އަދުގެ ޚާއްސަ

Print

މިއީ ވަކި މީހަކަށް އޮތްކަމެއް ނޫނެވެ!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް


އަޙްމަދު ނާޞިރު - ޑައިމަންޑް ވިލާ/ ސ. ހިތަދޫ


މިއަދު ތަޢުލީމީ ބޭބޭފުޅުންގެ ދޫދޫމަތިން އެންމެ ގިނައިން އިވޭ އަޑަކީ އޯލެވެލް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ގިނައަދަދަކަށް ކުދިން ފޭލްވާ ވާހަކައެވެ. ދިވެހި ބަހަށް ކިޔަވާ ކުދިން ޝައުގުވެރި ނުވާ ވާހަކައެވެ. ދިވެހިބަސް ކިޔަވާދޭނެ ކުޅަދާނަ ދިވެހި މުދައްރިސުން ނުލިބޭ ވާހަކައެވެ. ދިވެހި ބަހުގެ ކުރިމަރުވަމުންދާ ވާހަކއެވެ. ޝައްކެއް ނެތެވެ. ހިތާމަހުރި ކަމެކެވެ. ކޮޅުނެތްކޮޅަށް ދެރަވާންވީ މައްސަލައެކެވެ.


މިފަދަ ވާހަކަތައް ދެކެވެމުންދާއިރު މިޙާލަތަށް އާދެވުނު ގޮތަކީ ކޮބައިތޯ ދިރާސާކޮށް ބަލާލަމާތޯއެވެ؟  މިކަމުގައި އިހުމާލުވީ ވަކި މީހެކޭ ނުވަތަ ވަކި ބައެކޭ ބުނުމަށްވުރެ އެންމެންނޭ ބުނުން ބުއްދިވެރިއެވެ. ނިކަން ވިސްނާ ލައްވާށެވެ. ރާއްޖޭގައި މީގެ ސާޅީހަކަށް އަހަރު ކުރިން ލިޔެވި ދިޔަ ސިޓީތަކާއި މުހިއްމު ލިޔެ ކިޔުންތައް ލެޓިނުން ލިޔެވުނެވެ. އޭރުގެ ސަރުކާރުން އޮފީސް ތަކުގެ ރަސްމީ ލިޔުންތައް ޓައިޕްރައޓަރުން ލިޔުއްވިއިރު ، ތާނަ ޓައިޕްރައިޓަރު އަދި ވުޖޫދަކަށް ނާދެއެވެ. އެހެންނަމަވެސް އޭރު ލިޔުއްވާފައިވާ ލިޔުންތައް (ލެޓިނުން ހުއްޓަސް) ކިޔާލާއިރު މިހާރު މިފެންނަ ކުށްބަސްތަކެއް ނުފެނެއެވެ. އަދި ވާހަކަ ދައްކާއިރު ވެސް މިފަދަ ބަސްތަކެއްގެ އަޑެއް ނީވެއެވެ.

ދެން ފެނުނީ ތާނަޓައިޕްރައިޓަރުގެ ދުވަސްކޮޅެކެވެ. އޭރު ސަރުކާރުން ބަހަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވައިގެން ބަހާއި ތާރީޚާއި ޘަޤާފަތް ދިރުވާ އާލާކުރާނެ ކުރާނެ އޮފީހެއް ނުވަތަ އޮފީސްތަކެއް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން އުފެދި ، ދިވެހިބަސް ދިވެހި ކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ. " ފަތްތޫރަ" މިނަމުގައި މަޖައްލާއެއް ނެރެން ފެށުނެވެ.  ޢަރަބިބަސް ތާނައިން ލިޔާއިރު ބޭނުންކުރާނެ އިތުރު އަކުރުތަކެއްގެ ގޮތުގައި "ތިކިޖެހި ތާނަ" ތަޢާރަފު ވެގެން ދިޔައެވެ. އިސްވެދެންނެވުނު ތާނަ ޓައިޕްރައިޓަރ ފަރުމާކުރެވިފައިވަނީ އެއަކުރުތައްވެސް ހިމަނައިގެންނެވެ. މިއީ ހައްތާވެސް ކުރިއެރުމެވެ.

ދެން ފެނިގެން އައީ ޒަމާނީ ކުރިއެރުމާއި ތަރއްޤީއެވެ. ޚާއްސަކޮށް ތަޢުލީމީ ސިޔާސަތަށް ބޮޑު އިންޤިލާބެއް އައީއެވެ. ސްކޫލް މަދުރަސާތައް ގިނަވެ އެދުރުގެތަކާއި މަކުތަބުތައް އުވިދިޔައީއެވެ. އަކުރު އުގެނުމުގެ އުސޫލުތަކާއި ކިޔަވައި ދިނުމަށް ވެސް ބަދަލުތައް އައީއެވެ. ދަސްފިލާތަކާއި ވޮށުފިލާތަކުގެ ޒަމާން އުވިދިޔައީއެވެ. މަދުރަސާތައް ގިނަވިގޮތަށް އެމަދުރަސާތަކުގައި ބިދޭސީ ޓީޗަރުންވެސް ގިނަވާންފެށީއެވެ. ހަމައެގޮތަށް އިނގިރޭސި ބަހުން ކިޔަވާދޭ މައްދާތައްވެސް ގިނަވީއެވެ. ބައިންލް އަޤްވާމީ ހަމަތަކާއި އުސޫލުތަކުގެ މައްޗަށް އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތު ވެސް ބައްޓަން ވެގެން ދިޔައީއެވެ. އަދަބު ދިނުމުގެ ވައްޓަފާޅިވެސް  ބަދަލުވީއެވެ.  ހެވާއި ނުބައި ޖަރާސީމުތައް އޭގައި އެކުލެވޭ ، ދެބުރި ދެކުލައިގެ ބޭސްގުޅައެއްފަދަ މީޑިއާ ނުހަނު ފުޅާ ދާއިރާއެއްގައި ފެތުރިގެން ދިޔއީއެވެ.މިއީ ނުރަނގަޅު ކުރިއެރުމެއް ނޫނެވެ. އެހެންނަމަވެސް  މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ މާދަރީބަހަށް ކުރަމުން ދިޔައީ ފިލުވާލަން އުނދަގޫވި އަސަރުތަކެކެވެ. ބަހުގެ ކުރިއެރުމަށް ކުރާ އެއްވެސް މަސައްކަތެއްގެ ހަޤީޤީ ބޭނުން ފުދޭ ތަނެއް ، ދެކެން ބޭނުންވިޔަސް ފެންނަމުން ނުދެއެވެ. ބޭރުޤަޢުމުތަކުގައި ބަހުގެ ފަންނީ މީހުންނަކީ ފިލްމީ ތަރިންގެ ދަރަޖައިގައި ގުނާ ލެވޭ ބަޔަކު ކަމުގައި ވިޔަސް ދިވެހިންގެ ކުރިމަތީގައި އެމީހުން މީހުނަށް ނުވިއެވެ. މީޑިޔާއާއި ކުރިއެރުންތަކަށް ދިވެހިންގެ ހިތްތައް ލެނބިގެންދިޔައިރު ހުޅަނގުގެ ގޮތްތަކުގެ ތެރެއަށް މާބޮޑަށް ވަދެވުނީއެވެ. ޤައުމިއްޔަތުގެ ރުކުންތަކުގެ ބާރު އެހިސާބުންފެށިގެން ދިޔައީ ދެރަވަމުންނެވެ. މިއިންޤިލާބު އައީ ބަހުގެ ފަންނީ މާހިރުން ބަސް ދިރުވުމަށް ކުރާ މަސައްކަތަށް ވުރެ ބާރަށްތޯ ، ނުވަތަ އެބޭފުޅުންނަށް މިބަދަލުތަކާއި އެއްފެންވަރަށް މަސައްކަތް ނުކުރެވުނީތޯއެވެ؟ މިސުވާލުގެ ޖަވާބު އަޅުގަނޑު ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.

މިއަދު މިއޮތީ މިހިސާބަށް އާދެވިފައެވެ. ކަމުގެ ދެކޮޅު ހޯދާބަލާއިރު  ސާނަވީ ސްކޫލްތަކަށް ވަނުމަށް ބައެއް މަދުރަސާތަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ "އެޑްމިޝަން ޓެސްޓް " ގައި ދިވެހި، އިސްލާމު ހިމެނިފައި ނެތުމަކީ އެމަދުރަސާތަކަށް ކުދިން ވެއްދުމަށް މަސައްކަތް ކުރި އިބްތިދާއީ މަދުރަސާތަކުގެ ދަރިވަރުންގެ ދިވެހިބަހަށާއި ދީނީ ފިލާވަޅުތަކަށް ފަރުވާކުޑަކުރުމުގެ އަސްލަކަށްވިއެވެ. ގަސްތަކު ނޫނެވެ. ފާސްވާންޖެހޭ މާއްދާތަކަށް ބޮޑަށް ފުރުސަތު ދެވޭތީ މިދެމާއްދާ އަތްދަށުން ދަނީއެވެ. މިހާރު މިދެމާއްދާ އެ އިމްތިޙާނުގައި ހިމެނުނު އިރު މިއޮތީ މީގެ ގެއްލުން އަތްފޯރާ ހިސާބަށްވުރެ މައްޗަށް ގޮހެވެ. ދެން އަތްލެވޭނީ ވަރަށް ހިތްވަރުކޮށްގެންނެވެ.

ނަމވެސް ދަންނަވަމެވެ. މިއަދު މިފަދަ ހާލަތެއްގައި ބަސް އޮތް އިރު ނުވަތަ ސަރުކާރާއި ތަޢުލީމީ މުވައްސަސާތަކާއި، މުދައްރިސުންނާއި ހިންގުންތެރިންނާއި ކިޔަވާ ކުދިންގެ އެހީ އިންތިހާ އަށް މިކަމުގައި ބޭނުންވެފައިވާއިރު އަދިވެސް ކުރިމަގު ފެންނަނީ ބަނަކޮށެވެ. ސަބަބުތައް ވަރަށް ގިނައެވެ. އަޅުގަނޑުމެން މިހިނދުން މިހިނދަށްވެސް ބަދަލުކޮށްލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ދައްކަންޖެހޭ ނަމޫނާތަކެއް އެބަހުއްޓެވެ. އިސްލާހުކޮށްލަންވީ އާދަތަކެއް އެބަހުއްޓެވެ. އެކަންތައްތަކަށް ނަޒަރު ހިންގާލާ ކިޔަވާ ކުދިން ގެ ހިތްތަކުގައި ދިވެހި ބަހަށް ލޯބިޖެއްސުމަށް ސްކޫލް ފެންވަރުގަޔާއި ޤައުމީ ފެންވަރުގައި މަސައްކަތްކޮށް ، މިހާރު މިދެކޭގޮތް ، ނޫނީ ފެންނަގޮތް އެހެން ގޮތަކަށް ބަދަލުކޮށްލަން ޖެހެއެވެ.

އަޅުގަނޑުމެން ސްކޫލް މަދުރަސާތަކުގައި ތަފާތު ޖަލްސާތަކާއި ތަފާތު މުނާސަބަތާއި ގުޅޭ ޙަފްލާތަކާއި މިނޫނަސް މިފަދަ ކިތަންމެ ބައްދަލުވުންތައް ބޭއްވެއެވެ. އިނގިރޭސި ބަހުން ޖަލްސާގެ ރިޔާސަތުގެ ފުރަގަހުގައި "ޕްރައިޒް ޑޭ " ނުވަތަ " އިންވެސްޓިޗަރ ސެރެމަނީ " އޭ ލިޔެފައި އޮންނަ ގޮތަށް ދިވެހި ބަހުން " ޢިނާމު ދުވަސް" ނޫނީ " ދަރަޖަ ދިނުމުގެ ޙަފްލާ " މިފަދައިން ލިޔެވޭ ނަމަ އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަމާއި،  ބަހަށް ދެވޭ އަހައްމިއްޔަތު ދަރިވަރުންނަށް ވަޒަން ކުރެވޭނެއެވެ. ސްކޫލްގެ އަހަރީ ރިޕޯޓް ބެލެނިވެރިންގެ ކުރިމަތީގައި އިނގިރޭސި ބަހުން ހުށަހެޅުމަށްވުރެ އެތައް ދިވެހިންނެއްގެ ކުރިމަތީގައި އެރިޕޯޓް ދިވެހިބަހުން ހުށަހެޅުން ކީއްތޯއެވެ؟ އެރިޕޯޓަކީ ގިނަފަހަރަށް ދެބަހުން ޝާޢިއުކޮށް ހާޒިރީންނަށް އެރުވޭ ލިޔުމެއް ކަމަށްވާއިރު ޖަލްސާގައި ހިމެނޭ މަދު ބިދޭސީންތަކަކަށް އެއިން ނުފުދޭނެތޯއެވެ؟ އެސެމްބްލީގައިޔާއި ޖަލްސާތަކުގައި އިނގިރޭސިބަހުން ދެވޭ " ސްޕީޗް" ތަކާ އެއްވަރަށް ދިވެހި ބަހުން ލިޔެވިފައިވާ ލިޔުން ހުށަހެޅުން ކީއްތޯއެވެ. ތަންތަނުގައި ޖެހޭ ނަންބޯޑުތަކުގައި ދިވެހި ބަހުންވެސް ނަން ލިޔެވިފައި އޮތުން ކީއްތޯއެވެ؟ މޮޓޯތަކާއި ޝިޢާރުތައްވެސް ދެބަހުން ލިޔުން ކީއްތޯއެވެ؟ މިފަދަ ކަންތައްތަކަކީ މިހާރުން މިހާރަށްވެސް މަދުރަސާތެރެއިން އިސްލާހުކުރަންވީ ކަންތައްތަކެވެ. އެހެންނޫނީ ދުވަހަކުވެސް ދެނެއް ދިވެހި ބަހެއް އޭގެ އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވޭނެއެވެ. އަދި ހަމައެހެންމެ " ދިވެހި " މިމާއްދާއިން ރަނގަޅު ނަތީޖާއެއްވެސް ނުހޯދޭނެއެވެ.

މިކަމަށް ސަމާލުވާންވީ ވަކިބައެއްނޫނެވެ. އެންމެންނެވެ. ނަމަވެސް މަދުރަސާތަކުގެ އިސްވެރިންނާއި މުދައްރިސުންގެ ދައުރު މިކަމުގައި ވަރަށް ބޮޑެވެ. ދިވެހި ބަހުން މުޢާމަލާތް ކުރެވޭ މިންވަރު ނިސްބަތުން ގިނަކުރަންވީއެވެ. ދަރިވަރުން ދިވެހިބަހަށް އަހުލުވެރި ކޮށް ބަހަށް ޝައުޤު އުފެދޭ ކަންތައްތަކެއް ރާވަންވީއެވެ. ބަހުގެ ތެރޭގައި ހިމެނޭ ބޭރުބަސްތައް މަދުކޮށް ދިވެހި ބަސްތައް ހިމަނައިގެން ލިޔެ ހުށަހެޅުމަށް ދަސްކޮށްދޭންވީއެވެ. ކުށްބަސްތައް ފާހަގަކޮށް ކިޔަވައި ދިނުމުގެ މޮޅެތި އުކުޅުތައް ބޭނުން ކޮށްގެން އޭގެ ރަނގަޅުގޮތް ބޭނުންކުރަން ދަސްކޮށްދޭންވީއެވެ. " ދިވެހި" މިމާއްދާއަކީ ކުދިންގެ މަޤުބޫލުކަން ލިބޭ މާއްދާއަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވީއެވ. މުދައްރިސުން ތަމްރީނު ކުރާ ކޯހުގައި ކިޔަވާދެއްވާ ދިވެހި ބަހުގެ މަޢުލޫމާތުގެ ބައި އިތުރަށް މުއްސަނދިކޮށް ދިވެހިން ލިބޭ ފާހަކީ ދިވެހި ބަސް ކިޔަވާ ދެވޭ ފެންވަރުގެ ފާހަކަށް ހަދަންވީއެވެ. ޒަމާނީ އުނގައިދިނުމުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ޒަމާޏީ ގޮތަށް ދިވެހިބަސްވެސް ކިޔަވައިދޭންވީއެވެ. ދިވެހި ލިޔުންތައް މުޖުތަމަޢުގެ ތެރޭގައި އިތުރުކޮށް ކިޔަވާ ކުދިން ދިވެހިފޮތް ކިޔުމަށް އަހުލުވެރި ކުރުވަންވީއެވެ. މީޑިއާއިން ފޮނުވޭ ޕްރޮގްރާމްތަކަކީ ބަހުގެ ހަމަތަކާއި އުސޫލުތަކަށް ނޭދެވޭ އަސަރު ނުކުރާފަދަ ޕްރޮގްރާމްތަކަކަށް ހެދުމަށް އެފަރާތްތަކުންވެސް މަސައްކަތް ކުރަންވީއެވެ. ބަސްދީގަތުން ދެއްވާ ބޭފުޅުންވެސް އެކަމަށް ސަމާލުވެ ވަޑައިގަންނަވަންވީއެވެ. ވާހަކަ ލިޔުއްވާ ބޭފުޅުންނާއި ފިލްމު ކުޅުއްވާ ބޭފުޅުންވެސް އެމޭރުމުން ވިސްނަވަންވީއެވެ.  މިއީ އެންމެންގެ މަސައްކަތެކެވެ. ދިވެހިބަސް ދިރުވާ އާލާކުރުމަށް ދިވެހިން ނޫންފަހެ ދެންތިބީ ކޮންބައެއްތޯއެވެ؟ މާދަރީ ބަހުގެ ދުވަސް ބޯމަތި ވަމުން އަންނައިރު މިކަމާ އެންމެން ވިސްނާލުން ބުއްދިވެރިއެވެ. ދޮގެއްތޯއެވެ؟

ހަމަމިގަލަމުން

އިދާރާ

ވާހަކަ