އަދުގެ ޚާއްސަ

Print

ދިވެހިންގެ އަމިއްލަ ތަރިކައިގެ ތެރެއިން .....

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ މާދަރީބަސް


އަޙުމަދު ނާޞިރު، ޑައިމަންޑްވިލާ، ސ.ހިތަދޫ

ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަ މާދަރީބަހެވެ. ޒަމާނުއްސުރެ ދިވެހިންގެ ދޫދޫމަތިން ވާރުތަވަމުން އައިބަހެވެ. ދިވެހިކާބަފައިން ދޫކުރައްވާފައި ވަޑައިގެންނެވި އަގުހުރި ތަރިކައެވެ. ދިވެހިންގެ އަމިއްލަ އަކުރުތަކަކުން ލިޔެވޭ ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އެއްރުކުންވެސް މެއެވެ. ދިވެހިން އެބަހަކަށް ފަޚުރުވެރިވާ ދިވެހިންގެ ޙަޤީޤީ މިލްކެކެވެ.

ޝައްކެއް ނެތެވެ. ދިވެހިބަހަށް ޚިދުމަތްކުރެއްވި ބަހުގެ ފަންނީ މާހިރުން ވަނީ އަގުނުކުރެވޭ، ގުނާ ޢަދަދު ނުކުރެވޭ ވަރަށް ބަހަށް ޚިދުމަތް ކުރައްވާފައެވެ. ޢިލްމީ ގޮތުންނާއި އަދަބީގޮތުންނެވެ. ފިކުރީ ގޮތުންނާއި ފަންނީ ގޮތުންނެވެ. ބަހުގެ އަދަބީ ފޮތްތަކުންނާއި ދިވެހި ބަހާބެހޭ ގިނަ ފޮތްތަކެއްގައި މިވާހަކަތައް ލިޔެ ޝާއިޢުކުރެވި ފެންނަން މިއަދު ހުރީތީވެ، މިރޮނގުން ގިނަވާހަކަތަކެއް ލިޔުމަކަށް ގަސްދެއް ނުކުރަމެވެ. އެހެނަސް ބަދަލުވަމުންދާ ޒަމާނާއެކު މިއަދު ދިވެހިބަހަށް ލިބެމުންދާ ނިކަމެތިކަމާމެދު ފިކުރާވެވޭތީ ، އެކަމާ ބެހޭގޮތުން އެއްޗެއް ލިޔެލާނަމެވެ.
ބަހުގެ ޢިލްމީ މާހިރުން އަޅުގަނޑުމެންގެ އަތްމައްޗަށް މިއޮތްފަދަ އަގުބޮޑު އަމާނާތް ދޫކުރައްވާފައި ވަޑައިގެންނެވީ، މިރޮނގުން ޤައުމަށްޓަކައި ހާދަބޮޑު ޤުރުބާނީއެއްވެ ވަޑައިގެންފައެވެ. އެބޭފުޅުން ކުރައްސަވާފައި އަޅުގަނޑުމެންނަށް، ކުލަޖެއްސުމަށާއި ރީތިކުރުމަށް ބަސް ހަވާލުކުރެއްވީ އެއްގޮތަކަށްވެސް މިއަދު ބަހަށް ލިބެމުން މިދާ ނިކަމެތިކަން، ނުވަތަ ހީނަރުކަން ލިބިދާނެއޭ ހިތަށްވެސް ނުގެންނަވައެވެ. ބަނޑޭރި ޙަސަންމަނިކުފާނުމެން ފަދަ ބޭފުޅުންނާއި އަމީންދީދީއާއި މުޙައްމަދު ޖަމީލުދީދީ ފަދަ ބޭފުޅުން ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކޮށް، ޤައުމަށްޓަކައި އަޅުގަނޑުމެންގެ މާދަރީބަސް ހެޔޮގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރާނީ އަޅުގަނޑުމެން ނޫން ފަހެ ކޮންބައެއްތޯއެވެ؟ މިއަދު ދިވެހިބަހަށް ޚިދުމަތްކުރާމީހުންނާއި ބަހުގެ އަދަބީ ފަންނާނުން މިޤައުމުގައި އެބަތިބިތޯ މިއީ ކުރެވޭ ސުވާލެކެވެ. މުލީގޭ ޢަބްދުﷲ ޞާދިގުމެން ފަދަ ބޭފުޅުން މާދަމާ ނެތްއިރަކުން މިރީތި ފަށުވިބަސް ހަމަ ނެތިގެންދާނީތޯއެވެ.

ޤަދީމީ ޒަމާނުގައި ގެންގުޅެ ގެއްލިފައިވާ ތަކެތި އެތައް ޤަރުނެއް ފަހުން ފެނުމުން، އެއީ އަގުބޮޑު އެއްޗަކަށްވެދެއެވެ. އެއެއްޗެއް ރީތޮކޮށް އޮފުއަރުވާ، ޒީނަތްތެރިކުރުމުގެގޮތުން ގެންގުޅެއެވެ. އޭގެ އަސްލު ޒަމާނަށްވުރެ އެއެއްޗެއް ރީތިވެދެއެވެ. މިއީ ކުރެވިފައިހުރިކަންތައްތަކެވެ. އެހެންކަމަށްވާނަމަ އަޅުގަނޑުމެންގެ ދިވެހިބަސް ދިވެހި ފަސްގަނޑުން ފޮހެވިގެން ދިއުމުގެ ކުރިން އެބަސް ދިރުވާ އާލާކޮށް، ހެޔޮގޮތުގައި ބޭނުން ކުރެވޭތޯ މަސައްކަތްކުރަމާ ހިނގާށެވެ.
 
ދެން ބަލާލަން ބޭނުންވަނީ މިހާރު ބަސް އޮތް ޙާލަތާމެދުއެވެ. ދޮގުނަހަދާ ބުނާ ނަމަ ބުނެވޭނީ ސަހަނރޯއެވެ. ބޮޑެތި މީޑިއާތަކުގައި ނަހަމަގޮތުގައި ބަސް ބޭނުންކުރެވެއެވެ. ކުށްބަސް އެހާގިނައެވެ. " އެހެންވެއްޖެއްޔާމުން" ނޫނީ " ވެފަކައެއް ނޯންނާނެ" ފަދަ ނަހަމަ ބަސްތައް މިއަދު ޢާއްމުވެފައިވާއިރު ބަހުގެ ތެރޭގައި ބޭނުން ކުރެވޭ ޢަރަބި ބަސް ތާނައިން ލިޔުމަށް ބޭނުން ކުރެވޭ ތިކިޖެހިތާނައިން ލިޔެވޭ އަދި ކިޔާ " ޚަބަރު، ޣިޔާޡުއްދީނު " ފަދަ ބަސްތައް ލިޔުމުގައިޔާއި ކިޔުމުގައި " ހަބަރު، ގިޔާސުއްދީނު " މިގޮތަށް މީޑިއާތަކުގައި ބޭނުންކުރެވޭކަމީ ހިތާމަހުރިކަމެކެވެ. ޚަބަރާއި އެކިއެކި މަޢުލޫމާތާއި، ތަފާތު ބަސްދީގަތުން ތަކުގައި އިވޭ މިފަދަ ކުށްބަސްތައް މިހާރުވަނީ ޢާއްމުވެފައެވެ. ތަޢުލީމީ ދާއިރާގައި ކިޔަވާ ދިނުމަށް ދިވެހި މުދައްރިސަކު ހޯދުމެކޭ މާވަހަރެއް ހޯދުމަށް ކަނޑުގައި ފީނުމެކޭ އެއްފަދައެވެ. ކެމްބްރިޖް އިމްތިހާނުގައި އެވެރިންގެ ބަހުން މުޢާމަލާތް ކުރެވޭ ހުރިހާ މައްދާއަކުން އެންމެމަތީ ފާސް (އޭ ޕްލަސް) ހޯދާ ދަރިވަރުންނަށް ދިވެހިބަހުން "ޑީ" ރިޕޯޓް ލިބޭކަމީ ކޮޅުނެތްކޮޅަށް ހުރި ހިތާމައެކެވެ. ބޭރުޤައުމުތަކުގައި އެތައް ދުވަހެއްވަންދެން ހޭދަކޮށްފައި ރާއްޖެ އަންނަ ދިވެހިން މުޢާމަލާތް ކުރުމުގައި ދެބަސް މަސްހުނިކުރުންވެސް މިއަދުމިވަނީ އިނަތިހާއަށް ގޮހެވެ.
މިއޮތީ މިއަދު ބަހުގެ ހާލަތު އޮތްގޮތެވެ. ކިޔަވާކުދިންގެ ބޮޑު އިންސައްތައެއްގެ  ހިތްތަކުގައި ދިވެހި ބަހަށް އެއްވެސް ލޯތްބެއް ނެތެވެ. މިހެން ވަމުންދާނަމަ އަންނަން އޮތް ޖީލަށް ދިވެހިބަސް ރައްކާތެރިަކމާއެކު ފޯރުކޮށް ދެވޭނެތޯއެވެ؟ ކާބަފައިންގެ މިތަރިކަ ހަލާކުކޮށްލުމުގެ ޒިންމާ ނަގާނީ ކޮންބައެއްތޯއެވ؟ ހެޔޮނުވާނެއެވެ. އޭ ދިވެހި ދަރިންނޭވެ! ދިވެހިބަސް ނިކަމެތި ނުކޮށް ބަހުގެ ކުރިތަކަށް ފެންދީ އާރޯކަން ގެންނަން އަތުކުރި އޮޅާށެވެ. ދިވެހިވަންތަކަމުގައި ކޮޅުފައިން ނުޖަހާށެވެ. އެއީ ދިވެހިބަހެވެ. ތިޔަބޭފުޅުންގެ މާދަރީ ބަހެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ