މި އައީ ކަލާގެ ލޯބި ނިކަން ބޭނުމޭ ބުނަން
އާދަމް ނަޞީރު އިބްރާހީމް (2002)
- މަޤުތޫލު -
01- މިއައީ ކަލާގެ ލޯބި ނިކަން ބޭނުމޭ ބުނަން
ތިޔަ ނޫން އަރާމަކަށް މިހިތެއް ނުރުހެނޭ ބުނަން
02- ނިދުމުގެ އަރާމު ވެސް މިވަގުތު ހާދަ ނާދިރޭ
ނިދުމަށް ވުރެން މި ހަނދުމަތަކަށް ވެސް ޤަދަރު ކުރަން
03- ދެބަ ދޭތެރޭ ވިޔަސް ފެނެޔޭ ހުވަފެނުން ކަލާ
އަބަދާ އަބަދު އެހެންވެ، މަ އެކަމާ ޝުކުރު ކުރަން
04- ލިބިފައިވި ފަނޑު ފޮޓޯ ބަލަމުން ނަޒަރު ހިނގަމުން
ނަފުސާ ފުރާނަ ޤަތުލު ނުވިއްޔާ ޒަޚަމު ކުރަން
05- ހިތުގައި މި ވެރިވެގެން ތިބި އިޔަ ހޫދި ލޯބި ތައް
މިތުރާގެ ކުރިމަތީ ހުރެ ދެއަތުން ކަފުން ކުރަން
06- މީހަކު ކަލާގެ ނަން ބުންޏަސް ނުވަތަ ލިިޔެލިޔަސް
ހީބިހި ނަގައިގަނޭ އެވަރަށް ވެސް ފިކުރު ކުރަން
07- ފައިތިލަ ކަލާގެ ބީހުނު މަގަކުން ދިޔަސް މަދެން
ފައި މަޑުމަޑުން އަޅައި، އެ މަގަށް ވެސް ރަޙުމު ކުރަން
08- އެ ދުވަހުން އެހެން ދުރަށް ދެވުނީ ހިތުގެ މޮޔަކަމުން
ލަދުވެތި ކަމާއެކީ ތެދުބުނެ ހަތްހުވާ ކުރަން
09- ފައްސާލިނަމަ ކަލާ އަހަރެން ތިޔަ ހިތުގެ ބިމުން
ކަށްވަޅުގެ ބިން މެނޫން އެބަ އޮތްތޯ ހިޖުރަ ކުރަން
10- ހުރިހާ ވަޢުދު ތަކެއް ވެސް އުވުނީ މަގޭ ފުށުން
ކުރިކުށުގެ އިޢްތިރާފު ރޮމުން އައިސް ބަޔާން ކުރަން
11- ނިޔަނެތިވެ މާފުދީ އާނބަސް ނުބުނި ނަމަ ކަލާ
މިއަދަށް ފަހުން މަ ލޯބި ޖެހޭނީ ހަރާން ކުރަން
-----------------------------
6 ޖެނުއަރީ 2002