އަދުގެ ޚާއްސަ

Print

އަންމާ! ..... އަމައްޔާތް!

ޝާޢިއުކުރީ މުޙަންމަދު ޖަމީލު ދީދީ . ހިމެނޭބަޔަކީ ޢަޤީދާ


އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު (1973)

އާދެ! ޢުމުރުން މިވީހައިތައް ދުވަހު، ނުގަންނަވަރުގެ ބިރެއް މިއަދު ގަންނަން ޖެހިއްޖެއެވެ. ދުވަހަކު ނުސިހޭވަރުގެ ސިހުމެއް ސިހޭން ޖެހިއްޖެއެވެ.

ވަރަށް ޅަޢުމުރުގައި އުންމުއް ސިބުޔާނޭ ކިޔާ އެއްޗެއް ފެނިގެން ބިރުން ސިހިގެން އުޅުނު ވާހަކަ ބައެއް މުސްކުޅީން ބުނާތީ އަހަމެވެ. ނަމަވެސް ހަނދާން ހުންނަ ވަރަށްވުރެން ޅަޢުމުރުގެ ކަމަކަށްވާތީ، އެކަން ހަނދާނެއް ނެތެވެ. ބިރުގަތްކަމެއް، ގަތްބިރެއް ހަނދާނެއް ނެތެވެ. ނަމަވެސް މިއަދު.... އާދެ! މިއަދު.... މުސްކުޅީންނާ ޒުވާނުންގެ ބިރެކެވެ. މާބަނޑު އަންހެނަކުނަމަ، ބަނޑުއޮތްދަރި، ބައިގެންދާ ވަރުގެ ބިރެކެވެ. ކިރުމަޔަކުނަމަ، ކިރުބޯ ޅަދަރީންގެ މަތީން ހަނދުމަ ނައްތާފަދަ ބިރެކެވެ.


އާދޭހެވެ! ހުޅަނގުން އަރައިގެން އައިބިރެކެވެ. ހުޅަނގުން އިރުއަރާނެ ވާހަކަ އައްސަވަމު ނޫންތޯއެވެ؟ އެ އިރަކީ އެއީ ނޫންކަމެއްވެސް ނޭނގެއެވެ.

އާދޭހެވެ! ދުނިޔޭގެ ހުޅަނގޭކިޔާ ހިސާބުން، ތަންކޮޅެއް ހަމަކޮށް ބުނަނީނަމަ، އެމެރިކާގެ މެކްސިކޯއޭ ކިޔާ ހިސާބުން ދުނިޔޭގެ ތެރެއަށް އުދުއްސާލި ބިރުވެރި ޚަބަރެކެވެ. ނުވަވަރަކަށް އަހަރުފަހުން ދުނިޔެ ނިމުމަކަށްގޮސް، ދުނިޔެ ޤިޔާމަތްވެ އެންމެން މަރުވެ ދުނިޔެ ފުނޑުފުނޑުވެގެން ދާނެކަމުގެ ބިރުވެރި ޚަބަރެވެ.

އެކަން ހިނގާނެ އަހަރާއި މަހާއި ދުވަސް ކަނޑައަޅައި، ބަޔާންކޮށްފައިވެއެވެ. ގަޑިއާއި މިނިޓްވެސް ނެތްކަމެއް ނޭނގެއެވެ.
ކޮންމައަކަސް ކަމަކީ، ބިރުވެރިކަން ކިތަންމެހައިވެސް ބޮޑު ކަމެކެވެ. މިއޮތްބޮޑު ދުނިޔެއާއި، ދުނިޔޭގައި ތިބިހައި އިންސާނުންނާއި ނެތި ފަނާވާނެ ދުވަސް އެހައި ކަނޑައަޅޭ ގޮތަކަށް އެނގުނީމާ ކިހައި ބިރެއް ގަންނާނެތޯއެވެ؟

އަޅުގަނޑުގެ ނަޞީބު ދެރަކަމުން، ނުވަތަ ނަޞީބުގެ މޮޅުކަމުން، މިދެންނެވި ޚަބަރުއޮތް ނޫސް އަތްމައްޗަށް އަރާގޮތެއް ނުވިއެވެ. އިވުނީ އޭގެ ޚަބަރެވެ. ޚަބަރު އިވޭގޮތުގައި އޭގައިވަނީ 82ވަނަ އަހަރުގެ ޖުލައިމަހުގެ ކޮންމެވެސް ދުވަހެއްގައި އެކަންވާނެ ކަމަށެވެ. ސުރުޚީގައިވަނީ މަރުވާން ތައްޔާރުވާށޭ! މިވެނި ދުވަހު އެވެނި މިވެނިހެން ވާނެ ކަމަށެވެ. ދެން ގިނައިން ލިޔެފައިވަނީ، އޭނާގެ މޮޅުކަމުގެ ވާހަކައެވެ. ކެނެޑީ އަވަހަރަވާނެ ކަންވެސް ކުރީން އެނގުނު ވާހަކައެވެ. ހިތާމައަކީ، އެފަދަ ޒަޢީމަކު އެފަދަ [ނިކަމެތި] ގޮތެއްގައި، އޭނާގެ ރަށުގެ މީހަކު އަތުން ޤަތުލުވެވިގެން ދާނެކަން އެނގުނުއިރު އެކަން ހުއްޓުވާން ނުވަތަ އެޒަޢީމު ދިފާޢުކުރާން އަޅާނެ ފިޔަވަޅެއް ނޭނގުނު ކަމެވެ.

ޤަބޫލުކުރާނެ މީހަކު ޤަބޫލު ކޮށްފާނެއެވެ. ނަމަވެސް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ސަބަބު ދަންނަވައި ފާނަމެވެ. އަޅުގަނޑަކީ މުސްލިމެއް ކަމެވެ. މާތްﷲއަށާއި މުޙައްމަދުގެފާނަށް އީމާންވެގެން ހުރި މުސްލިމެކެވެ. ޤުރްއާނަށް ފުރިހަމައަށް އީމާންވެގެންހުރި މުސްލިމެކެވެ. އެހެން ކަމާއެކު، ޤިޔާމަތްވުމުގެ ވާހަކަ، ޤިޔާމަތްވާނެ ކަމަށް ޤުރްއާނުގެ ވަރަށްގިނަ ތަންތާނގައި، ހުރެއެވެ. އެއާއެކު، ޤިޔާމަތްވާނެ ދުވަހެއް، ވަގުތެއް އެކަކަށްވެސް އެނގިގެން ނުވާކަމަށާއި، ޚުދު ރަސޫލާއަށްވެސް އެކަން އަންގަވާފައި ނުވާކަމާއި އެކަމުގެ އެނގުންވަނީ، ހަމައެކަނި މާތްﷲގެ ޙަޟްރަތުގައި ކަމަށާއި މިކަހަލަ އެތައް ވާހަކައެއް ހުރެއެވެ. އެހެންވީމާ، އެވާހަކަތައް ޤަބޫލުކޮށްގެން ހުރެ އެކަހަލަ [މެކްސިކަން] ޚަބަރެއް ޤަބޫލުކުރެވޭން ނެތީއެވެ. މަރުވާން ތައްޔާރުވާށޭ ބުނިބުނުމަކީ ވަރަށް ރަނގަޅު ވާހަކައެކެވެ. އެކަމަށް ތިބޭންވާނީ އަބަދުވެސް ތައްޔާރު ވެގެންނެވެ. އެގޮތަކީ އެކަން ލައިގަންނާނީ ހަމަ މިހާރުނޫން ކަމެއްވެސް ނޭނގެއެވެ.

މިބާވަތުގެ ޚަބަރުތަކަކީ، އައު ޚަބަރެއް ނޫނެވެ. އަޅުގަނޑުމެން ކުޑައިރުވެސް އަދި މިހާރު ބައެއް ތަންތާނގައި ތިއްބަވާ ބައެއް ކަހަލަ ބޭކަލުންނަށް ހުވަފެންފުޅު ފެނިގެން [ޤިޔާމަތުނާމާ] ތައް ނުގެންގުޅޭ އަހަރެއް ނުދެއެވެ. ތިޔައީވެސް އެކަހަލަ ޤިޔާމަތު ނާމާއަކަށް ވުންވެސް އެކަށީގެންވެއެވެ. މިޒަމާނުގެ މީހުން ޤަބޫލުކުރާ ކަހަލަ ބަހުރުވަޔަކުން ލިޔެފައިވަނީއެވެ.
ނޫންނަމަ، ކޮންމެވެސް ބަޔަކު ކޮންމެވެސް ބައަކަށްޓަކައި ރާވާ މަކަރުވެރި ރޭވުމެއް ނިވާކުރާ ނުވަތަ ދަންތުރައެއް ފޮރުވާން ޖަހައިލި ނިވާފަތްގަނޑަކަށް ނުވަތަ ދުއްވައިލި ދެބޯގެރިއަކަށްވުންވެސް އެކަށީގެން ވެއެވެ. އަދި މިއަށްވުރެން ފުން މިއަށްވުރެން އަޑީގެ ބޭނުމެއް އޮތުންވެސް އެކަށީގެން ވެއެވެ. އާދޭހެވެ! ދުނިޔެ ނިމުން މިހައި ކައިރިވެއްޖެއެވެ. ދެން އޮތީ ދިހަވަރަކަށް އަހަރެކެވެ. ސާދަ ފަނަރައިގެ ޒުވާން އަންހެން ފިރިހެން ކުދިންނަށް ކިހާބޮޑު ދެރައެއްތޯއެވެ. ދުނިޔެއިން އެބައިމީހުން ލިބޭއުފާއޮތީ ނުލިބިއެވެ. އެހެންކަމުން... މިތިބީ ނުތަންވަޅު ވެފައެވެ. އެހެންކަމުން އަވަސްވެ ގަންނާންވީއެވެ. އެކުއްޖަކަށް ވެވުނުވަރެއް ކޮށްލާންވީއެވެ. އުފާކުރާންވީއެވެ. ތެޅިފޮޅި ގަންނާންވީއެވެ. ނަށައި ގަންނާންވީއެވެ. އަޚްލާޤީ ހަމަތަކާއި ދީނީ ޤާނޫނީ ހަމަތަކާއި، ހުރިހާ ހަމަތަކެއް ދޫކޮށްލައި، އެއަށް ފައިން އަރާންވީއެވެ. ލަދުވެތިކަމުގެ ފޭރާންތައް އުކައިލައި އޮރިޔާންވެ، ބޮލާފޮށާ އަޅާންވީއެވެ. އެންމެފަހުން އިންސާނީ އޭޖުދޫކޮށް،  ރާމާމަކުނުގެ އޭޖަކަށް ދާނީވެއެވެ. ލިބިފައިއޮތް ކުޑަކުޑަ ދުވަސްކޮޅުގައި [މަޖާ] ކޮށްލާން ވީއެވެ. މިބާވަތުގެ ޚިޔާލުތައް ދުނިޔޭގެ ޒުވާނުންގެ ތެރޭގައި އުފައްދައި، ޒުވާނުން ފިނޑިކޮށް، ނުބައިކަމުގެ ބާރުތަކާއި ދެކޮޅަށް ޖިހާދުކުރުމުގެ ރޫޙު ނެތިކޮށްލުމަށްޓަކައި އެޅޭ ބާރުތަކުގެ ތެރެއިން ބާރެއްގެ ގޮތުގައި، ނުވަތަ ރޭވޭ ރޭވުންތަކުގެ ތެރެއިން ރޭވުމެއްގެ ގޮތުގައި އުދުއްސައިލެވުނު ޚަބަރަކަށްވުމީ ވަރަށްވެސް އެކަށީގެންވާ ކަމެކެވެ.

ޚަބަރާމެދު އަޅުގަނޑަށް އިތުބާރު ކުޑަކުރެވެނީ ޚަބަރު އައި ފަރާތުގެ ގޮތުންނެވެ. އެފަރާތުގެ ޢަމަލުތަކާއި ވާހަކަތަކާއި ހުންނަ ގޮތުންނެވެ. މި މައުޟޫޢުގައި މާއިތުރު ބަސްތައް ގިނަކުރާން ވެއްޖެނަމަ...
އާދެ! އެންމެ ފަހުންވެސް ދަންނަވައިލިޔަ ދެއްވާށެވެ! ޤަބޫލުކުރާ މީހަކު ޤަބޫލުކުޅަޔަސް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. ނުވެސް ކުރެވޭނެއެވެ. އެހެނީ ޤަބޫލުކޮށްފި ނަމަވީ، ކީރިތި ޤުރްއާނަށް ފުރަގަސްދީ އޭގައި އޮތްގޮތް ދޮގުކޮށް، ޤުރްއާނަށް ކާފިރުވާށެވެ. نعوذ بالله.

އިދާރާ

އެނގޭތަ؟

ވާހަކަ