގެފާނުގެ އަނދިރި ރަސްކަން ފެށުނީ މީލާދީން 1490 އިން 1491 އަށް ފުރަތަމަ ފަހަރަށް ކުރެއްވި ރަސްކަމާއެކުގައެވެ. އެ ފަހަރު ނުވަ މަސް ދުވަސް ވީތަނާ އެއް ބައްޕާފުޅު ޔޫސުފް ކަލަމިންޖާ (ފަހުން އައްސުލްޠާން ޔޫސުފް، 3 ވަނަ) ތަޚުތު އަތުލެއްވީއެވެ. ކަޅު މުޙައްމަދު ރަސްގެފާނަށް ތަޚުތު ގެއްލި ވަޑައިގަތީ ޚިލާލީ ދަރިކޮޅުގެ ތެރޭގައި އޭރު އޮތް ކޯޅުގަނޑުގެ ތެރޭގައެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚުތު ބަދަލުވަމުން އައި ހަމަތަކާއި އުސޫލުތައް ހިލާލީ ދަރިކޮޅުގައި އޭރު ހިފެހެއްޓިފައިވާތީއެއް ނުފެނެއެވެ. އެއީ ރަސްދަރިކޮޅުގެ ތެރޭގައާއި ބޮޑުންނާއި ބާރާއި ނުފޫޒުގަދަ ފަރާތްތައް ބައިވެރިވެގެން ހިނގި ބަޣާވާތްތަކަކާއި އިންޤިލާބުތަކެއް ކަމަށް ވެދާނެއެވެ. ރަސްކަމުން ދުރުކުރުމުގެ އިތުރުން ރަސްކަމަށް އިސްވާ ބޭފުޅުން ރަސްކަމުގައި މާގިނަ ދުވަހެއް ނުވެ ކުއްލިއަކަށް އަވަހާރަވުމަކީ އެ ދުވަސްވަރު ހިނގާފައިވާ ކަމަށްވާތީ އުފެދޭ ސުވާލުތައް ވެސް ގިނައެވެ.
ކަޅު މުޙައްމަދު ރަސްގެފާނަށްފަހު އެފަހަރު ރަސްކަމަށް އިސްވެވަޑައި ގެންނެވި އައްސުލްޠާން ޔޫސުފް (3ވަނަ) ދެ މަސް (ބައެއް ލިޔުންތަކުގައި ދެމަހާއި 15 ދުވަސް) ވީތަނާ އަވަހާރަވީއެވެ. ދެން ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން ޢަލީ (4ވަނަ) އެވެ.
ރަސްކަމުން ދުރުކުރެވުނު އެހެން ރަސްރަސްކަލުން ޢަމަލުފުޅު ކުރެއްވި ގޮތާ ކަޅު މުޙައްމަދު ރަސްގެފާނު ޢަމަލުކުރެއްވި ގޮތް ތަފާތެވެ. އެ ރަދުން ތަޚުތު ހޯއްދަވަން ވަޑައިގެންނެވީ ރާއްޖެއިން ބޭރަށެވެ. އެހީ ހޯއްދެވީ މިހާރުގެ އިންޑިއާގެ ކަންނަންނޫރުގެ އިސްލާމް ރަސްގެފާނު މާމަލޭ މަރައްކާރު ނުވަތަ މުޙައްމަދު ޢަލީގެ ފަރާތުންނެވެ. ފަހުން އެއީ އަލީރާޖާގެ ލަގަބާއެކު ރަސްކަން ދެމިގެންދިޔަ ޚާންދާނެވެ. ކަޅު މުޙައްމަދު ރަސްގެފާނުގެ ދެވަނަ ފަހަރުގެ ރަސްކަން 1494 އިން 1510 އަށް، 15 އަހަރަށް ދެމި އޮތެވެ. އެއީ ބާރުގަދަ ރަސްކަމެކެވެ. ރަސްކަމަށް ވަޑައިގަތުމަށް ބޭރުގެ އެހީ ހޯއްދެވުމުގެ ނަތީޖާއަކަށްވީ އެކަން ކޮށްދިން ފަރާތަށް ބޮޑު އަގެއް ދައްކަވަން ޖެހިވަޑައިގަތުމެވެ. ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރީގެ ކޮންޓްރޯލް މާމަލޭގެ މުށުތެރެއަށް ދޫކޮށްލައްވަން ޖެހިވަޑައިގަތުމެވެ. ރޯނާއި ބޮއްޔާއި ހިކިމަސް ފަދަ ހުރިހާ ތަކެއްޗެކެވެ.
ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަމުގައި އިންޑިއާ ކަނޑުގެ ވިޔަފާރިއާއި ބާރާއި ނުފޫޒަށް ވަރަށް ބޮޑު އިސްތިރާޖީ ބަދަލެއް އައެވެ. އިންޑިއާ ކަނޑަށް ފުރަތަމަ އައި ޔޫރަޕުގެ ބާރު 1497 ގައި އިންޑިއާގައި ގާއިމުވީ އެ ދުވަސްވަރުގައެވެ. އޭގެކުރިން އިންޑިއާ ކަނޑާއި އެ ކަނޑުގެ އައްސޭރިފަށުގައި ވިޔަފާރި ކޮންޓްރޯލްކުރީ ޢަރަބިންނާއި އިންޑިއާގެ މުސްލިމު ވިޔަފާރިވެރިންނެވެ. ޚާއްޞަކޮށް ކަންނަންނޫރުގެ މާމަލޭއެވެ. ޕޯޗްގީޒުން އިންޑިއާގައި ގާއިމުވުމާއެކު މާމަލޭއާ ދެމެދު އުފެދުނު ވާދަވެރިކަމާއި ކޯޅުމާއި ނުތަނަސްކަން ރާއްޖެއާ ހަމައަށް ވެސް ފޯރިއެވެ. އިންޑިއާ ކަނޑުގައި އޮތް ވާދަވެރި ދެކޮޅުވެރިކަމުގެ ބިޔަ ރާޅުތެރޭގައި ޤައުމައިގެން ދަތުރުކުރައްވަން ހުންވި މާލިމީއަކީ ކަޅު މުޙައްމަދު ރަސްގެފާނެވެ. އެކަމަކު އެ ބާރުތައް އެ ރަދުން ބޭނުންފުޅު ކުރެއްވީ ރަސްކަމަށް ވަޑައިގަތުމަށާއި ރަސްކަން ދެމެހެއްޓެވުމަށެވެ. ކަޅުމުޙައްމަދު ރަސްގެފާނު ދެވަނަ ފަހަރަށް ރަސްކަމުން ދުރުކުރެއްވީ އެ ރަދުންނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅު ޙަސަނެވެ. އެއީ ފަހުން އައްސުލްޠާން ޙަސަން (7ވަނަ) އެވެ.
ރަސްކަމުން ދުރުކުރެއްވުމާއެކު އެނބުރި ރަސްކަމަށް ވަޑައިގަތުމަށް މި ފަހަރު ވެސް ކަޅު މުޙައްމަދު ރަސްގެފާނު މަސައްކަތް ފެށްޓެވިއެވެ. އެކަމަކު އެކަން ކާމިޔާބު ކުރެއްވޭނެ ގޮތެއް ފެނިވަޑައި ނުގަންނަވަނީސް ހުވަދު އަތޮޅު ވާދޫއަށް ފޮނުވާ ލެއްވިއެވެ. އެހެން ހުންނަވަނިކޮށް އެކަން ކޮށްދެއްވި ކަމަށް ދިވެހީންގެ ތެރޭގައި ވާރިދުވެގެން އައިސްފައިވާ ވާހަކައިގައި ކިޔަނީ ކަޅު މުޙައްމަދު ރަސްގެފާނުގެ ލޯބިވެރިޔާ އެވެ. އެއީ މަޝްހޫރު ބުރެކި ރަނިންނެވެ.
ކަޅު މުޙައްމަދު ރަސްގެފާނު ދެވަނަ ފަހަރު ތަޚުތުން ބާލުއްވައި ރަސްކަމަށް އިސްވެވަޑައިގަތް އައްސުލްޠާން ޙަސަން (7ވަނަ) ދެ އަހަރު ވީ ތަނާ އަވަހާރަވީއެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ މައްކާގެ ބޭފުޅެއް ކަމުގައިވާ އައްސުލްޠާން އަޙްމަދު ޝަރީފުލް މައްކީ އެވެ. އޭނާ ވެސް ދެ އަހަރު ވީ ތަނާ އަވަހާރަވީއެވެ. އޭގެފަހުން ރަސްކަން ލިބިވަޑައިގަތީ ބުރެކިރަނިންގެ ކޮއްކޯފުޅު ދޮންބުޅާ ފާށަނާއަށެވެ. އެއީ ފަހުން އައްސުލްޠާން ޢަލީ (5ވަނަ) އެވެ.
ބުރެކިރަނިން އެ ކަމަނާގެ ލޯބިވެރިޔާއަށް ރަސްކަން ހޯއްދަވައި ދެއްވީ ކޮއްކޯފުޅު ގަތުލުކުރައްވާފައެވެ. އެކަމަނާ އެހީ ހޯއްދެވީ އިންޑިއާގެ ގޯވާގައި ތިބި ޕޯޗްގީޗުންގެ ފަރާތުންނެވެ. އެހެން ނަމަވެސް ތާރީޚުގައި ބުނަނީ ތިންވަނަ ފަހަރަށް ވެސް ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ ކަންނަންނޫރު އަލީރާޖާގެ އެހީ ހޯއްދަވައިގެން ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުން އަހަރަކު އެއްފަހަރު ޖިޒީ ދެއްވަން އެއްބަސްވެ ވަޑައިގަތެވެ. ރާއްޖޭގެ ބައެއް ރަށްރަށް ވެސް އަލީރާޖާއަށް ދެއްވިއެވެ. އެ ޖިޒީ ނުވަތަ އަޅުވެތިކަމުގެ ރަމުޒު ނުވަތަ ހަދިޔާ ދެއްވުން އިސްކަންދަރު ރަސްގެފާނު ޖިޒީ ކަނޑުއްވާ ލައްވަންދެން ދެމި އޮތެވެ.
ތިންވަނަ ފަހަރު މީލާދީން 1512 އިން 1528 އަށް ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަން ކުރެއްވިއެވެ. އެ ދުވަސްވަރު ރާއްޖޭގެ މައްޗަށް އަލީރާޖާގެ އޮތް ބާރު ޕޯޗުގީޗުންގެ މައްޗަށް އަނބުރާލެއްވިއެވެ. ޕޯޗުގީޒުންނާ ދެމެދު ބަދަލު ކުރެއްވި ސިޓީފުޅު ތަކަކަށް ފަހުގައެވެ. ޖިޒީގެ ގޮތުގައި މާމަލޭއަށް ދެއްވާ ވަރާމެދު ޕޯޗްގީޒުން ސުވާލު ދެންނެވެމުން އިތުރުފުޅު ހެއްދެވިކަން ވެސް ފަޅާއެރިއެވެ. އެކަމަކު ރަސްކަން ހޯދުމުގައި އެހީ ހޯއްދެވި މާމަލޭ ރާއްޖޭން ފައްސާލައްވައި ޕޯޗްގީޒުންނާ އެއްބަސްވުންތަކެއް ވެވަޑައިގަތެވެ. މިގޮތުން ކަޅު މުޙައްމަދު ރަސްގެފާނާ ދެމެދުވީ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި ވިޔަފާރީގެ މަރުކަޒެއް ގާއިމުކޮށް މީހުން ބޭތިއްބިއެވެ. އިންޑިއާ ކަނޑުގެ ކޮންޓްރޯލް ޕޯޗުގީޒުން ނެގުމާއެކު މާމަލޭ ދޫކުރައްވައި ޕޯޗުގީޒުން އިޚްތިޔާރު ކުރެއްވިއެވެ. އޭގެފަހުން ރާއްޖޭގެ ރަސްކަމާއި ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ މައްޗަށް ބާރުއޮތީ ޕޯޗުގީޒުންނަށެވެ. ރަސްރަސްކަލުން ގަނޑުވަރުތެރޭގައި އަނބިކަނބަލުންނާ ޖެހިވަޑައި ގަންނަވާ މައްސަލަތަކާއި ގެންވެސް ޕޯޗުގީޒުންގެ ކައިރިއަށް އިންޑިއާގެ ގޯވާއަށް ވަޑައިގަތް އުޅުއްވިއެވެ. ޖިޒީ ވެސް ފޮނުއްވިއެވެ. އާޚިރު ނަތީޖާއަކީ ޕޯޗްގީޒުންގެ އިސްތިޢުމާރީ ބާރުގެ ދަށަށް ދިވެހި ޤައުމު ވެއްޓުމެވެ.
ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު ރާއްޖެއަށް ހޮވި މާވަހަރުތައް ވެފައިއޮތީ އަނބިކަމަނާ، ބުރެކިރަނިންގެ އެއްޗަކަށެވެ. ބޭރަށް ފޮނުއްވައިގެން މަންފާ ހޯއްދެވީ އެ ކަމަނާއެވެ. އެކަމަކު ކަޅު މުޙައްމަދު ރަސްގެފާނަށް ރަސްކަމުގެ ހުރިހާ ބާރެއް ލިބިވަޑައިގަތުމުން އެ ކަމަނާ ވަރިކުރައްވައި އަރުވާލެއްވީއެވެ.
ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަން ނިމިގެން ދިޔައީ އެ ރަދުން 1528 ވަނަ އަހަރު އަވަހާރަވުމުންނެވެ. އެ ރަދުންނަށް ފަހު ރަސްކަމަށް އިސްވެވަޑައިގަތީ ސީރާޒީ ފާތުމާދިޔޯގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އައްސުލްޠާން ޙަސަން ސީރާޒީ (8ވަނަ) އެވެ. މިއީ ކްރިސްޓިއަން ދީނަށް ވަންނަވައި ޕޯޗުގީޒުންގެ އިސްތިޢުމާރީ ބާރުގެ ދަށަށް ރާއްޖެ ވައްޓާލެއްވި ނުވަވަނަ ޙަސަން ރަސްގެފާނުގެ ބައްޕާފުޅެވެ. ޙަސަން ސީރާޒީގެ އިތުރުން ކަޅު މުޙައްމަދު ރަސްގެފާނަށް ލިބިވަޑައިގަތީ ބުރެކިރަނިންގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި ކަނބާ އައިސާ ރަނިކިލެގެފާނެވެ. އެއީ ޝަހީދުވެ ވަޑައިގެންނެވި ހަވަނަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަމަނާއެވެ. ޣާޒީ މަހާރަދުން (އުތީމު ބޮޑުތަކުރުފާނު) ގެ އަނބިކަމަނާ ސިއްތިމާވާ ރަނިކިލެގެފާނުގެ ލޮބުވެތި މަންމާފުޅެވެ.
ކަޅު މުޙައްމަދު ރަސްގެފާނުގެ އަނދިރި ރަސްކަމުގެ ދިގު މުއްދަތުގައި ޤައުމުގެ ޢުމުރާނީ ތަރައްޤީއަށާއި ޤައުމަށް ކުރެއްވި ޚާއްޞަ ޚިދުމަތެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ދީނާއި ޤައުމުގެ އިސްތިޤްލާލަށް ނުރައްކާވާ އެތައް ދޮރުތަކެއް ހުޅުވައި ލެއްވިތަނެވެ. އޭގެ ނަތީޖާއަކީ ކާފަ ދަރިކަލުންގެ ރަސްކަމުގައި އެ ރަދުން ދީން ބަދަލުކުރައްވައި ޕޯޗްގީޒުންގެ އުނގަށް ވެއްޓިވަޑައިގަތުމެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުގެ 15 އަހަރާއި 6 މަސް ދުވަހުގެ އަނިޔާވެރިކަން ދިވެހީން ތަހަންމަލުކުރަން ޖެހުމެވެ.
_______________________________
ހަވާލާ:
ނަސީމާ މުޙައްމަދު (2014). ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން. ދިވެހިބަހުގެ އެކެޑެމީ
ނަސީމާ މުޙައްމަދު (1999) ދިވެހީންނާ ޕޯޗްގީޒުން 1، 2 ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ނޯޓު:މި ލިޔުމުގައިވާ ފޮޓޯއަކީ މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރެއްވި މޯލްޑިވްސް ބޯޑަރ މައިލްސްގެ ފޮޓޯއެކެވެ. ފޮޓޯ ކުރެޑިޓް ހައްގުވަނީ ޙައްގުވެރި ފަރާތަށެވެ.