އަދުގެ ޚާއްސަ

Print

އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާ - ފުރަތަމަބައި

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުﷲ ފާރޫޤު ޙަސަން

   
އިސްލާމީ ދަޢުވަތަށް އިޖާބަދެއްވުމަށްޓަކައި އަވަސްވެ ވަޑައިގެން ކުރިޔަށް ނިކުމެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަމަނާއާއި އެކަމަނާގެ ފިރިކަލުންވަނީ އިސްލާމްދީނާހުރެ ޙަބަޝާއަށް ހިޖްރަކުރެއްވުމުގެ ދަތި އުނދަގޫ ވެސް ބަރުދާސްތު ކުރައްވައިފައެވެ.

ޙަބަޝާއިން މައްކާއަށް އެނބުރިވަޑައިގެން ތިއްބަވަނިކޮށް އެއްރެޔަކު އެކަމަނާއަށް ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ.


ހާމަތަނެއްގައި ބާލީސްކޮޅެއްގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށް ކުއްލިޔަކަށް އުޑުފަޅައިގެންގޮސް ހަނދު އެކަމަނާގެ އުނގުފުޅަށް ވެއްޓުނީތީއެވެ.


ވިދިގެންއައި ދުވަހުގެ ހެނދުނު އެކަމަނާގެ ފިރިކަލުންގެ އަރިހުގައި އެހުވަފެންފުޅުގެ ވާހަކަފުޅު ވިދާޅުވެދެއްވިއެވެ. ފިރިކަލުން އެހުވަފެންފުޅު ތަޢުބީރުކޮށް ދެއްވިއެވެ.
"ތިޔަހުވަފެންފުޅުގެ ތަޢުބީރެއްކަމުގައި ފެންނަނީ އަޅުގަނޑު ދާދިއަވަހަށް މިދުނިޔެއިން ވަކިވުމެވެ. ޢަރަބީންގެ ހަނދުކަމުގައިވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަނާއާ ކާވެނިބައްލަވައިގެންނެވުމެވެ."
މިބާއްޖަވެރި ހެޔޮލަފާ ދެމަފިރިކަނބަލުންނަކީ އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތާއި އެކަމަނާގެ ފިރިކަލުން އައްސުކްރާން ބިން ޢަމްރު ރަޟިޔަﷲ ޢަންހުއެވެ.

ނަސަބުފުޅުު

އެކަމަނާގެ ބައްޕާފުޅަކީ ޒަމްޢަތު ބިން ޤައިސު ބިން ޢަބްދުއްޝަމްސު ބިން ޢަބްދުވުއްދު ބިން ނަޘަރު ބިން މާލިކު ބިން ޙަސްލު ބިން ޢާމިރު ބިން ލުއައްޔުއެވެ. އެކަމަނާއަކީ ޤުރައިޝު ވަންހައިގެ ފަޚުރުވެރި ޚާންދާނެއް ކަމުގައިވާ ޢާމިރު ބިން ލުއައްޔު ވަންހައިގެ ބޭކަނބަލެކެވެ. ކައުސާހިބާގެ ނަސަބުފުޅާ އެކަމަނާގެ ނަސަބުފުޅާ ގުޅެނީ ލުއައްޔު ބިން ޣާލިބާ ހަމައިންނެވެ. އެކަމަނާގެ މައިކަނބަލަކީ އައްޝުމޫސު ބިންތު ޤައިސެވެ. އެކަމަނާއަކީ މަދީނާގެ އަންސާރުންގެ އެންމެ ޝަރަފުވެރި ޤަބީލާ ކަމުގައިވާ ނައްޖާރު ވަންހައިގެ ބޭކަނބަލެކެވެ. ނައްޖާރު ވަންހަޔަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޮބުވެތި ކާފާކަލުން ޢަބްދުލް މުއްޠަލިބުގެފާނުގެވެސް މައިފުށުގެ ޤަބީލާއެވެ.
 
އެންމެ ފުރަތަމަ ކާވެނިފުޅު

އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު އެންމެ ފުރަތަމަ ކާވެނި ބައްލަވައިގެންނެވީ އައްސުކްރާން ބިން ޢަމްރު ބިން އަބްދުއް ޝަމްސާއެވެ. އެކަލޭގެފާނަކީ އެކަމަނާގެ ބައްޕާފުޅާ ދެބޭންގެ ދެދަރިބޭކަލެކެވެ.

އިސްލާމްވެވަޑައިގަތުން

އައްސައްޔިދާ ސައުދާ އަކީ އިސްލާމީ ދަޢުވަތަށް އެންމެ ކުރީކޮޅުގައި އިޖާބަދެއްވި އައްސާބިޤޫނަލް އައްވަލޫންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެކަމަނާއަކީ ސަލާމަތް ފިޠުރަތެއްގެ ވެރި މާތް ބޭކަނބަލެކެވެ. އެކަމަނާގެ ފިރިކަލުން އައްސުކްރާނަކީވެސް ވަރަށް ހެޔޮލަފާ ބޭކަލެކެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތައުޙީދުގެ ދަޢުވަތު އިޢުލާންކުރެއްވުމާއެކު އެދެކަނބަލުން އިސްލާމްވެ ވަޑައިގެންފިއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތީ އައްސައްޔިދާ ސައުދާއެވެ. އައްސުކްރާނު އިސްލާމްވެވަޑައިގަތީ ސައުދާގެ ދީނަށް ގޮވައިލެއްވުމާއި ވިސްނައި ދެއްވުމުގެ ސަބަބުންނެވެ.

މިޙާދިޘާ ހިނގައިފައިވާ ގޮތާ ބެހޭގޮތުން ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިތުރު ސާހިބާ އިސްލާމްދީނުގެ ދަޢުވަތު އިޢުލާން ކުރެއްވުމާއެކު މުޅި ޤުރައިޝުވަންހަ އެކަލޭގެފާނާ ދުޝްމިނުވެއްޖެއެވެ. އިސްލާމްދީން ޤަބޫލުކުރާ މީހުންނަށް އަނިޔާ ކުރާން ފަށައިފިއެވެ. ނަމަވެސް އައްސައްޔިދާ  ސައުދާއަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. އެހެންކަމުން މުޅި ޢަރަބި ދުނިޔެ "އަލްއަމީނާއި، އައްޞާދިޤު" ގެ ލަޤަބު އަރުވައިފައިވާ ބޭކަލަކު ދޮގުވެރިޔަކަށް ނުވާނެކަން އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ. އެއްފަހަރަކު އެކަމަނާ އަށް ވަނީ ކައުސާހިބާގެ ވާހަކަފުޅު ތަފްޞީލުކޮށް އަޑުއިވިވަޑައިގެންފައެވެ. އެހެންކަމުން އެކަމަނާ ހަމައެވަގުތު ހިތްޕުޅުން އިސްލާމްވެވަޑައިގެންފިއެވެ. ނަމަވެސް އައްސުކްރާނު އިސްލާމްވެވަޑައި ނުގަންނަވާތީ އެކަން ވަންހަނާ ކުރެއްވިއެވެ. އޭގެ ފަހުން އެކަމަނާއަށް ލިބިވަޑައި ގަންނަވާ ފުރުޞަތު ތަކުގައި އައްސުކްރާނަށް އިސްލާމްދީނުގެ ރަނގަޅުކަން ވިސްނައި ދެއްވަމުން ގެންދަވައި އޭނާގެ ހިތްޕުޅުވެސް އިސްލާމް ދީނަށް ތަނަވަސް ކުރުއްވިއެވެ. ސުކްރާން އެއްބަސްވެވަޑައި ގަތުމާއެކު ދެކަނބަލުން އެކުގައި އިސްލާމް ކަން އިޢުލާން ކުރެއްވިއެވެ.

އެންމެ ފުރަތަމަ ހިޖުރަ

އައްސައްޔިދާ ސައުދާ އާއި އެކަމަނާގެ ފިރިކަލުން އިސްލާމްވެވަޑައިގެންނެވި ދުވަސްވަރަކީ މައްކާގެ ވެށި މުސްލިމުންނަށް ވަރަށް ނުސިޔާނު ދުވަސްވަރެކެވެ. ދުވަހެއް ދުވަހަކަށް މަސްރަޙު އައީ ނުތަނަވަސް ވަމުންނެވެ. އަނިޔާވެރިކަން ކުރިއަރަމުންނެވެ. ހާސްކަން އިތުރުވަމުންނެވެ. އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާގެ ދެމަފިރި ކަނބަލުންނަށްވެސް އިސްލާމްވެ ވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ އަނިޔާތަކާއި އިހާނެތި ކަންތައްތައް ބަރުދާސް ކުރައްވާން ޖެހިވަޑައިގެންނެވިއެވެ. މައްކާގެ މުޝްރިކުން އެދެކަނބަލުންގެ ގައިކޮޅަށް ވެލި އުކައި އެއްޗެހި ގޮވައި އުނދަގޫ ކުރިއެވެ. ގަނޑުވަރަށް ގާއުކިއެވެ. އެއްދުވަހަކު އެދެކަނބަލުން ގެކޮޅުގެ ތެރޭގައި ވާހަކަފުޅު ދައްކަވަން ތިއްބަވަނިކޮށް ދުޝްމިނުންގެ މީހަކު ފޮނުވަލި ތީރެއް އަމާޒުވެފައިވަނީ ގެކޮޅުގެ ތެރޭގައި ބާއްވަވައިފައިވާ ކީރިތި ޤުރުއާން ލިޔެފައި ހުރި ފަތްފުށް ތަކަކަށެވެ. އެކަމުގެ ޝަކުވާ އާއިގެން އެދެކަނބަލުން އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ.

މުސްލިމުންގެ ނޭފަތުކުރި ފެނުޖެހޭ ވަރަށް މައްކާގެ މަސްރަހު އުނދަގޫވުމުން ކައުސާހިބާ މުސްލިމުންނަށް ޙަބަޝާއަށް ހިޖްރަކުރެއްވުމުގެ އަމުރުފުޅުދެއްވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ޙަބަޝާގައި ހުންނަވަނީ ވަރަށް ހެޔޮލަފާ ވެރިޔެކެވެ. އޭނާގެ އަރިހަކު އަނިޔާއެއްނެތެވެ. ތިޔަބައިމީހުން އެތަނަށް ދާށެވެ. އަރަހުށި މާތްﷲ ދާދި އަވަހަށް ތިޔަބައިމީހުން އެންމެން އެއްތަނަކަށް ޖަމާކޮށްދެއްވާނެއެވެ.

އައްސައްޔިދާ ސައުދާ އާއި އެކަމަނާގެ ފިރިކަލުން ހިމެނިވަޑައިގަންނަވަނީ ހަބަޝާގެ މުހާޖިރުންގެ ދެވަނަ ޖަމާއަތުގައެވެ. ޙަބަޝާގައި އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު އަނެއްކާވެސް އެދެކަނބަލުން އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. ޙަބަޝާއިން އެނބުރި ވަޑައިގަތުމަށްފަހު އެދެކަނބަލުން ދިރިއުޅުއްވަމުން ގެންދެވީ ސައުދާގެ ބައްޕާފުޅު ޒަމްޢަތުގެ ގޭގައެވެ. މައްކާއަށް އެނބުރި ވަޑައިގެންނެވިތާ މާގިނަ ދުވަހެއްނުވެ އައްސުކްރާނު ރަޟިޔަﷲ ޢަންހު އަވަހާރަވެއްޖެއެވެ. އައްސައްޔިދާ ސައުދާ ހުވަފަތްވެ ވަޑައިގެންފިއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އައްސުކްރާނު ރަޟިޔަﷲ ޢަންހު އަވަހާރަވީ ޙަބަޝާގައި ތިއްބަވަނިކޮށެވެ.


ސައުދާ - އުއްމުލް މުއުމިނީން
 
އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ ލޮބުވެތި ބައިވެރިޔާ އުއްމުލް މުއުމިނީން އައްސައްޔިދާ ޚަދީޖާ ބިންތު ޚުވައިލިދު ފުރައުއްތަވެ ވަޑައިގަތީ އައްސައްޔިދާ ސައުދާ ހުވަފަތްވެ ވަޑައިގެންފައި އިންނަވަނިކޮށެވެ.

ޚަދީޖަތުގެފާނު އަވަހާރަވުމުން އިތުރު ސާހިބާ ވަރަށް ދެރަފުޅުވިއެވެ. ޚަދީޖަތުގެފާނު އަވަހާރަވުމުގެ ތިން ދުވަސްކުރީން (ބައެއް ރިވާޔަތް ތަކުގައިވާ ގޮތުން ދެމަސް ދުވަސްކުރީން) ކައުސާހިބާގެ ލޮބުވެތި ބޮޑުބޭބޭފުޅު އަބޫޠާލިބު ވަނީ އަވަހާރަވެފައެވެ. އެދެބޭފުޅުން އަވަހާރަވުމަކީ މައްކާގެ އިޖްތިމާޢީ ވެއްޓާއި ޢާއިލީ ގަނޑުވަރުގެ ތެރެއިން އިތުރުސާހިބާއަށް ލިބިވަޑައިގަންނަވަމުން ދިޔަ ޙިމާޔަތާއި އެހީތެރިކަމުން މަޙްރޫމުވެ ވަޑައިގަތުމެވެ. ޚަދީޖަތުގެފާނު އަވަހާރަވުމަށްފަހު އިތުރުސާހިބާ އަބަދުވެސް ހުންނަވަނީ މޮޅިފުޅުންނެވެ. އިސްލާމީ ތާރީޚުގައި އެއަހަރު ފާހަގަކުރެވެނީ ހިތާމައިގެ އަހަރުގެ ނަމުންނެވެ. އައްސައްޔިދާ ޚަދީޖާ ރަޟިޔަﷲ ޢަންހާ އަވަހާރަވުމުން އިތުރު ސާހިބާގެ އިސްތަށިފުޅުގައި ވަރަށް ބޮޑު އިތުރު މަސްއޫލިއްޔަތެއް އެޅުނެވެ. ރަސޫލުކަމުގެ ވާޖިބު އަދާކުރައްވަމުން އެމާތް ސާހިބާގެ ތުއްޕުޅު ދެދަރިކަނބަލުން ކަމުގައިވާ އައްސައްޔިދާ އުއްމު ކުލްޘޫމާއި އައްސައްޔިދާ ފާޠިމަތުއް ޒަހުރާގެ ކަންތައް ބަލަހައްޓަވައި އެދެބޭފުޅުން ތަރުބިޔަތު ކުރެއްވުމެވެ. ހަމައެއާއެކު ގޭތެރޭގެ ޒިންމާތައް ހިނދުން ހިނދަށް ބެލެހެއްޓެވުމެވެ.

އިތުރު ސާހިބާ ގަނޑުވަރުން ބޭރަށް ވަޑައިގެންފިނަމަ ތުއްޕުޅު ދެދަރިކަނބަލުން ތިއްބަވަނީ ގިނިކަންޏާއެވެ.
ދުވަސްވަރަކީ، އިތުރު ސާހިބާއަށާއި، އެކަލޭގެފާނުގެ އަހްލުބައިތުންނަށް މުޝްރިކުންގެ އުނދަގޫތަކާއި ޖެއްސުންކުރުން އިންތިހާޔަށް ބޮޑުވެފައިއޮތް ދުވަސްވަރެވެ. އެކަލޭގެފާނުގެ ގަނޑުވަރުގެ ގޯތިތެރެއަށް ހަޑި އެއްޗެހި އެޅުމާއި އެކިވައްތަރުގެ ކަށިތައް އެޅުމާއި، ގަނޑުވަރަށް ގާއުކުންފަދަ ކަންތައްތައްވެސް އޮތީ ހައްދުފަހަނަޅައިފައެވެ.

    އައްސައްޔިދާ ޚަދީޖަތުލް ކުބްރާ ދުނިޔޭގައި އިންނެވި ދުވަސްވަރު ބޭފުޅުންގެ އެއްވެސް ކަމަކާމެދުވެސް ގަނޑުވަރުގެ ކަމަކާ ގުޅޭގޮތުން ވެސް ވިސްނުންފުޅު ހިންގަވާކަށެއް އިތުރުސާހިބާ އަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. ޢާއިލީ ހުރިހާ ޒިންމާތަކެއް އަދާކުރައްވަމުން ގެންދެވީ ޚަދީޖަތުގެފާނެވެ. ކައުސާހިބާ ހުންނެވީ އެކަލޭގެފާނުގެ ރިސާލަތުގެ މަސައްކަތްޕުޅަށް މުޅިން ވީއްލިވަޑައިގެންފައެވެ. އެހެން ހުރިހާ ފިކުރުފުޅުތަކަކުން މިނިވަންވެ ވަޑައިގެންފައެވެ. އެހެންކަމުން ޚަދީޖަތުގެފާނު އަވަހާރަވުމުން އިތުރުސާހިބާގެ ޒިންމާތައް އެތައް ގޮތަކުން އިތުރުވެގެން ދިޔައެވެ.

އިތުރު ސާހިބާގެ މިދެންނެވި ފިކުރުފުޅު ބޮޑުވުން އެމާތް ސާހިބާގެ ވަރަށް އަރިސް ވަރަށް ލޮބުވެތި ޞަޙާބީއެއްކަމުގައިވާ ޢުޘްމާނު ބިން މަޘްޢޫނު ރަޟިޔަﷲ ޢަންހުގެ އަނބިކަނބަލުން އައްސައްޔިދާ ޚައުލާ ބިންތު ޙަކީމް އައްސަލަމިއްޔާ ރަޟިޔަﷲ ޢަންހާ ވަރަށް ބޮޑަށް އިހްސާސްކުރެއްވިއެވެ. އެކަމަނާ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފައިންޕުޅު ދެކެވަޑައިގެންފައި އެއްދުވަހަކު ވިދާޅުވިއެވެ.
"އޭ މާތްﷲ ގެ ރަސޫލާއެވެ! ޚަދީޖާ އަވަހާރަވީ ފަހުން އަޅުގަނޑަށް ކަލޭގެފާނު ފެންނަނީ އަބަދުވެސް މާބޮޑަށް މޮޅިފުޅުން ހުންނަވަނިކޮށެވެ. ތުއްޕުޅު ބޭފުޅުންގެ ކަންތަކާ ފިކުރުފުޅު ބޮޑުވަނީތޯއެވެ؟"
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"އާނއެކެވެ. ގޭތެރޭގެ އިންތިޒާމުތައް ހަމަޖައްސަވައި ކުދިން ތަރުބިޔަތު ކުރައްވަނީ ޚަދީޖާއެވެ."
ޚައުލާ ވިދާޅުވިއެވެ. "ކަލޭގެފާނުގެ ހިތާމަފުޅުގައި ބައިވެރިވެ ގަނޑުވަރުގެ ކަންތައް ހިންގައިދޭނެ އެހީތެރިޔަކު ބޭނުން ފުޅުވާނެއެވެ. އަމުރުފުޅު ދެއްވައިފިނަމަ ދެވަނަ ކާވެނިފުޅަކާ ބެހޭގޮތުން އަޅުގަނޑު ވާހަކަދައްކައި ބަލާން ކަމަށެވެ."
އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "ތިޔަބާވަތުގެ ކަންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ތިޔަބޭކަނބަލުންނަށެވެ. ކޮންފަރާތަކާ ވާހަކަފުޅު ދައްކަވާން ކަމަށްތޯއެވެ؟"
ޚައުލާ ވިދާޅުވިއެވެ. "އޭ މާތްﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ ވިސްނުމުގައި ދެފަރާތެއް އެބައުޅެއެވެ. އެއްބޭކނބަލަކީ ހުވަފަތްވެފައި އިންނެވި ބޭކަނބަލެކެވެ. އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތެވެ. އެކަމަނާއަކީ ވަރަށް ކުރީއްސުރެ ކަލޭގެފާނަށް އީމާންވެ ވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ޙަބަޝާއަށް ހިޖްރަ ކުރެއްވުމުގެ ތަކްލީފު ވެސް ވަނީ އުފުއްލަވައިފައެވެ.
އަނެއްބޭފުޅަކީ ބިކުރުވެރި ބޭފުޅެކެވެ. އައްސައްޔިދާ ޢާއިޝާ ބިންތު އަބީބަކުރެވެ. ޢާއިޝާގެ ބައްޕާފުޅު އަބޫބަކުރަކީ ޚަލްޤުތަކުންގެ ތެރެއިން ކަލޭގެފާނުގެ އެންމެ ބޮޑު ރަޙްމަތް ތެރިޔާއެވެ."

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

"އެންމެ ރަނގަޅެވެ. ކަމަނާ ތިޔަ ދެފަރާތާވެސް ވާހަކަ ދައްކަވާށެވެ."
އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހުއްދަ ވިދާޅުބަސްފުޅު ހޯއްދެވުމަށްފަހު އައްސައްޔިދާ ޚައުލާ އެދެފަރާތަށްވެސް އިތުރުސާހިބާގެ ފަރާތްޕުޅުން ކާވެނިފުޅަށް އެދިވަޑައިގެން ހުށަހެޅުއްވިއެވެ. އައްސައްޔިދާ ޚައުލާ، ސައުދާގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. އަޅުގަނޑު މިއައީ ކަމަނާއަށްޓަކައި ބަރަކާތާއި ހެޔޮކަމުގެ ޚަބަރަކާއިގެންނެވެ. މާތްﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގަންނަވައެވެ.

އައްސައްޔިދާ ސައުދާ ވަރަށް އުފާފުޅުން އެކަން ޤަބޫލުފުޅުކުރެއްވިއެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އައްސައްޔިދާ ސައުދާއަށް ވަނީ ހުވަފެންފުޅުގެ ޒަރީޢާއިން މިބާއްޖަވެރި ކާވެނިފުޅުގެ ނިމުތު ލިބިވަޑައިގެންފައެވެ. އިސްވެދިޔަ ތާނގައި ބަޔާންކޮށްފައިވާ ހުވަފެންފުޅުގެ އިތުރަށް މިސިލްސިލާގެ އެހެން ހުވަފެންފުޅެއްވެސް ސައުދާއަށް ވަނީ ފެނިވަޑައިގެންފައެވެ. އެހުވަފެންފުޅުވެސް ފެނިވަޑައިގެންފައިވަނީ އެކަމަނާގެ ކުރީގެ ފިރިކަލުންގެ ހެޔޮ ޙަޔާތްޕުޅުގައެވެ. އެހުވަފެންފުޅުގައި ފެނިވަޑައިގަތީ އިތުރުސާހިބާ އެކަމަނާގެ ގެކޮޅަށް ފައިންޕުޅު ބީއްސަވައި އެކަމަނާގެ ކަނދުރާފުޅުގައި ފައިންޕުޅު އެޅުއްވީތީއެވެ. އައްސައްޔިދާ ސައުދާ މިހުވަފެންފުޅުގެ ވާހަކަފުޅު ވެސް އައްސުކްރާނުގެ އަރިހުގައި ވިދާޅުވިއެވެ. މިހުވަފެންފުޅުގެ ތަޢުބީރެއްކަމުގައިވެސް ސުކްރާނު ވިދާޅުވީ އޭނާ އަވަހާރަ ވުމާއި، އިތުރުސާހިބާ ސައުދާއާ ކާވެނިފުޅު ބެއްލެވުމެވެ.

އައްސައްޔިދާ ސައުދާއަށް، ކައުސާހިބާގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ހުށަހެޅުއްވުން ޤަބޫލުކުރައްވާ ވާހަކަ ވިދާޅުވުމަށްފަހު ޚައުލާގެ އަރިހުގައި އެކަމަނާ ވިދާޅުވިއެވެ.
"ކަމަނާ އަޅުގަނޑުގެ ބައްޕަގެގާތަށް ވަޑައިގެން ބައްޕައާ ވެސް ވާހަކަ ދައްކަވާށެވެ. ބައްޕައަކީ ވަރަށް މުސްކުޅި ބޭކަލެކެވެ.

އައްސައްޔިދާ ސައުދާގެ ރުހިވަޑައިގަތުން ހޯއްދަވައިގެން އައްސައްޔިދާ ޚައުލާ ވަޑައިގަތީ ޒަމްޢަތުގެ އަރިހަށެވެ. އޭރު އޭނާ ހުންނެވީ މައްކާގެ އަހްލުވެރީންގެ ދީންމަތީގައެވެ. ޚައުލާ ވަޑައިގެން ސަލާމްކޮށްލެއްވުމުން ޒަމްޢަތު ސުވާލު ކުރެއްވިއެވެ. ކޮން ކުއްޖެއް ހެއްޔެވެ. ޚައުލާ ޖަވާބު ދެއްވިއެވެ. އަލްޙަކީމުގެ ދަރިފުޅެވެ. ޒަމްޢަތު ވިދާޅުވެއެވެ. ކޮންކަމަކާ އައިއައުމެއްހެއްޔެވެ؟ ޚައުލާވިދާޅުވިއެވެ. މުޙައްމަދު ބިން ޢަބްދިﷲ ސައުދާގެ ކާވެނިފުޅު އެދިވަޑައިގަންނަވާތީ އެވާހަކަ ދައްކައިލަން އައިއައުމެކެވެ. ޚައުލާ ވާހަކަފުޅު ދެއްކެވުމުން ޒަމްއަތު ހިސާބަކަށް ދެކޮޅު ހައްދަވައިލައްވައިފައިމެ ހިތްޕުޅުގެ އަޑީން އެކަން ޤަބޫލު ކުރައްވައިފިއެވެ. އެއަށްފަހު އޭނާގެ ދަރިކަނބަލުން ގެންނަވައި މިކާވެނިފުޅާ އެކަމަނާ ރުހިވަޑައިގަންނަވާތޯ ސުވާލުކުރެއްވިއެވެ. ޒަމްޢަތު ވިދާޅުވިއެވެ. މުޙައްމަދު ބިން ޢަބްދިﷲ ދަރިފުޅުގެ ކާވެންޏަށް އެދިވަޑައިގެންފިއެވެ. ބައްޕަޔަށް ފެންނަގޮތުގައި އެއީ އެންމެ ރަނގަޅު ފަރާތެކެވެ. ކުފޫ ހަމަވާ ފަރާތެކެވެ. ޖަވާބުގައި އައްސިދާ ސައުދާ އެކާވެނިފުޅާ ރުހިވަޑައިގަންނަވާކަން ފާޅުކުރެއްވިއެވެ. މިކާވެނިފުޅަކީ ސައުދާ ރުހިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވުމުން ޒަމްޢަތު އެކަމާ އުފާފާޅު ކުރެއްވިއެވެ. އެދުވަހާ ވިދިގެން އަންނަދުވަހު އޭނާގެ ގެއަށް ވަޑައިގަތުމަށް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދައުވަތު އެރުއްވިއެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެގެއަށް ވަޑައިގަތުމުން އޭނާގެ ދަރިކަނބަލުން ސައުދާއާ އިތުރު ސާހިބާއާ ކާވެނިކޮށް ދެއްވިއެވެ. ހަތަރު ސަތޭކަ ދިރުހަމުގެ ރަނަށެވެ. މިކާވެނިފުޅު ކުރެވުނީ ބިޢުޘަތުގެ ދިހަވަނަ އަހަރުގެ ރަމަޟާން މަހުގައެވެ.

ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އައްސައްޔިދާ ސައުދާގެ ވަލީވެރިޔެއްގެ ޙައިޘިއްޔަތުން މިކާވެނިފުޅު ޢަޤްދުކޮށް ދެއްވީ އެކަމަނާގެ ކުރީގެ ފިރިކަލުން އައްސުކުރާނުގެ އަޚު ޙާޠިބު ބިން ޢަމްރެވެ. ނަމަވެސް ގިނަ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިކާވެނިފުޅު ކޮށްދެއްވީ ޚުދު ސައުދާގެ ބައްޕާފުޅެވެ. ޒަމްޢަތު ބިން ޤައިސެވެ. ޖުމްހޫރުންގެ ބަސްފުޅަކީ މިއީއެވެ.
އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއާއި އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ދެބޭފުޅުންކުރެ އިތުރު ސާހިބާ ކުރިން ކާވެނިބެއްލެވީ ކޮން ބޭކަނބަލަކާތޯ މިއީ ޚިލާފުހުރި މަސްއަލައެކެވެ. ކޮންމެއަކަސް އިތުރު ސާހިބާގެ ޠާހިރު އަނބިކަނބަލެއްގެ ޙައިޘިއްޔަތުން ކައުސާހިބާގެގެ ކޮޅަށް ޚަދީޖަތުގެފާނަށްފަހު އެންމެ ފުރަތަމަ ވަޑައިގަތް ބޭކަނބަލަކީ އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތުކަމީ ޚިލާފެއް ހުރި މަސްއަލައެއްނޫނެވެ.

މިކާވެނިފުޅު ޢަޤްދު ކުރެވުނުއިރު އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާގެ އަޚު އަބްދުﷲ ބިން ޒަމްޢަތު ގެއަކު ވަޑައިގެނެއް ނުއުޅުއްވައެވެ. އޭރު ޢަބްދުﷲ ހުންނެވީ ވެސް މައްކާގެ މުޝްރިކުންގެ ދީންމަތީގައެވެ. އެހެންކަމުން އޭނާއަށް މިޚަބަރު ލިބިވަޑައިގަތުމުން ޖާހިލިއްޔަތުގެ އާދަކާދައިގެ މަތީން އިސްތަށިފުޅަށް ވެލިއެޅުއްވިއެވެ. ޢަބްދުﷲ ވިދާޅުވިއެވެ. "މިލައިގަތީ އަނެއްކާ ކޮންއާފާތެއް ހެއްޔެވެ؟ ހުރިހާ ކަމެއް ހަލާކުވީއެވެ." ޢަބްދުﷲ ބިން ޒަމްޢަތު އިސްލާމްވެ ވަޑައިގަތުމަށްފަހު އެކަލޭގެފާނަށް މިކުރެއްވުނު ކަންތަކާމެދު ވަރަށް ލަދުފުޅުގެން ވަޑައިގަންނަވައެވެ. މުޅި އުމުރުފުޅަށް އެކަމާ ހިތާމަފުޅު ކުރެއްވިއެވެ.

ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާ، އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާއާ ކާވެނި ބައްލަވައިގެންނެވި އިރު އެކަމަނާގެ އުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ. އެކަމަނާއަކީ އިސްކޮޅުފުޅު ދިގު ސަމައްތަރުފުޅު ހެޔޮ ބޭކަނބަލެކެވެ. ޢާއްމުކޮށް ކާވެނީގެ ދަޢުވަތު ލިބުމުގައި ސަބަބަކަށްވާފަދަ ރީތިފުޅުކަމެއްވެސް ޒުވާންފުޅުކަމެއްވެސް އަދި މުއްސަނދިފުޅުކަމެއްވެސް އެކަމަނާގެ ފަރާތްޕުޅަކު ނެތެވެ. އެކަމަނާއަކީ ގިނިކަންޏާ ތުއްޕުޅު ބޭފުޅުންކޮޅެއް ބައްލަވަމުން ގެންދެވި ބޭކަނބަލެކެވެ. އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ދަރިކަލުން ޢަބްދުއްރަޙްމާނާއި، އެކަމަނާއާ އެއް ބައްޕާފުޅު ތުއްޕުޅު ބޭފުޅަކާއި އަވަހާރަވި ފިރިކަލުންގެ ތިމާގެފުޅު ތުއްޕުޅު ތިންބޭފުޅަކު އެކަމަނާގެ ބެއްލެވުމުގެ ދަށުގައި ތިއްބެވިއެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގެކޮޅުގެ ކަންތައްތަކަށާއި، ބޭފުޅުންގެ ތަރުބިޔަތަށްޓަކައި އަންހެން ސާހިބެއްގެ ޚިދުމަތަށް ބޭނުންފުޅުވީ ވަގުތު އައްސައްޔިދާ ސައުދާއަށް އެފުރުޞަތު ދެއްވީ އެކަމަނާއަށް އެހީތެރިވެ ވަޑައިގެންނެވުމުގެ ގޮތުންނެވެ. މިކާވެނިފުޅާމެދު ޤުރައިޝުން ކުރާނެ ފުރައްސާރަޔަކަށް ކުޑަވެސް ފަރުވާލެއް ނުބަހައްޓަވައެވެ. (ނުނިމޭ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ